އަދުގެ ޚާއްސަ

Print

ބަރުބާދުވީ ލޯބީގެ ދުނިޔެ (1)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


ތާނަކުރީ: މުޙަންމަދު ޝާހިދު ޙަލީމް (1987)


ކުޑަކުޑަ ޖުމުލައެއް އިންސާނާގެ ދިރިއުޅުމަށް ކިހައި ވިހައެއް ލައިފާނެކަން ފަރީއަށް ލަފާކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެއީ އެ ޖުމުލަ ބުނީ ވެސް އޭނާ ކަމަށް ނުވާ ހިނދުގައެވެ. އަދި ކީއް ހެއްޔެވެ؟ އެ ޖުމުލަ އިވުމުން ވެސް ކުޑަކުއްޖަކަށް ލިބޭ ކަހަލަ އުފަލެއް އިޙްސާސްކޮށްފައި އޭނާ ހިމޭންވެފައި ވާ ހިނދުގައެވެ.
ފަސް އަހަރު ކުރިއެވެ. ޒުވާން ކޮންމެ އަންހެން ކުއްޖެކޭ އެއްފަދައިން އޭނާ އުންމީދުތަކާއި އެދުންތަކުގެ ފާލިކީ ޒީނަތްތެރިކޮށްގެން ޖަމާލުގެ އަލަތު އަތްނބަކަށް ވިއެވެ. އޭނާ އަލަތު އަތްނބެއްގެ ގޮތުގައި ޒީނަތްތެރިވެގެން އިންދައި ފެނިފައި އެންމެން ތާރީފުކުރިއެވެ. އެ ސާދާ، ސީރިއަސްކަމެއްް ނެތް، ނާޒުކު އަންހެން ކުއްޖާ އެހައި ވަރަށް ރީތިކަން ވަގަށްނެގީ ކޮން ތަނަކުން ހެއްޔެވެ؟ އޭނާ ހުރިހައި ރީތިކަމެއް ހީނާފަތުގައި ރައްކައުކޮށްފައި ހުރި ކަހަލައެވެ. އެއްކޮޅުން ހީނާފަތް އެޅުމުގެ ކަންތައް ފެށި، ކާވެނީގެ ކުރިން ގެއިން ބޭރަށް ނުނުކުމެ، އިންނަން ޖެހުމާ އެކު، އަނެއްކޮޅުން އެއް ދުވަހުން އަނެއް ދުވަހަށް އޭނާގެ ރީތިކަން އިތުރުވާން ފެށިއެވެ. އޭނާ އަލަތުއަތްނބަކަށް ވީ ދުވަހު އޭނާ އަށް ހެޔޮ ދުޢާ ނުކުރާ ލޮލެއް ނެތެވެ. އޭނާގެ އެ ރީތިކަން  ތިމާ އަށް ލިބުމަށް ނޭދޭ ހިތެއް ނެތެވެ. ހަމަ އެންމެން ވެސް ދައްކަނީ ޖަމާލުގެ ނަސީބު ރަނގަޅުކަމުގެ ވާހަކައެވެ. އަދި ފަރީ އުފަލާއި އަރާމުގައި ލެހެއްޓެވުން އެދި އަދަދެއް ނެތްހައި ދުޢާ ކުރަނީއެވެ. ޙަޤީޤަތުގައި ވެސް ޖަމާލު ފަރީގެ މޫނުމައްޗަށް ވައްޓައިލައިފައި އޮތް ފަސްބައި އުފުލައިލައިފައި ބަލައިލި ގޮތަށް ހުރެވުނީއެވެ. ހުރިހައި ގުނަވަނެއް ވެސް ވަރުންއެޅިފައި ފުރިހަމައެވެ. ފަރިކަން، ހިތް މަސްތުކަމުގެ ތެރެއަށް ގަންބައިލާ ފަދައެވެ. ހިނިތުންވުން، އެ ހިނިތުންވުމުގެ މައްޗަށް ތަކުރާރުކޮށް ފިދާވާން ހިތް އެދޭ ކަހަލައެވެ. ފުރަތަމަ ރޭ ޖަމާލުގެ ދޫ ގޮށްޖެހުނު ސަބަބަކީ އެއެވެ. އޭނާ ވާހަކަދެއްކީ ވަރަށް މަދުންނެވެ. އަޑުއެހީ އަދި ބުނީ ވަރަށް މަދު އެއްޗެކެވެ. ޖަމާލު، އޭނާގެ ނަސީބުގެ މައްޗަށް ފަޚުރުވެރިވިއެވެ. އޭނާގެ އަލަތުއަނބި އޭނާ ހިތަށް ގެނައި ހުރިހައި ސިފައަކަށް ވުރެން ވެސް ރީއްޗެވެ. ލަދުވެތިކަމުގެ ކަސްތޮޅުން ކަސްތޮޅުއެޅިފައި އިން ވަރުން، އެ ފިދާވުމުގެ މައްޗަށް ދޫވީއްލައިލަބަލާށެކޭ ވެސް ނުބުނެވުނެވެ. އެންމެ ފަހުން ހަމަހިމޭންކަމުގެ ތެރޭގައި ދުލުން ބޭރުނުކުރެވޭ ބަސްތަކަކާއެކު، ދެ މީހުންގެ ދެމެދުގައި އެއްބަސްވުމެއް އެއްބަސްވެއްޖެއެވެ.
އެއް ހިތް މުއްދަތަކުއްސުރެން ވަނީ އިންތިޒާރުގައެވެ. ހީނާފަތް އެޅި ދެއަތާއި މަސްތީ ދެލޮލުގެއެވެ. އަނެއް ހިތް އިންތިޒާރުގެ މި ގިއުގަނޑުގެ ތެރެއަށް މުޅިން ފެތިއްޖެއެވެ. އެއަށް ފަހު އެއްބަސްވުމެއްގެ ބޭނުމެއް ނުވެސް ޖެހުނުމެއެވެ. ފާއިތުވީ ހަމަ އެންމެ ރެއެކެވެ.

