އަދުގެ ޚާއްސަ

Print

ޞައްދާމު ޙުސައިނާ ވައްތަރު މީހުން (2)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


މިޞްރުގައި އުޅޭ ޞައްދާމު ޙުސައިނާ ވައްތަރު މީހާ

އޭނާއަކީ އަޞްލު ޞައްދާމު ޙުސައިނު ކަމަށް ޢިރާޤު މީހުން ބުނެ އެވެ.

އެއީ ތެދަކަށް ނުވާނެބާ؟


ޢަބްދުލްމުޢީދު ޙަސަން

މިޞްރުގެ އިސްކަންދަރިއްޔާގައި ޞައްދާމު ޙުސައިނާ ވައްތަރު މީހަކު އެބައުޅެ އެވެ. އެއީ، ޢިރާޤާ އެތައް ކިލޯމީޓަރެއްގެ ދުރުގައި ވާ ރަށެކެވެ. އެރަށުން އޭނާ ފެނިފައިވާ މީހުން ބުނާ ގޮތުގައި، އޭނާ ފެނުމުން އެބައިމީހުންނަށް އާދަޔާ ޚިލާފު އިޙުސާސްތަކެއް ކުރެވެ އެވެ. ޢިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުރެވުނު ކަމަށް ބައެއް މީހުންނަށް އިޙުސާސްކުރެވެ އެވެ. އަދި ޢިރާޤުގެ ރިޔާސީ ގަނޑުވަރުގެ ތެރޭގައި ހުރެވުނު ކަމަށް ބައެއް މީހުންނަށް އިޙުސާސްކުރެވެ އެވެ. އޭނާ ފެނުމާއެކު ކޮންމެ މީހެއްގެ ހަނދާނަށް އަންނަނީ، އަޟުޙާ ޢީދެއްގެ ކަޅު ހަނދާންތަކެވެ. ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމު ޙުސައިނު (ކަމަށް ބުނެވޭ މީހަކު) ދަންޖެއްސުނު އަޟުޙާ ޢީދެވެ. މިޞްރުގައިވާ، ޞައްދާމު ޙުސައިނާ ވައްތަރު މީހާ ފެނުމުން، އެ އަޟުޙާ ޢީދުގައި ފެނިގެން ދިޔައީ ޙަޤީޤީ މަންޒަރެއް ނޫންކަމަށް ތިބާގެ ހިތް ބުނާނެ އެވެ. އެހެނީ، ތިބާގެ ކުރިމަތީގައި މިހުންނެވީ، ޢިރާޤުގެ ރައީސް ޞައްދާމު ޙުސައިނެވެ.

ފަހެ، މިއީ އަޞްލު ޞައްދާމު ޙުސައިނު ނޫންބާވަ އެވެ؟؟؟

ޙަޤީޤަތާ ހަމައަށް ވާޞިލުވެވޭތޯ ބެލުމަށްޓަކައި މިޞްރުގެ އިސްކަންދަރިއްޔާއަށް ގޮސްލަމާތޯ އެވެ.
މިޞްރުގެ އިސްކަންދަރިއްޔާގައި ދިރިއުޅޭ ޞައްދާމު ޙުސައިނާ ވައްތަރު މީހާގެ ނަމަކީ، މުޙައްމަދު ބިޝްރު މަޙުމޫދެވެ. އޭނާގެ ޢުމުރަކީ، 55 އަހަރެވެ. މަސައްކަތްކުރަނީ ގެދޮރު އެޅުމާއި ބިނާކުރުމުގެ ދާއިރާގަ އެވެ. އައްޝަރުޤުލް އައުސަޠުގެ ނޫސްވެރިންނަށް އޭނާ ފެނުނީ، މެޑިޓްރޭނިއަން ކަނޑުގެ އައްސޭރީގައިވާ ކޮފީޝޮޕަކުންނެވެ. އޭނާއާ ބައްދަލުކުރުމުގެ އިންތިޒާރުގައި ގަޑިއެއްހާއިރު، ނޫސްވެރިން އިންތިޒާރުކުރަން ޖެހުނެވެ. އޭނާއާއެކު ފޮޓޯ ނެގުމުގެ ބޭނުމުގައި އެތަންމިތަނުން އައިސްތިބި މެހުމާނުންގެ ގިނަ ކަމުންނެވެ.

