އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (11)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ބިންމާ އިބްރާހީމް ވަޙީދު


08 އޮގަސްޓް(އާދިއްތަ) އާ ގުޅޭ....

9. ފާގަތި ކަމާއެކު ދިރިއުޅުން

މީހެއްގެ ވިއްޔާ ގޮތެއް ހުންނަންވާނެއޭ ބުނާ އަޑު، ވަރަށް ގިނައިން އިވޭނެ އެވެ. އެއީ، ދޫ ފަސޭހަ އަކަށް ބުނެލާ އެއްޗެއް ނޫނެވެ. އެކަމަކު، ވަރަށް ހަރުދަނާ، ފުން މާނަތަކެއް އޭގައި އެކުލެވިފައިވާ "ނަސޭހަތެއް" ވެސް މެއެވެ. އެހެން މީހުން ތިމާ ދެނެގަންނަނީ، ހަމައެކަނި ނަމަކުން ނޫނެވެ. ތިމާގެ ސުލޫކަކީ ވެސް، ތިމާ ދެނެގަތުމުގައި އެހެން މީހުން ފާހަގަކުރާ ސިފައެކެވެ. ސުލޫކަކީ، ތިމާ އުޅޭގޮތް ނުވަތަ ޢަމަލުތައް ހުންނަ ގޮތެވެ. ވިޔަޔާދިއުމާއި، ހަރުދަނާކަމާއި، ފަރުވާކުޑަކަމާއި، އޯގާތެރި ފަދަ ދަރަޖަތައް ތިމާ އަށް ލިބެނީ، މި ބުނާ ސުލޫކު ވަޒަންކުރުމަށްފަހު، ނުކުންނަ ނަތީޖާއެއްގެ ސަބަބުންނެވެ. ސުލޫކު ރަނގަޅު ކުރުމަށްޓަކައި، ކޮންމެ ދުވަހަކު ތިމާ ވަކި މިންވަރަކަށް ކުރަންޖެހޭ ޢަމަލުތަކެއް ހުރެއެވެ. ނުވަތަ އަދާކުރަންޖެހޭ ވާޖިބުތަކެއް ހުރެއެވެ. ސުލޫކު ހަރުދަނާ ކުރުމުގެ ސަބަބުން، ކަންކަމުގައި ތިމާ ދެކޭ ގޮތާއި، ތިމާ އަޅާ ފިޔަވަޅުތަކަށް ބާރުފޯރުވައެވެ. ދިރިއުޅުމުގައި ތިމާ އަޅާ ފިޔަވަޅުތައް ފަހުން އާދަވެއެވެ. ތިމާ ކަނޑައަޅާ މަންޒިލަށް ތިމާ ވާސިލުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ތިމާގެ އާދަތަކެވެ. ކަށީގައި ހިފާފައި ހުންނަ ކަންކަން ހަރުދަނާ ކަމުގައި ވަންޏާ ތިމާ އަކީ ކާމިޔާބު މީހަކަށް ވެއެވެ. ނޫން ނަމަ، މަގުއޮޅި، ބޭކާރު މީހަކަށް ތިމާ ވެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކަމެއް ކުރަނީ އެ ކަމެއް ކުރަން ހިތަށްއެރީމަ އެވެ. ކަމަކަށް އާދަވަނީ އެ ކަމެއް ކުރީމަ އެވެ. ސުލޫކު ބިނާ ވަނީ ހަރުލާ އާދަތަކެއްގެ ސަބަބުންނެވެ. ދާން ބޭނުންވާ މަންޒިލަށް ވާސިލުކޮށްދެނީ ތިމާގެ ސުލޫކުގެ ސަބަބުންނެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ، ތިމާގެ ސުލޫކު ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ޖަވާބަކީ، "ރަނގަޅު" ސިފަތަކެއް ތިމާގެ ކިބައިގައި ހަރުލެއްވުމެވެ. ރަނގަޅު ސިފަތަކަކީ، ކުރުކޮށް ބުނަންޏާ، ހިތްހެޔޮކަމާއި، ކެތްތެރިކަމާއި، ތެދުވެރިކަމާއި، ހިތްވަރާއި އަދި އީމާންތެރިކަމެވެ. މި ސިފަތަކުގެ އެހީގައި، ތިމާގެ ނަފުސަށް ހަމަޖެހުމާއި އަމާންކަން ގެނެސްދޭނެ އެވެ. ނަތީޖާ އަކަށް ވާނީ، ރޫޙާނީގޮތުން ތިމާ އަށް ކާމިޔާބު ލިބުމެވެ. ސަބަބަކީ، ތިމާ އަށް ކުރެވޭނީ ހައްތަހާ ވެސް ރަނގަޅު ކަންތައްތައް ކަމުގައިވާތީ އެވެ.
 