މާތްރަސްކަލާކޯއެވެ. ހެނދުނު ފަރީ ނަލަހެދިލައިގެން، ހުވަނދުން ފެންވަރައިގެން ނުކުތް އިރު ރީތިކަމުން، ފުރިހަމަކަމުން ކަޅިޖަހައިނުލެވެއެވެ. ނުފޮޅޭ މަލެއް ފަރިވެ ފޮޅިފައި އިން ކަހަލައެވެ. އެ މަލަކީ ވެސް ގުލްޝަނުން ހަމަ ކޮންމެ މީހެއްގެ ވެސް ސަމާލުކަމުގެ މަރުކަޒަކަށް ވާ ކަހަލަ މަލެކެވެ.
މެހުމާނުންތައް ދިއުމުން ފަރީ އެކުވެރި އަންހެން ކުއްޖަކާ އެކު ކޮޓަރިއަށް ދިޔައިރު އެ ކުއްޖާ ތަކުރާރުކޮށް ފަރީގެ ރީތިކަމުގެ ވާހަކަދައްކަމުން ގެންދިޔައެވެ. ސިފައެކޭ އެއްފަދައިން އޭނާގެ ހިނިތުންވުން ވެސް ވަނީ ވީއްލިފައެވެ. އޭނާ ބުނާނީ ވެސް ވަކި ކީކޭ ހެއްޔެވެ. ހިތްހަމަޖެހެންދެން ލޯގަނޑުން ބަލައިލާނެހައި ވަގުތު ވެސް އޭނާއަކަށް އަދި ނުލިބެއެވެ. އޭނާ އޭނާގެ ދުށް ސިފައެއް ވިއްޔާ ދުށީ ހަމަ ޖަމާލުގެ ދެ ލޮލުންނެވެ. އެ ދެ ލޯ އޭނާ ފެނުމުން ވިދައިގަނެއެވެ. ހިނިތުންވެގެން ދެއެވެ. ފިދާވާން އުޅެއެވެ. ދެން ކެތްނުލެވުމުގެ ރަތްކުލަ ދީވާނާކަމުގެ އިސްޓޭޖު މައްޗަށް އެ ދެ ލޯ ގެނައެވެ. ދީވާނާކަމެވެ. އެއަށް ފަހު އޭނާ ލޯކުޑަކޮށްލައެވެ. ނޭވާހިފައްޓައިލައެވެ.

