އަދުގެ ޚާއްސަ

Print

ރާއްޖޭގައި ފުރަތަމަ ފެށި ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމުގެ މައްޗަށް ތާރީޚީ ނަޒަރެއް

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ތާރީޚް


މުޙައްމަދު އިސްމާޢީލުފުޅު

ޞިއްޙީ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމެއްގެ އަޑު ނުވަތަ ނެޝަނަލް ހެލްތް އިންޝުއަރެންސް ސްކީމެއްގެ އަޑު ދިވެހި މުޖްތަމަޢުން ފުރަތަމަ އިވިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރުގައި، 1999މ. ވަނަ އަހަރު، އެމަނިކުފާނު އިޢްލާނުކުރެއްވި "20-20 ގެ ތަޞައްވުރު" ގައެވެ. މިތަޞައްވުރުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ "ދިވެހިރާއްޖޭގެ އާބާދީއަކީ ޞިއްޙީގޮތުން މިހާރަށްވުރެވެސް ހޭލުންތެރި، އަދި ޞިއްޙީ ރަނގަޅު އާދަކާދަތަކަށް އަހުލުވެރި ބަޔަކަށްވެސް ވާނެ. ރާއްޖޭގެ ކޮންމެ މީހަކީވެސް، އެމީހަކު ދިރިއުޅޭ ސަރަޙައްދަކުން ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ފުރުޞަތު ފަހިވެފައިވާ މީހަކަށްވާނެ. އަދި ޞިއްޙީ ފަރުވާ ހޯދުމުގެ ޚަރަދު ހަމަޖައްސައިދޭ ނިޒާމެއްގައި ލުއިފަސޭހަ ގޮތެއްގައި ބައިވެރި ވުމުގެ ފުރުޞަތު ލިބިފައިވާ މީހަކަށްވެސް ވާނެ. " މި ޢިބާރާތުންނެވެ.

މިދެންނެވި 2020 ގެ ތަޞައްވުރުގައި ހެލްތު އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވާފައި ވީނަމަވެސް ސަރުކާރުން އެމަޝްރޫޢު ކުރިޔަށް ގެންދިއުމަށް ކަނޑައެޅުއްވީ ސެޕްޓެމްބަރ 2004 ގައެވެ. މި މަޝްރޫޢާ ބެހޭ ކަންތައްތައް ރާވައި، ހިންގައި، ބެލެހެއްޓުމާ ޙަވާލުކުރެއްވީ މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ އާއެވެ. އޭރު އެމިނިސްޓްރީ ހިންގެވުމާ ޙަވާލުވެހުންނެވީ އަލްފާޟިލާ އަނީސާ އަޙްމަދެވެ.

ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމެއް ރާއްޖޭގައި ފެއްޓެވުމަށް ސަރުކާރުން ޤަޞްދުކުރައްވައި، 2004މ. ވަނަ އަހަރު އެކަން އިޢްލާނު ކުރެއްވިއިރު، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އިން ވަނީ އިންޝުއަރެންސްގެ ޚިދުމަތް ރާއްޖޭގައި ލިބިދޭން ފަށާފައެވެ. މިއީ އިންޝުއަރެންސްގެ ޚިދުމަތް ދިނުމަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ކުންފުންޏެވެ.  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް. ޓީ. އޯ.) ގެ ދަށުން މިކުންފުނި އުފައްދާފައިވަނީ 30 ޖަނަވަރީ 1985 ގައެވެ. މިކުންފުނި ފުރަތަމަ އުފެއްދީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރެންސް ކޮމްޕެނީގެ ޙިއްޞާވާ ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް އޭގެފަހުން 1987މ. ވަނަ އަހަރު އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ވަނީ   އެސް. ޓީ. އޯ. ގެ %100 ޙިއްޞާވާ ކުންފުންޏަކަށް ބަދަލުކުރައްވާފައެވެ.
 
އިންޝުއަރެންސްގެ ޚިދުމަތް ދިނުމަށް ރާއްޖޭގައި ފަށައިގަތް 2 ވަނަ ކުންފުންނަކީ އަމާނަ ތަކަފުލް އިންޝުއަރެންސް އެވެ. މިއީ ސްރީލަންކާގައި ހިނގަމުންދިޔަ އަމާނަ ތަކަފުލް އިންޝުއަރެންސް ގެ ދަށުން އުފައްދާފައިވާ އެކުންފުނީގެ ބްރާންޗެކެވެ.  މިކުންފުނީގެ މަސައްކަތް ރާއްޖޭގައި ފަށައިގެންފައި ވަނީ 2005މ. ވަނަ އަހަރުއެވެ.
 
