އަދުގެ ޚާއްސަ

Print

ހަމަ ހިތަށްއަރާ..(5)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ



ރަނގަޅު ތަރުބިއްޔަތަކީ ކޮބާ؟

 ބިންމާ އިބްރާހީމް ވަޙީދު
  
    ފުރަތަމަ ގޮތަކީ، ދަރިފުޅުގެ މިނިވަންކަން ކުޑަކޮށްލުމެވެ. އެކުގައި އުޅޭ ހުރިހާ ރައްޓެހިންނާބެހޭ މަޢުލޫމާތު ހޯދުމެވެ. ދަރިފުޅު ބޮޑުވެގެން ކުރިއަށްދާންވީ ރޮނގު މައިންބަފައިން އިޚުތިޔާރުކުރުމެވެ. ފިލާވަޅު ދަސްކުރަން ވަކި ގަޑިއެއް، ޓިވީ ބަލަން ވަކި ގަޑިއެއް އަދި ނިދަން ވަކި ގަޑިއެއް ހަމަޖެއްސުމެވެ. ކެއުން ކޮންޓްރޯލު ކުރުވުމެވެ. މޯބައިލް ފޯނު ނުދިނުމެވެ. މަންމަ ނުވަތަ ބައްޕައާ އެކުގައި ނޫނީ އެއްވެސް ތަނަކަށް ނުފޮނުވުމެވެ. ލާ ހުރިހާ ހެދުމަކީ، މައިންބަފައިންނަށް ކަމުދާ ހެދުމަށް ވުމެވެ. ސުވާލަކީ، އެއީ ރަނގަޅު ތަރުބިއްޔަތެއްބާ އެވެ؟

    ދެވަނަ ގޮތަކީ، ދަރިފުޅަށް މިނިވަންކަން ދިނުމެވެ. އެކުގައި އުޅޭ ރައްޓެހިންނަކީ ކޮންމެ ކަހަލަ ބައެއް ކަމުގައި ވިޔަސް، ދަރިފުޅަށް އިތުބާރުކޮށްފައި އަޅާނުލުމެވެ. މުސްތަޤުބަލު ބިނާކުރަން ދަރިފުޅަށް ވަގުތު ދިނުމެވެ. ހޯދާ މާރކްސް ރަނގަޅިއްޔާ، ދަރިފުޅު ބޭނުން ގަޑިއެއްގައި ފިލާވަޅު ދަސްކުރަން ދޫކޮށްލުމެވެ. އެހެންނޫނީ އޭނަ އަށް ޒިންމާނަގަން ދަސްވާނީ ކިހިނެތްހޭ ކިޔާފަ އެވެ. މޯބައިލް ފޯނެއް ހޯދައިދިނުމެވެ. ކުއްލިއަކަށް ކަމެއްޖެހިއްޖެއްޔާ ގުޅޭނީ އޭރުންނޭ ހިތަށްއަރުވާފަ އެވެ. ރައްޓެހިންނާ އެކުގައި ސްކޫލަށް ދާން ފުރުޞަތުދިނުމެވެ. ކުދިން ބޮޑުވާ ވަރަކަށް، މައިންބަފައިންނާ އެކުގައި ސްކޫލަށް ދާން ލަދުގަންނާނެތީ އެވެ. މާ ކަންތައް ބޮޑު ނޫނީ، ދަރިން ލާ ހެދުމަށް ފާޑުނުކިޔުމެވެ. ސުވާލަކީ، ރަނގަޅު ތަރުބިއްޔަތަކީ އެއީބާ އެވެ؟

    އަނެއް ގޮތަކީ، ދަރިފުޅަށް ކިޔަވަން ވަގުތު ހޯދައިދޭންވެގެން، އެއްޗިހި ދޮންނަން ދަރިފުޅަށް ނުޖެއްސުމެވެ. އަތް ފިހިދާނެތީވެ، އިސްތިރިކުރުމާއި ކެއްކުން ފަދަ ކަންކަން ދަރިފުޅާ ހަވާލުނުކުރުމެވެ. މައިންބަފައިން ދުނިޔޭގަ ތިބީތީވެ، ކުނިކަހަން ދަރިފުޅަށް ނުގޮވުމެވެ. ބުރަ މަސައްކަތް ކުރީމައި ދަރިފުޅު ދާހިތްލާނެތީވެ، ލުއިކަންކަން ދަރިފުޅުލައްވާ ކުރުވުމެވެ. ދަރިފުޅު ދެރަވާނެތީވެ، ނުވަތަ ރުޅިއަތުވެދާނެތީވެ، ޖިސްމާނީ އެއްވެސް އަނިޔާއެއް ނުކުރުމެވެ. ކިތަންމެ ބޮޑު ކުށެއް ކުރިޔަސް، ނަސޭހަތްދީގެން ވިސްނައިދިނުމެވެ. އަނެއްކާ ވެސް ސުވާލެކެވެ. އެ އަށް، ރަނގަޅު ތަރުބިއްޔަތު ކިއިދާނެބާ އެވެ؟

