އަދުގެ ޚާއްސަ

Print

ރަނގަޅާ މޮޅާއި ހެވާ ލާބަ ހޯދޭނެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކަނީރު ޢަބްދުއްރަޙީމު


ދިވެހިންގެ ދިވެހިއްޔަތު  އަލުން އާރޯކުރަން  ހިތްވަރު  ނެރޭ
          ދިވެހިންގެ ލޮބުވެތި ރާއްޖެއަށް ޚިދުމަތްކުރަން  އަޒުމެއް ކުރޭ

ގާތްކަންއުފައްދާ ރުޅިވުމާ  ބައިބައިވުމަށް  ފުރަގަސް  ދެމުން
          މާތްދީނުގައި މާތްކަން  މަތީ  ތިބުމުގެ  ޔަގީންކަން  އާކުރޭ

ލިބިފައިމިވާ އަގުމާތް  ނަސީބު  އެއްދީނަކާ  އަދި އެއްބަހުން
          މިބިމުގެ  ހަރުދަނާ  ބަދަހިކަން   މިދެކަންތަކުން  އާލާކުރޭ

ވަކިވަކި ވުމީ  ނިކަމެތިކަމެއް  ގައިމޭމިއީ  ހަމަ  ބޮޑުތެދެއް
          ހަކިހިފިޔަ ނުމެދީ ހަސަދަޔާ  ފިތުނައިގެ  ރޭވުން  ދުރުކުރޭ

އެކުވެރިކަމުގެ  ގަދަބާރުގައި   ކުރިއަށްދެވޭނެ  އުސޫލުގައި
          އެކުއެއްމެ ދިވެހިން ޖޯޝުގައި އެއްބައިވެ  ހިތްހެޔޮވެސް ކުރޭ

ދުނިޔޭގެ ފޮނި މިނިވަންކަމާ   މެދުމިންވަރުގެ  ތަނަވަސްކަމާ
          އުނިވިޔަ  ނުދީ  އެއްބާރުލާ  ދެމެހެއްޓުމަށް  މިންނަތް ކުރޭ

އާޚުރަތުގައި ވެސް  ދަރުމަޔާ  ނިޢުމަތް  ލިބޭނޭ  ހެޔޮގޮތުން
          އާޚުރަތު އެދިގެން ގަދައަޅައި ރަނގަޅަށް އުޅެން ހިންމަތް ކުރޭ

ދިވެހިން އަބަދުވެސް ދިވެހިވާން މިވެށީގެ ކަންކަން ފަހިކުރާން
          ދިވެހިން  ދިވެހިރަށްތައް  އަމާން  ކަމުގައި ހެދޭތޯ ވަރު ކުރޭ

(ނިމުނީ)

އިދާރާ

ވާހަކަ