މިދެންނެވި 2 ކުންފުނިން ރާއްޖޭގައި ދެމުންގެންދިޔަ އިންޝުއަރެންސްގެ ޚިދުމަތްތަކުގެ ތެރޭގައި ހެލްތު އިންޝުއަރެންސް ގެ ޚިދުމަތްވެސް ހިމެނެއެވެ.
 
ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމްގެ ޚިދުމަތް ރާއްޖޭގައި ފެށުމުގެގޮތުން މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކުރިޓީ އިން އެޅުއްވި ފުރަތަމަ ފިޔަވަޅަކީ، މި ސްކީމާ ބެހޭ ކަންތައްތައް ރާވައި އެކަށައެޅުމަށްޓަކައި ޓެކްނިކަލް ކޮމެޓީއެއް އެކުލަވައިލެއްވުމެވެ. މިކޮމެޓީ އުފެއްދެވީ 2004 އޮކްޓޫބަރމަހުގެ ތެރޭގައެވެ. މިކޮމެޓީގެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ އިންޝުއަރެންސް ސްކީމްގެ ޕޮލިސީ އެކުލަވައިލެއްވުމެވެ.

މިދެންނެވި ޓެކްނިކަލް ކޮމެޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނަކީ:

1- އަލްފާޟިލާ ދީނާ މޫސާ        އެސިސްޓެންޓް ޑިރެކްޓަރ
  މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކުރިޓީ
2- އަލްފާޟިލާ ފާޠިމަތު ސަހުދާ      ސޯޝަލް ޑިވެލޮޕްމަންޓް އޮފިސަރ
  މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކުރިޓީ
3- އަލްފާޟިލް މުޙައްމަދު އަޙްމަދު    އެސިސްޓެންޓް އެގެޒެކެޓިވް ޑިރެކްޓަރ
  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
4- އަލްފާޟިލް އަޙްމަދު އަފްޢާލު      އެސިސްޓެންޓް ޑައިރެކްޓަރ  މިނިސްޓްރީ އޮފް ހެލްތް
5- އަލްފާޟިލް އަޙްމަދު މުޙައްމަދު       ޑައިރެކްޓަރ (ޑިވެލޮޕްމަންޓް ޕްލޭނިންގ)    
  މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް އެވެ.

 ޓެކްނިކަލް ކޮމިޓީން ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމްގެ ޕޮލިސީ، ކަނޑައަޅުއްވާ ނިންމެވުމަށްފަހު، އެޕޮލިސީއާ ގުޅޭގޮތުން ޕްރޮޕޯސަލް ތައްޔާރުކުރުމަށް ފުރަތަމަ ޙަވާލުކުރެއްވީ އެލައިޑް އިންޝުއަރެންސް ކޮންޕެނީ އޮފް ދަ މޯލްޑިވްސް އާއެވެ. 2005 މާރޗް މަސް ނިމުނުއިރު އެކުންފުނީގެ ފަރާތުން ޕްރޮޕޯސަލް ތައްޔާރުކޮށް ސަރުކާރަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ހުށަހެޅި ޕްރޮޕޯސަލަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ އެއްގޮތަށް އިންޝުއަރެންސް ސްކީމެއް ކުރިޔަށް ގެންދިއުމަށް އެކަށީގެންވާފަދަ ޕްރޮޕޯސަލެއްކަމަކަށް ސަރުކާރަކަށް ފެނިވަޑައެއް ނުގަތެވެ. އެހެންކަމުން ޓެކްނިކަލް ކޮމެޓީން ދެން ކަނޑައެޅުއްވީ ހެލްތް އިންޝުއަރެންސް ސްކީމްގެ މަސައްކަތް، ކުރިޔަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް، (ރާއްޖޭގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް) އިންޓަނޭޝަނަލް ބިޑަށް ހުޅުވައިލެއްވުމަށެވެ. މިކަމާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅުއްވި އެންމެފަހުގެ ތާރީޚަކީ 30 ޖޫން 2005 އެވެ. ކަނޑައެޅުއްވި މުއްދަތު ހަމަވިއިރު 10 ކުންފުންޏަކުން ބިޑު ހުށަހަޅުއްވާފައި ވެއެވެ.

