އަދުގެ ޚާއްސަ

Print

ނާކާމިޔާބު ކައިވެނި

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު

ރައްޓެހިވެގެން އުޅޭއިރު ވަރަށް ބައިވަރު މައްސަލަތަކާ ދިމާވެ އެވެ. ގެއިން ބޭރުގައި ވަގުތު ހޭދަކުރަންޖެހެ އެވެ. ސިއްރުން ބައްދަލުކުރަންޖެހެ އެވެ. ބައެއްފަހަރު، ފިލައިގެން ދެ މީހުން އެހެން ރަށަކަށް ވެސް ދާންޖެހިދާނެ އެވެ. ނުވަތަ، ގެއިން ނުނިކުތުމަށް މައިންބަފައިން އަމުރުކުރުމުން، ރޮއިރޮއި ގޭގައި އޮންނަން ވެސް ޖެހިދާނެ އެވެ. ކާހިތެއްނުވާނެ އެވެ. ފެންވަރާހިތެއް ނުވާނެ އެވެ. ބޭނުންވާނީ ހަމައެކަނި ލޯބިވެރިޔާއާ ވާހަކަދައްކާލާށެވެ. އޭރު ހިތަށްއަރާނެ އެވެ. ކައިވެނިކުރެވުމުން ދެން ހުރިހާކަމެއް ހަމައަކަށްއެޅޭނެ އެވެ. ހުރިހާ އުފަލެއް ލިބޭނެ އެވެ. އަހަރެން ވެސް ކައިވެނިކުރީ އެ އުންމީދުގަ އެވެ. ދެން ރޯކަށް ނުޖެހޭނެއޭ ހީކުރީމެވެ.
ވާރޭ ތުނިކޮށްލައިފި އެވެ. ވިދާގުގުރަންފެށި އެވެ. ކޮންމެ ވިދުވަރަކާއި އެކުގައި، އަހަރެންގެ ލޯބީގެ އުފާވެރި ހަނދާންތަކުގެ ވިދުވަރެއް ވެސް ލޮލަށް ސިފަވެގެންދެއެވެ. ރައްޓެހިވެގެން އުޅުނުއިރު، ދެ ރޭ އަހަރުމެން ވާރެއާ ތެމުނީމެވެ. އުމުރަށް ލޯބިވާނެކަމުގެ ޢަހުދު ކުރީމެވެ. އެކަމަކު، މި ރޭ ނުނިދިފައި އަހަރެން އޮންނަން މި ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އުންމީދުކުރި ހުރިހާ އުފާތައް ކޮބާހެއްޔެވެ؟ އަހަރެންގެ ފިރިމީހާ ކަމުގައިވާ އިހުސާން އޮތީ ކައިރީގަ އެވެ. އަނެއްފަރާތަށް އެނބުރިގެން ނިދާ މަރުވެފަ އެވެ. އޭނަ ދަމަމުންގެންދިޔަ މަޑު ގުގުރީގެ އަޑު، މެދުނުކެނޑި އަހަންނަށް އިވެމުންދިޔަ އެވެ. ކޮޓަރީގައި ހުރި އަލިމަޑުކޮށްފައިވާ ބޮތްކާ ދިމާލަށް ބަލަހައްޓައިގެން އަހަރެން އޮތީމެވެ. ހިތަށްއެރި އެވެ. އަހަންނަށް ވުރެ އެ ބޮކީގެ ނަސީބު ވެސް މާގަދަ އެވެ. އަނދަންދެން އަލި ގަދަކުރެވެ އެވެ. އަނދިރި ކުރެވެ އެވެ. އަހަރެންގެ ހަޔާތަށް އެޅުނު އަނދިރިގަނޑު ފިލާނެގޮތެއް ނުވީ ކީއްވެބާ އެވެ؟

