Print

ގިނަ އަނތްބަށް ނުވަތަ ގިނަ ފިރިޔަށް މީހުނާ އިނުން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ސުވާލު:     އިސްލާމްދީން ފިރިހެނަކަށް އެކަކަށްވުރެ ގިނަމީހުނާ އިނުމުގެ ހުއްދަ ދެއްވައިފައިވަނީ ކީއްވެގެންތޯއެވެ؟ އެހެން ޢިބާރާތަކުން ދަންނަވާނަމަ، އިސްލާމްދީން ތަޢައްދުދުލްއަޒްވާޖު ހުއްދަ ކުރައްވައިފައިވަނީ ކީއްވެތޯއެވެ؟

ޖަވާބު:

ގިނަ އަނތްބަށް މީހުނާ އިނުން

    ތަޢައްދުދުލްއަޒްވާޖުގެ މަޠްލަބަކީ، އެކަކަށްވުރެ ގިނަމީހުނާ ކާވެނި ކުރުމެވެ. އެކަކަށްވުރެ ގިނަމީހުނާ ދެގޮތަކަށް ކާވެނި ކުރެވިދާނެއެވެ.

1.    ފިރިހެނަކު އެއް އަނތްބަށްވުރެ ގިނަ އަނބީން ބައިތިއްބުން.
2.    އަންހެނަކު އެއް ފިރިޔަކަށްވުރެ ގިނަ ފިރީން ބައިތިއްބުން.

    ބަޔާންކުރެވުނު ދެގޮތުންކުރެ އެންމެ ފުރަތަމަގޮތަށް އިނގިރޭސިބަހުން ކިޔަނީ، Polygamy އެވެ. ދެވަނަ ގޮތަށް ކިޔަނީ، Polyandry އެވެ. އެންމެ ފުރަތަމަ މިދެންނެވި ގޮތް އިސްލާމްދީނުގައި ވަނީ ކަނޑައެޅިފައިވާ އިމެއްގެ ތެރޭގައި ހުއްދަ ކުރައްވައިފައެވެ. ދެވަނަޔަށް ދެންނެވި ގޮތްވަނީ މުޅީން މަނާކުރައްވައިފައެވެ. އެހެންކަމުން، އަސްލު ސުވާލާ ދިމާޔަށް އެނބުރިދާއިރު، އިސްލާމްދީން ފިރިހެނަކަށް އެއް އަނތްބަށްވުރެ ގިނަ އަނތްބަށް ކާވެނި ކުރުމުގެ ހުއްދަ ދެއްވީ ކީއްވެތޯ އަޅުގަނޑުމެން ވިސްނައިލަން އެބަޖެހެއެވެ.

(1)    [އެންމެ އަންހެނަކާ ކާވެނި ކުރާށެވެ.] އަމުރުކުރާ ދީނީ ފޮތަކަށް، ދުނިޔޭގައިވާ ހަމައެކަނި ފޮތަކީ ކީރިތި ޤުރްއާނެވެ.

    ކީރިތި ޤުރްއާނަކީ އެންމެ އަންހެނަކާ ކާވެނިކުރަން އަމުރުކުރާ ހަމައެކަނި ދީނީ ފޮތެވެ. ދުނިޔޭގައިވާ ދީނީ އެހެން އެއްވެސް ފޮތެއްގައި، އެންމެ އަންހެނަކާ ކާވެނިކުރާކަށް އަންގައިފައެއް ނުވެއެވެ. ދީނީ އެހެން އެއްވެސް ފޮތެއްގައި އަނބީންގެ ޢަދަދަކަށް އެއްވެސް ހުރަހެއް އަޅައިފައެއް ނުވެއެވެ. ވަކި ޢަދަދެއް ހިފަހައްޓައިފައެއް ނުވެއެވެ. [ވެދު] ކަމުގައިވިޔަސް، [ރާމާއިން] ކަމުގައިވިޔަސް، [މަހާބަހާރަތު] ކަމުގައިވިޔަސް، [ގީތާ] ކަމުގައިވިޔަސް، [ތަލްމޫދު] ނުވަތަ [ބައިބްލް] ކަމުގައިވިޔަސް މެއެވެ. މިއިން އެއްވެސް ފޮތަކާ ޚިލާފުނުވެ، އެ ފޮތްތަކާ އެއްގޮތަށް ފިރިހެނަކަށް އެމީހަކު ބޭނުން ޢަދަދެއްގެ އަންހެނުންނާ އެއްފަހަރާ ކާވެނި ކުރެވިދާނެއެވެ. ހިންދީންނާއި ކްރިސްޓިޔަނުންނަށް އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުން މަނާވީ، ފަހުގެ ތާރީޚުތަކުގައެވެ. އެކަން މަނާކުރީ، އެބައިމީހުންގެ ދީނީ ފޮތްތަކެއް ނޫނެވެ. ހިންދީންގެ ދީނީ ޒަޢީމުންނާއި، ކްރިސްޓިޔަން ފާދަރުން އަމިއްލައަށެވެ.