"ފަރީ! ފަރީގެ ފިރިމީހާއަކީ ފަރީގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫން! ހުންނަ ސިފައިން ވެސް ހީވަނީ ހަމަ މޮޔައެއް ހެން. ފަރީ ލިބުނީމާ މޮޔަކަން އަދި މާ ބޮޑުވެއްޖެ. ދެކެން ހުންނައްޗޭ. ތާއުމުރަށް ފަރީގެ ފައިދޮއްވަ ދޮވައިފައި އެ ފެން ބޯނެ!"
ފެންނަ ފެނުމުގައި މި ޖުމުލައަކީ އެހައި ވިހަ ޖުމުލައެއް ވެސް ނޫނެވެ. އުފާވެރިކަމުގެ އެ ދަނޑިވަޅުގައި ރަޙްމަތްތެރި މަޢުޞޫމު އަންހެން ކުއްޖަކު އޭނާގެ އަނެއް ރަޙުމަތްތެރިޔާއަށް  ލޯތްބާއި ހެޔޮއެދުން ރައްދުކުރީއެވެ. އެއީ މީހަކު ލަދުގަންނަވައިލުމުގެ ބޭނުމުގައި ބުނި އެއްޗެއް ނޫނެވެ. މަލާމާތްކުރާ ކަހަލަ ދަނޑިވަޅެއް ވެސް ނުމެ ނޫން މެ އެވެ. އެހެން ނޫނަސް އެ އުމުރުގައި ކުދީންގެ ތަޖުރިބާއެއް ނުހުންނާނެއެވެ. ބޭނުންކުރެވޭ ލަފުޒުތަކުން ނުކުންނާނެ ރަނގަޅު ނުރަނގަޅު އަސަރުތަކެއް އެއްގޮތަކަށް ވެސް ނުދަންނާނެއެވެ. އެކަމަކު އެ ވަގުތު ޖަމާލު އިނީ ކޮން މޫޑެއްގައި ކަމެއް ނޭނގެއެވެ. އޭނާ އިނީ ކޮޓަރީގައި ފަރީއަށް އިންތިޒާރުކުރާށެވެ.

އިންތިޒާރާއި ކެތްނުލެވުން.... އޭނާ ތަހުޒީބުގެ ފަރުދާގެ ނިވަލުގައި ފޮރުވައިފައި އޮތް ލޯބީގެ ފިދާވުން ވަގުތުން ދިޔައީ ކޮން ތަނަކަށް ކަމެއް ނޭނގެއެވެ. އޭނާ އަށް ހީވީ ފަރީގެ އެކުވެރިޔާ ހަމަ ދިމާއަށް އޭނާ އަށް މަލާމާތްކުރީހެންނެވެ. މިހައި ރީތި އަތްނބަކާ ކަލޭ އެކަށީގެނެއް ނުވެޔޭ ބުނީހެންނެވެ. އެހެން ޢިބާރާތްތަކަކުން، އޭނާގެ ފިރިމީހާއާ މެދު ކުއްތާއާ މެދު ކަންކުރާ ގޮތަށް ކަން ކުރަން އަންހެނުންނަށް ނަސޭހަތް ދިނީއެވެ.

އޭނާ މި ކަހަލަ ވާހަކަ އަޑުއަހައިފައި ވަނީ ނޫންކަމެއް ނުވަތަ އޭނާގެ ޝުޢޫރުގައި ނިކަމެތިކަމުގެ އިޙްސާސް އުފެދިފައި ވަނީ ނޫންކަމެއް ނޭނގެއެވެ. އެހެން ނޫނީ ސިފައާއި ސޫރައާއި ޝަޚުޞިއްޔަތުގެ ގޮތުން އޭނާއަކީ ނުހަނު ހިތްދަމައިގަންނަ އިސްމާޓު މީހެކެވެ. ފަރީއަށް އޭނާ ފެނުމާ އެކު އޭނާއާ ރުހެވުނެވެ. އޭނާގެ ކިބައިގައި ފިރިހެންވަންތަކަން ނުހަނު ބޮޑަށް ހުއްޓެވެ. އޭނާގެ ކުލައަކީ މުށިކުލައެވެ. ފަރީއަށް އަބަދު ވެސް ރީތީ އެ ކުލައިގެ މީހުންނެވެ. ހިތުގައި ބިންވަޅުނެގިގެން ދަނީ އެ ކުލައެވެ. ދޮން ބިސްގަނޑެއް ހެން ހީވާ އަދި މާ ބޮޑަށް ރީތި ފިރިހެނުން ދެކެ އޭނާ އަބަދު ވެސް ފޫހިވެއެވެ. ފިރިހެނުންގެ ޝަޚުޞިއްޔަތުގައި ފިރިހެންވަންތަކަން ހުންނަން ޖެހޭނެއެވެ. ޖަމާލު އޭނާގެ ޚިޔާލާ މުޅިން އެއް ގޮތެވެ. އެހެންކަމުން ޖަމާލު ލިބުމުން އޭނާ ވަރަށް ހިތްހަމަޖެހުނެވެ. އޭނާގެ ޒުވާންކަމުގެ ހުރިހައި ރީތިކަމަކާއި ލޯތްބެއް ޖަމާލުގެ މައްޗަށް ފިދާކޮށްލާން ބޭނުންވިއެވެ.