އެކުންފުނިތަކަކީ:
1-  ސްރީލަންކާގެ ސްރީލަންކަން އިޝުއަރެންސް       
2-  ސްރީލަންކާގެ އަމާނަ ތަކަފުލް އިންޝުއަރެންސް      
3-  ދިވެހިރާއްޖޭގެ ނަމިރާ އިންޖިނިއަރިންގ          
4-  ސިންގަޕޯރގެ ސީ. އީ. ފައިނޭންސިއަލް           
5-  އިންޑިޔާގެ އައި. ސީ. އައި. ސީ. އައި. ލޮމްބާރޑް 
6-  ސްރީލަންކާގެ ސިލިންކޯ އިންޝުއަރެންސް
7-  ސްރީލަންކާގެ އައި. ސީ. އައި. ބީ. ޕްރައިވެޓް ލިމިޓެޑް
8-  ދިވެހިރާއްޖޭގެ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް
9-  އެމެރިކާގެ އިންޓަރނޭޝަނަލް މެޑިކަލް ގްރޫޕް         
10- އިންޑިޔާގެ މެޑި އެސިސްޓެންސް އިންޑިޔާ ޕްރައިވެޓް ލިމިޓެޑް  އެވެ.

މިކުންފުނިތަކުން ހުށަހެޅި ބިޑްތަކުގެ، ބިޑް އިވެލުއޭޝަން ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ސަރުކާރުން އެކަމަށް އެކުލަވައިލެއްވި  6 ބޭފުޅުންގެ ކޮމެޓީއަކުންނެވެ.

އެކޮމެޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނަކީ:

1-    އަލްފާޟިލް މުޙައްމަދު ނަސީމް    އޮޑިޓަރ ގްރޭޑް 2    އޯޑިޓް އޮފީސް
2-    އަލްފާޟިލް އިބްރާހިމް މުޙައްމަދު ދީދީ    ޗެމްބަރސް އޮފް ކޮމާސް
3-    އަލްފާޟިލް ސާމީ ޢަޤީލު       އެސިސްޓެންޓް ޑިރެކްޓަރ   މިނިސްޓްރީ އޮފް ފިނޭންސް
4-    ޢަލްފާޟިލް ޢަބްދުލް ވާޙިދު      ޕްރޮޖެކްޓް އޮފިސަރ     މިނިސްޓްރީ އޮފް ފިނޭންސް
5-    އަލްފާޟިލް އިބްރާހީމް ނަސީމް   އެސިސްޓެންޓް ޑިރެކްޓަރ   މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕމަންޓް
6-    ޑޮކްޓަރ ޝީނާ މޫސާ         ޑައިރެކްޓަރ         މިނިސްޓްރީ އޮފް ހެލްތު   އެވެ.

އިވެލުއޭޝަން ކޮމެޓީގެ މަސައްކަތުގެ ފުރަތަމަ ބުރުގެ މަސައްކަތް ނިންމާލެއްވިއިރު 3 ކުންފުންޏެއް ވަނީ ޑިސްކޮލިފައި ވެފައެވެ.  2 ކުންފުންޏެއްވަނީ ޝޯޓް ލިސްޓް ކުރެވިފައެވެ.  ޝޯޓްލިސޓް ކުރެވުނު  2 ކުންފުޏަކީ،   އިންޑިޔާގެ އައި. ސީ. އައި. ސީ. އައި. ލޮންބާޑް ކުންފުންޏާއި، އެމެރިކާގެ އިންޓަނޭޝަނަލް މެޑިކަލް ގްރޫޕް (އައި. އެމް. ޖީ.) އެވެ.