މި ރެއަކީ ވެސް އަހަންނާއި އިހުސާން އަރާރުންވި ރެއެކެވެ. ދައްކަމުން ގެންދިޔަ ވާހަކަ ޒުވާބަކަށް ބަދަލުވީ ކީއްވެގެންކަމެއް އަހަރެން ހަނދާނެއް ނެތެވެ. ފަހަކަށް އައިސް، ކޮށްލާ ކުޑަކުޑަ މަޝްވަރާއެއް ޒުވާބަކަށް ބަދަލުވާން ވަކި ސަބަބެއް ނޯވެ އެވެ. ރައްޓެހިވެގެން އުޅުނުއިރާ ޚިލާފަށް، ކުރާ ޒުވާބުގައި އަހަރުމެން ދެ މީހުން ވެސް ވަރަށް ހުތުރު ބަސް މިހާރު ބޭނުންކުރަމެވެ. ބޭނުންވަނީ ޒުވާބު ހުއްޓާލައި، މައްސަލަ ޙައްލުކުރާކަށް ނޫނެވެ. އެކަމަކު، ޒުވާބުގައި ކުރި ހޯދައި، އަނެކަކުގެ ބޮލުގައި ތުހުމަތު އަޅުވާށެވެ. ދުރުހިލޭ މީހަކާ ދިމާލަށް ވެސް ވާހަކަނުދައްކާނެ ކަހަލަ ރާގެއްގައި ދެ މީހުން އަރާރުންވުމަށްފަހު އިހުސާން ނިދީ އެވެ. އާދައިގެމަތިން ނުނިދިފައި މިއޮތީ އަހަންނެވެ. އަސްލު މައްސަލަ އޮތް ތަނުގައި އޮތީ އެވެ. އަހަރުމެން އަރާރުންވަނީ މުޅިން އެހެންކަމަކާ އެވެ. ހުރިހާ މައްސަލައެއްގެ މައި މުލަކީ، އިހުސާން އަހަންނަށް "ޓައިމް" ނުދިނުމެވެ.

އިރުކޮޅަކު އެހެން އޮވެފައި އަހަރެން ތެދުވީމެވެ. ގުގުރީގެ އަޑު ގަދަވަމުންދާތީ އެވެ. ވިސްނާލަން އިރުކޮޅަކު އެނދު ކައިރީގައި ހުރުމަށްފަހު ކޮޓަރިން ނުކުތީމެވެ. ތިން ދަރިން ނިދާ ކޮޓަރި އަށް ވަނީމެވެ. އެ ކުދިން ތިބީ ނިދާފަ އެވެ. އެއީ، އަހަރެންގެ ފުރާނައެކޭ އެއްފަދައިން ލޯބިވާ ތިން ދަރިންނެވެ. އެހެންނަމަވެސް، ޙަޤީޤަތަށް ބަލާއިރު، އަހަރެން ބޭނުންވެގެން ހޯދީ އެންމެ ކުއްޖެކެވެ. އެ ޙަޤީޤަތް ބަދަލެއްނުކުރެވޭނެ އެވެ. ސިއްރުކުރެވިދާނެ އެވެ. ހައިރާންވާންޖެހޭ ކަމަކީ، ދިރިއުޅުން ބޭކާރުވެގެން ވިސްނާލެވުނުއިރު ތިން ކުދިން ލިބިފައިވާ ކަމެވެ. އެ ޚިޔާލުގައި އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު، ގޮސް ކުޑަދޮރު ކައިރި އަށް ހުއްޓިލީމެވެ. ވާރޭ ވެހޭއިރު ވިދާލާ ވިދުވަރަކީ ބަލާލަން ހާދަހާ ހިތްގައިމު އެއްޗެކޭ އަހަރެން ހިތަށްއެރި އެވެ. އެޕާރޓްމަންޓްގެ ހަތަރުވަނަ ފްލޯރއިން ބަލައިލާއިރު، މާލެ ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. މީހެއްގެ އެއްވެސް ހިލަމެއްނުވެ އެވެ. އެކަމަކު، އަހަންނަށް އެނގޭ އެއްޗަކީ، އެ ގެތަކުގައި ތިބި އެންމެން ތިބޭނީ ނިދޭފައި ނޫންކަމެވެ. އަހަރެން ފަދައިން، ލޮލަށް ނިދިނައިސްގެން އުޅޭ ބައިވަރު މީހުން އުޅޭނެ އެވެ. އެކަމަކު، ދާނެ ތަނެއް ނެތިގެން އެއްބަޔަކު ކެތްކުރަނީ އެވެ. ދާނެ ހިތްވަރު ނުލިބިގެން އަނެއްބަޔަކު ތިބެނީ އެވެ. އަހަރެންމީ ފަހުން މި ބުނި ގްރޫޕްގައި ހިމެނޭ މީހެކެވެ.

