އަދުގެ ޚާއްސަ

Print

މިނިވަން خيال ގެ ވާހަކަ

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ ވާހަކަ


އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު

"وادي الجهالة" އެވެ ކިޔުނު ވާދީގައި އާދަމުގެދަރީންގެބައަކު ދިރިއުޅޭތާ އެތަކެއްހާސް އަހަރުވެއްޖެއެވެ. މާޒީއާއި އެކުވެގެން އެތަކެއްސަތޭކަ قرن ފާއިތުވެގެން ހިނގައްޖެއެވެ. އެތާނގެ އަހުލުވެރީން ވޭތިކުރަމުންގެންދާ حياة އަކީ ހަމަހިމޭންކަމާއި އަމާންކަމުގެ حياة އެކެވެ.

ވާދީގެ ވަށައިގެން ހަތަރުފަރާތުން އުޑަށް ސަލާމްގޮވޭ ހިސާބަށް އުސްވެފައިވަނީ، ބޮޑެތި ހިލަފަރުބަދަތަކެކެވެ. "ماضي" ގެ ފަރުބަދަތަކުގެ މަތީގައިވާ منبع އަކުން ދެމިގެން ވާދީގެ މެދުން، ވަރަށް ހަނިމަގަކުން އެދާ ފެންކޯރަކީ، معرفة ގެ ކޯރެވެ. އެކޯރުގެ ފެންގަނޑުގޮސް އޮހެނީ، مستقبل ގެ خبر ނޭނގޭ ފުންކަނޑަށެވެ.

ކޯރަކީ، ވަރަށް ހަނިމަގަކުން ހިނގާ ކުޑަކުޑަ ކޯރެކެވެ. ނަމަވެސް، ވާދީގެ قناعة ތެރި އަހުލުވެރީންގެ ހުރިހައި ބޭނުމެއް އެއިން ފުދެއެވެ. ބުއިމާއި ދޮވުމެވެ. ގޮވާމަށް ފެންދިނުމާއި، ގެރިބަކަރިއަށް ފެންބޯންދިނުމެވެ. އަދި މިނޫނަސް މިބާވަތުގެ ހުރިހާ ބޭނުމެއް ފުދެއެވެ.

މެންދުރުގެ ހޫނުކަން ކެނޑި ހަވީރުގެ ފިނިކަން އަތުވެދެއެވެ. ވާދީގެ ތެރެއިން އެކި ދިމަދިމާއިން، ފެންނަ ހިޔާތަންތަނުން ނުކުމެގެން އެއަންނަ "ތަންދޮރުދަންނަ މުސްކުޅީން" ނެވެ. ދުވާލުގެ ހަތަރުދަން އެބައިމީހުން ވޭތިކުޅައީ އެބައިމީހުން ގެންގުޅޭ "އިހުގެ މުސްކުޅިފޮތް" ތަކުގެ ގަނޑުތައް އުކައި އޭގެ، عبارات ތައް ކިޔެވުމުގައެވެ. معن ތައް އުނދަގޫ، އޮޅުންފިލުން ކުޑަފޮތްތަކެކެވެ.

ވާދީގެތެރެއަށް ނުކުތުމާއިއެކު ދަރީންނާއި، ދަރީންގެ ދަރީންނަށް، ކިޔައިދޭން އެފަށަނީ، އެފޮތްފޮތުގައި ވާތަކެއްޗެވެ. އޮޅުންނުފިލާކަހަލަ ބަހުރުވައަކުންނެވެ. އެހެންކަމުން "ދަރީން" إختيار ކުޅައީ، ފަރުބަދަމަތީން ހޮވައިގެން ގެނައި ކުލަކުލައިގެ ކުދި ހިލަތަކުން ކުޅެލަކުޅެލާ ތިބުމަށެވެ.

