އަދުގެ ޚާއްސަ

Print

ބަރުބާދުވީ ލޯބީގެ ދުނިޔެ (3)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


ތާނަކުރީ: މުޙަންމަދު ޝާހިދު ޙަލީމް (1987)

ފަރީ ރޯތަން ފެނުމުން ޖަމާލަށް ވަރަށް އަވަހަށް އޭނާގެ ކުށް އިޙްސާސް ކުރެވިއްޖެއެވެ. ކުޑަކުޑަ ކަމެއް އެއްވެސް ކަމަކާ ނުލައި މާ ބޮޑުކޮށްލީއެވެ. ޙަޤީޤަތުގައި އެ ހެދުމުގައި އޭނާ ނުހަނު ރީއްޗެވެ. އެކަމަކު އެންމެންގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓޭކަށް ޖަމާލު ނޭދެއެވެ. އެ ކަން ކޮންމެވެސް އެހެން ގޮތަކަށް ވެސް އޭނާއަށް ވިސްނައިދެވިދާނެއެވެ. މިސާލަކަށް ބުނެވިދާނެއެވެ.
 
"ފަރީ، ފަރީ އަހަރެންނާ އެކު ބޭރަށް ދާ އިރު އާދައިގެ ހެދުން ނޫނީ ނުލާ ބަލަ! ފަރީ ނަލަހެދިގެން ނުކުތީމާ ހީވަނީ އެހެންކަމެއް ހެން. އެންމެން ލޯބޮޑުކޮށްފައި ފަރީއާ ދިމާއަށް ބަލާ އިރު އަހަރެންގެ ހިތަށް ޙަސަދަވެރިކަން ވަދޭ." އެކަމަކު އޭނާ އެހެން ބުނާންވީ ކީއްވެގެން ހެއްޔެވެ؟ ފަރީއަކީއަންހެނެކެވެ. އެހެން ބުނާ އަޑު އިވިއްޖެއްޔާ ސިކުނޑި އިތުރަށް ޚަރާބުވާނީ ކިހައި ވަރަކަށް ކަމެއް ނޭނގެއެވެ. އޭނާއާ ދޭތެރޭ ކަން ކުރާން ވާނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޖަމާލު ދެކެ ޖެހިލުންވާނޭ ގޮތުގެ މަތީންނެވެ. ފަރީ ފާޚާނާއިން ނުނުކުންނާނެކަން ޖަމާލަށް އެނގުމުން ޖަމާލު ވެސް ތެދުވެގެން ބޭރަށް ހިނގައްޖެއެވެ.

ޖަމާލު ބޭރަށް ނުކުތީ އެއްވެސް މަޤްޞަދެއްގައެއް ނޫނެވެ. މިހާރު ދެން ދާންވީ ކޮން ދިމާއަކަށް ކަމެއް ކުރަންވީ ކީއް ކަމެއް ޚުދު އޭނާއަކަށް ނޭނގެއެވެ. އޭނާ ރާވައިފައިއޮތީ ބައިސްކޯފު ބެލުމަށްފަހު ކޮންމެވެސް ހޮޓަލަކުން ކައިގެން ދަންވަންދެން ހިނގައިލުމަށްފަހު އެނބުރި ގެއަށް ދާށެވެ. އޭނާ ވިސްނިއެވެ. މިހާރު ދެން ދާނީ ކޮން ތަނަކަށް ހެއްޔެވެ؟ ބައިސްކޯފަށް އެކަނި ދާކަށް ރަނގަޅެއް ނުވާނެއެވެ. އެކުވެރި ރައްޓެހިން ވާނީ ކޮންތަނަކު ބާވައެވެ. ކައިވެނި ވީއްސުރެ އެ މީހުންނަކާ ދިމައެއް ނުވެއެވެ. ނުވަތަ ހަނީމޫންގެ ދުވަސްވަރު ކަމަށް ބަލައިފައި ޚުދު އޭނާ އެމީހުންނާ ދުރުގައި އުޅެން ފެށީއެވެ. ކޮންމެއަކަސް އެއް ގަޑިއިރު ވަންދެން އޭނާ އެތަންމިތާނގައި ހިނގިއެވެ. ސިނގިރެޓަކަށްފަހު ސިނގިރެޓެއް ހުލިކުރިއެވެ. ހަމަ އެޔާއެކު ޚުދު އޭނާ ދެކެ އޭނާގާތަށް ރުޅިއައެވެ. ހަމަ އެއްވެސް ކަމަކާ ނުލައި މިއަދުގެ ހަވީރު އޭނާ ބަރުބާދުކޮށްލީއެވެ. ފަރީ އެ ހެދުން ލައިގެން ދިޔަ ނަމަވެސް ވީހީ ކޮންގެއްލުމެއް ހެއްޔެވެ؟ ފަރީއަކީ އަދި އާ އަލަތުއަތްނބެކެވެ. ކޮންމެ ދުވަހަކު އާ ހެދުމެއް ލާން އޭނާގެ ހިތް އެދޭނެކަން ނޭނގެއެވެ. މީހުންގެ ރީތި އިސްމާޓު އަނބިން ފެނިފައި، އަހަރެންގެ ވެސް އެ ކަހަލަ އަތްނބެއް ހުންނާނެ ނަމަ ކޮންފަދަހޭ އަހަރެންގެ ހިތަށް ވެސް އޭރު އަރާވިއްޔާއެވެ.
 