ހުށަހަޅާފައިވާ ހުރިހައި ބިޑެއްގެ އިވެލުއޭޝަންގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ޑަބްލިޔޫ. އެޗް. އޯ. ގެ ކޮންސަލްޓެންޓުންގެ ލަފަޔާއެކު އެބޭފުޅުންގެވެސް ޙާޟިރުގަ އެވެ. އެހެންކަމުން 11 ސެޕްޓެންބަރ 2005 ގައި ކޮންސަލްޓެންޓުންގެ ރިޕޯރޓެއްވެސް ސަރުކާރަށް ވަނީ ހުށަހަޅުއްވާފައެވެ. އެރިޕޯރޓުގައި ސަރުކާރަށް ލަފާއަރުވާފައިވަނީ ޕްރައިވެޓް ނުވަތަ އަމިއްލަ، ބަޔަކުމެދުވެރިކޮށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ސްކީމެއް ހިންގުމަށްވުރެ ޤައުމީ ނިޒާމެއްގެދަށުން ހެލްތު އިންޝުއަރެންސް ސްކީމެއް ހިންގުން ހުރިހާގޮތަކުންވެސް ރަނގަޅުވާނެ ކަމުގަ އެވެ. އެހެންގޮތަކަށް ދަންނަވާނަމަ ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމެއް ސަރުކާރުން ރާވައި ހިންގުން މުހިންމުކަމުގައެވެ.
   
ރާއްޖޭގައި ހެލްތު އިންޝުއަރެންސް ސްކީމެއް ހިންގުމަށް ޝޯޓްލިސްޓް ކުރެވުނު ކުރިން ދެންނެވި 2 ކުންފުނީގެ ތެރެއިން ސްކީމުގެ މަސައްކަތް ޙަވާލުކުރުމަށް ވަކި ކުންފުންޏެއްހޮވީ، މިކަމާ ގުޅޭގޮތުން އެކުންފުނިތަކާއެކު ވާހަކަދައްކައި ނެގޯޝިއޭޓް ކުރުމަށް، ސަރުކާރުން ރާއްޖެ ގެންނެވި ސިންގަޕޯރ ގެ ޕެސެފިކް ވޯރލްޑް ގްރޫޕް ކުންފުނީގެ ކޮންސަލްޓެންޓުންގެ ޓީމަކުން ކުންފުނިތަކާ ވާހަކަދެއްކުމަށްފަހުގައެވެ. މިދެންނެވި ޓީމް ސަރުކާރުން މާލެ ގެންނެވީ 16 ނޮވެމްބަރ 2005 ގައެވެ. މިޓީމްގެ މަސައްކަތް 5 ޑިސެމްބަރ 2005 ގައި ނިންމާލިއިރު ޝޯޓް ލިސްޓް ކުރެވިފައިވާ 2 ކުންފުނީގެ ތެރެއިން އެންމެ މަޤްބޫލު ހުށަހެޅުމެއް ހުށަހަޅާފައިވާ ކުންފުންޏެއްގެ ގޮތުގައި ހޮއްވަވާފައި ވަނީ އެމެރިކާގެ އިންޓަރނޭޝަނަލް މެޑިކަލް ގްރޫޕް (އައި. އެމް. ޖީ.) ކުންފުންޏެވެ.

ނޭޝަނަލް އިންޝުއަރެންސް ސްކީމް ހިންގުމާބެހޭ އެގްރީމަންޓްގައި އައި. އެމް. ޖީ. ކުންފުންޏާ ދިވެހި ސަރުކާރާ ދެމެދު ސޮއިކުރީ 29 ޖޫން 2006 ގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިއެގްރީމަންޓްގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ ގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ނާޒިމެވެ. އައި. އެމް. ޖީ. ގެފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެގެޒެކެޓިވް ވައިސް ޕްރެޒިޑެންޓް މރ. އާރ ބްރިއަން ބަރވިކް   EXECUTIVE VICE PRESIDENT MR. R. BRIAN BARWICK  އެވެ.
 
އެގްރީމަންޓްގައި ސޮއިކުރުމަށްފަހު ކަމާގުޅޭގޮތުން އައި. އެމް. ޖީ. ކުންފުނިން މަސައްކަތްތައް ފަށައި، ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ދޭންފަށާފައިވަނީ 1 އޮކްޓޫބަރ 2006 ގައެވެ. އަދި  މަސައްކަތަށް ތައްޔާރުވުމުގެގޮތުން 2006 އަގޮސްޓް 14 ން 16 އަށް ވޯރކްޝޮޕްތަކެއް ވަނީ މާލޭގައި ކުރިޔަށް ގެންގޮސްފައެވެ. މިވޯރކްޝޮޕްތަކުގައި ސަރުކާރުގެ އޮފީސްތަކުގެ ވެރީންނާއި، އެނޫންވެސް ވަރަށްގިނަ ސަރުކާރުގެ މުއައްޒަފުން ވަނީ ބައިވެރިކޮށްފައެވެ. ވާރކްޝޮޕް ބޭއްވުމުގެ އިތުރުން މީޑިޔާ މެދުވެރިކޮށް މިކަމާބެހޭ ގިނަ މަޢްލޫމާތުތަކެއް ވަނީ ހާމަކޮށްފައެވެ.
 