ތަންދޮރުދަންނަ މުސްކުޅީން، ދައްކަމުން ގެންދަނީ، އެއްހާސް އަހަރު ކުރީގެ ފޮތްތަކުގައިވާ ވާހަކަތަކެވެ. އެފޮތްފޮތް ލިއުންމީހުންގެ އަސަރުވެސް ނެތެވެ. ތާރީޚުގެތެރެއަށް އެބައިމީހުންގެ ނަންތައް ގެއްލި، ހަނދާންތަކުން ފުހެވި އުވިގެން ހިނގާއްޖެއެވެ. އެއިން ކޮންމެމީހެއްގެ ވަށައިގެން مقدس ކަމުގެ ރޮނގެއް އަޅާފައިވަނީ ހަމައެކަނި ޒަމާންތަކެވެ. އާދޭހެވެ! وادي الجهالة ގެ އަހުލުވެރިންނަކީ، އިހުގެ ކޮންމެ އެއްޗަކަށާއި ކޮންމެ ކަމަކަށް حرمة ތެރިކޮށްހިތައި مقدس ކުރުމުގެ  އާދަ އިންތިހާދަރަޖައަށް ހަރުލާފައިވާ ބައެކެވެ. ކާބަފައިންގެ حكمة އާއި، މަތިމަތިފުށުން ވާރުތަވަމުންއައި އާދަކާދަތަކަށް އަޅުވެތިވެފައިވާ ބައެކެވެ. އެބާވަތުގެ ކަމަކާއިމެދު ޝައްކުކޮށް އެއިންކަމަކުން އެއްކިބާވުމަށް، ހިތަށް އަރުވައިލިއަސް، ވާދީގެ އަހުލުވެރީންގެ ނަޒަރުގައި އެމީހަކީ، ނުކިޔަމަންތެރިއެކެވެ. އެމީހަކަށް حق ވެގެންވަނީ އެންމެންގެ މަލާމާތާއި ނުރުހުންތެރިކަމެވެ.

ރޭރޭގަނޑަށް ކަނުއަނދިރީގެތެރެއިން، އެކި ދެތިންމީހުންގެ ތުންތުންމަތިން، ސިއްރުސިއްރުން ދެކެވޭ ވާހަކަތަކެއްގެ އަޑު ބައެއްފަހަރަށް އިވެމުންދެއެވެ. އެއިން ކޮންމެ ވާހަކައަކުންމެ ދައްކަނީ، ކާބަފައިންގެ حكمة އާއިމެދު، ޝައްކުކުޅަ ބައެއް ކުށްވެރީންނަށް ވެގެންދިޔަގޮތެވެ. އެބައިމީހުންގެމައްޗަށް، "އުޑުން" ފޮނުއްވި ހަލާކާއި ކޯފާއެވެ. އެބައިމީހުންނަށް، ފެނިގެން ދިޔަ ހިތިނަތީޖާއެވެ. އާދޭހެވެ! އެއިން ކޮންމެ މީހެއްގެ ކަށިތައް މިހާރު އެހެރީ، ފަރުބަދަމަތީ އެތަންމިތާ ވިއްސިވިހާލިވެފައެވެ. ވެއްޔާއި މޮޑެވި ގެއްލިފައެވެ.
وادي الجهالة ގެ އަހުލުވެރިންނަކީ، ފުއްދުންތެރި ބައެކެވެ. އެއްވެސްކަމަކާއި ސުވާލުކޮށް ނުއުޅޭ ބައެކެވެ. ޝައްކުކުރުމެއް ނެތް ބައެކެވެ. އެހެންކަމުން އެބައިމީހުން ވޭތިކުރަމުންދިޔައީ، އަމާންކަމާއި، ހަމަހިމޭންކަމުގެ حياة އެކެވެ.


ރޭތަކާއި ދުވަސްތައް ތަކުރާރުވަމުން ޒަމާންތައް ދައުރުވަމުންދެއެވެ. ވާދީގެ ހަމަހިމޭންކަން ކަނޑުވާލި حادثة އެއް ދާދިއަވަހަކަށް ކުރިމަތިވެއްޖެއެވެ. އާދޭހެވެ! އެއްދުވަހަކު، ފަރުބަދަމަތީން، ތެޅެމުންފޮޅެމުން، ވެއްޓެމުން ތެދުވަމުން އައި އިންސާނަކު އަތުވެއްޖެއެވެ. އޭނާގެ ދެއަތުގެ ނިޔަފަތިތައްވަނީ ނޮޅިފައެވެ. އިނގިލިތައްވަނީ ލެއިން ތަތްތެޅިފައެވެ. ދެފައިގެ ކަށިމައްޗާއި، ދެކަކުލަކު ހަމެއް ނެތެވެ. زخم ވެފައިވާތަން ބަނދެފައިހުރި ފޮތިކޮޅުކޮޅުން ތިކިތަޅަނީ ރަތްކުލައިގެ ލެއެވެ..... ވާދީގެ އެންމެގާތަށް ހުރި ޖިފުޓީގެ ކުރިމައްޗަށް، އެކަލޭގެ ވެއްޓުނީ ހޭނެތިގެންނެވެ.