* * *

ދެ އެކުވެރީން ހެނމުން ހެނމުން އައިސް ނިދާކޮޓަރިއަށް ވަނުމުން، އިޙްތިރާމުގެ ގޮތުން ޖަމާލު ކޮޅަށް ތެދުވެއްޖެއެވެ. ފަރީ ލަދުވެތިކަމާ އެކު އިސްދަށަށް ޖަހައިލިއެވެ. އޭނާގެ އެކުވެރިޔާ ލާނެތް ބެލުމަކުން ޖަމާލާ ދިމާއަށް ބަލައިލިއެވެ. މިއީ ވެސް ހަމަ އާދައިގެ ލޯބިވެރި ޙަރަކާތެކެވެ. އެކަމަކު އެ ކުޑަ ހިނދުކޮޅުގައި ފަރީގެ ރީތި މަޢުޞޫމު ދެ ލޮލުގައި ބޮޑާކަމާއި އަޅައިލުމެއް ނެތް ކަމުގެ ވިދުވަރެއް އުފެދުނު ކަމަށް ޖަމާލަށް ހީކުރެވުނެވެ. އަދި ފަރީގެ އެކުވެރިޔާގެ ލާނެތް ބަލައިލުން ހަންމުށީގެ އެތިފަހަރަކަށް ވެގެން އޭނާގެ ގައިގައި އެޅުނެވެ.

ވަގުތު ވޭތިވެގެެން ހިނގައްޖެއެވެ. އެކަމަކު ވިހަ ހަރުފައެއް، ކައިރިން ބޯ އުފުލައިލައިފައި މަޑުމަޑުން ޖަމާލުގެ ޝުޢޫރުތަކުގެެ ތެރެއަށް ވަދެއްޖެއެވެ. ޚުދު ޖަމާލަށް ވެސް އެ ކަމެއް ނޭނގެއެވެ. އެއަށް ފަހު އެތަކެއް ދުވަސް މެހުމާނުންނާ އެކު ދަޢުވަތުތަކުގައާއި އެތަން މިތަނަށް ދިއުމުގައި ވޭތިވެއްޖެއެވެ. އެ މީހުންނަށް ރޭގަނޑު ފިޔަވައި ވާހަކަދައްކައިލާނެ ވަގުތެއް ލިބުނީ ވަރަށް މަދުންނެވެ. ރޭގަނޑު ވެސް މިންޖުވެވެނީ ބާރަ އެކެއް ޖަހައި ދާ ފަހުންނެވެ. އޭރު ދެ މީހުން ވެސް ތިބެނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.

މި ހިސާބުގަނޑުގައި ކާވެންޏަކީ ވެސް ކިހައި ވަރުބަލިކޮށްލާ ކަމެއް ހެއްޔެވެ. ފަރީ ހިތަށްއަރައެވެ. އަލަތުދެމަފިރިންނަކީ އެއްގޮތަކަށް ވެސް އިންސާނުންކަމަކަށް ނުދެކެއެެ. އެކަކުގެ ވެސް ދަޢުވަތު ރައްދުކޮށްފިއްޔާ އޭނާ ހުންނާނީ ރުޅިއައިސްފައެވެ. މީހަކާ މަޖާކޮށް ވާހަކަދައްކައިލައިފިއްޔާ އޭނާ ހުންނާނީ ނުބައި އަޑުތައް ފެތުރުމުގައި އެންމެ ކުރިއަށެވެ.