ރަނގަޅު ކަންތައްތައް ކުރަން ދަހިވެތިވާށެވެ. އެހެން މީހުންނާ ވާދަކުރާށެވެ. ވާދަކޮށް، ކުރިއަރައިދާށެވެ. އޭރުން، ދިމާވާ އެހެން ކަންތައްތައްތަކުން، އުނދަގުލަކާ ނުލައި ސަލާމަތްވާނެ އެވެ. ކަށަވަރުން ވެސް އެނގޭނެ ފަދައިން، އެއްވެސް ވަގުތެއްގައި ތިމާ އެކަންޏެއް ނުވާނެ އެވެ. ވީމާ، ހަރުދަނާ ސުލޫކެއް ބިނާކުރުމަށްޓަކައި، ކޮންމެ ދުވަހަކު ކުރަންޖެހޭ ކުދިކުދި ކަންތައްތަކެއް ހުންނާނެ އެވެ. މިސާލަކަށް، ބިލެއް ދައްކަން ގޮސް ކިޔުގައި ހުންނަންޖެހިއްޖެ ނަމަ ކެތްތެރިވުމެވެ. ޓްރެފިކު ގިނަވެގެން އަވިގަނޑުގައި ހުންނަންޖެހިއްޖެ ނަމަ ރުޅިމަޑުކުރުމެވެ. މީހަކު ސަލާންޖަހަފި ނަމަ، ވީ ވަރަކުން އެހީވުމެވެ. ސޭޓު ބާކީ ލާރި އިތުރަށް ދީފި ނަމަ، އަނބުރާ ރައްދުކުރުމެވެ. ކޮންމެ ދުވަހަކުމެ، އެ ފަދަ އެތަކެއް އިމްތިޙާންތަކެއް ތިމާ އަށް ކުރިމަތިވާނެ އެވެ. އޭގެން ފެއިލްވެއްޖެ ނަމަ، ހިތްހަމަޖެހިގެން ތިމާ އަކަށް ނޫޅެވޭނެ އެވެ. ސުލޫކު ރަނގަޅެއް ނުވާނެ އެވެ. އެހެން މީހުންގެ ކުރިމަތީގައި ތިމާގެ އަގެއް ވެސް ނޯންނާނެ އެވެ.

10. ސާދާ ދިރިއުޅުމަށް ލޯބިކުރުން

އެންމެ ފަހުން ބުންޏަސް މިއީ އެންމެ ފަހުން ތިމާ ކުރަންޖެހޭ ކަންތަކެއް ނޫނެވެ. އެކަމަކު، އަބަދު ވެސް މި ކަމަަށް ސަމާލުކަން ދޭންވާނެ އެވެ. ކިތަންމެ ތަނަވަސް ވިޔަސް، ކިތަންމެ މުއްސަނދި ކަމުގައި ވިޔަސް، މެދު މިންވަރަށް ލޯބިކުރާށެވެ. ކޮންމެހެން ކުރަންޖެހޭ، ހަރުދަނާ ކަންކަން ކުރާށެވެ. ފިލްމެއް ބަލައިލުމަކީ، ހިތްހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ ކަމަކަށް ވެދާނެ އެވެ. އެއީ ބޭކާރު ކަމެއް ނޫނެވެ. ކުޅިވަރު ކުޅުމަކީ ވެސް ހަރުދަނާ ކަމެކެވެ. އެކަމަކު، ކަންކަން ކުރަންޖެހޭ މިންވަރަކާއި، ވަގުތަކާއި، އުސޫލެއް އޮންނާނެ އެވެ. ބަލަން އެކަށީގެންނުވާ، މަނާ ފިލްމާއި، ކުޅުން އެކަށީގެންނުވާ، މަނާ ކުޅިވަރު ވެސް ހުންނާނެ އެވެ. އެ ކަން ދަންނަންވާނެ އެވެ. އޭރުން ތިމާ އުޅޭނީ ހިތްހަމަޖެހިގެންނެވެ.

