އަދުގެ ޚާއްސަ

Print

ހަމަ ހިތަށްއަރާ..(3)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ދެމަފިރިން އަރާރުންވާންވީ ކިހިނެއް؟


  ބިންމާ އިބްރާހީމް ވަޙީދު 

އެއްވެސް ބަޔަކު އަރާރުން ވާންޖެހޭ ހެއްޔެވެ؟ ޒުވާބު ކުރަންޖެހޭ ހެއްޔެވެ؟ ދެބަސްވެ، ޖަދަލު ކުރަންޖެހޭ ހެއްޔެވެ؟ ފުރަތަމަ ސުވާލަކީ އެއީ އެވެ. ސުވާލު ތަންކޮޅެއް ހަނިކޮށްލާފައި އަހަންޏާ، ދެ މަފިރިން އަރާރުން ވާންޖެހޭ ހެއްޔެވެ؟ ނޫނެކޭ ހިތަށްއަރާ ކަމުގައި ވަންޏާ، އެއީ އެންމެ ރަނގަޅު ޖަވާބު ނޫންކަމަށް ވުން އެކަށީގެންވެ އެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ.
    
އަރާރުންނުވާ ދެމަފިރިން އުޅޭނެ ހެއްޔެވެ؟ ގަޔަށްބޮލަށް އެރުމަކީ އަރާރުމެއް ނޫނެވެ. އެއީ، މާރާމާރީ އެވެ. ތިލަކޮށް ބުނާކަމުގައި ވަންޏާ، ދެބަސްވާންޖެހޭ ހެއްޔެވެ؟ ފިރިމީހާ ބުނާ ކޮންމެ އެއްޗަކަށް އަނބިމީހާ އެއްބަސްވާންވާނެ ހެއްޔެވެ؟ އަނބިމީހާ ދައްކާ ކޮންމެ ވާހަކައެއް ފިރިމީހާ ގަބޫލުކުރަންޖެހޭ ހެއްެޔެވެ؟ އެހެންކަމުގައި ވަންޏާ، ކައިވެނީގެ އެއްވެސް "މަޖަލެއް" އެބައޮތް ހެއްޔެވެ؟
   
ދުވަހަކު ވެސް ކުޅި ނުވަންޏާ ފޮނީގެ އެއްވެސް ބޭނުމެއް ނެތެވެ. ދުވަހަކު ވެސް ދެރަނުވަންޏާ އުފަލުގެ އެއްވެސް ބޭނުމެއް ވެސް ނެތެވެ. ހަމަ އެގޮތަށް، ދުވަހަކު ވެސް ރުޅިނާންނަންޏާ ލޯބީގެ އެއްވެސް ބޭނުމެއް އެބައޮތްބާ އެވެ؟ ނިކަން ތިލަކޮށް ވިސްނާލާށެވެ. ސިއްރުން ބައްދަލުކުރުމަކީ ވެސް މަޖާކަމެކެވެ. އިންތިޒާރުކުރަން ޖެހުމަކީ، އެކަމެއްގެ މުހިންމުކަން އިތުރުވާ އެއް ސަބަބެވެ.
   
