އަދުގެ ޚާއްސަ

Print

ހަޔާތުގެ ދެސަފްޙާ

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


އިބްރާހީމް ނަޢީމު

ގިޓާ ކޮނޑުގައި އަޅުވާލުމަށްފަހު އެއްވެފައިވާ މީހުންތަކާ ދިމާޔަށް އަތް ހޫރުވާލީމެވެ. މުޅި ފަޒާ ގުގުމައިގެން ދާވަރަށް އެންމެންތައް ހަޅޭއްލަވައިގަތެވެ. ޒުވާން އަންހެންކުދިންތައް  އަހަންނާ ދިމާޔަށް އުފުރަ އުފުރައިގެން އަންނަހެން ވެސް ހީވެ އެވެ. އިނގިލިތަކުން ނަރުތަކުގައި ކޮއްޓާލުމާއެކު އަނެއްކާވެސް މުޅިތަން ފަޅައިދެން ދިޔަ އެވެ. އަހަރެންގެ ސަޕޯޓަރުން އެހާވެސް ގިނަ އެވެ. އަހަރެންގެ އިނގިލި ކުރީގެ ކުޑަކުޑަ އިޝާރާތަަކަށް ވެސް މުޅިތަން ކައްކާލަ އެވެ. ޚާއްޞަކޮށް ޒުވާން އަންހެންކުދިންގެ ސަޕޯޓު އޮހެނީ އެވެ. ބައެއް ފަހަރު އެ ކުދިން އުޅޭގޮތުން އަހަރެން ރޮލާ ކައިފާނެހެން ވެސް ހީވެ އެވެ. ޝޯ ރަގަޅަށް ވައިގައި ނުހިފަނީސް ވަރަށް ގަދައަށް ވާރޭ ވެހެން ފަށައިފި އެވެ. ވިދާ ގުގުރަން ވެސް ފަށައިފި އެވެ. ދެން ޖެހުނީ ޝޯ މެދުކަނޑާލާށެވެ. ދެންއެރޭ ޝޯ ކުރިއަށް ގެންދެވޭގޮތެއް ނުވި އެވެ.

އޭގެ ދުވަސްކޮޅެއްފަހުން، މާލޭގެ ދެ ޖިންސުގެ ޒުވާނުން އެކުވެގެން ވަރަށް ވަރުގަދަ ޕިކުނިކް ދަތުރެއް ރޭވި އެވެ. އަހަރެން ވެސް ރައްޓެހި ގްރޫޕަކާއެކު އެދަތުރުގައި ބައިވެރިވުމުގެ ތައްޔާރީތައް ފެށީމެވެ. ދެޖިންސުގެ ޒުވާނުން ދަތުރުރޭވުމުގައި ހެލިފެލިވެ އުޅޭގޮތުން މި ދަތުރު "މަޖާ" ވާނެކަން ޔަގީންވި އެވެ. ދަތުރުގެ ޕްރޮގްރާމް ރޭވިފައި އޮތްގޮތުން ދެ ޖިންސުގެ ޒުވާނުން މަސްހުނިވެގެން ކުޅެވޭގޮތަށް ރާވާފައިވާ ކުޅިވަރުތައް ގިނަކަން ވެސް ފާހަގަ ކުރެވުނެވެ. ދަތުރުގެ ޓިކެޓް ވިއްކުމުގައި ވެސް "ކަޕްލްސް" އަށް ޚާއްޞަ ޑިސްކައުންޓެއް އޮވެ އެވެ. ޒުވާން ފިރިހެނަކާއި ޒުވާން އަންހެނަކު އެކުގައި ޓިކެޓް ގަންނަން ދިއުމުން ބަލަނީ އެއީ ކަޕްލްސް ގެ ގޮތުގަ އެވެ. ކޮންމެއަކަސް ފުރަން އޮތްދުވަހު ވަރަށް ފަތިހު މަންމަ ކުއްލިއަކަށް ވަރަށްބަލިވެގެން އަހަރެންނަށް އެ ދަތުރު ދެވޭގޮތެއް ނުވި އެވެ. އެ ދުވަހު ހަތަރު ދަމު އުޅެންޖެހުނީ ހޮސްޕިޓަލުގަ އެވެ.

