އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (6)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


12 ޖޫން (ހޮނިހިރު) އާ ގުޅޭ...


ބިންމާ އިބްރާހީމް ވަޙީދު

ތިމާ މި ކުރަނީ ރަނގަޅުކަމެއްކަން ތިމާ އަށް ޔަގީންވަންޏާ އެ ވާނީ ރަނގަޅު ކަމަކަށެވެ. ވީއިރު، ތިމާގެ ނިންމުން "އެންމެނަށް" ކަމުދިޔުމަކީ ލާޒިމުކަމެއް ނޫނެވެ. ރަނގަޅުކަމެއް ކުރަން ފަސްނުޖެހޭށެވެ. ލަދު ވެސް ނުގަންނާށެވެ. ޚާއްޞަކޮށް، އެހެން މީހުންނާއި ތިމާއާ އަޅާނުކިޔާށެވެ. ތިމާ އަކީ ވަކި މީހެކެވެ. އެހެން މީހެއްގެ ހުވަފެންތަކާ އެއްގޮތަށް ނުވަތަ އެހެން މީހެއްގެ ނަތީޖާ އަށް ތިމާ ބަރޯސާވެގެން ވެއަތުކުރާ ކޮންމެ ސިކުންތަކީ، ތިމާގެ ހުވަފެނުން ބޭކާރުވާ ސިކުންތެކެވެ. ތިމާގެ ހިތްވަރުދެރަވެ، ކަންނެތްވާ ކަމެކެވެ.
    
ކަންނެތްކަމަކީ ވެސް ސިކުނޑީގެ އުފެއްދުމެކެވެ. ތިމާގެ ހަށިގަނޑު ލޮޑުވުމުގެ ކުރިން ސިކުނޑި ލޮޑުވާނެ އެވެ. އެއްވެސް އުންމީދެއް އަދި މިސްރާބެއް ނެތި ދިރިއުޅޭ ކޮންމެ މީހަކަށް، ކަންނެތްކަމުގެ ނުފޫޒު ފޯރާނެ އެވެ. މިސާލަކަށް، ލިބޭ ޗުއްޓީ ދުވަހެއްގައި، ގޭތެރޭގެ މަސައްކަތެއް ކޮށްލާނަމޭ ހިތައި އަތުކުރިއޮޅާލަބަލާށެވެ. އެކަމަކު، ކުރަންވީ ކޮން މަސައްކަތެއްކަމެއް، ފަށަންވީ ކޮން ދިމާލަކުންކަމެއް ނޭނގެ އެވެ.

 އެހެންކަމުން، އެ ދިމާލުން ކަމެއް، މި ދިމާލުން ކަމެއް ކުރަންފެށީ އެވެ. އިސާހިތަކު ތިމާ ވަރުބަލިވެ، ލޮޑުވެދާނެ އެވެ. އެކަމަކު، އޭރު، ކުރިވިފައިވާ ނުވަތަ ނިމިފައިވާ ކަމެއް ވެސް ނޯންނާނެ އެވެ.

އެހެންނަމަވެސް، ކުއްލިއަކަށް އެކުވެރިއަކު ގުޅާފައި، ސީދާ ވަކި ކަމެއް ކުރަން ހިނގާށޭ ބުނުމާއެކު، އެ ލޮޑުކަން ފިލާނެ އެވެ. ކީއްވެގެން ހެއްޔެވެ؟ ތިމާ، ވަކި ކަމެއް ކުރަން ކަނޑައެޅީތީ އެވެ. ވަކި މިސްރާބަކަށް ދަތުރުފެށީތީ އެވެ. ހަށިގަނޑުގައި ހުރީ، ކުރިން ވެސް ހުރި ހަކަތަ އެވެ. އެ އަކަށް ބަދަލެއްނާދެ އެވެ.
   
