Print

ޞައްދާމު ޙުސައިނާ ވައްތަރު މީހުން (1)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ސުޢޫދީ ޢަރަބިއްޔާގައި އުޅޭ ޞައްދާމު ޙުސައިނާ ވައްތަރު މީހާ

އޭނާއަކީ އަޞްލު ޞައްދާމު ޙުސައިނު ނޫންބާ؟


ޢަބްދުލްމުޢީދު ޙަސަން


ފިލިޕީންސަށް އޭނާ ދިއުމުން އެޤައުމުގެ ޣައިރު މުސްލިމުން އޭނާއަށް ދުއްތުރާކުރި އެވެ. އެބައިމީހުން ހީކުރީ އޭނާއަކީ ޞައްދާމު ކަމަށެވެ. އެބައިމީހުންނަށް އެނގިފައިވާ ގޮތުގައި ޞައްދާމަކީ، ދުނިޔެ ފަނާކުރަން އުޅޭ ޓެރަރިސްޓެކެވެ. މިހެންވެ އެބައިމީހުން ޞައްދާމު ދެކެ ރުޅިއަންނަނީ އެވެ. ނަމަވެސް އިންޑޮނީޝިއާއަށް އޭނާ ދިއުމުން، އެޤައުމުގެ މުސްލިމުން އޭނާއަށް ކަމޭހިތި އެވެ. އެބައިމީހުންނަށް އެނގިފައިވާ ގޮތުގައި ޞައްދާމަކީ، އިސްލާމީ އުންމަތުގެ ޙައްޤުގައި ޖިހާދުކުރައްވާ މުޖާހިދެކެވެ. މިހެންވެ، އެބައިމީހުން ޞައްދާމު ދެކެ ލޯބިވެ އެވެ. ޤަލްފުގެ ޤައުމަކަށް އޭނާ ދިއުމުން، އެޤައުމުގެ އެއާޕޯޓުން އޭނާއާ ސުވާލުކޮށްފައިވެ އެވެ.

ފަހެ، އޭނާއަކީ އަޞްލު ޞައްދާމު ޙުސައިނު ނޫންބާވަ އެވެ؟؟؟

އައްޝަރުޤުލް އައުސަޠު ނޫހަށް މަޢުލޫމާތު ދެމުން އޭނާ ބުނެފައިވެ އެވެ.
އަޅުގަނޑަކީ ޞައްދާމު ޙުސައިނާ ވައްތަރު މީހަކީމެވެ. ޢިރާޤުގެ ރައީސްކަމުގެ މަޤާމުގައި ޞައްދާމު ޙުސައިނު ހުންނެވި އިރުވެސް މިކަމަކީ އަޅުގަނޑު ދެކެފައިވާ މީހުން ދަންނަ ކަމެކެވެ. އަޅުގަނޑުގެ ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިން އަޅުގަނޑަށް ކިޔަނީ ޞައްދާމެވެ. އަދި "ރަމްޒީ ރައީސް" ގެ ނަމުން މީހުން އަޅުގަނޑާ މުޚާޠަބުކުރެ އެވެ. އޭގެ އިތުރުން، "ޢަރަބި ދުނިޔޭގެ އިރުމަތި ފަރާތް ޙިމާޔަތްކުރާ ފަހުލަވާނު" ގެ ނަމުން ވެސް މީހުން އަޅުގަނޑާ މުޚާޠަބުކުރެ އެވެ. އަޅުގަނޑު ދަންނަ މީހުން މިފަދަ ބަސްތަކުން އަޅުގަނޑާ މުޚާޠަބުކުރަނީ، އަޅުގަނޑާ ޞައްދާމު ޙުސައިނާ ވައްތަރުކަމުންނެވެ. މިކަމުގެ ސަބަބުން ޞައްދާމު ދެކެ ރުޅިއަންނަ ބަޔަކު އަޅުގަނޑަށް ގެއްލުމެއް ދީފާނެތީ އަޅުގަނޑުގެ ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިން ބިރުވެތިވެ އެވެ.