ކާވެނި ދެމެހެއްޓުމަށްޓަކައި ނުވަތަ ފޫހި ހަޔާތެއް ވެއަތުނުކުރުމަށްޓަކައި، ޒުވާބު ކޮށްލަންޖެހޭނެ އެވެ. ވިސްނާލަންވީ ކަމަކީ، އެ ޒުވާބު ކޮންޓްރޯލުން ނުނެއްޓުމެވެ. ދުވަސްތަކަކަށް ދެމިގެން ނުދިޔުމެވެ. އާދައަކަށް ނުހެދުމެވެ. ތަންގަނޑު މީހުންނަށް ނީއްވުމެވެ. މީހުން ބުނާ އަޑު ނާހަން ހެއްޔެވެ؟ ރުޅިއައުމުން، ވަރަށް ގިނަ ތެދު ހާމަވެއެވެ. ހަމަޖެހިފައި ހުންނައިރު، މަޞްލަޙަތަށް ބަލާފައި އެ ޙަޤީޤަތް ސިއްރުކުރެވެ އެވެ. ރުޅި މައިތިރިވުމުން، ތިމާ އަށް ކުރެވުނު ކުށަށް މަޢާފަށް އެދުމުން، ލޯބި ދެ ގުނައަށް އިތުރުނުވޭ ހެއްޔެވެ؟ މައްސަލަ އަކީ، ޒުވާބުކުރަން ތިމާ އަށް ނޭނގުމެވެ. ޒުވާބުކުރުމުގައި، ޤަވާޢިދުތަކެއް ކަނޑައެޅިފައިވާކަން ނުވިސްނުމެވެ. ފުޓްބޯޅައިގެ ޤަވާޢިދުތައް ނޭނގި ދަނޑުމައްޗަށް އެރީމައި ދެން ވާނީ ކިހިނެތް ހެއްޔެވެ؟ ކުށެއް ކުރެވުމުން، ނުވަތަ ރެފުރީ ކަށިގަނޑު ފުމެލުމުން، އެ އަޑު އެންމެންނަށް އިވެންޖެހެ އެވެ. ޒުވާބުކުރަމުންދާއިރު، އެ ކަށިގަނޑު ފުމެން އެ ތަނަކަށް އެހެން މީހަކު ނާންނާނެ އެވެ. އެ ކަން ކުރަންޖެހޭނީ ދެމީހުން ކުރެ އެކަކެވެ. ތަފާތަކީ އެއީ އެވެ. ޒުވާބުކުރަންވާނީ، އެކަކަށް ވެސް ގެއްލުމެއް ލިބޭ ގޮތަކަށް ނޫނެވެ. އެ ޒުވާބުން ފައިދާއެއް ކުރަންޖެހޭނެ އެވެ.
   
ފައިދާކުރަނިވި ޒުވާބެއްކުރާއިރު، ވިސްނަންވީ ފުރުތަމަ ކަމަކީ، ދެ މީހުންކުރެ އެކަކީ ވެސް ހުރިހާ އެއްޗެއް އެނގޭ މީހެއް ނޫންކަމެވެ. އެއްވެސް މީހަކު "ޕާރފެކްޓެއް" ނުވާނެ އެވެ. ކިތަންމެ ވިސްނައިގެން އުޅުނަސް، ކިތަންމެ ލޯބިން އުޅުނަސް، ދެބަސް ވާންޖެހޭ ހާލަތު އަންނާނެ އެވެ. ކީއްވެގެން ހެއްޔެވެ؟ ދެ މީހުންނަކީ ދެ ޖިންސްގެ ދެ މީހުނަށް ވީމަ އެވެ. ދެ މާޙައުލެއްގައި ދެ މީހުން ބޮޑުވެފައި ވާތީ އެވެ. ދެ ހަށިގަނޑުގައި އެއް ހިތެއް ނޯންނާތީ އެވެ. ދެ މީހުންގެ ބައެއް ބޭނުންތައް ތަފާތު ވާނެތީ އެވެ. އެކަމަކު، ޒުވާބުގެ ސަބަބުން، ދެމެދުގައި އޮންނަ ގުޅުމަށް ހީނަރުކަން އަންނާކަށް ނުޖެހޭނެ އެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ؟ އެ ސުވާލު އުފެދޭ ހިސާބަށް މިއޮތީ އާދެވިފަ އެވެ.
   
ކޮންމެ މީހަކު ވެސް، އަނެކަކު ވާހަކަދައްކަން ފުރުޞަތު ދޭށެވެ. ދަސްކުރަންވީ ކަމަކީ އެއީ އެވެ. އަޑުގަދަ މީހާގެ ރުއް ގިނަވި ޒަމާން މާޒީވެއްޖެ އެވެ. ތިމާ ވާހަކައެއް ދައްކަދައްކާ ހުއްޓައި، އެހެން މީހަކު ވާހަކަދައްކަން ފެއްޓުމުން ތިމާ ރުޅިނާންނާނެ ހެއްޔެވެ؟ އަނެކާ އަށް ވެސް އެހެންވާނެކަން ދަންނާށެވެ. ގައިގައި ވަރު ހުރުމަކުން ނުފުދެ އެވެ. ބުނާ އެއްޗެއްގެ ބުރަދަން ވެސް ހުންނަންޖެހޭނެ އެވެ. އޭގެ މާނަ އަކީ، އޭނަ ބުނާ ހުރިހާ އެއްޗެއް ތިމާ ގަބޫލުކުރަންޖެހޭނެއެކޭ ނޫނެވެ. އެކަމަކު، އަޑުއަހާލަންވާނެ އެވެ.
   
