އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (7)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


23 ޖޫން (ބުދަ)އާ ގުޅޭ...

ބިންމާ އިބްރާހީމް ވަޙީދު

2.    ތިމާ އަމިއްލަ އަށް ބާރުއަޅާށެވެ.

   
ކަމަކާ މެދު ގޮތެއް ނިންމުމަށްފަހު، އެ ކަމަކާއިގެން ކުރިއަށް ނުދެވެނީ، ތިމާގެ ކިބައިގައި ހަރުލާފައި ހުންނަ ކަންފަސޭހަ ކުރުމުގެ އާދަ އަށް އަލުން ރުޖޫއަ ވެވޭތީ އެވެ. ނުކުރެވިގެން އުޅޭ ކަމެއް ތިމާ ބާރުއަޅައިގެން ކުރުވުމަކީ ގޯސްކަމެއް ނޫނެވެ. މިސާލަކަށް، ފަތިހު ދުވަން ދާން ނިންމައިގެން އޮށޯވެފައި، ފަތިހު ހޭލެވުނަސް، ކަންނެތްކަމުން ދުވަން ނުދެވެނީ އެވެ. ނުވަތަ ސޯނާގަޑި ބަހައްޓާފައި ހުންނަލެއް ކައިރިކަމުން، ބޭއިޚުތިޔާރުގައި ސޯނާ ނިއްވާލާފައި ނިދެނީ އެވެ.

އެހެންކަމުގައިވާ ނަމަ، ތެދުވެގެން ހިނގާފައި ގޮސް ނިއްވާލެވޭ ހިސާބުގައި ގަޑި ބެހެއްޓިދާނެ އެވެ. އޭރުން، އެނދުން ތެދުވަން ތިމާގެ އަމިއްލަ ނަފުސަށް ތިމާ އަށް ބާރުއެޅުނީ އެވެ. އެނދުން ތެދުވެގެން ހިނގާލުމުން ނިދިފިލުމަކީ އެކަށީގެންވާ ކަމެކެވެ. ހަމަ އެ ފަދައިން، ކަމެއްކުރަން ނިންމާފައި، އެހެން މީހުން ގާތުގައި އެ ވާހަކަ ބުނުމަކީ ވެސް، ތިމާގެ އަމިއްލަ ނަފުސަށް ކުރެވޭ "މަޖުބޫރެކެވެ." ތިމަންނަ މި އުޅެނީ، އެވެނި ދުވަހެއް ތެރޭގައި އެވެނި ކަމެއް ނިންމާށޭ ރައްޓެހިން ގާތުގައި ބުނުމުން، ތިމާގެ އަގު ހިފޭއްޓުމުގެ ގޮތުން އެ ކަމެއް ކުރަން ޖެހޭނެ އެވެ. މިސާލަކަށް، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށްޓަކައި، ދުވަހެއް ކަނޑައަޅާފައި، ހުރިހާ އެކުވެރިންނަށް އެ ކަން އަންގާށެވެ. ހުއްޓާނުލެވިއްޖެ ނަމަ، ތިމަންނަ އަކީ ފިނޑިމީހެއް ކަމަށް ގަބޫލުކުރާނެ ވާހަކަ ވެސް ބުނާށެވެ. އެ ހިސާބުން، ތިމާގެ ހިތްވަރު އިތުރުވާނެ އެވެ.

3.    މުއްދަތެއް ނެތި ލަނޑުދަނޑިއެއް ކަނޑަނާޅާށެވެ.

