އަދުގެ ޚާއްސަ

Print

އިސްލާމީ ޙަރަކާތްތަކުގެ މަޤްޞަދު ޙާޞިލުނުކުރެވުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


އިބްރާހީމު ރަޝީދު މޫސާ


ވޭތުވެދިޔަ ސައްތާގައި އިސްލާމީ ތަފާތު ޙަރަކާތްތައް އުފެދިފައިވާ ކަން ފާހަގަކުރެވެއެވެ. މި ޙަރަކާތްތައް އަދިވެސް ދަނީ އުފެދެމުންނެވެ. މި ޙަރަކާތްތަކުގެ އަސާސީ ބޭނުމަކީ ނުވަތަ މަޤްޞަދަކީ އިސްލާމި ދައުލަތް ޤާއިމުކޮށް އިސްލާމީ ޝަރީޢަތާ އެއްގޮތް ކަމަށް އެމީހުން ދެކޭގޮތަށް ވެރިކަންކުރުމެވެ. ނަމަވެސް އެމީހުންނަށް މިކަންތައްވަނީ އަދިވެސް ޙާޞިލުނުކުރެވިފައެވެ.

ސަބަބަކީ ކޮބައިބާވައެވެ!

އެތައް ސަބަބުތަކެއް އެބަހުރިކަން ކަށަވަރެވެ. ނަމަވެސް އެންމެ މުހިއްމު ސަބަބަކީ އެމީހުންނަށް އެމީހުންގެ މާޙައުލު ރަނގަޅަށް ނޭގުމެވެ. ކަން އޮތްގޮތާއި ތަނުގެ ޙާލަތު ޑައިގޮނައިޒް ކުރަން ނުކުޅެދުންތެރިވުމެވެ. އެއްވެސް ކަމެއް ކާމިޔާބު ކުރެވޭނީ، އެކަމުގެ ޙާލަތާއި، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، އެކަންކުރުމަށް ގޮވައިލާ ސަބަބުތަކާއި، މާޙައުލު ރަނގަޅަށް އެގިގެންނެވެ. ޑަކްޓަރަށް ބަލި ރަނގަޅަށް ޑައިގަނައިޒް ނުކުރެވިއްޖެ ނަމަ ކިތަންމެ ވަރަކަށް ބޭސްދިނަސް އެބޭސްތަކުން ބަލި ފަސޭހައެއްނުވާނެއެވެ. އަދި ކީއްތޯއެވެ. މިބޭސްތަކުގެ ސަބަބުން ނުކުންނަ ސައިޑް އިފެކްޓްތަކުގެ ސަބަބުން ބަލިމީހާގެ ޙާލަތު ދާނީ އިތުރަށް ނުބައިވަމުންނެވެ. އަދި ޑަކްޓަރުގެ މަޤްބޫލުކަންދާނީ ވެއްޓެމުންނެވެ. މި ފަދަ ބައެއް ޖަމާޢަތްތަކަށް ބަލައިލެވޭތޯ ބަލާނަމަވެ.


