އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (8)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ބިންމާ އިބްރާހީމް ވަޙީދު

05 ޖުލައި(ހޯމަ) އާ ގުޅޭ.....

ހިތްހަމަޖެހިގެން ދިރިއުޅުމަށްޓަކައި، ހައިނުކޮށް ކަސްރަތުކުރުމާއި، ކެއުންބުއިން ކޮންޓްރޯލުކުރުމާއި އަދި ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެންނަންޖެހޭ ބަދަލުގެ އިތުރުން ވެސް ބައެއް ކަންތައް ކުރަންޖެހެއެވެ. އޭގެތެރޭގައި، ކުރިން ބުނިހެން، ތިމާގެ މިޒާޖު ހަރުދަނާ ކުރުމާއި، ބުއްދީގެ އަހުލުވެރިއަކަށް ވުމާއި، ކެރިގެން ކުރިމަތިލުން ހިމެނެ އެވެ. އެ ކަންތައްތައް ފުރިހަމަވުމުން، ހަރޮށި ދިރިއުޅުމެއް ލިބުމުގެ އިތުރަށް، ދިރިއުޅުމުގައި ތިމާ އަކީ ކާމިޔާބު އިންސާނަކަށް ވާނެ އެވެ. ހިތްހަމަޖެހޭނެ އެވެ. ސިކުނޑި އަށް އަރާމު ވެސް ލިބޭނެ އެވެ. ތިމާގެ ހިތްވަރަކީ، ހަޔާތުގެ ފަސްގަނޑުގައި އިންދޭ އޮށެކެވެ. މުސްތަޤުބަލުގައި އެ އޮށުން، ކާމިޔާބުގެ އާރުލާ ކުރިތައް ފަޅައި، އެ ކުރިތަކުން ހިތްހަމަޖެހުމުގެ ގޮފިތައް ނުކުމެ، އެ ގޮފިތަކުގައި އުފާވެރިކަމުގެ ފޮނި މޭވާ އަޅާނެ އެވެ.
 
    ހިތްވަރު ނުވަތަ ކެރިގެން ކުރިމަތިލުމުގެ ބާރަކީ، އޭގެ ސަބަބުން، ތިމާ ބޭނުންވާ ގޮތަށް ނިންމުންތައް ނިންމަން ފަސޭހަވާ ކަމެކެވެ. ދިރިއުޅުމުގެ މައިދާނުގައި، އެހެން މީހުން ނާކާމިޔާބުވެފައިވާ ކަންކަމާ ކުރިމަތިލައި، ތިމާ އަށް ކާމިޔާބު ހޯދެނީ ވެސް ހިތްވަރުގެ އެހީގަ އެވެ. ލިބޭ ހުރިހާ އުފަލެއްގެ އިންސައްތަ ބިނާވެފައި އޮންނާނީ، ތިމާގެ ކެރިކުޅަދާނަކަން ހުރި މިންވަރެއްގެ މައްޗަށެވެ. މިސާލަކަށް، މަސްތުވާ އެއްޗެއް ނުވަތަ އެހެން ވެސް ނުބައި އާދައަކާ ދިމާލަށް ތިމާ ގެންދަން އެކުވެރިއަކު މަސައްކަތްކުރާ ވަގުތު، އޭގެ ސަބަބުން ތިމާގެ ދިރިއުޅުމަށް ލިބޭނެ ގެއްލުންތައް ވިސްނިގެން "ނޫން" ބުނުމުގެ ހިތްވަރު ތިމާގެ ކިބައިގައި ހުންނަންޖެހެއެވެ. ރައްޓެހިން އެ ފަދަ ކަންތައް ކުރިޔަސް، ތިމާ ކުރާކަށް ނުޖެހެއެވެ. އެހެން މީހުންނަށް ކިތަންމެ ރަނގަޅު ކަމެއްކަމަށް ވިޔަސް، ތިމާގެ ނަޒަރުގައި އެއީ ގޯސްކަމެއް ކަމަށް ވަންޏާ، އެހެން މީހުން ބުނާ އެއްޗަކަށް ބަލާކަށްނުޖެހޭނެ އެވެ. ހަމަ އެހެންމެ، އެހެން މީހުންގެ ނަޒަރުގައި ގޯސްކަމަކަށް ވިޔަސް، ތިމާގެ ނަޒަރުގައި އެއީ ރަނގަޅު ކަމެއް ކަމަށް ވަންޏާ އެ ކަމެއް ކުރާށެވެ. ހަމަ އެކަނި ވިސްނާލަންޖެހޭނީ، ޤާނޫނާއި އިސްލާމްދީން އެ ކަމަށް ހުއްދަކުރޭތޯ އެވެ.

