www.fanvai.info

Print

ރާޒުވާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ކުޅިވަރު


ޢަބްދުލްމުޢީދު ޙަސަން

ރާޒުވާ އަކީ، ބުއްދީގެ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅެނީ، 64 ގޮޅި ކުރަހާފައިވާ ފިލާގަނޑެއްގެ މަތީގައެވެ. މި ފިލާގަނޑަށް ކިޔަނީ، ރާޒުވާ ގޮނޑިއެވެ. މި ގޮނޑީގެ ކޮންމެ ފަރާތެއްގައި ވާނީ 8 ގޮޅިއެވެ. އެ ގޮޅިތަކަށް ކިޔަނީ ގެ އެވެ. ގެތަކުގައި ކުލަ ޖައްސާފައިވާނީ ދެ ކުލައަކުންނެވެ. މިސާލަކަށް ކަޅާއި ހުދެވެ. ހުދު ގެއަކާއި ޖެހިގެން ކަޅު ގެއެއް ވާ ގޮތަށެވެ.

ރާޒުވާއަކީ، ދުނިޔޭގައިވާ އެންމެ މަޝްހޫރު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެކެވެ. އަދި ރާޒުވާއަކީ، ޤައުމެއް ކުރިއަރާފައިވާ މިންވަރު ބުނެދޭ މިންގަނޑެއް ކަމުގައި ވެސް ބެލެވެއެވެ.


 

ތާރީޚު
ރާޒުވާގެ ތާރީޚަކީ، ދިގު ތާރީޚެވެ. އިހުގެ އުންމަތްތަކުގެ މީހުން ވެސް ރާޒުވާ ކުޅުނެވެ. އެންމެ ހަރުދަނާ ރިވާޔަތްތައް ބުނާގޮތުގައި ރާޒުވާ އުފެދުނީ، މެދުއިރުމައްޗާއި އިންޑިއާގައެވެ. ނަމަވެސް، ރާޒުވާ އުފެދުނީ މިޞްރާއި ޗައިނާއާއި ފާރިސްކަރައިގައި ކަމަށް ބުނާ ރިވާޔަތްތައް ވެސް ވެއެވެ. މިޒަމާނުގައި ރާޒުވާ ކުޅޭ ހަމަތައް އުފެދި ތަރައްޤީވެފައިވަނީ، އެތައް ގޮތަކަށް ކުޅެ، އެތައް ޒަމާނެއް ފާއިތުވެގެން ދިޔަ ފަހުންނެވެ.

ރާޒުވާ އީޖާދުކުރި ކަމުގެ ޝަރަފު ޙާޞިލުކުރުމަށް، ކިތަންމެ ގައުމެއްގެ ބަޔަކު މަސައްކަތް ކުރެއެވެ. ތަފާތު ވާހަކަތައް ހަދައިގެން އެއިން އެބައިމީހުންގެ ގައުމަށް ރާޒުވާ ނިސްބަތްކުރެއެވެ. އެފަދަ ވާހަކަތަކުގެ ތެރެއިން އެންމެ މަޤުބޫލު ވާހަކައަކީ، އިންޑިޔާގެ ވާހަކައެވެ.

އެ ވާހަކަ ބުނާގޮތުގައި، މުނިފޫހި ފިލުވާދޭ ކުޅިވަރެއް އީޖާދުކުރުމަށް ރަސްގެފާނު އެދިވަޑައިގަތެވެ. ދެން ވަޒީރަކު، ރާޒުވާ އީޖާދުކުރެއްވިއެވެ. ރާޒުވާ ކުޅޭ ގޮތް ރަސްގެފާނުގެ އަރިހުގައި ވަޒީރު ދެންނެވުމުން، އޭގެ މޮޅުކަމާމެދު ޙައިރާންވެވަޑައިގަތެވެ. އަދި އެ ވަޒީރަށް، އޭނާ އެދިވަޑައިގަތް އެއްޗެއް އިމާނެއް ކަމުގައި ހަމަޖެއްސެވިއެވެ. އެހިނދު، ވަޒީރު އެދިވަޑައިގަތީ، ރާޒުވާ ގޮނޑީގެ ފުރަތަމަ ގެއަށް އެންމެ ގޮދަން ފުކެއް ދެއްވުމަށެވެ. ދެވަނަ ގެއަށް ދެފުށް ދެއްވުމަށެވެ. ތިންވަނަ ގެއަށް ދެވަނަ ގޭގައިވާ އެއްޗެއްގެ ދެބާރު ދެއްވުމަށެވެ. އެއީ، ހަތަރު ފުކެވެ. މިގޮތަށް ގޮސް މުޅި ގޮނޑީގައިވާ ގެތަކަށް ވާ ވަރަށް ގޮދަން ދެއްވުމަށެވެ. ރަސްގެފާނު ހިއްތެވީ މިއީ ވަރަށް ފަސޭއިން ދެއްވިދާނެ ކުޑަކުޑަ އިނާމެއް ކަމަށެވެ. ދެން ވަޒީރަށް އެ އިނާމު ދިނުމަށް، ޚަޒާނާތަކުގެ ވެރިޔާއަށް ރަސްގެފާނު އަމުރުފުޅު ކުރެއްވިއެވެ. ނަމަވެސް، އިންޑިއާގައިވާ ހުރިހައި ގޮދަނެއް ހުސްވިއިރު ވެސް އެ އިނާމު ފުރިހަމަކޮށެއް ނުދެވުނެވެ.

ވަޒީރަށް ދޭންޖެހޭ ގޮދަނުގެ މިންވަރު، މިޒަމާނުގައި ބައެއް ފަރާތްތަކުން ހިސާބުކޮށް ނަތީޖާ ނެރުނުއިރު، އެއީ ވިހި ވިޔައަކުރުގެ ބިޔަ ޢަދަދެކެވެ. އެއިން އެނގޭ ގޮތުގައި އެ ގޮދަންފުށްތަކުގެ ޢަދަދު، 36 މިލިޔަން ޓްރިލިޔަނަށް ވުރެ ގިނައެވެ.

ކުޅިބައި
މިޒަމާނުގެ ރާޒުވާ ކުޅިބައި އެކުލެވިގެންވަނީ، 32 ކުޅިންނެވެ. ރާޒުވާ ކުޅޭ ދެ ކުޅުންތެރިންކުރެ ކޮންމެ ކުޅުންތެރިއަކަށް ލިބޭނީ 16 ކުޅިއެވެ. އޭގެ ތެރެއިން 8 ކުޅިއަކީ މަނާތަކެވެ. މަނާތަކުގެ އިތުރުން ލިބޭ ކުޅި ތަކަކީ، 2 ރިޔާ، 2 އަސް، 2 ބޮޑުބޯ، މަންތިރިއެއް، އަދި ބޮނދެއް މިއެވެ.

މިޒަމާނުގައި ރާޒުވާ ކުޅޭއިރު، ގޮނޑި ބަހައްޓަން ޖެހޭ ރަނގަޅު ގޮތަކީ، ކޮންމެ ކުޅުންތެރިއެއްގެ އެންމެ ކަނާތްފަރާތުގައި ހުދުކުލައިގެ ގެއެއް ވާ ގޮތަށެވެ. އަދި ހުދު މަންތިރި ވާނީ ހުދު ގެއެއްގައެވެ. ކަޅު މަންތިރި ވާނީ ކަޅު ގެއެއްގައެވެ. ދެން އެހެން ކުޅިތައް ވާނީ އޭގެ ދެފަރާތުގައެވެ. ދެވަނަ ސަފުގައިވާނީ މަނާތަކެވެ.

www.fanvai.info