ފިޤުހީ މަޛުހަބުތައް ފެތުރިފައިވާ ތަންތަން
ޢަބްދުލްމުޢީދު ޙަސަން
މަޛުހަބު ނުވަތަ މަޒުހަބަކީ ދީންތަކަށް އާ އެއްޗެއް ނޫނެވެ. މާތްވެގެންވާ އިސްލާމްދީނާއި އެހެން ދީންތަކުގައި ވެސް މަޒުހަބުތައް ވެ އެވެ. އަދި މަޒުހަބުގެ ތަފާތު ވައްތަރުތައް ވެ އެވެ. ފިޤުހީ މަޒުހަބުތަކާއި ޢަޤާއިދީ މަޒުހަބުތަކާއި ސިޔާސީ މަޒުހަބުތަކާއި ސައިންސްގެ މަޒުހަބުތައް ވެ އެވެ. މަޒުހަބުތައް ހެދިބޮޑުވަމުންދާއިރު، އެއިން ގޮފި ފަޅައި، އިތުރު މަޒުހަބުތައް އުފެދެ އެވެ. މުސްލިމުންގެ ތެރޭގައި ގިނައިން ވާހަކަ ދެކެވެނީ ފިޤުހީ މަޒުހަބުތަކާ ބެހޭ ގޮތުންނެވެ.
މި ފޮޅުވަތްތަކުގައި ނަންގަނެލާނީ، ފިޤުހީ މަޒުހަބުތަކާއި އެ މަޒުހަބުތައް ފެތުރުނު ޤައުމުތަކެވެ. ފިޤުހީ މަޒުހަބުތަކުގެ ތެރެއިން މަޝްހޫރުވެފައިވަނީ ހަތަރު މަޒުހަބެކެވެ. އެއީ ޙަނަފީ މަޒުހަބާއި މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި ޙަންބަލީ މަޒުހަބެވެ. ސުންނީ މުސްލިމުންނޭ ކިޔެނީ މި މަޒުހަބުތަކާ ތަބާވާ މީހުންނަށެވެ. މި ނޫން އެހެން ފިޤުހީ މަޒުހަބުތައް ވެސް ވެ އެވެ. ނަމަވެސް މި ހަތަރު މަޒުހަބު ފަދައިން އެއިން މަޒުހަބެއް މަޝްހޫރެއް ނުވެ އެވެ.
ޙަނަފީ މަޒުހަބު
މި މަޒުހަބު ނިސްބަތްވަނީ، އަބޫ ޙަނީފާ އައްނުޢުމާން ބިން ސާބިތަށެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 80 ވަނަ އަހަރުން 150 ވަނަ އަހަރަށެވެ. އެކަލޭގެފާނަކީ، ފާރިސްކަރައިގެ ބޭކަލެއް ކަމަށް މަޝްހޫރުވެފައިވެ އެވެ. އަދި އެހެން ރައުޔެއްގައި، އެކަލޭގެފާނަކީ އަފުޣާނިސްތާނު ބޭކަލެއް ކަމަށް ބުނެވެ އެވެ.އިމާމު އަބޫ ޙަނީފާ އަކީ، ތާބިޢީ ބޭކަލުންގެ ތާބިޢީ ބޭކަލެކެވެ. އެކަލޭގެފާނަކީ، ފިޤުހު ޢިލްމުވެރިއެކެވެ. ޢިރާޤުގެ ފަޤީހަކީ އެކަލޭގެފާނު ކަމުގައިވި އެވެ.
އެކަލޭގެފާނުގެ ފިޤުހީ މަޒުހަބު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތާއި އިޖުމާޢާއި ޤިޔާސާއި އިސްތިޙުސާނާއި ޢުރުފާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކާއި ކުރީގެ ޝަރުޢުގެ މައްޗަށެވެ.
ޙަނަފީ މަޒުހަބު ފެތުރުނީ، ބަލްކަން ސަރަޙައްދާއި މެދުތެރޭ އޭޝިއާ އާއި މިޞްރާއި އަފުޣާނިސްތާނާއި ތުރުކިސްތާނާއި ޕާކިސްތާނާއި ބަންގްލާދޭޝް އާއި އިންޑިއާގެ ދެކުނާއި ތުރުކީވިލާތާއި ސީރިޔާގެ ދެކުނާއި ޢިރާޤުގެ ބޮޑުބަޔަކާއި ސޮވިއެޓް ޔޫނިއަންގައި ހިމެނުނު ބައެއް ޤައުމުތަކާއި ޗައިނާގަ އެވެ.