ދެންއައީ ބޮޑުޢީދެވެ. އަހަރެމެންގެ ގުރޫޕު ދިޔައީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީގައި ޝޯ ބާއްވަން އޮތްރޭ  އަހަރެން ކުއްލިއަކަށް ބަނޑުގައިރިއްސައި ހޮޑުލަވާން ފައްޓައިފި އެވެ. ގަދައަށް ހުންވެސް އަތުވައްޖެ އެވެ. މާބޮޑަށް ވަރުދެރަވެގެން ހޮސްޕިޓަލުގައި ބާއްވައިފިއެވެ. ވަރަށް ގިނަމީހުން އަހަރެންގެ ހާލު ބަލަން ހޮސްޕިޓަލަށް އަ އެވެ. ދެދުވަހު އެތާ އޮތުމަށްފަހު ކުޑަކޮށް ރަނގަޅުވެލުމުން ދެންދިޔައީ ދިއްދުއަށެވެ. އެ ރަށުގެ ސްޓޭޖް ވަރަށް ފުރިހަމަ އެވެ. އެ ދުވަހު މެންދުރުފަހު ޝޯއަށް ތައްޔާރުވުމުގެ ގޮތުން ސައުންޑު ޓެސްޓު ކުރަން އުޅުމުގެ ތެރޭގައި، އަހަރެންގެ ފައިމައްޗަށް ދަގަނދު ހަރުގަނޑެއް ވެއްޓި ވަރަށް ބޮޑަށް ތަދުވެއްޖެ އެވެ. ފައިގައި މާގަދައަށް ރިއްސާތީވެ، ހަވީރު އަހަރެން ކުޅުދުއްފުއްޓަށް ގެންގޮސްފި އެވެ. އެ ރޭ ވެސް ޝޯގައި ބައިވެރި ވެވޭގޮތެއް ނުވި އެވެ. ޢީދުގެ އެއްވެސް "އުފަލެއް"ގައި ބައިވެރިވެވޭގޮތް ނުވެވި، އަހަރެން މާލެ އައީ އެވެ.

ދެން ދިމާވީ އަހަރެންގެ ދިރިއުޅުން އަނެއްފުށަށް ޖަހާލި ހާދިސާއާ އެވެ. މަސްތުވާ ތަކެތީގެ މައްސަލައެއްގައި އަހަރެން ޖަލަށް ދާންޖެހުނެވެ. ނަމަވެސް އަހަރެން މަސްތުވާ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރަމެވެ. އެ ކަހަލަ ވިޔަފާރިއެއް ވެސް ނުކުރަމެވެ.  ހަގީގަތުގައި އެކަން ނުކުރެވި އެއޮތީ އަހަރެންގެ ހެޔޮލަފާކަމަކުން ނޫނެވެ. އެ ކަހަލަ ފުރުސަތެއް ފަހިވެފައި ނެތީމަ އެވެ. މި ދުނިޔޭގައި އުޅޭ އިރު، ނުކުރާ ކުށަކަށް ވެސް އަދަބެއް ލިބިދާނެ އެވެ. އަހަރެން ކުރި އެތަށް ކުށަކަށް އަދަބު ނުލިބިވެސް އެބަހުއްޓެވެ. ބައެއްފަހަރު ހީލަތްތެރި ރޭވުމަކުން އެކަމުން ރެކިގަންނަނީ އެވެ. އަނެއްބައި ފަހަރު ބަޔަކަށް ރިޝްވަތު ދީގެން އަހަރެން އެ ފަދަ ކުށެއްނުކުރާކަމަށް އެއްބަސް ކުރުވަނީ އެވެ. މީހަކު އަތުން ދަރަންޏަަށް ފައިސާ ނެގިއަސް ނަގަނީ އަނބުރާ ނުދެއްކުމަށް އަޒުމް ކަނޑައަޅާފަ އެވެ. ވިޔަފާރިއެއް ކުރިޔަސް ކުރަނީ ކޮންމެވެސް މަކަރުވެރި ރޭވުމެއްގެ ތެރެއިންނެވެ. ނަމަވެސް މި ފަހަރު މިއޮތީ ޖަލަށް ދާން ޖެހިފަ އެވެ.