ހަމަ އެ ފަދައިން، ކަންދެއްކުމަށްޓަކައި އަގުބޮޑު ފޭރާން ބޭނުން ނުކުރާށެވެ. އެންމެ ފަހުގެ، އަގުބޮޑު ސެންޓުޖަހަން އާދަނުކުރާށެވެ. އެންމެ ފަހުގެ ފައިވާނާއި، ބޫޓާއި، މޯބައިލް ފޯނާއި އަދި ގަޑި އަށް ލޯބިނުކުރާށެވެ. ނުކުރެވޭ ވަރަށް މަސައްކަތް ނުހިފާށެވެ. ބައެއް ފަހަރު މަސް ނުކައި ތަރުކާރީ ކާށެވެ. ކާ ކޮންމެ ފަހަރަކު ޖޫސް ނުބޮއި ފެން ވެސް ބޯށެވެ. ހުސް ވަގުތު އަބަދު ކޮފީ ނުބޮއި، ތާޒާ މޭވާގެ ޖޫސްތައްޓެއް ވެސް ބޯން އާދަކުރާށެވެ. ކޮންމެ ފަހަރަކު މަތިން އަރާ ވަރަށް ނުކާށެވެ. ހަމައެކަނި މީރު ކާނާ ކެއުމުގެ ބަދަލުގައި، ހަށިގަނޑަށް ފައިދާހުރި ކާނާ ވެސް ކާށެވެ. އިސްރާފު ނުކުރާށެވެ. ތިމާގެ ބޭނުންތައް މަދު ކުރާށެވެ. ފެންނަ ކޮންމެ އެއްޗަކަށް ދަހިވެތިނުވާށެވެ. ނޫން ނަމަ، ދުވަހަކު ވެސް ތިމާ ހިތްހަމައެއްނުޖެހޭނެ އެވެ. އަތުގައި އޮތް ފޯނު ބަރާބަރަށް ބޭނުން ކުރެވެންޏާ، އެހެން ފޯނެއް ގަތުމުގެ ބޭނުމެއް ނޯންނާނެ އެވެ. ދެ ކަންފަތް ހުއްޓަސް، އެއް ފަހަރާ ދެ ފޯނުން ވާހަކައެއް ނުދެއްކޭނެ އެވެ.
 
ތިމާގެ ބޭނުންތައް މަދުނުކުރާހާ ހިނދަކު، އަމާންކަމުގެ ނިންޖެއް ނާންނާނެ އެވެ. ފުރަތަމަ ފައިސާ އެވެ. ފައިސާ ލިބުމުން މަހުޖަނަކަށް ވުމެވެ. މަހުޖަނަކަށް ވުމުން ޝަރަފެވެ. ޝަރަފު ލިބުމުން މަޝްހޫރުކަމެވެ. ނިމުމެއް އެބައޮތް ހެއްޔެވެ؟ އެއް ޒަމާނެއްގައި އުޅުނު ރަސްކަލެކޯލަ އެވެ. އޭނަ ބޭނުންވީ އޭނަ އަތްލާ ކޮންމެ އެއްޗެއް ރަނަށް ވާށޯލަ އެވެ. އެ ގޮތަށް އެ ކަން ހަމަޖެހުނެވެ. އޭނަ އަތްލާ ކޮންމެ ކާނާއެއް ރަނަށް ބަދަލުވި އެވެ. އަނބިމީހާ އާއި ދަރިން ވެސް ރަނަށް ބަދަލުވި އެވެ. ރަސްގެފާނަށް ލިބުނު އެއްވެސް އުފަލެއް ނެތެވެ. އެއީ ފުލޯކު ވާހަކައަކަށް ވިޔަސް، އެ ފަދަ ޙަޤީޤީ ވާހަކަ ވެސް އެބަހުއްޓެވެ. ތިމާ ބޭނުންވި މުއްސަނދި މީހާ އަށް ތިމާ ވިއިރު، ތިމާ އަށް ކެވޭ ހަމައެކަނި އެއްޗަކީ، ފެނުކެއްކި ތަރުކާރީ އާއި އާޓާ ފުށުގެ ރޮށި ކަމުގައި ވަނީ ކިތައް މީހުން ހެއްޔެވެ؟ ސަބަބަކީ ކޮބައި ހެއްޔެވެ؟ ކެއިންބުއިމުގައި އޭނަ ގެންގުޅުނު އާދަތަކާއި، ދިރިއުޅުމުގައި ގެންގުޅުނު އާދަތައް ކަމުނުދަނީ އެވެ.