   
ކަނޑައަޅާ ލަނޑުދަނޑި އަކަށް ދިރުން ގެނައުމަށްޓަކައި، އަބަދު ވެސް ސުންގަނޑިއެއް ކަނޑައަޅަންވާނެ އެވެ. މުއްދަތެއް ދީފައިނުވާ ބިލަށް ވުރެ، މުއްދަތު ހަމަވާ ބިލަށް އިސްކަންދޭ ފަދައިންނެވެ. ފިހާރަތަކަކީ، ވަކި ވަގުތުތަކެއްގައި ލައްޕާ ތަންތަނެވެ. މާރުކޭޓަކީ، ގިނަ ވަގުތު ހުޅުވާފައި ހުންނަ ތަނެކެވެ. ވުމާއެކު، ބާޒާރުކުރަން ނުކުންނައިރު، ފިހާރަ އާއި މާރުކޭޓުން ގަންނަންޖެހޭ ސާމާނުތަކެއް ހުރި ނަމަ، އިސްކަންދޭންވާނީ ކޮންތަނަކަށްކަން ތިމާ އަށް އެނގޭނެ އެވެ. ސިކުނޑި ހަނދާންކޮށްދޭނެ އެވެ. ވުމާއެކު، ކަމެއް ނިންމަން ތިމާ ސުންގަޑިއެއް ކަނޑައެޅުމުން، އެ ވަގުތު ޖެހުމުގެ ކުރިން އެ ކަމެއް ނިންމަން ވެސް ސިކުނޑި ބާރުއަޅައިދޭނެ އެވެ. އެހީވެދޭނެ އެވެ.

   
ހަނދާންކުރައްޗެވެ. ކަރުދާހުގައި ލިޔެފައި، ފެންނަ ހިސާބުގައި ނުބާއްވާ ލަނޑުދަނޑި އަކީ ކަނޑަނާޅާ ލަނޑުދަނޑިއެކެވެ. މިއަދު ފޮތެއް ގަންނާށެވެ. ކޮންމެ ކަހަލަ ފޮތެއް ވިޔަސް ރަނގަޅުވާނެ އެވެ. "މަގޭ އަމާޒު" އެ ފޮތަށް ކިއިދާނެ އެވެ. ފޮތުގައި، ތިމާގެ އުންމީދުތަކާއި، ހުވަފެންތަކާއި، ލަނޑުދަނޑިތައް ލިޔާށެވެ. ތިމާ އަކީ ކާކުކަން ތިމާ ދަސްކުރާށެވެ. ހިތަށްއަރާފާނެ އެވެ. އަހަންނާ ބެހޭގޮތުން އަހަންނަށް ނޭނގޭނީ ކޯޗެއް ހެއްޔެވެ؟
   
ތިމާ އަކީ ކާކުކަން، ވަރަށް ގިނަ މީހުންނަށް ނޭނގެ އެވެ. ތިމާގެ ޤާބިލުކަން ހުރި ވަރާއި، ކުރެވޭ އުންމީދުތަކާއި، ދެކޭ ހުވަފެންތަކާއި އަދި ހުރި ބަލިފައިތަކާ މެދު ވިސްނާލެވެނީ މަދު މީހަކަށެވެ. ކޮންމެ އިންސާނެއްގެ ވެސް ތިން "ބައި" ހުންނާނެ އެވެ. އެއީ، ތިމާއާ މެދު ތިމާ ދެކޭ ގޮތާއި، ތިމާއާ މެދު އެހެން މީހުން ދެކޭ ގޮތާއި، ތިމާގެ ޙަޤީޤީ ގޮތެވެ. މިސާލަކަށް، އަހަރެން ދެކޭގޮތުގައި އަހަންނަކީ މަޖާ މީހެކެވެ. އެކަމަކު، އެހެން މީހުން ދެކޭގޮތުގައި އަހަންނަކީ ހަރުކަށި މީހެކެވެ. ޙަޤީޤަތުގައި އަހަންނަކީ ވަރަށް ހިތްބަލި މީހެކެވެ. އެހެން މިސާލެއް ވެސް ބުނެލާނަމެވެ. (އަދާކުރާ ވަޒީފާ އަކީ، ކިޔަވައިދިނުން ކަމުގައިވާތީ) ތިމާ ދެކޭގޮތުގައި ތިމާ އަކީ މުދައްރިސެކެވެ. (ޓީވީން ގިނައިން ފެންނަނީ ދީނީ ޕްރޮގްރާމްތައް ހުޅައަޅައިދެނިކޮށް ކަމުގައިވާތީ) އެހެން މީހުން ދެކޭގޮތުގައި ތިމާ އަކީ ދީނީ ޢިލްމުވެރިއެކެވެ. (އެންމެ މޮޅަށް ކުރާ ކަމަކީ، ލަވަ އާއި މަދަހަ ހެދުން ކަމުގައިވާތީ) ޙަޤީޤަތުގައި ތިމާ އަކީ މޮޅު ޅެންވެރިއެކެވެ. އެހެންކަމުން، ތިމާ އަކީ ކާކުކަން ދަސްކުރާށެވެ.
   