ހަމަ އެ ގޮތަށް، ތިމާ ކަނޑުވީ އެވެ. ދާނެ ވަކި ދިމާލެއް ނޭނގި، ފިލާގަނޑެއް މަތީގައި، ވަރުބަލިވެފައި އޮތީ އެވެ. ކުއްލިއަކަށް، ހިކިފަސްތަނެއް ފެނިބަލާށެވެ. ހީވެސްނުކުރާ ވަރުގަދަ ހަކަތައެއް ތިމާ އަށް ލިބޭނެ އެވެ. އެ ދިމާލަށް ކަނބަންފެށޭނެ އެވެ. އަދި، ހިކިފަސްތަން އަތުލުމަށްޓަކައި، ކުރިން ނެތް ހިތްވަރު ތިމާ އަށް ލެވޭނެ އެވެ. އެކަމަކު، އެ މަންޒިލު ތިމާގެ ލޯމަތިން ހަމަ ގެއްލޭއިރު، ކުއްލިއަކަށް ވަރުބަލިވާނެ އެވެ. ވަރުދެރަވާނެ އެވެ. މާނަ އަކީ، ލޮޑުކަމަކީ ހަމައެކަނި ސިކުނޑި އަށް ވެރިވާ އިހުސާސެއް ކަމެވެ. ވަކި ދިމާލަކަށް ތިމާގެ ސަމާލުކަން އަމާޒުކުރެވުމުން ހަކަތަ އިތުރުވާނެ އެވެ.

އެތެރޭގައިވާ ހިތްވަރުގެ އަނގުރުގައި ހުޅުރޯކުރުން

    މިހާ ހިސާބަށް އައިއިރު، ތިމާ އަށް ބިނާކުރަނިވި ބަދަލުތަކެއް ގެނައުމަށްޓަކައި، ރޭވުންތައް ރާވާނެ ބައެއް ގޮތްތައް ވާނީ ބުނެދެވިފަ އެވެ. ދާއިމީކޮށް އޭގެ ބޭނުން ހިފައިފި ނަމަ، އަޖައިބުކުރަނިވި ބަދަލުތައް ތިމާ އަށް ފެނިގެންދާނެ އެވެ. ކުރިން ބުނިހެން، މި ފަދަ އުސޫލުތަކެއް ހޯދަން ބޭނުންވެފައި ތިބި އެހެން މީހުންނަށް، ތިމާ މި އެހީތެރިކަން ފޯރުކޮށްދޭންވާނެ އެވެ. މިއަދު އިންސާނުންނަށް މި ވަނީ، ހީވެސް ނުކުރާ ކަހަލަ އެކިއެކި ބަދަލުތައް އައިސް، މުޖުތަމަޢުގައި އެ ބަދަލުތައް ވަކިހިއްޕާލާފަ އެވެ. ކިތަންމެ އިންސާނުންނެއް، ރިޔާ ނެތް ބައްތެލިތަކެއް ފަދައިން އޮޔާ ދެމެނީ އެވެ. ހަރުދަނާ ނަސޭހަތްތަކުގެ ނެރުބައްތިއެއް، އެ ބައްތެލިތަކަށް ފެންނާކަށް ނެތެވެ. ހުރިހާ ފަޅުވެރިންނާއި ދަތުރުވެރިންނާއެކު، އަނިޔާވެރިކަމާއި ލާދީނީ އޮޔެވަރުގައި ޖެހި، ހަލާކުގެ ފަރުތަކާ ދިމާލަށް ބައްތެލިތައް ދަމަންފަށައިފި އެވެ. ނެތްވަކަށް ވެގެން،  އެ ބައްތެލިތައް ސަލާމަތްކުރުމުގެ ޒިންމާ އެޅިފައިވަނީ ތިމާގެ ކޮނޑުގަ އެވެ. ކިޔުންތެރިޔާގެ ކޮނޑުގަ އެވެ. އެންމެ ހިތްގައިމު ކަމަކީ، ތިމާގެ ޢާއިލާ އާއި އެކުވެރިންގެ ދިރިއުޅުން ބާއްޖަވެރި ކުރުމުން، ތިމާގެ ދިރިއުޅުމަށް ވެސް އޭގެ ރަނގަޅު އަސަރު ކުރާނެ ކަމެވެ. އޭގެ ލާބަ އާއި މަންފާ، ތިމާ އަށް ވެސް ކުރާނެ ކަމެވެ.