ޖިފުޓީގެ އަހުލުވެރިން އެކަލޭގެ ނަގައިގެން ގެންގޮސް، ކުނާގަނޑެއްގެ މަތީގައި ބާއްވައިފިއެވެ. ވަށައިގެން އެއްވެތިބި މީސްތަކުން ބޯހަލަހަލާފައި ހިތާމަޔާއެކު ބުނެތެވެ. 'ކާބަފައިންގެ ބަސްނާހައި، ފަރުބަދަތަކުގެ މައްޗަށް އަރާން ދިމާކުޅަ ކޮންމެ ދަރިއަކަށްޖެހޭނެ ދަތުރަކީ މިއެވެ. އަންނާންޖެހޭނީ، ދެރަވެ ނިކަމެތިވެގެންނެވެ. އަތްފައި زخم ވެ ހޭނެތިގެންނެވެ. ފުރާނައާއިގެން އާދެވުނުކަންވެސް އެއީ نصيب ގެ މޮޅުކަމެވެ."

ވާދީގެ ތެރެއިން، ކޮންމެވެސް ކަނަކަށް "މުސްކުޅީން" އެއްވެތިބެ ސައްލާކުރާން ފަށައިފޫއެވެ. އެބައިމީހުންގެ ބަސްތައް ދޮގުކޮށް، نصيحة ތަކަށް ފުރަގަސްދިން ކަލޭގެއަށް އަދަބު ނުދީ ތިބެގެން ނުވާނެކަން، إعلان ކޮށްފޫއެވެ. އެކަލޭގެ ގައިން زخم ވީ ތަންތަން ފަސޭހަވީހައި އަވަހަކަށް، "ނިޔާ" ގެ ކުރިމައްޗަށް ހާޒިރުކޮށް އޭނާ ކުޅަކުށާއިމެދު إنصاف ކުރުމަށް قصد ކޮށްފޫއެވެ. "މުސްކުޅިން" ނަކީ، ހިތުގައި رحم އެއްނެތް ބަޔަކީއެއްނޫނެވެ. رحم ބަހައްޓާންވެސް ލުއިކޮށްދޭންވެސް ބޭނުމެވެ. ނަމަވެސް قانون އަކީ، قانون އެވެ. قانون ހިންގަންވާނެއެވެ. ނުކިޔަމަންތެރީންނަށް ހުރީ ވޭންދެނިވި عقوبات އެވެ........

وادي الجهالة ގެ إنصاف ކުރާ މައިދާނަށް މީސްތަކުން އެއްވެއްޖެއެވެ. "ތަންދޮރު ދަންނަ މުސްކުޅީން" ގެ ކުރިމައްޗަށް ކުށްވެރިޔާ ހާޒިރިކުރުމަށް އަމުރުކޮށްފިއެވެ. އެކަލޭގެ ހިނގަމުން އައިއިރު، އޭނާގެ زخم ތައް އަދި މުޅިއަކުން ފަސޭހައެއް ނުވެއެވެ. ހުރީ ވަރަށް ނިކަމެތިވެ އަނަރޫފަވެފައެވެ. ދަރުބާރަށް ހާޒިރުކޮށްފައި، އިށީނުމަށް އަންގައިފިއެވެ. ނަމަވެސް، އެކަލޭގެ ނުއިށީނެވެ. އެއްވެތިބި މީސްތަކުންނާއި ކުރިމަތިލައި، تقرير ކުރާން ފަށައިފިއެވެ.