ނޫސްވެރިންނަށް މުޙައްމަދު، އޭނާގެ ވާހަކަ ކިޔައިދޭން ފެށީ ދުރު ހަނދާންތަކުން ފެށިގެންނެވެ. އޭނާ ކިޔައިދިނެވެ.

މީގެ ފަންސަވީހަކަށް އަހަރު ކުރިން، އަޅުގަނޑާ ޞައްދާމު ޙުސައިނާ ވައްތަރުކަން އަޅުގަނޑަށް އެނގުނެވެ. އޭރު އެކަމާމެދު ފަރުވާލެއް ނުބަހައްޓަމެވެ. އަޅުގަނޑުގެ ހުރިހާ އެކުވެރިން އޭރުއްސުރެ އަޅުގަނޑަށް ކިޔަނީ، ޙާއްޖު ޞައްދާމެވެ. (ޢަރަބީން، ނަމުގެ ކުރިޔަށް ޙާއްޖު އިތުރު ކުރަނީ، ކަމޭހިތުމުގެ ގޮތުންނެވެ.) ޞައްދާމާ އަޅުގަނޑާ ވައްތަރުކަމުން، އަޅުގަނޑުގެ އެކުވެރިން އަޅުގަނޑާ ސަމާސާ ކުރެ އެވެ. މިގޮތަށް ކަންތައް ހިނގަމުން ދަނިކޮށް، ޢިރާޤުގެ ޢަސްކަރީ ބާރުތައް ކުވޭތަށް އަރައި، ކުވޭތު ހިފައިފި އެވެ. އެކަމުގެ ސަބަބުން ޞައްދާމަކީ، ޢަރަބީން ނަފުރަތުކުރާ ޝަޚުޞިއްޔަތަކަށް ވެއްޖެ އެވެ. އަދި އެއާއެކު އަޅުގަނޑަށް، އެކިއެކި ދުއްތުރާތައް ކުރިމަތިވާން ފަށައިފި އެވެ. ދެން އަޅުގަނޑު ކުރިމަކީ، ޞައްދާމާ ތަފާތުވާން ވެގެން، ތުނބުޅި ދިގުކުރީ އެވެ.

މާނޭވާއެއް ލާފައި މުޙައްމަދު އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔަ އެވެ.
އަޅުގަނޑު ތުނބުޅި ދިގުކުރުމުން ޞައްދާމާ އަޅުގަނޑާ ތަފާތުވެ، އަޅުގަނޑުގެ މުރާދު ޙާޞިލުވެއްޖެ އެވެ. ތުނބުޅި ބެހެއްޓި ފަހުން، ޞައްދާމު ކަމަށް ހީކޮށް އެއްވެސް މީހަކު އަޅުގަނޑަށް ދުއްތުރާލެއް ނުކުރެ އެވެ. ނަމަވެސް ކަންތައްތައް ވީ އަޅުގަނޑުގެ ހިތަށް ވެސް ނާރާ ގޮތަކަށެވެ. ޞައްދާމު ޙުސައިނު ކަމަށް ބުނެވޭ މީހަކު، މަކުނުވާ ހޮރެއްގެ ތެރެއިން ނެރުނު އިރު، އެމީހާވީ އަޅުގަނޑާ މުޅިން ވައްތަރު މީހެއް ކަމަށެވެ. އަނެއްކާވެސް އަޅުގަނޑާ ޞައްދާމު ޙުސައިނާ މުޅިން އެއްގޮތްވީ އެވެ. މިކަމުގެ ސަބަބުން މެދުކެނޑުމެއްނެތި އެކިއެކި ދުއްތުރާތައް މަތިމައްޗަށް އަޅުގަނޑާ ކުރިމަތިވާން ފަށައިފި އެވެ. އަޅުގަނޑުގެ ހަމަހިމޭން ރީތި ދިރިއުޅުން އެކޮޅުކޮޅުން ޖެހި، މިދުނިޔެއަކީ ކެތްނުކުރެވޭ ވަރުގެ ވޭނާއި ކެކުޅުންތަކުން ފުރިފައިވާ ތަނަކަށް ވެއްޖެ އެވެ.