ބުރުޒު
    ސިކުނޑި ނުވަތަ ބުއްދި އަކީ، ފެހިކަން ގަދަ، ވަސްމީރު، ހިތްގައިމު ބަގީޗާއެއްކަން މިހާރު ވާނީ އެނގިފަ އެވެ. ކޮންމެ ދުވަހަކު އެ ބަގީޗާ ކުނިކަހައި، ގަސްތަކަން ފެންދޭން ޖެހޭނެ އެވެ. މާޔޫސްކަމާއި، ނާއުންމީދު ފަދަ ވިނަތައް، އެ ބިމުގައި ފެޅިޔަދީގެން ނުވާނެ އެވެ. ކިބުރުވެރިކަމާއި، ދަހިވެތިކަން ފަދަ ފެހި، އެ ފާރުތަކުގައި ޖެހިޔަދީގެން ވެސް ނުވާނެ އެވެ.
   
އެ ބަގީޗާގެ މެދުގައި ހުރީ ބުރުޒެކެވެ. މީގެން ރަމްޒު ކޮށްދެނީ، ދިރިއުޅުމުގެ މުހިންމު ފަލްސަފާއެކެވެ. "ހަޔާތުގެ ލަނޑުދަނޑި އަކީ، ލަނޑުދަނޑީގެ ހަޔާތެވެ." ހަޔާތުގައި، މާއްދީގޮތުންނާއި، ޖަޒުބާތީގޮތުންނާއި، ޖިސްމާނީގޮތުންނާއި، ރޫޙާނީގޮތުން ތިމާގެ ބޭނުންތަކަކީ ކޮބައިކަން، ހަރުދަނާ މީހުންނަށް އެނގޭނެ އެވެ. ދިރިއުޅުމުގައި ކަންކަމަށް އިސްކަންދޭ ތަރުތީބުން، އޮޅުންނާރާ ގޮތަށް އަމާޒުތައް ކަނޑައެޅުމުގައި، ވަރަށް އެކަށީގެންވާ ދައުރެއް ބުރުޒު އަދާކުރާނެ އެވެ. އަދި ހަމަ އެހެންމެ، މޫސުން ނުބައިވެ، ކަނޑުގަދަވުމުން، އެ ބުރުޒުގެ މަތީގައިވާ ބޮކިން މަގުދެއްކުމާއެކު ހިޔާވަހިކަން ވެސް ހޯދައިދޭނެ އެވެ. ތިމާ ދަތުރުކުރާ މިސްރާބަށް އިންޤިލާބު ގެނައުމުން، ތިމާގެ ދިރިއުޅުމަށް ވެސް ބޮޑެތި އިންޤިލާބުތައް އަންނާނެ އެވެ. އެކަމަކު، ތިމާ މި ދަނީ ކޮންތާކަށްކަން ނޭނގޭ މީހަކަށް، ތިމާ ބޭނުންވާ ތަނަށް ދެވުނަސް އެނގޭނީ ކިހިނެތް ހެއްޔެވެ؟
  
 އުފަލަކީ ކޮބައިކަން އެއް ބަހުން ބުނާ ނަމަ، އެއީ "ހާސިލުވުން" ކަމުގައި ބުނެވިދާނެ އެވެ. ދާއިމީ އުފަލެއް ލިބޭނީ، ތިމާގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތް ކުރުމާއެކު، ހަޔާތުގެ ލަނޑުދަނޑިއާ ދިމާލަށް، ޔަގީންކަމާއެކު ކުރިއަރައި ދިޔުމުންނެވެ. ރޯނުވެ، ދުންއަރަމުންދާ ތިމާގެ އުންމީދުތަކުގައި ހުޅު ރޯކުރުމަށްޓަކައި ވިހޭ ފަންކާ އަކީ ވެސް އެއީ އެވެ. ތިމާގެ ލަނޑުދަނޑި އަކީ ކޮބައިކަން ނޭނގި ދުނިޔޭގައި އުޅެފައި މަރުވެގެންދާ މީހުން ވެސް އުޅެއެވެ. އެ ފަދަ މީހުންނަށް ދިމާވާ މައްސަލަ އަކީ، ވަގުތު އޮއްވައި ތިމާގެ ނަފުސު ހޭލައްވައި، ހަރުދަނާ ބިންގަލެއް އަޅަން ނޭނގުމެވެ. ކުޑަމިނުން ތިމާ އަދާކުރަން އެންމެ ރަނގަޅު ވަޒީފާ އަކީ ކޮބައިކަން ނޭނގި، ކެނޑިނޭޅި ވަޒީފާ ބަދަލުކުރުމަކީ ވެސް ކިތަންމެ ބަޔަކު ކުރާ ކަމެކެވެ. އެކަމުގެ ސަބަބުން ތިމާގެ ސިކުނޑި ސުމަކަށް ގޮސް، ހިތުގައި އެނބުރޭ ހަމަނުޖެހުމުގެ އަސަރު ކިތަންމެ ކަމަކަށް ފޯރާނެ އެވެ.
   