1- އިޚްވާނުލް މުސްލިމީން

އައްޝައިޚު ޙަސަނުލް ބަންނާ، މި ޙަރަކާތް 1928 ގައި މިޞްރުގައި އުފެއްދެވި އިރު މިޞްރުގައި އެންމެ އަޑުގަދަކޮށް އޭރު ވާހަކަދެކެވެމުންދިޔައީ ޑިމޮކްރަސީ އާއި މިޞްރުގެ ޤައުމިއްޔަތާ ބެހޭގޮތުންނެވެ. ޙަސަނުލް ބަންނާ ވިދާޅުވި ގޮތުގައި ޤައުމިއްޔަތަކީ ޤައުމު ދެކެ ލޯބިވުން ކަމުގައިވާ ނަމަ، އަދި ވަޠަނިއްޔަތަކީ ވަޠަނު ދެކެ ލޯބިވުން ކަމުގައިވާނަމަ، އެއީ އިސްލާމްދީން ޤަބޫލުކުރާ ކަމެކެވެ. އެކަމަކު ޤައުމިއްޔަތާއި ވަޠަނިއްޔަތުގެ މާނައަކީ ޤައުމާއި ވަޠަނު ދެކެ ލޯބިވެ ތަޢައްސުބުވުން ކަމުގައިވާނަމަ، އެއީ އިސްލާމްދީން އެކަމާ ނަފްރަތުކުރާ، އަދި އެކަމާ ދުރުހެލިވާން ގޮވައިލާ ކަމެކެވެ. ނަމަވެސް އެދުވަސްވަރު މިޞްރުގެ މުޖްތަމަޢުގައި ފެތުރިފައި އޮތީ ހުޅަނގުގެ ތަހްޛީބާ ތަމައްދުނުގެ ތެރެއިން އައިސް ފެތުރިފައިވާ ޤައުމިއްޔަތެވެ. މި މާނައާ، ބަންނާ އެވިދާޅުވާ މާނައާ އަރާރުންވެއެވެ. އެދުވަސްވަރު މިސްރުމީހުން ދުށްގޮތުގައި މިސްރު މީހުންނަކީ މިނިވަން މުސްތަޤިއްލު ފިރްޢައުނުގެ އުއްމަތް ތަމްސީލުކުރާ 7 ހާސްއަހަރުގެ ވަރުގަދަ ޙަޟާރަތެއް ގެ ވެރި ބައެކެވެ. އަރަބިންނާ އެމީހުންނާ ދެމެދުގައިވާ ގުޅުމަކީ އަވަށްޓެރިކަމުގެ ގުޅުމެކެވެ. މިސްރުގެ ޤައުމިއްޔަތު ވަނީ އިސްލާމީ އުޚުއްވަތްތެރިކަމުގެ މަޤާމު ނަގައިފައެވެ. އަދި މިސްރުގެ ޤައުމިއްޔަތުގެ އައިޑިއަލޮޖީ ވަނީ އިސްލާމްދީނުގެ މަޤާމު އަތުލައިފައެވެ. މިސްރުމީހުން ވަފާތެރިވާން ޖެހޭނީ، އަދި ވާގިދޭންވާނީ މިސްރަށެވެ. ލޯބިވާންޖެހޭނީ މިސްރު ދެކެއެވެ. ޤުރްބާންވާން ޖެހޭނީ މިސްރަށްޓަކައެވެ. މިސްރުގައި މި ޚިޔާލުތައް ފަތުރާ ހިންގާފައިވަނީ ސަޢުދު ޒަޣްލޫލާއި، ޠާހާ ހުސައިނާއި، ތަވްފީޤުލް ޙަކީމާއި، ސަލާމާ މޫސާއާއި، މުޙައްމަދު ޙުސައިން ހައިކަލް ފަދަ މިސްރުގެ މަޝްހޫރު މުފައްކިރުންނެވެ.

ޙަސަނުލް ބަންނާ އަށް އޮޑި ރަނގަޅު އަތަށް މިސްރާބު ނުކުރެއްވުނު އެހެން ސަބަބެއްވެސް ވެއެވެ. އޭގެ ތެރޭގައި ދުސްތޫރާއި ޤާނޫނުތައް ވަކިކުރެއްވުމުގައި އޮޅުންއަރައިވަޑައިގަތުން ހިމެނެއެވެ. އޭނާއަށް ވިސްނިވަޑައިގެން ގޮތުގައި މިސްރުގެ ދުސްތޫރަކީ އިސްލާމީ އުސޫލުތަކުގެ މަތީގައި އިސްލާމްދީނާ ވަރަށް ގާތްގުޅުމެއް އޮތް އެއްޗެކެވެ. އޭނާ ވިދާޅުވިގޮތުގައި މައްސަލައަކީ ރިބާ ހުއްދަކުރާ، ރާވިއްކުން ހުއްދަކުރާ، ޒިނޭ އާމެދު އިސްލާމީ ނަޒަރަކުން ނުބަލާ އިސްލާމްދީނާ ޚިލާފު ޤާނޫނުތަކެވެ. އެކަމަކު މި ވިސްނުންފުޅަކީ އެދުވަސްވަރުގެ މިސްރުގެ ޙަލަތަށް ބަލާއިރު، ރަނގަޅު ވިސްނުންފުޅެއް ނޫނެވެ. އެހެނީ،ދުސްތޫރާއި ޤާނޫނުތަކަކީ ޑިމޮކްރަސީ އާ ގުޅިފައިވާ ދޭއްޗެވެ. މި ދޭތި ވެސް ހިޔާވަހިކަން ހޯދަނީ މި ޑިމޮކްރަސީންނެވެ. މިސްރުގެ މުޖްތަމަޢުގެ ތެރެއަށް ފެތުރިގެންދިޔަ ދީނާޚިލާފު ކަންތައްތަކަކީ މި ޑިމޮކްރަސީގެ ސަބަބުން ނުކުތް ނަތީޖާ އެކެވެ. މިކަންތައްތައް ބޮޑަށް އައިސްފައި ވަނީ ޑިމޮކްރަސީ އާ ބެހޭ ފަލްސަފާގެ ސަބަބުންނެވެ. މި ފަލްސަފާ ބިނާވެފައިވާ ތަރަހަތަކަކީ ފަރްދިއްޔަތާއި މާއްދިއްޔަތާއި އަމިއްލައެނދުމާއި އަމިއްލަ ޝަހްވަތްތަކެވެ. މިއިން ކޮންމެ ތަރަހައަކީ ފަރްދުންނަށާއި އުއްމަތަށާއި ދީނަށް ވަރަށްބޮޑެތި މުސީބާތްތަކެއް ކުރިމަތިކުރުވި ތަރަހަތަކެކެވެ.