ﷲ ތަޢާލާ އެ އެންމެންނަށްވުރެ ރީތި އަތްނބެއް އަހަރެންނަށް ދެއްވާނެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ މީސްތަކުން ޙަސަދަވެރިކަމާއެކު އަހަރެންގެ އަންހެނުންނަށް ބަލާނެކަން އޭރު އަހަރެންނަށް އެނގެނީ ކިހިނެއްހެއްޔެވެ؟ މީސްތަކުން ބެލިއްޔާ ވާނީ ކީއްހެއްޔެވެ. ބެލުމަކީ ކުށެއް ނޫނިއްޔާއެވެ. އަހަރެން ވެސް ބަލަމެވެ. މީސްތަކުން ވެސް ބަލައެވެ. އަހަރެން ބަލާ ބެލުމަކީ ކުށެއް ކަމަކަށް އަހަރެންނެއް ނުދެކެމެވެ. އަދި އެހެން މީހުންގެ ބެލުމުގެ އަދަބު އަހަރެން މި ދެނީ އަހަރެންގެ އަންހެނުންނަށެވެ. އަހަރެންނާމެދު ހަމަ މި ޝަކުވާ އަހަރެންގެ އަންހެނުން ކޮށްފި ނަމަ އަހަރެން އޭނާއާ ދިމާއަށް ހަނދާން ހުންނަހައި އެއްޗެހި ގޮވައިލާނެއެވެ. އަހަރެން ބުނާނެއެވެ. ކަލޭ އަހަރެންގެ ނިޔަތާ ދޭތެރޭ ޝައްކު ކުރަނީހެއްޔެވެ. ކަލޭ ބޭނުމީ އަހަރެން ކަނުވާން ހެއްޔެވެ. އަހަރެން އޭނާ ކައިލާނީ ހެއްޔެވެ. ނޫނީ އަތުލައިގަނެގެން ތަނަކަށް ގެންދާނީ ހެއްޔެވެ. އަދިވެސް މި ކަހަލަ ކިތަންމެ އެއްޗެއް ކިޔާނެއެވެ. އަދި ގޮތްދޫނުކުރާން ވެގެން އޭނާ ހުއްޓައި އެހެންވެސް އަންހެނުންނާ ދިމާއަށް ބަލައި ކަޅިއަޅައި ހަދާނެއެވެ.
 
