އަދުގެ ޚާއްސަ

Print

މި ރާއްޖޭގައި މިނިމަސް ކާ މީހުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުލްމުޢީދު ޙަސަން


ނުހަނު ކުޑައިރު އޭނާއަކީ އާދަޔާ ޚިލާފަށް އިނގިލި ބޯ ކުއްޖެއް ކަން ފާހަގަކުރެވުނެވެ. ޢާއިލާގެ ބައެއް މީހުން އެކަން ހުއްޓުވަން އުޅުނެވެ. ނަމަވެސް ބަސްވިކޭ މީހުން ބުނީ އެކަމަކީ ކުޑަކުދިން ކުރާ ޠަބީޢީ ކަމެއް ކަމަށެވެ. ނުހަނު ލޯބިން އޭނާގެ ބެލެނިވެރިން އޭނާ ގެންގުޅެ ބޮޑުކުރީ އިނގިލި ބުއިމުގެ އާދަޔާއެކުގަ އެވެ.

އެއްދުވަހަކު އޭނާގެ ބަނޑުގައި ރިއްސާލި އެވެ. އެއީ މާބޮޑު ކަމަކަށް ނުހަދައި ކޮންމެވެސް ވަރެއްގެ ފަރުވާއެއް ބެލެނިވެރިން ދިނެވެ. އޭގެފަހުން އެހެން ދުވަހަކު އަނެއްކާ ވެސް ބަނޑުގައި ރިއްސާކަމަށް އޭނާ ބުންޏެވެ. މިފަހަރު ދަކުތަރަކަށް ދައްކައިގެން ފަރުވާ ދެވުނެވެ. ޢުމުރުން ދުވަސްވާ ވަރަކަށް އޭނާގެ ބަނޑުގައި ރިއްސާ ރިހުން ގަދަވަމުން ދިޔަ އެވެ. ދިވެހި ރާއްޖޭގައި ކުރެވުނު ފަރުވާއިން އެ ރިހުމަކަށް ޝިފާއެއް ނުލިބުނެވެ. ދެން ރާއްޖެއިން ބޭރުން ފަރުވާ ކުރަން ފެށުނެވެ. ނަމަވެސް އެއްވެސް ޝިފާއެއް ނުލިބި ބަލި ޙާލަތު ބޮޑުވަމުން ދިޔަ އެވެ.

ބައެއް ދަކުތަރުންނަކީ ވަޒީފާއެއް އަދާކޮށްލާ ބަޔެކެވެ. މުސާރަ ހަމަޔަށް ލިބެންޏާ ބަރާބަރަށް ވަޒީފާއަށް ނިކުންނާނެ އެވެ. ބަލިމީހާގެ ޙާލަތު ދެނެގަންނާކަށް އެކަހަލަ ދަކުތަރުންނަކު ބޭނުމެއް ނުވާނެ އެވެ. ބޭނުންވާނީ ސިއްރާއި ފާޅުގައި ގުޅުން އޮންނަ ބޭސް ފިހާރަތަކުގެ ވިޔަފާރި ރަނގަޅުކުރުމަށެވެ. އެކަހަލަ ދަކުތަރުންނަށް ދައްކަން ދާއިރު ބޭސް ސިޓީ ވާނީ ދުރާލާ ތައްޔާރުކޮށް ނިމިފަ އެވެ. ބަލިމީހާގެ ކުރިމަތީގައި ދަކުތަރު ކޮށްލާ ކަމަކީ ބޭސްތަކުގެ ނަންތައް ކަރުދާސްކޮޅަކަށް ނަކަލުކޮށްލުމެވެ. ދަކުތަރުން ދޭ ފަރުވާ ލިބިގަންނަ ބަލިމީހުންނަށް މައިގަނޑު ގޮތެއްގައި އިތުރު ތިން ބައްޔެއް ޖެހެ އެވެ. އެއީ:

1. އިސްރާފުކުރާ ބަލި:
މިބަލީގެ ސަބަބުން، އަތްމަތި ނުތަނަވަސްވެ ފަޤީރުވާނެ އެވެ.

2. ވަގުތު ނަގާލާ ބަލި:
މިބަލީގެ ސަބަބުން، މަސައްކަތްކުރުމަށް ބުރޫއަރައި ލިބޭ އާމުދަނީ މަދުވާނެ އެވެ.

3. ބަލި ފަސޭހަވުން ލަސްކުރާ ބަލި:
މިބަލީގެ ސަބަބުން، ކުރިން ޖެހިފައިވާ ބައްޔަށް ޝިފާލިބުން ލަސްވެ، ގިނަގިނައިން ދަކުތަރުންނަށް ދައްކަން ދާން ޖެހޭނެ އެވެ.