އަޅުގަނޑު އަދާކުރާ ވަޒީފާގެ ގޮތުން، ޤައުމުން ބޭރަށް އަޅުގަނޑު ދަތުރުކުރަން ޖެހެ އެވެ. އަޅުގަނޑު މަސައްކަތް ކުރަނީ، ސުޢޫދީ ޢަރަބިއްޔާއަށް ބޭރުން މަސައްކަތު މީހުން ގެންނަ އޮފީހެއްގެ ޒިންމާދާރު ވެރިއެއްގެ ގޮތުގަ އެވެ. މަސައްކަތްތެރިން ހޯދުމަށްޓަކައި އަޅުގަނޑު ދާ ޤައުމުތަކުން އުފާވެރި ކަންތައްތަކާއި ހިތާމަވެރި ކަންތައްތައް ކުރިމަތިވެ އެވެ. ގެދޮރުގައި މަސައްކަތް ކުރާ މީހުން ޢާއްމު ގޮތެއްގައި ސުޢޫދީ ޢަރަބިއްޔާއަށް ގެންނަނީ އިރުމަތީ އޭޝިއާގެ ޤައުމުތަކުންނެވެ.

އެއާޕޯޓުތަކުގައި މީހުން އަޅުގަނޑާ ދިމާއަށް އިޝާރަތްކޮށް އެހެން މީހުންނަށް އަޅުގަނޑު ދައްކައި ހަދަ އެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އަޅުގަނޑަކީ ޞައްދާމު ޙުސައިނެވެ. ކީއްތޯއެވެ. އެއާޕޯޓުތަކުގެ މުވައްޒަފުން ވެސް އަޅުގަނޑާމެދު ޚާއްޞަ އަހަންމިއްޔަތެއް ދެ އެވެ. ޕާސްޕޯޓު ބަލާ ކައުންޓަރުތަކުގެ ކުރިމަތީގައި ހުއްޓިގެން ތިބޭ މީހުންގެ ތެރެއިން އަޅުގަނޑު ފާހަގަކޮށް، އެއާޕޯޓުގެ މުއައްޒަފުން އައިސް އަޅުގަނޑު ގެންދެ އެވެ. އަދި އެހެން މީހުންނަށްވުރެ ކުރިން އަޅުގަނޑުގެ ކަންތައްތައް ކޮށްދެ އެވެ. އަޅުގަނޑަކީ ޞައްދާމު ޙުސައިނުތޯ ނުވަތަ ނޫންތޯ މުވައްޒަފުން ކަށަވަރުކުރެ އެވެ. ބައެއް އެއާޕޯޓުތަކުގައި އެންމެ ފަހުން ނިމޭ ދަތުރުވެރިޔަކީ އަޅުގަނޑު ކަމުގައި ވެ އެވެ.


ޞައްދާމު ޙުސައިނު



ސުލައިމާނު ޞާލިޙު އަލްޢަތީޤު


ނަންގަނެވި ދިޔައީ، އައްޝަރުޤުލް އައުސަޠު ނޫހަށް، އޭނާ ދީފައިވާ ބައެއް މަޢުލޫމާތެވެ. އޭނާގެ ނަމަކީ، ސުލައިމާނު ޞާލިޙު އަލްޢަތީޤެވެ. އޭނާ އުފަންވެ، އުޅެ ބޮޑުވީ ސުޢޫދީ ޢަރަބިއްޔާގަ އެވެ. ޢުމުރަކީ، (ޝަރުޤުލް އައުސަޠަށް މަޢުލޫމާތު ދިންއިރު) 47 އަހަރެވެ. ވަޒީފާ އަދާކުރާ އޮފީހުގެ ނަމަކީ، މަކްތަބުލް ބައްސާމެވެ. އޭނާގެ އަނތްބަކާއި ހަ ދަރިން ތިބެ އެވެ. އެކުދިންނަކީ، ޞާލިޙާއި ސާމީއާއި މުޙައްމަދާއި ޚަލޫދާއި ރިޙާބާއި ނަވާލެވެ. އޭނާގެ އެއްވެސް ކުއްޖަކަށް ޞައްދާމުގެ ނަމުން ނަން ދީފައެއް ނުވެ އެވެ.

