އަދުގެ ޚާއްސަ

Print

އިންނާނެ މީހަކު ބޭނުންވެއްޖެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުލްމުޢީދު ޙަސަން


ނަން ބުނާނީ ފަހުންނެވެ. ޢުމުރަކީ 21 އަހަރެވެ. އިސްކޮޅާއި ރޫފަ ހަމަ އެވެ. ދިވެހިންގެ ތެރޭގައި މަށަކީ އިސްކޮޅުން ކުރު ކުއްޖެކޭ މީހަކު ނުބުނާނެ އެވެ. އިސްތަށިގަނޑު ދިގުވެފައި ފަނެވެ. ކުލަ ދޮނެވެ. މޫނު ވަށެވެ. ދުވަހަކު ވެސް ކުއްޖަކާ ރައްޓެހި ނުވަމެވެ. ޒަވާޖީ ޙަޔާތަށް ލޯބިކުރަމެވެ. މޫނު ބުރުގާ ނޭޅިއެއް ކަމަކު، ދީނަށް ލޯބިކުރަމެވެ.

މީހަކާ އިނުމަށްފަހު ފިރިމީހާއާ އަރާރުން ނުވާނަމެވެ. ވަގު ފިރިން ނުގެންގުޅޭނަމެވެ. ކުރިމަތިވާ ހުރިހައި ކަމެއް ކެތްތެރިކަމާއެކު ތަޙައްމުލު ކުރާނަމެވެ. ރައްޓެހިންގެ ގާތުގައި ފިރިމީހާގެ ގޯސް ވާހަކައެއް ނުދައްކާނަމެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ޢާއިލާގެ މީހުންނަކަށް ނާންގާނަމެވެ.

ފިރިމީހާގެ ޢިއްޒަތާއި ޤަދަރު ހިފަހައްޓާނަމެވެ. އޭނާއަށް ލޯބި ދޭނަމެވެ. އޮފީސްތަކުން މުވައްޒަފުންނަށް މުސާރަދޭ އުޞޫލަކުން ނޫނެވެ. ސަޕޯޓްކުރާނީ ފިރިމީހާ ސަޕޯޓުކުރާ ފުޓްބޯޅަ ޓީމަކަށެވެ. ވަންނާނީ ފިރިމީހާ ވަންނަ ޕާޓީއަކަށެވެ. ނަމަވެސް އަބަދުވެސް ހުންނާނީ އޭނާގެ ފަހަތުގަ އެވެ. މޮޓޯއަކީ، "ކޮންމެ ބަޠަލެއްގެ ފަހަތުގައި ވަރުގަދަ އަންހެނަކު ވެޔޭ" ބުނާ ހަރުބަހެވެ.

ބޭކާރު ޚަރަދެއް ނުކުރާނަމެވެ. ފިރިމީހާ އަށް ލިބެނީ ކިހާވަރެއްތޯ ނުބަލާނަމެވެ. ފިރިމީހާ ވަރުބަލިވިޔަކަ ނުދޭނަމެވެ. މުހިންމު ކަންތައްތަކަށް މެނުވީ ޚަރަދެއް ނުކުރާނަމެވެ. އެކި މުނާސަބަތްތަކުގައި ހަދިޔާ ހޯދާކަށް ނޫޅޭނަމެވެ. އުފަން ދުވަހާއި ކާވެނިކުރި ދުވަހާއި ވެލެންޓައިން ދުވަސް ފާހަގައެއް ނުކުރާނަމެވެ. އަބަދުވެސް ހުންނާނީ ފިރިމީހާގެ އަމުރަށް ކިޔަމަންވެގެންނެވެ.

ފިރިމީހާއާއެކުގައި ކަސްރަތު ކުރާނަމެވެ. އޭނާ އެދޭ ގޮތަކަށް އެކަން އަބަދުވެސް ކޮށްދޭނަމެވެ. ފިރިމީހާއަށް، މީރު ބުއިންތައް ބޯންދޭނަމެވެ. ރީތި މިއުޒިކުތައް އަޑުއިއްވައިދޭނަމެވެ. ޗާލު މަންޒަރުތައް ދައްކައިދޭނަމެވެ. ކޮންމެ ދަތުރެއްގައިމެ ފިރިމީހާ ދާން ބޭނުން އައްސޭރިއަކަށް ދެވެންދެން ކެތްކުރާނަމެވެ. އޭނާގެ އުފަލާއި އަރާމަށް ނޫނީ ނޭދޭނަމެވެ. ދަތުރު މަތީގައި ކޮންމެ ފަދަ ކަމެއް ލައިގަތަސް އޭނާ ކުށްވެރިއެއް ނުކުރާނަމެވެ. ފުލުހުންނަށް ނާންގާނަމެވެ. އަންހެނުންގެ ޙައްޤުތަކާ ބެހޭ މިނިސްޓްރީއަށް ނުދާނަމެވެ. ޢާއިލާއާ ބެހޭ ކޯޓަށް މައްސަލަ ހުށަނާޅާނަމެވެ.