ދިރިއުޅުމުގައި އިންސާނަކު މި ހިސާބަށް އަންނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ވިސްނާލީމެވެ. ލޯބި ލިބޭނެކަމުގެ އިންތިޒާރުގައި ކެތްކޮށްކޮށް، ފާރުބުޑުގައި އޮވެ އިންސާނުން މަރުވަނީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބަކީ، ފުރުތަމަ މައްސަލަ ޖެހުނު ދުވަހު އެ މައްސަލަ ހައްލުނުކުރެވުމެވެ. އޭގެ ބަދަލުގައި، މައްސަލައިގެ އެ ގާބުރި އޮތް ތަނުގައި ބޭއްވުނުކަމެވެ. ދެ ވަނަ ގާބުރި އޭގެ މަތީގައި ބޭއްވުނުކަމެވެ. އެންމެފަހުން، މައްސަލަތަކުގެ ފާރު އުސްވެ، ލޯތްބަށް އެ ފާރު ހުރަސްކުރަން އުނދަގޫވީ އެވެ. ދެން ޖެހޭނީ ފާރުބުޑުގައި އޮންނާށެވެ. އެއީ އިހުސާން ރޭނި ފާރެކެވެ. ގާތައް އެއްކުރީ އަހަރެންގެ ދެއަތުންނެވެ.

އެންމެ ފުރަތަމަ އަހަންނަށް ކުރިމަތިވި މައްސަލަ އަހަރެން ހަނދާންއެބަހުއްޓެވެ. އަހަރުމެން ތިބީ ޓީވީ ބަލާށެވެ. އެހެން ތިބެފައި އަހަރެން ބޭނުންވީ އިހުސާންގެ އަތުގައި ހިފާލާށެވެ. ހިފާލުމާއެކު އިހުސާން އަތް ދަމައިގަތެވެ. ރުޅިއަކުން ނޫނެވެ.

"ދެން ރީތިކޮށް އިނދެބަލަ!" ދައްކަމުން ގެންދިޔަ ފިލްމަށް ގެއްލިފައި އިނދެގެން އިހުސާން ބުންޏެވެ.

އަހަރެން ކޮންމެވެސް ވަރަކަށް ދެރަވި އެވެ. އެކަމަކު ހިތަށްއެރި އެވެ. އެ ވަރުގެ ކުޑަކަމަކާ މައްސަލައެއް ނުޖައްސާނަމެވެ. އެހެންނަމަވެސް، މިހާރު ވިސްނާލުމުން އެނގެއެވެ. އަހަރެން ފުރަތަމަ ރައްކާކުރި ގާބުރި އަކީ އެއީ އެވެ. ކައިވެނިކުރިތާ ކައިރީގައި، އޮފީހަށް ގޮސްފަ، ކޮންމެވެސް ވަގުތެއް ހޯދައިގެން، ކޮންމެ ދުވަހަކު ވެސް އިހުސާން ގުޅާލާނެ އެވެ. ދުވަސްތައް ފާއިތުވި ވަރަކަށް، އެ ފޯނުކޯލުގެ ދޭތެރެ ދުރުވެ، އެންމެފަހުން ހުއްޓުނީ އެވެ. އަހަރެން އެކަން ހަނދާންކޮށްދިނުމުން އިހުސާން އަލުން ގުޅަންފެށި އެވެ. އެކަމަކު އެއީ "އަހަރެން ބުނީތީ ގުޅާލުން" އެވެ. ކުރިން ފަދައިން، އޭނަ ގުޅާހިތުން ގުޅި ގުޅުމެއް ނޫނެވެ. ދެ މީހުން އެކުގައި ޓީވީ ބަލައިލަން އިށީނަސް، ދެން ފެންނަނީ އިހުސާނަށް ނިދިފައި އޮއްވައެވެ. މަސައްކަތު ވަރުބަލި ކަމުގައި ބަލާފައި، އެކަން ވެސް އަހަރެން ކަމަކަށް ނުހެދީ އެވެ. މަހަކު އެއްފަހަރު، ރެސްޓޯރަންޓަކަށް އަހަރުމެން ކާންދިޔަސް، ދައްކާނެ ވާހަކައެއް އިހުސާނަކަށް ނުވިސްނެއެވެ. ހުސް ދުވަހެއް އިހުސާނަށް ލިބިއްޖެއްޔާ ބޭކާރެއްނުވެ އެވެ. ގޭގެ ބައިވަރު މަސައްކަތް ކުރަންހުރެ އެވެ. އެއީ ހަމަ އަހަރުމެންގެ މަސައްކަތެވެ. ކުދިންނާ އެކުގައި އޭނަ ވަގުތު ހޭދަކުރެއެވެ. އެއީ ހަމަ އަހަރުމެންގެ ކުދިންނެވެ. އެކަމަކު، ޙަޤީޤަތަކީ، އަހަންނާ އެކުގައި ހޭދަކުރާނެ ވަގުތެއް ބާކީނުވުމެވެ. އަހަންނަށް ލިބެނީ ކެއި މޭވާގެ ތޮށިކޮޅެވެ. އެއަކުން ބަނޑެއްނުފުރެ އެވެ.

