އަދުގެ ޚާއްސަ

Print

ގައްޒާފީގެ ތަޤުރީރުގެ ބައެއް އުސްއަލިތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


އޮބާމާގެ އަސްލު ނަންފުޅަކީ، އަބޫޢަމާމާ ކަމަށް ގައްޒާފީ ވިދާޅުވި އެވެ.

އަބޫޢަމާމާ އަކީ "ފަގުޑިބެ" ކަމަށް ތަރުޖަމާ ކުރެވިދާނެ އެވެ.


ޢަބްދުލްމުޢީދު ޙަސަން


ލީބިޔާގެ ޒަޢީމު ކާނަލް މުޢައްމަރުލް ޤައްޛާފީ އަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިންނާ ތަފާތު ބޭފުޅެކެވެ. ޖެހިލުމެއް ނެތި އޭނާ ދައްކަވަން ބޭނުންފުޅު ކޮންމެ ވާހަކައެއް ދައްކަވަ އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެކޮޅަށް ވެސް އޭނާ ވިދާޅުވާން ބޭނުންފުޅު ކޮންމެ އެއްޗެއް ވިދާޅުވެ އެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ ކޮންފަދަ ވަރުގަދަ ބާރެއް ކަމެއް ޢާންމުންނަކަށް ނޭނގެ އެވެ.

ވަރލްޑްކަޕް 2010 ފެށުމާއެކު، ފީފާއާ ދެކޮޅަށް އޭނާ ދެއްވި ވަރުގަދަ ބަހުގެ ހަމަލައިން އޭނާވަނީ މުޅި ދުނިޔެ ސިއްސުވައިލައްވާފަ އެވެ. ފީފާއާމެދު އޭނާ ދެއްކެވީ އާދައިގެ މީހަކަށް ދައްކަން ކެރޭކަހަލަ ވާހަކަތަކެއް ނޫނެވެ. އޭނާ ފީފާ ސިފަކުރެއްވީ، "ފަސާދަވެފައިވާ ބައިނަލްއަޤުވާމީ މާފިޔާ ފެޑެރޭޝަން" ކަމުގަ އެވެ. އަދި ފީފާއާ ދެކޮޅަށް ހަގުރާމަކުރުން ވާޖިބުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލީބިޔާއިން އެމެރިކާގެ ބާރުތައް ނެރެލެވުނުތާ ސާޅީސް އަހަރު ފުރުން ފާހަގަކުރައްވަމުން ގައްޒާފީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އިޢުލާންކުރަނީ، ފީފާ ފަސާދަވެފައިވާ ކަމެވެ. ދުނިޔޭގައި ފަސާދަކުރުން ފެތުރުމާއި އިންސާނުން ވިއްކުމުގެ ވިޔަފާރި ވަނީ، ފީފާއިން ފަތުރާފަ އެވެ. މިކަމަށްޓަކައި އެންމެ ހަރުކަށި ބަހުން ފީފާ ކުށްވެރިކުރަމެވެ. ފީފާއަށް އިޙުތިރާމުކުރުން ޙައްޤެއް ނޫނެވެ. އަޅުގަނޑުމެން ފީފާއަކަށް އިޙުތިރާމެއް ނުކުރަމު އެވެ. ފީފާއާ ދެކޮޅަށް ހަނގުރާމަކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ."

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ލީބިޔާގެ ޒަޢީމު ގޮވާލެއްވީ، ފީފާގެ އެންމެހައި މުވައްޒަފުން ޝަރީޢަތަށް ހާޒިރުކުރުމަށެވެ. ފީފާއާމެދު ނުރުހުން ފާޅުކުރައްވަމުން ވިދާޅުވި އެވެ.

"ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމުން މަޙުރޫމުވެފައިވާ 200 ޤައުމު ދުނިޔޭގައި އެބައޮތެވެ. އެއީ ހަމައެކަނި ފަޤީރު ޤައުމުތަކެއް ކަމަށް ވީތީ، އެ ޤައުމުތަކުގައި މުބާރާތް ނުބާއްވަންވީ ކީއްވެތޯ އެވެ؟ ފަޤީރު ޤައުމުތަކުގައި މުބާރާތް ބޭއްވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ފީފާއިން އެތައް ބިލިޔަން ޑޮލަރެއް އެ ޤައުމުތަކަށް ވެސް ޚަރަދުކުރަން ޖެހޭނެ އެވެ. ނޫންނަމަ، ވަރލްޑްކަޕް އޮންނާނީ މުއްސަނދި ޤައުމުތަކުގެ މުށުތެރޭގަ އެވެ. މިގޮތަށް މިކަން އޮތްހައި ހިނދަކު ދުނިޔޭގެ ތަށްޓަށް ޤައުމުތަކުން ވާދަކުރުމުގެ އެއްވެސް މާނައެއް ނެތެވެ."