އެހެން ކަމަށް ވިޔަސް މަޑުމަޑުން ގޮސް ކަންތައްތައް އާދައިގެ ގޮތަށް ބަދަލުވެއްޖެއެވެ. އަޑުފަށްގަނޑާއި ހޭލަމޭލަކަމާއި ޕާޓީތަކުގެ ދުވަސް ވޭތިވެއްޖެއެވެ. އޭނާ ޖަމާލު އަތުން ހުއްދަ ހޯދައިގެން މަންމަގެ ގޭގައި އިންނަން އަތުވެއްޖެއެވެ. އޭގެ ކުރިން އެ ގެ އަށް ދިޔައީ ހަމައެކަނި އެއް ފަހަރުއެވެ. އެއީ އާދަކާދައިގެ މަތިން އެންމެ ރެއަކަށެވެ. އެ ރޭ ވެސް ވޭތި ވެގެން ދިޔައީ މަޖާކުރުމާއި ހޭލަމޭލަކަމުގައެވެ. މި ފަހަރު އޭނާ މި އައީ އެއް މަސް ދުވަހު އެ ގޭގައި އިންނާން ޕުރޮގުރާމު ރާވައިގެންނެވެ. ޖަމާލު ވެސް އޭނާއާ އެކުގައި ދިޔުމަށް އޭނާ ޖަމާލު ގާތުގައި ބުންޏެވެ. އެކަމަކު ޖަމާލުގެ ޗުއްޓީ ވަނީ ހަމަވެފައެވެ. އޭނާ ބުންޏެވެ. "އަހަރެން ގޮސް އުޅޭނަން. އެ ގެއަކު ނުއެއް ހުރެވޭނެ."

ފަރީ ގަދައެއް ނާޅައެވެ. ވަޒީފާއާއި މަސައްކަތުގައި ފިރިހެނުންނަށް އެ މީހުންގެ ރުހުމާ ދެކޮޅަށް ގަދައެޅުން އެއީ ރަނގަޅު ކަމެއް ނޫނޭ ހިތަށް އަރައިފައެވެ. ދެވޭ ފަހަރަކު ވިއްޔާ ދާނެ ކަން ޔަޤީނެވެ. އާ ކާވެނީގައި ވެސް ފިރިހެނުން ބަހަނާ ދައްކައިފާނެ ހެއްޔެވެ. އެކަމަކު ޖަމާލު ބޭނުންވީ ކުޑަކޮށް ގަދަކޮށްލާން ކަން ނޭނގެއެވެ. ފަރީއަށް ޓަކައި އޭނާއާ އެކުގައި ދާން އެދުނު ނަމަ ޖަމާލު ދިޔައީސްކަން ނޭނގެއެވެ. އޮފީހަށް އެ ގެއިން ވެސް ދެވިދާނެއެވެ. ސީދާ ސާދާ ފަރީ ތަރުބިއްޔަތުކުރެވިފައި ވަނީ އެ ގޮތަކަށް ނޫނެވެ. އޭނާއަށް ތެދަކީ ތެދެވެ. ދޮގަކީ ދޮގެވެ. މަކަރާއި އޮޅުވައިލުމަކީ އޭނާ ދެކޭ ކަންތަކެއް ނޫނެވެ. ކެހިދިނުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ. އެހެން ނޫނަސް އޭނާގެ އުމުރަކީ ވެސް ކޮބައިހެއްޔެވެ؟ ވިހި އަހަރެވެ. އެއީ ވެސް ގޭގެ ހަތަރު ފާރުގެ އެތެރޭގައި ވޭތިވީ ވިހި އަހަރެވެ. އޭނާ ދެކެނީ ފިރިމީހާއަކީ އޭނާގެ ސާހިބާ ކަމުގައެވެ. އެ ދުވަސްވަރު ފަރުދާކުރުމާއި، ވާހަކަ މަދުކޮށްގެން އުޅުމުގެ އާދަ ދެމިއޮތެވެ. ތެޅިތެޅި އޮތް ހިތް ގަންދީފައި، ކަލެއާ ނުލައި ދެން އެންމެ ރެއެއް ވެސް ވޭތިކޮށެއް ނުލެވޭނޭ ބުނާކަށް ނުކެރުނެވެ. ފަރީ ހިމޭން ވެއްޖެއެވެ. ޖަމާލުގެ ވިސްނުމުގެ ހަރުފަ ކަރު ފުއްޕައިލައިފައި ބުންޏެވެ.