ފިރިހެނުން ކިހައި ހިތްހަރު ހެއްޔެވެ. އަހަރެން މެއެވެ. އަހަރެންނަކީ އަހަރެންގެ އެކުވެރީންގެ އަޅުވެތި ޚިޔާލުގެ މައްޗަށް އެއްޗެހިކިޔައި މަލާމާތްކޮށް އުޅުނު މީހެކެވެ. ޖަމާލެވެ. ކަލެއަށް ލާނެތް ހުއްޓެވެ. މާ މިނިވަން ޚިޔާލުގެ މީހަކަށް ވެގެން އެބަ އުޅޭ ނޫން ހެއްޔެވެ. އެކުވެރިންގެ ކައިރީގައި އިނދެގެން ތިމަންނާގެ އަންހެނުންނަށް އެކަށީގެންނުވާ ހަރުކަށިކަމެއް ނުދައްކާނަމޭ، ތިމަންނާގެ އަންހެނުންނަށް އެކަށީގެންވާ މިނިވަންކަން ދޭނަމޭ، މިހެން ހަދާނަމޭ، އެހެން ހަދާނަމޭ ކިޔައިގެން ވާހަކަދައްކާ ހެދީމެއް ނޫން ހެއްޔެވެ.

ކަލޭގެ ކައިވެންޏަށް މިހައި ތަނަށް އަދި މިވީ ތިން މަސްދުވަހެވެ. ކަލޭ އޭނާއާ ދޭތެރޭ ކަންތައް ތިޔަ ކުރަނީ ކިހިނެއް ހެއްޔެވެ. ޖަމާލަށް ކަންތައް ކުރެވުނު ގޮތާ މެދު އޭނާ އަމިއްލައަށް ވަރަށްބޮޑަށް ލަދުގެންފިއެވެ. މި ކަން ފޫބައްދަން ދެން ހަދާން އޮތް ހަމައެކަނި ގޮތަކީ މިހާރު ގެއަށް ގޮސް އޭނާއަށް ކަންތައް ކުރެވުނުގޮތާ ދޭތެރޭ ފަރީގެ ކިބައިން މާފަށް އެދުމެވެ. އަދި ކުރިޔަށް އޮތް ތާނގައި އޭނާ ރަނގަޅު މީހެއްގެ ގޮތަށް އުޅޭނެ ކަމަށް ވަޢުދުވުމެވެ. އޭނާ އަވަސް އަވަހަށް ގެއަށް ހިނގައްޖެއެވެ. ކާރު ގަރާޖަށް ލައިފައި އޭނާ ގޭތެރެއަށް ވަދެއްޖެއެވެ.
 
ފަރީ އިނީ ރޮއި ނިމިގެން މޫނު ދޮވެ ސާފުކޮށްލައިގެންނެވެ. ނިދާހެދުން ލައިގެންނެވެ. މޭޒުމަތީގައި ކާންހަދައިފައި ހުއްޓެވެ. ހީވަނީ އެ އިނީ އޭނާގެ އިންތިޒާރުގައި ހެންނެވެ. އޭނާ ދައްކައިގެން އިނީ ފޮތެއް ކިޔާން އިން ގޮތެވެ. ނުރަނގަޅު ދަނޑިވަޅެއްގައި ދޫނުކޮށް ގަދަހެދުނުކަމުގެ އިޙްސާސް ކުރެވުނީ ކަން ނޭނގެއެވެ. ގެއެއްގައި ހަމައެކަނި ދެ މީހުން އުޅޭ އިރު ދެކޮޅުވެރިކަމަކަށް ތަނެއް ނޯންނާނެއެވެ. ފަރީ އަމިއްލައަށް ޞުލްޙަވާން ތައްޔާރުވެގެން އިންތަން ފެނުމުން ޖަމާލުގެ އެތެރޭގައި ވާ "ފިރިހެނާ" އަށް ޖޯޝު އަތުވެއްޖެއެވެ. މިހާރުދެން ކަމަކާ ނުލައި ބޯލަނބައިލުމުގައި އޮތީ ކޮން ފައިދާއެއް ހެއްޔެވެ. އެހެން ހަދައިފިއްޔާ ފަހަރެއްގައި އޭނާއާ މެދު އޮތް ޖެހިލުންވުން ނެތިގެން ހިނގައިދާނެއެވެ.
 