    މި ފަހަރު އެހެން ވައްތަރެއްގެ މިސާލެކެވެ. ޕުޝްއަޕް ހަދަންފަށާށެވެ. ހެދޭ އެންމެ ގިނައެއްކޮށް ހަދާށެވެ. ބަލަމާ ހިނގާށެވެ. ތިމާ އަށް ޕުޝްއަޕް ހެދެނީ، އެންމެ ގިނައިން ވެސް ފަނަރަ ފަހަރު އެވެ. ފަނަރަ ވަނަ ފަހަރު ހިންދަމާލެވެނީ މަރަށް ފުރާނައަށެވެ. އަހަރެންގެ ސުވާލަކީ، ދެން ހަމަ އެންމެ ފަހަރަކު ވެސް އިތުރަކަށް ނުހެދޭނެ ހެއްޔެވެ؟ އަޅެ ކައިރީގައި ހުރި މީހަކު ބުނެބަލާށެވެ. ދެން އެންމެ ފަހަރަކު އިރުތަށް ހެދިޔަސް މި ވެނި އެއްޗެއް ދޭނަމެވެ. އެ ހިސާބުން، އަދި އެއް ފަހަރު ތިމާ ޕުޝްއަޕް ހަދާނެ އެވެ. ފަހަރެއްގައި، ދެފަހަރު ވެސް އިތުރަށް ހެދިދާނެ އެވެ. މާނަ އަކީ، އެވެނި ކަމެއް ތިމާ އަށް ނުކުރެވޭނެހެން "ހީވިޔަސް" އެ ކަމެއް ކުރެވިދާނެ އެވެ. "ތަދަކީ" ނުވަތަ ގޮންޖެހުމަކީ ވަރަށް ގިނަ ފަހަރު ހިތްވަރެކެވެ.

    ދަސްވެ ބާވެފައިވާ ކަންތައްތަކެއް އަލުން ދަސްކުރުމަކުން، ނުވަތަ ދަސްވެފައިވާ ވަރަށް ވުރެ އިތުރަށް އެއްޗެއް ދަސްކުރަން ނޫޅުމުން ތިމާ އަށް ތަޖުރިބާއެއް ނުލިބޭނެ އެވެ. ކުރިއަކަށް ނުދާނެ އެވެ. އެ ހިސާބުން ތިމާ ހުއްޓުނީ އެވެ. ބައެއް ފަހަރު ތިމާ ހިތަށްއަރާފާނެ އެވެ. ދެން މި ނިމުނީ އެވެ. މިހާރު މިހިރީ ތިމަންނަ އަށް ކުރެވޭނެ ވަރު ކޮށްފަ އެވެ. ޕުޝްއަޕް އެއީ އެ ފަދަ މިސާލެކެވެ. އިތުރަށް މީހަކު ޗެލެންޖު ކުރުމުން ތިމާ އަށް ހިތްވަރު ލިބެނީ ކިހިނެތް ހެއްޔެވެ؟ ޖަވާބު ވަރަށް ސާދާ އެވެ. ހިތްވަރު ހޯދަން އަޑި އަށް ފީނުމުން ހިތްވަރުލިބޭނެ އެވެ. ތިމާގެ އެތެރެހަށީގައިވާ ހިތްވަރާ ހަމައަށް ވާސިލުވާން ތިމާ މަސައްކަތްކުރުމުން، ތިމާގެ އަތްފޯރާފަށަށް ހިތްވަރު އަންނާނެ އެވެ. ތިރީގައިވާ ފަލްސަފާ އަށް ވިސްނާށެވެ.
 
