އަދުގެ ޚާއްސަ

Print

އިސްލާމީ ނަޒަރިއްޔާގެ މަތިވެރިކަން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

    އިސްލާމްދީނަކީ ރަޙްމަތުގެ ދީނެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އަށް ކީރިތި ޤުރްއާނުގައި ނަންދެވިފައިވަނީ
رحمة لّلعالمين ގެ މަތިވެރި ނަންފުޅުންނެވެ. އެކަލޭގެފާނަކީ ޢާލަމްތަކަށްހުރި ރަޙްމަތެއްކަން ބަޔާންކުރެއްވުމަށްޓަކައެވެ. ކަންމިހެން ހުރުމާއެކުވެސް، އިތުރު ސާހިބާއާ އެދުވަސްވަރުގެ ބައެއް ޤައުމުތަކާ ދެމެދު ހަނގުރާމަތަކެއް ހިނގިއެވެ. އެހެންވެ، ބައެއް މީހުންގެ ހިތްތަކުގައި ސުވާލު އުފެދެއެވެ. އެކަލޭގެފާނަކީ ސަލާމަތާއި ރަޙްމަތުގެ ނަބިއްޔާ ކަމުގައި ވެވަޑައިގަންނަވާއިރު، އެކަލޭގެފާނު އެހެންމީހުނާ ހަނގުރާމަކުރެއްވީ ކީއްވެގެން ބާވައެވެ؟ އެކަލޭގެފާނުގެ މަސައްކަތްޕުޅު، ރަޙްމަތާއި އަމާންކަމުން ފެށިގެން ރަޙްމަތާއި އަމާންކަމުގެ މައްޗަށް ނިމިގެން ނުދިޔައީ ކީއްވެގެން ބާވައެވެ؟

    މި ސުވާލުގެ ޖަވާބުގައި ދަންނަވާންޖެހެނީ، އެކަލޭގެފާނު ކުރެއްވި ހަނގުރާމަތަކުގެ ޒިންމާއަކީ، އެކަލޭގެފާނުގެ މަސްއޫލިއްޔަތެއް ނޫންކަމުގައެވެ. އަދި ކީއްތޯއެވެ؟ އެ ހަނގުރާމަތަކަކީ އެދުވަސްވަރު ދުނިޔޭގެ ކަންތައް ހުރިގޮތުގެ ނަތީޖާއެވެ. އާދެ، އެއީ ޒަމާން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. އެކަލޭގެފާނު ރަސޫލުކަމާއިގެން ވަޑައިގެންނެވި ދުވަސްވަރު، ދުނިޔޭގައި އޮތީ ރަސްކަމުގެ ނިޒާމެވެ. ދުނިޔޭގައި އެދުވަސްވަރަކު ޑިމޮކްރަސީއެއް ނެތެވެ. ޚިޔާލުގެ މިނިވަންކަމުގެ ތަޞައްވުރެއް ނެތެވެ. ދުނިޔޭގެ ހުރިހައި ތަނެއްގައިވެސް ވެރިކަން ކުރައްވަމުންގެންދެވީ، ގޮށްމުށުގެ ބާރުން، ރަސްކަން ކުރެއްވި ރަސްރަސްކަލުންނެވެ. ނުވަތަ ގަދަބަދަވިކަމުން ވެރިކަން ހިންގެވި އަމީރުންނެވެ. ހަނގުރާމައިގެ ސަބަބަކަށް ވެގެންދިޔައީ، ޒަމާނުގެ އެ ޙާލަތެވެ. މިޒަމާނެކޭ އެއްގޮތަށް އޭރުވެސް، ޑިމޮކްރަސީއާއި މިނިވަންކަމުގެ ނަޒަރިއްޔާ އާންމުވެފައި އޮތްނަމަ، ހަނގުރާމަކުރައްވަން އެއްގޮތަކަށްވެސް ޖެހިވަޑައިނުގަތުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ.

    ތިރީގައި މިދަންނަވާ މިސާލުންވެސް އެކަން ވިސްނިވަޑައިގަންނަވާނެއެވެ. އެ މިސާލަކީ، އެމެރިކާގެ މިނިވަންކަމުގެ ޙަރަކާތާއި، އިންޑިޔާގެ މިނިވަންކަމުގެ ޙަރަކާތާ އަޅައިބަލައިލުމުން ހާމަވެގެންދާ މިސާލެކެވެ.

