އަދުގެ ޚާއްސަ

Print

އުޑާއި ބިމާ ދެމެދުގައި އޮންނަ ބިޔަ ހިލަގަނޑު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


އެ ހިލަގަނޑު އޮންނަނީ، ސަޢޫދީ ޢަރަބިއްޔާގެ އަލްއިޙުސާއު ސަރަޙައްދުގަ އެވެ. 2005 ވަނަ އަހަރު އެޔާބެހޭ ގޮތުން ފެތުރުނު ޚަބަރުގައިވެ އެވެ.

"ޚާލިޤުވަންތަ ރަސްކަލާނގެ ހުސްޠާހިރުވަންތަކަމުގެ ބޮޑުކަމާއެވެ! އެއީ އެއްވެސް ތަނެއްގައި ނުޖެހި އުޑާއި ބިމާ ދެމެދުގައި އޮންނަ ބިޔަ ހިލައެކެވެ. އޭގެ ޙަޤީޤަތް ބުނެދިނުމަށް ސައިންސްވެރިންވަނީ ނުކުޅެދިފަ އެވެ. އެޔާމެދު، އެ އަވަށްގަނޑުގެ މީހުން ވެސް ވަނީ އަންތަރީސްވެފަ އެވެ. އެއީ ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީގެ ރަށެއްކަމުގައިވާ އަލްއިޙުސާއު ކައިރީގައި އޮންނަ، އައްތުވައިޘީރު އަވަށުގައި އޮންނަ ބިޔަ ހިލައެކެވެ. ކޮންމެ އަހަރަކު، އޭޕްރީލް މަހުގެ ތެރޭގައި އެ ހިލަ، ބިމުންމައްޗަށް 11 ސެންޓިމީޓަރު އުފުލި، ބިމުގައި ނުޖެހި އޮވެ އެވެ. އަދި އެގޮތުގައި 30 މިނިޓްއިރު ވަންދެން އޮވެ އެވެ. އެޔަށް އެހެން ވަމުންދަނީ، މީގެ 17 އަހަރު ކުރިން ފެށިގެންނެވެ. 1989 ވަނަ އަހަރު އޭޕްރީލް މަހު، އޭގެ ނިވަލުގައި ފިލައިގެން އިން ޓެރަރިސްޓަކު މަރާލެވުނެވެ. މިހާރު ވެސް އޭނާގެ ހަށިގަނޑުން އޮހޮރުނު ލޭގެ އަސަރު، އޭގައި އެބަހުއްޓެވެ. މިހާރު ވެސް ހީވަނީ ކަޅުރަތްކުލައިގައިވާ އެ ލޭ ތާޒާކަމާއެކު އޭގެ ތެރެއިން ނުކުންނަހެންނެވެ. އެއިން ލޭގެ އަސަރު ފޮހެލުމަށް އެހިސާބުގަނޑުގައި އުޅޭ މީހުން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް، ލޭގެ އަސަރު އޭގެ ތެރެއިން ފާޅުވެ ދާއިމީ ގޮތެއްގައި އާވެ އާލާވަމުންދެ އެވެ."

މިމޭރުމުން ލިޔެފައިވާ މި ޚަބަރު، ނުހަނު ހަލުއިކަމާއެކު އިންޓަރނެޓުގެ ޒަރީޢާއިން ފެތުރިގެން ދިޔައެވެ. އަދި އެތައް ބަޔަކު، އެ ހިލަގަނޑަކީ، ޙަޤީޤީ މުޢުޖިޒާތެއް ކަމަށް މިއަދާ ހަމައަށް ވެސް ޤަބޫލުކުރެ އެވެ. އެއީ މުޢުޖިޒާތެއް ކަމަށް ބުނެ، ލިޔަމުން ގެންދިއުން، އަދިވެސް ހުއްޓުމަކަށް ނާދެ އެވެ. ފަހެ، އެ ހިލައިގެ ޙަޤީޤަތަކީ ކޮބައިތޯ އެވެ؟



އެންމެ ފުރަތަމަ ފާހަގަކޮށްލަން ޖެހެނީ، އެހިލަގަނޑު ލޮލުން ދުށް މީހަކު، އެއީ މުޢުޖިޒާތެއް ކަމަށް ނުވަތަ އަޖައިބެއް ކަމަށް ބުނެ ލިޔެފައި ނުވާ ކަމެވެ. އެއީ މުޢުޖިޒާތެއް ކަމަށް ބުނެ ލިޔުނީ ކާކު ކަމެއް ނޭނގެ އެވެ. ސަޢޫދީ ޢަރަބިއްޔާގެ އިޙުސާއު ނަމަކަށް ކިޔޭ ސަރަޙައްދުގައި އެފަދަ ކިތަންމެ ހިލަގަނޑުތަކެއް ވެ އެވެ. އެ ހިލަގަނޑުތައް ބިމާ ގުޅިފައިވަނީ އޭގެ ތިރީގައިވާ ކަޑަތަކެއްގެ މަތީގަ އެވެ. ދުރުން ބަލާއިރު، އެއީ ބިމުގައި ނުޖެހި، އުޑާއި ބިމާ ދެމެދުގައިވާ ހިލަގަނޑުތަކެއް ހެން ހީވެދާނެ އެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ.



މުޢުޖިޒާތެއް ކަމަށް ބުނެ ފަތުރާފައިވާ ހިލަގަނޑު ބިމުގައި ހަރުލާފައިވަނީ، އޭގެ ތިރީގައިވާ ތިން ކަޑައެއްގެ މަތީގަ އެވެ. އެ ހިލަގަނޑަކީ މުޢުޖިޒާތެއް ކަމަށް ބުނެ ފަތުރާފައިވާ ޚަބަރުގައި އެފޮޓޯ ހިމެނިއިރު، އެ ތިން ކަޑަ ވަނީ، ފޮޓޯޝޮޕް ފަދަ، ފޮޓޯ އެޑިޓްކުރާ ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ފޮހެލާފަ އެވެ. ފޮޓޯގެ ތިރީކައިރި، ބޮޑުކޮށްގެން ބަލާލުމުން އެކަން އެނގެ އެވެ.

އޭޕްރީލް މަހުގައި ޓެރަރިސްޓަކު އެހިލަގަނޑުގެ ކައިރީގައި މަރާލެވުނު ވާހަކައާއި، އޭޕްރީލް މަހުގައި އެ ހިލަގަނޑު އުފުލޭ ވާހަކައިގެ ޙަޤީޤަތަކީ ކޮބައިތޯ އެވެ؟ އެއީ، ހުޅަނގުގެ ސަގާފަތުގައި އޭޕްރީލްމަހު ހަދަން އާދަވެފައިވާ ބުހުތާން ދޮތުތަކުގެ ތެރެއިން ދޮގެއް ކަމުގައި މެނުވީ ނުވެ އެވެ.


މަޞްދަރު:
ماوراء الطبيعة (paranormalarabia)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