ރަނަށް ލޯބިކުރަމެވެ. އެކަމަކު އެއީ މާނަވީ ރަނެވެ.
މުދަލަށް އެދެމެވެ. އެކަމަކު އެއީ އާޚިރަތުގެ މުދަލެވެ.
ފޭރާމަށް ބޭނުމެވެ. އެކަމަކު އެއީ ޢިއްފަތްތެރިކަމުގެ ފޭރާމެވެ.
ގަހަނާއަށް ދަހިވެތިވަމެވެ. އެކަމަކު އެއީ އަޚުލާޤުގެ ގަހަނާ އެވެ.
ގޯއްޗެއް އޮތުމަށް އިސްކަންދެމެވެ. އެކަމަކު އެއީ ސުވަރުގޭގެ ގޯއްޗެވެ.

ޚާލިޤުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ! ދިވެއްސެއްކަމަކު އެކަލާނގެ މަށަށް ދެއްވާފައިވަނީ ޗައިނާ އަންހެން ކުއްޖެއްގެ ދެ ލޮލެވެ! މި ދެ ލޮލަށް އަބަދުވެސް ފެންނާނީ ފިރިމީހާގެ ރަނގަޅު ސިފަތަކެވެ. ނަމަވެސް މި ދެ ލޯ ވަރަށް ރީއްޗެވެ. މި ދެ ލޮލުން އެހާގިނަ ކަރުނައެއް ނުފައިބާނެ އެވެ. މުޅި ޒަވާޖީ ޙަޔާތުގައި ވެސް ކަރުނަ ފައިބާނީ އެންމެ ދެ ދުވަހު އެވެ. ފުރަތަމަ ދުވަހަކީ، ކާވެނިކުރާ ދުވަހެވެ. އެދުވަހު އުފަލުން ގޮސް ހައެއްކަ ކަރުނަ ތިކި ފައިބަފާނެ އެވެ. ދެވަނަ ދުވަހަކީ ފިރިމީހާ މަރުވާ ދުވަހެވެ. އެދުވަހު ވަރަށް ގިނައިން ކަރުނަ ފައިބާނެ އެވެ.

މުޅި ޢުމުރުގައި ވެސް ފިރިމީހާއާ ވަކިވާނީ އެންމެ ފަހަރަކު އެވެ. އެއީ އޭނާ އަނެއް ދުނިޔެއަށް ދިއުމުން ވަކިވާން ޖެހޭ ފަހަރެވެ. ޖިސްމާނީ ގޮތުން ވަކިވާން ޖެހުނަސް ރޫޙާނީ ގޮތުން ވަތްކެއް ނުވާނަމެވެ. ފާތިހާ ދުވަސް ފާހަގަ ކުރާނަމެވެ. ކޮންމެ އަހަރަކު އެދުވަހު ފިރި މީހާގެ މަހާނަ މަތީގައި ފިނިފެން މަލެއް ބާއްވާނަ މެވެ.

ފިރިހެނުންނޭވެ!
މި އިޢުލާނު ކިޔައި، މިކަމާމެދު ރަނގަޅަށް ވިސްނާ ފިކުރުކުރާށެވެ!
މި ލޯބީގެ ދަލުގައި ތިބާ ޖެހިއްޖެނަމަ ބިރެއްނެތި ކުރިމަތިލާށެވެ!
މި ދުނިޔޭގައި ކޮންމެ މީހަކުމެ ދިރިއުޅޭނީ އެއްފަހަރު އެވެ.
ޢުމުރަކީ ކުރު އެއްޗެކެވެ. ފުރުޞަތަކީ މަދު އެއްޗެކެވެ.
ގެއްލިއްޖެ ފުރުޞަތެއް އަނބުރާ ނުލިބޭނެ އެވެ.

މި އިޢުލާނުކުރި އަންހެން ކުއްޖާ ބުންޏެވެ.
ހަމަކަށަވަރުން މާތް ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ އެވެ!
ތަޢައްދުދު ކުރުމަކީ އެކަލާނގެ ދީނުގައި ސުންނަތެކެވެ!!
ޗޭންޖް ކުރުމަކީ ވާޖިބެކެވެ!!!


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