    "ތިމާގެ ފެންވަރަކީ ތިމާ އަމިއްލަ އަށް ކަނޑައަޅާ އެއްޗެކެވެ."

    ދުނިޔެ އަށް އުފަންވާއިރު އެއްވެސް އިންސާނެއްގެ އަތަކު ޕީއެޗްޑީއެއް ނޯވެއެވެ. ސައިކަލުގެ ލައިސަނެއް ވެސް ނޯވެއެވެ. ބޭނުން ނަމަ، "މުޖައްރިބު ވައްބުރު" ގެ ތެރޭގައި ތިމާ އަށް ހުރެވިދާނެ އެވެ. ފާސްނުވެދާނެ ކަމަށް ހީކޮށް އެއްވެސް ޓެސްޓެއްގައި ބައިވެރިނުވާށެވެ. ކާމިޔާބު ނުވެދާނެ ކަމަށް ހީކޮށް، އެއްވެސް މުބާރާތެއްގައި ބައިވެރިނުވާށެވެ. ވަނައަކަށް ނުގޮއްސާނެ ކަމަށް ހީކޮށް އެއްވެސް ރޭހެއްގައި ބައިވެރިނުވާށެވެ. އާނއެކެވެ. އޭރުން ތިމާ އަކީ، ނާކާމިޔާބު މީހެކޭ ނުވަތަ ފެއިލްވި މީހެކޭ ނުވަތަ ފުލަށް ދިޔަ މީހެކޭ ނުބުނާނެ އެވެ. އެއްވެސް ކަމެއްގައި ތިމާ އަށް ކާމިޔާބު ނުވާނެ ކަމަށް ހީކޮށް، ސަލާމަތުން ހުރުމުގެ ބޭނުމުގައި، މުޖައްރިބު ވައްބުރެއް އަޅާފައި، އޭގެން ބޭރަށް ނުނިކުމެ ތިމާ އަށް ހުރެވިދާނެ އެވެ. އެކަމަކު، ޙަޤީޤަތުގައި، ތިމާ އަށް ތަޖުރިބާލިބި ކަންކަން ދަސްވަނީ "މުޖައްރިބު ވައްބުރުން" ބޭރަށް ތިމާ ނުކުތީމަ އެވެ. ތިމާގެ ގާބިލުކަން ހުރި ވަރެއް ތިމާ އަށް އެނގޭނީ ވެސް، މުޖައްރިބު ވައްބުރުން ނުކުމެ، ގޮތް ނޭނގޭ ސަރަހައްދުގައި އަތްފުނާ އެޅީމަ އެވެ. މަޢުލޫމާތުގެ ސަރައްކާލިތަކުގައި ހިނގަންފެށީމަ އެވެ. އޭރުން، ފުދުންތެރި މީހަކަށް ތިމާ ވުމަށްޓަކައި އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު އެޅުނީ އެވެ. އެހެން ނޫން ނަމަ، ތިމާ ވާނީ ހަންޑަވާޅިއަކަށެވެ.
 