    މިއީ ވެސް ގޮތެކެވެ. ދީނީ ތަޤުރީރު ދޭ ތަންތަނަށް، ރުހުމުގައި ދަރިފުޅު ނުގޮއްސިއްޔާ ގަދަކަމުން ގެންދިޔުމެވެ. އިސްލާމުން ފާސް ނުވެއްޖެއްޔާ އެއީ މީހަކަށް ނުވާނެކަން ހަނދާންކޮށްދިނުމެވެ. ނަމާދުތައް ބަރާބަރަށް އަދާނުކޮށްފިއްޔާ ކާންނުދިނުމެވެ. ފިލާވަޅު ދަސްކުރަން، ކޮންމެ ދުވަހަކު ވެސް ގަޑިއެއްހާއިރު އިންނަން މަޖުބޫރު ކުރުމެވެ. ގެއިން ބޭރަށް ނުކުތުން މަނާކުރުމެވެ. ކައިވެނިކުރަންވީ މީހަކީ ކާކުކަން މައިންބަފައިން ބުނެދިނުމެވެ. ސުވާލުގެ ވަގުތު އައީ އެވެ. އެންމެ ރަނގަޅު ތަރުބިއްޔަތަކީ އެއީބާ އެވެ؟

    ފޯނުގެ ޚިދުމަތްދޭ ކުންފުނިތަކުން، އެވެނިމިވެނި ޚިދުމަތްތަކެއް ދީފައި، އެ ޕެކޭޖަށް "ސޯލޯ ލައިޓް" ކިޔަ އެވެ. އެކަމަކު، ދަރިންނަށް ދޭން އެންމެ "ރަނގަޅު ތަރުބިއްޔަތު" ޕެކޭޖުގައި ހިމެނެނީ ކޮންކޮން ކަންތައްތަކެއްކަން ބުނެދިނުން އެހާ ފަސޭހައެއް ނުވާނެ އެވެ. ދަރިން ނުބައި މަގުން ދަތުރުކުރަނީ މައިންބަފައިން ވަކިވީމަ ހެއްޔެވެ؟ ވަކިނުވާ މައިންބަފައިންގެ ދަރިން ވަރަށް ހެޔޮލަފާ ހެއްޔެވެ؟ ފަގީރުވުމަކީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ލިބުމުން އެއްކިބާވާ ސަބަބެއް ހެއްޔެވެ؟ މުއްސަނދިންގެ ދަރިން ވައްކަމެއް ނުކުރާނެ ހެއްޔެވެ؟

    ސުވާލު ހުހެއްނުވެ އެވެ. މުޅި ސްކޫލް ނުވަތަ ގްރޭޑުން އެއްވަނަ އަށް އަންނަ ކުދިންގެ މާޒީ އަށް ބަލައިލާއިރު، ހުރިހާ ކުދިންގެ މާޒީ އޮންނަނީ އެއްގޮތަކަށް ހެއްޔެވެ؟ ނޫނެކެވެ. ހަމައެކަނި މަންމަ ކައިރީގައި ހުރެގެން ބޮޑުވާ ކުއްޖާ އަކީ، އުނި ކުއްޖަކަށް ވެދާނެބާ އެވެ؟ ބައްޕައެއް ގާތުގައި ހުރެގެން ބޮޑުވާ ކުދިންގެ ހިތް ހިލަ ހެއްޔެވެ؟ އެހެނެއް ވެސް ނޫނެވެ. ރަނގަޅު ތަރުބިއްޔަތަކީ، މުޖުތަމަޢާ، މާޙައުލާއި، އާދަކާދަ އާއި ސަގާފަތާ އަދި ދީނާ ގުޅިލާމެހިފައި އޮންނަ އެއްޗެކެވެ. އެއީ އެންމެނަށް ހެޔޮވަރުވާ ގޮތަށް އޮންނަ "ފްރީ ސައިޒް" އެއްޗެއް ނޫނެވެ.