އަބަދު ނިދަންއޮވެގެން ހިތްހަމަޖެހުމެއް ނުލިބޭނެ އެވެ. އަބަދު އަރާމުކޮށްގެން ނުވަތަ އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް ހުރެގެން ވެސް ހިތްހަމަޖެހުމެއް ނުލިބޭނެ އެވެ. ކޮންމެ ދުވަހަކީ ވެސް، ތިމާ ދާން ބޭނުންވާ މިސްރާބަށް، ކުޑަމިނުން އެއް ފިޔަވަޅު ނަމަވެސް އެޅޭ ދުވަހަކަށް ހަދަންވާނެ އެވެ. ބޭކާރު ކަންތައްތަކަށްޓަކައި މުހިންމު ކަންކަން ޤުރުބާން ކޮށްގެން ނުވާނެ އެވެ. ރެޔަކާއި ދުވާލު، ވަކި ވަގުތުތަކެއްގައި ކުރަން ކަނޑައެޅިފައިވާ ކަންކަން ހަނދާންނައްތާލާފައި، އެ ވަގުތުތައް އެހެން ކަމެއްގައި ބޭކާރުކޮށްގެން ނުވާނެ އެވެ. ތިމާ އަކީ، ކޮންމެ ދުވަހަކު ހެނދުނު ވަޒީފާ ނުވަތަ ސްކޫލަށް ދާންޖެހޭ މީހެއް ކަމުގައިވާއިރު، ކޮންމެ ރެއަކު ދޭއް ތިނެއް ޖަހަންދެން ހޭލާ، މަޖާކުރުމުގައި އުޅުމަކީ، ވަކި ލަނޑުދަނޑިއެއް ކަނޑައަޅައިގެން ދިރިއުޅޭ، ޒިންމާދާރު މީހަކު ކަންތައް ކުރާނެ ގޮތެއް ނޫނެވެ. އޭގެ ސަބަބުން ނިދިހަމައެއް ނުވާނެ އެވެ. ހެނދުނު ކުރަން ކަނޑައަޅާ ކަންތައް، އެންމެ ފުރިހަމަގޮތުގައި ނުކުރެވިދާނެ އެވެ. ސިކުނޑި އަށް ހަމަޖެހުމެއް ނުލިބިދާނެ އެވެ.
   
ވަކީލަކަށް ތިމާ ވާންޖެހޭނީ، ތިމާގެ ކިބައިގައިވާ ވާހަކަދެއްކުމުގެ ހުނަރު ތިމާ އަށް އެނގިގެންނެވެ. ޓީޗަރަކަށް ތިމާ ވާންޖެހޭނީ، ތިމާގެ ކިބައިގައި ހުރި، ކިޔަވައިދިނުމުގެ ޝައުޤުވެރިކަން ތިމާ އަށް ވިސްނިގެންނެވެ. ވިސްނާށެވެ. ތިމާގެ ކިބައިގައި ހުރި ޤާބިލުކަން ދެނެގަންނާށެވެ. އެ އަށް ފަހު ލަނޑުދަނޑި ކަނޑައަޅާށެވެ. މިސާލެއް ބުނެދޭނަމެވެ. ފަސްފޫޓު ދުރުގައި ހުރެގެން، ފާރުގައި ހަރުކޮށްފައިވާ ސުވިޗަށް ބަލާލާށެވެ. އެ އަށް ފަހު، ހިނގާލާފައި ގޮސް، އެއް އިނގިލިން އެ ސުވިޗަށް އޮއްބާލާށެވެ. ކިހާ ފަސޭހަ ހެއްޔެވެ؟ އަނެއްކާ ވެސް ކުރިން ހުރި ތަނުގައި ހުއްޓޭށެވެ. މި ފަހަރު، ލޯމަތީގައި ރުމާލެއް ބަންނާށެވެ. ދެން ގޮސް ސުވިޗަށް އޮއްބާލާށެވެ. ފަސޭހަކަމަކަށް ނުވާނެ އެވެ. ހަމަ އެ ފަދައިން، އުފަލުގައި އުޅެން ވަރަށް ގިނަ މީހުން ބޭނުންވެ އެވެ. އެކަމަކު، އެ ކަމަށްޓަކައި ތިމާ ދާންވީ މިސްރާބެއް އެ މީހުން ކަނޑައެއްނާޅަ އެވެ. މިސްރާބު ކަނޑަނާޅައި ނުވަތަ ނުފެނި، ކިތަންމެ ވަރަކަށް ހިނގިޔަސް ނުވަތަ ކިތަންމެ މަސައްކަތެއް ކުރިޔަސް އެއީ ބޭކާރުކަމެކެވެ. "ސުވިޗުގައި އަތެއްނުޖެހޭނެ އެވެ."
   