    ހިންދީންގެ ދީނީ ފޮތްތަކުން އެނގޭގޮތުގައި، ހިންދީންގެ ދީނީ ވަރަށްގިނަ ޝަޚްޞިއްޔަތުންވަނީ އެއް އަނތްބަށްވުރެ ގިނަ އަނބީން ގެންގުޅެފައެވެ. މިސާލެއްގެ ގޮތުން ރާމްޗަންދަރުޖީގެ ބައްޕަ، ރާޖާ ދަޝްރުތުގެ އެއް އަނތްބަށްވުރެ ގިނަ އަނބީން ތިއްބެވެ. ހަމައެފަދައިން ކްރިޝަންޖީގެވެސް ވަރަށްގިނަ އަނބިން ތިއްބެވެ.

    ކުރީޒަމާނުގައި ކްރިސްޓިޔަން ފިރިހެނުންނަށް އެބައިމީހުން ބޭނުން ޢަދަދަކަށް އަނބީން ގެންގުޅުމުގެ ހުއްދަ އޮތެވެ. ސަބަބަކީ، ބައިބްލް އަނބީންގެ ޢަދަދު ވަކިވަރަކަށް ހިފަހައްޓައިފައި ނެތުމެވެ. މަދު ޤަރްނުތަކެއްގެ ކުރީން، ޗާޗުން އެކަން މަނާކުރީއެވެ.

    ޔަހޫދިއްޔަތުގައިވެސް ގިނަ އަނތްބަށް މީހުނާ އިނުމަކީ ހުއްދަ ކަމެކެވެ. [ތަލްމޫދު] ގެ ޤާނޫނުގައިވާގޮތުން، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ތިން އަނބިކަނބަލުން ތިއްބެވިއެވެ. (ދާއޫދުގެފާނުގެވެސް އެތައް ބައިވަރު އަނބިކަނބަލުންނެއް ތިއްބެވިއެވެ. – މުތަރްޖިމް) ސުލައިމާން ޢަލައިހިއްސަލާމްގެ އެތައް ބައިވަރު އަނބިއަނބިކަނބަލުން ތިއްބެވިއެވެ. ޔަހޫދިއްޔަތުގައިވެސް ގިނަ އަނތްބަށް މީހުނާ އިނުމުގެ ހުއްދަ އޮންނަމުންއައިސް، ޔަހޫދީންގެ ރައްބީއެއް ކަމުގައިވާ ގަރްޝޫމް ބުނު ޔަހޫދާހް (Gershom Ben yehya-960-1030) ޤަރާރެއް ނެރެ އެކަމަށް ހުރަސް އެޅިއެވެ. ނަމަވެސް، ޔަހޫދީންގެ ޕުރްތުގާލީ ފިރުޤާގެ މީހުން 1950 އާ ހަމައަށް އެއް އަނތްބަކަށްވުރެ ގިނަ އަނތްބަށް މީހުނާ އިންނަމުން އައެވެ. އެންމެފަހުން އިސްރާއީލުގެ ޗީފް ރައްބީ (Chief Rabbinate of Israel) ނެރުނު އެކްޓެއްގެ ދަށުން، އެއް އަނތްބަކަށްވުރެ ގިނަ އަނބީން ގެންގުޅުން މަނާވީއެވެ.

(2)    ހިންދީން މުސްލިމުންނަށްވުރެ މާގިނަ އަނބީން ގެންގުޅެއެވެ.

