އަދުގެ ޚާއްސަ

Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (16)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައ
ް
29 މާރޗް (ހޯމަ ) އާ ގުޅޭ....

8 ވަނަ ބާބު – އިންތިފާޟާއާއި އޭގެ ނަތީޖާތައް (ށ)


އިންތިފާޟާ ފެށިގެން އައީ ޕީއެލްއޯގެ އެއްވެސް ކަހަލަ އަތެއް ނެތިއެވެ. އިންތިފާޟާގެ ޙަރަކާތްތައް ރާވައި ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ސަރަޙައްދުގައި ތިބި ފަލަސްޠީނީންގެ ތެރެއިން ބައެކެވެ. އިންތިފާޟާގެ ކަންތައް އިންތިޒާމު ކުރުމަށްޓަކައި "ޔުނައިޓެޑް ނެޝަނަލް ލީޑަރޝިޕް އޮފް ދި އަޕްރައިޒިންގ" ގެ ނަމުގައި އެބައިމީހުން ޖަމާޢަތެއް ކަހަލަ ޙަރަކާތެއްވެސް ހިންގަން ފެށިއެވެ. ނަމަވެސް މާ ލަސްތަކެއް ނުވެ ޕީއެލްއޯގެ ޒައީމް ޔާސިރު ޢަރަފާތު މި ދެންނެވި އިންތިފާޟާގެ ލީޑަރުންނާ ގުޅުން އުފައްދަވައި ޕީއެލްއޯގެ ދަށަށް އެބައިމީހުން ގެންނެވިއެވެ.

 އެގޮތުން އިންތިފާޟާގެ ކަންތައް އިންތިޒާމުކޮށް ކުރިޔަށް ގެންދާ ބަޔަކީ ޕިއެލްއޯ ކަމުގައި ވެގެން ދިޔައެވެ. މިއީ ޕީއެލްއޯއާއި ޔާސިރު ޢަރަފާތުގެ ސިޔާސީ ޙަޔާތުގެ އެންމެ ބޮޑު އެއް ކާމިޔާބީއެވެ. މި ކާމިޔާބީއަށްފަހު ޔާސިރު ޢަރަފާތަކީ ފަލަސްޠީނުގެ ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ތާއީދާއި ލޯބިލިބިވަޑައިގެންނެވި ލީޑަރު ކަމުގައި ވެގެން ދިޔައެވެ. ފަލަސްޠީނުގެ ރައްޔިތުން ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި ބައިނަލް އަޤުވާމީ މަސްރަޙުގައި ޙަރަކާތްތެރިވެވަޑައިގެންނެވުމަށް އޭނާއަށްވުރެ އެކަށޭނަ އެހެން ފަރާތެއް ނެތް ކަން ގިނަ ބަޔަކު ޤަބޫލު ކުރަން ފެށިއެވެ.

