އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (5)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


26 މޭ (ބުދަ) އާ ގުޅޭ...

ބިންމާ އިބްރާހީމް ވަޙީދު

ބައިސްކަލުގެ ފުރޮޅު މިސާލަކަށް ނަގަމާ ހިނގާށެވެ. އެ ފުރޮޅުގައި، ރަނގަޅަށް ވައި ހުރެއްޖެ ނަމަ، ތިމާ ދާން ބޭނުންވާ މަންޒިލަށް، ފަސޭހަކަމާ އެކުގައި ގެންގޮސްދޭނެ އެވެ. އެހެންނަމަވެސް، ފުރޮޅުން ވައި ލީކުވާ ނަމަ، އިސާހިތަކު ފުރޮޅުން ވައި ހުސްވެ، އެ ހިސާބުން ދަތުރު ހުއްޓުމަކަށް އަންނާނެ އެވެ. ސިކުނޑި ވެސް މަސައްކަތް ކުރަނީ ދާދި އެއް ކަހަލަ ގޮތަކަށެވެ. ބޭކާރު ފިކުރުތަކުގެ ސަބަބުން، ތިމާގެ ގާބިލުކަމާއި އަދި ބުއްދީގެ ހަކަތަ ލީކު ކުރަންފަށައެވެ. އިސާހިތަކު ތިމާގެ ގައިން ބުންވަރާއި ޖޯޝު ހުސްކޮށްލަ އެވެ.

 ތިމާގެ އުފެއްދުންތެރިކަމާއި، ޔަގީންކަމާއި، އުންމީދު ހުލިކޮށްލަ އެވެ. ނަތީޖާއަކަށް ވަނީ، ހެޔޮވިސްނުމާއި އަދި ޒިންމާދާރުކަމާ ދުރަށް ތިމާ އޮޔާގެންދަން ފެށުމެވެ. ހަރުދަނާކަމުގެ އައްސޭރިއެއް ނުފެނުނު ތަނުގައި، އެ ފަދަ ފަރެއް ނުވަތަ ފިނޮޅެއް ވެސް، ތިމާގެ އަތްފޯރާފަށަށް ނައުމެވެ. މިހާރުގެ ބަހުރުވަޔަށް ބަދަލުކޮށްގެން ބުނާ ނަމަ، މުޅި ދުވަހު، ހައިޖާނުގަނޑެއްގެ ތެރޭގައި ދުއްވާލުމެވެ. ވަގުތުތައް ބޭކާރުވުމެވެ. ނުކުރެވޭ ވަރަށް ކަންތައް ރާވައި، އެއްވެސް ކަމެއް ރަނގަޅަށް ނިންމާނުލެވުމެވެ. އެއާއެކު، އެކަކުގެ ނަޒަރުގައި ވެސް ތިމާ އަކީ ހަރުދަނާ މީހަކަށް ނުވެވުމެވެ. އަދި، ޖިސްމާނީގޮތުން މާ ގިނަ ކަންތައްތަކެއް ތިމާ ނުކުރި ކަމުގައި ވިޔަސް، ވަރުބަލިވެ، ހަސްފަސް ވުމެވެ. ގެ އަށް ވަންނަ ގޮތަށް އެނދަށް ވެއްޓުމެވެ. ނުވަތަ އެނދާ ހަމައަށް ނުދެވި، ސޯފާގައި ނިދިޖެހިޖެހި އިނދެވުމެވެ.
   
އޭގެ ބަދަލުގައި، ތިމާގެ މަގުސަދަކީ ކޮބައިކަން އެނގި، ދުވަހުގެ ތާވަލު ރާވާލެވުމުން، ދިރިއުޅެން ފަސޭހަވާނެ އެވެ. ހިތްހަމަޖެހޭނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ބުރަ އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ. ކުރާ ހުރިހާ މަސައްކަތެއް ވެގެންދާނީ ތިމާ ޝައުގުވެރިވާ ކުޅިވަރެއް ކަހަލަ ކަމަކަށެވެ. އެ މަސައްކަތްކުރުމުން ތިމާގެ މުނިފޫހިފިލާނެ އެވެ. ހިތްހަމަޖެހޭނެ އެވެ. އަބަދު ވެސް ވިސްނަންވީ، ފެށުނީއްސުރެ ކަން އޮންނަ ގޮތަަކަށް ނޫނެވެ. ބައެއް ކަންތައްތަކަކީ، ހާލަތާ އެއްގޮތަށް ބަދަލުކުރަންޖެހޭ ކަންކަމެވެ. ކުރިން އެވެނި ގޮތަކަށް ކަންކުރަމުން އައުމަކީ، އަބަދު އެ ކަމެއް، ހަމަ އެ ގޮތަށް ކުރަންޖެހޭނެ ކަމަށް ދެއްކޭނެ ދަލީލެއް ނޫނެވެ.
   