    [އިސްލާމްދީނުގައި އަންހެނުންގެ މަޤާމް ކޮމެޓީ] (Committee of the Status of Women in Islam) އިން
1975 ގައި ނެރުނު ރިޕޯޓެއްގެ 66 ވަނަ ޞަފްޙާއާއި 67 ވަނަ ޞަފްޙާގައިވާ ގޮތުން، 1951 ން 1961 އާ ދެމެދު ހިންދީންގެ ތެރޭގައި އެއް އަނތްބަށްވުރެ ގިނަ އަނބީން ގެންގުޅުމުގެ އެވްރެޖަކީ %5.06 އިންސައްތައެވެ. އެ މުއްދަތުގައި މުސްލިމުން އެއް އަނތްބަށްވުރެ ގިނަ އަނބީންނާ ކާވެނިކޮށްފައިވާ ޢަދަދަކީ، %4.31 އިންސައްތައެވެ. އިންޑިޔާގެ ޤާނޫނު ބުނާގޮތުން، އެއް އަނތްބަށްވުރެ ގިނަ އަނބީން ގެންގުޅެވޭނީ ހަމައެކަނި މުސްލިމުންނަށެވެ. ޣައިރު މުސްލިމުންނަކަށް އެއް އަނތްބަށްވުރެ ގިނަ އަނބީން ގެންގުޅޭކަށެއް ހުއްދައެއް ނޯވެއެވެ. އެހެންކަމަށްވުމާއެކުވެސް، ހިންދީންވަނީ މުސްލިމުންނަށްވުރެ މާގިނައިން އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނދެފައެވެ. ކުރީންވެސް ދެންނެވިފައިވާ ފަދައިން، އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމަކީ ހިންދީ ދީނުގައި ހުއްދަ ކަމެކެވެ. އެކަމުގައި އެއްވެސް ހުރަހެއް ނެތެވެ. 1954 ގައި ހިންދީންގެ ކާވެނި ޤާނޫނު (Hindu Marriage Act) ފާސްވިއެވެ. އެ ޤާނޫނުގެ ދަށުން ހިންދީންނަށް އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުން މަނާވިއެވެ. އެކަމަކީ ޣައިރު ޤާނޫނީ ކަމަކަށްވިއެވެ. އެކަމަކު މިހާރުވެސް ހިންދީންގެ ދީނީ ފޮތްތައް، އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމުގެ ހުއްދަ ދެއެވެ. އެކަން މަނާކުރަނީ ޤާނޫނެވެ.

    އިސްލާމްދީން ފިރިހެނުންނަށް އެއް އަނތްބަށްވުރެ ގިނަ އަނބީން ގެންގުޅެން ހުއްދަ ދެއްވަނީ ކީއްވެގެންތޯ ދެން ނިކަން ވިސްނައިލަމާ ހިންގަވާށެވެ.

(3)    ކީރިތި ޤުރްއާން ފިރިހެނުންނަށް ހުއްދަދެނީ، ކަނޑައެޅިފައިވާ ޢަދަދަކަށް އަނބީން ގެންގުޅުމަށެވެ.

    ކުރީންވެސް ބަޔާންކުރެވިފައިވާ ފަދައިން، ދުނިޔޭގައިވާ ދީނީ ފޮތްތަކުގެ ތެރެއިން ކީރިތި ޤުރްއާނަކީ، އެންމެ އަންހެނަކާ ކާވެނިކުރަން ހުއްދަދޭ ހަމައެކަނި ފޮތެވެ.

    ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
    [އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިން މީހުނާއެވެ. ނުވަތަ ހަތަރު މީހުނާއެވެ. ފަހެ ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ.] (النّساء: 3)

    ކީރިތި ޤުރްއާން ބާވައިލެއްވުމުގެ ކުރިން، އަނބީން ގެންގުޅުމަކަށް ވަކި ޢަދަދެއް ނެތެވެ. ވަރަށްގިނަ މީހުން އެތައް އަނބީންނެއް ގެންގުޅުނެވެ. ބައެއް މީސްމީހުންގެ ސަތޭކަ އަނބީން ތިއްބެވެ. ނަމަވެސް، އިސްލާމްދީން އެންމެ ގިނަވެގެން ހުއްދަދެއްވަނީ ހަތަރު އަނބީން ގެންގުޅުމަށެވެ. އިސްލާމްދީން ފިރިހެނުންނަށް ދޭއް ނުވަތަ ތިނެއް ނުވަތަ ހަތަރު އަންހެނުންނާ ކާވެނިކުރުމުގެ ހުއްދަ ދެއްވައެވެ. ނަމަވެސް، ޝަރްޠަކާ އެކުގައެވެ. ހުރިހާ އަނބީންނާމެދު އިންސާފުން، ހަމަހަމައަށް މުޢާމަލާތު ކުރުމެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
    [ތިޔަބައިމީހުން ކިތަންމެ ވަރަކަށް އެދި ދަހިވެތިވިޔަސް، އަނބީންގެ މެދުގައި (ލޯބީގެ ގޮތުން) ޢަދުލުވެރިވުމަކަށް ތިޔަބައިމީހުންނަކަށް ކުޅަދާނަވެގެނެއް ނުވާނެއެވެ.] (النّساء: 129)