ސުލައިމާނުގެ މޫނުގެ ސިފަ، ޞައްދާމުގެ މޫނުގެ ސިފައާ އެއްގޮތްވުމުގެ ސަބަބުން އޭނާ ވަނީ، ގިނަގުނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭނާ ދާ ކޮންމެ ތަނަކުން ޞައްދާމަށް ތާއީދުކުރާ މީހުން އޭނާއަށް ކަމޭހިތުމުގައި ހައްދުފަހަނަޅައިދެ އެވެ. އޭނާއާއެކު ފޮޓޯ ނެގުމަށް ގިނަ ބަޔަކު ބޭނުންވެ އެވެ. ބައެއް މީހުން ބޭނުންވަނީ، އޭނާގެ ބޮލުގައިވާ ފޮތިގަނޑު ނަގައި، މުޅި މޫނު ފެންނާނެހެން ފޮޓޯ ނެގުމަށެވެ. ފޮތިގަނޑު ނެގުމުން އޭނާއާ ޞައްދާމާ މުޅިން އެއްގޮތް ކަމަށް ފެންނާތީ އެވެ.

ސުލައިމާނު ބުނެފައިވެ އެވެ.
އަޅުގަނޑު ގަލްފުގެ ޤައުމަކަށް ގޮސް، އެއާޕޯޓުގައި ޕާސްޕޯޓު ބަލާ ކައުންޓަރަކަށް ޕާސްޕޯޓު ދެއްކީމެވެ. އެތަނުގައި އިން މުވައްޒަފު، އަޅުގަނޑުގެ ޕާސްޕޯޓުގައިވާ ފޮޓޯއަށް ވަރަށް ރަނގަޅަށް ބެލިއެވެ. ދެން އޭނާ އަޅުގަނޑުގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އެއަށްފަހު، އަޅުގަނޑުގެ ގާތުގައި ބުންނެވެ. "ޞައްދާމު ތިޔަ ވަޑައިގެންނެވީ ކުއްލި ދަތުރުފުޅެއްގައިތޯ އެވެ؟ ވަޑައިގަންނަވާކަން މިޤައުމުގެ ކަމާބެހޭ ފަރާތްތަކަށް އަންގަވައި ނުލެއްވީ ކީއްވެތޯ އެވެ؟" ސަމާސާކުރުމުގެ ރޫޙެއްގައި އޭނާ އަޅުގަނޑުގެ ގާތުގައި މިހެން ބުނީ، އަޅުގަނޑު ޞައްދާމު ޙުސައިނާ ވައްތަރުކަމުންނެވެ.

ޢިރާޤުން ކުވޭތަށް އެރުމުގެ ހާދިސާއަށްފަހު، ސުލައިމާނު ވަނީ ކުވޭތަށް ދަތުރުކުރުން މުޅިން ހުއްޓާލާފަ އެވެ. އޭނާ ބުނާ ގޮތުގައި އެއީ ކުވޭތުގެ ރައްޔިތުންގެ ޝުޢޫރުތަކަށް އިޙުތިރާމުކުރުމުގެ ގޮތުންނާއި ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކަ އެވެ. ޞައްދާމު ޙުސައިނު އަވަހާރަކޮށް ނުލެވޭ ކަމަށާއި، ޞައްދާމު ޙުސައިނު މިހާރު އުޅުއްވަނީ އެހެން ޤައުމެއްގައި ކަމަށް ކުވޭތުގެ ބައެއް މީހުން ވެސް ޤަބޫލުކުރެ އެވެ. އެހެންކަމުން އޭނާ ކުވޭތަށް ހިނގައްޖެނަމަ، އޭނާ ހައްޔަރުކޮށް ޖަލަށް ލުމަކީ އެކަށީގެންވާ ކަމެއް ކަމަށް، ސުލައިމާނު ބުނެ އެވެ.

ސުޢޫދީ ޢަރަބިއްޔާގައި ވެސް، ސުލައިމާނާމެދު ޝައްކުގެ ނަޒަރަކުން ބަލާ މީހުން އުޅެ އެވެ. އެއްފަހަރަކު އޭނާ ސުޢޫދީ ސަރުކާރުގެ މިނިސްޓްރީއަކަށް ދިއުމުން، އެތަނުގެ މުވައްޒަފަކު އޭނާ ކުރެން އަހާފައިވެ އެވެ. "ޞައްދާމު ޙުސައިނާ އެއްވެސް ގުޅުމެއް އޮވޭ ހެއްޔެވެ؟" ސުލައިމާނު ނޫން ކަމަށް ޖަވާބު ދިނުމުން އަނެއްކާ އެހި އެވެ. "އަހަރެމެން ދެމީހުން މީގެ ކުރިން އެއްވެސް ތަނަކުން ބައްދަލުވެފައި ވާނެ ހެއްޔެވެ؟" ސުލައިމާނު އަނެއްކާ ވެސް ނޫންކަމަށް ޖަވާބު ދިނުމުން، އެ މުވައްޒަފު އިރުކޮޅަކު ވިސްނާލުމަށްފަހު ބުންޏެވެ. "ތިބާ ޞައްދާމާ ވަރަށް ބޮޑަށް ވައްތަރުކަން ފާހަގަކުރެވުނީ އެވެ."