1988 ވަނަ އަހަރުގެ ޖޫން މަހާއި އޮގަސްޓް މަހާ ދެމެދުގައި ޢަރަފާތާއި ޕީއެލްއޯގެ ވެރީން ފަލަސްޠީނު އިޒްރޭލު މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން ޚާއްސަ ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަކީ 1947 ވަނަ އަހަރު އދ. ގެ ބައިކުރުމުގެ ޕްލޭނުގައި އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތް ފަދައިން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނުގެ ދައުލަތެއް އުފައްދައި އެ ދައުލަތް އިޒްރޭލާ އެކުގައި ސުލްޙަވެރިކަމާއެކު ދެމިއޮތުމުގެ ހުށަހެޅުމެވެ. މި ހުށަހެޅުމަށް އިޒްރޭލުގެ ބޮޑުވަޒީރު ޔިޓްޒަކް ޝަމީރު ދެކޮޅު ހެއްދެވިއިރު، މިޞުރާއި އުރުދުނާއި ސީރިޔާގެ ވެރީންވެސް ޢަރަފާތަށް ދެއްވީ ބީރު ކަންފަތެކެވެ. ކޮންމެ ބަޔަކުވެސް އިސްކުރީ އަމިއްލަ އެދުމެވެ. އިޒްރޭލުގެ ޓެރަރިސްޓް ސަރުކާރުން ފަލަސްޠީނީންގެ އެއްވެސް ޙައްޤަކަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރަން ބޭނުމެއް ނުވިއެވެ. މިޞުރާއި އުރުދުނާއި ސީރިޔާގެ ވެރީންވެސް ބައްލަވާފައިވަނީ ފަލަސްޠީނުގެ ދައުލަތެއް އުފެދިއްޖެނަމަ އެ ބޭފުޅުންނަށް ގެއްލިވަޑައިގަންނަވާނޭ އެއްޗެހިތަކާއި ކަންކަމަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އުރުދުންގެ ރަސްކަލުން އަބަދުވެސް ބައްލަވާފައިވަނީ ހުޅަނގު އައްސޭރިއަކީ އެ ޤައުމުގެ ބައެއް ކަމުގައެވެ. ޢަބްދުﷲ ރަސްގެފާނުގެ ޒަމާނުއްސުރެ އުރުދުންގެ ސަރުކާރުން އުޅެފައިވަނީ ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމާ ދެކޮޅު ހަދައި ހުޅަނގު އައްސޭރި އުރުދުންގެ ބަޔަކަށް ހެދޭތޯއެވެ. ފެށުނީއްސުރެ ފަލަސްޠީނުގެ ރައްޔިތުންނާއި ވެރީންނަށް އުރުދުންގެ ވެރީން ޚިޔާނާތްތެރިވެވަޑައިގެންފައިވާ ސަބަބަކީ މިއީއެވެ. ނަމަވެސް 1988 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޙުސައިން ރަސްގެފާނު އޭނާގެ ސިޔާސަތު ބަދަލުކުރައްވައި ހުޅަނގު އައްސޭރީގެ މިލްކުވެރިކަމަށް އުރުދުންގެ ސަރުކާރުން ކުރަމުން އައި ދަޢުވާ ދޫކޮށްލެއްވިއެވެ. އަދި އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ކުރިމަގުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ތާއީދުކުރައްވާކަން އިޢުލާން ކުރެއްވިއެވެ. މިފަދަ ބަދަލެއް އުރުދުންގެ ރަސްކަމުގެ ސިޔާސަތަށް އަންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ފަލަސްޠީނުގެ އިންތިފާޟާއެވެ. އިންތިފާޟާގެ ސަބަބުން ޙުސައިން ރަސްގެފާނަށް ވިސްނިވަޑައިގެންނެވި ގޮތުގައި ފަލަސްޠީނުގެ ރައްޔިތުންެގެ މިނިވަންކަމުގެ ރޫޙު މަރާލައްވައި އެބައިމީހުންގެ ބިންތައް އުރުދުންގެ ބާރުގެ ދަށުގައި ބާއްވަވަން އޭނާ ކުރައްވާ ކޮންމެ މަސައްކަތެއްގެ ނަތީޖާއަކަށް ވާނީ އުރުދުންގެ ހަމަޖެހުމާއި ސިޔާދަތާއި މިނިވަންކަން ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދިޔުމެވެ. މި ނިންމެވުމަށްފަހު ޙުސައިން ރަސްގެފާނު ޕީއެލްއޯއާ ކުރިޔަށްވުރެވެސް ބޮޑަށް ދުރުހެލިވެވަޑައިގަތެވެ. 1988 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އޭނާ އިޢުލާން ކުރެއްވީ ކުރިމަގުގައި ބޭއްވޭ ސުލްހައިގެ އެއްވެސް ކޮންފަރެންސެއްގައި އުރުދުންގެ މަންދޫބުން ފަލަސްޠީނީ މަންދޫބުންނާ ގުޅިގެން ދެ ފަރާތުގެ ގުޅިފައިވާ ވަފުދެއް ފޮނުވުމުގެ ވިސްނުމެއް ނެތް ކަމުގައެވެ.

އަނެއްކޮޅުން އިންތިފާޟާއަށް އިޒްރޭލުގެ ސަރުކާރުން ދެމުން އައި ހަރުކަށި އަދި އަނިޔާވެރި ރައްދުގެ ބަދަލުގައި ޕީއެލްއޯއިން ކުރަމުން އައި ޑިޕްލޮމެޓިކް މަސައްކަތްތަކަށް 1988 ވަނަ އަހަރު ބޮޑެތި ކާމިޔާބީތައް ލިބިގެން ދިޔައެވެ. މަޑުމަޑުން ފަލަސްޠީނުގެ ރައްޔިތުންެގެ ކަންތައްތައް އިންތިޒާމުކުރުމުގެ ޒިންމާތައް ޕީއެލްއޯގެ އަތްމައްޗަށް އަރަމުން ދިޔައެވެ. އެންމެ ފަހުން ޕީއެލްއޯއަކީ ޤައުމުން ބޭރުގައި އޮތް ފަލަސްޠީނުގެ ސަރުކާރެއް ފަދަ މުއައްސަސާއަކަށް ވެގެން ދާތަންފެނުމުން އެ ޖަމާޢަތާ ދެކޮޅަށް އިޒްރޭލުގެ ބޮޑުވަޒީރު ޝަމީރު ވަރަށް ހަރުކަށި އިންޒާރުތަކެއް ދެއްވަން ފެއްޓެވިއެވެ. އެގޮތުން ޕީއެލްއޯ ސުންނާފަތިކޮށްލައްވާނެކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ. ހަމައެއާއެކު އިޒްރޭލުގެ ސަރުކާރުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންގެ ކަންތައްތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވި ޕީއެލްއޯގެ ބޭފުޅުން ޤައުމުން ބޭރުކުރުމުގެ ސިޔާސަތެއް ގެންގުޅެއް ފެށިއެވެ. މި ސިޔާސަތުގެ ދަށުން ސާޅީހަކަށް ބޭފުޅުން ގަދަކަމުން ބޭރުކޮށްލެވުމަށްފަހު އދ. ގެ ސަލާމަތީ މަޖިލީހުން އެކަން ކުށްވެރިކޮށް އެ ބޭފުޅުން އެނބުރި ޤައުމަށް ވަޑައިގަތުމުގެ ފުރުސަތު ދިނުމަށް އިޒްރޭލަށް ގޮވާލިއެވެ. ނަމަވެސް އެ ގޮވާލުމަށް އިޒްރޭލް ސަރުކާރުން އިޖާބަ ދީފައެއް ނުވެއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އދ. ގެ ޢާއްމު މަޖިލީހުގައި ފާސްކުރެވުނު ޚާއްސަ ޤަރާރެއްގައި ފަލަސްޠީނުގެ އިންތިފާޟާއާ ދެކޮޅަށް އިޒްރޭލުން ދައްކަމުން ގެންދިޔަ އަނިޔާވެރިކަން ކުށްވެރިކޮށް އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިޒްރޭލަށް ގޮވާލާފައި ވެއެވެ. މި ޤަރާރާ އެއްކޮޅަށް މަޖިލީހުގެ 130 މެމްބަރުން ވޯޓު ދީފައިވާއިރު އެ ޤަރާރާ ދެކޮޅަށް ވޯޓުދިނީ އިޒްރޭލާއި އެމެރިކާއެވެ.

