އަދުގެ ޚާއްސަ

Print

ޖާހިލަކާއި ތަޢުލީމުޔާފުތާއެއްގެ މުޙާވަރާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


މުޙައްމަދު ޢަބްދުލްމަޖީދު
ޚުލާޞާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



އެ ދެ މީހުން ބައްދަލުވީ ދުންފަތުގެ އިސްތިޢުމާލުކުރަން ޚާއްޞަކޮށްފައިވާ ކުޑަކުޑަ ކޮޓަރިއެއްގެ ތެރެއިންނެވެ. އެއީ ރޭލްވޭ ސްޓޭޝަނެއްގެ ވެއިޓިންގ އޭރިއާގައިވާ ކޮޓަރިއެކެވެ. އެކެއްގެ އަތުގައި ފޮތެއް އޮތެވެ. އޭނާއިނީ ކިއުބާގެ ބޮޑު ސުއްޓާއެއް ރޯކޮށްގެން އެއިން އަރާ ދުމަށް ބަލަހައްޓައިގެންނެވެ. ވައިތެރޭގައި ދުންތައް ހޮޅިބުރަށް ގުދުލަމުން މައްޗަށް އަރާގޮތާމެދު ވިސްނާ ފިކުރުކުރުމަށެވެ. އަނެކަކު އިނީ ސިނގިރޭޓެއް ރޯކޮށްގެން އޭގައި ދަތް އަޅައިގެން ކަހަލަ ގޮތަކަށް އަނގަޔަށް ޖަހައިގެންނެވެ. އެއިން އޭނާގެ އެތެރެހަށްޓަށް ދާ ނިކޮޓިން އޭނާގެ ފުއްޕާމޭ ހަލާކުކުރަމުންދާކަން އޭނާއަށް ނޭނގޭ ކަހަލަ އެވެ.

އެ ދެ މީހުން އެތާތިބެ އެކަކު އަނެކަކާ ވާހަކަދައްކަން ފެށިއެވެ.

ޖާހިލު:
ތިބާ އިންތިޒާރުކުރާ ރޭލު އަންނަން އަދި ލައްކަ ގިނައިރު އެބައޮތް ހެއްޔެވެ؟

ތަޢުލީމުޔާފުތާ:
ދެން އޮތީ ބައިގަޑި އިރަށްވުރެ މަދު ވަގުތުކޮޅެކެވެ. ނަމަވެސް އަހަރެން އައީ ހުސް ވަގުތުގައި ކިޔާލާނެ ފޮތެއް ހިފައިގެންނެވެ. ރޭލު އައުމުގެ ކުރިން މި ފޮތުގެ ދެބައިކުޅަ އެއްބައި ކިޔޭތޯ ބަލާނަމެވެ.
ތިބާޔާ އެކު ވަގުތު ހިނގާނީ ލަސްލަހުން ހެއްޔެވެ؟ ނުވަތަ ވަގުތާއެކު ތިބާދާނީ ބާރަށް ހެއްޔެވެ؟


ޖާހިލު:
ތިޔަ ގޮތަށް ފޮތް ކިޔައިއުޅުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫނެވެ. ކިޔެވުން ހުއްޓާލި ދުވަހުންފެށިގެން، ފޮތަކާ ގުޅުމެއް ނުބާއްވަމެވެ. ހޭލުންތެރިކަން ލިބެނީ ހަމައެކަނި ފޮތަކުން ނޫނެވެ. އަހަރެން ހޭލުންތެރިކަން ހޯދަނީ ޓީވީ ބަލައިގެންނާއި ކޮފީ ޝޮޕްތަކުގައި އަނގަތަޅައިގެންނާއި އަވަށު މިސްކިތުގައި ދޭ ދަރުސްތަކުންނެވެ.
މިތަނުގައި ވެސް އަނގަތަޅާލާނެ މީހަކާ ދިމާވެއްޖެނަމަ، ވަރަށް އަވަހަށް ވަގުތު ހިނގަމުން ދާނެ އެވެ.