އެކި ޤައުމުތަކުގައި ސުލައިމާނާ މީހުން މުޢާމަލާތްކުރާ ގޮތް ކިޔާދެމުން ބުނެފައިވެ އެވެ.
އަޅުގަނޑާ ޞައްދާމު ޙުސައިނާ ވައްތަރުވުމުގެ ސަބަބުން، އެންމެ ބޮޑަށް ދުއްތުރާތައް ކުރިމަތިވެފައިވަނީ ފިލިޕީންސްގަ އެވެ. އެ ޤައުމުގައި ކުރިމަތިވި އެންމެ ބޮޑު ދުއްތުރާލަކީ، ޓެކްސީ ޑްރައިވަރުން އަޅުގަނޑަށް ނަފުރަތު ކުރުމެވެ. ހުރިހާ ޓެކްސީ ޑްރައިވަރުންހެން، އަޅުގަނޑާ އިދިކޮޅެވެ. އެބައިމީހުން އަޅުގަނޑު ގޮވައިގެން ދަތުރުކުރުމަށް ދެކޮޅުހެދި އެވެ.

އެއާ ޚިލާފަށް، އިންޑޮނީޝިއާގެ އަހުލުވެރިން އަޅުގަނޑަށް ވަރަށް ބޮޑަށް ކަމޭހިތި އެވެ. އެކަން އެއާޕޯޓާ ހަމައިން ފެންނަން ފެށިއެވެ. އެއާޕޯޓުން ހުރިހައިކަމެއް އަޅުގަނޑަށް ލުއިފަސޭހަކޮށްދިނެވެ. ރަށުތެރޭގައި ވެސް ކަންތައް އޮތީ ހަމަ އެގޮތަށެވެ. ދުވަހަކު ވެސް ހަނދާން ނައްތާ ނުލެވޭނެ ކަމެއް ޖަކާޓާއިން އަޅުގަނޑާ ދިމާވި އެވެ. ޖަކާޓާގެ ބޭސްފިހާރައަކުން ބޭހެއް ގަންނަން ދިޔައީމެވެ. އެ ބޭހުގެ އަގަކީ ގާތްގަނޑަކަށް ފަސްވަރަކަށް ޑޮލަރެވެ. ބޭސް ގަތުމަށްޓަކައި އަޅުގަނޑު އޭގެ އަގު ދެއްކުމުން، އަގު ދައްކާނެ ކަމެއް ނެތްކަމަށް، ކައުންޓަރުގައި ހުރި މުވައްޒަފު އަޅުގަނޑުގެ ގާތުގައި ބުންޏެވެ. ތަކުރާރުކޮށް އަޅުގަނޑު އަގު ދެއްކުމުން ވެސް އޭނާ އޭގައި ނުހިފި އެވެ. އެތަނުން އަޅުގަނޑު ގަންނަން އުޅުނު ބޭހަކީ، އޭނާ އަޅުގަނޑަށް ދިން ހަދިޔާއެއް ކަމަށް އޭނާ ބުންޏެވެ.
ދެން އޭނާ އަޅުގަނޑަށް ހަދިޔާއެއް ދިނީ ކީއްވެތޯ އެހުމުން ބުންޏެވެ.
"ތިބާއާ ޞައްދާމު ޙުސައިނާ ހާދަހާ ވައްތަރެވެ. ޞައްދާމަކީ، ތިމަންގެ ހިތުގައި ވަރަށް މަތިވެރި ދަރަޖައެއް ދެވިފައިވާ ޝަޚުޞިއްޔަތެކެވެ. މިހެންވެ، މި ބޭހަށް ތިބާގެ އަތުން އެއްވެސް އަގެއް ނުނަގާނަމެވެ."


މަޞްދަރު:
އައްޝަރުޤުލް އައުސަޠު


ހަމަމިގަލަމުން

އިދާރާ

ވާހަކަ