ކަމެއް ކާމިޔާބުކުރެވޭނެ، އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތް ހުންނާނެ އެވެ. ފަރުބަދަ އަކަށް އެރޭނެ ކިތަންމެ މަގެއް އޮންނާނެ އެވެ. އާންމުކޮށް މީހުން ބޭނުންކުރާ މަގު ނޫން އެހެން މަގެއް ބޭނުން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ މަދުން ބޭނުން ކޮށްފައިވާ މަގުގެ އަޖުމަ ބަލާނުލާންވީ ކީއްވެ ހެއްޔެވެ؟ ހަމައެކަނި ގޮތް އެނގޭ މަގުތަކުން ދަތުރުކުރުމަކީ، ބައެއް މީހުން، އަބަދު ވެސް ކަން ކުރާ ގޮތެވެ. އެހެންކަމުގައިވާ ނަމަ، ތިމާ އަށް، އަބަދު ވެސް ކުރެވޭނީ އެއް ތަޖުރިބާއެކެވެ. ގޮތް އެނގޭ ސަރަހައްދުގައި ވައްބޮޅެއް އަޅައިގެން، އޭގެތެރޭގައި ތާށިވެފައި ނުހުންނާނެ އެވެ. ތާއަބަދު، އެ ބޮޅު ބޮޑުކުރަން މަސައްކަތްކުރާށެވެ. އަބަދު ވެސް މި ސުވާލު ކުރާށެވެ. މި އަށް ވުރެ ބޭރުގައި އޮތީ ކޯޗެއް ހެެއްޔެވެ؟ ތިމާގެ ގާބިލުކަން ހުރިވަރެއް އެނގޭނީ އޭރުންނެވެ. ހިތްވަރާއި، ކުޅަދާނަކަމާއި އަދި ބުއްދި ހުރި ވަރެއް އެނގޭނީ ވެސް އޭރުންނެވެ.
   
ބައެއް މީހުން ބުނެއެވެ. ރާވައި، ވިސްނައި، ތާވަލު ހަދާކަށް ތިމަންނަ އަކަށް ވަގުތެއް ނެތެވެ. މާ ބިޒީ އެވެ. އެ ބުނެވެނީ ކީކޭކަން އެނގޭ ހެއްޔެވެ؟ އެ ބުނެވެނީ، ސައިކަލު ދުއްވުމުގައި ތިމާ ބިޒީވެފައިވާ ވަރުން، ޕެޓްރޯލު އަޅަށް މަޑުކޮށްލަން ތިމާ އަށް ވަގުތެއް ނެތޭ އެވެ. ދެން ވާނީ ކިހިނެތްކަން، ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ. ވީމާ، ކުރިން ތިމާ ހޭނިފައި ނެތް ކަންތައްތަކެއް ރޭވުމުގެ ކުޅަދާނަކަން ސިކުނޑި އަށް ދޭނީ ކިހިނެތް ހެެއްޔެވެ؟ ކުރިން ނުނެރެވޭ ޚިޔާލުތަކެއް ސިކުނޑިން ނެރޭނީ ކިހިނެތް ހެއްޔެވެ؟
   