އަނެކާ ބުނާ އެއްޗަށް ތިމާ ވިސްނުމަކީ، ޒުވާބުގެ އަނެއް ސްޓައިލެވެ. އޭނަ ބުނާ އެއްޗާއި، ބުނަންއުޅޭ އެތި ތިމަންނަ އަށް އެނގޭކަމަށް "ހީކުރުމަކީ" އެޅޭ ވަރަށް ބޮޑު ޅައެއްޗެކެވެ. އަނެކާ ބުނާ އެއްޗަކާ މެދު ތިމާ ވިސްނާކަން އަނެކާ އަށް އިހުސާސް ކުރެވުމުން، ޒުވާބު ނިމޭލެއް އަވަސްވާނެ އެވެ. އޭގެ ބަދަލުގައި، ޖުމުލައިގެ އެއްބައި، އަނެކާގެ އަނގައިގައި އޮއްވައި، އޭނަ ބުނަން އެ އުޅެނީ މި ވެނި އެއްޗެއްކަން ތިމާ އަށް އެނގިފައި، އޭގެ ރައްދުނުދޭށެވެ. މީހަކު ނުބުނާ އެއްޗެއް އެކަކަށް ވެސް ނޭނގޭނެ އެވެ. ޚުދު ތިމާ ބުނަން އުޅޭ ޖުމުލަ، އެންމެ ފަހު ސިކުންތުގައި ކިތައް ގޮތަށް ބަދަލުވޭ ހެއްޔެވެ؟ ކެތްތެރިވާށެވެ. ވާހަކަދައްކަން ތިމާ އަށް ވެސް ފުރުޞަތު ލިބޭނެ އެވެ.
   
ފަހުން ހިތާމަކުރަންޖެހޭ އެއްވެސް އެއްޗެއް ނުބުނާށެވެ. އެއީ، ވަރަށް މުހިންމު ކަމެކެވެ. ރަނގަޅު ބިންގަލެއްގެ މަތީގައި ބިނާކޮށްފި ނަމަ، ކާވެނީގެ ގުޅުމަކީ ބިއްލޫރިކޮޅެއް ކަހަލަ ނާޒުކު އެކަމަކު އެހާ ސާފު، އޮމާން އެއްޗެކެވެ. ފަރުވާކުޑަކޮށްފި ނަމަ، ކޫރުންއެޅި، ނުސާފުވެ، ފަހަރެއްގައި ތަޅައިގެން ވެސް ހިނގައިދާނެ އެވެ. ތިމާ ބުނާ އެއްޗެއް ބުނަންވާނީ، ދެ ފަހަރަށް ވިސްނާފަ އެވެ. ބާރުގަދައީ، ރުޅި ކޮންޓްރޯލު ނުކުރެވިގެން އަތުންފައިން ގޯސްހަދާ މީހާއެއް ނޫނެވެ. އެކަމަކު، އެ ރުޅީގެ މައްޗަށް ތިމާގެ ބާރުފޯރުވައި، ރުޅި ކޮންޓްރޯލުކުރާ މީހާ އެވެ.
   