ހަރުބަހެއްގައިވެ އެވެ. "ޒުވާން ފުރާވަރަށް ދާއިރު ދެވި ހިފާފައިވާ ކަމެއް، މުސްކުޅިވާއިރު ވެސް ހުއްޓައެއް ނުލެވޭނެ އެވެ." ޒުވާން ފުރާވަރަށް އެރި އިރު، ނަންގަނެވިދިޔަ ކުއްޖާވަނީ އިނގިލި ބުއިމަށް ދެވިހިފާފަ އެވެ. ލެޕްރެސީ ނުޖެހުނެއް ކަމަކު، އޭނާގެ އިނގިލިތައް ވަނީ ވީރާނާވާން ފަށާފަ އެވެ.

ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެކުއްޖާ ބޮޑުވެ ޒުވާނަކަށް ވެއްޖައުމަށް ދާންދެން ބެލެނިވެރިން އޭނާ ދައްކަމުން ގެންދިޔައީ ދަކުތަރުންނަށެވެ. އާދަކާދައިގެ މަތިން، ދަކުތަރުންނަކު އެކުއްޖާގެ އާދަކާދައާމެދު އަޅައެއް ނުލަ އެވެ. ބައެއް ބަލިތަކަކީ އާދަކާދައާ ގުޅިފައިވާ ބަލިތަކެކެވެ. މިކަން ދަންނަ ޑޮކްޓަރަކާ ހަމައަށް ބަލި ކުއްޖާ ގެންދެވުނުއިރު، ވަގުތު ފާއިތުވެއްޖެ އެވެ. ނަމަވެސް އެއްދުވަހު ހަތަރުދަން އެކުއްޖާއާއެކު ހޭދަކުރެއްވުމަށް އެ ޑޮކްޓަރު ނިންމެވި އެވެ. އެދުވަހު އެ ކުއްޖާ އުޅޭނޫޅޭގޮތް ބެއްލެވުމަށްފަހު ޑޮކްޓަރު ވިދާޅުވީ، އިނގިލި ބުއިން ހުއްޓާލުމަށެވެ. އެހިސާބުން ޑޮކްޓަރުގެ ވާޖިބު އަދާކުރެއްވުނީ އެވެ. ދެން އޮތީ ބެލެނިވެރިންނާއި ބަލިކުއްޖާގެ ވާޖިބު އަދާކުރުމެވެ. ބައްޔަށް ޝިފާއެއް ލިބޭނީ އޭރުންނެވެ.

އެ ޙިކުމަތްތެރި ޑޮކްޓަރު މިޒަމާނުގެ ޖައްބާރު ލިޔުންތެރިންނާ ޚިލާފެވެ. އޭނާ މިނިމަހުގެ ވާހަކައެއް ނުދައްކަވަ އެވެ. އެހެނީ އެކުއްޖާއަށް ވަނީ މިނިމަހުގެ ރަހަ އެނގިފަ އެވެ. މިނިމަސް ނުކާށޭ ބުނެފިނަމަ، އޭނާގެ އަތްފައިގެ ހުރިހައި އިނގިލިތަކެއް ކައިހުސްކޮށްލުމަކީ ދުރުކަމެއް ނޫނެވެ.

މިނިމަސް ކެއުމަކީ، ޝައިޠާނާ އިންސާނުންނަށް ޒީނަތްތެރިކޮށްދީފައިވާ ޖަރީމާއެކެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލޭ މީހުން އެކި ސިފަސިފައިގައި މިނިމަސް ކައި އުޅެ އެވެ. މީހެއްގެ ގައިން މަސް ކޮށައިގެން ނުކާނަމަ، އެހެން ގޮތަކުން އެކަން ކުރެވޭތޯ ބަލަ އެވެ. ޣީބަ ބުނުމާއި ނެތިމޮށުން ފަދަ ފާފަތައް ކޮށްގެން ވެސް އެކަން ކުރެ އެވެ.

މި ބީދައިން ވިސްނާ ފިކުރުކުރާއިރު، ދިވެހިރާއްޖޭގައި ވެސް މިނިމަސް ކާ މީހުން މަދެއް ނޫނެވެ. އިނގިލި ބޯ ކުދިންނެވެ. ބޮޑެތިވާއިރު ވެސް އެކަމަށް ދެވިހިފާފައިވާ ޒުވާނުންނެވެ. އިނގިލިތައް އަނގަޔަށް ލައިގެން ނިޔަފަތިތައް ކައިއުޅޭ ތަފާތު ޢުމުރުފުރާތަކުގެ މީހުންނެވެ. އެބައިމީހުންގެ ހަށިގަނޑުގެ އެކިއެކި ގުނަވަންތަކުން ވަކިވެގެންދާ ހަންކޮޅުކޮޅުތައް ދަތުން ނައްޓާލައިގެން ކައިއުޅޭތަން ވެސް ފެނެ އެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