ކަންތައްތައް ބަދަލުވަމުން ދިޔައީ ހުވަފެނަކުން ވެސް ނުދެކޭ ފަދަ ގޮތަކަށެވެ. އަޅުގަނޑުގެ ވާހަކަ އިސްކަންދަރިއްޔާގައި ފެތުރިއްޖެ އެވެ. ޞައްދާމު ޙުސައިނު ފިލައިގެން އައިސް މިޞްރުގެ އިސްކަންދަރިއްޔާގައި އުޅޭ ވާހަކަ އެވެ. އޭރު އަޅުގަނޑަކީ، އެކިއެކި މުނާސަބަތްތަކުގައި ޕާޓީއާއި ޙަފުލާ ބާއްވާ ތަނެއް ހިންގަމުން އައި މީހަކީމެވެ. އެއީ އަޅުގަނޑުގެ އަމިއްލަ ތަނެކެވެ. އެތަނަށް އަންނަހައި ބަޔަކަށް އަޅުގަނޑު ފެނެ އެވެ. އެތަނަށް އަންނަ ޢިރާޤު މީހުން އެއްވެސް ޝައްކެއްނެތި ޤަބޫލުކުރާ ގޮތުގައި އަޅުގަނޑަކީ، ޢިރާޤުގެ ރައީސް ޞައްދާމު ޙުސައިނެވެ. އަޅުގަނޑާ ބައްދަލުކުރަން ޢިރާޤު މީހުން އާދެ އެވެ. އަދި އަޅުގަނޑުގެ "ކާކުކަން އަންގައިދޭ ކާޑު" ބެލުމަށް ޢިރާޤު މީހުން ވަރަށް މަސައްކަތް ކުރެ އެވެ. ނަމަވެސް އަޅުގަނޑު އެ ކާޑު އެމީހުންނަށް ނުދައްކަމެވެ. އެ ކާޑު ބެލުމަކީ އެމީހުންނަށް ލިބިގެންވާ ޙައްޤެއް ކަމުގައި ނުވާތީ އެވެ. ކާޑު ނުދެއްކީމާ، އެމީހުން ބުނަނީ، "ތިޔައީ ޞައްދާމު ޙުސައިނުކަން މިހާރު މުޅިން ޔަޤީން ވެއްޖެ އެވެ. ތިޔައީ ޞައްދާމު ޙުސައިނު ކަމުގައި ނުވާނަމަ، ކާޑު ނުދައްކަންވީ ކީއްވެގެން ހެއްޔެވެ؟"