    "ވަރަށް ވަރުގަދަ، ބިޔަ ފިރިހެނާގެ" ހުނަރުތައް ދަސްކުރުމަށްޓަކައި ނުވަތަ އެއިން މަންފާ ލިބިގަތުމަށްޓަކައި، ތިމާގެ ޤާބިލުކަމުގެ އިންފާރު ފުޅާކުރާށެވެ. ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ތިމާ އިތުރަށް ތަރައްޤީ ވުމަށް ބާރުއަޅާށެވެ. މާ މުއްސަނދި، މާ ފަގީރު، މާ ޒުވާން ނުވަތަ މާ މުސްކުޅި ކަމަށް ހީވެގެން، ކުރިން ކުރަން ފަސްޖެހިފައިވާ ރަނގަޅު ކަންތައްތައް އަލުން ކުރާށެވެ. މުރާލިވާށެވެ. އިރުއަރާ މަންޒަރު ފެނޭތޯ މަސައްކަތް ކުރާށެވެ. ވާރޭވެހޭ ކޮންމެ ފަހަރަކު ހިޔާނުވާށެވެ. ވާރެޔާ ތެމިލަން ބިރުނުގަންނާށެވެ. އެންމެ ކުރިންސުރެ ތިމާ ވާން ބޭނުންވި މީހާ އަށް ވާށެވެ. ކުރާ ކޮންމެ ކަމެއް ކުރާހިތުން ކުރާށެވެ. ނަސީބަކީ ކަތީބަކުދޭ އެއްޗެއް ނޫނެވެ. ގިނައިން ބުނާ އަޑު އިވެނީ އެހެންނެވެ. އަހަރެން ބުނާނީ، ހަޔާތަކީ ވެސް ވަޒީރަކު ދޭ އެއްޗެއް ނޫނެވެ. ކޮންމެ މޮޅެއް، ކޮންމެ ކާމިޔާބެއް ތިމާ އަށް ދެއްވަނީ، ތިމާ ކުރި މަސައްކަތަކުންނެވެ.

    ތިމާގެ ޖެހިލުންވުމަކީ ކޮބައިހެއްޔެވެ؟ ބިރަކީ ކޮބައިހެއްޔެވެ؟ އިސްނަގައި ވާހަކަދައްކަން ނުކެރެނީ ހެއްޔެވެ؟ ޒަވާޖީ ހަޔާތެއް ފެށުމުގައި ދަތިތަކެއް ދިމާވަނީ ހެއްޔެވެ؟ ކަންކަމުގައި މާޔޫސްވަނީ ހެއްޔެވެ؟ އިތުރަށް ހަކަތަ ބޭނުންވަނީ ހެއްޔެވެ؟ ތިމާގެ ބަލިފައިތަކުގެ ލިސްޓެއް ތައްޔާރުކުރާށެވެ. ހޭބޯނާރާ އުޅޭ މީހުންނަށް ވުރެ، ހަމަޖެހިގެން އުޅޭ މީހުންގެ ބުއްދި ރަނގަޅުވާނެ އެވެ. ތިމާ ބޭނުންވާ ދިރިއުޅުން ތިމާ އަށް ނުލިބުމުގެ ހުރަހަކީ ކޮބައިހެއްޔެވެ؟ އެ ސުވާލަށް ޖަވާބެއް ހޯދުމަށްޓަކައި ވަގުތުކޮޅެއް ހުސްކޮށްލާށެވެ. ވިސްނާލާށެވެ. ތިމާގެ ބަލިފައި (ތައް) އެނގުމުން، ދެން ކުރަންޖެހޭ ކަމަކީ، އެ ކަމާ ކެރިގެން ކުރިމަތިލުމެވެ. ހަނގުރާމަކުރުމެވެ. ކުރި ހޯދުމެވެ. އެތަކެއް އަހަރަކުއްސުރެ ތިމާ އަށް ތަޖުރިބާ ކުރެވޭ ޙަޤީޤީ މިނިވަންކަމަކީ އެއީ ކަމުގައި ވެސް ވެދާނެ އެވެ. ނުކެރުމަކީ ތިމާ އަށް އުފެއްދިފައިވާ ނަފުސާނީ ފުރޭތައެކެވެ. އެ ނޫން އެހެން އެއްވެސް އެއްޗެއް ނޫނެވެ. ރަނގަޅު ކަމެއް ކުރުމަށް ތިމާ ފަސްޖެހޭ ކޮންމެ ފަހަރަކީ، ނުކެރުމުގެ އަލިފާނަށް އިތުރުކުރެވޭ ދަރުގަނޑެކެވެ. ނުކެރުމުގެ މައްޗަށް ތިމާ ފަތަޙަ ހޯދުމުން، ހަޔާތުގެ މައްޗަށް ވެސް ތިމާ އަށް ފަތަޙަ ހޯދުނީ އެވެ.