ބުއްދީގެ މައްޗަށް ތިމާގެ ބާރުފޯރުވަން ދަސްކުރުމުގެ ގޮތުން ކުރެވިދާނެ ކަމެއް ބުނެދޭނަމެވެ. މިއީ، ހަތަރު ހާސް އަހަރުވެފައިވާ އުކުޅެކެވެ. އެކާވީސް ދުވަހު އަހަރެން މި ކަން ކުރުމުން، ކުރިން ލިބިފައިނުވާ ހިތްވަރާއި ޖޯޝު އަހަރެންނަށް ލިބުނެވެ. މި އަށް ކިޔަނީ ފިނިފެންމަލުގެ ހިތެވެ. މި ކަމަށް ހަމައެކަނި ބޭނުންވާނީ، ތާޖާ ފިނިފެންމަލަކާއި ހަމަހިމޭން ތަނެކެވެ. އެންމެ ރަނގަޅުވާނީ ޤުދުރަތީ ތަނެކެވެ. ގަސްތަކެއްތެރެ ނުވަތަ މޫދުކައިރި އެވެ. އެކަމަކު، ހަމަހިމޭން ކޮޓަރިއެއް ވެސް ރަނގަޅުވާނެ އެވެ. މަލުގެ މެދަށް ބަލަހައްޓައިގެން އިނދެވޭތޯ މަސައްކަތްކުރާށެވެ. އެއީ މަލުގެ ހިތެވެ. ފިނިފެންމަލަކީ ދިރިއުޅުން ކަހަލަ އެއްޗެކެވެ. ތިމާގެ ދިރިއުޅުމުގައި ވެސް، ވަރަށް ގިނަ ކަށިތަކާ ދިމާވާނެ އެވެ. އެހެންނަމަވެސް، ހުވަފެން ޙަޤީޤަތަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮވެފައި، އިޢުތިޤާދު ވަރުގަދަ ކަމުގައި ވަނީ ނަަމަ، ކަށިތައް ގިރާކޮށްފައި ތިމާ އަށް ދަތުރުކުރެވޭނެ އެވެ. ކޮންމެއަކަސް، މަލަށް ބަލަހައްޓައިގެން އިންނާށެވެ. އޭގެ ކުލަ އަށް ވިސްނާށެވެ. އެ ރީތި ފިނިފެންމާ ފަރުމާކުރެވިފައިވާ ގޮތާއި، އޭގެ އޮމާންކަމާއި، ފިޔަތަކުގައިވާ ބަނޑިތަކަށް ވެސް ވިސްނާށެވެ. ދުވާ މީރު ވަހަށާއި، ހަމަ އެކަނި އެ މަލަށް ތިމާގެ ހުރިހާ ސަމާލުކަމެއް ހުސްކޮށްލާށެވެ. ފުރަތަަމަ ފަށައިގަންނައިރު، ތިމާގެ ފިކުރުތައް އެހެން ދިމަދިމާލަށް ވެސް ދާނެ އެވެ. ފިނިފެންމަލުގެ މެދަށް ބަލަހައްޓައިގެން އިންނަން އުނދަގޫވާނެ އެވެ. އޭގެ މާނަ އަކީ، ސިކުނޑި ރަނގަޅަށް ނުހޭނޭ ކަމެވެ. އެކަމަކު، ކަންބޮޑުނުވާށެވެ. ފަހުން ރަނގަޅުވާނެ އެވެ. ވީވަރަކުން، އެ މަލަށް އަލުން ސަމާލުކަން ދެވޭތޯ ބަލާށެވެ. ވަރަށް އަވަހަށް، ބުއްދި ވަރުގަދަވެ، ހަރުދަނާވާނެ އެވެ. މި ކަމަކީ، ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެކެވެ. ފުރަތަމަ ދުވަސްތަކުގައި، ފަސް މިނެޓު ވެސް، މި ތަމްރީނުގައި ހޭދަކޮށްލަން އުނދަގޫހެން ހީވާނެ އެވެ. ގިނަ މީހުންނަކީ ލައިނުގަނެގެން އުޅޭ މީހުންނެވެ. އެހެންކަމުން، ހަމަހިމޭނުން ތަނެއްގައި އިނުމަކީ، ކުރަން އުނދަގޫ އަދި ބީރައްޓެހި ކަމެކެވެ. ބައެއް މީހުން ބުނާނެ އެވެ. ދެން މަލަކަށް ބަލަހައްޓައިގެން އިންނާކަށް ތިމަންނަ އަކަށް ވަގުތެއް ނޯވެއެވެ. މިއީ، ހުސްފައިގައި، ރާޅުޖަހާ ފަށުގައި ހިނގާލަން ވެސް ވަގުތެއް ނެތޭ ބުނާ މީހުންނެވެ. ވާރެޔާ ތެމިލަން ނުވަތަ ދަރިފުޅާ އެކުގައި ކުޅެލަން ވެސް އެ މީހުންނަކަށް ވަގުތެއް ނޯންނާނެ އެވެ. އެއީ "އަބަދު ވެސް" ބިޒީ މީހުންނެވެ. އެކުވެރިކަމެއް ބިނާކުރުމާއި، ވައިޖައްސާލަން އިށީނދެލައިގެން އިނުމާއި، އިރުއަރައި ނުވަތަ އޮއްސޭތަން ބަލާލާކަށް ވެސް އެ ފަދަ މީހުންނަށް ވަގުތެއް ނޯންނާނެ އެވެ. އަހަންނަކީ ވެސް، ކުރިން އެ ފަދަ މީހަކީމެވެ.
   