"މަގޭ އަމާޒު" ފޮތް، ތަފާތު ބައިތަކަށް ބަހާލާށެވެ. މިސާލަކަށް، ޖިސްމާނީގޮތުން ތިމާ ކަނޑައަޅާ ލަނޑުދަނޑިތަކާއި، ތަނަވަސްކަމުގެ ގޮތުން ކަނޑައަޅާ ލަނޑުދަނޑިތަކާއި، ޢާއިލީ ގުޅުންތަކާއި، ހުނަރާއި، އިޖުތިމާޢީ ކަންކަމާއި، ޚާއްޞަ ގޮތެއްގައި ރޫޙާނީގޮތުން ކަނޑައަޅާ ލަނޑުދަނޑިތައް ވަކިވަކިން އެނގޭނެ ގޮތަށެވެ.
   
ވަރަށް ކާމިޔާބު އެހެން އުކުޅެއް ވެސް ބުނެދޭނަމެވެ. ވީ ވަރަކުން، ފޮތުގައި ފޮޓޯ ހިއްޕާށެވެ. ދާން ބޭނުންވާ ތަންތަނާއި، ތިމާ ހުންނަން ބޭނުންވާ ގޮތްގޮތާއި، ލިބެން ބޭނުންވާ އެއްޗެހީގެ ފޮޓޯ އެވެ. އެ މީހެއްގެ ފިޔަވަޅު މަތިން ތިމާ ހިނގަން ބޭނުންވާ މީސްމީހުންގެ ފޮޓޯ ވެސް ހިއްޕިދާނެ އެވެ. ނުވަތަ އެ ފަދަ މީހުންގެ ނަން ވެސް ޖެހިދާނެ އެވެ. ބަރުދަން ލުއިކުރުމުގެ ބައިގައި، މަޝްހޫރު ދުވުންތެރިއެއް ނުވަތަ ޖިމްނާސްޓިކު ކުޅޭ މީހެއްގެ ފޮޓޯ ހިއްޕާށެވެ. އެއީ، "ޖިސްމާނީ" ބައެވެ. އެންމެ ރަނގަޅު ފިރިމީހާ ނުވަތަ އަނބިމީހާ އަށް ވާން ބޭނުން ނަމަ، ތިމާގެ ބައްޕަ ނުވަތަ މަންމަ އަކީ އެ ފަދަ މީހެއް ނަމަ، އެ މީހުންގެ ފޮޓޯ ވެސް ހިއްޕާށެވެ. އެއީ "ޢާއިލީ ގުޅުންތަކާބެހޭ" ބައެވެ. ރީތި ސައިކަލެއް، ކާރެއް ނުވަތަ ގެއަކަށް އުންމީދުކުރާ ނަމަ، އެ ފަދަ ފޮޓޯއެއް ހިއްޕާށެވެ. އެއީ "ތަނަވަސްކަން" ބައެވެ. އެ އަށް ފަހު، ކޮންމެ ދުވަހަކު ވެސް އެ ފޮތް ބަލާލަންވާނެ އެވެ. ދެތިން މިނެޓު ވިޔަސް ރަނގަޅުވާނެ އެވެ. އެ ފޮތަކީ ތިމާގެ އެކުވެރިއަކަށް ހަދާށެވެ. އިސާހިތަކު ނަތީޖާ ފެންނަން ފަށާނެ އެވެ. ވަކި އަމާޒަކަށް ތިމާ ދަތުރުކުރަމުންދާކަން އިހުސާސްކުރެވެން ފަށާނެ އެވެ.