އިންތިފާޟާއާ ގުޅިގެން ނިކުތް އެންމެ މުހިއްމު އެއް ނަތީޖާއަކީ ޙަރަކާތުލް މުޤާވަމަތުލް އިސްލާމިއްޔާ ނުވަތަ ޙަމާސް ޖަމާޢަތް އުފެދުމެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށްޓަކައި ދީނީ ޝިޢާރުތަކެއްގެ ދަށުން އުފެދުނު ފުރަތަމަ ޖަމްޢިއްޔާއަކީ މިއެވެ. ޙަމާސް އަކީ ޣައްޒާގެ ސަރަހައްދުގައި ސުންނީ މުސްލިމުން އުފެއްދި ޖަމާޢަތެކެވެ. އެ ޖަމާޢަތް އުފެއްދުމުގައި އިސްކޮށް ތިބީ ޣައްޒާގައި ތިބި އިޚްވާނުލް މުސްލިމީންގެ މެމްބަރުންނެވެ. މި ޒަމާނުގެ އިސްލާމީ ތާރީޚުގެ ތެރެއަށް ވެދެވަޑައިގެންފައިވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން އިޚްވާނުލް މުސްލިމީންއަކީ އިސްލާމީ ޚިލާފަތު އުވި، ޤައުމިއްޔަތާއި ވަޠަނިއްޔަތާއި ޢިލްމާނިއްޔަތުގެ އުޞޫލުތަކުގެ ދަށުން ޚިލާފަތު ބައިބައިކޮށްލެވުމާ ގުޅިގެން މިޞުރުގައި އުފެދުނު ޙަރަކާތެކެވެ. އެ ޙަރަކާތުގެ ބާނީއަކީ އައްޝަހީދު ޝައިޚް ޙަސަނުލް ބަންނާ (ރަޙިމަހުﷲ) އެވެ. އިންތިފާޟާގެ ކުރީން އިޚްވާނުލް މުސްލިމީންގެ ޙަރަކާތްތައް ފަލަސްޠީނުގައި ބިނާވެފައި އޮތީ ދީނީ ތަޢުލީމު ފެތުރުމާއި، ޞިއްޙީ ޚިދުމަތް ފަދަ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިސްލާމީ ޘަޤާފަތް ދިރުވައި ރައްކާތެރިކުރުމުގެ މައްޗަށެވެ. އެގޮތުން އެބައިމީހުންގެ ޙަރަކާތްތައް ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ހިންގިފައި ވެއެވެ. އެހެންކަމުން ފަލަސްޠީނީ މުސްލިމުންގެ މެދުގައި، ޚާއްސަކޮށް ފަޤީރު ނިކަމެތީންގެ މެދުގައި އިޚްވާނުލް މުސްލިމީންގެ މެމްބަރުންނާމެދު އުފެދިފައިއޮތީ ވަރަށް ޚާއްސަ ލޯތްބެކެވެ. އިޚްވާނުލް މުސްލިމީނަށް ނިސްބަތްވާ މުސްލިމުން ހަމާސްގެ ކުރީންވެސް ޔަހޫދީ ސަރުކާރާ ދެކޮޅަށް ޖިހާދު ކުރުމަށްޓަކައި ހަނގުރާމަވެރި ޖަމާޢަތެއް އުފައްދާފައި ވެއެވެ. "އިސްލާމިކް ޖިހާދު" ގެ ނަމުގައި މަޝްހޫރުވެފައިވާ ޖަމާޢަތަކީ މިއެވެ. މި ޖަމާޢަތް އުފެދިފައިވަނީ އީރާންގެ ޝީޢީ އިސްލާމީ އިންޤިލާބަށް ފަހުގައެވެ. އިންތިފާޟާ ފެށުނުއިރުވެސް އިސްލާމިކް ޖިހާދު ހަރަކާތްތެރިވަމުން ދިޔައެވެ.

