އަލަށް ފެށިދާ ޙަޔާތުގެ ދަތުރުތަކުގާ
އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅު
ބަލަން ނޭދެމުހެ މޮޅު ބުއްދީގެ ސަމުގާ
އަލަށް ފެށިދާ ހަޔާތުގެ ދަތުރުތަކުގާ
ވެވޭނޭހޭ ދަތުރު ހަމަ އެކަނި ބަލަމުން،
ފެވޭ ކުރެހުންތަކަށް ހުންގާނު މޮއިގާ
ނަގާ ހުރިހާ ރިޔާ ކުރިޔަށް ދަނީހޭ
ހިނގާ ފިތުނައިގެ ޠޫފާނުގެ ތެރޭގާ
ދުލެއް ދަންމާނަކަށް ދީގެން ނުވޭހޭ
އުލެއްހެން ފެންނަ ރާޅުގެ ކުރިމަތީގާ
ފުމޭ ކޯމަހުގެ ހަރަކާތާ ދުވެއްޔަށް،
ނިމެންދެން ވާދަ ކުރަނީހޭ މަޖަލުގާ
ހިޔަންޏަށް މުޑިނަގާ ފުމެނީހެ ސަހަރޯ
ވިގަންޏަށް މަރުޙަބާ ކިޔަމުން އުފަލުގާ
މަތީ އޮޑި ހަށިނަގާމަތި ދެއްކި ފަންވަރު،
ނެތީ ކަމަކާހެ ޖެހުނީމާ ހަށީގާ
ދަތުރު އޮޅި ދިގުވެ ދެން އަނބުރާލަނީހޭ،
ހަތުރުހެން އަންނަ ގަދަ ބާނީ ތެރޭގާ
ހެޔަށްހޭ ގޮތްވަނީ ފުރިތާ ނުޖެހިގެން،
ރެޔަށްފަހު، އަލިވިލޭއިރު، ކަނޑުމަތީގާ
އުރަށްލެވެނީހެ އަތް ސިހި މޭކަރާލާ
ނުރައްކާތެރިވި ކޮޅިގަނޑުގަނޑު ތެރޭގާ
މަތިން ޖެހުމުން ރިޔާ ކިހިނެއް ހަދާނީ،
މަތިން ދިޔުމަށް ފަރެއްގެ މި ޖުންޖުލާގާ
ހިލާ ފަޅުވެރިޔަކަށް ހުޝިޔާރު ވޭހޭ
ނުލާ ހަރު މީހަކީ ބަލަ ކުނބު ކުރީގާ
ސަލާމަތަކަށްހެ ޖެއްސީ ފަރުމަތީ ގޮސް،
ބަލައިނުމެލައި ލުމާ ދީލާ އެކީގާ
ކޮޔާ ''ހިމަ ރޮއްޖަކުން'' ހިފެހެއްޓުމަށްހޭ
ޙަޔާތުގެ ނާ އަޅަންވީ ތިޔަ ބަނދަރުގާ
ގެނބުރުގާ ފުއްޓަރުގެ ގިބެނީހެ ނިދިފާ،
އެނބުރިދާ ވައި ނުރައްކާ މޫސުމެއްގާ
ނިމުން އަމަނާއެކީ އެދެމޭ ދަތުރުތައް
ހެމުން ކުރިމަތި ލެވޭ މުސްތަޤުބަލެއްގާ
(ނިމުނީ)