އަދުގެ ޚާއްސަ

Print

މާފޮޅުވި ޢިޝްޤީ އަންހެން ޖިންނިއެއްގެ ވާހަކަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


އައިމަނުލް ޔަމަނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



މިއީ 2008 ވަނަ އަހަރު އަޅުގަނޑުގެ ބޮޑުބޭބެއަށް ދިމާވި ކަމެއްގެ ވާހަކަ އެވެ. އޭނާ މަސައްކަތްކުރަމުން ގެންދިޔައީ ސުޢޫދީ ޢަރަބިއްޔާގެ ކޮފީޝޮޕެއްގަ އެވެ. އޭރު އޭނާގެ ޢުމުރަކީ، 29 އަހަރެވެ.

އެއްދުވަހަކު އަންހެން ޖިންނިއެއް އޭނާގެ ގާތަށް އައިސް ލޯބި ހުށަހެޅި އެވެ. އެ ޖިންނި ބޭނުންވީ އޭނާއާ އިނދެގެން ދިރިއުޅުމަށެވެ. ގަތްބިރުން އޭނާ އެކަމާ ދެކޮޅުހެދި އެވެ. ދެން އެ ޖިންނި އެކިއެކި ދުއްތުރާތައް އޭނާއަށް ކުރަން ފެށި އެވެ. އެގޮތުގައި ފާއިތުވެގެން ދިޔަ ކޮންމެ ދުވަހަކީ، އޭނާގެ ޞިއްޙަތު ދަށަށް ދިޔަ ދުވަހެއް ކަމުގައިވި އެވެ.

ބޮޑުބޭބެ ސިފަކޮށްދޭ ގޮތުގައި، އެ ޖިންނީގެ ސިފައަކީ އާދަމުގެ ދަރީންގެ ތެރެއިން ޒުވާން ރީތި އަންހެނެއްގެ ސިފަ އެވެ. ގައިގެ ކުލަ ދޮނެވެ. އިސްކޮޅުން ދިގެވެ. ލޯ ބޮޑެވެ. އެސްފިޔަތައް ދިގެވެ. ނަމަވެސް އެޖިންނީގެ ދެފައިތިލަ ދުވަހަކުވެސް ބިމުގައި ޖެހިފައި ވަނިކޮށް ނުފެނެ އެވެ. އަދި އެ ޖިންނީގެ ގައިން ދުވަނީ، މިދުނިޔޭގައިވާ އެހެން އެއްވެސް އެއްޗަކުން ނުދުވާ ކަހަލަ ވަހެކެވެ.

ބޮޑުބޭބެގެ ކުރިމައްޗަށް އެ ޖިންނި އަންނަނީ، އޭނާ އެކަނި ހުންނަ ވަގުތުތަކުގައި އެކަންޏެއް ނޫނެވެ. ނިދާކޮޓަރީގައި އޭނާ އޮންނައިރު އަންނަ ފަދައިން، މަސައްކަތްކުރާ ތަނުގައި ހުންނަ އިރު ވެސް އާދެ އެވެ. ނަމަވެސް ޖިންނި ފެންނަނީ ހަމައެކަނި ބޮޑުބޭބެއަށެވެ. އެހެން މީހުންނަކަށް ޖިންނިއެއް ނުފެނެ އެވެ.

ބޮޑުބޭބެއާއެކު ޖިންނި މާފޮޅުވަން ފެށިތާ ކުރީކޮޅުގައި މީހުން ހީކުރަނީ، އޭނާ ސަމާސާކުރަނީ ކަމަށެވެ. ނަމަވެސް އޭނާއަށް އަންނަންފެށި ބަދަލުތައް ފެނުމުން، އެއީ ސީރިއަސް ކަމެއްކަން މީހުންނަށް އެނގުނެވެ. ބޮޑުބޭބެ ގާތުގައި އެ ޖިންނި ބުނެފައިވަނީ، އެ ޖިންނިއާ އޭނާ ކާވެނި ނުކޮށްފިނަމަ، އޭނާ އަމިއްލައަށް ދަންޖައްސުވާނެ ކަމަށެވެ. ނުވަތަ އޭނާގެ މުޅި ޙަޔާތް ބަރުބާދުކޮށްލާނެ ކަމަށެވެ. އެއްފަހަރަކު، ޖިންނި ބޮޑުބޭބެ ކައިރިއަށް އައިސް އުޅެނިކޮށް ބޮޑުބޭބެއަށް ކުރެވުނު ކަމަކުން ޖިންނި ރުޅިއައެވެ. އެވަގުތު ކޮޓަރިތެރޭގައިވާ ހުރިހާ އެއްޗެއް އެފުށްމިފުށަށް ޖެހުނު ކަހަލަ އެވެ.

ބޮޑުބޭބެ ކައިރިއަށް ޖިންނި އައިސް މާފޮޅުވަން އުޅޭއިރު، ޖިންނި އޭނާގެ އަތުގައި ހިފާކަމަށްވެ އެވެ. އެނޫން އެހެން ގުޅުމެއް ނުހިންގަ އެވެ. އެގޮތުގައި ހައެއްކަ މަސްދުވަސް ފާއިތުވި އިރު، ބޮޑުބޭބެ ވަނީ ވަރަށް ބޮޑަށް ބަލިވެފަ އެވެ. ދެން ގާތްތިމާގެ މީހުން، ފަންޑިތަހަދާ ޝައިޚަކަށް އޭނާ ދެއްކި އެވެ. އެ ޝައިޚު އިރުޝާދުދެއްވީ އަވަހަށް މީހަކާ އިނުމަށެވެ. އޭރުން އެ ޖިންނި އޭނާއާ ދުރަށް ހިނގައިދާނެ ކަމަށެވެ.

ދެން ހަމަ އެހިނދުކޮޅުން ފެށިގެން ބޮޑުބޭބެ މީހަކާ އިނުމުގެ މަސައްކަތް ފެށި އެވެ. އޭނާ އިނީ، އޭނާއާ ތިމާގެ މީހެއްގެ އަންހެން ދަރިއަކާ އެވެ. އޭގެފަހުން ޖިންނި އުނދަގުލެއް ނުކުރެ އެވެ. މިހާރު އަޅުގަނޑުގެ ބޮޑުބޭބެ އަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. ޖިންނި އޭނާގެ ގާތަށް އައީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެ އެވެ. އެކަމާމެދު އޭނާވެސް ޙައިރާންވެ އެވެ.


މަޞްދަރު:
މައުޤިޢު މާވަރާއައްޠަބީޢާ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