ގައްޒާފީގެ ތަޤުރީރުގައި ޢަރަބި ޤައުމުތަކުގެ ރައްޔިތުންނާ ވެސް މުޚާޠަބުކުރެއްވި އެވެ. އޭނާ ޢަރަބި ޤައުމުތަކަށް ގޮވާލެއްވީ، އެ ޤައުމުތަކުގައިވާ ބިދޭސި ބާރުތައް ބޭރުކުރުމަށެވެ. އޭނާ ވިދާޅުވީ، ބިދޭސި ބާރުތައް ޢަރަބި ބިންތަކަށް އަތްގަދަކޮށްގެން އުޅޭ އުޅުން ދެމިނޯންނާނެ ކަމަށެވެ. އެހެންވީމާ، ބިދޭސި ބާރުތަކަށް އެންމެ ރަނގަޅު ގޮތަކީ، ރީތިގޮތުގައި ޢަރަބި ބިންތަކުން އަމިއްލައަށް ފައިބައިގެން ދިއުމަށެވެ.

ލީބިޔާގެ ޒަޢީމު ވިދާޅުވި އެވެ.

"ބިދޭސި ބާރުތަކުގެ ދަށުގައިވާތީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޢަރަބި ބިންތަކަށް ވަނުމަށް ނުކުޅެދިއްޖެނަމަ، މަރުވުން ވެސް އަޅުގަނޑުމެންނަށް މޮޅުއިތުރުވެގެންވެ އެވެ. އަދި އެގޮތް މާ ޝަރަފުވެރިކަން ބޮޑުވެގެން ވެސް ވޭމެ އެވެ. އަޅުގަނޑުމެންނީ (ބަޔެއްގެ އަޅުވެތިކަމުގެ ދަށުގައި) މިފާޑަށް ދިރިއުޅެން ބޭނުންވާ ބަޔަކީމެއް ނޫނެވެ."

"ބިދޭސި ބާރުތައް މި ބިންތަކުގައި މިތިބީ ވަގުތީ ގޮތެއްގަ އެވެ. އެ ބާރުތައް މި ބިންތަކުން ނުކުންނާނީ އެއާ ދެކޮޅަށް އިންގިލާބީން ނުކުތުމުންނެވެ. މީގެ ސާޅީސް އަހަރު ކުރިން ލީބިޔާގައި ވެސް ކަންހިނގާފައިވަނީ ހަމަ އެގޮތަށެވެ."

ޔޫ.އެސް.އޭ އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ގައްޒާފީ ވިދާޅުވީ، ލީބިޔާއާއި ވޮޝިންޓަނާ ދެމެދުގައިވަނީ "ވަރަށް ބަދަހި ގުޅުމެއް" ކަމަށެވެ. އޭނާ ވިދާޅުވި އެވެ.

"އެފްރިކާއިން އެމެރިކާއަށް މުސްލިމު ކަޅު ރައީސެއް ވެދުންކުރެވުނު ކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަމު އެވެ. ... އޮބާމާއަކީ އަސްލުގައި ޢަރަބި ބޭފުޅެއް ކަމަށް ވެދާނެ އެވެ. އެހެނީ އޭނާގެ (އަސްލު) ނަންފުޅަކީ، ބަރަކާ ޙުސައިން އަބޫޢަމާމާ އެވެ. (މިއީ ޢަރަބި ނަމެކެވެ.) އެހެންވީމާ، އޭނާގެ ފަހަތްޕުޅުގައި އޭނާއަށް ވާގިދިނުމަށް އަޅުގަނޑުމެން ތިބެން ޖެހޭނެ އެވެ. އޭނާގެ ސިޔާސަތުތަކަށް އަޅުގަނޑުމެން ހިތްވަރުދޭން ޖެހޭނެ އެވެ."

ގައްޒާފީ، އޮބާމާއަށް ގޮވާލެއްވީ، ފަލަސްޠީނުން ބޭރުގައިވާ ހަތަރު މިލިޔަން ފަލަސްޠީނީންނަށް އެނބުރި އެބައިމީހުންގެ ޤައުމަށް ވަދެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި، "ފަލަސްޠީނުގެ މައްސަލަ ޙައްލުކުރެވޭނީ، ފަލަސްޠީނުގެ އެތެރޭންނެވެ. އެކަން ކުރެވޭނީ، ފަލަސްޠީނުގައި އިސްރާއީލީންނާއި ފަލަސްޠީނީންނަށް (އެކުއެކީގައި) ދިރިއުޅެވޭނެ ދައުލަތެއް އުފައްދައިގެންނެވެ."

މިމޭރުމުން ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

"އަޅުގަނޑު މިދަންނަވާ ޙައްލަކީ، އިސްރާއީލީން ގަބޫލުކުރާނެ ޙައްލެއް ކަމަށް ނުވެ ހިނގައިދާނެ އެވެ. އެހެނީ އެބައިމީހުން އަބަދުވެސް (މިފަދަ ޙައްލުތަކާ) ދެކޮޅުހަދަ އެވެ. އެހެންވީމާ، އެބައިމީހުން އެދަނީ އަމިއްލައަށް އެބައިމީހުންގެ ކަށްވަޅުތައް ކޮންނަމުންނެވެ."


މަޞްދަރު:
ބީބީސީ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