    ނުކެރުން ނުވަތަ ޖެހިލުންވުމަކީ ތިމާގެ ހީއެކެވެ. ބައެއް މީހުންނަށް ހިތްހަމަޖެހުން ލިބޭ ކަންތައްތަކަކީ، އަނެއް ބަޔަކަށް ބިރެކެވެ. އޭގެން އެނގޭ ކަމަކީ، އަސްލު މައްސަލަ އަކީ "ކަން" ނޫން ކަމެވެ. ތިމާ "ދެކޭގޮތް" ކަމެވެ. މިސާލަކަށް، ލިފްޓަށް އެރުމަކީ، މަގު ކުރުވާ، ހަށިގަނޑަށް ލުއިވާ، ވަރަށް ބޮޑު ފަސޭހައެކެވެ. ބައެއް މީހުންނަށް އެއީ ބިރެކެވެ. ވެއްޓިދާނެތީވެ މަތިންދާބޯޓަށް ނޭރުން، ގޭސްފުޅި ގޮވާފާނެތީވެ ގޭސްއުދުން ބޭނުން ނުކުރުން، ތަދުވާނެތީވެ އިންޖެކްޝަން ނުޖެހުމުގެ އިތުރަށް، ދަތްއަޅާފާނެތީވެ އޮޅު ދޫންޏެއްގައިގަ ފިރުމާލަން ނުކެރުން ވެސް އެއީ އާންމުކަމެކެވެ. ތިމާގެ ހީއެކެވެ. މައްސަލަ އަކީ ތިމާ ދެކޭ ގޮތެވެ. ކުޑައިރުއްސުރެ މާމެލާމެލި އެއީ ބިރުވެރި އެއްޗެއް ކަމަށް ބުނަންޏާ، ވަރަށް ބޮޑުވަންދެން ވެސް އެ ކުއްޖާ މާ ދެކެ ބިރުގަންނާނެ އެވެ. އިންސާނެއް ދައްކާފައި އެއީ "މޭ ކާ މީހާ" ކަމުގައި ބުނަންޏާ، އެ މީހާ ދެކެ އެ ކުއްޖާ ބިރުގަންނާނެ އެވެ. މަސްތުވާ އެއްޗިއްސަކީ ސިކުނޑި އަށް ހަމަޖެހުން ގެނެސްދޭ ފަރުވާއެއްކަމުގައި މީހަކަށް ވިސްނައިދެވިއްޖެއްޔާ، މާޔޫސްވާ ކޮންމެ ފަހަރަކު އޭނަ މަސްތުވާން ބޭނުންވާނެ އެވެ. އެހެންނަމަވެސް، ޙަޤީޤަތުގައި، މަލަކީ ބިރެއް ނޫނެވެ. އިންސާނާ އަކީ މޭ ކާ މީހެއް ނޫނެވެ. މަސްތުވާ އެއްޗިއްސަކީ ފަރުވާއެއް ވެސް ނޫނެވެ.

    ނުކެރުމަކީ ތިމާގެ ހަކަތަ އާއި އުފެއްދުންތެރިކަމާއި، ހިތްވަރު ކައި ހުސްކުރާ އާދައެކެވެ. އެ އާދަ ހަރުލާފައި ހުންނަ ދުވަސް ގިނަވާ ވަރަކަށް، އެ ބަލި ހައްތަހާ ބޮޑުވާނެ އެވެ. އެންމެ ރަނގަޅު ފަރުވާ އަކީ، ކުރަން ނުކެރިފައިވާ ރަނގަޅު ކަންތައްތައް ކުރަން ފެށުމެވެ. އެ ބިރު އުފެދުނު ގޮތް ދަނެގަނެވޭތޯ މަސައްކަތް ކުރާށެވެ. ގައިމު ވެސް އެއީ ތިމާގެ އަމިއްލަ އުފެއްދުމެކެވެ. އުފައްދާ ކޮންމެ އެއްޗަކީ ހަލާކުކޮށްލަން ފަސޭހަ އެއްޗެކެވެ. ސިކުނޑީގެ ހޮރުތަކުގެ ތެރެއަށް ދެމިގަތް ހުރިހާ "ނުކެރުމެއް" ހޯދައި، ހޮރުން ނެރެފައި ނައްތާލާށެވެ. ހަމަ އެކަނި އޭގެ ސަބަބުން ތިމާ އަށް ލިބޭ އިތުބާރާއި، ހިތްހަމަޖެހުމާއި، އުފާތައް ވެސް އަދަދު ނުކުރެވޭނެ އެވެ. ސިއްރެއް ވެސް ބުނެދޭނަމެވެ. ނުކެރުމުން ތިމާގެ ސިކުނޑި ސަލާމަތްކުރުމަކީ، ތިމާ ޒުވާންވުމާއިއެކު، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކުރާ ކަމެކެވެ.