    ކީރިތި ޤުރްއާނުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި، ގިނަ އަނތްބަށް މީހުނާ އިނުމަކީ އިސްލާމްދީނުގައި އިސްތިސްނާ ޙައިޘިއްޔަތެއް ލިބިފައިވާ ކަމެކެވެ. އެކަމަކީ ކޮންމެ މުސްލިމު ފިރިހެނަކު ކޮންމެހެން ކުރަންޖެހޭނެކަމަށް އަމުރުކުރައްވައިފައިވާ މުސްތަޤިއްލު އަމުރުފުޅެއް އޮތްކަމެއް ނޫނެވެ. ކޮންމެ މުސްލިމު ފިރިހެނަކު އެއް އަނތްބަށްވުރެ ގިނަ އަނބީން ގެންގުޅުން ލާޒިމުކަމުގައި ބައެއް މީހުންނަށް ހީވާ ހީވުމަކީ ކުށްހީއެކެވެ.
    ޢާއްމުގޮތެއްގައި އިސްލާމްދީނުގައި އަމުރާއި ނަހީގެ ގޮތުން ބަލާއިރު، ކަންތައްތައް ފަސްބަޔަކަށް ބައްސަވައިފައިވެއެވެ.

    (ހ)     ފަރުޟު ކަންތައް     -     ކޮންމެހެން ކުރުން ލާޒިމު ކަންތައް
    (ށ)     މުސްތަޙައްބު ކަންތައް    -     ކުރުން އެދެވޭ ކަންތައް
    (ނ)     މުބާހު ކަންތައް     -     އެކަމެއްގެ ހުއްދަ ދެވިފައިވާ ކަންތައް
    (ރ)     މަކްރޫހު ކަންތައް     -     ނުރަނގަޅު ކަންތައް
    (ބ)     ޙަރާމް ކަންތައް     -     ކުރުން މުޅީން މަނާ ކަންތައް

    ގިނަ އަނތްބަށް މީހުނާ އިނުމަކީ ތިންވަނަ ނަންބަރުގައިވާ ބާވަތުގެ ކަމެކެވެ. އާދެ، އެކަމެއްގެ ހުއްދަ ލިބިފައިވާ ކަމެކެވެ. އެއީ ކުރަން އަމުރުކުރައްވައިފައިވާ ކަމެއް ނޫނެވެ. އެހެންކަމުން، އެއް އަނތްބަށްވުރެ ގިނަ އަނބީން ގެންގުޅޭ މުސްލިމަކީ، އެއް އަނތްބެއްގެ މައްޗަށް ފުއްދައިލައިގެން ހުންނަ މުސްލިމަކަށްވުރެ ރަނގަޅު މީހެކޭ ނުބުނެވޭނެއެވެ.

(4)    އަންހެނުންގެ އެވްރެޖް ޢުމުރު، ފިރިހެނުންނަށްވުރެ މައްޗެވެ.
    
    ފިޠުރީގޮތުން އަންހެނުންނާއި ފިރިހެނުން އުފަންވާ ޢަދަދު ދާދިއެއްވަރެވެ. ފިރިހެންކުދީންނަށްވުރެ އަންހެންކުދީންގެ ކިބައިގައި ބަލިތަކާ ހަނގުރާމަކުރުމުގެ ބާރު ވަރުގަދައެވެ. ކުޑަކުދީންނަށް ފަރުވާކުރުމުގެ ތެރޭގައި، އަންހެންކުދީންނަށްވުރެ ފިރިހެންކުދީން މަރުވާލެއް ގިނައެވެ. ހަނގުރާމަތަކުގައި އަންހެނުންނަށްވުރެ ގިނައިން ފިރިހެނުން މަރުވެއެވެ. އެކްސިޑެންޓްތަކާއި ބަލިބަލީގެ ސަބަބުންވެސް ގިނައިން މަރުވަނީ ފިރިހެނުންނެވެ. އަންހެނުންގެ އެވްރެޖް އުމުރު، ފިރިހެނުންނަށްވުރެ މައްޗެވެ. އެހެންކަމުން، ދުނިޔޭގައި ހުވަފަތްވެފައިތިބޭ އަންހެނުންގެ ޢަދަދު، އަނބިމަރުވެފައިތިބި ފިރިހެނުންނަށްވުރެ ގިނައެވެ.

(5)    އިންޑިޔާގައި އަންހެނުންނަށްވުރެ ފިރިހެނުން ގިނައެވެ. ސަބަބަކީ، އަންހެންކުއްޖެއްކަން އެނގޭއިރަށް ހައްޔަރުން ނެއްޓުވުމާއި، އެމްބްރިއޯ މަރާލުން ޢާއްމުވުމެވެ.

