އަދުގެ ޚާއްސަ

Print

ހަމަ ހިތަށްއަރާ..(4)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ވެރިއެއްގެ ރުހުން ލިބޭނީ ކިހިނެއް؟

  ބިންމާ އިބްރާހީމް ވަޙީދު
 
ގަޑި އަށް ފަރުވާތެރިވާށެވެ. މަސައްކަތް ބަރާބަރަށް ކުރާށެވެ. މީހުންނާ ގުޅިގެން އުޅޭށެވެ. ކިޔަމަންތެރިވާށެވެ. ގިނަދުވަހު ވަޒީފާގައި ދެމިހުންނާށެވެ. ބަސް މަދުކޮށްފައި ޢަމަލު ގިނަކުރާށެވެ. ވެރިއެއްގެ ރުހުން ލިބެންޖެހޭނެ ބައެއް ސިފަތަކަކީ އެއީ އެވެ. އަޑުއަހަން ފަސޭހަ އެއްޗަކީ ވެސް އެއީ އެވެ. ކަން އޮންނަންޖެހޭނެ ގޮތަކީ ވެސް އެއީ އެވެ.  އެކަމަކު، ކަމެއް އޮންނަންޖެހޭ ގޮތާއި އޮންނަ ގޮތް ވަރަށް ގިނަ ފަހަރަށް ތަފާތުވެ އެވެ.
   
މުޖުތަމަޢަކީ، ކަމެއް އޮންނަންޖެހޭ ގޮތަށް ބޮޑު ބަދަލުތަކެއް ގެންނަ އެއްޗެކެވެ. މީހަކު ބުންޏެވެ. މިހާރުގެ ސްޓައިލަކީ މިއީ އެވެ. މިހާރު ރުހުންލިބޭ މީހަކީ، އަނގަ އަށް މެޓާ، ބަހުން ޗޯރު، ކަމުން ރެކޭ، ދުރުން ހިނގާ، މަސައްކަތަށް ޅޮސް މީހުންނެވެ. ވިސްނާ މީހުންނަށް އޭގައި ޢިބުރަތެއް ނުވޭބާ އެވެ؟ އެހެންގޮތަކަށް ބުނާ ނަމަ، ހިހޫފަޅިން ކެއީމައި ދުލެއް ނުފިހޭނެ އެވެ. އޭރުން ބަނޑަށް އެނގުންވެފައި އަނިޔާއިން ސަލާމަތް ވެސް ވީ އެވެ. މި ވަރުން ނުފުދޭ ނަމަ، ތަފުސީލަށް ދަމާ ހިނގާށެވެ.
   
ކަމެއް ހަވާލުކުރުމުން، ކަން ކުރުމުގެ ބަދަލުގައި މޮޅު ވާހަކައިން ހިފާއްޓާ މީހަކު ދަންނަން ހެއްޔެވެ؟ އޭނަ އަށް ނޭނގޭ އެއްވެސް ކަމެއް ނޯންނާނެ އެވެ. ޚިޔާލު ނުދެވޭ އެއްވެސް ކަމެއް ވެސް ނޯންނާނެ އެވެ. ރޮކެޓް ސައިންސް ވެސް އޭނަ އަށް އެނގޭނެ އެވެ. މީހުން ދައްކާ ވާހަކަތައް އޭނަ ކޮޕީކުރާނެ އެވެ. އެއީ، ތިމާ ދެއްކި ވާހަކަ އަށް ހަދާނެ އެވެ. އެއްވެސް ކަމެއް ކުރާކަށް ހަވާލެއް ނުވާނެ އެވެ. އޭނަ ހުންނާނީ މީހުންނަށް ކަންކަން ހަވާލުކުރާށެވެ. ކަމަކާ ހަވާލުވިޔަސް، ބަލާނީ އެހެން މީހެއް ލައްވާ އެކަން ކުރުވާފައި ތިމާ އަށް ރީތި ނަން ހޯދާށެވެ. އެހެން މީހަކު ރަނގަޅަށް ކަމެއް ކުރަންޏާ، އެ ކަމެއްގެ ތެރެއަށް ދުރުދުރުން ނަމަވެސް ވަދެވޭތޯ ބަލާނެ އެވެ. ބަލާނީ ވީހާ ވެސް ދުރުގައި ހުރެވޭތޯ އެވެ. މޮޅަށް ކުރަން އެނގޭ އެއްވެސް މަސައްކަތެއް ނޯންނާނެ އެވެ. ނޫން ނަމަ، ވަރަށް ދެރަދެރަކޮށް އެ ކަމެއް ކޮށްލާފައި، ދެން ބަލާނީ މޮޅު ވާހަކައިން ހިފޭއްޓޭތޯ އެވެ. ވެރިންގެ ތަޢުރީފު އެ މީހުން އިންތިހާ އަށް ހޯދާނެ އެވެ.
   