    އެމެރިކާގެ މިނިވަންކަމުގެ ހަނގުރާމަ ހިނގީ، ނަވާރަވަނަ ސައްތައިގެ ފެށުނުކޮޅުގައެވެ. އެމެރިކާގެ އައްސޭރިފަށުގެ މުހިންމު މަގާމުތަކަށް ވެރިވެގެންތިބީ އިނގިރޭސީންނެވެ. އެމެރިކާގެ ރައްޔިތުން ބޭނުންވީ، އިނގިރޭސީން އެތަންތަނުން ބާލާށެވެ. ނަތީޖާއެއްގެ ގޮތުން، ދެބައިމީހުންގެ ދެމެދުގައި ވަރަށްގިނަ ލޭތަކެއް އޮހޮރިގެންދިޔަ ހަނގުރާމަތަކެއް ހިނގިއެވެ. އެމެރިކާނުންނަށް އިނގިރޭސީންގެ އަތްދަށުން މިނިވަންވެވުނީ، ވަރަށްގިނަ އަދަދެއްގެ ފުރާނަތަކެއް ޤުރްބާން ކޮށްގެންނެވެ.

    އިންޑިޔަން ސަބްކޮންޓިނެންޓުގެ މީހުން މަހާތުމާގާނދީގެ ވެރިކަމުގެ ދަށުގައި މިނިވަންކަމުގެ ޙަރަކާތް ހިންގީވެސް ހަމަ އެ އިނގިރޭސީންނާ ދެކޮޅަށެވެ. ނަމަވެސް، އިންޑިޔާގެ މިނިވަންކަމުގެ ޙަރަކާތް މުޅިންވެސް ހިނގަމުންދިޔައީ، ދެކޮޅުވެރިކަމާއެކު ބާރުގެ ބޭނުން ނުކުރުމުގެ އުސޫލުގެ މައްޗަށެވެ. އެ މަސައްކަތް ކާމިޔާބުވިއެވެ. ހަނގުރާމައިގެ އާންމު ހަތިޔާރުގެ ބޭނުންނުކޮށް، އިންޑިޔާ މިނިވަންވިއެވެ.

    މި ތަފާތު ސަބަބަކީ، އެމެރިކާގެ ޒަޢީމުންގެ ތަޅާފޮޅުމަށް ލޯބިކުރެއްވުމެއް ނުވަތަ މަހާތުމާގާނދީގެ އަމްނުއަމާންކަމަށް ލޯބިކުރެއްވުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ޒަމާނުގެ ތަފާތެވެ. އަށާރަވަނަ ސައްތައާއި ނަވާރަވަނަ ސައްތައިގައި މިނިވަންކަމާއި ޑިމޮކްރަސީގެ ނަޒަރިއްޔާތައް މާބޮޑަކަށް އާންމުވެފައެއް ނުވެއެވެ. އެ ނަޒަރިއްޔާތައް ހަރުދަނާވެފައެއް ނުވެއެވެ. ގަބޫލުކުރެވިފައިވާ ސިޔާސީ އުސޫލުތަކެއްގެ މަގާމު ލިބިފައެއް ނުވެއެވެ. އޭރު ހިނގަމުންދިޔައީ، ކުރީގެ ރަސްކަމުގެ ދައުރުގެ އާދަތަކާއި ހަމަތަކެވެ. ހަނގުރާމައިގެ ދޮރު ހުޅުވިގެންދިޔައީ، އޭގެ ނަތީޖާއެއްގެ ގޮތުންނެވެ.

    އެދުވަސްވަރު މަހާތުމާގާނދީ ފަދަ ޞުލްޙަމަސަލަސްކަމުގެ ލީޑަރަކު، އެމެރިކާގައި އުފެދުނުކަމުގައި ވީނަމަވެސް، އެބޭފުޅަކަށް ކާމިޔާބު ލިބިވަޑައެއް ނުގަތީހެވެ. ޞުލްޙަވެރިކަމުގެ ބިންގަލުގެ މަތީގައި ހަރަކާތެއް ހިންގައި، އެ ހަރަކާތެއް ކާމިޔާބު ކުރުމަށްޓަކައި ޒަމާން އެކަމަށް ފަހިވެފައި އޮތުން ލާޒިމެވެ. ނަމަވެސް، އެފަދަ މޫސުމުގެ ފަހިކަމާއި އެހީތެރިކަމެއް އެހައިތަނާ ހަމަޔަކަށް އެއްވެސް ބަޔަކަށް ލިބިފައެއް ނެތެވެ. ނަމަވެސް، ވިހިވަނަ ޤަރްނުގެ ކުރީކޮޅުގައި ގާނދީ އިންޑިޔާގެ މިނިވަންކަމުގެ ހަރަކާތާއިގެން ތެދުވެވަޑައިގެންނެވިއިރު، މިނިވަންކަމާއި ޑިމޮކްރަސީގެ ނަޒަރިއްޔާ ވަނީ ގަބޫލު ކުރެވިފައިވާ ސިޔާސީ ނަޒަރިއްޔާއަކަށް ބަދަލުވެފައެވެ. އެހެންކަމުން، މޫސުމުގެ އޮޔާއި ވައިގެ ފަހިކަން، ގާނދީއަށް ލިބިވަޑައިގެންނެވިއެވެ. އޭނާގެ މަސައްކަތްޕުޅަށް، ޒަމާނުގެ އެއްބާރުލުން ލިބިވަޑައިގެންނެވިއެވެ.

