Print

ހަމަ އެކަނި ކަލާޔަށް!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާޅެން:

އާދަމް ނަޞީރު އިބްރާހީމް (2010)

އަހަންނަށް  ވަރަށް އަގުބޮޑު ފުރާނައެއް ލިބިގެންވޭ..
އެއީ އަހަރެންގެ ދިރި ހުރުމުގެ ސިއްރު...
ޙަޔާތުގެ އަސްލު..
އަހަރެން އެ ފުރާނަ ޤުރުބާން ކުރާކަށް ފަހެއް ނުޖެހޭނަން..
އެކަމަކު އަހަރެން އަހަރެންގެ މި  ފުރާނަ ޤުރުބާން ކުރާނީ...

ހަމަ އެކަނި ކަލާޔަށް!


އަހަންނަށް ވަރަށް އިޚްލާޞްތެރި ހިތެއް ލިބިގެންވޭ..
އެ ހިތް ފުރިގެންވަނީ ލޯތްބާ ކުލުނާއި އިޙްސާންތެރިކަމުން..
އަހަރެން އެ ހިތް ހަދިޔާކުރާކަށް ޖެހިލުމެއް ނުވާނަން...
އެ ކަމަކު އަހަރެން އަހަރެންގެ މި ހިތް ހަދިޔާ ކުރާނީ.....

ހަމަ އެކަނި ކަލާޔަށް!


އަހަންނަށް ވަރަށް ޖޯޝީ ވިންދުތަކެއް ލިބިގެންވޭ...
އެ ވިންދުތައް ލަވަކިޔަމުންދަނީ، ނަމޫނާ ބައިވެރިޔަކަށް އެ އަޑު އިއްވުމަށްޓަކާ..
އަހަރެން އެ ވިންދުތަކުގެ ލަވަ އިއްވައިދޭކަށް އުޒުރެއް ނުދައްކާނަން...
އެކަމަކު އަހަރެން އަހަރެންގެ ވިންދުތަކުގެ މި ލަވަ އިއްވައިދޭނީ...

ހަމަ އެކަނި ކަލާޔަށް!


އަހަންނަށް ލޮލުގެ ނޫރު ލިބިގެންވޭ...
އަހަރެން އެސްފިޔަ ޖަހަމުން ދުނިޔޭގެ މަންޒަރުތައް ބަލަން..
އަހަރެން އެ ލޮލުން އެސްފިޔަ ނުޖަހައި ބަލާކަށް ފޫއްސެއް ނުވާނަން..
އެކަމަކު އަހަރެން އަހަރެންގެ މި ދެ ލޮލުން އެސްފިޔަ ނުޖަހައި މުޅި އުމުރަށް ވެސް ބަލާނީ..

ހަމަ އެކަނި ކަލާޔަށް!


އަހަރެންނަށް ދުލުގެ ނިޢުމަތް ލިބިގެންވޭ...
އެ ދުލަށް ރީތި ބަސްތަކެއް ދަސްވެފައިވޭ...
އަހަރެން އެ ބަސްތަކުން ޅެމެއް ހަދާކަށް މާގިނަ ވަގުތެއް ހޭދައެއް ނުކުރާނަން..
އެކަމަކު އަހަރެން މިހާތަނަށް، އެހާރީތި ބަސްތަކުން މި ހާރީތި ލޯބީގެ ޅެމެއް މި ހެދީ...

ހަމަ އެކަނި ކަލާޔަށް!

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