އަދުގެ ޚާއްސަ

Print

ފިޠުރަތުގެ ދީން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

    ކަރާޗީގައި އިނގިރޭސިބަހުން ޝާއިޢުކުރާ ހަފްތާ ނޫސްތަކުގެ ތެރެއިން އެއް ނޫހަކީ، ޔަޤީން އިންޓަރނޭޝަނަލް އެވެ.
އެ ނޫހުގެ 22 އޯގަސްޓް 1991 ގެ އަދަދުގައިވާ މަޒުމޫނުތަކުގެ ތެރެއިން އެއް މަޒުމޫނެއްގެ މައިގަނޑު ނަމަކީ (?Why did I Embrace Islam) އަހަރެން އިސްލާމްދީން ގަބޫލުކުރީ ކީއްވެގެން ހެއްޔެވެ؟ މި އެވެ.

    މި މަޒުމޫނަކީ، އާ މުސްލިމެއް ކަމުގައިވާ މިސްޓަރ ޑާލީ ޗެމްޕިއަން (Darly Champion) އިސްލާމްވިގޮތުގެ ވާހަކައެވެ. އޭނާއަކީ ދެކުނު އޮސްޓްރޭލިޔާގެ އެޑެލައިޑް (Adelaide) ގެ ކްރިސްޓިޔަން ޢާއިލާއަކުން އުފަންވި މީހެކެވެ. އޭނާ ކުޑައިރުއްސުރެ އޭނާގެ ހިތުގައިވަނީ ޙައްޤު ހޯދުމުގެ ޖަޒުބާތު އަށަގެންފައެވެ. އޭނާގެ އުމުރުން ބާރަ އަހަރުގައި، ސްކޫލްކުދިންގެ ޖަމާޢަތަކާއެކު މިސްކިތަކަށް ދިއުމުގެ ފުރުސަތު ލިބުނެވެ. އެ މިސްކިތަކީ، މީގެ ސަތޭކަ އަހަރު ކުރިން ޖަމަލުގޮވީން
(camel driver) ގެ ގޮތުގައި އޮސްޓްރޭލިޔާއަށް ދިޔަ އަފްޣާން މުސްލިމުން ބިނާކޮށްފައިހުރި މިސްކިތެކެވެ. އެ މިސްކިތުގެ ސާދާކަން ފެނިފައި އޭނާއަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. އެކަމުގެ ސަބަބުން، އޭނާގެ ހިތުގައި މުސްލިމުންގެ ދީން މުޠާލިޢާ ކުރުމުގެ ޝައުޤު އުފެދުނެވެ.

    މިސްޓަރ ޗެމްޕިއަން، ސްކޫލް ދައުރު ނިންމައިފައި ގުޅުނީ، މީޑިޔާ އިންޑަސްޓްރީއާއެވެ. އޭނާގެ މަސައްކަތާ ގުޅިގެން، ސިޑްނީއަށް އައި އައުމެއްގައި، މުސްލިމުންގެ ބަޔަކާ ބައްދަލުވިއެވެ. އޭނާ އެބައިމީހުންގެ އަތުން ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާއެއް ހޯދިއެވެ. އޭނާ ކީރިތި ޤުރްއާން މުޠާލިޢާކޮށް، އިތުރު މަޢުލޫމާތު ހޯދައި ދިރާސާ ކުރިއެވެ. ނަތީޖާއަކީ، 1 ޖޫން 1984 ގައި ސިޑްނީގެ މިސްކިތަކަށްގޮސް ޝަހާދަތުގެ ދެކަލިމަފުޅު ކިޔައި، ގަވާއިދުން އިސްލާމްވެ އެކަން އިޢުލާން ކުރުމެވެ.

    މިސްޓަރ ޗެމްޕިއަން އިސްލާމްދީން ގަބޫލުކުރުމަށްފަހު އޭނާގެ ނަމެއް ކަމުގައި ހަމަޖައްސައިފައިވަނީ، ޤަމަރުލްޤަލްބެވެ. އޭނާކުރެން އޭނާ އިސްލާމްދީން ގަބޫލުކުރީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ޖަވާބުދިނެވެ. އަޅުގަނޑު އިސްލާމްދީން ގަބޫލުކުރީކީ ނޫނެވެ. އަޅުގަނޑު އަމިއްލައަށް އިސްލާމްދީން އަލުން ހޯދައި ލިބިގަތީއެވެ. އަޅުގަނޑާ ބެހޭގޮތުން ތިޔަބޭފުޅުން ތިޔަ އަޑުއެއްސެވީ، ދީން ބަދަލުކުރުމުގެ ވާހަކައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ކުރިއްސުރެ އަޅުގަނޑުގެ ފިޠުރަތުގައިވާ ދީން، ދެވަނަފަހަރަށް ހޯދައި ލިބިގަތް ވާހަކައެވެ.