ހަފުތާ ނުވަތަ ދެހަފުތާ ފަހުން، ސަމާލުކަން އެހެން ދިމާލަކަށް އަނބުރާނުލައި، ވިއްސަކަށް މިނެޓު ވަންދެން ފިނިފެންމަލަށް ބަލަހައްޓައިގެން އިނދެވޭނެ އެވެ. އެއީ، ތިމާގެ ކޮންޓްރޯލުގެ ދަށަށް ސިކުނޑީގެ ކިއްލާ އެބަ އަންނަކަން ދޭހަކޮށްދޭ ފުރަތަމަ ހެތްކެވެ. ފަހުން، ސިކުނޑި އަކީ، ތިމާ އެ ވަގުތަކު ބޭނުންވާ ދިމާލަކަށް ސަމާލުކަން އަނބުރާލެވޭ އެއްޗަކަށް ވެގެންދާނެ އެވެ. ނަތީޖާއެއްގެ ގޮތުން، އަންތަރީސްވާ ފަދަ ކަންތައްތައް ތިމާ އަށް ކޮށްދޭ އެކުވެރިއެއް ކަމުގައި ސިކުނޑި ވާނެ އެވެ. އަބަދު ވެސް ހަނދާންބަހައްޓާށެވެ. ތިމާ ސިކުނޑި ކޮންޓްރޯލު ކުރާށެވެ. ނޫން ނަމަ، ތިމާގެ ކޮންޓްރޯލު ސިކުނޑި އަތުލާނެ އެވެ.
  
 އެ ފަދަ ހުނަރެއް ތިމާ އަށް ލިބުމުން، ތިމާގެ ހިތަށް ހަމަޖެހުން ލިބޭނެ އެވެ. ފިކުރުތަކުން ސަލާމަތްވާން ދަސްވާނެ އެވެ. ކިތަންމެ ބިޒީ ވިޔަސް، ކިތަންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވިޔަސް، ފިނިފެންމަލުގެ ހިތާ ބައްދަލުކުރަން އަންނަންވާނެ އެވެ. ތިމާގެ އައްސޭރި އަކީ އެއީ އެވެ. ހިތްހަމަޖެހުމަކީ އެއީ އެވެ. އުފަލަކީ ވެސް އެއީ އެވެ. ފިނިފެންމަލަކަށް ބަލަހައްޓައިގެން އިނުމުގެ ބަދަލުގައި، ކޮންމެ ވެސް ހަމަހިމޭން ތަނެއްގައި އިށީދެގެންއިނދެ، ވަކި ދިމާލަކަށް ބަލަހައްޓައިގެން އިނަސް ނުކުންނާނީ އެއް ނަތީޖާއެކެވެ. ހަމަހިމޭންކަމާއިއެކު ހަނުހުރުމުގައި ބާރުތަކެއް ވާކަން ހަނދާންނައްތާނުލާށެވެ. އަމާޒަކަށްވާންވީ، ފުރުޞަތުތަކާއި ތަނަވަސްކަމުން ފުރިގެންވާ ދިރިއުޅުމެއް އުޅުމަށް، ތިމާ އަށް ލިބިފައިވާ ޤާބިލުކަމަށް މަގު ފަހިކުރުމަށް ސިކުނޑި ހުޅުވާލުމަށެވެ.
   