ޙަމާސް ޖަމާޢަތުގެ ބިންގާ އެޅުއްވީ އިޚްވާނުލް މުސްލިމީންގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިޚް އަޙުމަދު އިސްމާޢީލް ޙަސަން ޔާސީނެވެ. އޭނާއަކީ ދީނީ ޢިލްމުވެރިއެކެވެ. އިންތިފާޟާގެ ޙަރަކާތްތައް ފެށިގެން އައި ދުވަސްކޮޅު އޭނާ ހުންނެވީ އެ ޙަރަކާތްތަކާ ދުރުގައެވެ. ހަރުކަށިކަމާއި ހަތިޔާރުގެ ބޭނުން ކުރުމަކީ އޭނާއަށް ޤަބޫލުފުޅު ކުރެއްވޭ ކަމަކަށް ނުވާތީއެވެ. ނަމަވެސް އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައިގޮސް ބަލަން ތިބޭ ބައެއްގެ ލަގޮނޑި ފަޅަފަޅައިގެންދާ ހިސާބަށް ދިޔުމުން ޝައިޚް ޔާސީނަށް މަޖުބޫރުވެވަޑައިގަތީ މުސްލިމުންގެ ދިފާޢުގައި ހަތިޔާރުވެސް ނެންގެވުމަށެވެ. 1988 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ލިޔުއްވައި ޢާއްމު ކުރެއްވި އިޢުލާނެއްގެ ދަށުން ޙަމާސްގެ ޙަރަކާތްތައް ފެށިގެން ދިޔައެވެ. އޭނާއާއެކު ހަމާސް ޖަމާޢަތް އުފެއްދުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތީ ޢަބްދުލް ޢަޒީޒް ރަންތީސީ އެވެ. އެގޮތުން ޕީއެލްއޯގެ ޢިލްމާނީ ސިޔާސަތުތަކަށް ބޮޑު ޗެލެންޖެއް ކުރިމަތިވެގެން ދިޔައެވެ. 1990 ވަނަ އަހަރު ޙަމާސްގެ ޢަސްކަރީ ގޮފި ކަމުގައިވާ ޤައްސާމް ބްރިގޭޑްސް އުފެދުނެވެ. ހަމާސްގެ އަސްކަރީ ގޮތްޕަށް ނަންދެވިފައިވަނީ 1935 ވަނަ އަހަރު އިނގިރޭސި ސިފައިންގެ ޓެރަރިސްޓް ޙަމަލާއެއްގައި އަވަހާރަވި ފަލަސްޠީނުގެ މުސްލިމް ލީޑަރެއް ކަމުގައިވާ ޝައިޚް ޢިއްޒުއްދީނުލް ޤައްސާމަށެވެ. ޙަމާސްގެ މުޖާހިދުންގެ ޙަރަކާތްތައް ފެށުމާއެކު އެބައިމީހުން އިޒްރޭލުގެ ޓެރަރިސްޓް ސިފައިންނާ ދެކޮޅަށް އާދަޔާ ޚިލާފު ހިތްވަރަކާއެކު ޙަރަކާތްތެރިވާން ފެށިއެވެ. އެހެން ކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޙަމާސް ޖަމާޢަތް އިޒްރޭލުގެ އެންމެ ނުބައި ދުޝްމަން ކަމުގައި ވެގެން ދިޔައެވެ. އެއިރުއްސުރެ މިހާތަނަށް އިޒްރޭލާއި ހުޅަނގުގެ މީޑިޔާއިން ޙަމާސް ޖަމާޢަތާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ޕްރޮޕެގެންޑާ ހިންގާފައިވަނީ މީގެ ސަބަބުންނެވެ. 1991 ވަނަ އަހަރު އިޒްރޭލް ސިފައިން ޝައިޚް އަޙުމަދު ޔާސީން ހައްޔަރުކޮށް ޢުމުރަށް ޖަލަށް ލާން ހުކުމްކުރިއެވެ. ޔަހޫދީންގެ ޖަލުގައި ބޮޑެތި އަނިޔާތަކެއް ތަޙައްމަލުކުރެއްވުމަށްފަހު އޭނާ މިނިވަންވެވަޑައިގަތީ 1997 ވަނަ އަހަރުއެވެ. އިޒްރޭލް ސަރުކާރުން އޭނާ ދޫކޮށްލަން އެއްބަސްވީ އުރުދުންގެ ސަރުކާރުން ހައްޔަރު ކުރި އިޒްރޭލުގެ އިންޓެލިޖެންސް އިދާރާ މޮސާޑްގެ ދެ މެމްބަރުންގެ ބަދަލުގައި ޔާސީން މިނިވަންކުރަން ޖެހޭނެކަމަށް އުރުދުންގެ ސަރުކާރުން ޝަރުތުކުރުމާ ގުޅިގެންނެވެ.