ދެ މީހުން ހަމަހިމޭނުން ތިބެގެން ކައިފިއެވެ. އެކަމަކު ނިދާކޮޓަރިއަށް ދިޔުމާ އެކު، ކިހިނެއް ހަދައިގެން ކަމެއް ނޭނގެއެވެ. ދެ މީހުންގެ ދޭތެރޭގައި ޞުލްޙަވެއްޖެއެވެ. ހަނީމޫންގެ ދުވަސްވަރަކީ އެއްވެސް އެއްޗެއް ބުނުމަކާ ނުލައި ޞުލްޙަވާ ދުވަސްވަރެކެވެ. ޞުލްޙަވުމަށް ފަހު އެ ރޭ ވޭތިވެގެން ދިޔަ އުފާވެރިކަމުން އަންނަން އޮތް ދުވަސްތަކުގައި ދެކޮޅުވެރިކަން އުފެދިދާނެ ސަބަބުތައް ނެތިގެން ހިނގައްޖެއެވެ.
 
އެކަމަކު ކިހައި ދުވަހެއް ވަންދެން ހެއްޔެވެ. ކުޑަދުވަސްކޮޅެއް ފަހުން ކުދިކުދި ކަންތައްތައް ޖަމާލަށް ބޮޑުވާން ފަށައިފިއެވެ. އޭނާ އަބަދާ އަބަދު ކުރަފަތް އަޅަން ފަށައިފިއެވެ.
 
"މިއަދު އަހަރެންގެ ރޭޒަރު އޮތީ ސާފުނުކޮށް."
"ބޫޓު ޕޮލިސްކޮށްފައި ހުރިލެއް ރަނގަޅެއް ނޫން."
"ގޮށް ހަރުކޮށްފައި ހުރީ ކަތިކޮށް."
"މާޖަހާއެތީގައި ޖަހައިފައި ހުރި މާ މޫސުމަކާ ނުގުޅޭ."
"ފަރީގެ އިސްތަށިގަނޑުގެ އިސްޓައިލު ވަރަށް ހުތުރު."
"ލައިގެންކާއެއްޗެހި ކެކޭލެއް ނުބައިވާން ފަށައިފި."
"މަސް ގެންނަނީ ކޮން ތަނެއްދޮރެއް ނުދަންނަ މީހެއް."
"ފަރީ އަހަރެންގެ އެކުވެރީންނަށް ކަމޭނުހިތާތީ އެ މީހުން އަހަންނާ ދުރުހެލިވާން ފަށައިފި."
"ރޭގައި ފަރީ އޮތީ އަހަރެންނާ ދިމާއަށް ފުރަގަސްދީގެން ފޮތެއް ކިޔަން. އޭގެ މާނައަކީ ފަރީ އަހަންނަށް ޤަދަރެއް ނުކުރެއޭ."
"އަހަރެން ގޭގައި އުޅެނިކޮށް ފަރީ ބައިގަޑިއިރު ވަންދެން އަވަށްޓެރިޔާއާ އަނގަތަޅަން ހުރީ ކީއް ވެގެން؟"
"ފަރީގެ ދައްތަގެ ސިޓީގައި ސަލާން އަޅައިލުން ފިޔަވައި އަހަންނަށް އެއްވެސް އަހުމިއްޔަތުކަމެއް ދީފައެއް ނެތް. ފަރީމެން ދެކެނީ ފިރިހެނުންނަކީ މާ ދަށް ބައެއްކަމަށް."
"ފަރީގެ އެކުވެރި ކުދީން އަހަންނަށް އެއްގޮތަކަށް ވެސް ކަމަކުނުދޭ. އެ މީހުންނާ ގުޅުން ކަނޑާލާ." އަދިވެސް މާނައެއް ނެތް ކިތަންމެ ވާހަކައެކެވެ. މި ފަދަ ވާހަކަތަކުގެ މައްޗަށް ހެނދުނާ ހަވީރު ޒުވާބުކުރެވެން ފަށައިފިއެވެ. މި ކަންތައްތަކުގައި އަރައިރުންވާން ޖެހޭ ފަދަ ސަބަބެއް ނެތީތީ ފަރީ ޙައިރާންވެއެވެ. ނުލާހިކު ގާތްކޮށް މަޑުމައިތިރިކަމާ އެކުގައި ވެސް މި ކަހަލަ ކަންތައްތަކުގެ މައްޗަށް ޚިޔާލު ފާޅުކުރެވިދާނެއެވެ. އެކަމަކު ޖަމާލު އެހެން އެ ހަދަނީ ކިހިނެއް ވެގެން ކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. އެއީ އޭނާއަކީ ނުހަނު އާދައިގެ އަންހެން ކުއްޖަކުކަން ސާބިތުކުރާން ވެގެން ބާވައެވެ. ނުވަތަ ތިމާއަކީ މާ މޮޅު މާ މަތީ މީހެއް ކަން ސާބިތުކުރާން ވެގެން ބާވައެވެ.
 