ދިރިއުޅުން ހުލިކޮށްލާ ކަހަލަ ނުފޫޒުގަދަ، ނުރަނގަޅު ފިކުރުތަކުން ތިމާ ދުރުވުމަށްޓަކައި ފަރިތަކުރެވިދާނެ ދެވަނަ ތަމްރީނަށް ކިޔަނީ "އިދިކޮޅު ވިސްނުމެވެ". ސިކުނޑި އަކީ، އަބަދު ވެސް، ފަހަރަކު ވިސްނުމެއް ގެންގުޅޭ ގުނަވަނެކެވެ. މި ސިއްރުގެ އެހީގައި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ކޮންމެ މީހަކަށް ވެސް، އުފެއްދުންތެރި އަދި ބިނާކުރަނިވި ފިކުރެއް އުފެއްދިދާނެ އެވެ. އަހަންނަށް އެ ކަން ކުރެވެއެވެ. އެހެން މީހަކަށް ނުކުރެވެންވީ ސަބަބެއް ނެތެވެ. މި ކަން ކުރެވިދާނެ ސާދާ ގޮތެއް ބުނެދޭނަމެވެ. ކަމުނުދާ ނުވަތަ މާނައެއް ނެތް ފިކުރެއް ތިމާގެ ސިކުނޑި އަށް ވެރިވުމާއެކު، ވަގުތުން، ކަމުދާ ފިކުރަކާ ބަދަލުކޮށްލާށެވެ. ތިމާގެ ސިކުނޑި އަކީ، އެ އަށް ވެރިވާ ހުރިހާ ފިކުރެއް ސްކްރީނަކުން ފެންނަގޮތަށް ހެދިފައިވާ، ސްލައިޑު ލައްވާ ބޮޑު ޕްރޮޖެކްޓަރެކޭ ހީކޮށްލާށެވެ. ކަމުނުދާ ސްލައިޑެއް ސްކްރީނުން ފެންނައިރަށް، ކުއްލިއަކަށް އެ ސްލައިޑް ދަމައިގެންފައި، ކަމުދާ ސްލައިޑެއް ލައްވާށެވެ. ކަމަށް ފަރިތަވާން ފެށުމުން، މިއީ ސިކުންތަކަށް ވުރެ އަވަހަށް ކުރެވިދާނެ ކަމެކެވެ. އާދަވުމުން، ތިމާ އަށް ނުވެސް އެނގި އެ މަސައްކަތް ދާނީ ކުރެވެމުންނެވެ. ނޭވާލާކަން އެނގޭ ހެއްޔެވެ؟ އެސްފިޔަޖަހާކަން އެނގޭ ހެއްޔެވެ؟ ހަށިގަނޑު ކޮންމެ ގުނަވަނެއް ހަރަކާތްކުރަނީ ސިކުނޑިން ހުއްދަނަގައިގެންކަން އެނގޭ ހެއްޔެވެ؟
   
އެހެން މިސާލެއް ބުނެދޭނަމެވެ. އޮފީހުގައި ނުވަތަ ސްކޫލުގައި ދިމާވި ކަމަކުން ތިމާގެ "ބޯ ގޮވީ" އެވެ. ފޫހިވެ، ހިތްހަމަނުޖެހި، ރުޅިގަދަވީ އެވެ. ގެ އަށް އައިސް ސޯފާގައި އިށީނީ އެވެ. ނުވަތަ އެނދުގައި އޮށޯތީ އެވެ. ނިތްކުރިމަތީގައި އަތް ބާއްވާލީ އެވެ. އެއްޗެއް ކާކަށް ބޭނުމެއް ނޫނެވެ. މީހަކާ ވާހަކަދައްކާކަށް ވެސް ބޭނުމެއް ނޫނެވެ. ސިކުނޑީގައި ވަނީ އަލިފާންރޯވެފަ އެވެ.
   
އެ ވަގުތު، އަޅަންވީ އެންމެ ފުރަތަމަ ފިޔަވަޅަކީ، ތިމާ އެ ވަގުތު ކުރަމުން އެ ދަނީ، ބިނާކުރަނިވި ފިކުރެއް ނޫންކަން ވިސްނުމެވެ. ހަމަ އެހެންމެ، ތިމާ އެ ވަނީ، ބިނާކުރަނިވި ފިކުރެއް ކުރެވޭ ކަހަލަ ހާލަތެއްގައި ނޫންކަން ވެސް ވިސްނުމެވެ. ހިތްހަމަނުޖެހިގެން، ބަނޑުހައިހޫނުކަން އިހުސާސްކުރަމުން، ރަނގަޅު މިސްރާބަކަށް ބުއްދި ގެންދާނީ ކިހިނެތް ހެއްޔެވެ؟  
   