ހަމާސްގެ ހަރަކާތްތައް ފެށިގެން އައި އިރު ޕީއެލްއޯގެ ޒައީމް ޔާސިރު ޢަރަފާތު ގެންދެވީ ފަލަސްޠީނުގެ ދައުލަތް އުފެއްދުމަށްޓަކައި އޭނާ ޤަބޫލުކުރައްވާ ހަމަތަކުގެ މަތީން މެދުނުކެނޑި މަސައްކަތް ކުރައްވަމުންނެވެ. 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތެއް އުރުދުނާއެކު ފެޑެރޭޝަނެއްގެ ގޮތުގައި އުފެއްދުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ. މި ކަމާ މެދުގައި މަޝްވަރާ ކުރުމަށްޓަކައި އުރުދުންގެ ޙުސައިން ރަސްގެފާނާއި މިޞުރުގެ ރައީސް ޙުސްނީ މުބާރަކާއެކު އޭނާ ޚާއްސަ ބައްދަލުވުމެއްވެސް ބޭއްވެވިއެވެ. މިގޮތުން ޞުލްޙައާ ވީދިމާޔަށް ޢަރަފާތު އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކާ ދެކޮޅަށް ޕީއެލްއޯގެ ތެރެއިންނާއި ފަލަސްޠީނުގެ އެހެން ޖަމާޢަތްތަކުން ދެކޮޅުހެދުންތަކާ ކުރިމަތިވެވަޑައިގަތުމާއެކުވެސް ޕީއެލްއޯގެ ގިނަ ބޭފުޅުން ތިއްބެވީ ޢަރަފާތުގެ ފަހަތްޕުޅުގައެވެ. އޭނާގެ ޒައާމަތަށް ފުރިހަމަޔަށް ތަބާވެވަޑައިގެންނެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލްޖީރިޔާގެ ވެރިރަށް އަލްޖިއަރސްގައި ޢަރަބި ލީގުގެ ސަމިޓެއް ބޭއްވުނެވެ. މި ސަމިޓުގެ ހަވާސާގައި ޕީއެލްއޯގެ އިދާރީ ޖިސްމު ކަމުގައިވާ ޕެލަސްޓައިން ނެޝަނަލް ކައުންސިލްގެ ނަވާރަ ވަނަ އަހަރީ ޖަލްސާވެސް ބޭއްވުނެވެ. މި ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި 299 މެމްބަރުންގެ ތެރެއިން 253 މެމްބަރުންގެ ވޯޓުން ފާސްކުރެވުނު ޤަރާރެއްގެ ދަށުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް އިޢުލާން ކުރެވިގެން ދިޔައެވެ. މި ޤަރާރު މަޝްހޫރުވެފައި ވަނީ ޕީއެލްއޯގެ މިނިވަންކަމުގެ ޤަރާރު ނުވަތަ ޕީއެލްއޯ ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް ގެ ނަމުންނެވެ. ޤަރާރުގެ ދަށުން ޕީއެލްއޯގެ ކައުންސިލަކީ ޤައުމުން ބޭރުގައި އޮންނަ ފަލަސްޠީނުގެ ސަރުކާރު ކަމުގައި ކަނޑައެޅިގެން ދިޔައެވެ. ޤަރާރު ފާސްކުރެވުމާއެކު އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައެވެ. ތިން ދުވަހުގެ ތެރޭގައި ހަތާވީސް ޤައުމު އެ ޤަރާރާއި އޭގެ ދަށުން އިޢުލާން ކުރެވުނު ފަލަސްޠީނުގެ ދައުލަތް ޤަބޫލުކުރިއެވެ. މީގެ ތެރޭގައި ގިނައިން ހިމެނުނީ ޢަރަބި އަދި އިސްލާމީ ޤައުމުތަކެވެ. އަދި މީގެ ތެރޭގައި ރޫސީ ވިލާތްވެސް ހިމެނުނެވެ. އިޒްރޭލުން ވަގުތުން އެންގީ ޕީއެލްއޯގެ ޤަރާރަކީ ތާކުންތާކުނުޖެހޭ އެއްޗެއް ކަމުގައެވެ. އެމެރިކާ ސަރުކާރުންވެސް އެ ޤަރާރާ ދެކޮޅުހެދިއެވެ. އެމެރިކާއިން އެންގި ގޮތުގައި އިޒްރޭލުން ހިފާފައިވާ ބިންތަކާ މެދުގައި ގޮތެއް ނިންމުމުގައި ޕީއެލްއޯ އަމިއްލަ އަމިއްލައަށް ނިންމާ ގޮތެއް ނުވަތަ ގޮތްތަކެއް ޤަބޫލެއް ނުކުރެވޭނެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އެމެރިކާގެ ނަޒަރުގައި ފަލަސްޠީނުގެ ރައްޔިތުންނަށް "އަހަރެމެންނަކީ އިޒްރޭލުގެ އަޅުވެތިކަމުން މިނިވަންވެގެންވާ މިނިވަނުން" ނޭ ބުނުމުގެ ޙައްޤެއް ނެތެވެ.
ޕީއެލްއޯ ޑިކްލަރޭޝަން އޮފް އިންޑިޕެންޑެންސް އިޢުލާން ކުރުމަކީ ފަލަސްޠީނާއި އިޒްރޭލުގެ މައްސަލައިގެ ތާރީޚުގައި ފެށުނު މުޅީން އާ ބާބެކެވެ. މި ޤަރާރުގެ ދަށުން ޕީއެލްއޯގެ ލީޑަރުން އެ ޖަމާޢަތުގެ ކުރީގެ ވަރަށް ގިނަ ވިސްނުންތަކެއް ދޫކޮށްލިއެވެ. އޭގެ ތެރޭގައި އިޒްރޭލުގެ ދައުލަތް ޤަބޫލުކުރާ އދ. ގެ 181 ވަނަ ޤަރާރާއި 242 ވަނަ ޤަރާރާއި 338 ވަނަ ޤަރާރު ރަސްމީ ސިފައެއްގައި ޤަބޫލުކުރުން ހިމެނެއެވެ. ނަމަވެސް މިގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އިޒްރޭލާ ދެކޮޅަށް ހަތިޔާރުގެ ބޭނުންކޮށްގެން ހަމަލާތައް ދިނުމާއި އަސްކަރީ ވަސީލަތްތައް ބޭނުންކުރުމަކީ ޕީއެލްއޯގެ ސިޔާސަތެއް ނޫންކަމަށް ނިންމުނު ނިންމުމެވެ.