ފިރިއެއްގެ ނަޒަރުން ވިސްނާލައިފި ނަމަ، އިހުސާނަކީ އަނިޔާކުރާ މީހެއް ނޫނެވެ. އެހެން ލޯބިވެރިއެއް ގެންގުޅޭ މީހެއް ނޫނެވެ. އޭނަ ވައްކަމެއްނުކުރެ އެވެ. ދޮގެއްނުހަދަ އެވެ. ޑްރަގް ބޭނުމެއްނުކުރެ އެވެ. އޮފީހުގެ މަސައްކަތަށްފަހު، އަމިއްލަ މީހެއް ކައިރީގައި މަސައްކަތް ކުރުމަށްފަހު، ގެ އަށް އަންނަނީ އިރު އޮއްސޭފަހުންނެވެ. ލިބޭ ހުރިހާ ފައިސާއެއް ޚަރަދުކުރަނީ އަހަރުމެންނަށެވެ. ކުދިންގެ ކިޔެވުމާއި، ބަލިވީމަ ބޭސްކުރުމާއި، ބޭނުންވާ އެއްޗިހި ގަނެދެއެވެ. ބުނާކަށް ނުވެސް ޖެހޭނެ އެވެ. އަހަރެން ކުރަންވީ ކޮން ފިކުރެއްހޭ މީހަކު އަހާފާނެ އެވެ. އެކަމަކު، ފިކުރާއި، ހިފެހެއްޓިފައިހުރި ރުޅިއާއި، އެކަނިވެރިކަމާއި، ބޭރުނުކުރެވި ހުރި ޝަކުވާއާއި، ނުލިބުނު ލޯބީގެ ގާތަކުން، އެ ފާރު ހައްތަހާ ވީ އުހެވެ.

    ވަރިވުން ނޫން އެހެން ޙައްލެއް އަހަންނަކަށް ނުފެނުނެވެ. އެކުވެރިން ދިން ނަސޭހަތުގެ ސަބަބުން، އަހަންނަށް އިތުރަށް އޮޅުންއެރުން ނޫން އެހެންކަމެއް ނުވި އެވެ. ރައްޓެހިން ބުނާ ކަހަލަ އެވެ. "އިހުސާން ކަހަލަ ރަނގަޅު މީހެއް ދޫކޮށްނުލާށެވެ. އެ ކަހަލަ މީހަކު ނުލިބޭނެ އެވެ." ހެއްވާކަމަކީ، އިހުސާން ގޯހޭ ބުނެވެން ވެސް އަހަންނަށް ނެތުމެވެ. ތިމާގެ މީހުން ބުންޏެވެ. "ދެން ކެތްކޮށްލާށެވެ." އެއީ ބުނަން ފަސޭހަ، ކުރަން އުނދަގޫ ކަމެކެވެ. މައިންބަފައިން ބުންޏެވެ. "ދަރިންނަށްޓަކައި އުޅޭށެވެ." އެކަމަކު އެއީ އުޅުމެއް ނޫނެވެ. އެއީ މަރުވުމެވެ. އުޅުމަކީ އަހަރެން ވެސް އުފަލުގައި އުޅުމެވެ.