ހިތްހަމަޖެހުމަކީ ފައިސާ ކަމުގައި މީހުން ދެކޭއިރު، ފައިސާވެރިންގެ ދިރިއުޅުމުގެ ފަރުދާގެ ފުރަގަސް ފެންނަނީ މަދު މީހަކަށެވެ. މާމަ ދަރިފުޅު ނުވަތަ ކާފަ ދަރިފުޅުގެ ފުރަތަމަ އުފަންދުވަހު ފެޅި ކޭކު ރަހައެއް ނުބެލެ އެވެ. ހަކުރު ކެއުން މަނާކޮށްފައިވާތީ އެވެ. ކުޅިއެއްޗެއް ނުކެވެއެވެ. މެއިން ދިލައަރާތީ އެވެ. ކޯކު ފަދަ "ފިޒީ ޑްރިންކެއް" ނުބޮވެއެވެ. ގޭސް އުފެދޭތީ އެވެ. އެ ތަދު ތިމާ އަށް އިހުސާސްވުމުން، އެ ދިރިއުޅުން ދޫކޮށްލައި، ވަގުތު ހޯދައިގެން ކަސްރަތުކޮށް، ރަނގަޅު ބަދަލުތަކެއް ދިރިއުޅުމަށް ގެނައުމުން، ގެއްލުނު އުފަލުގެ ކޮންމެވެސް މިންވަރެއް އަލުން ހޯދެއެވެ. ކުރިން ބުނިހެން، ތަދަކީ ވެސް، ބައެއް ފަހަރު ވަރަށް ރަނގަޅު މުދައްެރިސެކެވެ.

ސާދާ ދިރިއުޅުމެއް އުޅެން ބޭނުން ނަމަ، ކުރެވިދާނެ ބައިވަރު ކަންތައްތައް ހުންނާނެ އެވެ. ވަގުތު ފާއިތުވުމުގެ ކުރިން، ކުރަން ހުރި ކަމެއް ހުއްޓާލާފައި އަޅުކަން ކުރާށެވެ. އަޅުކަން ފަސްކޮށްފައި މަސައްކަތް އިސް ނުކުރާށެވެ. ރިންގުވާ ކޮންމެ ފަހަރަކު ފޯނު ނުނަގާށެވެ. އަރާމުކުރާ ވަގުތު އަރާމުކުރާށެވެ. ނިދާ ވަގުތު ނިދުމަށް ޚާއްޞަކުރާށެވެ. ޖަންކް މެއިލް ކިޔުމުގައި ވަގުތު ބޭކާރު ނުކުރާށެވެ. ހަތަރުއިރު، ބަނޑު ފުރެންދެން ނުކާށެވެ. އަބަދު އޮފީހުގައި ނުވަތަ ފިހާރައިގައި ނޫޅޭށެވެ. ޢާއިލާއާ އެކުގައި ވަގުތު ހޭދަކުރާށެވެ. މަދުމަދުން ނަމަވެސް، އިރުއަރާ މަންޒަރު ބަލައިލާށެވެ. ގަޑި ނުވަތަ މޯބައިލް ފޯނާ ނުލައި، މަހަކު އެއް ދުވަސް ނަމަވެސް ހޭދަކޮށްލާށެވެ. ބައެއް ފަހަރު، ދުރު ތަންތަނަށް ވެސް ފައިމަގުގައި ދާށެވެ.