މާޒީގައި ހިނގާފައި ހުރި ކަންތަކުގެ ވާހަކަތައް ތަކުރާރު ނުކުރާށެވެ. މާޒީ އެންމެ ރަނގަޅުވާނީ މާޒީގަ ބޭއްވިއްޔާ އެވެ. ފަހަތަށް ބަލަމުން ހިނގަން އުޅެފި ނަމަ، ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އިއްޔެ އަކީ ތިމާ އަށް ބާރުފޯރުވޭނެ އެއްޗެއް ނޫނެވެ. މާދަމާ އަކީ ވެސް ތިމާ އަށް ބާރުފޯރުވޭ އެއްޗެއް ނޫނެވެ. ތިމާ އަށް ކޮންޓްރޯލް ކިރިޔާ ވެސް ކުރެވެނީ މި ސިކުންތެވެ. އެންމެ ސިކުންތެއް ފާއިތު ވިޔަސް، އެއީ ހަމަ މާޒީ އެވެ.
   
ދޫދޭން ދަސްކުރާށެވެ. އެއްގަލަށްއަރަން މަސައްކަތް ކުރަންވާނެ އެވެ. ޒުވާބެއްގެ ފެށުމަކީ އެއްގަލަށްނޭރެވުމެވެ. އެކަން އަބަދު ވެސް ހަނދާންކުރަންވާނެ އެވެ. އޭރުން ދެބަސްވާން އޮންނާނީ މަދު ކަމެކެވެ. ދެމަފިރިންނަށް އެއްގަލަށް ނޭރޭ ނުކުތާއެއް އަތުވެއްޖެ ނަމަ، ކޮންމެ މީހަކު ވެސް އެއް ފައި އެ "ގަލުގައި" ބަހައްޓައިގެން ހުންނާށެވެ. އެކަކު ކުޑަކޮށް ދޫ ދިނުމުން އަނެކަކު ވެސް ކުޑަކޮށް ދޫ ދޭނީ އެވެ. މި އުޅެނީ ވާދެމުމުގެ މުބާރާތެއްގައި ބައިވެރި ވެގެނެއް ނޫނެވެ. ކަމެއްގައި ދެމަފިރިން ބުނާ ދެ ގޮތް ދޫކޮށްލާފައި، ތިން ވަނަ ގޮތެއް ވެސް ހޯދިދާނެ އެވެ. މިސާލަކަށް، ދުވެފައި ދާހިތެއް ނުވެއޭ ބުނުމުން އޭގެ މާނަ އަކީ، ހިނގާފައި ދާ ވާހަކައެއް ވެސް ނޫނެވެ. ހުއްޓިހުރުން ވެސް މާނަކުރެވިދާނެ އެވެ.
   
ޒުވާބެއް ނިމެންޖެހޭނީ، ޒުވާބު ފަށަންޖެހުނު މައްސަލަ ޙައްލުވެގެން ހެއްޔެވެ؟ ނޫނެކެވެ. އެ މައްސަލަ ޙައްލުނުވެ ވެސް ހިނގައިދާނެ އެވެ. ޒުވާބުކުރަންޖެހެނީ، ކަމެއްގައި ތިމާ ދެކޭގޮތް އަނެކާ އަށް ނުވިސްނިގެން، އިތުރަށް ވިސްނައިދޭން ފެށުމުންނެވެ. އަނެކާ އަށް ނުވިސްނޭ ވަރަކަށް ތިމާ ރުޅިއަންނާނެ އެވެ. ޒުވާބު ހޫނުވަނީ އެހެންނެވެ. ހޫނުކަންމަތީގައި ޙައްލުނުވާ މައްސަލަތައް، ފިނިވީމައި ޙައްލުވާ ފަހަރު ވެސް އަންނާނެ އެވެ. އެކަން ވިސްނިގެން ތިމާ އެ ވަގުތު ދޫކޮށްލުމަކީ ސްމާރޓް ގޮތެއް ނޫންބާ އެވެ؟
   