 ޤަރާރު ފާސްކުރެވުނުތާ ހަފުތާއެއްހައި ދުވަސް ފަހުން، ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ޕީއެލްއޯގެ މަންދޫބު ޚާލިދު އަލްޙަސަން ސްވިޑްންގެ ވެރިރަށް ސްޓޮކްހޯލމްގައި އެމެރިކާގެ ޔަހޫދީންގެ ވަފުދަކާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ޔަހޫދީ މަންދޫބުންނަށް ޚާލިދު ޔަޤީންކޮށްދެއްވީ އިޒްރޭލާއެކު ސުލްހަވެރިކަމުގައި އުޅޭނޭ ދައުލަތެއް އުފެއްދުމަކީ ޕީއެލްއޯގެ މަޤުޞަދު ކަމުގައެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ޔަހޫދީ މަންދޫބުންނާއެކު ޚާލިދު ބޭއްވެވި ބައްދަލުވުމުގައި ސްވިޑްންގެ ޚާރިޖީ ވަޒީރުގެ އިތުރުން ޚުދު ޔާސިރު ޢަރަފާތުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަށްފަހު ތިންބައިމީހުން ސޮއިކޮށްގެން ނެރެވުނު ސްޓޮކްހޯލމް ޑެކްލަރޭޝަންގައި ޕީއެލްއޯގެ ކައުންސިލުން އިޒްރޭލަކީ މިނިވަން މުސްތަޤިއްލު ދައުލަތެއް ކަމަށް ޤަބޫލުކުރާކަން ބަޔާން ކުރެވިފައި ވެއެވެ. ހަމަ އެއާއެކު މި ޤަރާރުގައި ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެސް ވެއެވެ.

މި ފިޔަވަޅުތަކަށްފަހު ޔާސިރު ޢަރަފާތަށް ދެވަނަ ފަހަރަށް އދ. ގެ ޢާއްމު މަޖިލީހަށް ހާޒިރުވެވަޑައިގެން ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށްޓަކައި ޕީއެލްއޯއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޖިލީހުގެ މެމްބަރުންނާ ވާހަކަދެއްކެވުމުގެ ފުރުސަތު ދޭން އދ. އިން ނިންމިއެވެ. ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށްޓަކައި ޢަރަފާތު ނިއު ޔޯރކަށް ވަޑައިގެންނެވުމަށް ޓްރާންސިޓް ވިޒާ ދޭން އެމެރިކާ ސަރުކާރުން ދެކޮޅު ހެދުމުން އދ. އިން ނިންމީ ޢާއްމު މަޖިލީހުގެ ބައްދަލުވުން ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ބޭއްވުމަށެވެ. މިއީ އދ. ގެ ޢާއްމު މަޖިލީހުގެ ޖަލްސާއެއް މިގޮތުން އެ މަޖިލީހުގެ އިދާރާ ފިޔަވައި އެހެން ތަނެއްގައި ބޭއްވުނު ފުރަތަމަ ފަހަރެވެ. 1988 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ޖެނީވާގައި އޮތް ޢާއްމު މަޖިލީހުގެ ޖަލްސާގައި ޢަރަފާތު ޕީއެލްއޯ ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސްގެ ނުކުތާތައް މެމްބަރު ޤައުމުތަކަށް ތަފްސީލުކޮށްދެއްވިއެވެ. ހަމައެއާއެކު ސުލްޙަ ޤާއިމުކުރުމަށްޓަކައި ތިން ނުކުތާގެ ހުށަހެޅުއްވުމެއްވެސް ޢަރަފާތު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމުގެ ފުރަތަމަ ނުކުތާގައި ހުށަހެޅިފައިވަނީ ސުލްޙައިގެ ކޮންފަރެންސެއް ބޭއްވުމަށްޓަކައި އދ. ގެ ޚާއްސަ ކޮމިޝަނެއް އުފެއްދުމަށެވެ. ދެވަނަ ނުކުތާގައި ހުށަހެޅިފައިވަނީ އދ. ގެ ބެލުމުގެ ދަށުން ފަލަސްޠީނާއި އިޒްރޭލާއި ދެ ޤައުމުގެ އަވަށްޓެރީންގެ ބައިވެރިވެގެން ފުރަތަމަ ނުކުތާގައި ނަންގަނެވުނު ކޮންފަރެންސް ބޭއްވުމަށެވެ. ތިންވަނަ ނުކުތާގައި ހުށަހެޅިފައިވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާއިން އިޒްރޭލު ސިފައިން ފައިބައި އެ ސަރަޙައްދު އދ. ގެ ސުލްޙަ ބަލަހައްޓާ ވަގުތީ ލަޝްކަރަކާ ޙަވާލު ކުރުމަށެވެ.