ގަނޑަކާއި ގަލަމެއް ހިފައިގެން މޭޒުދޮށުގައި އިށީންނާށެވެ. ތިމާގެ ލަނޑުދަނޑި ނުވަތަ ލަނޑުދަނޑިތައް ނޯޓުކުރާށެވެ. ގަބޫލުނުކުރެވުނަސް، ބައެއް މީހުން ލިޔާނެ އެއްޗެއް ނޯވެ އެވެ. މާނަ އަކީ، އުމުރުން ފަންސާސް އަހަރު ވާއިރު ވެސް، ތިމާ ދަތުރުކުރަންވީ މިސްރާބެއް ތިމާ އަށް ނޭނގި ވެސް އެބަހުރެއެވެ. ސްކޫލު ނިމޭއިރު ވެސް ތިމާ ކުރިއަށް ދާންވީ ރޮނގެއް ނޭނގޭ ފަދައިންނެވެ. އުމުރު ހުސްވާއިރު ވެސް، ތިމާ އަށް އެންމެ މޮޅަށް ކުރެވެނީ ކޮންކަމެއްކަން ތިމާ އަށް ނޭނގޭ ފަދައިންނެވެ. ވަކި ކަމެއް ކަނޑައަޅައި، އެ ކަމެއް ނޯޓުކޮށްލުމުން، އެ ކުރެވުނީ ވަރަށް ބޮޑު ކަމެކެވެ. ކަމެއް ކަނޑައެޅި، އަތުން އެ ކަމެއް ލިޔެވި، ލޮލަށް އެ ކަމެއް ފެންނަންއޮތުމުން، އެ ކަމެއް ކާމިޔާބު ކުރުމަށްޓަކައި ތިމާ އަށް ކުރެވޭ މަސައްކަތް ދެގުނަ އަށް އިތުވެއެވެ. ތިމާ ހުންނާނީ ޝައްކެއްގެ މައްޗަކު ނޫނެވެ. ހިތަށްއަރާފާނެ އެވެ. ގަނޑެއްގައި ލިޔުމަކުން ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟
   