"އޭ އެކުވެރި أخ ންނޭވެ! ތިޔަބައިމީހުން އުފާކުރާށެވެ! އަހަރެން މިއައީ، އަހަރެމެންގެ މި ވާދީ ނޫން އެހެން ބިމެއްގައި ފައިތިލަޖައްސައި، އެބިމުގައި އުޅުމަށްފަހުގައެވެ. އެހެން މަންޒަރުތަކަކާއި، އެހެން ކުލަތަކެއް ދުށުމަށްފަހުގައެވެ. އެހެން قوم ތަކަކާއި އެކުގައި އުޅުމަށްފަހުގައެވެ. އަހުރެންގެ ޅަފުރާގައި، އަހުރެންގެ މުޅިދުނިޔެއަކީ، މިކުޑަކުޑަ ވާދީއެވެ. މިހިރަ ފަރުބަދަތަކުގެ އަނެއްފަރާތުގައިވާ ތަނަކާއިމެނު ސުވާލުކޮށް އުޅުނީމެވެ. ނަމަވެސް އެ ސުވާލުތައް ކުރާތީ، ކުރިމަތިލާންޖެހުނީ މަލާމާތާއެވެ. ބައެއް نصيحة ތެރީން އަހުރެންގެ އަތުގައި ހިފައިގެންގޮސް ފަރުބަދަ ކައިރީގައިވާ ކަށިތައް ދައްކައި އިންޒާރުކޮށް އުޅުނޫއެވެ. އެންމެފަހުން "މުސްކުޅީން" އެބައިމީހުންގެ ފޮތްފޮތުގައިވާ ވާހަކަތައް ކިއައިދިނެވެ. އެބައިމީހުން ބުނާގޮތުގައި، މިވާދީއާއި ވާދީގައިވާ ތަކެއްޗަކީ، އަހަރެމެންގެ މިލްކެވެ. ފަރުބަދަތަކަކީ، إله ންގެ މިލްކެކެވެ. އޭގެ އަނެއްފަރާތުގައިވާ ތަނަކީ، އެކަކަށްވެސް، އެނގޭތަނެއްނޫނެވެ. މީގެފަހަށްވެސް، އެނގިގެންވާނެ ތަނެއްވެސްނޫނެވެ. މިއިން އެއްވެސް ވާހަކައެއް އަހަރެން ނާހަމެވެ. ފަރުބަދަތަކުގެމައްޗަށް އަރައި، އަނެއްފަރާތަށް ހިނގައްޖައީމެވެ. އެތަނުން އަހަރެންނަށް ފެނުނީ، އެހެން ދުނިޔެއެކެވެ. މިއަށްވުރެ މާތަނަވަސް އުފާވެރި حياة އެކެވެ. ތާޒާ ދަނޑުތަކާއި عمارات ވެފައިވާ ރަށްތަކެވެ. އުފާފާގަތިކަމުގައި އުޅޭ އަހަރެމެންކަހަލަ އިންސާނުންތަކެކެވެ. އެބައިމީހުން ބިންނަމުން އެގެންދަނީ، އަހަރެމެން غافل ވެގެންތިބި އެތަކެއް ސަތޭކަ އަހަރު ދުވަހުގެތެރޭގައި އިންދި ތަޖުރިބާއާއި معرفة ގެ ގަސްތަކުގެ ފޮނިމޭވާއެވެ. އަހަރެންނަށް މަގުދަސްވެއްޖެއެވެ. މަށާއެކު ތިޔަބައިމީހުންވެސް އަންނާށެވެ! އެ އުފާވެރި ބިމަށް ތިޔަބައިމީހުން ގެންގޮސްފާހުށީމެވެ."

ވަށައިގެންތިބި މީސްތަކުން ހަޅޭފަޅޭލައިގެންފިއެވެ. "ތިޔަހަރީ ރަނގަޅަށް މަގުފުރެދިފައެވެ. شيطان އާއަށް تبع ވެވިފައެވެ.ތިޔަފަދަ ކުށްވެރީންގެ ޖަޒާއަކީ، އަވަހަށް މިދުނެޔެއިން ވަކިކޮށްލުމެވެ." ދެން އެންމެންވެގެން އެކަލޭގެ ފަހައިގެންފިއެވެ. އިސާހިތަކު ކުދިއޮށްގަލުން رجم ކޮށް ފުރާނައާއި، މަސްގަނޑާއި ދެތަންކޮށްލައި ފަރުބަދަތަކުގެ މައްޗަށް މަސްގަނޑު އެއްލާލައިފިއެވެ.

ޒަމާންތައް ދައުރުވަމުންދެއެވެ. ދުވަސްތައް ތަކުރާރުވަމުންދެއެވެ. ވާދީއަށް އައިސް، ކުރިމަތިވީ ތަދުމަޑު ދުވަސްތަކެކެވެ. ކުޑަކުޑަ ކޯރުން ފެންހިނދިއްޖެއެވެ. ގަސްތައް ހިކިމަރުވެއްޖެއެވެ. ޖަނަވާރުތައް ބަނޑަށާއި ފެނަށް ޖެހި، މަރުވެއްޖެއެވެ. "ތަންދޮރުދަންނަ މުސްކުޅީން" ގެ އުއްމީދެއް ނުކެނޑެއެވެ. އެބައިމީހުންގެ ފޮތްފޮތުގައި ލިޔެވިފައިވަނީ، ތަދުމަޑުކަމަށްފަހު ތިޔާގިކަން އަންނާނެކަމަށެވެ. ނަމަވެސް، އެތިޔާގިކަމާއި ތަނަވަސްކަން އުއްމީދެއްގެ ގޮތުގައި އޮތީގައެވެ. މުސްކުޅީންނަށް އެކަމަކުން މާކަބޮޑު ދައްޗެއް ނުވެއެވެ. އެހެނީ އެބައިމީހުން ތިބީ، ކެއިންބުއިމާއި ދުނިޔޭގެ އެހެންވެސް އަރާމުތަކަށް ބޭނުންނުވާފަދަ އުމުރަކަށް އެޅިފައެވެ.