    ފުރަތަމަ، އެ ކަމަކުން ނުކުންނާނެ ނަތީޖާ ތަސައްވުރު ކުރީ އެވެ. ދެން ތިމާ އަމިއްލަ އަށް ބާރުއެޅީ އެވެ. އެ އަށް ފަހު، ކޮންމެ ލަނޑުދަނޑިއަކާ އެކު މުއްދަތެއް ކަނޑައެޅީ އެވެ. ދެން އޮތީ ހަތަރުވަނަ އެވެ.

4.    21 ގެ ޖާދޫ    

   
ތިމާގެ ކިބައިގައި އާދައެއް ހަރުލެއްވުމަށްޓަކައި، 21 ދުވަސް ވަންދެން، މެދުނުކެނޑި އެ ކަމެއް ކުރުމުގައި ދެމިހުންނަންޖެހެ އެވެ. ނުބައި އާދައެއް ތިމާގެ ކިބައިގައި އަށަގެންފި ނަމަ، އެ އާދަ ފިލުވާލެވޭނީ ރަނގަޅު އާދައެއްގެ އެހީގަ އެވެ. އާ ކަމަކަށް ތިމާ އާދަވުމަށްޓަކައި، ލެވެންހުރި ހުރިހާ ބާރަކާ އެކީގަ މަސައްކަތްކޮށް، މަރުޙަބާ ނުކިޔާ މެހުމާނެއް ގެއިން ބޭރުކޮށްލާހެން، ބާ އާދަ ފައްސާލަންޖެހެ އެވެ. މި ކަން ކުރެވޭނީ، ގާތްގަނޑަކަށް 21 ދުވަހުންނެވެ. ހަނދާންބަހައްޓަންޖެހޭ އެހެން ނުކުތާއެއް ވެސް އެބައޮތެވެ. ކޮންމެހެން ކަމެއް ކުރަންޖެހޭތީއޭ ހިތައި ކަމެއް ނުކުރާށެވެ. ކަމެއް ކުރަންވާނީ އެ ކަމެއް ކުރަން ބޭނުންވެގެންނެވެ. އެ ކަމަކުން ތިމާ އަށް ފައިދާކުރާނެކަން އެނގި، އެ ކަން ގަބޫލުކޮށްގެންނެވެ.
    
    ފިނިފެންމަލުގެ ހިތަކީ ވެސް، އެ އުސޫލުން ބޭނުންކުރަންޖެހޭ އުކުޅެކެވެ. ކޮންމެ ދުވަހަކު ވެސް އެއް ތަނެއްގައި، އެއް ވަގުތެއްގަ އެވެ. އެއް ތަނެއްގައި، އެއް ވަގުތުތަކެއްގައި، ދާއިމީކޮށް ކޮންމެ ރެއަކާއިދުވަހަކު ކަންތައްތަކެއް ކުރުމުން، ހީ ވެސް ނުކުރާ ކަހަލަ ބާރެއް ތިމާ އަށް ލިބެއެވެ. އަދި އެއީ، ގިނަ މީހުންތަކެއް އެކުވެގެން ކުރާ ކަމެއް ނަމަ، އެ ބާރު އެތައް ގުނައަކަށް އިތުރުވެއެވެ. ތިމާ ބާރެއްލާހެން ހީ ވެސް ނުވެ އެ ކަމެއް ކުރެވެއެވެ. ފަރިތަކޮށްގެން ކުޅިވަރެއް ކުޅޭ މީހަކާއި، ފަރިތަނުކުރާ މީހެއްގެ ތަފާތަކީ ވެސް އެއީ އެވެ.