ތަޢުލީމުޔާފުތާ:
މިއީ ޢިލްމާއި ޖާހިލުކަން ހަމަހަމަ ޒަމާނެކެވެ. ތަންދޮރު ދަންނަ މީހަކާއި ޖާހިލަކާ ދެމީހުން ޓީވީއަށް އަރާތިބެ ކަމަކާ ބެހޭ ގޮތުން ވާހަކަދައްކަން ފަށައިފިނަމަ، ބަލަން ތިބޭ މީހުން ގަބޫލުކުރާނީ ޖާހިލު މީހާ ދައްކާ ވާހަކަ އެވެ. ތަންދޮރު ދަންނަ މީހާ ދައްކާ ވާހަކަ އެމީހުންނަކަށް އޮޅުމެއް ނުފިލާނެ އެވެ.


ޖާހިލު:
ތިޔަ ދައްކަނީ އަހަރެންގެ ވާހަކަހެއްޔެވެ؟ ތިބާ ފޮތް ކިޔައި އުޅޭތީ މިޤައުމުގައި އަހަންނަށްވުރެ ތިބާގެ ދައުރު ފުޅާވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ކަންއޮތީ އެގޮތަކަށް ނޫނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެރިންނަކީ އަހަރެން ކަހަލަ މީހުންނެވެ. ރަސްކަމާއި ޖުމްހޫރިއްޔަތާއި އިންޤިލާބީ ވެރިކަމާއި ޢަލްމާނީ ސަރުކާރާއި ދީނީ ދައުލަތްތަކުގައި ވެސް ކަންއޮތީ މިހެންނެވެ. ޖަހުލުގެ އަހުލުވެރިން ޖަލްސާތަކުގައި ތަޤުރީރުކުރަނީ ވެސް ލިޔެފައި އޮންނަ އެއްޗެއް ބަލައިގެން ކޮށަކޮށައިގެންނެވެ. ބަހުގެ ޤަވާޢިދެއް ހަމައެއް ލަމައެއް އެބައިމީހުންނަކަށް ނޭނގެ އެވެ.

ތަޢުލީމުޔާފުތާ:
އެހެން ނަމަވެސް ފޮތް ލިޔެ، ފަންނު އީޖާދުކޮށް، ތާރީޚު ޖަހައި، ޢުލޫމް ފަތުރަނީ ތަންދޮރު ދަންނަ ތަޢުލީމުޔާފުތާއިންނެވެ. ޖާހިލަކު ކަމެއްގެ ޙަޤީޤަތް ދެނެގަންނަން ބޭނުންވެއްޖެނަމަ، ތަޢުލީމުޔާފުތާއެއްގެ ގާތުން އަހައި އޮޅުންފިލުވަ އެވެ. ޢިލްމީ މަހާސިންތާތަކާއި ސެމިނާތަކުގައި އިސްވެ ބަސްކިޔަން ތިބެނީ ތަޢުލީމުޔާފުތާއިންނެވެ. ދުޝްމަނުންގެ ކިބައިން ޤައުމު ސަލާމަތްވާނެ ގޮތާއި ޤައުމުގެ ވެރިންނަށް ތަޤުރީރުތައް ލިޔެދެނީ ވެސް ހަމަ އެބައިމީހުންނެވެ.