އަޅަންވީ ދެވަނަ ފިޔަވަޅަކީ، އެ ނުރަނގަޅު ފިކުރުތައް ތިމާގެ ސިކުނޑި އަށް ވެއްދިހާ ފަސޭހައިން، ރަނގަޅު ފިކުރުތަކެއް ވެސް ސިކުނޑި އަށް ވެއްދިދާނެކަން ގަބޫލުކުރުމެވެ. އެކަތިއަނެކައްޗާ ބަދަލުކުރެވޭނެކަން ވެސް ގަބޫލުކުރުމެވެ. ވީމާ، އަލިފާނުގެ "އިދިކޮޅު ވިސްނުން" ކޮބާހެއްޔެވެ؟ އެއީ ފެނެވެ. ހިތްވަރުކޮށްފައި ފެންވަރާލާށެވެ. ނުވަތަ ގުނަވަންތަކުގައި ފެންޖައްސާލިޔަސް ފުދޭނެ އެވެ. ހައިހޫނުކަމުން އަރާ އުދާސްތައް މައިތިރިކުރުމަށްޓަކައި، ކޮންމެވެސް ނާސްތާއެއް ކޮށްލާށެވެ. ސިކުނޑީގައި އުފެދިފައިވަނީ ނަފުރަތު ކަމަށް ވަންޏާ، ނަފުރަތުގެ "އިދިކޮޅު ވިސްނުން" ކޮބާހެއްޔެވެ؟ އެއީ ލޯތްބެވެ. ލޯބިވެރިޔާ އަށް ގުޅާލާށެވެ. ލޯބިވެރިޔާގެ ފޮޓޯއެއް ބަލައިލާށެވެ. ލޯބިކުރާ ވައްތަރެއްގެ މިޔުޒިކެއް އަހާލާށެވެ. ހީވެސް ނުކުރާހާ އަވަހަށް ތިމާގެ ސިކުނޑި ތިމާގެ ކޮންޓްރޯލުގެ ދަށަށް އަންނަކަން އިހުސާސްކުރެވޭނެ އެވެ. އުފަލެއް ލިބުމުން ތިމާގެ ކިތައް ގުނަވަން އެ ކަން ފާހަގަކުރޭ ހެއްޔެވެ؟ އޭގެ ސަބަބުން އެ އުފާ ދެ ގުނަ އަށް އިތުރުނުވޭ ހެއްޔެވެ؟ ހަމަ އެ ގޮތަށް، ހިތާމަވެރި ފިކުރަކުން ސަލާމަތްވާން ބޭނުން ނަމަ، ހިތާމައިގެ "އިދިކޮޅު ވިސްނުން" ވިސްނާށެވެ. އެއީ އުފަލެވެ.
   
ހިތާމައެއް ކުރިމަތިވުމުން ތިމާގެ ހަށިގަނޑަށް ގެއްލުންދީގެން އެ ހިތާމަތަކަށް ލުޔެއް ލިބޭނެކަމަށް ހީނުކުރާށެވެ. މިސާލަކަށް، ފިލާވަޅެއް ދަސްކުރަން އެންމެ ފަސޭހައީ ކިހިނެތް ހެއްޔެވެ؟ ޖަވާބަކީ، ވީހާ ވެސް ގިނަ ގުނަވަނެއް ނުވަތަ އިހުސާސެއް ބޭނުންކުރުމެވެ. ލިޔެފައިވާ ފިލާވަޅެއް ހަމައެކަނި ބަލާލުމުގެ ބަދަލުގައި، ދުލުން ކިޔާށެވެ. ގްރޫޕު ސްޓަޑީ ހަދައިގެން، އެ ފިލާވަޅާ ބެހޭގޮތުން ވާހަކަދައްކާށެވެ. އެ ގޮތަށް ކަންތައް ކުރުމުން، ހަމަ އެކަނި ލޮލުގެ ބަދަލުގައި، ދުލާއި، ކަންފަތާއި، އަތްފައިން ވެސް އެ ހަނދާން ރައްކާކުރެ އެވެ. އެ ހަނދާން ގަދަވާނެ އެވެ. ހިތާމައެއް ލިބޭ ވަގުތު، އުފާވެރި ޚިޔާލުތަކެއް ސިކުނޑި އަށް ގެންނަން ބޭނުން ވިޔަސް، ކުރިން ބުނި އުކުޅުގެ ބޭނުން ހިފާާށެވެ. ސިކުނޑިން އުފާވެރި ކަމެއް ވިސްނުމުގެ ބަދަލުގައި، ވީހާ ވެސް ގިނަ ގުނަވަނެއް ބައިވެރިކުރާށެވެ. ރީތި މަންޒަރެއް ބަލައިލައިގެން ލޮލުން އުފާކުރާށެވެ. މިޔުޒިކެއް އަޑުއަހައިގެން ކަންފަތުން އުފާކުރާށެވެ. ނުވަތަ މީހަކާ ވާހަކަދައްކައިގެން، ތުންފަތަށް ހިނިތުންވުމެއް ގެނުވާށެވެ. ހިނގާލަން ގޮސްގެން ދެފައިން އެ އިހުސާސްކުރުވާށެވެ. ތާޒާ ވައިރޯޅިން މުޅި ހަށިގަނޑަށާއި ނޭވައަށް އުފާވެރިކަން ގެނުވާށެވެ. އިށީނދެގެން އިނދެގެން، ފުންކޮށް ނޭވާލަމުން، ސިކުނޑި އަށް "ވިސްނައިދޭން" މަސައްކަތް ކުރާށެވެ. އިސާހިތަކު ތިމާ އަށް ތަފާތުތަކެއް ފެންނަންފަށާނެ އެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ، "އިދިކޮޅު ވިސްނުން" ފަރިތަކޮށް، ކޮންމެ ނުރަނގަޅު ވިސްނުމަކަށް ތިމާ ބާރަފޯރުވައި، އެ ވިސްނުން ރަނގަޅުކުރަން ފެށުމުން، ނުރަނގަޅު ވިސްނުމުން ތިމާ އަށް އަސަރު ނުކުރަންފަށާ ކަމެވެ.
   
