އަދުގެ ޚާއްސަ

Print

އަހަރެން ހުންނަނީ އަނބިދަށުވެފައެވެ.

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

އަހަރެން ހުންނަނީ އަނބިދަށުވެފައިކަމަށް އެންމެ ބޮޑަށް ގަބޫލުކުރަނީ އަހަރެންގެ މަންމައާއި މަންމަފަރާތު ބޮޑުދައިތަމެންނާއި އަހަރެންގެ އެއްބަނޑުއެއްބަފާ ކުދިންގެ ތެރެއިން ދެ އަންހެން ކޮއްކޮއެވެ. އާއިލާގައި އަހަރެންގެ ދޮއްޓަށް އަންހެން ކުއްޖަކު ނުހުންނާތީވެ އެކަމާ ކަންބޮޑުވާނެ ދައްތައަކު ނެތެވެ. ދެން އެޚިޔާލަށް އެންމެ ބޮޑަށް ތާއީދުކުރަނީ އަހަރެންގެ ގާތްރައްޓެހިންގެ ތެރެއިން ހައެއްކަ މީހުންނެވެ.

އަހަރެން ވަޒީފާ އަދާކުރަނީ ބޮޑު ވިޔަފާރި ކުންފުންޏެއްގެ މައި އޮފީހުގައެވެ. ވަޒީފާގެ ޒާތުން ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދާންޖެހެއެވެ. އަދި ވަޒީފާގެ ބުރަކަމުން ގޭގައި ހޭދަކުރެވެނީ ވަރަށް ކުޑަވަގުތު ކޮޅެކެވެ. ހަފްތާބަންދަށް ލިބެނީ ހަމައެކަނި ހުކުރު ދުވަހެވެ. އެދުވަހު ގޭތެރޭގައި ކުރަން ހުންނަ މަސައްކަތް ގިނަކަމުން މަންމަމެން ގެއަށް ވަދެލެވޭވަރު ވަނީ ހަވީރު ނުވަތަ އިރުއޮއްސޭފަހުންނެވެ. ހަމަ ދާއިރަށް މަންމަގެ ޝަކުވާތަށް ފަށާނެއެވެ. "ދަށުވެފައި ހުންނަވަރުން ހުކުރު ދުވަހުވެސް މިގެއަށް އާދެވޭނީ އެންމެ ފަހުންނެވެ. ހުކުރުން ފައިބައިގެން ކާލަން އައި ނަމަ ވާނީ ކީން ހެއްޔެވެ." މަންމައަށް ހިތްވަރުދީ، މަންމަގެ ކޮޅު ގަދަކުރަން ދެ ކޮށްކޮވެސް ތިބޭނީ އަތުކުރި އޮޅާލައިގެންނެވެ. ކިތަންމެ ގިނައިރު އެގޭގައި މަޑުކުރިޔަސް ހަމަ ނުކުންނަށް ހިގައިގަންނައިރަށް މަންމަ ބުނާނެއެވެ. "މިގެއަށް ވަނުމާ ދިއުމާއެވެ. ދަށުވިޔަސް ދެން ތީ ބޮޑުވަރެވެ."