މިދެންނެވި ވޯރކްޝޮޕްގެ ބައްދަލުވުންތައް މާލޭގައި ކުރިޔަށްގެންދިޔައީ މިފަދަ ބައްދަލުވުންތަކެއް ރާއްޖެތެރޭގައިވެސް ބޭއްވުމަށް ކަނޑައަޅައި ރާވައިގެންނެވެ. ނަމަވެސް މާލޭގެ ބައްދަލުވުންތައް ނިމުނުއިރު އެއަހަރުގެ ރަމަޟާންމަސް މާބޮޑަށް ކައިރިވެފައިވާތީ ރާއްޖެތެރޭގެ ބައްދަލުވުންތައް ރޯދައިގެފަހުން ކުރިޔަށްގެންދާގޮތަށް ފަހުން ވަނީ ނިންމާފައެވެ.

އައި. އެމް. ޖީ. ކުންފުނީގެ އޮފީސް މާލޭގައި ހިންގަމުންދިޔައީ ހ. އޯކިޑްމާގޭގެ 4 ވަނަ ފަންގިފިލާގައެވެ. އެކުންފުނީގެ ލީގަލް ކައުންސިލަރެއްގެ ގޮތުގައި ހަމަޖައްސައިފައި ވަނީ އަލްފާޟިލް މަޒްލާން ރަޝީދެވެ.

އިންޝުއަރެންސްގެ ޚިދުމަތް ދިނުމުގެ މަސައްކަތްތައް ރާއްޖޭގައި ފުރަތަމަ ފެށީ 16 ޖަނަވަރީ 2002 ގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ނަމްބަރ 6/2002 ގެ ޤަރާރް، "އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޝަން" ގެ ދަށުންނެވެ. އެޤަރާރު ބުނާގޮތުގައި ދިވެހިރާއްޖޭގައި އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް. އެމް. އޭ.) އިން އެކަމަށް ދޫކުރައްވާ ލައިސަންސެއްގެ ދަށުންނެވެ. އަދި އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޓް ކުރުމާއި، ސްޕަވައިޒްކުރުމަކީވެސް އެ އޮތޯރިޓީގެ ޒިންމާއެއްކަމުގައި އެޤަރާރުގެ 1 ވަނަ މާއްދާގެ 1 ވަނަ ނަމްބަރުގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް އައި. އެމް. ޖީ. ކުންފުނިން 1 އޮކްޓޫބަރ 2006 ގައި ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ރާއްޖޭގައި ދޭން ފަށައިގަތީ  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސެއް ލިބިގެނެއްނޫނެވެ. ލައިސަންސް ހޯދުމަށް އެދި އެކުންފުނީން އެމް. އެމް. އޭ. އަށް ފުރަތަމަ ހުށައަޅާފައިވަނީވެސް އިންޝުއަރެންސް ޚިދުމަތް ދޭންފެށުމުގެ 2 ދުވަހެއް ކުރިން 28 ސެޕްޓެމްބަރ 2006 ގައެވެ. މިހުށަހެޅުމާ ގުޅިގެން އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޝަންގެ އާޓިކަލް 5 އާ އެއްގޮތްވާގޮތުގެމަތީން 19 ނޮވެމްބަރ 2006 ގެ ތާރީޚްގައި އެމް. އެމް. އޭ. އިން، ޕްރޮވިޝަނަލް ލައިސަންސެއް އެކުންފުންޏަށް ވަނީ ދޫކޮށްދެއްވާފައެވެ.

