އަދުގެ ޚާއްސަ

Print

ބުއްދިވެރި ޙިމާރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުލްމުޢީދު ޙަސަން


ޙިކުމަތްތެރި ވާހަކައެއްގައިވެ އެވެ.

ދަނޑުވެރިޔަކު ގެންގުޅުނު ޙިމާރެއް އެއްދުވަހަކު ފުން ވަޅަކަށް ވެއްޓުނެވެ. ދެން އެސޮރު އަޑުއަޑުން ގޮވައި ހޭރެން ފެށި އެވެ. އެ ވަޅުގެ ތެރެއިން އެސޮރު ސަލާމަތްކުރާނެ ގޮތަކާމެދު އެތައް އިރެއް ވަންދެން ދަނޑުވެރިޔާ ވިސްނާ ފިކުރުކުރި އެވެ. ނަމަވެސް އެސޮރު ސަލާމަތް ކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެކަމަކު އޭނާއަށް ވިސްނުނީ، ޙާލުގައި ޖެހިފައިވާ ޙިމާރު ގެ ކަންތައް ނިންމާލާނެ ގޮތެކެވެ. އެގޮތަކީ، ވަޅަށް ފަސްއަޅައި އެސޮރު ވަޅުލުމެވެ.

ދެން ދަނޑުވެރިޔާ އޭނާގެ އެކުވެރިންނަށް ގޮވައި އެމީހުން ގެނައެވެ. އަދި އެންމެން ވެގެން އުދަލިންނާއި ފަކީރާއިން ވަޅަށް ފަސް އަޅައި ޙިމާރު ވަޅުލުމުގެ މަސައްކަތް ފެށި އެވެ. ފަސް އަޅަން ފެށުމުން ޙިމާރު ގޮވުން ހުއްޓާލި އެވެ. އެމީހުން ހީކުރީ ޙިމާރު ވަޅުލެވި އެސޮރުގެ އަޑު ކެނޑުނީ ކަމަށެވެ. ނަމަވެސް ވަޅަށް ފަސްއަޅައި ފުރެން ގާތްވެފައިވަނީކޮށް އެމީހުންނަށް ފެނުނީ، ވަޅުތެރޭން އަރައިގެން އެސޮރު ދިޔަތަނެވެ. މި މަންޒަރު ފެނުމުން އެބައިމީހުން ވަރަށް ބޮޑަށް ޙައިރާންވި އެވެ.

ވަޅަށް ފަސްއަޅަން ފެށުމުން ޙިމާރު ކަންކުރީ އެބައިމީހުން ހީކުރި ގޮތަކަށް ނޫނެވެ. ފަސްއެޅޭ ވަރަކަށް އޭގެ މައްޗަށް ޙިމާރު ދިޔައީ އަރަމުންނެވެ. އޭގެ ތެރޭގައި ވަޅުލެވޭކަށް އެސޮރު ބޭނުމެއް ނުވި އެވެ.

މި ބުއްދިވެރި ޙިމާރުގެ ކިބައިން އަޅުގަނޑުމެން ލިބިގަންނަން ޖެހޭ ފިލާވަޅެއް އެބައޮތެވެ. ތިމާގެ ބޮލަށް "ފަސްއަޅައި" ބަޔަކު ތިމާ ނިވާކޮށްލަން އުޅޭނަމަ، އެބަޔަކު އަޅާ ފަހުގެ މައްޗަށް މަޑުމަޑުން އަރާނީ އެވެ. އޭރުން އޭގެތެރޭގައި ތިމާ ވަޅުލެވި ނިވާވެގެނެއް ނުދާނެ އެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