ގިނަދުވަސްދުވަހު އޮފީސްނިންމާފައި ގެއަށް އާދެވޭއިރު ހުންނަނީ އިރުއޮއްސެން ކުޑަތަން ވެފައެެވެ. ގެއަށް ހަމަ ވަދެވޭއިރަށް ބައްޕާއޭކިޔާ ދުވަމުން ފުމެމުން ދަރިފުޅުއައިސް ބައްދާލާނެއެވެ. އެހުރިގޮތަށް ހުރެ ފުރަތަމަވެސް ޖެހޭނީ ދަރިފުޅު އުރާލާށެވެ. އެގަޑީގައި އަންހެނުން އުޅޭނީ ދަރިފުޅުގެ ކާނާ ތައްޔާރުކުރާށެވެ. ދަރިފުޅަށް ކާންދީ ނިމުމުން އޭނަޔާއެކު ކުޑަ ވަގުތުކޮޅެއްހޭދަކޮށްލާފައި އިޝާނަމާދު ކޮށްލައިގެން އަހަރެން ގޮސް ދަރިފުޅު ނިންދަވަނީއެވެ. އެހާތަނަށް އަދިކިރިޔާ ރޭގަނޑުގެ ކެއުން ތައްޔާރު ކުރެވޭނީއެވެ. ކައިގެން ތަށިތައް ދޮވުމުގެ ޒިންމާ ގިނަފަހަރު އުފުލާނީ އަހަރެންނެވެ. ދެން އެވީ ބަދިގެތެރެސާފުކޮށް ސިޓިން ރޫމުގެ އެތަން މިތާގައި ހުންނަ ދަރިފުޅުގެ ކުޅޭސާމާނު ތަރުތީބުކޮށް އޭގެތެރެއިން ހަޑިވެފައި ހުރި ތަކެތި ދޮވެ ރީތިކޮށް މާދަމާއަށް އެތަކެތި ތައްޔާރުކުރާށެވެ. މިކަމުގައިވެސް އަންހެނުންނަށް އެހީތެރިވަމެވެ. މިކަން ނިމޭއިރު ގިނަ ރެރޭ ހުންނާނީ ދިހައެއްޖަހާ ބޮޑުވެފައެވެ. ދެން އެފެށުނީ އަހަރެންގެ މައުލޫމާތު ތާޒާ ކުރުމުގެ ވަގުތެވެ. ނޫހެއްކިޔަސް ފޮތެއްކިޔަސް  އެކަން ކުރަންލިބޭގަޑިއަކީ އެއީއެވެ. އަންހެނުން އެގަޑީގައި އުޅޭނީ އަނެއްދުވަހު ހެނދުނު އަހަރެން އޮފީހަށް ދާން ލާނެ ހެދުމެއް ތައްޔާރުކުރުމުގައެވެ. އެކަން ނިމުމުން އެދުވަހު  ދާކޮށް ހަޑިކޮށްފައިހުރި ދަރިފުޅުގެ ހެދުންތަށް ދޮންނަން ވީއެވެ. މިކަން ކުރަނީ އެއްރޭ އަހަން ނެވެ. އަނެއްރޭ އަންހެނުންނެވެ. ހަފްތާގެ ގިނަދުވަސްތައް ނިމިގެން ދާނީ މިކަހަލަ ގޮތަކަށެވެ.

ދެން މިއަންނަނީ ހުކުރުދުވަހެވެ. ފަތިހު ތެދުވެ ދަރިފުޅުގޮވައިގެން ދުއްވާލަން ދިއުމާ، މޫދަށް އެރިލަން ދިއުން އޮންނާނެއެވެ. ނުވަތަ ޖުމްހޫރީ މައިިދާނުގައި އެއުޅޭ ކޮތަރުތަކަށް ކާންދޭން ދިއުން އޮންނާނެއެވެ. ވަރަށް މަދު ދުވަހެއްގައި އަންހެނުނާއި ދަރިފުޅު ގޮވައިގެން ކާނިވަލަށް ހެނދުނު ސައިބޯލަންވެސް ދެވެއެވެ. އެކަން އެބީދައިން ނުހިނގާ ދުވަހެއްނަމަ އަހަރެން ދަރިފުޅު ގޮވައިގެން ގެއަށް އަންނައިރު އަންހެނުން ހުންނާނީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައެވެ. އެކަން ނިމިގެން އަހަރެން ގެ މަސައްކަތަކަށް ވާނީ ނިމިދިޔަ ހަފްތާގައި ދާވެފައިހުރި އަހަރެންގެ ހެދުންތަކާއި އަންހެންގެ ހެދުންތަށް ދޮވެދިނުމެވެ. އެއަށްފައު ގޭތެރެއާއި ބަދިގެ ތެރެ ފޮޅާ ސާފުކޮށްދިނުމެވެ. ދެން މެންދުރަށް ލައިގެންކާނެ އެއްޗެއް ތައްޔާރުކުރުމެވެ. ބައެއްފަހަރު ކުކުޅު ރިހައެވެ. އަނެއްބައި ފަހަރު ފަރުމަސް ރިހައެވެ. މަދު ދުވަހެއްގައި ޕާސްތާ ނުވަތަ ސްޕެގެޓީއެވެ. އަދި ހުކުރަށް ދިއުމުގެ ކުރިން ފާޚާނާ ދޮވުންވެސް އެއީ އަހަރެން އާމްކޮށް ކުރާކަމެކެވެ. ހުކުރުދުވަސް ފިޔަވައި ހަފްތާގެ ކޮންމެދުވަހަކުވެސް މިދެންވި މަސައްކަތްތައް ކުރަނީ އަންހެހުން އެކަނި މާއެކަންޏެވެ.