ކުރިން ބުނި ތިއަރީ ދަސްކުރުމަށްޓަކައި ތިމާ ކުރަންޖެހޭ 10 ކަންތައް މި ކިޔައިދެވުނީ އެވެ. އެ ހުރިހާ ކަމަކީ ވެސް، ފާހަގަކުރެވޭނެ ފަދައިން، ކުރެވިދާނެ ކަންތައްތަކެވެ. ބުނެދިނީމައި ވިސްނާލަން ފަސޭހަ ކަންތަކެވެ. ދެން ހުރި ކަންތައްތައް އެހެން ނުވެ ހިނގައިދާނެ އެވެ. ތިމާގެ ސުލޫކު ރަނގަޅުކޮށް، ބުއްދި ހަރުދަނާކޮށް، ރޫޙާނީ ބިންގާ ވަރުގަދަ ކުރުމުން، ތިމާގެ ވަށައިގެންވާ މާހައުލަށް ވެސް އޭގެން އަސަރުކުރާނެ އެވެ. ތިމާގެ ދިރިއުޅުން، ރަނގަޅު މިސްރާބުތަކަށް ދީލަން ފެށުމުން، ތިމާގެ އިތުރަށް، ތިމާގެ ޢާއިލާ އާއި އެކުވެރިންނަށް ވެސް އޭގެ ފައިދާކުރާނެ އެވެ. ދެން އުފެދިދާނެ ސުވާލަކީ، މި ހުރިހާ ކަމެއް ކުރުމަށްފަހުގައި ވެސް، ތިމަންނަ އަށް ހިތްހަމަޖެހުން ނުލިބި ނާކާމިޔާބު ވެއްޖެއްޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟

ފުރަތަމަ ވިސްނާލާށެވެ. ނާކާމިޔާބަކީ ކޮބާ ހެއްޔެވެ؟ ނާކާމިޔާބަކީ، ކަމެއް ކުރާނެ ހިތްވަރު ތިމާ އަށް ނުލިބުމެވެ. އެ ނޫން އެހެން އެއްވެސް އެއްޗެއް ނޫނެވެ. ތިމާ ދެކޭ ހުވަފެނެއް ޙަޤީޤަތަކަށް ހެދުމުގެ ހަމައެކަނި ހުރަހަކީ، ނާކާމިޔާބު ވެދާނެ ކަމުގެ ބިރެވެ. އެކަމަކު، ކާމިޔާބުގެ ތަޅުދަނޑި އަކީ ވެސް ނާކާމިޔާބެވެ. ނާކާމިޔާބުގެ ސަބަބުން، ތިމާގެ ޤާބިލުކަން އިމްތިޙާން ކުރެވި، ކުޅަދާނަކަން އިތުރު ކުރުމަށް ފުރުޞަތުލިބެ އެވެ. ފިލާވަޅުތަކެއް ދަސްކޮށްދީ، ކާމިޔާބަށް މަގުދައްކަނީ ވެސް ނާކާމިޔާބެވެ. ތަޖުރިބާކާރު ވިޔަފާރިވެރިއެއް ގާތުގައި، އޭނަ އަށް ތަޖުރިބާ ލިބުނީ ކިހިނެތްހޭ އަހާށެވެ. ނާކާމިޔާބު ދެކެ ބިރުނުގަންނާށެވެ. ނާކާމިޔާބަކީ އެކުވެރިއެކެވެ.