ޢަރަފާތުގެ ހުށަހެޅުއްވުމަށް އިޒްރޭލުގެ ރައްދު އައީ އިންކާރުގެ އެންމެ ހަރުކަށި ބަހުރުވައިންނެވެ. އިޒްރޭލުގެ ބޮޑުވަޒީރު ޔިޓްޒަކް ޝަމީރު ވިދާޅުވި ގޮތުގައި ޢަރަފާތުގެ ވާހަކަފުޅުތަކާއި ހުށަހެޅުއްވުމަކީ މަކަރުވެރިކަމުގެ އެންމެ މަތީ ދަރަޖައަށް ފެތޭ ބޮޑުވެގެންވާ މަކަރެކެވެ. " ޕީއެލްއޯއާއެކު އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެމެން ބޭނުމެއް ނޫން. ދުވަހެއްގެ ކޮޅުންވެސް ޕީއެލްއޯއާއެކު އެއްވެސް މަޝްވަރާތަކެއްގައި ބައިވެރިއެއް ނުވެވޭނެ." އޭނާ ގުގުރާވަޑައިގެންނެވިއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯރޖް ޝުލްޓޒްވެސް އެންމެ ފުރަތަމަ ވިދާޅުވީ ޢަރަފާތުގެ ވާހަކަފުޅުތަކަށް އިތުބާރެއް ނެތް ކަމުގައެވެ. ނަތީޖާއެއްގެ ގޮތުން ސްވިޑްނާއި މިޞުރާއި ސަޢޫދީ ޢަރަބިޔާގެ މަންދޫބުންނާއެކު ވަރަށް ހޫނު މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަންނަވަން އޭނާއަށް ޖެހިވަޑައިގަތެވެ. ބައްދަލުވުން އޮތް ދުވަހުގެ ފަހު ދުވަހު އޮތް ނޫސް ކޮންފަރެންސެއްގައި ޢަރަފާތު ވަރަށް ސަރީޙަ ބަހުން އދ. ގެ 242 ވަނަ ޤަރާރާއި 338 ވަނަ ޤަރާރު ޤަބޫލުކުރައްވާކަމާއި، އިޒްރޭލުގެ ދައުލަތަށް ފުރިހަމަޔަށް އިޙުތިރާމް ކުރައްވާ ކަމާއި، ޓެރަރިޒަމް ކުށްވެރިކުރައްވާކަމަށް ވިދާޅުވިއެވެ. މި ހިސާބަށް ދިޔުމުން އެމެރިކާއަށް މަޖުބޫރުވީ އެ ޤައުމުގެ ސިޔާސަތަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް ގެންނާށެވެ. އެހެންކަމުން ޕީއެލްއޯއާއެކު އެމެރިކާގެ ސަރުކާރުން މަޝްވަރާތައް ފަށާނެކަން ޝުލްޓޒް އިޢުލާން ކުރެއްވިއެވެ. އެއީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

މި ހިސާބަށް ދިޔައިރުވެސް އިޒްރޭލުގެ ބޮޑުވަޒީރު ޔިޓްޒަކް ޝަމީރު ގަދަބަހުން ވިދާޅުވަމުން ގެންދެވީ ފަލަސްޠީނީންނަށް އެއްވެސް ދުލެއް ނުދެއްވާނެ ކަމުގައެވެ. ޢަރަފާތުގެ ހުށަހެޅުއްވުމަށް ގިނަ ބައެއްގެ ތާއީދު ލިބިގެން ދިޔަ ނަމަވެސް ޝަމީރު އެއާ ދެކޮޅު ހައްދަވައި އަމިއްލަފުޅު ޕްލޭނެއް އިޢުލާން ކުރެއްވިއެވެ. އެ ޕްލޭންގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުގައި ހުށަހެޅިފައި އޮތީ ސުލްހައިގެ ވާހަކަތަކުގައި ފަލަސްޠީން ތަމްސީލު ކުރާނީ ކޮން ބައެއްތޯ ބެލުމަށްޓަކައި އިޒްރޭލުގެ ބެލުމުގެ ދަށުން އިޒްރޭލުގެ އޮފިޝަލުން ފަލަސްޠީނީންގެ މެދުގައި ވޯޓެއް ނެގުމަށެވެ. ޝަމީރުގެ މި ހެއްވާ ޕްލޭނަށް އެމެރިކާގެ އާ ރައީސް ޖޯރޖް ބުޝް ތާއީދު ކުރެއްވިއެވެ. ނަމަވެސް ފަލަސްޠީނުގެ ރައްޔިތުންނާއި ލީޑަރުން އެއް އަޑަކުން މި ހުށަހެޅުމާ އިންކާރު ކުރިއެވެ. ދެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް ބޭކަރ އިޒްރޭލުގެ ހުށަހެޅުމަށް ބައެއް ކަހަލަ އުނިއިތުރު ގެންނަވައިގެން އޭނާގެ އަމިއްލަފުޅު ޕްލޭނެއް ހުށަހެޅުއްވިއެވެ. އޭނާ ހުށަހެޅުއްވީ ފަލަސްޠީނުގެ ރައްޔިތުން ތަމްސީލުކުރާނީ ކޮންބައެއްތޯ ކަނޑައެޅުމަށްޓަކައި އެމެރިކާއާއި އިޒްރޭލާއި މިޞުރުގެ ވެރީން މަޝްވަރާ ކުރުމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ވާހަކަދެކެވުމަށްފަހު ޕީއެލްއޯއާއި އިޒްރޭލުންވެސް މި ގޮތާ އެއްބަސްވިއެވެ. ނަމަވެސް މި ޕްލޭންވެސް އެންމެ ފަހުން ދޫކޮށްލެވުނީއެވެ.