ޖަމާލާ ބެހޭ ގޮތުން ވިސްނާ އިރު އޭނާގެ ކިބައިގައި ވެސް ފަރީ ކަހަލަ ސީދާސާދާ ތަހުޒީބީ އަންހެންކުއްޖެއްގެ ބޮލަށް އުނދަގޫވާ ކަހަލަ ނުރަނގަޅު ކިތަންމެ އާދައެއް ހުރެއެވެ. އެކަމަކު ފަރީގެ ނަޒަރުގައި ޖަމާލަކީ އޭނާގެ ސާހިބާއެވެ. އެހެންކަމުން އޭނާ ކެތްކޮށްލަނީއެވެ. ޖަމާލު ކާ އިރު ތިޔަ ނެރޭ އަޖައިބެއް ކަހަލަ އަޑުތައް އިވުމުން އަހަރެން މޭނުބައިކުރެއޭ، އެކަނި ބުނެލިއަސް އަރައިލާނީ ކިހައި ވަރެއް ކަމެއް ނޭނގެއެވެ. އެއްވެސް ފިރިހެނަކު ތިމާގެ އަނބިމީހާގެ ދުލުން ތިމާއާ ދޭތެރޭ ފާޑުކިޔާ އަޑުއަހާކަށް ނުރުހޭނެކަން އޭނާ ދަނެއެވެ.

* * *

އެއް ދުވަހަކު ހެނދުނު ހެނދުނާ ފަރީ ތަންކޮޅެއް އަވަސް އަވަހަށް ބިސް ތެލުލަނިކޮށް ބިސްގަނޑު ފެޅިއްޖެއެވެ. ވަގުތު ކުޑަކަމާއެކު އޭނާ އެ ކަމާ އަޅައި ނުލައި އެ ހުރި ގޮތަށް މޭޒުމައްޗަށް ގެނެސްފިއެވެ. ޖަމާލަށް ބިސް ފެނުމާއެކު މަލާމާތުގެ ރާގުގައި ބުނެލިއެވެ.
 
"ފަރީ. ހަމައެކަނި ސިފަ ރީތިވީމާ ކުރާނީ ކީއް. ބިސް ތެލުލުމަކީ ވެސް ވަކި ފަންނެއް."

ޖަމާލުގެ މި ޖުމުލައިން ހިތްދަތިވީ ވަރުން އޭނާއަށް ތެޅިގަނެވުނެވެ. ހެނދުނު ހެނދުނާ އަރައިރުމެއް ނުފަށާންވެގެން އޭނާ ހިމޭނުން ހުރީއެވެ. ކިތަންމެ ކުޅަދާނަ މީހެއްގެ އަތުން ވެސް މި ކަހަލަ ކަމެއް ވެދާނެއެވެ. އެއީ ނުފެންނަ ކަމަށް ހަދައިލެވިދާނެ ކަހަލަ ވެސް ކަމެކެވެ. އަދި އެ ކަމާ އޭނާގެ ސޫރަޔާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ އެއަށް ފަހު މި ސިލްސިލާ ގެތެން ފަށައިފިއެވެ.
 
ކޮންމެ ކަމެއް ދިމާވިޔަސް ޖަމާލު އޭނާގެ ރީތިކަމުގެ މައްޗަށް މަލާމާތް ރައްދުކުރާން ފަށައިފިއެވެ. "ފަރީއަށް ލޯގަނޑު ދޮށުން ދުރަށް ދާނެ ވަގުތެއް ލިބިގެންނެއްނު، ގޭތެރޭގެ ކަމެއް ދަސްވާނީ."