5.    ޝައުގުވެރިކަމާ އެކުގައި ކުރުން

   
ކުރުކޮށް ބުނަންޏާ، އޯގާތެރިކަން ނެތް ނަމަ ދިރުމެއް ވެސް ނެތެވެ. ދިގުކޮށް ބުނާ ނަމަ، ކުރާ ކޮންމެ ކަމެއް، ޝައުގުވެރިކަމާ އެކުގައި ނުކުރެވޭ ނަމަ، އެ ކަމެއް ނުކުރުން ވެސް މާ ރަނގަޅެވެ. މިއަދު، ގިނަ މީހުން ކަންކަން ކުރަނީ ކުރަންޖެހޭތީ އެވެ. ކުރާހިތަކުންނެއް ނޫނެވެ. މިއީ، ހިތްހަމަޖެހުމާ ދުރަށް ކުރެވޭ ދަތުރެކެވެ. ނުތަނަވަސްވެ، މާޔޫސްވާން މެދުވެރިވާ ސަބަބެކެވެ. މިސާލަކަށް، އުފާވާން ވާނީ ކިޔަވައިގެން އެއް ވަނަ ލިބުނީމަ އެކަންޏެއް ނޫނެވެ. ކިޔެވުމަކީ ވެސް އުފަލަކަށް ހަދާށެވެ. މަޖުބޫރުވެގެން ކުރާ ކަމަކަށް ނުހަދާށެވެ. ވަޒީފާ ވެސް ހަމަ އެ ފަދަ އެވެ. ހަމަ އެ ގޮތަށް، ލަނޑުދަނޑިއެއް ކަނޑައަޅައިގެން މަސައްކަތެއް ކުރަމުންދާންވާނީ، ހިތްހަމަޖެހުމާއި ޝައުގުވެރިކަމާ އެކުގަ އެވެ. ލަނޑުދަނޑި ހާސިލުވުމާއި ނުވުން އެއީ މުޅިން އެހެން ކަމެކެވެ. އަބަދު ވެސް އަހަރެން ބުނާ ފަދައިން، ދިރިއުޅުމަކީ ހޭބޯނާރާ މަސައްކަތް ކުރުމެއް ނޫނެވެ. މަސައްކަތް ކުރަންޖެހޭނެ އެވެ. ހިތްހަމަ ވެސް ޖައްސަން ޖެހޭނެ އެވެ. ޢާއިލާއާ އެކުގައި ވަގުތު ހޭދަކުރަންވާނެ އެވެ. ކޮންމެހެން ކުރަން މަޖުބޫރު ކަންތައް ކުރަންޖެހޭނެ އެވެ. ހުރިހާ ކަމެއް ހުއްޓާފައި ތިމާގެ ލަނޑުދަނޑި ހާސިލުކުރުމާއިގެން އުޅެން ހަދައިގެން، ހަޔާތުގެ އަސްލު މަޤްޞަދު ނާކާމިޔާބު ވެދާނެ އެވެ. ހޭލާ ހުންނާށެވެ. ވަށައިގެންވާ މާޙައުލަށް ވެސް ނަޒަރުހިންގާށެވެ. ގަސްހަގާގެއްސާއި، މާމެލާމެއްޔާއި، ދޫނިސޫފާސޫފިތަކާމެދު ވިސްނާށެވެ. ދާންވީ މިސްރާބު ކަނޑައަޅާފައި، ދާ މަގުމަތީގައި، އެހެން މީހުންނަށް އޯގާތެރިވާށެވެ. އެހީތެރިވާށެވެ. ޝުކުރުވެރިވާށެވެ. އެ އަށް ފަހު، ބާކީބައި ތަޤުދީރާ ހަވާލުކުރާށެވެ. ދަތުރު ނިޔާމަވާނެ އެވެ. އަބަދު ވެސް މި ގޮތަށް ވިސްނާށެވެ. ތިމާގެ ކިބައިގައި ހުރި ޤާބިލުކަމާ އަޅައިބަލައިފި ނަމަ، ތިމާގެ ފަހަތަށް ދޫކޮށްފައި ދިޔަ ކަންކަމާއި އަދި އަންނަން އޮތް ކަންކަން ވެސް އެއީ އެހާ ދަތި އުނދަގޫކަމެއް ނޫނެވެ.
   