    ވަރިވުން އެއީ ޙައްލެއް ހެއްޔެވެ؟ ކުދިން ދޫކޮށްލާފައި އަހަންނަށް އުޅެވޭނެ ހެއްޔެވެ؟ ކުދިން ގޮވައިގެން އަހަންނަށް އުޅެވޭނެ ހެއްޔެވެ؟ އަހަރެން ޖެހޭނީ، އާމްދަނީ ލިބޭ ކޮންމެވެސް މަސައްކަތެއް ފަށާށެވެ. އެއްޗިހީގެ އަގު އިންތިހާ އަށް ބޮޑެވެ. ބިލްތައް ދައްކާފައި، ކުދިންނަށް ކާންދީފައި، ބަލިވީމަ ބޭސްކުރެވޭނެ ހެއްޔެވެ؟ މި ހުންނަނީ، ވަރިވުމުގެ ކުރިން އަމިއްލަ ނަފުސާ ކުރަންޖެހޭ ސުވާލުތަކެވެ. ކުދިން ގޮވައިގެން އެކަނި އުޅޭ މަންމައިން ކިހާ "އެކަނިވެރިކަން" އަހަންނަށް އެނގެ އެވެ. އެކުވެރިން އަހަންނަށް އެހީވާނެކަމަށް ބަލަންވީ ހެއްޔެވެ؟ އެއީ ޙަޤީޤަތެއް ހެއްޔެވެ؟ ނޫޅެވިގެން ވަރިވީ، އަހަރެންގެ ކިތައް އެކުވެރިން ހެއްޔެވެ؟ އެ މީހުން ވީތަނެއް އަހަންނަކަށް ނޭނގެ އެވެ. އަހަރެން ވާތަން އެހެން މީހުން ބަލާނެ ހެއްޔެވެ؟ ފިލްމްތަކާއި ވާހަކަތަކުން އެ ފެންނަނީ ފްލޯކެވެ. ކޮންމެ މީހަކީ ވެސް އަމިއްލަ ހާލައިގެން ނޫޅެވިގެން އުޅޭ މީހެކެވެ. ތެދަށް ވާހަކަ ދައްކަންޏާ، ވަރިވުމަކީ ދާއިމީ ޙައްލެއް ނޫނެވެ. އެހެން މީހަކާ އިނދެފިއްޔާ އޭނަ ކުދިން ހޯދަން ބޭނުންވާނެ އެވެ. އެންމެ ކުއްޖެއް އޭނަ ހޯދާއިރަށް، އަހަރެންނަށް ހަތަރު ކުދިން ހޯދުނީ އެވެ. އަހަރެން ދޫކޮށްލާފައި އެ މީހާ ހިނގައްޖެއްޔާ ދެން ވާނީ ކިހިނެތް ހެއްޔެވެ؟

ފިރިމީހާ އަށް ވިސްނައިދެވޭނެ ހެއްޔެވެ؟ ވިސްނައިދީފިއްޔާ އޭނަ އިޞްލާޙުވާނެ ހެއްޔެވެ؟ އެއީ ބޭކާރު ކަމެކެވެ. އޭނަ އަކީ ގޯސް މީހަކަށް ނުވާކަމަށް ވަންޏާ ވާންއޮންނާނީ ކޮން އިޞްލާޙެއް ހެއްޔެވެ؟ ދެން އުފެދޭ ސުވާލަކީ، އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ހަމައެކަނި ކުރެވެން އޮތް ކަމަކީ އަހަރެންގެ ވިސްނުން ބަދަލުކުރުމެވެ. އެކަން އަހަންނަށް ކުރެވިދާނެ އެވެ. އެއީ އޭގެ ރަނގަޅު ނުވަތަ ގޯސް ގޮތްކަމެއް އަހަންނަކަށް ނޭނގެ އެވެ. ރޯދަ އަށް ހުންނައިރު ބަނޑުހައިވަންޏާ ރޯދަ ކުރުކުރަން ކޮންމެވެސްކަމެއް ކުރެވިދާނެ އެވެ. ބަނޑުފުރަން އެއްޗެއް ކާކަށްނުޖެހެ އެވެ. އެއީ ރަނގަޅު މިސާލެކެވެ.