އަހަރެން ހުކުރުން އަންނައިރު ދަރިފުޅަށް އޮންނާނީ ނިދިފައެވެ. ދެންއެވީ މެންދުރުގެ ކެއުމައިގެން އުޅޭށެވެ. ކައިގެން ތަށިތެލި ސާފުކޮށްލުމަށްފަހު އޮންނާނީ އަރާމުކޮށްލުމެވެ. އާމްގޮތެއްގައި އަހަރެން ބާޒާރުކުރަނީ ހުކުރުދުވަހުގެ ރޭގަނޑުއެވެ. އެހެން ވަގުތެއް ހަމަ ނުވަނީއެވެ.

ހުކުރު ދުވަހު ހަވީރަކީ ވަރަށް ޚާއްސަ ވަގުތެކެވެ. އަހަރެންގެ ގާތްރައްޓެހިންވެސް ސައިބޯލަން ދާން ގުޅާނެއެވެ. އަނެއްކޮޅުން މައިންބަފައިންނަށް ޒިޔާރަތްކޮށް ހާލުބަލާލަން ލިބޭ ވަގުތަކީވެސް އެއީއެވެ. އިސްކަންދޭނީ ކޮންބަޔަކަށް ހެއްޔެވެ. އަހަރެންގެ މަދު ރައްޓެހިންކޮޅަކީވެސް އަހަރެންނަށް ވަރަށް މުހިންމު ބައެވެ. ހަމައެފަދައިން އަހަރެން މީހަކަށް ހަދައި ހިތްފުރި ބަންޑުންދާވަރަށް ލޯބިދީ އޯގާތެރިވި އަހަރެންގެ މައިންބަފައިންގެ މަތިން ވެސް ހަނދާން ނައްތައެއްނުލެވޭނެއެވެ. މިކަން ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެކަމަށް ހީކުރަމެވެ. ދެރަތަންކޮޅަކީ އަހަރެންގެ އެކުވެރިންނަށް އަހަރެންގެ ދިރިއުޅުމުގެ ކަންތައް ރޭވިފައވާގޮތް ބަލައި ނުގަނެވޭތީއެވެ. މަންމަ އާއި ބޮޑުދައިތަމެންގެ ވާހަކަ ބާއްވާށެވެ. ފަހަރެއްގައި އެމީހުންގެ ޒުވާންދުވަސްވަރުގެ ދިރިއުޅުމުގެމާހައުލާއި އާދަކާދަތަކާއި ކުރާމަސައްކަތްތައް މިޒަމާނާ ތަފާތުވީމައި އެމީހުންނަށް އެހެން ހީވަނީކަމަށް ވެދާނެއެވެ. ނަމަވެސް އަހަރެންގެ ރައްޓެހިންނަކީވެސް ޒިންމާާދަރު ވަޒީފާތަކުގައި އުޅޭ ތަންދޮރު އޮޅުންފިލާ ހޭލުންތެރިން ކަމަށް އަަރެން ގަބޫލުކުރަމެވެ. އެމީހުންނަށް ނުވިސްނެނީ ކީއްވެބާވައެވެ.

މިކަމަކީ އަހަރެންނާއި އަހަރެންގެ ރައްޓެހިންނާ އެތައްފަހަރަކު ދެބަސްވެވި ބަހުސް ކުރެވިފައިވާ ކަމެކެވެ. އަނެއްކާ މިއަދުވެސް އެވާހަކަ ފެށިއްޖެއެވެ. އަހަރެން ބުނީމެވެ. އަހަރެންގެ ދިރިއުޅުމުގެ ކަންތައް މިވަގުތައްހުރީ މިހެންނެވެ. އަޅެ ތިޔައިގެ ތެރެއިން އެއްވެސް މީހަކު އެމީހާގެ ދިރިއުޅުން އަހަރެން މިކިޔައިދިންހާ ތަފްޞީލުކޮށް ބުނެދީބަލާށެވެ.