މާލިކީ މަޒުހަބު
މި މަޒުހަބު ނިސްބަތްވަނީ، މާލިކު ބިން އަނަސް އަށެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 93 ވަނަ އަހަރުން 179 ވަނަ އަހަރަށެވެ.މާލިކީ މަޒުހަބު ފާޅުވެ، މަޒުހަބެއްގެ ގޮތުގައި މުސްތަޤިއްލުވީ ހިޖުރައިން ދެވަނަ ޤަރުނުގަ އެވެ. މި މަޒުހަބުގެ މައިގަނޑު ފިކުރަކީ، މަދީނާގެ އަހުލުވެރިން ދީނީ ކަންކަމުގައި ޢަމަލުކުރާ ގޮތަށް ބުރަވުމާއި އަނިޔާވެރި ޙާކިމާއާ ދެކޮޅަށް ނުކުތުން ހުއްދަނުކުރުމެވެ. ކުރީކޮޅުގައި މި މަޒުހަބު ފެތުރުމަށް ސަރުކާރުގެ ވާގިވެރިކަން ލިބުނެވެ.
މާލިކީ މަޒުހަބު، ޙިޖާޒުކަރައިގައި ވަރަށް ބޮޑަށް ފެތުރުނެވެ. އެއީ އިމާމު މާލިކުގެ އުފަންބިމެވެ. ޢައްބާސީ ދައުލަތުގެ މަދަދާއެކު، މި މަޒުހަބު ބަޣުދާދުގައި ފެތުރުނެވެ. ބަޞަރާގައި މި މަޒުހަބު ފާޅުވީ ޙިޖާޒުކަރައިގައި ފާޅުވިތާ ފަސް ޤަރުނު ފަހުންނެވެ. ފާރިސްކަރައިގައި މި މަޒުހަބު ފާޅުވި އެވެ. ނަމަވެސް ޞަފަވީ ދައުލަތުގެ ޒަމާނުގައި މަޒުހަބު ފެތުރުން ހީނަރުވި އެވެ.
މާލިކީ މަޒުހަބު ބޮޑަށް ފެތުރިފައިވަނީ، ޢަރަބި ދުނިޔޭގެ ހުޅަނގު ބިތާއި ޔޫއޭއީ އާއި ބަޙުރައިން އާއި ޤަޠަރާއި ކުވައިތާއި ސޫދާނާއި މިޞްރުގެ ޞަޢީދާއި ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީ ސަރަޙައްދާއި އެފްރިކާ ބައްރުގެ މެދާއި ހުޅަނގުގަ އެވެ.
މިހާރު މާލިކީ މަޒުހަބާ ތަބާވާ މުސްލިމުންގެ ޢަދަދު، 150 މިލިޔަނަށްވުރެ ގިނަ ކަމަށް ބައެއް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ޝާފިޢީ މަޒުހަބު
މި މަޒުހަބު ނިސްބަތްވަނީ، މުޙައްމަދު ބިން އިދުރީސުއްޝާފިޢީ އަށެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 150 ވަނަ އަހަރުން 204 ވަނަ އަހަރަށެވެ.ޝާފިޢީގެފާނުގެ ޙަޔާތްޕުޅުގައި މި މަޒުހަބު ފާޅުވެ ފެތުރުނެވެ. މި މަޒުހަބުގެ އިސްތިންބާޠާއި ޠުރުޤުލް އިސްތިދުލާލު ބިނާވެފައިވަނީ ޝާފިޢީގެފާނު އެކަށައެޅުއްވި ހަމަތަކުގެ މަތީގަ އެވެ. މި މަޒުހަބުގެ ހުރިހައި ފިޤުހުވެރިންގެ ރައުޔުތައް، ޝާފިޢީގެފާނުގެ ރައުޔާ އެއްގޮތެއް ނޫނެވެ. ނަމަވެސް ޝާފިޢީގެފާނު ކަނޑައެޅުއްވި ހަމަތަކުގައި އެބޭކަލުން ހިފަހައްޓަވަ އެވެ.
އުޞޫލުލް ފިޤުހު ޢިލްމުގައި އެންމެ ފުރަތަމަ ފޮތެއް އެކުލަވައިލެއްވީ ޝާފިޢީގެފާނެވެ.
ޝާފިޢީ މަޒުހަބު ފެތުރުނު ޤައުމުތަކުގެ ތެރޭގައި، މިޞްރާއި ސީރިޔާއާއި ޖޯޑްން އާއި މެލޭޝިއާ އާއި އިންޑޮނީޝިއާ އާއި ފަލަސްޠީނާއި އެފްރިކާ ބައްރުގެ އިރުމަތި ފަރާތާއި އިންޑިއާގެ ދެކުނާއި ޔަމަނާއި ޢުމާނާއި ސަޢޫދީ ޢަރަބިއްޔާގެ އިރު ދެކުނުގެ ބައެއް ރަށްރަށާއި ޙިޖާޒުކަރައިގެ ބައެއް ރަށްރަށާއި ޢިރާޤުގެ މެދުތެރެއާއި އީރާނުގެ ބައެއް ރަށްރަށް ހިމެނެ އެވެ.