ފިކުރަކީ ތިމާގެ ހަކަތައިން ބައެކެވެ. ކަނޑުގައި ދަތުރެއް ކޮށްފައިދާ ނަމަ، އެ ކަނޑުން ބައެކެވެ. މަގެއްގައި ހިނގާފައިދާ ނަމަ، އެ މަގުން ބައެކެވެ. އެހެންކަމުން، ބުއްދީގެ ފޭރާން ހެޔޮކުރުމުން ތިމާގެ ދިރިއުޅުމުގެ ފޭރާން ހެޔޮވެއެވެ. ބަލިކަށި ސިކުނޑީގެ އަހުލުވެރިން ނިންމާނީ ބަލިކަށި ނިންމުންތަކެވެ. އެންމެ ފުރިހަމަ ގޮތުގައި ދިރިއުޅެން ބޭނުން ނަމަ، ތިމާގެ މިލްކިއްޔާތުގައިވާ އެންމެ އަގުބޮޑު ރައުސުލްމާލަށް ރައްކާތެރިވާ ފަދައިން ތިމާގެ ފިކުރާ މެދު ރައްކާތެރިވާށެވެ. އެހެން މީހުންނަށް ދޭ ޚިޔާލުތަކާމެދު ޒިންމާދާރުވާށެވެ.
   
"މޫދުގެ ސިއްރު" ކިޔާ އުކުޅެއްގެ ވާހަކަ އަޑުއަހަން ހެއްޔެވެ؟ މި އުކުޅު ބޭނުންކުރުމަށްޓަކައި، ފަތިހު ހަތަރެއް ޖަހާއިރު ތެދުވަންވާނެ އެވެ. އެ ވަގުތަކީ، ފައިދާކުރަނިވި ބާރުތަކެއް އެކުލެވޭ ވަގުތެކެވެ. ހަމަހިމޭންކަމެވެ. އާ ފެށުމެކެވެ. ތާޒާ އަދި ސާފު ވައިރޯޅި އެވެ. ގަސްގަހާގެހި ފެންނަ ހިސާބެއްގައި ނުވަތަ މޫދު ފެންނަ ހިސާބުގައި ހިނގާލަންދާށެވެ. ދުވަހާ ކުރިމަތިލުމުގެ ކުރިން ލުއި ކަސްރަތެއް ވެސް ލިބޭނެ އެވެ. ފަތިހަށް ފޮޅޭ މާތައް ފެންނަ ކަހަަލަ މާޙައުލެއްގައި އުޅޭ ނަމަ، އިރުއަރާ މަންޒަރު ފެންނާނެ ނަމަ، އެ ފުރުޞަތުތަކުގެ ބޭނުން ވެސް ހިފާށެވެ. އޭރުން، އެ ދުވަހު ތިމާގެ ސިކުނޑި ވަރަށް ތާޒާވާނެ އެވެ. ފެން އޮހޭ އަޑާއި، ރާޅުޖަހާ އަޑަކީ ހިތްގައިމު އަޑެކެވެ.
   