    އަނެއްކާ ވެސް ކުރީގެ ސުވާލު ތަކުރާރުކޮށްލަމާ ހިނގާށެވެ. ރަނގަޅު ތަރުބިއްޔަތަކީ ކޮބައިހެއްޔެވެ؟ ކުއްޖަކު ރަނގަޅަށް ތަރުބިއްޔަތު ކުރުމަށް ވުރެ އުނދަގޫ ކަމަކީ، "ރަނގަޅު" މާނަ ކުރުމެވެ. އެކަކަށް ރަނގަޅީ ދަރިފުޅު އިނގެރޭސި އަށް މޮޅިއްޔާ އެވެ. އަނެކަކަށް ރަނގަޅީ، ރީތިކޮށް ދިވެހި ލިޔަން އެނގެއްޏާ އެވެ. ވަރަށް މަޑުން ތިބޭ ކުދިންނަކީ ބަސްއަހާ ކުދިންކަމަށް ދެކޭ މައިންބަފައިން ބައިވަރެވެ. އޭގެ އިދިކޮޅަށް، "އެކްޓިވް" ކުދިން މާ "އިންޓެލިޖެންޓް" ވާނެ ކަމަށް ބުނާ އަޑު ވެސް އިވެ އެވެ. ރަނގަޅަށް ތަރުބިއްޔަތު ދެވުނުކަމަށް ވާނީ ކޮން ކުއްޖެއް ހެއްޔެވެ؟

    ރައްޓެއްސެއްގެ ފިރިހެން ދަރިފުޅު ބޮޑުކުރީ ބޭރުތެރެއަށް ނުކުމެ އުޅުމުގެ މާބޮޑު މިނިވަންކަމެއް ނުދީ އެވެ. ބޮޑުވެގެން، އޮފީހަށް ވަންނަ ހިސާބަށް ދިޔައިރު، އެ ކުއްޖާ އަށް ދުނިޔެއަކަށް ލޮލެއް ނުހުޅުވެ އެވެ. ޒިންމާވާން ޖެހުނީ މައިންބަފައިންނެވެ. ކުއްޖާ މާ ބޮޑަށް ގޭތެރޭގައި ހިފޭއްޓީމަ އެވެ. ބޭރުތެރެއަށް ނުނެރުނީމަ އެވެ.

    އެހެން ރައްޓެއްސަކަށް ލިބުނީ އަންހެން ދަރިއެކެވެ. އަންހެން ފިރިހެން ތަފާތުނުކުރުމުގެ "ސިލްސިލާގެ" ދަށުން، އަމިއްލަ އަށް ކަންކަމުގެ ތެރެއަށް ވަދެގެން ދަސްކުރުމުގެ މިނިވަންކަން އޭނަ އަށް ދިނެވެ. އޭނަ ލޯބިވީ ޑްރަގްނަގާ ކުއްޖެއްދެކެ އެވެ. އޭނަ ދެކޭ ގޮތުގައި، އޭނަ އަށް ލޯބިވެރިޔާ ޑްރަގުން ދުރުކުރެވޭނެ އެވެ. މައިންބަފައިން ވަރަށް ވިސްނައިދިނެވެ. ފައިދާއެއް ނުކުރި އެވެ. އަވައްޓެރިން ކުށްވެރިކުރީ މައިންބަފައިންނެވެ. އަންހެން ކުއްޖަކަށް އެ ވަރަށް މިނިވަންކަން ދިނީމަ އެވެ.

    ދަރިފުޅު ގޭތެރޭގައި ބަހައްޓައިގެން ބޮޑުކުރުމުން އެ ކުއްޖާ ބަސްއަހާނެ ހެއްޔެވެ؟ އަހައިފިއްޔާ އެއީ ގޭތެރޭގައި އެ ކުއްޖާ ގެންގުޅުމުގެ ނަތީޖާ އެވެ. ބަސްނާހައިފިއްޔާ އެއީ ވެސް ގޭތެރޭގައި އެ ކުއްޖާ ގެންގުޅުމުގެ ނަތީޖާ އެވެ. އަމިއްލަ އަށް ކަންކަން ކުރުވައި، ބޭރުތެރެ އަށް ކުއްޖާ ދޫކޮށްލުމުގެ ސަބަބުން ކުއްޖާ އަކީ ތޫނުފިލި، ހީވާގި ކުއްޖަކަށް ވެއްޖިއްޔާ އެއީ، އެ ގޮތަށް ކުއްޖާ ގެންގުޅުމުގެ ފޮނި ނަތީޖާ އެވެ. ގޯސް މަގަކުން އެ ކުއްޖާ ގޮއްސިއްޔާ އެއީ، އެ ގޮތަށް ކުއްޖާ ގެންގުޅުމުގެ ހިތިނަތީޖާ އެވެ. ސަހަލު ގޮތަކީ ކޮބައިހެއްޔެވެ؟