ޢަމަލު މަދުކޮށްފައި ބަސް ގިނަކުރާ މީހުންނަށް ގިނަ ވެރިންގެ ރުހުން ލިބެނީ ކީއްވެގެން ހެއްޔެވެ؟ ވެރިންގެ ލޮލުގައި އެ މީހުން އަނދުން އަޅުވަނީ ކިހިނެތް ހެއްޔެވެ؟ އެއް ހާސް ޖަވާބު ދެވިދާނެ ކަހަލަ ސުވާލެކެވެ.
   
ކާފަމެން ބުނާ އަޑު އިވެއެވެ. ތިމަންނަމެންގެ ދުވަސްވަރުގައި، އެ ވެނި މީހަކީ، ވެރިމީހާގެ ލޯތްބާއި އިޙުތިރާމް ވަރަށް ބޮޑަށް ލިބިފައިވާ މީހެކެވެ. އެ ދުވަސްވަރޭ ބުނާ ދުވަސްވަރުގައި، ވެރިމީހާ ކުރާނެ މާ ގިނަ މަސައްކަތްތަކެއްނޯވެ އެވެ. އޮފީހުގައި ގިނަ މުވައްޒިފުންނެއް ނޫޅެ އެވެ. ބައިވަރު ވަޒީފާތަކެއް ނުހުރެއެވެ. އޮފީސް އިމާރާތުގެ ޖާގަ ވަރަށް ކުޑަ އެވެ. ދަށުގައި ތިބޭ މުވައްޒަފުން ކުރާ ހުރިހާ ކަމެއް ވެރިމީހާ އަށް ފެންނާނެ އެވެ. އެ މަސައްކަތް ކުރާ ގޮތް ވެރިމީހާ އަށް އެނގޭނެ އެވެ. މުވައްޒަފަކު ގޯސްކޮށް އެއްޗެއް ބުނުމުން އެއީ ގޯސް އެއްޗެއްކަން ވެރިމީހާ އަށް އެނގޭނެ އެވެ.
   
މިއަދުގެ ހާލަތަށް ވިސްނާލަމާ ހެއްޔެވެ؟ ވެރިމީހާ ގިނަ ވަގުތު އިންނާނީ "މީޓިންތަކުގަ" އެވެ. ނަން ނޭނގޭ، ވެރިމީހާ ދުވަހަކު ވެސް ނުދެކޭ ކިތަންމެ މުވައްޒަފުންނެއް އޭނަގެ ދަށުން މަސައްކަތްކުރާނެ އެވެ. އާންމުކޮށް ވެރިމީހާ ނުވަންނަ ކިތަންމެ ސެކްޝަނެއް އޮފީހުގައި ހުންނާނެ އެވެ. ކުރަން ހަވާލުކުރާ މަސައްކަތް ނިންމަނީ ކާކުކަމެއް ވެރިމީހާއަކަށް ނޭނގޭނެ އެވެ. ދަށުގައި ތިބޭ މުވައްޒަފުންނާ ބައްދަލުކުރާކަށް ވަގުތެއް ނޯންނާނެ އެވެ. ކަން ކުރާނީ އެއް ބައެކެވެ. ނަން ހޯދާނީ އެހެންބައެކެވެ. ކުރާ މަސައްކަތް ބަލަން އިންނާކަށް ވެރިމީހާއަކަށް ވަގުތެއް ނޯންނާނެ އެވެ. އޮފީހުގައި ކުރާ ހުރިހާ މަސައްކަތް ނުވެސް އެނގޭނެ އެވެ.
   
ބައެއް ޙަޤީޤަކީ، ހަބަރަށް ވުރެ ހިތި އެއްޗެކެވެ. ބުނާ އަޑު އިވޭނެ އެވެ. ތިމަންނަ "ވަޔަކަށް" ނޫޅޭނަމެވެ. އެހެންވެއްޖެއްޔާ އޭނަ އަބަދު ވެސް އޮންނާނީ ބޮލާއަޅާފަ އެވެ. ވައިގައި ނުހިފާ މަޑިއެއްހެންނެވެ. މީހަކު ބުނެފާނެ އެވެ. އަހަރެން މަސައްކަތް ކުރަނީ ދެއްކޭކަށް ނޫނެވެ. ވިސްނާލާށެވެ. ތިމާ މަސައްކަތް ކުރިކަން ވެރިމީހާ އަށް ނޭނގެންޏާ ތިމާ އަކީ ކޮންފަދަ ބޭކާރު މީހެއް ހެއްޔެވެ؟ ބުނެފާނެ އެވެ. އަމިއްލަ އަށް ތިމާގެ މޮޅު ވާހާކަ ދައްކާކަށް ތިމަންނަ ބޭނުމެއް ނޫނެވެ. އެހެން ހުރިހާ އެންމެން އެ މީހާގެ ވާހަކަ ދައްކާނެކަމަށް އުންމީދު ކުރަންވާނެ ހެއްޔެވެ؟
   