މި ލައިސަންސް އެމް. އެމް. އޭ. އިން ދޫކޮށްދެއްވާފައި ވަނީ، އިންޝުއަރެންސް އިންޑަސްޓްރީ ރެގުލޭޝަންގައި ބުނާ ޑޮކިއުމަންޓްތައް 1 އޮކްޓޫބަރ 2006 ން ފެށިގެން 15 މަސައްކަތު  ދުވަހުގެ ތެރޭގައި  އެމް. އެމް. އޭ. އަށް ހުށަހެޅުން ޝަރުޠު ކޮށްފައެވެ. އަދި އެތާރީޚަށް ޑޮކިއުމަންޓްތައް ހުށަނޭޅިއްޖެނަމަ އެކުންފުންޏަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ލައިސަންސް އޮޓޮމެޓިކުން ކެންސަލް ވާނެކަންވެސް އަންގާފައެވެ.

ޑޮކިއުމަންޓްތައް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ނުވަތަ ތާރީޚް ހަމަވިއިރު، ފުރިހަމަ ނުކޮށްހުރި ޑޮކިއުމަންޓްތަކެއް އެކުންފުނިން އެމް. އެމް. އޭ. އަށް ވަނީ ހުށަހަޅުއްވާފައެވެ. އެހެންކަމުން އެމް. އެމް. އޭ. އިން ނިންމެވީ ޑޮކިއުމަންޓްތައް ހަމަޔަށް ނެތުމާއި، އަދި ހުށަހަޅާފައިވާ ޑޮކިއުމަންޓްތައް ފުރިހަމަވެފައި ނެތުމުގެސަބަބުން އައި. އެމް. ޖީ. އަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ލައިސަންސް އެހިސާބުން ކެންސަލްކުރެއްވުމަށެވެ. އެމް. އެމް. އޭ.ގެ ބޯޑުން މިކަން މިގޮތަށް ނިންމަވައި އެކަން އެންގެވުމުގެގޮތުން އެކުންފުންޏަށް ލިއުއްވި ނަމްބަރ 479/2006/GB- MIS ސިޓީ ފޮނުއްވާފައި ވަނީ   1 ނޮވެމްބަރ 2006 ގައެވެ. އެމް. އެމް. އޭ. އަށް އައި. އެމް. ޖީ. އިން ހުށަހެޅުއްވި ޑޮކިއުމަންޓްތައް ފުރިހަމަނުވެ ހުރިކަން ކުންފުނީގެ ވެރީންނަށް ވެސް އެނގިވަޑައިގަތީ އެހިސާބުންނެވެ. އަޅުގަނޑަށް ލިބިފައިވާ މަޢްލޫމާތު ކުށްކަމުގައި ނުވަނީނަމަ އެކަން އެގޮތަށް ދިމާވި ސަބަބަކީ އެމް. އެމް. އޭ. އަށް ހުށަހެޅުމަށް ބޭނުންވާ ޑޮކިއުމަންޓްތައް އައި. އެމް. ޖީ. ކުންފުނީގެ މައިއޮފީހުން ރާއްޖެއަށް ފޮނުއްވާފައި ވަނީ ރާއްޖޭގެ ޤަވާޢިދުތަކަށް ފެތޭގޮތަށް އެލިޔުންތައް ތައްޔާރުކުރުމަށްފަހު އެމް. އެމް. އޭ އަށް ހުށަހަޅުއްވާ ގޮތަށެވެ. ނަމަވެސް މާލޭ އޮފީހަށް އެލިއުންތައް ލިބިވަޑައިގަތުމަށްފަހު އެމް. އެމް. އޭ. އަށް ލިއުންތައް ހުށަހަޅުއްވާފައި ވަނީ މިދެންނެވިފަދަ އެއްވެސް އިޞްލާޙެއް ގެނައުމަކާނުލައެވެ.

ޕްރޮވިޝަނަލް ލައިސަންސް ކެންސަލް ކުރައްވައިފިކަން އަންގަވައި، އެމް. އެމް. އޭ. އިން ފޮނުއްވި ސިޓީ، އައި. އެމް. ޖީ. އަށް ލިބިވަޑައިގަތުމާ ގުޅިގެން ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު އިތުރުކޮށްދިނުމަށާއި، ފުރިހަމަނުވެ ހުރި ޑޮކިއުމަންޓްތައް އަލުން ފުރިހަމަކުރުމަށްޓަކައި އިތުރު ފުރްޞަތެއް ދެއްވާތޯ، އެކުންފުނިން އެމް. އެމް. އޭ. އަށް ހުށަހެޅުއްވިއެވެ. އަދި އެފުރްޞަތު އެކުންފުންޏަށް ހަމަޖައްސަވައިދެއްވުން އެދިވަޑައިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި،  އެމް. އެމް. އޭ. އަށް މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން އެމްޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީންވެސް ލިއުއްވާފައި ވެއެވެ. އޭގެއިތުރުން އައި. އެމް. ޖީ. އޮފީސް ބަންދުކުރުމަށް އެމް. އެމް. އޭ. އިން އަންގަވާފައިވަނިކޮށް އެއޮފީސް އަލުން ހުޅުވައި ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށް ވެސް އެމިނިސްޓްރީން ކުންފުންޏަށް ހުއްދަދެއްވިއެވެ.

ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިގެން މިދެންނެވި 2 ފަރާތުން އެމް. އެމް. އޭ. އަށް ލިއުއްވިނަމަވެސް އެ އޮތޯރިޓީން ނިންމެވީ (ކަނޑައަޅާފައިވާ މުއްދަތަށް އައި. އެމް. ޖީ. އިން ލިއުންތައް ޤަވާޢިދުން ހުށަހަޅުއްވާފައި ނުވާތީ އެ އޮތޯރިޓީގެ ބޯޑުން ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް) އިތުރު މުއްދަތަކަށް ޕްރޮވިޝަނަލް ލައިސަންސް ދޫނުކުރެއްވުމަށެވެ.

ރާއްޖޭގައި އައި. އެމް. ޖީ. އިން ކުރިޔަށް ގެންދަވަން ފެށްޓެވި ހެލްތު އިންޝުއަރެންސް ސްކީމް ކުރިޔަށް ނުގެންގޮސް ހުއްޓާލެއްވުމަށް އެމް. އެމް. އޭ. އިން އެކުންފުންޏަށް އެންގެވިއިރު އޮކްޓޫބަރ މަހުގެ ޕްރީމިއަމް ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އެކުންފުންޏާ ޙަވާލުކުރައްވާފަ އެވެ. އެހެންކަމުން ޕްރޮގްރާމް ކުރިޔަށް ނުގެންދިއުމަށާއި އަދި އިތުރު ޕްރީމިއަމެއް ސަރުކާރުން އެކުންފުންޏަށް ނުދެއްވާނެކަން އެންގެވުމާ ހަމަޔަށް ކުންފުންޏަށް ލިބެމުންދިޔަ ޚިދުމަތުގެ ބިލްތަކަށް ކުންފުނިން ގެންދިޔައީ ފައިސާ ޙަވާލުކުރައްވަމުންނެވެ.

ހެލްތް އިންޝުއަރެންސްގެ ޚިދުމަތް ދިނުމުގައި އައި. އެމް. ޖީ. އިން ފުރަތަމަ އިސްކަންދެއްވީ ސަރުކާރުގެ މުއައްޒަފުންނަށެވެ. ސްކީމްގައި ބައިވެރިކުރާ ކޮންމެ ބޮލަކުން އެކުންފުންޏަށް ދައްކަން ކަނޑައެޅުއްވި (ޕްރީމިއަމް) ފައިސާގެ މިންވަރަކީ އަހަރަކަށް =/1800ރ. (އެއްހާސް އަށްސަތޭކަ) ދިވެހިރުފިޔާ އެވެ. ޚިދުމަތުގެ އަގަށް ކުންފުނިން ދައްކަން ކަނޑައެޅުއްވި އެންމެ ގިނަ މިންވަރަކީ ނުވަތަ ސީލިންގއަކީ އަހަރަކު =/150,000ރ. (އެއްލައްކަ ފަންސާސް ހާސް) ދިވެހިރުފިޔާ އެވެ. ސްކީމް ކުރިޔަށް ދިޔައީ ޚިދުމަތް ހޯދާ ފަރާތްތަކުން ޚިދުމަތުގެ ބިލްތަކަށް އަގު ދެއްކުމަށްފަހު އެބިލްތައް ކުންފުންޏަށް ހުށަހަޅައިގެން ފައިސާ ހޯދާގޮތަށެވެ. ނުވަތަ ރީ އެމްބާސް މެތަޑުގައި ޚިދުމަތް ލިބިދޭ ގޮތަށެވެ. ޚިދުމަތް ހޯދުމުގެކުރީން ހުއްދަ ހޯދަންޖެހޭ ކަމެއްނަމަ ނުވަތަ ޕްރީ އޮތޮރައިޒް ލިސްޓުގައި ހިމެނޭ ކަމެއްނަމަ، އެހުއްދަ ހޯދުމުންގެންދިޔައީ  އެމެރިކާގައި ހުންނަ އައި. އެމް. ޖީ. ކުންފުނީގެ މައިމަރުކަޒުންނެވެ.
 