    ފޮތަކުން ފެނުނު ކުރު ވާހަކައެއް ކިޔައިދޭނަމެވެ.

    ވަރަށް ބުރަކޮށް އޮފީހުގައި މަސައްކަތް ކުރުމަށްފަހު ބައްޕައަކު ގެ އަށް ވަދެފައި، ގޮނޑީގައި ހަމަޖެހިލުމަށްފަހު ނޫސްކިޔަން ފެށި. އެ ވަގުތު އޭނަގެ ދަރިފުޅު އެ ތަނަށް އައިސް، ދަރިފުޅާ އެކުގައި ކުޅުމުގައި ބައިވެރިވުމަށް އެދެންފެށި. އެންމެފަހުން، ގޮތް ހުސްވެގެން، ނޫހުގައިވާ ދުނިޔޭގެ ޗާރޓުގެ ފޮޓޯއެއް ބައްޕަ ކަފާލި. އަދި ސަތޭކަ ވަރަކަށް އެތިކޮޅަށް އެ ޗާރޓު ކުދިކުދިކޮށްލި. އެ އަށް ފަހު، އެ ޗާރޓު އަލުން ރޭވުމަށް ދަރިފުޅާ ހަވާލުކުރި. ބައްޕަ އުންމީދުކުރީ، ނޫސް ކިޔާ ނިންމާލަންދެން ދަރިފުޅު ކުރާނެ މަސައްކަތެއް ދެއްކުނީ ކަމަށް. އެކަމަކު، ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަރިފުޅު އެ ފޮޓޯ ރާވާލި. ބައްޕަ ހައިރާންވެގެން، އެހާ އަވަހަށް ރޭވީ ކިހިނެތްތޯ ސުވާލުކުރި.

    "ބައްޕާ!" ދަރިފުޅު ބުނި. "އެ ޗާރޓުގެ އަނެއް ފުށުގައި ޖަހާފަ އޮތީ މީހެއްގެ ފޮޓޯއެއް. އަހަރެން އެ މީހާ ރާވާލީމަ ދުނިޔެ ވެސް އޮތީ ރޭވިފަ."