ކަޅު މުންޑު

ވާހަކައިގައި ބުނެފައިވާ ކަޅު މުންޑު ރަމްޒުކޮށްދެނީ، އަމިއްލަ ނަފުސްގެ މައްޗަށް ތިމާ ފޯރުވާ ބާރާއި އަދި ހިތްހަމަޖެހިގެން އުޅުމަށްޓަކައި ކޮންމެހެން ބޭނުންވާ ޚަޞީލަތެވެ. މުންޑަކީ އޮރިޔާން ނިވާކޮށްދޭ ފޭރާމެކެވެ. އެ މުންޑު ތައްޔާރުކުރެވިފައިވާ ގޮތާމެދު ފިކުރުހިންގާލާށެވެ. އެއީ، ރޮއްޖަކާ ޖެހި ރޮއްޖެއް ގަތައިގެން ހަދާފައިވާ ފޮތިގަނޑެކެވެ. އޭގެ ޒާތުގައި ކޮންމެ ރޮއްޖަކީ، ވަކިން އޮންނައިރު ބަލިކަށި އެއްޗެކެވެ. އެހެންނަމަވެސް، އެއްކޮށްލުމުން އޭގެ ބާރު ވަރަށް ގަދަވެ އެވެ. އަމިއްލަ ނަފުސް ކޮންޓުރޯލުކޮށް، އެ އަށް ބާރު ފޯރުވުމާއި، ތިމާގެ ޢަޒުމަކީ ވެސް އެ ފަދަ އެއްޗެކެވެ. އެކަތައާ އެއް ފެންވަރަށް ޢަޒުމް ވަރުގަދަ ކުރުމަށްޓަކައި، ސުލޫކީގޮތުން، ކުދިކުދި، ރަނގަޅު ބަދަލުތަކަކަށް ތިމާ މަރުޙަބާ ކިޔަންޖެހެ އެވެ. ދާއިމީގޮތެއްގައި، އެ ބަދަލުތައް ތިމާގެ ކިބައިގައި އަށަގަންނަން ފެށުމުން، އެއް ހެޔޮ ބަދަލަކާ ޖެހި އަނެއް ހެޔޮ ބަދަލު ގެތިގެން، ސުލޫކީ ގޮތުން ރަނގަޅު އާދަތަކެއް ތިމާގެ ކިބައިގައި ހަރުލާނެ އެވެ. ޢަޒުމްގެ މައްޗަށް ތިމާ ފަތަޙަ ހޯދުމުން، ތިމާގެ ދިރިއުޅުމުގެ ބައްތެލީގެ ނެވިކަން ތިމާ އަށް ލިބެއެވެ. އެހެންކަމުން، އެ ބައްތެއްޔަށް އޮބިނޯންނަ އެއްވެސް ކަނޑެއް ނޯންނާނެ އެވެ. ނުކުޅަދާނަވާ ވަރުގެ ރާޅެއް ނުވަތަ ހިފާއްޓާނުލެވޭ ވަރުގެ ތޫފާނެއް ނާންނާނެ އެވެ. ފައްކާވާންވީ ލައިގެން ހުންނަ ގަމީހެއް ނޫނެވެ. އެކަމަކު، އިޖުތިމާޢީ ފޭރާމެވެ.

ޢަޒުމް ބަލިކަށިވުމަކީ ނަފްސާނީ ބައްޔެކެވެ. އެ ބައްޔަށް އަވަސް ފަރުވާއެއް ހޯދަން ޖެހޭނެ އެވެ. ކަމެއް ކުރާނަމޭ ތިމާ ބުނުމުން، އެ ކަމެއް ކުރުމަށް މަގުފަހިވަނީ ވެސް ޢަޒުމެއް އޮތީމަ އެވެ. ފަތިހު ހޭލެވުމާއި، ކަސްރަތު ކުރެވުމާއި، ކަންނެތްކަމާ ތަޅާފޮޅައިގެން ތިމާ ގަދަވަނީ ވެސް ޢަޒުމްގެ އެހީގަ އެވެ. މީހަކު ތިމާ އަށް މަލާމާތްކުރާ ހިނދު ތިމާގެ ދޫ ހިމޭނުން ބޭއްވުމާއި، ރުޅިއެރުވުމުން ތިމާ އަށް ކެތްކުރެވެނީ ވެސް ތިމާގެ ޢަޒުމް ވަރަގަދަވީމަ އެވެ. ނުކުރެވޭނެހެން ހީވިޔަސް އެ ކަމެއް ކުރެވޭތޯ ބެލުމަށް ތިމާ އަށް ބާރުއެޅުމާއި، ވަޢުދެއް ވުމުން އެ ވަޢުދު ފުއްދުމަށް ހިތްވަރުދެނީ ވެސް ތިމާގެ ޢަޒުމެވެ.
 