    ނަތީޖާއެއްގެ ގޮތުން، ބާރުގެ ބޭނުން ނުކުރެއްވުމުގެ ބިންގަލުގެ މަތީގައި މިނިވަންކަމުގެ ހަރަކާތް ހިންގަވައިގެންވެސް، ގާނދީއަށް ކުރިހޯއްދެވުނެވެ. އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ހޯއްދެވުމުގައި ކާމިޔާބު ލިބިވަޑައިގެންނެވިއެވެ.

    އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ ޙަޔާތްޕުޅާއި، އެކަލޭގެފާނުގެ ބަސްފުޅު ތަކުންވެސް އިސްލާމްދީނުގެ އަބަދީ ތަޙްރީކަށް ތަފާތު ދެ ދައުރަކާ ކުރިމަތިލާން ޖެހޭނެކަމުގެ އިޝާރާތް ލިބޭން އެބަހުއްޓެވެ.

    އެންމެ ފުރަތަމަ ދައުރުގެ މައްޗަށް ކީރިތި ޤުރްއާނުން އިޝާރާތް ލިބެނީ، އަނިޔާވެރިންނާ ދިފާޢީގޮތުން ހަނގުރާމަކުރުމަށް ދެއްވައިފައިވާ ހިދާޔަތުންނެވެ. (އަލްޙައްޖު: 39) އެހެންކަމުން، އެ ހިދާޔަތާ އެއްގޮތްވާ ގޮތުގެމަތިން، رسول اللّه صلّى اللّه عليه وسلّم އެކަލޭގެފާނުގެ ޒަމާނުގެ ޖައްބާރު އަދި އަނިޔާވެރި ބާރުތަކާ ދިފާޢީގޮތުން ހަނގުރާމަ ކުރެއްވިއެވެ.

    ދެވަނަ ދައުރާމެދު އަޅުގަނޑުމެންނަށް އިރުޝާދު ލިބެނީ، ކައު ސާހިބާގެ ޙަދީޘްފުޅަކުންނެވެ. ޞަޙީޙު މުސްލިމުގެ (كتاب الفتن واشراط السّاعة) ގައި أبو هريرة رضى اللّه عنه ގެ އަރިހުން ރިވާވެފައިވެއެވެ. رسول اللّه صلّى اللّه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ފަހުޒަމާނުގައި އީމާންކަމުގެ އަހުލުވެރީންގެ ބަޔަކު ހަނގުރާމަ ކުރާނެއެވެ. ނަމަވެސް، އެބައިމީހުން ހަތިޔާރަކުން ހަނގުރާމައެއް ނުކުރާނެއެވެ. ދުންޏެއް ނުއުކާނެއެވެ. އެބައިމީހުން ހަމައެކަނި لاإله إلاّ اللّه واللّه أكبر މިފަދައިން ކިޔާނީއެވެ. އެހެން ކިޔުމުން، ކިއްލާތަކުގެ ފާރުތައް ވެރިގެން ހިނގައިދާނެއެވެ.

    (فلم يقاتلوا بسلاح ولم يرموا بسهم قالو لااله الا اللّه واللّه اكبر فيسقط احدجا نبيها – ثم يقولون الثّانية لااله الا اللّه واللّه اكبر فيسقط جا نبيها الا خر – ثم يقولون الثّالثة لااله الا اللّه واللّه اكبر فيفرج لهم فيد خلونها فيغنمون)

    މި ޙަދީޘްފުޅުން އެނގޭގޮތުގައި، ފަހުޒަމާނުގައި ދުނިޔޭގެ ޙާލަތަށް އަންނަ ބަދަލުތަކުން، ފިކުރާއި ނަޒަރިއްޔާތައް ހަތިޔާރުގެ ޤާއިމުމަޤާމު ކަމުގައި ވެގެންދާނެއެވެ. އެ ފިކުރީ ދައުރުގައި އިސްލާމްދީނުގެ ފިކުރީ ބާރާއި އެ ދީނުގެ ނަޒަރިއްޔާގެ ފުރިހަމަކަމާއިގެން ތެދުވުމުގެ އެކަށޭނަކަން، މުސްލިމުންނަށް ލިބިގެންދާނެއެވެ. ހަމައެކަނި އެ ބާރުތަކުގެ ޒަރީޢާއިން އެހެނިހެން ޤައުމުތަކުގެ މައްޗަށް މުސްލިމުން ފަތަޙަ ހޯދާނެއެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