ޖާހިލު:
އާނއެކެވެ. ޑިކްޓޭޓަރުން އުފައްދައި، ޚުދުމުޚުތާރު ވެރިކަން ކުރާނެ ގޮތް، ދަސްކޮށްދެނީ ތިބާ ކަހަލަ މީހުންނެވެ. ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި ކިޔަވައިގެން ތިބި ތަންދޮރު ދަންނަ އެތައް ހާސް ތަޢުލީމުޔާފުތާއިންނަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެން ކަހަލަ ދޮޅަހަކަށް ޖާހިލުން މަގުމައްޗަށް ނުކުމެ ހަޅޭލަވައިގަތީމާ ހުރިހައި ކަމެއް ރެޔަކާއި ދުވާލުގެ ތެރޭގައި ވަމުންދާތަން މިދަނީ ފެންނަމުންނެވެ. އަހަރެން ކަހަލަ މީހުން ތިބީ ހަމައެކަނި މަގުމަތީގައި ކުނިކަހާކަށް ނޫނެވެ. ރަށްރަށުގެ ވެރިކަމުގައްޔާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ވެސް އަހަރެން ކަހަލަ މީހުން ވަރަށް ގިނަވާނެ އެވެ. މެޖޯރިޓީ އަކީ އަހަރެމެންނެވެ. ތިބާ ކަހަލަ މީހުންނަކީ މުޖުތަމަޢުގައި އާރެއް ބާރެއް ނެތް މަދުބަޔެކެވެ.
އަދި ބުންނަހެއްޔެވެ. ޖަލްސާއެއްގައި ތިބާ ވާހަކަ ދައްކައި ނިމުމުން، ތިބާ ދެއްކީ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް އަހަރެން ބުނެފާނަމެވެ. އޭރުން، އަޑުއަހަން ތިބޭ މީހުންގެ ތިންބައިކުޅަ ދެބައި ޤަބޫލުކުރާނީ އަހަރެން ބުނި ބަހެވެ. ތިބާ ދަރިވަރުވެފައިވަނީ ކިތައް ފިލޯސަފަރުންނަށް ކަމެއް އެބައިމީހުންނަކު ނުބަލާނެ އެވެ. ތިބާ މަޢުލޫމާތު ހޯދާފައިވަނީ ކިތައް ފޮތުން ކަމެއް ވެސް އެބައިމީހުންނަކު ނުބަލާނެ އެވެ. އެބައިމީހުންގެ ވިސްނުމާ ފިކުރު ގާތްވާނީ އަހަރެންގެ ބަހުރުވައާއި ބަސްމަގާ އެވެ. އަހަރެންގެ ގޭގައި އެއްވެސް ފޮތެއް ނެތްކަމާއި، އޮތީ އެސަޑަމިސަޑަ މަޖައްލާގެ ދެތިން ޢަދަދުކަން ވެސް އެބައިމީހުންނަކަށް ނޭނގޭނެ އެވެ.
އަދި ބުނަންހެއްޔެވެ. އަހަރެންގެ ފަހަތުން ފާރަލަމުން ފުލުހުންނެއް ނުދުވާނެ އެވެ. ޤައުމުގެ ވެރިޔަކަށް ޙިމާރަކު އިސްކުރެވުނަސް، އޭނާއަށްވުރެ މޮޅު މީހަކު ނެތްކަމަށް ބުނެ ތަޢުރީފުކޮށް ސަނާކިޔާނަމެވެ. ހިތްފަސޭހަ ދިރިއުޅުމެއް ހޯދާނީ މިޒާތުގެ އަނގަތަޅައިގެންނެވެ.