ތަދުމަޑު حال ގެދުވަސްތައް، ދިގުވުމުގެ ސަބަބުން وادي الجهالة ގައި އުފެދުނީ ثورة އެކެވެ. މުސްކުޅީންގެ ބަސްތައް އުވައިލައި އެހެން ދުނިޔެއެއް ހޯދާން ދިއުމުގެ خيال ފެތުރޭންފަށައިފިއެވެ. މުސްކުޅީން، نصيحة ދިނުމެއް ނުހުއްޓައެވެ. ނަމަވެސް އެ نصيحة ތަކުގެ އަސަރު ދިޔައީ ކުޑަވަމުންނެވެ. ބާރުދެރަވަމުންނެވެ.

ދެން ފެނުނީ، ބައިބައަށް މީސްތަކުން وادي الجهالة ން ހިޖުރަކުރާން ފެށިތަނެވެ. އެންމެފަހުން ވާދީ ދޫކޮށްލާފައި ނުކުތް قافلة ގައި، "މުސްކުޅިންވެސް" ހިމެނުނެވެ......

ފަރުބަދަމަތިން އައި ކަލޭގެ قتل ކުރުމުގެ حادثة އަށް އެތަކެއް އަހަރުވޭތުވެގެން ދިއުމުގެ ސަބަބުން އޭނާ ބުނެދިންމަގު އެކަކުވެސް ހަނދާނެއްނެތެވެ. ނަތީޖާއެއްގެގޮތުން ރާސްތާގެ އުނދަގޫތަކާއި ދަތިތައް ގިނަވިއެވެ. ނަމަވެސް آخر ގައި ދެވުނީ، منزل مقصود އަށެވެ. ފާގަތިކަމާއި ތިޔާގިކަމުގެ ދުނިޔެއަށެވެ.

وادي الجهالة ގެ އަހުލުވެރީން އަލުން އާ ދުނިޔެއެއްގައި އަލުން އާ حياة އެއްގެ عمارات އާރާސްތުކުރަމުންދާއިރު ފަރުބަދަމަތިން އައިކަލޭގެމަތީން ހަނދާން ނެތުނީއަކީއެއްނޫނެވެ. އޭނާގެ ހަނދާން އައުކުރާންޖެހިއްޖެއެވެ. شهيد އެއްގެ ދަރަޖަ އޭނާއަށް ދޭންޖެހިއްޖެއެވެ. قوم سلامة ކުރުމުގެ މަގުދެއްކި މީހަކީ، އޭނާކަމުގައި، ބަލާންޖެހިއްޖެއެވެ. ފަރުބަދަމަތީން އޭނާގެ ކަށިތައް ހޮވައިގެން، ގެންނާނެބައަކުގޮސް ބެލިއިރު މިނިކާ، ސޫފިތަކުގެ ކާނާއެއްކަމުގައި އެކަށިތައްވެސް ވެގެން ހިނގައްޖެއެވެ. ނަމަވެސް އޭނާގެ ހަނދާން ދެމެހެއްޓުމުގެގޮތުން ހިލައިން މަހާނައެއްހަދައި އޭނާގެ ނަމާއި ތާރީޚު ލިޔެ ޒަމާނަށް ދެމިހުންނަނިވި ހެއްކެއްގެ ގޮތުގައި ބަހައްޓައިފޫއެވެ.

"މިނިވަން خيال " ގެ ވާހަކަ، އިހަށްވެސް އަދި މިހާރުވެސް ކިޔެމުންދާގޮތަކީ، މިއެވެ. މިނޫންގޮތަކަށް ކިޔޭނެ ދުވަހެއްވެސް އަދި ފަހުން އަންނާނެ ތޯއްޗެކެވެ!

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