2- ތަޙްރީރު ޕާރޓީ

ޤުދްސުގެ ބޭފުޅެއްކަމުގައިވާ، ތަޤިއްޔުއްދީނުއްނަބްހާނީ، މި ޕާރޓީ 1953 ގައި އުފެއްދެވީ އިސްލާމީ ޚިލާފަތު ދިރުއްވުމުގެ މަޤްޞަދުގައެވެ. އޭނާ ތުހްމަތުކުރެއްވި ގޮތުގައި ޢަރަބި ސަރުކާރުތަކަކީ ކާފަރު ސަރުކާރުތަކެކެވެ. އެއީ މި ސަރުކާރުތަކުން ކުފްރުގެ ޙުކްމުތަކާ އެއްގޮތަށް ސަރުކާރު ހިންގާތީއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްލާމީ ޚިލާފަތު އަލުން ޤާއިމުކުރުމަށްޓަކައި މަސައްކަތްކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. އޭނާ ވިދާޅުވަމުންދިޔަގޮތުގައި މި ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އެއްވެސްކަމެއް ކޮށްގެންނުވާނެއެވެ. ޗެރިޓީ މަސައްކަތެއްވެސް، އަދި ފަލަސްޠީނު މިނިވަންކުރުމަށް ޖިހާދުކުރުން ފަދަކަމެއްވެސް ކޮށްގެންނުވާނެއެވެ. އިސްލާމީ ޚިލާފަތު ޤާއިމުކުރުމުން ޚަލީފާ މިކަންތައްތައް ކުރައްވާނެއެވެ. މި ފަދަ ކަންތައްތަކުގައި އަވަދިނެތިވުމަކީ އެންމެ ބޮޑުވާޖިބު އަދާކުރުމަށް ހުރަސްއަޅައިފާނެ ކަމަކަށްވާތީ، އެއިން އެއްވެސްކަމެއް މިވަގުތު ނުކޮށް އެންމެންވެސް އުޅެންޖެހޭނީ ޚިލާފަތު ޤާއިމުކުރާށެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމްދީން ދެ ފިޔަވައްސެއް ކަޑައްތުކޮށްފައިވެއެވެ. އެއީ މައްކީ ފިޔަވައްސާއި މަދަނީ ފިޔަވައްސެވެ. މައްކީ ފިޔަވަހީގައި ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ޚިލާފަތު ޤާއިމުކުރުމެވެ. ޖިހާދުކުރުމާއި ޒަކާތްނެގުމާއި، ފަޤީރުންނަށް އެހީތެރިވުމާއި މުޖްތަމައުގެ އަޚްލާޤު ރައްކައުތެރިކުރުމުގެ މަސައްކަތްތައް ކުރެވިފައިވަނީ މަދަނީ ފިޔަވަހީގައެވެ. އޭނާ  މިގޮތަށް ޢަމަލުކުރުމަށް މީސްތަކުންނަށް ގޮވައިލެއްވިއެވެ.

އޭނާގެ މި ފިކްރަށް ބަލާއިރު އޭނާއަށް މައްކީއާއި މަދަނީގެ މަފްހޫމު އޮޅިވަޑައިގަންފައިވާ ކަން އެނގެއެވެ. މިސާލަކަށް، ޒަކާތަށް ބަލާއިރު ޒަކާތް ދިނުމަށް އަމުރުކުރައްވާފައިވަނީ މަދީނާގައެވެ. ނަމަވެސް މިކަމުގެ އުސޫލުތައް މައްކާގައި ވަނީ ހާމަކުރައްވައިފައެވެ. ޞަދަޤާތް ދިނުމަށާއި، ހެޔޮފޯރުކުރުމަށް ވަނީ ހިތްވަރުދެއްވައިފައެވެ. ޖިހާދަށް ބަލާއިރުގައިވެސް ދެންނެވޭނީ ހަމަ މިފަދަ ވާހަކައެކެވެ. ޖިހާދުކުރުމުގެ ހުއްދަ ދެއްވާފައިވަނީ މަދީނާ ގައެވެ. ނަމަވެސް ޖިހާދުގެ ތަރަހަ ކަމަށް ޢިލްމުވެރިން ވިދާޅުވާ އުސޫލު، ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް މަނާކުރުމަކީ މައްކާގެ މަރްޙަލާގައި ހަމަޖެހިފައިވާ ކަމެކެވެ.