    އުފާ ހޯދުމަށްޓަކައި ވެސް ކޮންމެހެން ދުނިޔެ އަށް ބަދަލު ގެނެސް، ދުނިޔެ އަލުން ރާވާކަށް ނުޖެހޭނެ އެވެ. އެއީ، ތިމާ އަށް ކުރެވޭނެ ވެސް ކަމެއް ނޫނެވެ. ރޭވެންވީ އިންސާނުންނެވެ. ވަކިވަކި ފަރުދުންނެވެ. ތިމާ އެވެ. އޭރުން މުޅި ދުނިޔެ އަށް އޭގެ ބަދަލު އަންނާނެ އެވެ. ހުރިހާ މުޖުތަމަޢަކަށް އޭގެ ހެޔޮ އަސަރު ކުރާނެ އެވެ. އުފާ ހޯދަން ކުރަންވީ އެންމެ މުހިންމު އެއް ކަމަކީ، ތިމާ އެންމެ ކުރާހިތްވާ ކަމެއް ތިމާ ކުރުމެވެ. ހިތަށްއަރާފާނެ އެވެ. އެހެންކަމަށް ވަންޏާ، އެތައް ބައިވަރު ބަޔަކު، މާޔޫސްކަމުގައި ދިރިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިމާ އެންމެ ކުރާހިތްވާ ކަމެއް ކުރުމަށްޓަކައި، އެއީ ވިޔަފާރިވެރިއަކަށް ވުމުގެ ބޭނުމުގައި ތިމާ މިހާރު އަދާކުރާ ޑޮކްޓަރުކަމުގެ ވަޒީފާ ދޫކޮށްލުން ކަމުގައި ވިޔަސް ނުވަތަ ތިމާ މުހިންމު ކަމަށް ދެކޭ ކަންކަމަށް ވަގުތު ހޯދުމަށްޓަކައި، ތިމާ އަށް މުހިންމު ނޫން ކަންކަމަށް ވަގުތު ނުދިނުން ކަމުގައި ވިޔަސް، އެ ހުރިހާ ކަމަކަށް ވެސް ފިސާރި ހިތްވަރާއި ކެރުން ބޭނުންވާނެ އެވެ. އެ ކަމަށްޓަކައި، މުޖައްރިބު ވައްބުރުން ތިމާ ނުކުންނަން ޖެހޭނެ އެވެ. ކޮންމެ ބަދަލަކީ، ފަށައިގަންނައިރު އުނދަގޫތަކެއް ކުރިމަތިވާ ކަމެއްކަން ދަންނަން ޖެހޭނެ އެވެ. އެކަމަކު އެ އުނދަގޫ ދެމިގެންދާނީ ކުޑަ ހިނދުކޮޅަކަށެވެ. އޭގެ ފަހުގައި، ދާއިމީ ހިތްހަމަޖެހުމެއް ލިބޭނެ އެވެ. ވަރަށް ވަރުގަދަ ބިޔަ ފިރިހެނާ ރަމްޒުކޮށްދެނީ، މި ތިއަރީގެ ބާރުގަދަކަމެވެ.

    މި ހިސާބުން އުފެދޭނެ ސުވާލަކީ، އެ ތިއަރީ ދަސްކުރުމަށްޓަކައި ތިމާ ކުރަންޖެހޭނީ ކޮން ކަމެއް ހެއްޔެވެ؟ މި އުޅެނީ އެ ކަންތައް ބުނެދޭށެވެ. މިއީ 10 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ކަމެކެވެ.

1.    ފަތިހުގެ ހިމޭންކަން

ކޮންމެ ދުވަހަކު ވެސް ފަތިހު ނިދާހޭލުމަށްފަހު، ހަމަހިމޭންކަމުގައި، ފަނަރައިން ފެށިގެން ފަންސާސް މިނެޓާ ދެމެދުގެ ވަގުތުކޮޅެއް ހޭދަކުރާށެވެ. އެ ވަގުތުކޮޅު ތެރޭގައި، ތިމާގެ ހަޔާތާމެދު ފުންކޮށް ވިސްނާށެވެ. ތިމާއާ މެދު ފިކުރުހިންގާށެވެ. ޝުކުރުވެރި ވާށެވެ. އެއީ، ދުވަހު މަސައްކަތްތަކާ ތިމާ ކުރިމަތިލުމުގެ ކުރިން ތިމާގެ ނަފުސް ހޭލައްވައި ތައްޔާރުކުރުމެވެ. ކޮންމެ ދުވަހަކީ އިމްތިޙާނެކެވެ. އެހެންކަމަށް ވާނަމަ، ދުނިޔޭގެ އިމްތިޙާން ހޯލަށް ތިމާ ވަންނަންވާނީ ރަނގަޅަށް ތައްޔާރުވެގެންނެވެ. ސިކުނޑި އަކީ ކޯރެއް ކަމަށް ވިސްނާށެވެ. އަހަރުމެންގެ މި ހަލަބޮލި މުޖުތަމަޢުގައި، ގިނަ މީހުންގެ ސިކުނޑި، ހިނދުކޮޅަކަށް ނަމަވެސް ހަމަހިމޭނެއް ނުވެއެވެ. އަބަދު ކަހަލަ ގޮތަކަށް ސިކުނޑީގައި ތޫފާންތައް އެނބުރެއެވެ. އެހެންނަމަވެސް، ކޮންމެ ދުވަހަކު ވެސް، މަސައްކަތްތަކަށް ފެށުމުގެ ކުރިން ހަމަހިމޭން ވަގުތުކޮޅެއް ހޯދާލުމަކީ، ސިކުނޑީގެ ކޯރު، ބިއްލޫރިގަނޑެއް ފަދައިން އޮމާންވާ ކަމެކެވެ. އެއްވެސް ހަލަބޮލިކަމެއް ނުވަތަ ރާޅެއް ނުވަތަ އޮޔެވަރެއް ނުހުންނާނެ އެވެ. އޭގެ ސަބަބުން، ދުޅަހެޔޮކަމާއި، ހަކަތައާއި، އަމާންކަން ސިކުނޑި އަށް ގެނެސްދޭނެ އެވެ. ރޭގަނޑު ނިދަން ފަސޭހަވެފައި، މަސައްކަތުގައި އުޅޭއިރު ލިބޭ ހާސްކަން، ވަރަށް ބޮޑުތަން ކުޑަވާނެ އެވެ. އެ ކަން ކުރާނީ ކޮންތާކު ހެއްޔެވެ؟