ތަޢުލީމުޔާފުތާ:
އެހެންނަމަވެސް، ލޯތަކަށް ފެންނަން ނެތް ބާރަކީ އަހަރެން ކަހަލަ ތަޢުލީމުޔާފުތާއިންނެވެ. އަންނަން އޮތް ޗޭންޖުތަކާއި ބަދަލުތައް ގެންނަނީ އަހަރެމެންނެވެ. ކަސްތޮޅު އެޅުވިފައިވާ މާރިދުންނަކީ އަހަރެމެންނެވެ. ޑިކުޓޭޓަރުން ތިބާ ކަހަލަ ޖާހިލުންނަށް ކުރަމުން ގެންދާ އަނިޔާތަކުގެ ވާހަކަ ދުނިޔެއަށް ހާމަކުރަނީ އަހަރެމެންނެވެ. ތިބާ ހީކުރަނީ ތިބާއަކީ ބާއްޖަވެރިކަން މަތީ ދިރިއުޅޭ، މިނިވަންކަން ލިބިފައިވާ، ކިޔަމަންތެރި މުވާޠިނެއް ކަމަށް ނޫންހެއްޔެވެ؟ ތިއީ ކުށްހީއެކެވެ.
ތިބާ ކަހަލަ ޖާހިލުންގެ ކިބައިގައިވާ ހަރުކަށިކަމާއި ތަޢައްޞުބު ބުނެދީ، ޖާހިލުންނަށް ލިބެންޖެހޭ ޙައްޤުތަކާއި، ޖާހިލުން އަދާކުރަންޖެހޭ ވާޖިބުތައް ބުނެދެނީ، އަހަރެމެންނެވެ. މިންބަރުތަކަށް އަރާތިބެ މީސްތަކުންގެ ބުއްދިއާ ކުޅޭ ރާޤިޞުން ދައްކާ ވާހަކަތަކުގެ ޙަޤީޤަތާއި، އިންތިޚާބުތަކުގައި ހަދާ މަކަރުތަކާއި، ވިޔަފާރީގައި ހަދާ އުކުޅުތައް ވެސް މީސްތަކުންނަށް ބުނެދެނީ ހަމަ އަހަރެމެންނެވެ.
އަހަރެމެން ޖަލަށް ލެވި، އަނިޔާ ލިބި، އިދިކޮޅު ޕާޓީގައި ޙަރަކާތްތެރިވަމުން މިދަނީ ތިބާ ކަހަލަ ޖާހިލުން ހިންގާލުމަށްޓަކަ އެވެ. ހަމައެކަނި އަހަރެންގެ އަތުގައި ފޮތެއް އޮތަތީ، ތިބާ އަހަރެންނާ ދިމާކުރާކަށް ނުޖެހެ އެވެ. އަހަރެންގެ އެކަނިވެރިކަން ނެއްތައިދޭ މިތުރަކީ ފޮތެވެ. އަހަރެންގެ މުނިފޫހި ފިލުވައިދޭ ބައިވެރިޔަކީ ފޮތެވެ. އަދި އަހަރެންނަށް މަގުދައްކައިދޭ މުރުޝިދަކީ ވެސް ފޮތެވެ.


ޖާހިލު:
އަހަރެންގެ ޖާހިލުކަމަށް ތިބާ ހަޖޫކިޔާއިރު، އަހަރެންގެ މަގުބޫލު އުޒުރާމެދު ނުބަލަނީ ކީއްވެހެއްޔެވެ؟ އަހަރެމެން ދިރިއުޅެމުން މިގެންދަނީ، ޖާހިލުންގެ ދަރަޖަ މަތިކޮށް، ތަޢުލީމުޔާފުތާއިންގެ ޤަދަރު ކުޑަކުރާ ތަނެއްގަ އެވެ. އަހަރެން ތަޢުލީމަށް ނަފުރަތުކުރަން ޖެހުނީ މިހެންވެގެންނެވެ.
ތިބާއަށް ލިބިފައިވާ ތަޢުލީމާއި ސަގާފަތާއި ހޭލުންތެރިކަމުން ތިބާއަށް ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟ ތިބާ ދައްކާ ވާހަކަ އަޑުއަހާނެ މީހަކު ނެތެވެ. ނަމަވެސް އަހަރެންގެ ޖާހިލުކަމުން އަހަރެންނަށް މަންފާކޮށްފި އެވެ. އަހަރެންގެ ކުރިމަތީގައި މަގުތައް ވަނީ ފެތުރިފަ އެވެ. ދޮރުތައް ވަނީ ހުޅުވިފަ އެވެ. އާރާއި ބާރުގެ މަޤާމުތައް ވަނީ މަރްޙަބާކިޔަކިޔަ އެވެ.
އަހަރެންނާއި ތިބާއަކީ، މުޅިން އިދިކޮޅު ދެމީހުން ކަމަށް ވިޔަސް، އަހަރެމެން ދެމީހުން މިވަނީ އެއް މަޅިއެއްގައި ޖެހިފަ އެވެ.
ތިބާއާއި އަހަރެންގެ ސިނގިރޭޓްގެ އަޅިޔާއި ބާކީބައި އެއްލައިލާނީ ހަމަ ކުނިގޮނޑަށެވެ. ތިބާގެ ތަންދޮރުދަންނަކަމާއި އަހަރެންގެ ޖާހިލުކަން އަބަދުވެސް އަރާރުންވަމުން ދާނެ އެވެ. އަގު ބޮޑު ޚަޒާނާއެއް ފަދަ ތިބާގެ ބުއްދިއާއި މީދާ ކޭ ހުސް އުނބެއް ފަދަ އަހަރެންގެ ބުއްދި ދުވަހަކު ވެސް އެއްގަލަކަށް ނާރާނެ އެވެ. ތިބާގެ ފަހިކަމާއި އަހަރެންގެ އިދިކަން ޚިދުމަތްކުރަމުން ގެންދަނީ އަނިޔާވެރިންގެ ތައްޕާހުގައެވެ.