"ރީތި އަންހެންކުދިން ވަރަށް ބޮޑާވާނެ. އޭނާއަށް ކަލެއާ މެދު އެއްވެސް ފަރުވާލެއް ނެތް. ކިޔަމަންތެރިކަމާ އެކު ފަހަތުން އަންނާނެކަން އެނގޭ." ފުރަތަމަ ދުވަހު ހަވީރު ފަރީއާ ބައްދަލުވާން އޭނާ ނުދިޔަ ސަބަބަކީ އެއީއެވެ.

އެ ހަވީރާއި އެ ރޭ ފަރީ ވޭތިކޮށްލީ ކޮންފަދަ ވޭނެއްގައި ހެއްޔެވެ؟ މީހަކު ރަނގަބީލު ޖަހައިލައިފި ނަމަ، އޭނާގެ ހިތް ފުންމައިގެން ކަރުބުޑާ ހަމައަށް އާދެއެވެ. ތެޅިގެންފައި ދޮރާ ދިމާއަށް ބަލައިލައެވެ. ހަމަ މިހާރު ލޯބީގެ އެ ބަލައިލުން އޭނާގެ ހިތުގެ ތެރެއަށް ވަދެގެން ދާނެއޭ ހީވާ ފަދައަކުންނެވެ. އަދި އިޚްތިޔާރކާ ނުލައި އޭނާ އެ ބެލުމުގެ މައްޗަށް ވެރިވެގެން ދާނެއޭ ހީވާ ފަދަ ބެލުމަކުން މެއެވެ. އޭނާ ދޮރާ ދިމާއަށް ބަލާލެއް ގިނަ ކަމުން އޭނާގެ ދައްތަމެންނާއި ޅިޔަނުން އޭނާއާ ދިމާކުރަން ފެށިއެވެ. "މިހާ އަވަހަށް ތިހިރީ އުޅޭ ހާލު. ލައިލާގެ ބަަދަލުގައި ތިޔަ އިނީ މަޖުނޫނަށް ވެގެން."

އެ މީހުން އެ ގޮތަށް ދިމާކުރާތީ އޭނާ ރުޅިއެއް ނާދެއެވެ. ޙަޤީޤަތް ވާނީ ޙަޤީޤަތަށް ނޫން ހެއްޔެވެ؟ އެހެން ނޫނަސް ފިރިމީހާ ދެކެ ލޯބިވުމަކީ ލަދުގަންނާން ވީ ކަމެއް ނޫނެވެ. އެކަމަކު ޖަމާލެއް ނައެވެ. ފޯނުކުރަން ގެއަކު ފޯނެއް ނެތެވެ. ޝައްކުކުރުމަކީ އޭނާ ކުރަން ދަންނަ ކަމެއް ނޫނެވެ. ކޮންމެވެސް ބޮޑު މަޖުބޫރީއެއް ދިމާވީ ކަމަށް ވިސްނައިފައި ހިމޭންވީ އެވެ. އެކަމަކު އެ ރޭ ވޭތިވެގެން ދިޔައީ ވޭނުގައި ފުރޮޅި ފުރޮޅި އޮތުމުގައެވެ. ނުދަންނަ ހިލޭ މީހަކު އެންމެ މަސްދުވަހުގެ ތެރޭގައި އޭނާގެ ހުރިހައި އެއްޗަކަށް ވީ ގޮތަކާ މެދު ޚުދު އޭނާ ހައިރާން ވިއެވެ. ޙަޤީޤަތުގައި ވެސް ކާވެންޏަކީ ކިހައި އަޖައިބު އެއްޗެއް ހެއްޔެވެ؟ އެތައް އަހަރެއް ވެފައި ހުންނަ ގުޅުންތައް ވަގުތުން ކަނޑައިލައެވެ. އޭނާގެ އެކުވެރީންނާއި ދައްތަމެންނާއި ދެބެއިންގެ ދެ ދަރި ކުދީން ކާވެންޏަށް ފަހު، އެކަނި އައިސް ގިނަ ދުވަސް ވަންދެން ނުތިބެނީ ކީއްވެގެން ކަމާއި ބައެއް ފަހަރަށް ކުދީންގެ ހިތްހަމަނުޖެހޭ ކަމުގެ ބަހަނާ ދައްކައިފައި، އަނެއްބައި ފަހަރަށް ފިރިމީހާއަށް ދަތިވާނޭ ކަމުގެ ބަހަނާ ދައްކައިފައި އެ ދަނީ ކީއްވެގެން ކަން މިހާރު އޭނާ އަށް ވިސްނިއްޖެއެވެ. އޭނާ އޭނާގެ ކެތްމަދުވެފައި ވާ ހިތަށް ވިސްނައިދެމުން ގެންދިޔައެވެ. އޭނާ ޖަމާލު ގާތު ބުނާނެ ވާހަކަތައް ވިސްނަމުން ގެންދިޔައެވެ. ވޭނުން ފުރިފައިވާ، ނިންޖެއް ނެތް އެ ރޭގެ އެކި ހިނދުކޮޅު ކޮޅުގެ ހިސާބު އޭނާ ޖަމާލަށް ބުނެދޭން ބޭނުމެވެ. ފަތިސް ވާންދެން އޭނާ އޮތީ ޖަމާލުގެ ފިޔަވަޅުގެ އަޑުގެ އިންތިޒާރުގައެވެ. އަލްފު ލައިލާގެ ޝެހެޒާދާއެއް ޚިޔާލުތަކުގެ ހުރިހައި ހުރަހެއް ގިރާކޮށްފައި އޭނާގެ ތަންމައްޗަށް މާއަޅާން އަންނާނެތީ އޮތް ފަދައިންނެވެ. ފަތިސްވަންދެން ފުރޮޅިފުރޮޅިފައި، ނިދުނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.