މިހެން މިކަން ހިނގަމުން ދަނިކޮށް، އެއްދުވަހަކު އަޅުގަނޑާ ބައްދަލުކުރި ޢިރާޤު މީހަކު، އަޅުގަނޑުގެ ޖާނާއި ފުރާނައަށް ނުރައްކާތެރި އިންޒާރެއް ދިނެވެ. އޭނާ ބުންޏެވެ. "އޭ ޞައްދާމު ޙުސައިނެވެ. ކަލޭގެ ބޯ ކަނޑާލި މީހަކަށް އެތައް މިލިޔަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާކަން ކަލެޔަށް އެނގޭހެއްޔެވެ؟" މިހެން ބުނެ، އެމީހާ އަޅުގަނޑާ ދިމާއަށް ބަލާލި ގޮތުން އަޅުގަނޑުގެ ހިތަށް ބިރުވެރިކަން ވަނެވެ. އެ ޢިރާޤު މީހާއާއި އޭނާގެ އެކުވެރިން ރާވައިގެން އުޅެނީ އަޅުގަނޑު މަރާލަންކަން އަޅުގަނޑަށް މޭރުންވި އެވެ. އަޅުގަނޑުގެ އަމިއްލަ ނަފުސުގެ މައްޗަށް ބިރުވެތިވި ފަދައިން އަޅުގަނޑުގެ ދަރީންގެ މައްޗަށް ވެސް އަޅުގަނޑުގެ ހިތުގައި ބިރުވެތިކަން އުފެދުނެވެ. މިހެންވެ، ޙަފުލާ ބާއްވާ ތަން ވިއްކާލުމަށް ޤަޞްދުކުރީމެވެ. އޭރު އަޅުގަނޑަށް އާމުދަނީއެއް ލިބޭ ހަމައެކަނި ތަނަކީ އެއީ އެވެ. އެހެން ނަމަވެސް އެތަނުގެ އަޞްލު އަގުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެން ވެސް ކުޑަ އަގެއްގައި އަޅުގަނޑު އެތަން ވިއްކާލީމެވެ. އަދި އެ މަސައްކަތުގައި އުޅުން ވެސް މުޅިން ހުއްޓާލީމެވެ.


ޢިރާޤުގެ ރައީސް ޞައްދާމު ޙުސައިނު



މިޞްރުގައި އުޅޭ ޞައްދާމު ޙުސައިނާ ވައްތަރު މީހާ


އޭގެ ފަހުން އެއްދުވަހަކު، އަޅުގަނޑު ނުދަންނަ މީހަކު އަޅުގަނޑަށް ގުޅި އެވެ. އެމީހާ އަޅުގަނޑުގެ ގާތުގައި ބުނީ، އަޅުގަނޑާއެކު އޭނާ، ކޮންސްޓްރަކްޝަން މަސައްކަތް ކުރަން ބޭނުން ކަމަށެވެ. އަދި އެކަމާބެހޭ ގޮތުން ވާހަކަ ދައްކާލަން ވެސް ބޭނުން ކަމަށެވެ. ދެން ކޮފީ ޝޮޕަކުން ބައްދަލުކުރަން އެއްބަސްވެ، އަޅުގަނޑު އެތަނަށް ދިޔައީމެވެ. އެތަނުން އަޅުގަނޑާ ބައްދަލުކުރީ، ހަށިގަނޑު ބިޔަ ވަރުގަދަ ޒުވާން ދެފިރިހެނަކާއި، ވަރަށް ރީތި ޒުވާން ދެ އަންހެން ކުދިންނެވެ. (ލަފާކުރެވޭ ގޮތުގައި އެއީ ޔަހޫދީންނެވެ.) އެމީހުން އަޅުގަނޑާ ވާހަކަ ދެއްކީ ޝާމުކަރައިގެ ލަހުޖާއިންނެވެ. އެމީހުން އަޅުގަނޑުގެ ގާތުގައި ބުނީ، ބުލޫ ފިލްމެއް ކުޅެދިނުމަށާއި އެކަން ކޮށްދީފިނަމަ އެއްމިލިޔަން ޔޫއެސް ޑޮލަރު ދޭނެ ކަމަށެވެ. އަޅުގަނޑު އެކަމަށް އިންކާރުކުރީމެވެ. އަދި އެކަން މިޞްރުގެ ފުލުހުންނަށް އެންގީމެވެ.