ސިޔާސީ މަސްރަޙުގައި މި ކަހަލަ ގޮތަކަށް ކަންތައްތައް ހިނގަމުން ދިޔައިރު އިންތިފާޟާގެ ޙަރަކާތްތައް ދިޔައީ ހުއްޓުމެއް ނެތި ކުރިޔަށެވެ. ދޭތެރެއަކުން މުޖާހިދުންގެ ޙަރަކާތްތައް ހިސާބަކަށް މަޑުޖެހިލިއެވެ. ނަމަވެސް އެ ހަރަކާތްތައް އާ ޖޯޝަކާއެކު ފެށުނީ 1990ވަނަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހު އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ޔަހޫދީއަކު ފަލަސްޠީނުގެ 7 މީހަކަށް ހަމަލާދީ މަރާލުމާ ގުޅިގެންނެވެ. އެއްވެސް ސަބަބަކާ ނުލައި މި އަނިޔާވެރި އަމަލު ހިންގީ އިޒްރޭލުގެ ސިފައިންގެ ތެރޭގައި އުޅެފައި ހުރި މީހެކެވެ. މި ހާދިސާއާ ގުޅިގެން އިންތިފާޟާގެ ތާރީޚުގައިވެސް ހިނގި އެންމެ ވަރުގަދަ ހަމަނުޖެހުންތައް ފެށިގެން ދިޔައެވެ. އިޒްރޭލްގެ ސިފައިން ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ކުރި މަސައްކަތްތަކުގައި އެތައް ހާސް ފަލަސްޠީނީންނެއް ޒަޚަމްވެ އެތައް ބަޔަކު މަރުވިއެވެ.

އިންތިފާޟާ ކުރިޔަށް ދިޔަ ވަރަކަށް އިޒްރޭލް ސިފައިންގެ އަނިޔާވެރިކަމުގެ ސިލްސިލާވެސް ދިޔައީ ދެމެމުންނެވެ. 1990 ވަނަ އަހަރު ނިމިގެން ދިޔައިރު އެބައިމީހުންގެ ހަމަލާތަކުގައި ފަލަސްޠީނުގެ 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންޓަރނޭޝަނަލް ރެޑް ކްރޮސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން މަދުވެގެން 300 އަކީ ފަނަރަ އަހަރު ނުފުރޭ ކުޑަކުދީންނެވެ. ނަމަވެސް އެކަށީގެންވާ ގޮތުގައި މިއީ މަރުވި މީހުންގެ އަސްލު އަދަދަށްވުރެ މާ ބޮޑުތަންވެސް ކުޑަ އަދަދެކެވެ. ރެޑް ކްރޮސްއިން ބުނާ ގޮތުގައި އިންތިފާޟާ ފެށުމަށްފަހު 1990 ވަނަ އަހަރާ ހަމަޔަށް ވެއަތުވެގެން ދިޔަ ތިން އަހަރެއްހައި ދުވަހުގެ މުއްދަތުގެ ތެރޭގައި ފަލަސްޠީނީންގެ 16 ހާސް މީހުން އިޒްރޭލުގެ ޖަލުތަކުގައ ހައްޔަރު ކުރެވިފައި ވެއެވެ. އެއީ އިދާރީ ގޮތުން ބަންދު ކުރެވުނު 1100 ވަރަކަށް މީހުންގެ އިތުރުންނެވެ. މި މުއްދަތުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުންގެ ހަމަލާތަކުގައި މަރުވެފައިވަނީ ޔަހޫދީންގެ 47 މީހުންނެވެ. ހުޅަނގުގެ ސަރުކާރުތަކާއި މީޑިޔާއިން ފަލަސްޠީނުގެ ޓެރަރިސްޓުން ފަދަ ނުރައްކާތެރި، ނުބައި ނުލަފާ ބަޔަކު ނެތް ކަމަށް ހަދައި، ފަލަސްޠީނުގެ ޓެރަރިސްޓުންގެ ސަބަބުން އިޒްރޭލަށް ކެކުޅުން ގަދަ އަދި އެހާމެ ހިތި ހިތާމަތަކާއި ހިތްދަތިކަން ކުރިމަތިވެފައިވާ ކަމަށް ބުނެ ކަރު ފަޅައިގެންދާވަރަށް ލަވަމުންދާ ހަޅޭކުގެ ބުރަދަން ހުރި މިންވަރާ މެދު ކޮންމެ ބޭފުޅަކުވެސް އަމިއްލަފުޅަށް ވިސްނާވަޑައިގަންނަވަންވީއެވެ!

 (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