ކަންކަމުގައި ވާދަކުރުމުގައި، އެހެން މީހުންނާއި ތިމާ އަޅާނުކިޔާށެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އަޅާކިޔަންޏާ، އަބަދު ވެސް ތިމާއާ އަޅާކިޔާށެވެ. ކުރަން ބޭނުންވާ ކަންތައްތައް، އެއްވެސް ޖެހިލުމަކާ ނުލައި ކުރާ މީހުން އުޅެއެވެ. ހަމަ އެއާއެކު، ކުރިމަތިލާން ނުކެރި، ފަސްޖެހޭ މީހުން ވެސް ވަރަށް ބައިވަރެވެ. ކަންކަމަށް އިސްނެގުމުގެ ބަދަލުގައި، ސަފުގެ އެންމެ ފަހަތުގައި ހުންނަން އެ ފަދަ މީހުން ލޯބިކުރެއެވެ. އެ ފަދަ މީހުންގެ ދިރިއުޅުން އޮންނާނީ ވިއްސިވިހާލި ވެފަ އެވެ. އެކަމަކު، އެކުވެރިއަކަށް ކަމެއް ޖެހުމާއެކު، ދެފަޔަށް ބާރުލާފައި، އެކުވެރިޔާ އަށް އެހީވުމަށް ދުއްވައިގަނެއެވެ. މޮޅެތި ޚިޔާލުތައް އޮއްސާލަ އެވެ. ފުރަތަމަ ޙައްލުކުރަންވީ ތިމާގެ މައްސަލަތައް ކަމެއް އެ ފަދަ މީހުންނަކަށް ނުވިސްނެ އެވެ. ތިމާގެ ދިރިއުޅުން އޮޔާދަނީކަމެއް ނޭނގެ އެވެ.
ޢަޒުމް ވަރުގަދަވާ ވަރަކަށް ލިބޭ މިނިވަންކަން ބޮޑުވާނެ އެވެ. ގެ އާއި މިނިވަންކަން ދާދި އެއްގޮތެވެ. އެ ބިނާ ކުރެވޭނީ ގަލަކަށް ފަހު ގަލެއް ބަހައްޓައިގެންނެވެ. ފުރަތަމަ ބާއްވަންޖެހޭ ގަލަކީ ޢަޒުމެވެ. އޭގެ ސަބަބުން، އެ ވަގުތެއްގައި ކުރަންވީ އެންމެ އިސް ކަމަކީ ކޮބައިކަން ދަނެގަންނަން ފަސޭހަވެ އެވެ. ހިތްވަރާ އެކު މަސަތްކަތް ކުރުމަށް ބޭނުންވާ ހަކަތަ ލިބިދެއެވެ. އަދި، މިހާރު ތިމާ އުޅެމުން ގެންދާ ދިރުއުޅުމުގައި ދެމިހުރުމުގެ ބަދަލުގައި، ތިމާ އަބަދު ވެސް އުންމީދުކުރި ދިރިއުޅުން ހޯދުމަށް މަގުފަހިކުރާ އެކުވެރިއަކީ ވެސް ޢަޒުމް ނޫން އެހެން އެއްޗެއް ނޫނެވެ. ގަބޫލުކުރަން ދަތި ވިޔަސް، ޢަޒުމް ވަރުގަދަކުރުމުން، ފިކުރުތަކާ ދުރަށް ދެވޭނެ އެވެ. ދުޅަހެޔޮ ޞިއްޙަތުގެ އިތުރުން، ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދޭނެ އެވެ.
 
މިސާލެއް ބުނެލާނަމެވެ. ތިމާ ކަނޑައެޅި އެއް އަމާޒަކީ، ކޮންމެ ދުވަހަކު ހެނދުނު ހައެއް ޖަހާއިރު ހޭލައި، ދުވަން ދިޔުން ކަމުގައި ބަލާށެވެ. ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެކެވެ. ނިދި އެންމެ ގަދަވެފައިވަނިކޮށް، ގަޑި ސޯނާވެގެން ހޭލެވުނީ އެވެ. އެންމެ ފުރަތަމަ ބޭނުންވާނީ، ސޯނާ ނިއްވާލާފައި ނިދާލާށެވެ. "މާދަމާ" ހޭލާފައި ދުވަންދާނީއޭ ހިތަށްއަރާފަ އެވެ. މި ފަދައިން އެތައް ދުވަހެއް ވަންދެން މި ކަން ތަކުރާރުވެދާނެ އެވެ. އެންމެ ފަހުން ހިތަށްއަރާނީ، ހެނދުނު ހޭލައިގެން ދުވަން ދިޔުމަކީ ތިމަންނަ އަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ ޚިޔާލު ދޫކޮށްލާނީ އެވެ. އެހެން ހާލަތެއް ވިސްނާލަމާ ހިނގާށެވެ. ހަމަ ވިއްސާރަ މޫސުމެވެ. ގަޑި ސޯނާވެގެން ހޭލެވުނީ އެވެ. ސޯނާ ނިއްވާލާފައި ނިދާލަން ބޭނުންވީ އެވެ. އެހެންނަަމަވެސް، ކަންނެތްވުމުގެ ބަދަލުގައި، ކަސްރަތުގެ ސަބަބުން ތިމާ އަށް އަންނާނެ ހެޔޮ ބަދަލު ތިމާ ތަސައްވުރު ކުރީ އެވެ.
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