އަދުގެ ޚާއްސަ

Print

ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބަރާބަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އާދަމް ނަޞީރު އިބްރާހީމް (2003)
      (މަޤުތޫލު)


ހަމަ ހަމަ ކަމެއްގެ ވާހަަކަ މުޅި ދުނިޔެއިން އިވޭއިރު
    ޢަމަލާ ބަހާ ދިމާނުވެ ގިނަބަޔަކު ދިރި އުޅޭ އިރު
        ކަމަކާ ނުލާ އެތައް ގިނަ އިސްލާމުނެއް މަރާއިރު
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

ނުފެނޭހެ ބޮސްނިޔާގައި ރޮއިރޮއި އެތިބަ ޔަތީމުން،
    އުފަލެއްގެ ހިޔަނި ވެސް އަދު ނުދެކޭ މެޔޭ މިދޭހުން،
        ނުފިލާ ނުވޭހެ ރަތްލޭ އެކުދިން އެ ލާ ގަމީހުން،
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

ޖެހިގެން އެ އޮތް ކޮސޯވޯގައި ވެސް ވަނީ މިޙާލަތު
    އޮހެމުން ދަނީ ނުރައްކާ އަނިޔާތަކާ މި އާފަތު
        ފޮހެލާށެ އެތިބަ އުޅެނީ ހަމަހަމަކަމާ ޢަދާލަތު
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

އަންހެންދަރިންގެ ޢިއްފަތް އެބަ ލޫޓުވާ އެތާނގާ
    ހަންހާރަވެތި މައިންނާ ބަފައިންގެ ލޯމަތީގާ
        ގަންދީބުނާ ތެދޭމީ ދުނިޔޭގެ ކުރިމަތީގާ
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

ކިރުބޯ އެތައް ކުދީންނެއް އަންދައިފި ތެޔޮ އަޅާފާ
    ފިރުކައިގަތީ މައިންގައިން އަތްފައި ކަނޑާ ހަދާފާ
        ފިރިޔާގެ ޙާލުތޯއޭ... ވަޅުލައިފި ބޯ ކަނޑާފާ
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

ޢުމުރުން ދުވަސްވެ ހަށިގަނޑު ނިކަމެތިވި މުސްކުޅިންނާ
    ކަމުވޮށިވެގެންވި ޢިއްޒަތްތެރި   ރަށުގެމާތްވެރިންނާ
        ދަމަމުން އެގެންދަނީ ބަލަ ކަތިލާށެއެކު- ވެރިންނާ
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

ހުޅުވާށެ ލޯ، ބަލައިލަން، އަދި ލީބިޔާ  ޢިރާޤާ
    ގުޅިފައިވަނީ  ނުބައިހާ ކެމިކަލްތަކޭ ފުރާގާ
        ހުޅުރޯވަނީ، މިގޭހާ ބަޑިބޭސްތަކުން ފަޒާގާ
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

މެދުއިރުމަތިން، މި ދައްކާ މަންޒަރު ބަލަންކެރޭހޭ
    ލަދުގެން މި ދުނިޔެ މިކަމާ ރަކިވާކަށެއްނުވޭހޭ
        ޢަދުލާއި ޞުލްޙަ ވިހަނީ، ބުލްޑޯޒަރާ ބަޑިންހޭ
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

ދެނިއެނގިވެ ޢިލްމު އުނގެނުން ކުޑަކުއްޖަކަށްހަރާމޭ
    ހިނިތުންވުމާއި  ޞިއްޙަތު ނެތުމީ އެއީ އަރާމޭ
        ''މިނިވަން'' މި ރީތި ނަންވެސް އަބަދަށްޓަކާ ހަރާމޭ
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

''ކޮށްލާށެ ގެދޮރު ފައްކާ މި އައީ ހެމުން ތަޅާލާން،
    ގޮއްވާ ބިމާއި ހަމަކޮށް، ކުނޑިތައް ވަޔަށް ފޮޅާލަން،
        ރޮއްވާ އެ ގޭގެ އެންމެން، ޅަކުދިންގެ ހިތްފަޅާލަން،،
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

މެންދުރުގެ ހޫނު އަތްވާ، ރޭގަނޑުގެ ގަދަ ފިނީގާ،
    ފެންކަޅިވެ ރޯލަ ރޯލާ ފަރުބަދަތަކުގެ މަތީގާ،
        އުންމަތް ހަނާވެ އެދަނީ، ވިހަ ދުންތަކުގެ ތެރޭގާ،
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު
           
ހައިހޫނުގާ އެ ނިމެނީ ރާ ބޮއި ރިބާ ނުކާތީ،
    ގައިގާ ތަޅާ އެމަރަނީ އީމާންވެ ބޯލަނބާތީ،
        ހައިރާން ނުވާށެ ކުށަކީ އިސްލާމުނޭ ބުނާތީ،
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު

(ނިނުމީ)


ނޯޓު:

މިއީ 2002ވަނަ އަހަރު ހެދި ޅެމެކެވެ. މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ދަރިވަރުން ނެރޭ އަލްމަންހަޖުގެ 21ވަނަ ޢަދަދުގައި މި ޅެން ހިމެނިފައިވާނެ އެވެ. މި ޢަދަދު ނެރެވިފައިވަނީ 2003ވަނަ އަހަރު އެވެ. މި ޅެމުގައި އަޅުގަނޑު ހިތްމަތް ކޮށްފައި މިވަނީ އެ ދުވަސްވަރު އިސްލާމީ އުންމަތް އެ މައިދާނަކަށް ހުށަހޮޅިފައިވާ އަނިޔާގެ މައިދާނުގެ ގަލަމީ ތަޞްވީރެއް ކުރަހާލަ ދެވޭތޯ އެވެ. އެހެންކަމުން މިހާރު މި ޅެން ވިދާޅުވާ ބޭފުޅަކަށް އަދުގެ އިސްލާމީ ދުނިޔޭގެ ހާލަތާ ނުގުޅޭ ޅެމެއްގެ ގޮތުގައި މި ޅެން ފާހަގަކުރެއްވޭ ގޮތް ވުމަކީ ވެދާނެ ކަމެކެވެ. ޒަމާން އޭގެ ވާޖިބު އަދާކުރުމުގައި ޙާލަތާ ހާދިސާތައް ބަދަލު ކޮށްފައިވާތީ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