ތިމާ ދިރިއުޅޭ ތަން ނުވަތަ އެހެން ތަނެއްގަ ވެސް އެ ކަން ކުރެވިދާނެ އެވެ. މުހިންމު ކަމަކީ އެ ތަނެއް ހަމަހިމޭން ވުމެވެ. ސާފުތާހިރުވުމެވެ. ރީތިވުމެވެ. ހަނދާންބަހައްޓަންވީ އަނެއް ކަމަކީ، ކޮންމެ ދުވަހަކު ވެސް، ދާދި އެއް ވަގުތެއްގައި އެ ކަން ކުރުމެވެ. އޭރުން އެ ކަމަށް އާދަވާން ފަސޭހަވާނެ އެވެ. ވެގެންވަންޏާ، މޫދު ކައިރީގައި ނުވަތަ ގަސް ހުންނަ ތަނެއްގައި ވެސް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ތިމާ ހައްދާ ގަސްތަކަށް ފެންދިނުން، ނުވަތަ އެ ތަނުގައި އިށީނދެލައިގެން އިނުން ވެސް ފުދޭނެ އެވެ.

2.    ޖިސްމާނީ ފުދުންތެރިކަން

ހަށިގަނޑުގެ ދުޅަހެޔޮކަމަށް ތިމާ ސަމާލުވާ ފަދައިން، ސިކުނޑި ނުވަތަ ބުއްދި އަށް ވެސް ތިމާ ސަމާލުވާން ޖެހޭނެ އެވެ. ހަށިގަނޑު ހާނާފަދައިން، ސިކުނޑި ވެސް ހާނަން ޖެހޭނެ އެވެ. ކަސްރަތުތަކެއް ކުރަންވާނެ އެވެ. ކޮންމެ ހަފުތާއެއްގައި 168 ގަޑިއިރު އޮންނާނެ އެވެ. އޭގެ ތެރެއިން، މަދުވެގެން 5 ގަޑިއިރު ހޭދަކުރަންވާނީ، ޖިސްމާނީގޮތުން ތިމާ ހަރަކާތްކުރުވާ ކަހަލަ ކަމެއްގަ އެވެ. ޔޯގާ އަކީ، ވަކި ކަންކަމަށް ފޯކަސް ކުރަން ފަސޭހަކޮށްދޭ، ތިމާގެ ޤާބިލުކަން އިތުރުކޮށްދޭ، ފައިދާހުރި ކަސްރަތެކެވެ. މޫދު ފެންނަ ހިސާބުގައި ނުވަތަ ގަސްގިނަ ހިސާބެއްގައި ބާރަށް ހިނގުމަކީ، ލޮޑުކަން ކަނޑުވާ، ހަށިގަނޑުގެ އެންމެ ފުރިހަމަ ހާލަތަށް ހަށިގަނޑު ރުޖޫޢަކޮށްދޭ ކަސްރަތެކެވެ.

(ނުނިމޭ)...


ހަމަމިގަލަމުން

އިދާރާ

ވާހަކަ