ޖަލުގެ މާހައުލަކީ ކިހާ ފޫހިތަނެއްކަން އެނގޭނީ ދިރިއުޅުމުގެ އުންމީދެއް ހުރި މީހުންގެ ތެރެއިން އެ ތަނަށް ދެވުނު މީހަކަށެވެ. ދިރިއުޅުމުގެ އެއްވެސް އުންމީދެއް، ޚިޔާލެއް ފިކުރެއް ނެތް މީހަކަށް ޖަލެކޭ މަގުމައްޗެކޭ ވަކި ތަފާތެއް ނެތެވެ. އަހަރެންނަކީ އެއް އިރެއްގައި ވެސް ދީނީ ކަންތައްތަކަށް ފަރުވާތެރިވުމުގެ އާދަ ހުރި މީހެއްނޫނެވެ. ނަމަވެސް ޖަލުގައި ހޭދަކުރި ދުވަސްކޮޅު ކޮންމެ ވެސް ވަރަކަށް ޤުރުއާން ކިޔަވަން ދަސްކުރީމެވެ. ޖަލުގެ އެކަނިވެރި މާހައުލުގައި ހުރެ ވަރަށް ގިނަކަންތައްތަކާ ވިސްނަން ޖެހުނެވެ. ވަރަށްގިނަ ޚިޔާލުތައް ވެސް ކުރެވުނެވެ.

ބަރާބަރު ހަ މަސް ފަހުން އަހަރެން ޖަލުން ސަލާމަތްވި އެވެ. ނަމަވެސް އަހަރެންގެ ކުރީގެ ދިރިއުޅުމަށް އެނބުރި ދާކަށް ބޭނުމެއްނުވި އެވެ. އަހަރެންގެ ހަޔާތުގައި ކޮންމެ ވެސް ކަމެއް ވަރަށްބޮޑަށް އުނިވެފައިވާކަމުގެ އިޙުސާސް އަހަރެންނަށް ކުރެވެން ފެށި އެވެ. ކުރިން އަހަރެންނަށް ނީވޭކަމަށް ހެދި ކިތަންމެ އަޑެއް އިވެން ފެށި އެވެ. ކުރިން ނުފެންނަ މަންޒަރުތައް ވެސް ފެންނަން ފެށި އެވެ. ކަންކަން މަތީގައި އޮންނަ ގްރޫޕްތަކުގެ ބަދަލުގައި އެކި ހިސާބު ހިސާބުގައި ހުންނަ މިސްކިތްތައް އަހަރެންގެ ރާޑަރަށް އަރަން ފެށިއެވެ. ފޯރިގަދަ ޝޯތަކުގެ ބަދަލުގައި ދީނީ ދަރުސްތަކަށް އިސްކަން ދޭންފެށުނެވެ. ތަފާތު ފެޝަން މަޖައްލާތަކާއި، ނިވާކަން ކުޑަ ފޮޓޯ ހުންނަ މެގަޒިން ތަކަށް ދެމުން އައި ސަމާލުކަން އެހެން ފަރާތަކަށް ދީލާލެވުނެވެ. ދީނީ ފޮތްތަކާއި މަޒްމޫނުތައް ކިޔާހިތްވާފެށިއެވެ. މުޖްތަމައުގައި އުޅޭ ނިކަމެތިންގެ ހާލާމެދު ހަމްދަރުދީ ވެވެން ފެށިއެވެ. ފަތިސްނަމާދު ބަންގީގެ އަޑަށް ހޭލެވެން ފެށިއެވެ.  ފުރަތަމަ ފަހަރަށް އަހަރެންގެ ހަޔާތުގައި ފަތިސްނަމާދުގެ ޖަމާއަތަކަށް ހާޒިރުވީމެވެ. އަހަރެންގެ ނަފްސު ތާހިރު ކުރުމުގެ ގޮތުން އަހަރެންގެ ހުރިހާ މާލީ މަސްލަހަތުތަކެއް ވިއްކާލީމެވެ. އެ ފައިސާ ނިކަމެތި ކުޑަކުދިންނަށްޓަކައި ހޭދަކޮށް ހުސްކޮށްލީމެވެ. ތަފާތުކަމެއް ކުރެވުމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. ފޯރާ ތަނަވަސް ދިރިއުޅުމަކުން އަތްމަތި ދަތި ނިކަމެތި ދިރިއުޅުމަކަށް އަހަރެންގެ ނަފްސު ހޭނުވީމެވެ.