    އިންޑިޔާއަކީ އަންހެނުންނަށްވުރެ ފިރިހެނުން ގިނަ، މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ސަބަބަކީ، އިންޑިޔާގައި އަންހެން އެމްބްރިއޯ ޤަތުލުކުރުމުގެ ކަންތައް، ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުން ދިއުމެވެ. އިންޑިޔާގައި އަހަރަކު ދިހަލައްކައަށްވުރެ ގިނަމީހުން ހައްޔަރުން ނައްޓުވައެވެ. މި ކުށްވެރި ހުތުރު ޢަމަލު ހުއްޓުވިއްޖެނަމަ، އިންޑިޔާގައިވެސް ފިރިހެނުންނަށްވުރެ އަންހެނުން ގިނަވާނެއެވެ.

(6)    ބައިނަލްއަޤްވާމީގޮތުން ބަލާއިރު، ފިރިހެނުންނަށްވުރެ އަންހެނުންގެ އާބާދީ އިތުރެވެ.

    އެމެރިކާގައި އަންހެނުންގެ ޢަދަދު، ފިރިހެނުންނަށްވުރެ ހަތްދިހަ އަށްމިލިޔަން އިތުރެވެ. ހަމައެކަނި ނިއުޔޯކުގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ޢަދަދު ދިހަ މިލިޔަން އިތުރެވެ. އަނެއްކޮޅުން ނިއުޔޯކުގެ ފިރިހެނުންގެ ތިންބައިކުޅަ އެއްބައިމީހުންނަކީ، އެއްޖިންސުގެ ގުޅުން ހިންގާ މީހުންނެވެ. މުޅި އެމެރިކާއަށް ބަލާއިރު، އެއްޖިންސުގެ ގުޅުން ހިންގާ ފިރިހެނުންގެ ޢަދަދަކީ، ދުއިސައްތަ ފަންސާސް މިލިޔަނެވެ. އެބައިމީހުންނަކީ އަންހެނަކާ ކާވެނިކުރަން ބޭނުންވާ ބައެއް ނޫނެވެ. އިނގިރޭސިވިލާތުގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ޢަދަދު، ސާޅީސްމިލިޔަން އިތުރެވެ. ޖަރުމަނުގައި ފަންސާސް މިލިޔަން އިތުރެވެ. ރަޝިޔާގައި ނުވަދިހަ މިލިޔަން އިތުރެވެ. މުޅި ދުނިޔެއަށް ބަލާއިރު، ފިރިހެނުންނަށްވުރެ އަންހެނުން ގިނައީ ކިހާވަރެއްކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް اللّه އެވެ.

(7)    ކޮންމެ ފިރިހެނަކު އެއް އަނތްބަށްވުރެ އިތުރުކުރިޔަ ނުދިނުމަކީ ކުރެވޭނެކަމެއް ނޫނެވެ.

    އެމެރިކާގައި ކޮންމެ ފިރިހެނަކު އެއް އަންހެނަކާ ކާވެނިކުރާނަމަ، އެމެރިކާގައި އިންނާނެ މީހަކު ނުވެފައި ތިންސަތޭކަ މިލިޔަން އަންހެނުން ތިބޭނެއެވެ. (އެމެރިކާގައި ފިރިހެންކުޅީގެ ދުއިސައްތަ ފަންސާސް މިލިޔަން ފިރިހެނުން ތިބުމާއެކު) ހަމައެފަދައިން އިނގިރޭސިވިލާތުގައި ސާޅީސް މިލިޔަން އަންހެނުންނަށް އިންނާނެ މީހަކު ނުވާނެއެވެ. ޖަރުމަނުވިލާތުގައި ފަންސާސް މިލިޔަން އަންހެނުން ތިބޭނީ ހުއްސަރިބަޔަށެވެ. ރަޝިޔާގައި ނުވަދިހަ މިލިޔަން އަންހެނުން ތިބޭނީ ފިރިޔަކު ނުލިބިފައެވެ.