އެކަމަކު ޖެހިގެންއައި ހަވީރު އޭނާގެ ހިތުގައި އިންތިޒާރުގެ ބައްތި ދިއްލައިގެން އިންދައި، ރައްޓެހި ކުދިންތަކެއް އަތުވެއްޖެއެވެ. އެ ކުދީންނަކީ ކޮލެޖުގެ އިރުގެ ރައްޓެހި ކުދީންނެވެ. ދުރުކަމެއް ނެތް، ޖެހިލުންކުޑަ ކުދީންނެވެ. އެހެންކަމުން ބޮޑުކޮޓަރީގައި ހުނުމުގެ އަޑުފައްގަނޑު އުފުލިގެން ހިނގައްޖެއެވެ. ސައިޖޯޑުތައް ވަތުތަށިތަކުގައި ޖެހޭ އަޑު އިވެން ފަށައިފިއެވެ. ހަޅޭފަޅޭކުގެ އަޑު ގަދަވެއްޖެއެވެ. ހިނދުކޮޅެއް ނުވަނީސް ބޮޑުކޮޓަރި ކިލާސްކޮޓަރިއަށް ވެއްޖެއެވެ. އެ ކުދީންގެ ޖެހިލުންކުޑަ ވާހަކަތަކާއި ޙާޟިރުޖަވާބުގެ ޖުމުލަތަކާ ހެދި ފަރީ ހުއްޓައިނުލައި ހެމުން ގެންދިޔައެވެ. އެ ވަގުތު ބޮޑުކޮޓަރީގެ ދޮރުމަތިން ޖަމާލު ފެނިއްޖެއެވެ. ސީރިޔަސްކަމާއި ހަމަހިމޭންކަމާ އެކުގައެވެ. ކުޑަ ހިނދުކޮޅަކަށް ކިލާސްކޮޓަރި އަނެއްކާވެސް ބޮޑުކޮޓަރިއަށް ވެއްޖެއެވެ. ހަމަހިމޭންކަން ވެރިވެއްޖެއެވެ. އެ ކުއްޖަކު އިން ތަނެއްގައި މަޑުމަޑުން އިނދެއްޖެއެވެ.