މަސައްކަތެއް ކޮށްފި ނަމަ، ކޮންމެވެސް ގޮތަކުން އެކަން ވެރިމީހާއާ ހަމައަށް ގެންދިޔުން އެއީ ގޯސްކަމެއް ހެއްޔެވެ؟ މުރާލިވެގެން، އަރާމެއް ނެތި މަސައްކަތްކުރުމަކީ ރަނގަޅުކަމެކެވެ. ނުވަތަ ރަނގަޅުކަމެއް ހެއްޔެވެ؟ މަސައްކަތް ކުރަނީ ކީއްކުރަން ހެއްޔެވެ؟ މުސާރައަކަށް ނޫން ހެއްޔެވެ؟ މުސާރަ ބޮޑުވާނީ ވެރިމީހާ ޕްރޮމޯޝަން ދިނީމަ ނޫންހެއްޔެވެ؟ ޕްރޮމޯޝަން ލިބޭނީ، މަސައްކަތް ކުރާ މީހާ އަށް ހެއްޔެވެ؟ މަސައްކަތް ކުރިކަމަށް ވެރިމީހާ ހީކުރާ މީހާ އަށް ހެއްޔެވެ؟ ރުހުން ލިބޭނީ އަބަދު މަސައްކަތްކުރާ މީހާ އަށް ހެއްޔެވެ؟ ވެރިމީހާ އަށް ފެންނަ ހުރިހާ ތަނެއްގައި މަސައްކަތްކުރާކަން ދައްކާ މީހާ އަށް ހެއްޔެވެ؟ ހައްތަހާ ވެސް ވިސްނާލަން ރަނގަޅު ސުވާލުތަކެވެ.
   
އަމިއްލަ ހިތްހަމަޖެހުމަށްޓަކައި މަސައްކަތްކުރާ މުވައްޒަފުން ވެސް އުޅޭނެ އެވެ. އެ ފަދަ މީހުންނަށް މުސާރަ އަކީ މުހިންމު އެއްޗެއް ނޫނެވެ. އެކަމަކު، ކުރާ މަސައްކަތަށް، ވެރިމީހާގެ ހެޔޮބަހެއް ލިބޭނެކަމަށް އޭނަ ވެސް އުންމީދުކުރާނެ އެވެ. އެ ހެޔޮ ބަސް ހޯދަން އޭނަ ޖެހޭނީ މަސައްކަތް ކުރާށެވެ. އެހެންނޫނީ، އެއްކަލަ "އަނގަޔަށް މެޓާ" އެ ހެޔޮ ބަސް ވެސް ފޭރިގަންނާނެ އެވެ.
   
މަސައްކަތަށް ދަހިވެތިވެގެން އަންނަ މީހާ ބަލަނީ ވީހާ ވެސް ގިނަ މަސައްކަތް ކުރެވޭތޯ އެވެ. ބުނެއެވެ. ބުޅި ކެނޑޭނީ ކެޔޮޅުގެ އަތުންނެވެ. އެހެންގޮތަކަށް ބުނާ ނަމަ، ގިނަ ގޯސް ހެދޭނީ އެންމެ ގިނައިން މަސައްކަތްކުރާ މީހާއަށެވެ. ގިނަ ޖޫރިމަނާ ކުރާނީ ވެސް އޭނަ އެވެ. ގިނައިން ބަޔާން ނަގައި، ނަސޭހަތްދީ، އިންޒާރުދޭނީ ވެސް ހަމަ އޭނައަށެވެ. އެއްކަލަ "މަސައްކަތުން ރެކިފައި، ދުރުން ހިނގާ" މީހާގެ ރެކޯރޑު ވަރަށް ރީތިވާނެ އެވެ. ފެންނަން އޮންނާނީ ރެކޯރޑެވެ.
   