ކުރިން ބުނިހެން، ދުވާލަކު ފަސްދޮޅަސް ހާސް ފިކުރު ސިކުނޑި އަށް އަރާފައިބަ އެވެ. ކަރުދާހުގައި ވަކި ފިކުރެއް ނުވަތަ ލަނޑުދަނޑިއެއް ނޯޓުކުރުމުން، ސިކުނޑި ގާތުގައި ތިމާ އަށް އެ "ބުނެވެނީ"، ނޯޓުކުރެވުނު ފިކުރު، އަނެއް 59 ހާސް 999 ފިކުރަށް ވުރެ މުހިންމުކަމެވެ. ވުމާއެކު، އަމާޒަށް ފޮނުވާލާ ތީރެއް ފަދައިން، އެ ފިކުރު ނުވަތަ ލަނޑުދަނޑި އަމާޒަށް ވާސިލު ކޮށްދިނުމަށްޓަކައި، ހުޅުވެން ހުރި ހުރިހާ ފުރުޞަތުތަކެއް ސިކުނޑި ހުޅުވާލަދޭނެ އެވެ. ޚިޔާލުތައް ނެރެދޭނެ އެވެ. މިއީ ސައިންސްގެ ހޯދުމެކެވެ. ގިނަ މީހުންނަށް މި ކަން ނޭނގެނީ އެވެ. ވިސްނާލަންޖެހޭ ނުކުތާ އަކީ، ރަނގަޅު ލަނޑުދަނޑިއެއް ކަނޑައެޅުމެވެ. ނުބައި ލަނޑުދަނޑިއެއް ކަނޑައެޅި ނަމަވެސް، އިންސާނަކަށް ކުރެވޭ ވަރުގެ ކަމަކަށް ވަންޏާ، ބުއްދީގެ އެހީގައި އެ ކަމެއް ކާމިޔާބުކޮށްދޭނެ އެވެ. މިސާލަކަށް، ހަޔާތަކީ ދޯންޏެއް ކަމަށް ބަލާށެވެ. ތިމާ ހުރީ ދިރުނބާކޮޅުގަ އެވެ. ސިކުނޑި ހުރީ ކޮޅުފަސްކޮޅުގަ އެވެ. ނުވަތަ ދޯނީގެ ފަހަތުގައި ހުރި ހުންގާނު ކައިރީގަ އެވެ. ތިމާގެ ވައަތް ފަރާތުގައި އޮތީ ފަރެކެވެ. އެކަމަކު، ދިރުނބާކޮޅުގައި ހުރެފައި ތިމާ އިޝާރާތްކުރީ ވައަތް ފަރާތަށް ދޯނި އަނބުރާލުމަށެވެ. އެ ފަރާތުގައި ފަރެއް އޮތްތަން ސިކުނޑި އަށް "ފެނުނަސް"، އެ ދިމާލަށް ދޯނި އަނބުރާލާނެ އެވެ. ތިމާ ބުނާ ގޮތަކަށް ސިކުނޑި ތަބާވާނެ އެވެ. ހެވާއިނުބައި ވަކި ކުރުމަކީ ތިމާގެ ޒިންމާއެކެވެ. އެއީ، ތިމާގެ އިޚުތިޔާރުގެ ދަށުގައި އޮންނަ ކަމެކެވެ. ހިތުހުރިހާ ގޮތަކަށް ހުރިހާ ކަމެއް ކޮށްފައި، އެއީ އެ ކަންތައް ހަމަ ވާން އޮތް ގޮތޭ ބުނެފައި ސަލާމަތެއް ނުވެވޭނެ އެވެ.
   
އެހެން މިސާލެއް ބުނެލާނަމެވެ. ދުވަހަކު ވެސް އަޑުނާހާ ވައްތަރެއްގެ ނަމެއް ތިމާ އަށް އަޑުއިވި، އެ ނަމެއް ސިކުނޑީގައި ހަރުލީ އެވެ. އޭގެ ފަހުން، ނޫހެއް ބަލައިލިޔަސް، ޓީވީ ހުޅުވައިލިޔަސް އިވޭނީ އެ ނަމެވެ. ނުވަތަ، ކުރިން ތިމާ ނުދަންނަ ވައްތަރެއްގެ މަސައްކަތަކަށް ކިޔާ ނަމެއް އަޑުއިވުނީ އެވެ. ކުއްލިއަކަށް އެ ނަން ސިކުނޑީގައި ހަރުލީ އެވެ. އެ އަށް ފަހު، ދޭތެރެއަކުން، އެ މަސައްކަތާ ބެހޭގޮތުން ކޮންމެ ވެސް އެއްޗެއް އަޑުއިވޭނެ އެވެ. އެ އަށް ވުރެ ވެސް އާންމު މިސާލެއް ބުނެލާނަމެވެ. މަގުމަތިން ދަނިކޮށް، ތިމާގެ ރައްޓެއްސަކާ ވައްތަރު މީހެއް ފެނުނީ އެވެ. އެ ރައްޓެހި މީހާގެ މަތިން ކުއްލިއަކަށް ހަނދާންވީ އެވެ. އޭނަގެ އެކިއެކި ހަނދާންތައް ސިކުނޑި އަށް ވެރިވީ އެވެ. އެ ދުވަހު، ގެ އަށް ވަނުމުގެ ކުރިން އެ އެކުވެރިޔާ ފެންނާނެ އެވެ. ކިތައް ފަހަރު މިހެން ދިމާވެފައި އެބަހުރި ހެއްޔެވެ؟ އެއީ، ވަކި ކަމެއް ސިކުނޑީގައި ބެހެއްޓުމުން، އެ ކަން ޙަޤީޤަތަކަށް ހެދުމަށް ސިކުނޑި ކުރާ މަސައްކަތުގެ ނަތީޖާ އެވެ. ވުމާއެކު، ތިމާ އަށް ހިތްހަމަޖެހުން ލިބޭނީ ކޮން އެއްޗަކުންތޯ ވިސްނާށެވެ. ވަކި ކަމަކަށް "ފޯކަސް" ކުރާށެވެ. މިހާރު ތިމާ ކުރަމުން ތި ގެންދާ މަސައްކަތަކީ، ތިމާ ކުރަން އެންމެ ބޭނުން ނޫން މަސައްކަތް ކަމުގައި ވެދާނެ އެވެ. އެހެންނަމަވެސް، ހާލަތު ނިޔާކުރި ގޮތުން ތިމާ ކުރަން ބޭނުން ނޫން ކަމެއްގައި ދެމިހުންނަން ޖެހުނީ އެވެ. ނޭނގި ނަމަވެސް، އެ ކަމުގެ ހިތްހަމަނުޖެހުން ތިމާ އަށް ލިބޭނެ އެވެ.
   