ތަޢުލީމުޔާފުތާ:
އަހަރެން މިދައްކާ ވާހަކަތައް ތިބާއަށް ފަހުމްވާ ކަމާމެދު ޝައްކުކުރަމެވެ. ޔަޤީންކަމާއެކު ބުނަމެވެ. ޔޯޔޯއަކާ ކުޅެލުމަށްވުރެ، ތިބާއާ ކުޅެލަން ފަސޭހައެވެ. ރައްޔިތުންގެ ތެރެއިން ތިބާ އެބަޔެއްގެ ތެރޭގައި ހިމެނޭ ބަޔަކީ އަނިޔާވެރިންނަށް ވާގިވެރިވާ ބަޔެކެވެ. އަދި އަނިޔާވެރިކަމަށް ހުށަހެޅިގެން ތިބޭ ބަޔެކެވެ.
ތަންދޮރު ދަތުމާއި މަޢުރިފާއަށްޓަކައި އަހަރެންގެ ފުންނާބު އުފުލަންޖެހޭ ވަރަށްވުރެ މާ ބޮޑަށް، ނުދަތުމާއި ޖާހިލުކަމަށްޓަކައި ތިބާގެ ފުންނާބު އެބަ އުފުލަމެއް ނޫންހެއްޔެވެ؟ ފޮތާއި ޢިލްމާއި އަދަބިއްޔާތާއި ހޭލުންތެރިކަން ދެކެ ތިބާފަދަ މީހުން ކުރާ ނަފުރަތުގެ ނަތީޖާއަކީ، ތަރައްޤީގެ ރޭހުގައި ޤައުމު ގިއްގެޅިފައި އޮތުމެވެ. މިނިވަންވުމެއް ނެތި އަޅުވެތިކަމުގެ ތެރޭގައި އޮތުމެވެ.
އަހަރެން މި ދައްކާ ވާހަކަ އަޑުނާހަން ވެގެން ތިބާ ދެ ކަންފަތުގައި އިނގިލިއަޅައި އަމިއްލައަށް ތިޔަ ބީރުވަނީ އެވެ. ތިބާއަކީ އަޑުގަދަ މީހާގެ ރުއް ގިނަވާ ސަގާފަތުގެ އަހުލަކީމުތާ އެވެ.
ތިބާ ހީކުރަނީ، އަހަރެންގެ ދަރަޖައަށް ތިބާ އުފުލުމަކީ ދަތި އުނދަގޫ ކަމެއް ކަމަށެވެ.
އަހަރެން ޔަޤީންކުރަނީ ތިބާގެ ދަރަޖައަށް އަހަރެން ތިރިވުމަކީ މާ ގެއްލުން ބޮޑު ކަމެއް ކަމަށެވެ.
އަހަރެމެން ދެމީހުކުރެ ކޮންމެ މީހަކު ދެކޭ ގޮތް މޮޅުކުރުމަށްޓަކައި މިހެން ކިތަންމެ ގިނަ އިރަކުވެސް ވާހަކަ ދެއްކިދާނެ އެވެ. ނަމަވެސް ސިއްރު ފުލުހުން އަހަރެމެން ދެމީހުންނަށް ފާރަލަމުންގެންދާނީ މަލާމާތުގެ ރާގެއްގައި ހެނމުން ހެނމުންނެވެ. މުގުރުން ތަޅާއިރު، އަހަރެމެން ދެމީހުންކުރެ އެކެއްގެ ގުދާރު އަނެކެއްގެ ގުދާރާ ތަފާތެއް ނުކުރާނެ އެވެ!


މަޞްދަރު:
ވަޠަން ޑޮޓް ކޮމް.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