    ޚިޔާލުކޮށްލައްވާށެވެ. ކަލާގެ ނުވަތަ އަޅުގަނޑުގެ އަންހެންކޮއްކޮ އުޅެނީ އެމެރިކާގައެވެ. އޭނާ ހިމެނެނީ، އިންނާނެ މީހަކު ނުވާ އަންހެނުންގެ ތެރޭގައެވެ. އެފަދަ ޙާލަތެއްގައި އަންހެނަކަށް ހެދޭނެއޮތީ ދެގޮތެކެވެ. އެއްގޮތަކީ، މީހަކާ އިނދެގެންހުރި ފިރިހެނެއްގެ ދެވަނަ އަނތްބަކަށްވުމެވެ. ނުވަތަ މުޅި ޢުމުރަށް ހުއްސަރިބަޔަށް ހުރުމެވެ. އެފަދަ ޙާލަތެއްގައި އެމީހަކަށް ގޯސްމަގަކުން ހިނގޭގޮތް މެދުވެރިވުމުގެ އެކަށޭނަކަން ވަރަށްވެސް ބޮޑެވެ. އެހެންކަމުން، ކޮންމެ މާތް މީހަކު ޚިޔާރުކުރާނީ އެންމެ ފުރަތަމަ ގޮތްކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ.

    ހުޅަނގުގެ ކޮންމެ މުޖްތަމަޢެއްގައި ވަރަށް ޢާއްމުކަމެކެވެ. ފިރިހެނަކު ރަސްމީކޮށް އިނދެގެން އުޅެނީ އެންމެ އަނތްބަކާއެވެ. އެކަމަކު އެބައިމީހުންގެ އެތަކެއް ވަގުއަނބީން ތިބެއެވެ. ވަރަށްގިނަ އަންހެނުންނާ ޖިންސީގުޅުން ހިންގައެވެ. ނަތީޖާއަކަށްވަނީ، ޙިމާޔަތެއްނެތް ނިކަމެތި ދިރިއުޅުމެއް އުޅޭން އަންހެނުންނަށް މަޖްބޫރުވުމެވެ. އެހެންކަމުން، ފިރިހެނަކު ދެއަނތްބަށް މީހަކާ އިނުން މަނާކުރުމަކީ، އިސްވެދެންނެވިފަދަ މުޖްތަމަޢެއްގެ ހެޔޮލަފާ މެންބަރަކަށް ރުހެވޭނެކަމެއް ނޫނެވެ. އަންހެނުންނަށް ޢިއްޒަތާއި ޙުރުމަތާއި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެގޮތް ހޯދައިދިނުމަށްޓަކައެވެ.

    އިސްލާމްދީން ފިރިހެނުންނަށް ގިނަ އަނތްބަށް މީހުނާ އިނުމުގެ ހުއްދަ ދެއްވީ، އިސްވެދެންނެވި ސަބަބުތަކުގެ އިތުރަށްވެސް، އެތައް ސަބަބުތަކެއް ހުރެގެންނެވެ. ކޮންމެއަކަސް، އިސްލާމްދީނުގައި ގިނަ އަނތްބަށް މީހުނާ އިނުމުގެ ހުއްދަ ދެއްވި މައިގަނޑު ސަބަބަކީ، އަންހެނުންގެ ޢިއްޒަތާއި ޙުރުމަތް ރައްކާތެރި ކުރެއްވުމެވެ.

ގިނަ ފިރިޔަށް މީހުނާ އިނުން

ސުވާލު: އިސްލާމްދީން ފިރިހެނުންނަށް ގިނަ އަނތްބަށް މީހުނާ އިނުމުގެ ހުއްދަ ދެއްވައިފައިވާއިރު، އަންހެނުންނަށް ގިނަ ފިރިޔަށް މީހުނާ އިނުމުގެ ހުއްދަ ނުދެއްވަނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބު:  މިއީ ހަމައެކަނި ޣައިރު މުސްލިމުން ކުރާ ސުވާލެއް ނޫނެވެ. މުސްލިމުންކުރެވެސް ބައެއް މީހުން މި ސުވާލު ކުރެއެވެ. އިސްލާމްދީން ފިރިހެނުންނަށް އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމުގެ ހުއްދަ ދެއްވައިފައިވާއިރު، އަންހެނުންނަށް އެއް ފިރިޔަށްވުރެ ގިނަ ފިރީން ގެންގުޅުމުގެ ހުއްދަ ނުދެއްވަނީ ކީއްވެގެން ހެއްޔެވެ؟