ޙަންބަލީ މަޒުހަބު
މި މަޒުހަބު ނިސްބަތްވަނީ، އަޙުމަދު ބިން ޙަންބަލަށެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 164 ވަނަ އަހަރުން 241 ވަނަ އަހަރަށެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ބަޣުދާދުގަ އެވެ. އެކަލޭގެފާނަށް ކިޔަވާދެއްވި ޢިލްމުވެރިންގެ ތެރޭގައި ޝާފިޢީގެފާނު ހިމެނިވަޑައިގަންނަވަ އެވެ.އައްޠަބަރީ ފަދަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އިމާމު އަޙުމަދަކީ ފިޤުހުވެރިޔެއް ނޫނެވެ. އެކަމަކު އެކަލޭގެފާނަކީ، ޙަދީޘް ޢިލްމުވެރިޔެކެވެ.
ޙަންބަލީ މަޛުހަބުގެ އުޞޫލުތައް، ޝާފިޢީ މަޛުހަބުގެ އުޞޫލުތަކާ ގާތެވެ. އެހެނީ، މި މަޒުހަބުގެ ފިޤުހު ބިނާވެފައިވަނީ، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތާއި އިޖުމާޢާއި އަޞްޙާބު ބޭކަލުން ދެއްވާފައިވާ ފަތުވާއާއި ޤިޔާސް ގެ މައްޗަށެވެ.
އިމާމު އަޙުމަދަކީ، ޙަދީޘުފުޅުތަކަށް އިސްކަންދެއްވި ބޭކަލެކެވެ. ދީނުގެ އެހެން މަޞްދަރުތަކަށްވުރެ ކުރިޔަށް، އެކަލޭގެފާނު ވަނީ ޙަދީޘްފުޅުތައް ނެރުއްވާފަ އެވެ. އަޞްޙާބު ބޭކަލަކު ދެއްވާފައިވާ ފަތުވާއެއް ފެނިވަޑައިގެންފިނަމަ، އެހެން ރައުޔުތަކާއި ޤިޔާސަށްވުރެ ކުރިޔަށް އެފަތުވާއެއް އެކަލޭގެފާނު ނެރުއްވި އެވެ.
ފިޤުހު ޢިލްމުގެ ފޮތެއް، އިމާމު އަޙުމަދު ނުލިޔުއްވަ އެވެ. އެކަލޭގެފާނުގެ މަޒުހަބަކީ އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އެކަލޭގެފާނުގެ އަރިހުން ދަރިވަރުންނަށް ލިބިފައިވާ ޖަވާބުތަކެވެ. އެތަކެތި ފޮތްފޮތުގައި ލިޔުނީ އެކަލޭގެފާނާ ތަބާވީ މީހުންނެވެ.
އިމާމު އަޙުމަދު ފޮތެއް ލިޔުއްވީ ޙަދީޘް ޢިލްމުގަ އެވެ. އެ ފޮތަކީ "އަލްމުސްނަދު" އެވެ.
ޙަންބަލީ މަޛުހަބު ބޮޑަށް ފެތުރުނީ ޢަރަބި ޖަޒީރާ ގަ އެވެ. ނަމަވެސް ސީރިޔާއާއި ޢިރާޤާއި އިންޑިއާ އާއި އަލްޖީރިއާ އާއި އަފުޣާނިސްތާނުގެ މަދު ބަޔެއްގެ ތެރޭގައި މި މަޒުހަބު ފެތުރުނެވެ. ތަތާރުން ބަޣުދާދު ޚަރާބުކުރުމުގެ ކުރިން، އެރަށުގައި މި މަޒުހަބު ވަރަށް ބޮޑަށް ފެތުރިފައި ވި އެވެ.
އެހެން މަޒުހަބުތަކެކޭ އެއްފަދައިން މި މަޒުހަބު އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިފައި ނުވަނީ، އިހުގެ ސަރުކާރުތަކުން މި މަޒުހަބަށް އިސްކަމެއް ދީފައި ނުވާތީ އެވެ. ނަމަވެސް މިއަދުގެ ދުނިޔޭގައި ދެ ސަރުކާރެއްގެ ރުހުން ވަނީ މި މަޒުހަބަށް ލިބިފަ އެވެ. ސަޢޫދީ ޢަރަބިއްޔާއާއި ޝާރިޤާގެ ސަރުކާރުން އެ ދެ ޤައުމުގެ ރަސްމީ މަޒުހަބު ކަމުގައި ކަނޑައަޅާފައިވަނީ ޙަންބަލީ މަޒުހަބެވެ.
މަޞްދަރުތައް:
ތައިސީރުލް ފިޤްހް.
ސީރަތުލް އައިއްމަތިލް އަރްބަޢާ.
އަލްފިޤްހު ޢަލަލްމަޒާހިބިލް އަރުބަޢާ.
ވިކިޕީޑިއާ.