ސަރުކާރުން އަލަށް ފަށައިގަތް ނެޝަނަލް ހެލްތު އިންޝުއަރެންސްގެ ޚިދުމަތަކީ ކިތަންމެ ބޭނުންތެރި ޚިދުމަތެއްކަމުގައި ވީނަމަވެސް، ދިމާވި އެތައް ސަބަބަކާ ގުޅިގެން ޚިދުމަތް ފަށައިގަތްތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެ ޚިދުމަތްދިނުން ވަނީ ހުއްޓަލާފައެވެ. މިޚިދުމަތް ދިނުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން އެމްޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ އާއި، އައި. އެމް. ޖީ. ކުންފުންޏާ  ދެމެދު ކުރެވުނު އެގްރީމަންޓް ބާޠިލް ކުރެވިއްޖެކަމުގެ ލިއުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެމްޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން އެކުންފުންޏަށް ފޮނުއްވާފައިވަނީ 30 އޭޕްރިލް 2007 ގައެވެ. މިކަމުގައި ހިނގައިދިޔަ ކަންތައްތަކާމެދު އައި. އެމް. ޖީ. އިން ހިތްހަމަނުޖެހިގެން އެކަމުގެ ޝަކުވާ ވަނީ ސިންގަޕޯރގެ ކޯޓަކަށް ހުށަހަޅުއްވާފައެވެ. އަދި 2009މ. ވަނަ އަހަރާ ހަމަޔަށް އައިއިރުވެސް  އެމައްސަލަ ނުނިމި އެކަމާ ގުޅޭ ބައްދަލުވުންތައް ދިޔައީ ހިނގަމުންނެވެ.

އައި. އެމް. ޖީ. ކުންފުނިން ރާއްޖޭގައި ކުރިޔަށް ގެންދަވަން ފެށްޓެވި ހެލްތު އިންޝުއަރެންސް ގެ ޚިދުމަތް ކުރިން މިދެންނެވި ސަބަބުތަކާ ގުޅިގެން ހުއްޓުމަކަށް އައުމާއެކު، ސަރުކާރުގެ އަމިއްލަ ރޭވުންތެރިކަމުގެ ދަށުގައި އެފަދަ ސްކީމެއް ހިންގެވުމުގެ މަސައްކަތްތައް ވަނީ ކުރިޔަށް ގެންދަވާފައެވެ. އަދި އެކަމުގައި މާގިނަ ދުވަސްތަކެއް ނުވަނީސް "ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަމުގައި، (އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭ ޚިދުމަތް ދިނުމުގެ) ޚާއްޞަ މުއައްސަސާއެއް އުފައްދަވައި "މަދަނަ" މިނަމުގައި ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމެއްވަނީ ފަށްޓަވާފައެވެ. އިރާދަކުރެއްވިއްޔާ މިފަދަ އެހެން ފުރްޞަތެއްގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އާއި މަދަނައިގެ ޚިދުމަތުގެ ކުރީކޮޅުގެ ހަނދާންތައް ތިޔަބޭފުޅުންނާއެކު ޙިއްޞާކޮށްލެވޭތޯ ބަލާނަމެވެ. އޭގެއިތުރުން ލިޔެވި ދިޔަ މި މަޒްމޫނުގައި ރަނގަޅުނޫން މަޢްލޫމާތެއް ނުވަތަ ސުވާލު އުފެދޭފަދަ ޢިބާރާތެއް ލިޔެވިފައވާނަމަ އަޅުގަނޑާއެކު އެކަން ޙިއްޞާކޮށްލާދެއްވާފިނަމަ އެއީ އަޅުގަނޑުގެ ލިއުންތެރިކަމަށް ވެދެއްވި ވަރަށް ބޮޑު އެހީތެރިކަމެއްކަމުގައި އަޅުގަނޑު ޤަބޫލުކުރާނަމެވެ. ޝުކުރިއްޔާ!
...........................................................

އިދާރާ

ވާހަކަ