    އެންމެފުރަތަމަ އަޅުގަނޑު ފުރިހަމަ ޔަޤީންކަމާއެކު ދަންނަވާލަން ބޭނުންވަނީ، އިސްލާމީ މުޖުތަމަޢުގެ ބިންގާ އަޅުއްވައިފައިވަނީ ފުރިހަމަ އިންޞާފާއި ހަމަހަމަކަމުގެ މައްޗަށް ކަމުގައެވެ. މާތް اللّه ފިރިހެނުންނާއި އަންހެނުން އުފައްދަވައިފައިވަނީ އެއް ދަރަޖައެއްގައެވެ. ނަމަވެސް، ދެބައިމީހުންގެ ސިފަތަކާއި، ޒާތީގުޅުންތަކާއި، ދެބައިމީހުންގެ ކޮނޑުގައި އަޅުއްވައިފައިވާ މަސްއޫލިއްޔަތުގެ ގޮތުން، ދެބައިމީހުންވަނީ ތަފާތުކުރައްވައިފައެވެ. އެހެންކަމުން، ދެބައިމީހުންގެ ކިބައިގައި ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ފަރަގުތަކެއް އެބަހުއްޓެވެ. އިސްލާމްދީނުގައި އަންހެނުންނާ ފިރިހެނުން ހަމަހަމައެވެ. ނަމަވެސް، އެ ދެބައިމީހުންވަނީ މުޅީން އެއްގޮތް ކުރައްވައިފައެއް ނޫނެވެ.
    ކީރިތި ޤުރްއާނުގެ سورة النّساء ގެ 22 ވަނަ އާޔަތާއި، 23 ވަނަ އާޔަތާއި، 24 ވަނަ އާޔަތުގައިވަނީ، މުސްލިމު ފިރިހެނަކަށް ކާވެނި ނުކުރެވޭނެ އަންހެނުންގެ ފިހުރިސްތެއް ދެއްވައިފައެވެ. 24 ވަނަ އާޔަތުގައި އަންގަވައިފައިވާ ގޮތުގައި، މީހުނާ އިނދެގެންތިބޭ އަންހެނުންނަކަށް އެ ކާވެނިމަތީ ދެމިތިބެ، ދެވަނަ ކާވެންޏެއް ނުކުރެވޭނެއެވެ. އާދެ، އެ އާޔަތުގައި ޞަރީޙުކޮށް އަންގަވައިފައިވެއެވެ.
    [އަންހެނުންގެ ތެރެއިން ކާވެނީގެ ރައްކާތެރިކަން ލިބި (މީހުންނާ އިނދެގެން) ތިބި އަންހެނުންވެސް ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކުރެއްވިއެވެ. (އެއީ) اللّه ތިޔަބައިމީހުންގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވައިފައިވާ ގޮތެވެ.] (النّساء: 24)

    އަންހެނަކު އެއް ފިރިޔަށްވުރެ ގިނަ ފިރިޔަށް މީހުނާ އިނުން އިސްލާމްދީނުގައި މަނާކުރައްވައިފައިވަނީ، އަންނަނިވި ސަބަބުތަކާ ހުރެއެވެ.

1.    ފިރިހެނެއްގެ އެއް އަނތްބަށްވުރެ ގިނަ އަނބީން ތިބިކަމުގައިވިޔަސް، އެފަދަ ކާވެނިތަކުގެ ސަބަބުން ލިބޭ ދަރީންގެ މައިންބަފައިން ފަސޭހަކަމާއެކު އޮޅުންފިލާނެއެވެ. ނަމަވެސް، އަންހެނެއްގެ އެއް ފިރިޔަށްވުރެ ގިނަ ފިރީން ތިބިކަމުގައިވާނަމަ، އޮޅުންފިލާނީ ހަމައެކަނި ދަރީންގެ މައިމީހާއެވެ. ބައްޕަޔަކު އޮޅުމެއް ނުފިލާނެއެވެ. މައިންބަފައިން އޮޅުންފިލުމަކީ އިސްލާމްދީން ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވައިފައިވާ ކަމެކެވެ.
    ނަފްސިއްޔާތުގެ މާހިރުން ވިދާޅުވާގޮތުގައި، މައިންބަފައިން ވަކިނުވާ ކުދިންނަކީ، ޚާއްޞަކޮށް ބައްޕައަކީ ކާކުކަން ކަށަވަރުނުވާ ކުދީންނަކީ ވަރަށް ބޮޑެތި ނަފްސާނީ ވޭންތަކެއް ތަޙައްމަލުކުރާ ބައެކެވެ. ބައެއްފަހަރަށް ދުނިޔެއިން މޮޔަވާގޮތް މެދުވެރިވާ ބައެކެވެ. ޢާއްމުކޮށް ނަފްސިއްޔާތުގެ މާހިރުން ވިދާޅުވާ ގޮތުގައި، މައިންބަފައިން ވަކިނުވާ ކުދިންނަކީ، ޚާއްޞަކޮށް ބައްޕައަކީ ކާކުކަން ކަށަވަރު ނުވާ ކުދިންނަކީ، ވަރަށް ބޮޑެތި ނަފްސާނީ ވޭންތަކެއް ތަޙައްމަލުކުރާ ބަޔެކެވެ. ބައެއްފަހަރަށް ދުނިޔެއިން މޮޔަވާގޮތް މެދުވެރިވާ ބަޔެކެވެ. ޢާއްމުކޮށް އެފަދަ ކުދީންގެ ޅައުމުރު ހޭދަވާނީ، ވޭނާއި ހިތާމައިގައެވެ. ކަސްބީ އަންހެނުންގެ ދަރީންގެ ޅަފަތުގެ ޢުމުރު ދުޅަހެޔޮކަމުން މަޙްރޫމުވަނީ އެހެންވެގެންނެވެ. އެއްފިރިޔަށްވުރެ ގިނަ ފިރިޔަށް ކާވެނިކޮށްގެންއުޅޭ އަންހެނެއްގެ ދަރިޔަކު ސްކޫލަށް ވައްދާނަމަ، (އުފަންދުވަހުގެ ސެޓްފިކެޓް ހައްދާނަމަ) އެކުއްޖާގެ މަންމަޔާ އެކުއްޖާގެ ބައްޕައަކީ ކޮބައިތޯ ސުވާލު ކުރެވޭނެއެވެ. ޖަވާބުގައި ބުނަންޖެހޭނީ އެތައް ބައެއްގެ ނަމެވެ.