މިސްކިތަކުން ދިމާވެގެން އެކުވެރިކަން ބަދަހިވި ރައްޓެއްސެއްގެ އެހީގައި އަހަރެން މަދީނާއަށް ދިޔައީމެވެ. މަދީނާގެ އިންޓަނޭޝަން އިސްލާމިކް ޔުނިވަރސިޓީގައި 9 އަހަރު ވަންދެން އަހަރެން ތައުލީމު ހާސިލް ކުރީމެވެ. މާޒިވެ ދިޔަތަނުގައި އަހަރެން ވަރަށް ގިނަ ގޯސްކަންތައްތަކަށް އަރައިގަންނަން މަސައްކަތް ކުރީމެވެ. ނަމަވެސް އޭގެތެރެއިން ވަރަށް ގިނަކަންތައްތަކުން އަހަރެން ސަލާމަތްވެސް ވިއެވެ. ކޮންމެވެސް ކަހަލަ ކަމެއް މެދުވެރިވެގެންނެވެ. އެކިފަހަރު އެކި ސަބަބުންނެވެ. ވާރޭ ވެހިގެންނެވެ. މަންމަ ބަލިވެގެންނެވެ. ނޫނީ ކޮންމެވެސް އެހެން ކަމެއް މެދުވެރިވެގެންނެވެ. އެކަންތައްތައް ނުކުރެވުމުން، އަހަރެންނަކީ ނަސީބުދެރަމީހެއްކަމަށް އޭރު އަހަރެން ނިންމީމެވެ. އެދުވަސް ހަނދާންވުމުން މިހާރުވެސް ލަގޮނޑި ބޭރަށް ނުކުމެދާނެހެން ހީވެއެވެ. ބިރުވެރި އެތައް އިހުސާސްއެއް ކުރެވެއެވެ. ބޮލަށް އެނބުރުން އަރައި މޫނުމައްޗަށް އަނދިރި ވާގޮތްވެސް ވެއެވެ. އަހަރެން ކުރަން ދިމާކުރި ވަރަށް ގިނަ ގޯސް ކަންތައްތަކުންނާއި ހުތުރު އަމަލުތަކުން މާތްﷲ އަހަރެން ސަލާމަތް ކުރެއްވިއެވެ. ހެއްދެވިފަރާތަށް ޝުކުރު ހުއްޓެވެ.

އަހަރެން ޖަލަށްލުމަށް ހުކުމްކުރި ދުވަހު، އަހަރެންގެ ހިތަށް އެރިއެވެ. ސަލާމަތްވި ދުވަހަކުން އަހަރެންނަށް އެލަނޑުދިން މީހުންގެ ފުށުން ވަރުގަދައަށް ބަދަލު ހިފާނަމެވެ. އަދި މިދުނިޔެއަކީ އެއްވެސް އިންސާފެއްނެތް ތަނެއްގެ ގޮތުގައި ގަބޫލު ކުރެވުނެވެ. ހަގީގަތުގައި އެދުވަހު ހިތާހިތުން ހެއްދެވި ފަރާތަށްވެސް އަހަރެން އެއްޗެތި ކީމެވެ. ނަމަވެސް މިއަދު އެކަން މުޅިން ބަދަލުވެއްޖެވެ. އަހަރެން އިސްލާހު ވާން ކިތައްފުރުސަތު ލިބުނު ހެއްޔެވެ. ފާހިޝް ކިތައް ޢަމަލުން އަހަރެން ސަލާމަތް ވިހެއްޔެވެ. މިހާރު ހިތަށް އަރައެވެ. ޖަލަށް ދާންޖެހުން އެއީ އަހަރެންގެ ނަސީބެވެ. ޖަލަށް ދާން ނުޖެހުނުނަމަ އަދިވެސް އަހަރެން އުޅޭނީ އަހަރެން ރާވާކަހަލަ ކެހިވެރި މޮޅެތި ރޭވުން ރާވަން އެހެން މީހަކަށް ނޭގޭނެ ކަމަށް ހީކޮށްގެންނެވެ. އެކިއިންސާނުންނަށް އިޞްލާހުވުމަށް ލިބޭނީ އެކި ކަހަލަ ފުރުސަތެވެ. ބުއްދިވެރިޔަކީ އެފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ކުރާމީހާ އެވެ.