ފަރީ މެންދުރުއްސުރެން އިނީ، ނުރުހުންވެފައި އިން ރާނީއަކަށް ވެގެން، ޖަމާލު އެންމެ ރުހޭ ހެދުން އަޅައިގެން ނިދާކޮޓަރީގައެވެ. އޭނާ ބޭރަށް ނުކުންނާން ކަނޑައަޅައިގެން އިނީ ހަވީރުއެވެ. އޭނާ ބޭނުންވީ ޖަމާލު އައުމާ އެކު ދުވެފައި ގޮސް އޭނާގެ މޭގައި ލައްވެލާށެވެ. އޭނާގެ މޫނު ޖަމާލުގެ ކަނދުރާގައި ފޮރުވައިފައި، އޭނާގެ ދެ އަތުގެ ހާރުން، އޭނާ ރޭ ވޭތިކޮށްލީ ކިހިނެއް ކަން އަންގައި ދޭށެވެ. އެކަމަކު ޖަމާލު އެ އައީ ކޮން ވަގުތަކު، ކިހިނެއް ހެއްޔެވެ؟ ރައްޓެހި ކުދީންގެ ކުރިމަތީގައި، ރުޅިއަންނަ ކަމަށް ހެދިގެން، އިއްޔެގެ ރަޙުމްކުޑަކަމުގެ ސަޒާ ވެސް ދޭކަށް ނުކެރުނެވެ. ޖޯޑު، ތަބަކުގައި ބަހައްޓައިފައި ހިނިތުންވަމުން ތެދުވެ، އޭނާގެ ރައްޓެހި ކުދީން ޖަމާލަށް ތަޢާރަފުކޮށްދޭން ފަށައިފިއެވެ.
އެ ވަގުތު ވެސް އެކުވެރި ކުދީންގެ އިޚުލާޞްތެރިކަން އޭނާގެ ދިރިއުޅުމުގެ ހުރަހަކަށް ވާން ފެށިއެވެ. އެއީ ހުރިހައި ކުދީން އެކި ފަހަރު މަތިން އޭނާގެ ރިތިކަމާއި އިޚުލާޞްތެރިކަމަށް ތާރީފުކުރާން ފެށުމުންނެވެ.
"ޖަމާލަށް މިހާ ލޯބި އަލަތުއަތްނބެއް ލިބިލެއްވި ކަން އެއީ ޖަމާލުގެ ނަސީބު ރަނގަޅުކަން."
"ޖަމާލު. އަސްލު ވެސް ޖަމާލު ވަރަށް ލަކީ. މިއީ އަޅުގަނޑުމެންގެ ކޮލެޖުގެ ބެސްޓު ގާލް."
"ޖަމާލުގެ މައްޗަށް ހަސަދަވެރިވެވޭ. މާތްރަސްކަލާނގެ ގަންދެން. މިއީ ވަރަށް އަޚުލާޤު ރަނގަޅު ވިސްނުންތެރި ކުއްޖެއް."

"ޖަމާލު ފަރީއަށް އަޅުކަން ކުރެއްވުން ރަނގަޅުވާނެ."
"މިހާރު ވެސް ނުކުރައްވާ ކަމެއް ކިހިނެއް އެނގެނީ." އެއް ކުއްޖަކު ލާނެތްކަމާ އެކު ބުންޏެވެ.
"އަޅުކަން ނުކުރައްވާ ނަމަ، ދީވާނާއެއް ހެން ފަސްފަހަތުން އުޅުއްވާނެތަ؟" އެހެން ކުއްޖަކު މަޖާވެލައިފައި ބުންޏެވެ.
ޖަމާލު...
ޖަމާލު...
އެހެން އިންދައި ޖަމާލުގެ ވިސްނުމުގެ ހަރުފަ ހިރެން ފެށިއެވެ.
"އަހަރެންގެ ނަސީބު ރަނގަޅިއްޔާ، ރަނގަޅު ކަމަށް މި ވަނީ މި އަންހެން ކުއްޖާގެ ސަބަބުން. އަހަރެންގެ ކިބައިގައި އެއްވެސް ރަނގަޅު ކަމެއް ނެތް."
"އަހަރެން ދުނިޔެއަށް އައުމުގެ މަގުސަދަކަށް މި ވަނީ ހަމައެކަނި މީނާއަށް ޚުޝާމަދުކުރުން. ހުނ." ޖަމާލު ކަތި ބެލުމަކުން ފަރީއާ ދިމާއަށް ބަލައިލިއެވެ. ފަރީ އިނީ ލަދުން، އޭނާގެ ރަތް ނިޔަފަތިތަކުން ޖޯޑުގެ ތުންފަތް ކައިރީގައި ރޮނގުއަޅައިލަ އަޅައިލައެވެ.
"މީނާ މިހާ ބޮޑާވެފަ އަޅާލުން ކުޑަވެފަ މި އިންނަނީ އެހެންވެގެން."

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