އިންޓަރނެޓު ބޭނުންކުރާއިރު، ތިމާ ބޭނުންވާ އެއްޗެއް ހޯދުމަށްޓަކައި، އެ އެއްޗެއް "ގޫގުލް" ގައި ޖަހައެވެ. ފަޅި ސިކުންތެއްގެ ތެރޭގައި، އެތައް ހާސް ސައިޓު ނުވަތަ ޕޭޖުތަކެއްގެ ތެރެއިން، ސީދާ ތިމާ ބޭނުންވާ މަޢުލޫމަތު ތިމާ އަށް ގެނެސްދެ އެވެ. ތިމާގެ ސިކުނޑި އަކީ، "ގޫގުލް" އަށް ވުރެ، އެތައް ހާސް ގުނައެއް ކުޅަދާނަ، އެތައް ހާސް ގުނައެއް އަވަސްކޮށް މަސައްކަތްކުރާ ގުނަވަނެކެވެ. އެ ސްޕީޑްގައި މަސައްކަތްކުރާ ކޮންޕިއުޓަރެއް ނުވެސް ހެދޭނެ އެވެ. އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވިއްޖެ ނަމަ، ތިމާ އަށް މުހިންމު ނޫން އެތައް މިލިޔަން ކަންތައްތަކެއްގެ ތެރެއިން، ތިމާ އެންމެ ބޭނުންވާ ކަންތައް ސިކުނޑި ފުރާނާލަދޭނެ އެވެ. ބަސްބުނާހާ އަވަހަށެވެ. އެ ހިސާބުން ތިމާ ދަތުރުކުރަންވީ މިސްރާބު އޮންނާނީ ހާމަ އަށް ފެންނާށެވެ. ގޮތް ހުސްވެގެން އުޅޭކަށް ނުޖެހޭނެ އެވެ.
   
މި ސިކުންތުގައި ވެސް، ތިމާ އަށް ސަމާލުކަން ނުދެވޭ އެތައް ކަމެއް، ތިމާގެ ވަށައިގެން ހިނގާނެ އެވެ. އެތައް އަޑުތަކެއް އިވޭނެ އެވެ. ވިސްނާލަބަލާށެވެ. ބަރުގޮނެއްގެ އަޑެވެ. ފޯނެއްގެ އަޑެވެ. ފަންކާ ނުވަތަ އެއާރކޯންގެ އަޑެވެ. ކޮމްޕިއުޓަރުން އިވޭ އަޑެވެ. ބަޔަކު ވާހަކަދައްކާ އަޑެވެ. ހިތުގައި ޖަހާ ވިންދުގެ އިހުސާސެވެ. ނޭވާލުމެވެ. އެސްފިޔަޖެހުމެވެ. ކުއްލިއަކަށް ހިތުގެ ވިންދު އިހުސާސް ކޮށްލަބަލާށެވެ. ވިންދުޖަހަނީ ވަކި ބީޓަކަށްކަން އިހުސާސް ކުރެވޭނީ ދެނެވެ. ހަމަ އެ ފަދައިން، ތިމާގެ ހަޔާތަށް ބޭނުންވާ އެންމެ މުހިންމު ކަންތަކާ މެދުގައި ފިކުރުހިންގަން ފެށުމުން، އެހެން ކަންތައްތައް އެއް ފަރާތް ކުރުމަށްފަހު، އެ ކަމަކަށް ސިކުނޑި ޚާއްޞަ ސަމާލުކަމެއް ދޭނެ އެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.
   