މުޙައްމަދު ބުނާ ގޮތުގައި، އެ ހާދިސާއަށްފަހު، މިއަދާ ހަމައަށް ވެސް ހުއްޓުމެއްނެތި، އޭނާއަށް ބިރު ދެއްކުމާއި އިންޒާރު ދިނުމުގެ ފޯނުކޯލުތައް އަންނަމުން އެބަދެ އެވެ. އެކަމުގެ ސަބަބުން އޭނާގެ ޞިއްޙަތަށް ވެސް ވަނީ ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ. ބިރުދެއްކުމުގެ ސަބަބުން އޭނާއަށް ވަނީ ހާޓްއެޓޭކެއް ޖެހިފަ އެވެ. މިހާރު އޭނާއަކީ ހިތުގެ ބަލިމީހެކެވެ. އޮޕަރޭޝަންކޮށް ޑަކުޓަރުން ވަނީ އޭނާގެ ހިތުގައި "ކައްތިރި" ވިއްދާފަ އެވެ. އެއާ ނުލައި މިހާރު އޭނާއަކަށް ދިރިއެއް ނުހުރެވޭނެ އެވެ. މުޙައްމަދު ބުނާގޮތުގައި، އޭނާއަކީ، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ، ވަރަށް އާދައިގެ މީހެކެވެ.

އޭނާއާ ދިމާވި މަޖާ ކަންތައްތަކުގެ ވާހަކަ ދައްކަމުން ބުންޏެވެ.
ޞައްދާމު (ކަމަށް ބެލެވޭ މީހަކު) ދަން ޖެއްސުމުގެ ހާދިސާ ފެނުމުގެ ކުރިން، ވަރަށް ގިނަ މަޖާ ކަންތަކާ ދިމާވެ އެވެ. އެގޮތުން ބައެއް މީހުން އަޅުގަނޑަކީ ޞައްދާމު ޙުސައިނު ކަމަށް ހިތައި، "ފަޚާމަތުއް ރައީސް" ގެ ނަމުން އަޅުގަނޑާ މުޚާޠަބު ކޮށްފައިވެ އެވެ. އަދި ސަމާސާ ކުރުމުގެ ގޮތުން "އަބޫ ޢުދައްޔު" (ޢުދައްޔުގެ ބައްޕަ) ގެ ނަމުން ވެސް ބައެއް މީހުން އަޅުގަނޑާ މުޚާޠަބު ކޮށްފައިވެ އެވެ. ނަމަވެސް މިހާރަކު އެފަދަ ސަމާސާކުރުމެއް ނެތެވެ. މިހާރު މީހުންވަނީ މާބޮޑަށް ސީރިއަސްވެފަ އެވެ.

މިޞްރުގެ އިސްކަންދަރިއްޔާގެ ބާޒާރުގައި މުޙައްމަދު އުޅެނިކޮށް ކުވޭތުގެ ޒުވާނުންތަކެއް ވަނީ، އޭނާއާ އަރާރުންވެ، އޭނާއަށް ހަމަލަދީ މާރާމާރީ ހިންގާފަ އެވެ. މުޙައްމަދު ދެކޭ ގޮތުގައި، ޞައްދާމު ޙުސައިނާ އޭނާ ވައްތަރުވިކަމީ، ނިޢުމަތެއް ކަމުގައި ނުވި އެވެ. އެކަމަކު އެކަންވެގެން ދިޔައީ، ނިޤުމަތެއް ކަމުގަ އެވެ. "އެކަމުގެ ސަބަބުން އަޅުގަނޑުގެ ޞިއްޙަތު ވެސް މިހާރު މިވަނީ ޚަރާބުވެފަ އެވެ. އަޅުގަނޑުގެ މުޅި ޙަޔާތަށް ވަނީ ބިރުދެއްކުމާއި ބިރުވެރިކަން ވެރިވެފަ އެވެ."