ކުރިން އެވެނި ކަމެއް، މިވެނި ގޮތަކަށް ވެފައި އޮތީމައި، އެ ކަމާ ހިތާމަކުރުމުގައި ދިރިއުޅުން ނަގައިނުލާށެވެ. ކަމެއް ގޯސްވުމުން ޒަމާނާ މަތިނުކުރާށެވެ. ޒަމާން ގޯހެއް ނުވެއެވެ. ޒަމާނަކީ ވަގުތެވެ. އިރެވެ. ހަނދެވެ. ތަރިތަކެވެ. ގޯސްވީ އަހަރުމެން އިންސާނުންނެވެ. އިންސާނުން ކުރި ކަންތައްތަކެެެވެ. ދިރިއުޅުމުގައި ތިމާ އަށް ދިމާވި އަދި ދިމާވާނެ ކޮންމެ ކަމެއްގެ ފަހަތުގައި ވެސް މުހިންމު ސަބަބެއް އޮންނާނެ އެވެ. ކޮންމެ ތަޖުރިބާ އަކީ ފިލާވަޅެކެވެ. ޝަކުވާކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

ވަރަށް ވަރުގަދަ، ބިޔަ ފިރިހެނެއް

   
ފެހިކަންގަދަ، ވަސްމީރު، ހިތްގައިމު ބަގީޗާ އާއި ބުރުޒަށް ފަހު، އެ ބަގީޗާ އަށް ނުކުތް ވަރުގަދަ އަދި ބިޔަ ފިރިހެންމީހާ އަކީ ކާކު ހެއްޔެވެ؟ އޭނަ ރަމްޒުކޮށްދެނީ، ނިމުމެއް ނެތް ރަނގަޅު ބަދަލުތަކެވެ. އެއީ، ކޮންމެ އިންސާނެއްގެ ވެސް މޮޓޯ އަށް ވާންޖެހޭނެ އެވެ. އެއް ފަހަރު ކުރާ ކަމެއް، ލިބޭ ތަޖުރިބާއާ އެކު، ދެވަނަ ފަހަރު އިތުރަށް ރަނގަޅު ކުރަންވާނެ އެވެ. އެއީ ނިމުމެއް ނެތް ކަމެކެވެ. ބޭރުފުށުން ކާމިޔާބު ހޯދޭނީ އެތެރެފުށުން ކާމިޔާބު ހޯދުމަށް ފަހުގަ އެވެ. ތިމާގެ ބޭރުފުށުން ކަމެއް ރަނގަޅުކުރަން ބޭނުން ނަމަ، އެއީ ޞިއްޙަތު ކަމުގައި ވިޔަސް، މީހަކާ ދެމެދުގައި އޮތް ގުޅުން ކަމުގައި ވިޔަސް ނުވަތަ ފައިސާ ވިޔަސް، ފުރަތަމަ ރަނގަޅު ކުރަންޖެހޭނީ ތިމާގެ އެތެރެފުށެވެ. މި ކަން ކުރެވޭނީ، މެދުނުކެނޑި ފަރިތަކޮށްގެންނެވެ. އަމާ ބުނީތީ ފަރަށް ދެވިދާނެ އެވެ. ފަރަށް ދިޔަސް، ބޮލިހިލަން ތިމާ ބޭނުން ނޫން ނަމަ، ތިމާ އަންނާނީ ބޮލި ނުހިލަ އެވެ.
   