ފިކުރުތަކުން ދުރުވުމަށް އަހަރެން އެހެން ކަންތައްތައް ކުރަންފެށީމެވެ. ކޮންމެވެސް ވަރަކަށް ފަހަން އެނގެއެވެ. ކޭކުއަޅަން ވެސް އަހަރެން ދަސްކުރީމެވެ. ވާހަކަކިޔަން ފެށީމެވެ. ކުދިން ގޮވައިގެން ހިނގާލަންދާން ފެށީމެވެ. ކުރިއަށް ވުރެ ތަންކޮޅެއް ގިނައިންނެވެ. ކުދިންގެ ސްކޫލްގެ ބައެއް ކަންތައްތަކުގައި އަހަރެން ބައިވެރިވީމެވެ. ޕޮޓު ގެނެސްގެން ގޭގައި ގަސް އިންދައި، ގަސްތަކަށް ފެންދީ ބަލަހައްޓަންފެށީމެވެ. ގުރައެއް ގަތީމެވެ. ހަމައެކަނި، އަހަންނަށް ނުލިބުނު އެއްޗަކާމެދު ވިސްނައި، ފިކުރު ކުރުމަށް ވަގުތު ބޭކާރު ކުރުމަށްވުރެ، އެ ކަމަށް ވިސްނަން ވަގުތު ނުހޯދުން މާ ރަނގަޅެވެ. ކުރަންހުންނަ އެކިއެކި ކަންތައް ނުކުރެވިގެން ހުއްޓައި އިރު އޮއްސުމުން ދެން ވިސްނެނީ މާދަމާ އެ ކަންތައްތައް ކުރާނެ ގޮތެކެވެ.

ބޭނުންވި ލޯތްބެއް އަހަންނަކަށް ނުލިބުނެވެ. ކުރިން ވި ދެރައެއް ވެސް އަހަންނެއްނުވެ އެވެ. ކީއްވެގެން ހެއްޔެވެ؟ އަހަރެން ތަންކޮޅެއް "ބިޒީ" ވީއެވެ. ކުރާނެ ކަންތައް ގިނަވީ އެވެ. ފެންބޮވައިގެން ކަރުހިއްކައިގަންނަ މީހާ، އައިސްކްރީމަކުން ވެސް ކަރުހިއްކުން ފިލުވައިފާނެ އެވެ. ފެނެއް ނުލިބުނެވެ. މަގްސަދު ހާސިލުވީ އެވެ. ފެން ލިބެން ނެތިއްޔާ އެ ގޮތް ރަނގަޅުނުވާންވީ ސަބަބެއް ނެތެވެ.

ިއަދު ވެސް އަހަރެންގެ ފިރިމީހާ އަކީ އިހުސާނެވެ. އެކަމަކު، ވަރިވުމަށް ވިސްނާކަށް އަހަންނަކަށް ވަގުތެއް ނެތެވެ. އެހެން މީހުންގެ ފިރިން އުޅޭހެން އަހަރެންގެ ފިރިމީހާއެއް ނޫޅޭނެ އެވެ. އަހަރެންގެ އަތުކުރީގައި ހިފައިގެން އޭނައެއް ނުހިނގާނެ އެވެ. ސަބަބަކީ އޭނަ އަކީ އިހުސާނެވެ. ފައުޒީއެއް ނޫނެވެ. ހަމީދެއް ވެސް ނޫނެވެ. ވަރަށް ބައިވަރު ރަނގަޅު ސިފަތައް އިހުސާންގެ މިޒާޖުގައި ހުރެއެވެ. އަދި ބައެއް ކުދިކުދި އުނިސިފަތައް ވެސް ހުރެއެވެ. ރަނގަޅު ސިފަތަކަށް ޝުކުރުވެރިވަންޏާ، އުނިސިފަތަކަށް ކެތްކުރާކަށް ނުޖެހޭނެބާ އެވެ؟ ގިނަ މީހުންގެ ނަޒަރުގައި އަހަންނަކީ ވަރަށް ނަސީބުގަދަ އަނތްބެކެވެ. ކައިވެނިކޮށްގެން އަހަރެން އުޅެނީ ވަރަށް އުފަލުގަ އެވެ. އަހަރެން އުފަލެއްނުވެއެވެ. އެކަމަކު ނުރޮނީއެވެ. ނުރޯ ކޮންމެ މީހަކީ ހެވިފައިހުންނަ މީހެއް ނޫނެވެ. ދެ މީހުން ވަރިނުވެ، އުމުރަށް އެކުގައި އުޅޭ ކޮންމެ ކާވެންޏަކީ ބާއްޖަވެރި ކާވެއްޏެއް ވެސް ނޫނެވެ. ބައެއް ކާވެންޏަކީ ނާކާމިޔާބު ކާވެންޏެވެ. އެކަމަކު، ބާ ފޮތެއްގައި ވެސް އާ ކަރުދާހެއް ލެވިދާނެ އެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