ބައެއް އޮފީސްތަކުގައި "އަހަރު ދެކޮޅު" ވެރިން ބަދަލުވެ އެވެ. އަންނަ ވެރިމީހާ އަށް އޮފީހުގެ މުވައްޒަފުންގެ ހުނަރެއް ނޭނގޭނެ އެވެ. ބުއްދިވެރިމީހާ ސިކުންތަކު އެއް ފަހަރު ވެރިމީހާއާ ބައްދަލުކުރާނެ އެވެ. ވެރިމީހާ އަށް، އޭނަ އަށް ވުރެ މޮޅު މީހަކު ހުންނާނެ ހެއްޔެވެ؟ ވެރިމީހާގެ ދުލުކުރި އަށް އެންމެ ފުރަތަމަ އަންނާނީ އޭނަގެ ނަމެއް ނޫންބާ އެވެ؟ ރުހުމުގެ ލޮލަށް އައިބެއް ފެންނާނެ ހެއްޔެވެ؟ ކުރީބައިގައި ރުހުން ހޯދަންޖެހެނީ އެހެންވެ އެވެ. މީ ލޮލަށް ފެނި ބާވެފައިވާ މަންޒަރުތަކެވެ.
   
ވެރިމީހާ ކުށްވެރިކުރަން ވިސްނާލާއިރު ފުރަތަމަ ވިސްނާލަން ޖެހޭނީ ވެރިމީހާގެ ކުށަކީ ކޮބައިތޯ އެވެ. ކޮންމެ މުވައްޒަފެއްގެ ބޯކޮޅު ބަލަމުން އޭނަ އަށް ހިނގޭ ހެއްޔެވެ؟ ވެރިމީހާ އަށް ކުރެވޭނެ ކަމަކީ، ޑިޕާރޓްމަންޓް ނުވަތަ ސެކްޝަންތަކަކަށް އޮފީސް ބަހާލުމެވެ. ކޮންމެ ތަނަކަށް ވެރިއަކު ލުމެވެ. މައްސަލަ އުފެދެނީ އެ "ވެރިމީހާ" އާ ހިސާބުންނެވެ. އޭނަ މެޑެލްޖަހަން މަސައްކަތް ކުރަންފެށުމުން، ތަޢުރީފު ޙައްޤުވާ މީހާގެ ޙައްޤު ގެއްލެނީ އެވެ. ކޮންމެ މީހަކު ވެސް، ތިމާ ކުރާ މަސައްކަތް، އޮފީހުގެ އެންމެ މަތީ ވެރިމީހާ އަށް އެންގޭނެ ގޮތެއް ހޯދަންޖެހެނީ އެހެންވެ އެވެ. މި ދެކެވެނީ ގިނަ މީހުންގެ ވާހަކަ އެވެ. "ވައިޖަހަން" އަންނަ މީހުން ފާހަގަކުރަން ދަންނަ، މަދު ވެރިން ނޫޅޭނެ ވާހަކައެއް ނޫނެވެ. އޮޅުވާނުލާށެވެ.
   
މި ސުވާލުތަކަށް އަމިއްލަ އަށް ޖަވާބުދޭށެވެ. ތިމާ އަށް ވުރެ ފަހުން އޮފީހަށް ވަން ކިތައް މީހުންނަށް ޕްރޮމޯޝަން ލިބިއްޖެ ހެއްޔެވެ؟ ތިމާ ކުރި ކިތައް މަސައްކަތުގެ ޝަރަފު އެހެން މީހަކު އަތުލި ހެއްޔެވެ؟ ވެރިމީހާގެ އެންމެ "އަރިސް" މީހުންގެ ހާޒިރީ ކިހާ ބަރާބަރު ހެއްޔެވެ؟ އެންމެ "ކުޓުވާ" މީހާ ދެކެ ވެރިމީހާ ކިހާ ލޯތްބެއްވޭ ހެއްޔެވެ؟ މަސައްކަތަށް އެންމެ މޮޅުކަމަށް މަޝްހޫރީ އެންމެ މޮޅު މީހާ ހެއްޔެވެ؟ ތިމާ ކުރި މަސައްކަތުގެ އަގު ވެރިމީހާ ވަޒަންކުރި ހެއްޔެވެ؟ ޕްރޮމޯޝަންގެ ވާހަކަ ނުދައްކަނީސް ތިމާ އަށް ޕްރޮމޯޝަން އައި ހެއްޔެވެ؟
   
ތިމާ ކުރާ ހުރިހާ މަސައްކަތެއް ވެރިމީހާ އަށް އެނގޭނެ ކަމަށް ހީނުކުރާށެވެ. ނޭނގޭނެ އެވެ. ވެރިމީހާ އަކީ ވެސް އިންސާނެކެވެ. ކަމެއް ވާއިރަށް، ވައިރޯޅިއެއް އައިސް އެ ވާހަކަ، ވެރިމީހާ ގާތަކު ނުބުނާނެ އެވެ. "ވަޔަށް އުޅެން" ޖެހެނީ އެހެންވެ އެވެ. އެ ގޮތް ފަސޭހަވެފައި ކާމިޔާބުވާނެތީ އެވެ. މީ، އޮފީހެއްގައި 22 އަހަރު އުޅެފައި، ލިބުނު ތަޖުރިބާގެ އަލީގައި ބުނާ އެއްޗެކެވެ.
   