2.    ފިޠުރީގޮތުން ބަލާއިރު، ފިރިހެނުންނަކީ އަންހެނުންނަށްވުރެ ގިނަ ކާވެނިކުރުމުގެ އެކަށޭނަކަން ލިބިފައިވާ ބައެކެވެ.

3.    ބަޔޮލޮޖިކަލްގޮތުން ބަލާއިރު، ފިރިހެނުންނަށް އެތައް އަނބީންނަކާއެކު އެބައިމީހުންގެ ޒިންމާ އުފުލާކަށެއް އުނދަގުލެއް ނޫނެވެ. އެއާ ޚިލާފަށް އަންހެނަކަށް އެތައް ފިރިހެނަކާއެކު އޭނާގެ ޒިންމާ ފުރިހަމަޔަކަށް އަދައެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް ޙައިޟުގެ ދުވަސްވަރުއެވެ. އެދުވަސްވަރަކީ އަންހެނުން ޢަމަލީގޮތުންނާއި، ނަފްސާނީގޮތުން އުނދަގޫތަކެއް ތަޙައްމަލުކުރަމުން ގެންދާ ދުވަސްވަރެކެވެ.

4.    ގިނަ ފިރީންތަކެއް ތިބި އަންހެނެއް ކަމުގައިވާނަމަ، އެމީހަކަށް އެއްފަހަރާ ޖިންސީގޮތުން އެތައް ބައިވެރިޔަކު ގެންގުޅޭން ޖެހެއެވެ. އެހެންކަމުން، އޭނާއަށް ޖިންސީ ގުޅުމުން އަރާ ބަލިތަކުގެ ނުރައްކާ ވަރަށް ބޮޑެވެ. އެ ބަލިތައް އެންމެފަހުން އޭނާގެ ފިރީންނަށްވެސް ޖެހޭނެއެވެ. އެ އަންހެންމީހާގެ އެހެނިހެން ފިރީން އޭނާ ފިޔަވައި، އެހެން އަންހެނަކާ ޖިންސީ ގުޅުން ނުހިންގި ކަމުގައިވިޔަސް ވެހެވެ. އެއް އަނތްބަށްވުރެ ގިނަ އަނބީން ގެންގުޅޭ ފިރިހެނަކަށް މި މައްސަލައެއް ކުރިމައްޗެއް ނުވާނެއެވެ.    

    އާދެ، މިއީ އިސްލާމްދީން އަންހެނަކު އެއް ފިރިޔަށްވުރެ ގިނަ ފިރިޔަށް މީހުނާ އިނުން މަނާކުރެއްވުމުގެ ސަބަބުތަކެވެ. މިއީ ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ވިސްނައިގަނެވިދާނެ ސަބަބުތަކެކެވެ. މީގެއިތުރަށްވެސް، ވަރަށްގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ނުހަނު މޮޅަށް ދެނެވޮޑިގެންވާ، ނުހަނު ޙިކްމަތްވަންތަ މާތް اللّه އަންހެނަކު އެތައް ފިރިޔަކަށް މީހުނާ އިނުން ޙަރާމް ކުރެއްވުމުގެ އެތައް ސަބަބުތަކެއް އަޅުގަނޑުމެންނަށް ނޭނގި އޮތުމަކީވެސް ދުރުކަމެއް ނޫނެވެ.

(ނިމުނީ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