ޙާއްޖު މުޙައްމަދު، އެންމެ އުފާވެރި ވަގުތުތައް ހޭދަކުރަނީ ބަދިގޭގައި ކަމަށް އޭނާ ބުނެ އެވެ. މިޞްރުގެ ސަގާފީ ކާބޯތަކެތި ތައްޔާރުކުރުމުގައި އޭނާ އަކީ ހުނަރުވެރި ކުޅަދާނަ ކެއްކުންތެރިއެކެވެ. އެންމެ މޮޅަށް އޭނާ ކައްކާ އެކައްޗަކީ، މުސަޅުމަހާއެކު ކައްކާ މުލޫޚިއްޔާ އެވެ. މުލޫޚިއްޔާއަކީ، އެއްޒަމާނެއްގައި މިޞްރުގެ ރަސްރަސްކަލުންގެ ފަރިއްކޮޅު ކަމުގައިވި އެވެ. އޭގެ އަޞްލު ނަމަކީ މުލޫކިއްޔާ އެވެ. މިނަން އައިސްފައިވަނީ، ޢަރަބި ބަހުން ރަސްގެފާނަށް ކިޔާ ނަން ކަމުގައިވާ "މަލިކު" ންނެވެ. ޙާއްޖު މުޙައްމަދަކީ، މޮޅު ކައްކާއެއް ކަމުގައި ވި ކަމީ ވެސް، އޭނާއާ ޞައްދާމާ އެއްގޮތްވާ އިތުރު ސިފައެކެވެ. އޭނާއަކީ ޞައްދާމު ޙުސައިނު ކަމަށް ބުނާ މީހުން ދައްކާނެ އިތުރު ހެތްކެއް ކަމުގައި މިކަން ނުވެ ނުދާނެ އެވެ.

ޙާއްޖު މުޙައްމަދު ބުނި ގޮތުގައި، ޞައްދާމު ޙުސައިނުގެ ޙަޔާތާ ބެހޭގޮތުން ކުޅޭ ފިލްމެއްގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދިނުމަށް އޭނާއަށް ހުށަހަޅާފައިވެ އެވެ. އެ ފިލްމުކުޅޭއިރު، އެ ފިލްމުގައި އޭނާ އަދާކުރާނީ ޞައްދާމުގެ ދައުރެވެ. އެ ފިލްމު ތައްޔާރުކުރަން އުޅެނީ، މިޞްރުގެ ފިލްމު އުފައްދާ ފަރާތަކުންނެވެ.

ޢާއިލާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މުޙައްމަދު ބުނެފައިވެ އެވެ.
އަޅުގަނޑުގެ ފަސް ދަރީން އެބަތިއްބެވެ. އެންމެ ދޮށީ ދަރިފުޅުގެ ޢުމުރަކީ، 26 އަހަރެވެ. އެންމެ ހަގު ދަރިފުޅުގެ ޢުމުރަކީ، 10 އަހަރެވެ. އަޅުގަނޑާ ކުރިމަތިވި މުޞީބާތްތައް އަޅުގަނޑުގެ ދޮށީ ދަރިފުޅާ ކުރިމަތިވެދާނެތީ ވަރަށް ބޮޑަށް ބިރުވެތިވަމެވެ. އެހެނީ، އޭނާއަކީ އަޅުގަނޑުގެ ދަރީންގެ ތެރެއިން އަޅުގަނޑާ އެންމެ ވައްތަރު ދަރިފުޅެވެ.

އެހެންވީމާ، ޙާއްޖު މުޙައްމަދުގެ ދޮށީ ދަރިފުޅުގެ ސިފައަކީ ވެސް ޞައްދާމު ޙުސައިނުގެ ސިފަ އެވެ. އޭނާއަކީ ޞައްދާމު ކަމަށް ބަޔަކު ހީނުކުރިޔަސް، ޞައްދާމަށް ނަފުރަތުކުރާ ބަޔެއްގެ ނުރައްކާ އޭނާއަށް އޮވެދާނެ އެވެ.

މާތް ﷲ، ޙާއްޖު މުޙައްމަދާއި އޭނާގެ ޢާއިލާގެ އެންމެހައި އަފުރާދުން، އަނިޔާވެރިންގެ ކިބައިން ސަލާމަތް ކުރައްވާށި އެވެ! އާމީން!


މަޞްދަރު:
އައްޝަރުޤުލް އައުސަޠު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