ސިކުނޑި އަކީ، ދިރިއުޅުމުގައި ތިމާ ޝައުގުވެރިވާ ކަންކަން ތިމާ އަށް ހޯދައިދިނުމުގެ ދަމާބާރެއް އެކުލެވޭ ގުނަވަނެކެވެ. ދިރިއުޅުމުގައި ތިމާ އަށް ކަމެއް އުނިވާ ނަމަ، އެއީ ސިކުނޑު ނުވަތަ ބުއްދީގަ ހުރި އުނިކަމެއްގެ ނަތީޖާ އެވެ. ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތަސައްވުރު ސިކުނޑީގައި ކުރަހާލާށެވެ. ކަމުނުދާ އެންމެ ފިކުރަކީ ވެސް ޒަހަރެކެވެ. މި އުކުޅުތަކުގެ ސަބަބުން ތިމާ އަށް މަންފާކުރަން ފެށުމުން، ތިމާ އަކީ ކިހާ ގާބިލު މީހެއްކަން ވިސްނޭނެ އެވެ. ކަމެއް ހާސިލުކުރަން ބޭނުންވުމުން، ވެވޭ އެންމެ ބޮޑަކަށް ގަޔާވެގެން، ސަމާލުކަމާއެކު އެ ކަމަކާ ކުރިމަތިލާށެވެ. އެއް ފަހަރާ އެތައް މުށިގަނޑެއް ބިންދާލާ މީހާ، އެންމެ ފުރަތަމަ ތައްޔާރުކުރާނީ އޭނަގެ ސިކުނޑި އެވެ. އުޅޮނބޮށިން ޖަހާނީ އެ އަށް ފަހުގަ އެވެ. އުސް ފުންމުމާއި ދިގު ފުންމުން ފުންމާ މީހާ ވެސް، ފުރަތަމަ ތައްޔާރުކުރާނީ އޭނަގެ ސިކުނޑި އެވެ. ދުއްވައިގަންނާނީ އެ އަށް ފަހުގަ އެވެ.
   
ކޮންމެ މީހަކީ ވަކި ފަރުދެކެވެ. އެންމެންގެ ބޭނުންތައް އެއް ގޮތެއް ނުވާނެ އެވެ. ދުނިޔޭގެ އެންމެން ދަތުރުކުރާނީ އެއް މިސްރާބަކަށް ވެސް ނޫނެވެ. ތިމާ އަށް ވަރަށް ގަޔާވާ ކުރިކެޓަކީ، އަނެކާ ވަރަށް ފޫހިވާ ކުޅިވަރަކަށް ވެދާނެ އެވެ. ވީމާ، ކުރިކެޓު ދަސްކުރަން ތިމާ ހޭދަކުރާ ވަގުތު، އަނެކާ ހޭދަކުރާނީ ކޮންމެވެސް އެހެން ކަމެއްގަ އެވެ. ހަމަ އެހެންމެ، އޮފީހަށް މިއަދު ތިމާ ދާނީ ހިނގާލާފައޭ، އޭރުން ކަސްރަތުލިބޭނޭ ތިމާ ހީކުރާއިރު، އަނެކާގެ ކަންނެތްކަމުން އޭނަ ސައިކަލުގެ ބަދަލުގައި ޓެކްސީއެއްގައި ވެސް ހިނގައިދާނެ އެވެ. އޭނަ ޓެކްސީގައި ދިޔަކަސް، ތިމާ ކޮންމެހެން ޓެކްސީގައި ދާކަށް ނުޖެހޭނެ އެވެ. ތިމާ ކަން ކުރާނީ ތިމާގެ ބޭނުންތަކަށް މަގުފަހިވާ ގޮތަށެވެ. އަނެކާ ކުރާ ގޮތަކަށް ނޫނެވެ. ދީނާއި ޤާނޫނޫ އެ ކަމަށް ހުއްދަކުރަންޏާ ނިމުނީ އެވެ. އެހެން މީހުން ބުނާ އެއްޗަކަށް ބަލާނެކަމެއް ނެތެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