މިކަމަށް އިސްނެގިމީހާގެ ވާހަކަވެސް ކުރުގޮތަކަށް ކިޔައިދޭނަމެވެ. ހެނދުނު ތެދުވަނީ "ބާއްޖަވެރި ހެނދުނެއް" ކަމަށް އިއުލާނުކުރީމައެވެ. އެވީ އޮފީހަށް ދާށެވެ. ހަވީހު އޮފީސް ނިމިގެން ގެއަށް އައިސް އެވީ ނިދާލާށެވެ. މެޗެއް ކުޅޭދުވަހެއްނަމަ ދަނޑަށް ދާށެވެ. ރޭގަނޑު ނުވައެއް ދިހައެއް ޖަހާލީމާ އެވީ ކާށެވެ. ސިޔާސީ މަސްރަހުގެ ފިނިހޫނުމިން އިނގޭނެ ޓީވީ ޕޮރޮގްރާމުތަށް ބަލާށެވެ. އެއަށްފަހު ނިދާށެވެ.

އަހަރެން: ހެނދުނު އޮފީހައްދާން ވާއިރަށް ހެދުން ތައްޔާރުކުރަނީ ކާކުހެއްޔެވެ.
އެކުވެރިޔާ: ނޭނގެއެވެ. އަންހެނުން  ނުވަތަ ގޭގައި ގެންގުޅޭ މީހާއެވެ.
އަހަރެން: މެންދުރު ކައްކަނީ ކާކުހެއްޔެވެ.
އެކުވެރިޔާ: ހީވާގޮތުން ގެންގުޅޭމީހާއެވެ.
އަހަރެން: ދަރިފުޅު އިސްކޫލަށް ގެންދިއުމޯ؟
އެކުވެރިޔާ: ބައެއްފަހަރު އަންހެނުން. ބައެއްފަހަރު އަންހެނުންގެ ކޮއްކޮ.
އަހަރެން: ދެން ގޭތެރޭގެ އެހެން މަސައްކަތްތަކޯ؟
އެކުވެރިޔާ: ތިޔަ ހުރިހާ ތަފްޞީލެއް ނޭގެ. ގޭގައި އުޅޭނީ އަންހެނުންނާއި އަންހެނުންގެ ކޮއްކޮ އަކާއި އަންހެނުންނަށް ފަސޭހަކޮއްލަދެން ގެންގުޅޭ ލަންކާ މީހެއް. އެތަނުން ކޮންމެވެސް އެކަކު ކުރާނެ.
އެންމެ ރަނގަޅެވެ. އަހަރެންގެ ގޭގައި އުޅެނީ އަހަރެންނާއި އަހަރެންގެ އަންހެނުންނާއި، ނޮކޮޅުވަތް، ހަލަނި އެހަނަސް އަހަރުމެން ދެމީހުން ހިތާފުރާނައިން ލޯބިވާ އަހަރެމެންގެ ދަރިފުޅެވެ. އެކުވެރިންނެވެ. ތިޔައެކުވެރިންނާ އަހަރެން އެއްބަސް ވެއްޖައީމެވެ. އަހަރެން މިހުރީ އަނބިދަށުވެފައެވެ. އަދި ހުންނަން ބޭނުމީވެސް މިގޮތަށް ދަށުވެފައެވެ. ނަމަވެސް އެއްކަމެއް އަހަރެންނަށް ކޮށްލަދޭށެވެ. މިލިޔުން ތިޔައެކުވެރިން ކިޔާލުމަށްފަހު ތިޔައެކުވެރިންގެ އަނބިންނަށްވެސް ދައްކާލާށެވެ. އަދި މިކަމާ އެމީހުންގެ ޚިޔާލުވެސް ހޯދާލާށެވެ. އަހަރެން މިހުރީ އަނބި ދަށުވެފައި ހެއްޔެވެ؟

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