ދުނިޔޭގެ ދިރިއުޅުމުގެ ހުރިހާ ވަގުތެއް ފާފަކުރުމުގައި ހޭދަކުރާ އިންސާނާ ހަމަ އެންމެ ފަހަރަކު ވެސް ވިސްނާލި ބާވައެވެ؟ އޭނާ ކުރާ ކޮންމެ ކުށަކަށް ނުވަތަ އަރައިގަންނަ ކޮންމެ ފާފައަކަށް ވަގުތުން އަދަބު ލިބޭނަމަ އަޅުގަނޑުމެން އިންސާނުން އަބަދުވެސް ތިބެންޖެހޭނީ އަދަބު ލިބި ލިބިއެވެ. ނިކަން ވިސްނާލަ ބަލާށެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ފުރިހަމަ ޞިއްޙަތާއި، ދިގު އުމުރެއް ދެއްވިއެވެ. ނަމަވެސް އުމުރުގެ ޒުވާން ޒުވަސްވަރު އަޅުގަނޑުމެން ކުޅައީ ކޮން ހެޔޮކަމެއް ހެއްޔެވެ. ގިނަ ޒުވާނުން ވަޒީފާ އަދާކޮށް ފައިސާ ފަހަށް ރައްކާކުރަނީވެސް ދުނިޔަވީ އެދުން ތަކުގައެވެ. ޙައްޖަށް ދިއުމުގެ މަތިވެރި މަޤްސަދުގައި ފައިސާ ރައްކާ ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ޒުވާނުން ތޯއެވެ. ދަންވަރު ހޭލާހުރެ ޝޯތަކާއި ފުޓްބޯޅަ މެޗްތައް ބެއެވެ. ނަމަވެސް ދަމުނަމާދު ކުރަން ތެދުވާހާ ހިތްވަރެއް ނުހުރެއެވެ. ފަތިސްނަމާދުގެ ވަގުތު ކައިރި ވާވަރަކށް ވަނީ ނިދި ގަދައެވެ. ކުރަން ހުންނަ މަސައްކަތް ގިނަކަމުން ހުކުރުދުވަހުވެސް މިސްކިތާ ހަމައަށް ފޯރަނީ އިމާމުމީހާ މިންބަރުން ފައިބާ ގަޑީގައެވެ. އޭގެ ކުރީގައި ދެވުނު ދުވަހަކު ނަމަ، ޚުތުބާއަށް ފެށޭއިރަށް ތާއްޔާ ޖެހެން ފަށައެވެ. އަބަދުވެސް ވިސްނެނީ ދުނިޔަވީ އެދުން ތަކަށެވެ.

އަހަރެން އެނބުރި މާލެއައި އިރުވެސް ކުރިން އަހަރެންނަށް ސަޕޯޓުކުރިމީހުން އެބަތިއްބެވެ. ނަމަވެސް މިހާރު އެއީ އަހަރެންގެ ސަޕޯޓަރުންނެއް ނޫނެވެ. މިހާރުވެސް އަހަރެން އިސްޓޭޖު މައްޗަށް އަރަމެވެ. ނަމަވެސް މިހާރު އަހަރެން މިކިޔާ "ޅެން ފަރިހި" އަޑުއަހަނީ ވަރަށް މަދުބައެވެ. ގިނަ ޒުވާނުން އަދިވެސް ސަމާލުކަން މި ދެނީ ރެޕް ނުވަތަ ރޮކް އަޑުތަކަށެވެ. ޙައްޤުގެ އަޑަށް ސަމާލުކަންދޭ ޒުވާނުން މަދެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