    ބަސްއެހުމަކީ ކޮބައި ހެއްޔެވެ؟ ފުރަތަމަ ކޮށްލަންވީ ސުވާލަކީ އެއީ ކަމަށްވެދާނެ އެވެ. މީހަކު ބުނާ ކޮންމެ އެއްޗަކަށް އިސްޖަހާލައިގެން ހުރުން ހެއްޔެވެ؟ ޖަވާބުދޭން އެނގުން ހެއްޔެވެ؟ މައިންބަފައިންގެ ފައިސާއިން ދިރިއުޅުން ހެއްޔެވެ؟ އަމިއްލަ އަށް އާމްދަނީ ހޯދުން ހެއްޔެވެ؟ ބުނާއަޑު އިވެއެވެ. އަހަރެންގެ ދަރިފުޅު ވަރަށް ބަސްއަހާނެ އެވެ. ބޭންދި ތާކު އިންނާނެ އެވެ. ބުނިކަމެއް ކުރާނެ އެވެ. އެއީ އިންސާނެއްބާ އެވެ؟ ނުވަތަ ރޮބަޓެއްބާ އެވެ؟

     ދަރިންނަށް  އަމިއްލަ އިޚުތިޔާރު ލިބުމަކީ، ޒިންމާނަގަން ދަސްވާ ކަމެކެވެ. ކަމެއް ގޯސްކުރަން ބޭނުންވާ މީހާ، ކޮންމެ ހާލަތެއްގައި ވެސް އެކަން ގޯސްކުރާނެ އެވެ. މައިންބަފައިން ދެކެ ބިރުގަތުމަކީ ތަރުބިއްޔަތު ރަނގަޅަށް ދެވިފައިވާ ކަމުގެ އަލާމާތެއް ކަމުގައި ދެކޭ މީހުން ނޫޅޭ ހެއްޔެވެ؟ އެކަމަކު، ބިރުގެ ބަދަލުގައި މައިންބަފައިންނަށް ކުރަންވީ އިޙުތިރާމް ނޫންބާ އެވެ؟ ދަރިފުޅު ބިރުން ދުރުދުރުން އުޅުމުގެ ބަދަލުގައި، މައިންބަފައިން ވާންވީ، ދަރިފުޅުގެ ހުރިހާ ކަމެއް ހިއްސާކުރާ "އެކުވެރިއަކަށް" ނޫންބާ އެވެ؟ ބައެއް މީހުން ބުނެ އެވެ. އެ ގޮތް ވެސް ކަމަކުނުދެއެވެ. އެކުވެރިއަކަށް މައިންބަފައިން ވުމުން ދަރިފުޅުގެ "ޖެހިލުންވުން" ބޭކާރުވެގެންދެ އެވެ. މައިންބަފައިން ވާންޖެހޭނީ ހަމަ މައިންބަފައިންނަށެވެ.

    ޕްރީސްކޫލްގައި ދަރިފުޅު އުޅޭއިރު، ދަރިފުޅުގެ ހުރިހާކަމެއް، ވަރަށް ގާތުން މައިންބަފައިންނަށް ބެލޭނެ އެވެ. ދަރިފުޅު ގަޑިއަކު އެސްފިޔަޖަހަނީ ކިތައް ފަހަރުކަން ވެސް ގުނިދާނެ އެވެ. ގޮވައިގެން ގޮސް އޮފީހުގައި އިނދެވިދާނެ އެވެ. އެކަމަކު، ދަރިފުޅު އޮފީހަކަށް ވަނުމުން ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ގެއިން ބޭރުގައި ދަރިފުޅު އުޅޭ ވަގުތު، އޭނަ ކަންތައް ކުރާގޮތް ބަލާނީ ކިހިނެތް ހެއްޔެވެ؟ ހަމައެކަނި އޮތް ގޮތަކީ، ދަރިފުޅަށް ހެޔޮނުބައި ވަކިކުރަން ދަސްކޮށްދީފައި، ދަރިފުޅަށް އިތުބާރުކޮށްގެން ހުރުން ނޫންބާ އެވެ؟ ކޮންމެ ދަރިއަކީ ތަފާތު ދަރިއެކެވެ. ކޮންމެ ހާލަތަކީ ވެސް ވަކި ހާލަތެކެވެ. އެކަކަށް "ރަނގަޅު" ތަރުބިއްޔަތަކީ، އަނެކަކަށް "ނުރަނގަޅު" ތަރުބިއްޔަތެވެ. އެކި މައިންބަފައިން ހޭލުންތެރިވެފައި ވަނީ ވެސް އެކި ވަރަށް ކަމުގައިވާތީ އެވެ.

(ނިމުނީ)


ހަމަމިގަލަމުން

އިދާރާ