އަދުގެ ޚާއްސަ

Print

ތިމާވެށްޓާ ރައްޓެހި ކާރު: ޣަޒާލު 1

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން


ޣަޒާލު 1 އަކީ ސަޢޫދީން އުފެއްދި ފުރަތަމަ ކާރެވެ. އެކާރު އުފެއްދުމުގެ މަސައްކަތް ކުރެވުނީ، ކިންގ ސަޢޫދު ޔުނިވަރސިޓީގެ ކުއްލިއްޔަތުލް ހަންދަސާގެ ދަރިވަރުންގެ ގްރެޖުއޭޝަން ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އެއީ، ގަލްފު ޤައުމުތަކުގެ މޫސުމާ ގުޅޭގޮތަށް ފަރުމާކޮށްގެން ހަދާފައިވާ، ތިމާވެށްޓާ ރައްޓެހި ކާރެކެވެ. 14 ޖޫން 2010 ގައި، އެކާރު އިފުތިތާޙުކޮށްދެއްވީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ޚާދިމުލް ޙަރަމައިނިއް ޝަރީފައިނި، އަލްމަލިކު ޢަބްދު ﷲ ބިން އާލު ސަޢޫދު (ޙަފިޡަހު ﷲ) އެވެ.

ޣަޒާލު 1 ގެ މަޝްރޫޢުގައި 55 ދަރިވަރުން ބައިވެރިވެފައިވެ އެވެ. ކާރު އުފެއްދުމަށްޓަކައި އެ ދަރިވަރުންނަށް ބޭނުންވި ފަންނީ އެހީތެރިކަން ދީފައިވަނީ، އިޓަލީވިލާތުގެ ދެ ކުންފުންޏަކުންނެވެ.



ޣަޒާލު 1 ގެ ދިގުމިނަކީ، 4.8 މީޓަރ (16 ފޫޓް) އެވެ. ފުޅާމިނަކީ، 1.9 މީޓަރ (6 ފޫޓް) އެވެ. އެ ކާރު އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ، 2009 ވަނަ އަހަރުގެ އޭޕްރީމަހުގަ އެވެ. އެއީ ތަޢުލީމީ މަޝްރޫޢެއްގެ ތެރެއިން ވުޖޫދަށް އައި ކާރެއް ކަމަށްވިޔަސް، ވިޔަފާރީގެ ގޮތުގައި އޭގެ ބޭނުންކުރުމަށް ރޭވިފައިވެ އެވެ. އެގޮތުން އަހަރަކު ވިހިހާސް ކާރު އުފެއްދުމަށް އެސްޓިމޭޓްކުރެވިފައިވެ އެވެ.



ދުނިޔޭގައިވާ އެންމެ މޮޅު ޔުނިވަރސިޓީތަކުގެ ތެރޭގައި ކިންގ ސަޢޫދު ޔުނިވަރސިޓީ ހިމެނެ އެވެ. އެއީ ސަޢޫދީ ޢަރަބިއްޔާގައި ޤާއިމުކުރެވުނު ފުރަތަމަ ޔުނިވަރސިޓީ އެވެ.


މަޞްދަރުތައް:
ޢާލަމުލް އިބްދާޢު (އިބްދާޢުވަރލްޑް ޑޮޓް ކޮމް).
އައްރިޔާޟު ޑޮޓް ނެޓް.
ކިންގ ސަޢޫދު ޔުނިވަރސިޓީގެ ވެބްސައިޓް.



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