އަހަރުމެންގެ މުޖުތަމަޢުގައި، ގަމާރު މީހާ އަކީ ބަލިކަށި މީހާ ކަމުގައި ދެކެއެވެ. އެކަމަކު، ތިމާ އަށް ނޭނގޭކަން ހާމަކޮށް، އެ ކަން އިހުސާސްކޮށް، އެންމެ އަވަހަށް ދަސްކުރަނީ ވެސް ހަމަ އެ މީހުންނެވެ. އަހަރުމެންގެ އެންމެ ވަރުގަދަ ބާރަކީ "ބަދަލެވެ." ބަދަލަކަށް ބޭނުންވުމެވެ. ގިނަ މީހުން ބަދަލަކަށް ބިރުގަނެ އެވެ. ބުއްދިވެރިން ބަދަލަށް މަރުޙަބާ ކިޔައެވެ. އެ މީހުންގެ ސިކުނޑިތައް ހުންނަނީ އާ ޚިޔާލުތަކަށް ހުޅުވިފަ އެވެ. ކިތަންމެ އާދައިގެހެން ހީވާ ސުވާލެއް ވެސް އަހަން ޖެހިލުންނުވާށެވެ. ޢިލްމު ހޯދުމަށް މެދުވެރިވާ ސަބަބަކީ ސުވާލު އުފެދުމެވެ. ދާދި ފަހުން ނެޝަނަލް ޖޯގުރަފިކު ޗެނަލުގެ ވެބްސައިޓުގައި ވަނިކޮށް ދުށީމެވެ.
  
 "ދުނިޔޭގައި އުޅޭ ނަމަ، ތިމާ ނޭވާލާނެ އެވެ. ނޭވާލާ ނަމަ، މުޢާމަލާތު ކުރާނެ އެވެ. މުޢާމަލާތު ކުރާ ނަމަ، އަހާނެ އެވެ. އަހާ ނަމަ، ފިކުރު ހިންގާނެ އެވެ. ފިކުރު ހިންގާ ނަމަ، ހޯދާނެ އެވެ. ހޯދާ ނަމަ، ތަޖުރިބާ ކުރާނެ އެވެ. ތަޖުރިބާ ކުރާ ނަމަ، ދަސްކުރާނެ އެވެ. ދަސްކުރާ ނަމަ، ތަރައްޤީވާނެ އެވެ. ތަރައްޤީވާ ނަމަ، އުންމީދު ކުރާނެ އެވެ. އުންމީދު ކުރާ ނަމަ، ހޯދޭނެ އެވެ. ހޯދޭ ނަމަ ޝައްކު ކުރާނެ އެވެ. ޝައްކު ކުރާ ނަމަ، ސުވާލު ކުރާނެ އެވެ. ސުވާލު ކުރާ ނަމަ، ވިސްނޭނެ އެވެ. ވިސްނޭ ނަމަ، އެނގޭނެ އެވެ. އެނގޭ ނަމަ، އިތުރަށް އެނގެން ބޭނުންވާނެ އެވެ. އިތުރަށް އެނގެން ބޭނުންވާ ނަމަ، ތިމާ އަކީ ދިރިހުރި މީހެކެވެ."
   