3- ޖިހާދު ޖަމާޢަތް:

މިދިޔަ ސައްތައިގެ ފަހުކޮޅުގައި މިސްރުގައި އުފެދުނު މި ޙަރަކާތުގެ ފަލްސަފާ ޤާއިމުވެފައިވަނީ ދެކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ މިއަދު ވެރިކަންކުރާ ސަރުކާރުތަކަކީ ކާފަރު ސަރުކާރުތަކެކެވެ. އެއީ މި ސަރުކާރުތަކުން އިންސާނާ ހަނދާފައިވާ ޤާނޫނުތަކާ އެއްގޮތަށް ވެރިންކުރާތީއެވެ. ދެވަނަކަމަކީ މި ސަރުކާރުތައް ބަދަލުކުރުމަށްޓަކައި ޖިހާދުކުރުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވުމެވެ. މި ޖަމާޢަތް ބުނާގޮތުގައި އިސްލާމީ ޤައުމުތަކަކީ "ދާރުލް ޙަރްބީ" އެކެވެ. މިސްރާއި އަލްޖީރިއާއި އަފްޣާނިސްތާނު ފަދަ ޤައުމުތަކުގައި ޙަރަކާތްތެރިވާ މި ޖަމާޢަތް ބުނާގޮތުގައި، މި ޤައުމުތަކަކީ ކާފިރުންގެ ރަށްތަކަކަށްވާތީ މި ޤައުމުތަކުގެ މުއްސަނދިކަމުން ވައްކަންކުރުން ހުއްދަވާނެއެވެ. އަދި މި ޤައުމުތަކުގެ ވެރިންނާއި ވެރިންނަށް ތާއީދުކުރާމީހުންގެ ލޭއޮހުރުވުން ހުއްދަވާނެއެވެ.

 ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބަލާއިރު، މިއަދު ދުނިޔޭގައި ދާރުލްޙަރްބެއް، ދާރުލްއިސްލާމެއް ނެތެވެ. އަދި މީގެ އިތުރަށް ދާރުޙަރްބާއި ދާރުލްއިސްލާމަކީ ފިޤްހީ ޙުކުމްތަކަކާ ގުޅިފައިވާ މަފްހޫމެކެވެ.

ކީރިތިރަސޫލާގެ ސީރަތަށް ބަލާއިރު އެކަލޭގެފާނު ޤާއިމުކުރެއްވީ އިސްލާމީ އުއްމަތަކާއި މުސްލިމު ފަރްދެކެވެ. ވީމާ، އިސްލާމްދީނަށްޓަކައި މަސައްކަތްކުރާނަމަ މަސައްކަތް ކުރަންވާނީ، މި މުސްލިމު ފަރްދުންނަށް ދީނީ ތަޢުލީމުދީ ހޭލުންތެރިކުރުވުމަށެވެ. އެމީހުންނަށް ފާގަތި، ރައްކައުތެރި ޙަޔާތެއް ހޯދާދިނުމަށެވެ. އެމީހުންގެ ޢަޤީދާ ހަލާކުކުރުމަށް މަސައްކަތްކުރާ ޙަރަކާތްތަކުން އެމީހުން ސަލާމަތްކުރުމަށެވެ.

އިސްލާމްދީނުގެ ނަމުގައި ތަފާތު ޙަރަކާތްތައް އުފައްދާ މީހުންނަށް އެނގެންޖެހޭ ވަރަށް މުހިއްމު އުސޫލެއް އެބައޮތެވެ. އެއީ  އިސްލާމީ އުއްމަތުގެ ސަލަފުން ދުވަހަކު ވެސް ވެރިކަން ހޯއްދަވަން މަސައްކަތްކުރައްވާފައި ނުވާކަމެވެ. އެބޭކަލުންގެ އަރިހުގައި ވެރިމީހާ ކިތަންމެ ނުބައި، ކިތަންމެ އަނިޔާވެރި ވެރިއަކަށް ވިޔަސް އޭނައަށް ކިޔަމަންގަންނަން ޖެހޭނެއެވެ. ޙައްޖާޖު ބުނި ޔޫސުފު ކަހަލަ ޖައްބާރުންގެ ފަހަތުގައި، ޢަބްދުﷲ ބިން ޢުމަރު ފަދަ ޢިލްމުވެރި ތަޤްވާވެރި ޞަހާބީން ނަމާދު ނުކުރައްވާތޯއެވެ.



ހަމަމިގަލަމުން

އިދާރާ

ވާހަކަ