I didn’t embrace Islam, I re-discovered Islam in myself. What you have heard is not a tale of conversion, but a story of discovery of my natural self embodied in Islam.
    އިސްލާމްދީނަކީ ފިޠުރަތުގެ ދީނެވެ. އެއީ ކޮންމެ މީހެއްގެވެސް އަމިއްލަ ދީނެވެ. ޣައިރު މުސްލިމުންނަށް ގަބޫލުކުރެވޭފަދަ ދީނަކަށް އިސްލާމްދީން ހެދުމަށްޓަކައި ހަމައެކަނި ބޭނުންވަނީ، އެބައިމީހުންނާ ދޭތެރޭ މެދުމިނުގެ ގުޅުމެއް ބެހެއްޓުމެވެ. އިސްލާމްދީނުގެ ރަނގަޅު މެސެޖު، އެބައިމީހުންނަށް ރައްދުކޮށްދިނުމެވެ. އޭރުން އެބައިމީހުން އަމިއްލައަށް އިސްލާމްދީނާ ދިމާޔަށް ދުވެފައި އަންނާނެކަން ޔަގީނެވެ.

    މުސްލިމުން ހުޅަނގުގެ ޢިލްމުތައް ހާސިލުކޮށް، ޓެކްނޯލޮޖީގެ މައިދާނުގައި ހުނަރުވެރި ކުޅަދާނަ ބަޔަކަށްވެގެން ދެވަނަފަހަރަށް ހުޅަނގުގެ ޤައުމުތައް ފަތަޙަކޮށް، ދުނިޔޭގައި މުސްލިމުންގެ ޙަޤީޤީ މަގާމު ހޯދަން މަސައްކަތްކުރި ކަމުގައިވިޔަސް، އެ ތަދުބީރަކީ ޢަމަލީގޮތުން ބަލާއިރު، މުސްލިމުންނަށް ފައިދާހުރި ތަދުބީރަކަށް ނުވާނެއެވެ.

    ސަބަބަކީ، ވޭތުވެދިޔަ އެތަކެއް ސަތޭކަ އަހަރަކުއްސުރެ ހުޅަނގު އެ މައިދާނުގައި ދަނީ މެދުކެނޑުމެއްނެތި ތަރައްޤީވަމުންނެވެ. މުސްލިމުންގެ ޙާލަކީތޯއެވެ؟ މިހިނގާ ސާސްކަފުތަކުގައި މުސްލިމުން ކުރިހާވެސް ކަމަކީ، އާދައިގެމަތިން ހުޅަނގާ ނާކާމިޔާބު ހަނގުރާމަތަކެއް ކުރުމެވެ. އެ މުއްދަތުގެ ތެރޭގައި، ޒަމާނީ ޢިލްމުތަކާއި ޓެކްނޯލޮޖީގައި މުސްލިމުން އެއްވެސް ކުރިއެރުމެއް ހޯދައިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ މެދުގައި އުފެދިފައިވާ ތަފާތަކީ، އާންމު ޙާލަތެއްގައި ނައްތައިލެވުން އެކަށީގެންނުވާހައިވެސް ބޮޑު ތަފާތެކެވެ.