ތިމާގެ އެތެރެފުށް ރަނގަޅު ކުރުމަކީ، ޒާތީގޮތުން ތިމާ އަމިއްލަ އަށް ތިމާގެ ހައިބަތު ފުޅާކުރުމެވެ. ތިމާ އަމިއްލަ އަށް ކުރެވޭނެ، އެންމެ ރަނގަޅު އެއް ކަމަކީ އެއީ އެވެ. ތޫނުފިލިކަން އިތުރުކުރި ވަރަކަށް ތިމާ ރޯފިލާނެ އެވެ. ފަހަރެއްގައި ހިތަށްއަރާފާނެ އެވެ. އަމިއްލަ ތޫނުފިލިކަން ފުޅާކުރަން ތިމަންނައަކަށް ވަގުތެއް ނެތެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ތިމާގެ އަމިއްލަ ނަފުސު ހޭލުންތެރިކޮށް، ތަރައްޤީކޮށް، ބައްޓަން ކުރުމަކީ، ކުރިމަތިލާ ކޮންމެ ކަމެއްގައި ތިމާ އަށް ކާމިޔާބު ހޯދަން މަގުފަހިވާ ކަމެކެވެ. ތިމާގެ ޤާބިލުކަމުގެ ފަސްގަނޑުގައި، އިޢުތިޤާދުގެ މުޑުވައް އިންދުމުން، އުފަލުގައި އުޅުމަށް ތިމާ އަށް ކުރިމަތިވާނެ އެއްވެސް ހުރަހެއް ނޯންނާނެ އެވެ. ބުއްދީގެ އަހުލުވެރިއަކަށް ވުމަށްޓަކައި، ތިމާގެ ނަފުސު ރައްކާތެރިކުރުމަށްޓަކައި، އީމާންކަން ވަރުގަދަކުރުމަށްޓަކައި ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކުން ތިމާ އަށް ކާމިޔާބުގެ ދޮރުތައް ހުޅުވިގެންދާނެ އެވެ. އުފާވެރިކަމުގެ މަގުތައް ކޮށިގެންދާނެ އެވެ. ޖެހިލާ ކޮންމެ ރޯޅިއަކަށް، ތިމާގެ ނަފުސު ލެނބެންވެއްޖެ ނަމަ، ތަރައްޤީގެ ނަމުގައި އަންނަ، ފަނާކުރަނިވި ނަގޫރޯޅިތަކާއި ތޫފާނުގައި ޖެހި، ނާއުންމީދުގެ މާ ސިންގާ ކަނޑަށް ތިމާ ޣަރަޤުވެދާނެ އެވެ. ވިސްނާލާށެވެ. ތިމާގެ ނަފުސު ހަލާކުގެ ތެރެއިން ސަލާމަތް ނުކުރެވޭ މީހަކަށް، ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް ހަލާކުގެތެރެއިން ނަޖާކުރެވޭނީ ކިހިނެތް ހެއްޔެވެ؟ ތިމާގެ ދިރިއުރުން އާރާސްތު ނުކުރެވޭ މީހަކަށް، ޢާއިލާއެއް އާރާސްތުކުރެވޭނީ ކިހިނެތް ހެއްޔެވެ؟ ތިމާ ރަނގަޅު ހާލަތެއްގައި ނުވާ ނަމަ، ތިމާގެ ހާލަތު ރަނގަޅު ކުރެވޭނީ ކިހިނެތް ހެއްޔެވެ؟
   
ތިމާގެ އެތެރެފުށް ރަނގަޅުކުރަން ކުރެވޭނެ ކިތަންމެ ކަމެއް ހުންނާނެ އެވެ. އޭގެތެރޭގައި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށްޓަކައި ކަސްރަތު ކުރުމާއި، ރުޅިމަޑުކުރުމާއި، ރުޅިއަންނައިރަށް އަތް އިސްކުރުން ހުއްޓާލުމާއި، މީހަކު ފެންނައިރަށް ސިފަ އަށް ބަލާފައި އެ މީހާ ދަސްނުކުރުމާއި، ބޭކާރު އަނގަ ނުތެޅުމާއި، ޒުވާންކަމުގައި ގައިގަ ވަރު ހުރެގެން ކުރެވޭނެ ކަންތައް މުސްކުޅިވީމައި ކުރަން ފަސްނުކުރުމާއި، ކިބުރުވެރި ނުވުމާއި، އެ ފަދަ އެތައް ކަމެއް ހިމެނެ އެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