އެހެން މިސާލެކެވެ. ތިމާ އިނީ މިސްކިތުގަ އެވެ. ނުވަތަ ޓީވީ ނޫނީ ރޭޑިޔޯ ކައިރީގަ އެވެ. ދުވަހަކީ ހުކުރު ދުވަހެވެ. ވަގުތަކީ ހުކުރު ވަގުތެވެ. ޚުޠުބާ ކިޔަމުންދަނީ އެވެ. ތިމާ ހުރީ ޚުޠުބާ އަޑުއަހާށެވެ. އެކަމަކު، ހިނދުކޮޅަކަށް ނަމަވެސް ތިމާގެ ސަމާލުކަން އެހެން ކަމަކަށް އެނބުރުނީ އެވެ. އެ ވަގުތު، ޚުޠުބާގެ އަޑު ކިތަންމެ ބާރަށް އިވުނަސް، ކިއި އެކައްޗެއް ވެސް ތިމާ އަކަށް ނޭނގޭނެ އެވެ. ރަނގަޅަކަށް ނުވެސް އިވޭނެ އެވެ. އެކަމަކު، އެ އަޑު މަޑެއްނުވެ އެވެ. ކަންފަތަށް އުނގުރިއެއް ނުޖަހައެވެ. ހަމައެކަނި ސަމާލުކަން ގެއްލުނީ އެވެ. ނުކުތް ނަތީޖާ ވިސްނާށެވެ. އެއްޗެއް އަޑުއަހާއިރު "ކަނުލައި އަހާށޭ" ބުނަނީ، އިވޭ އަޑެއް "ފަރުވާ ބަހައްޓައިގެން" އެހުމަށެވެ. މާނަ އަކީ، އެހެން ކަންކަމުން ސިކުނޑި ނަޖާކޮށްގެން އެހުމެވެ. ސިކުނޑި އަކީ، އިންސާނާގެ "ކޮމާންޑު ސެންޓަރ" އެވެ. ހަރަކާތްތަކުގެ ހުރިހާ އަމުރެއް ނެރޭ މަޙްކަމާ އެވެ.

    ލަނޑުދަނޑިއެއް ހާސިލުކުރުމަށްޓަކައި، 5 ނުކުތާގެ މައްޗަށް އެކުލެވިފައިވާ އުސޫލެއް ގެންގުޅެވިދާނެ އެވެ. އެއީ ވަރަށް ސާދާ އެކަމަކު މުޖައްރިބު ފޯރމިއުލާއެކެވެ.

1.    އެ ކަމަކުން ނުކުންނާނެ ނަތީޖާ ތަސައްވުރު ކުރާށެވެ.
   
މިސާލަކަށް، ތިމާ ބޭނުންވަނީ ހަށިގަނޑުގެ ބަރުދަން ލުއިކުރުން ކަމުގައި ވެދާނެ އެވެ. އެހެންކަމުގައިވާ ނަމަ، އެ ކަމަށް މަސައްކަތް ފެށުމަށްފަހު، ކޮންމެ ދުވަހަކު ވެސް ހެނދުނު އެނދުން ތެދުވުމަށްފަހު، ބަރުދަން ލުއިވުމުން ތިމާ ހުންނާނެ ގޮތް ހިތަށް ސިފަކުރާށެވެ. ތިމާގެ ހަށިގަނޑަށް އަންނާނެ ބަދަލުތައް އައުމުން ހުންނާނެ ގޮތުގެ ތަސްވީރެއް ސިކުނޑީގައި "ކުރަހާށެވެ." އެ ތަސްވީރު ސާފުވާ ވަރަކަށް، ނަތީޖާ ވެސް ރަނގަޅުވާނެ އެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