ކުޑަކުޑަ މިސާލެކެވެ. ތިމާގެ އެންމެ މަޤުބޫލު ސައިކަލަކީ އެންމެ މޮޅު ސައިކަލު ހެއްޔެވެ؟ ނުވަތަ އެންމެ ގަޔާވާ ސެންޓަކީ އެންމެ ގިނައިރު ވަސް ހުންނަ ސެންޓު ހެއްޔެވެ؟ އެންމެ ކަމުދާ ފޯނަކީ އެންމެ ފެންވަރު ރަނގަޅު ފޯނު ހެއްޔެވެ؟ ނޫނެކެވެ. ބެލޭނީ އެންމެ މަޝްހޫރީ ކޯޗެއްތޯ އެވެ. އެންމެ ގިނަ މީހުން އޭގެ ވާހަކަދައްކަނީ ކޯޗެއްގެތޯ އެވެ. އެންމެ ގިނައިން ފެންނަނީ ކޮން "ބްރޭންޑެއް" ތޯއެވެ. ވެރިމީހާ އަށް ވެސް ވާނީ އެހެންނެވެ. އެންމެ ގިނައިން ފެންނަ މީހާ މަޤުބޫލުވާނެ އެވެ. އޭނަ އަށް ކުރެވޭ އިތުބާރު ވެސް ބޮޑުވާނެ އެވެ. އެއީ، އިންސާނީ ތަބިއްޔަތެވެ.
   
މަސައްކަތް ކުރުމުން އެކަންޏެއް ނުފުދޭނެ އެވެ. ހާޒިރީ އަށް ރަނގަޅުވުމުން އެކަންޏެއް ވެސް ނުފުދޭނެ އެވެ. އެ ވާހަކަ ދައްކަންޖެހޭނެ އެވެ. ލިބޭ ކޮންމެ ފުރުޞަތެއްގައި އެ ވާހަކަ "ގޮވާލަން" ޖެހޭނެ އެވެ. ފިލްމު ހިނގާނީ އިޝްތިހާރު ކުރީމަ އެވެ. ވެރިންގެ ރުހުމަކީ ބަހާ އެއްޗެއް ނޫނެވެ. ހޯދަންޖެހޭ އެއްޗެކެވެ. މީޓިންތަކުގައި ތިމާ އަށް ދެއްކުނު ހުރިހާ ވާހަކައެއް ދައްކާށެވެ. މީހުންގެ ސަމާލުކަން ހޯދާށެވެ. ދައްކާ ވާހަކަ ދެކޮޅުނުޖެހުނަސް މައްސަލައެއް ނެތެވެ. އެއްވެސް ކަމަކީ ތިމާ އަށް ނުވާނެ ކަމެކޭ ނުބުނާށެވެ. މަސައްކަތާ ހަވާލުވެފައި، އެ މަސައްކަތް ކުރަން މަސައްކަތް ކުރިކަމަށް ހަދާފައި، ނުކުރިޔަސް ގެއްލުމެއްވޭ ހެއްޔެވެ؟ ކަން އޮންނަންވާނީ އެހެނެއް ނޫނެވެ. އޮންނަނީ އެހެންނެވެ.
   
ވަޒީފާ އަށް ވަފާތެރިމީހާ އަށް މިއަދު ލިބެނީ ކޯޗެއް ހެއްޔެވެ؟ ބަސް މަދު ކޮށްފައި ޢަމަލު ގިނަ ކުރުމަކީ ކޮން ފައިދާއެއް ކުރާ ކަމެއް ހެއްޔެވެ؟ ކޮންމެ ވެރިއަކީ ތަފާތު ވެރިއެކެވެ. އެކަމަކު ކޮންމެ ވެރިއަކީ ވެސް އިންސާނެއްކަން ދަންނާށެވެ. ވެރިއެއްގެ ރުހުން ލިބޭނީ، އެ ރުހުން ހޯދަން އެނގޭ މީހުންނަށް އެކަންޏެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