    އެލަން ޓޮފްލަރ އޭނާގެ މަޝްހޫރު ފޮތެއް ކަމުގައިވާ Future Shock ގައި ލިޔެފައިވެއެވެ. ހުޅަނގުގެ ޤައުމުތައް އިންޑަސްޓްރިއަލް އޭޖް ފަހަނަޅައިގޮސް ސުޕަރ އިންޑަސްޓްރިއަލް އޭޖަށް ވަންނަމުން ދަނީއެވެ. އަނެއްކޮޅުން މުސްލިމުންނަކަށް އިންޑަސްޓްރިއަލް އޭޖަކަށްވެސް އަދިއެއް ނުވަދެވެއެވެ. މުސްލިމުން އެދިމާޔަށް ދަތުރުފަށައިގެން އެތަކެއްހާސް މަސައްކަތަކަށްފަހު، މުސްލިމުންނަށް އިންޑަސްޓްރިއަލް އޭޖަށް ވަދެވޭއިރު، ދުނިޔެ އޮންނާނީ ސުޕަރ އިންޑަސްޓްރިއަލް އޭޖުގައެވެ. އެހެންކަމުން، މުސްލިމުންނަށް ތިބެވޭނީ، ކުރިއެކޭވެސް އެއްގޮތަށް އެންމެ ފަހަތުގައެވެ. މިފަދަ ގޮތަކަށް ކަންތައް ހުރުމުން، އަލުން ކުރިއެރުމަށްޓަކައި ދެވަނަ މަގެއް ހޯދުންނޫން އެހެންގޮތެއް މުސްލިމުންގެ ކުރިމައްޗަކު ނެތެވެ.

    މުސްލިމުންގެ ކުރިމަތީގައި އޮތް ދެވަނަ ގޮތަކީ، ހަމައެކަނި ތަބްލީޣުގެ މަގެވެ. ދީނަށް ގޮވައިލުމުގެ މަގެވެ. މުސްލިމުން ދެވަނަ ފަހަރަށް ކުރިއަށް އެރުމަށްޓަކައި މަސައްކަތްކުރާންއޮތް މަގަކީ، މާތް اللّه ގެ ދީނުގެ ދާޢީން ކަމުގައިވެގެން ތެދުވުމެވެ. އެހެންމީހުން މާއްދިއްޔަތުގެ ރޮނގުން ކާމިޔާބީތައް ހާސިލުކުރަމުންދާއިރު، މުސްލިމުން މީސްތަކުންގެ ހިތްތައް ފަތަޙަ ކުރުމެވެ. އެހެންމީހުން ބިންތަކަށް ވެރިވަމުންދާއިރު، މުސްލިމުން އެހެންމީހުންގެ ފުރާނަތަކާއި ސިކުނޑިތަކަށް ވެރިވުމެވެ. މުސްލިމުންގެ ކުރިމަތީގައި އޮތް ހަމައެކަނި މަގަކީ މިއީއެވެ. މުސްލިމުން ޝަރަފާއެކު ދިރިތިބުމަށްޓަކައި މިނޫން އެހެން މަގެއް ނެތެވެ.

    އަރަހުށި މާތް اللّه އިސްލާމްދީނުގެ ސިފައިގައި މުސްލިމުންނަށް ދެއްވައިފައިވާ ބާރަކީ، އެހެން ކޮންމެ ބާރަކަށްވުރެ މަތިވެރި ބާރެކެވެ. އެއީ އެހެން ކޮންމެ ބާރެއް ކިޔަމަންތެރިކުރުވައި، ޚިދްމަތްތެރި ކުރެވޭފަދަ އެއްޗެކެވެ. ޙަޤީޤަތަށް ދަންނަވާނަމަ، އިސްލާމްދީނަށް ގޮވައިލުމަކީ މުސްލިމުންގެ މައްސަލަތަކަށް އޮތް ހަމައެކަނި ޙައްލުވެސްމެއެވެ.

    އިސްލާމްދީނަކީ އިންސާނާގެ ފިޠުރަތު ގޮވައިލާ ގޮވައިލުމުގެ ޖަވާބެވެ. އިސްލާމްދީނުގައި ޙަޔާތުގެ ތިލަފަތްހަމަ ޤާނޫނެއް އެބައޮތެވެ. އިސްލާމްދީނަކީ އެ ދީން އިޚްތިޔާރުކުރުމުން އިންސާނިއްޔަތުގެ ޤާފިލާ ކާމިޔާބާއެކު އޭގެ މަންޒިލަށް ވާސިލުކޮށްދޭނެ އެންމެ ތޯތޯނުވާނެ މަގުދެއްކުމެވެ. އިސްލާމްދީނުގެ އުނގަންނައިދިނުންތައް ވަނީ އެހެނިހެން ނިޒާމުތަކުގައިހުރި ދެކޮޅުނުޖެހުންތަކުން ސަލާމަތްވެގެންނެވެ. އިންސާނުން އެމަގެއްގައި ކުރިޔަށް ދިއުމުން، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް ވާސިލުވެވޭނެ މަގު ހޯދައިދެވޭނީ ހަމައެކަނި އިސްލާމްދީނަށެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