މައްސަލަ އަށް "ބިނާކުރަނިވި" ޙައްލެއް އަންނަންދެން ވާހަކަދައްކަންވާނެ އެވެ. ވަކި ހިސާބުން ތިމާ ފުރަގަސްދީފައި ދިޔުން އެއީ، އެ ވަގުތަށް ބޮލަށް ފަސޭހަ ކަމަކަށް ވިޔަސް، ޙައްލަކަށް ނުވެ ހިނގައިދާނެ އެވެ. އެ ތަނުން ތިމާ ދިޔުމެކޭ، އެ ތަނުގައި ހުރެގެން އެއްވެސް އެއްޗެއް ނުބުނުމެކޭ ތަފާތެއް ނޯންނާނެ އެވެ. ނިދަންވާނީ ދެބުރަކަށި ނުޖައްސައެވެ. އެ ވަރުގެ ނިންމުމަކަށް އާދެވުމުން، އެ ރޭގެ އެޖެންޑާ ކުރުކޮށްލާފައި ނިދަންއޮށޯވެވިދާނެ އެވެ. އެހެން ފަހަރަކުން އެ މައްސަލަ އަށް ބަހުސްކުރެވިދާނެ އެވެ.
   
ޒުވާބު ކިތަންމެ ހޫނުވިޔަސް، ދެމަފިރިންގެ ގުޅުން ކެނޑުނަ ނުދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަންވާނެ އެވެ. އޭގެ މާނަ އަކީ، "އެޅިހާ ބަތަކަށް ރިހަ" ކިޔާށޭއެއް ނޫނެވެ. ނުވަތަ "ޖަހާހާ ބެރަކަށް ނަށާށޭ" ވެސް ނޫނެވެ. ކައިވެންޏަކީ، ކުރިން ބުނި ކަހަލަ "ދެ ފުށް ފެންނަ" ބިއްލޫރިގަނޑެކެވެ. އެއްވެސް ކޮޅެއްގައި "ކަޅު ބިއްލޫރި"  ހުރެގެން ނުވާނެ އެވެ.
   
ޖެހޭ މައްސަލަ އެ ވަގުތު ޙައްލުކުރުމުގެ ބަދަލުގައި، މާ ބޮޑަށް ފަސްކުރުމަކީ ވެސް ޒުވާބުގެ އަލިފާނަށް އެޅޭ ދަރެކެވެ. ހިތްހަމަނުޖެހޭ ކަމެއް ހިނގުމުން އަނެކާ އަށް އެކަން އަންގާށެވެ. ފަރުބަދައަކަށް ވަންދެން އެއްކޮށްފައި، ދެން ފުރޮޅާނުލާށެވެ. މައްސަލަ ގޯސްވަނީ ވާހަކަނުދެއްކީމަ އެވެ. ދެއްކީމައެއް ނޫނެވެ. ވާހަކަ ދައްކައިގެން އެކަކު ވެސް ރުޅިއެއްނާންނާނެ އެވެ. ރުޅިއަންނަނީ ވާހަކަދެއްކޭ ގޮތުންނޫންބާ އެވެ؟ ބޭނުންކުރޭ ބަސްތަކުގެ ސަބަބުން ނޫންބާ އެވެ؟ އެ ބަސްތައް ބޭނުންކުރެވޭ ރާގުން ނޫންބާ އެވެ؟ މިހާރު ވިސްނާލާށެވެ. ކުރިން ބުނި އެއްވެސް ކަމެއްގެ ތެރެއިން، ނުކުރެވޭ ވަރުގެ ކަމެއް އެބައޮތް ހެއްޔެވެ؟ ނުވަތަ، އޭގެން އެއްވެސް ކަމެއް، ކުރިން ތިމާ ކުރިން ހެއްޔެވެ؟ ޒުވާބުކުރަން އެނގިގެން ކުރުމުން ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟  މި ހުންނަނީ، އާންމު އިންސާނެއްގެ ހައިސިއްޔަތުން އަހަރެންގެ ހިތުގައި އުފެދޭ އާންމު ސުވާލުތަކެވެ.
  
 "ޒުވާބު" ނުވަތަ "އަރާރުން" އެއީ "ގަޔަށްބޮލަށްއެރުން" ނުވަތަ "މާރާމާރީ" ކަމުގައި ނުދެކޭށެވެ. ޒުވާބުކުރާށެވެ. ކުރަންވާ ގޮތް ދަސްކޮށްގެންނެވެ. "ޞިއްޙަތަށް ފައިދާހުރި" ގޮތުގަ އެވެ.

(ނިމުނީ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