އެކަމަކު އެ ފަކީރު ތިމާއާ މެދު އެހައި ބޮޑު ސަމާލުކަމެއް ނުބަހައްޓައެވެ. އޭނާ އެހައި ރީތިކަމެއް ކައިވެނީގެ ކުރިން އޭނާއަށް އެނގިފައެއް ނެތެވެ. އޭނާއަށް އެ ކަން އިޙްސާސް ކުރުވައިދިން މީހާ މިހާރު އެ އިޙްސާސަށް އަނިޔާދެނީއެވެ. ފަރީ އިތުރު ސަމާލުކަމަކާ އެކު ގޭތެރޭގެ ކަންތައްތައް ކުރާން ފަށައިފިއެވެ. އަދި ނަލަހެދި ޒީނަތްތެރިވުން ދޫކޮށްލައިފިއެވެ. އެހެންނަމަވެސް އާ އަލަތު އަތްނބެއްގެ ހުންނަ އުޖާލާކަން އަބަދު ވެސް އޭނާގެ މޫނުމަތީގައި ހުރެއެވެ.
 
މާތަކުގެ ތެރޭގައި ހީނ އުފާކުރަމުން ވޭތިވާ ބައެއް ދުވަސް ދުވަސް ވެސް އާދެއެވެ. އެކަމަކު ދެން އެ ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. ދެ ފަރާތުން ދުރުހެލިކަން އިތުރުވެދާނެއެވެ. މި ހެން މި ވަނީ ކީއްވެގެންކަން ފަރީގެ ވިސްނުމަކަށް ނާދެއެވެ. އަދި ކައިވެންޏަކީ ކޮން އެއްޗެއްކަމެއްވެސް އޭނާގެ ވިސްނުމަކަށް ނާދެއެވެ. އަންހެންކުދީން، ނިމުމެއް ނެތް އުފާވެރިކަމުގެ ދުނިޔެއެކޭ ބުނާ ކައިވެނީގެ ދުނިޔެއަށް އައުމަށް ފަހު އިންސާނާއަށް އޭނާގެ އަމިއްލަ ރުހުމުގައި ނޭވާ ވެސް ނުލެވެއެވެ. ތިމާގެ އަމިއްލަ ގެއެއް ހުންނާނެ ކަމަށާއި ތިމާ ބޭނުން ގޮތަކަށް އެ ގެ ޒީނަތްތެރިކުރާނެ ކަމަށާއި، ތިމާ ކުރާ ކަމަކާ ބެހޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އަންހެން ކުދީން ވިސްނަނީ ކީއްވެގެން ހެއްޔެވެ. އެ ގޭގައި ފިރިމީހާ ނުބެހޭ ނުވަތަ އޭނާގެ ވެރިކަން ގަބޫލުނުކުރުވާ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. މައިންބަފައިންގެ ގޭގައި ވެސް އެއަށްވުރެ ތަންކޮޅެއް މިނިވަންކަން ބޮޑުވާނެއެވެ. އެ މިނިވަންކަމަކީ ވެސް ރީތި ލުއި މިނިވަންކަމެކެވެ. އެހެން ކަމެއް ނުވިޔަސް ފޭރާމާއި ކާބޯތަކެތި މަލާމާތަކާ ނުލައި ލިބޭނެއެވެ. ހީނ ވާހަކަދެއްކުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެއެވެ. މި ތަނުގައި ވާނެ ގޮތަކީ ކަލޭ ރޯން ބޭނުމީ ވިއްޔާ ފިރިމީހާ ބޭނުން ވާނީ އެކުވެރީންނާ އެކު މަޖާކުރާށެވެ. އަދި ކަލޭ ވެސް އެ މީހުންނާ ބައިވެރިވުމަށެވެ. ކަލޭ ކޮންމެވެސް ކަމަކާ އުފަލުން ހޭން ބޭނުން ވެއްޖެ ނަމަ ފިރިމީހާ ހުންނާނީ ރުޅިއައިސްފައެވެ. އަދި އެންމެ ފަހުން ގޮސް ކަލެއަށް ރޮވޭ ވަރު ވަންދެން ހިތްދަތިވާ ފާޑުފާޑުގެ އެއްޗެހި ކިޔާނެއެވެ. މާތްރަސްކަލާނގެ ކުޅަދުންވަންތަވެރިކަމެވެ.

މި ތަނުގައި މި ކުރެވެނީ ކައިވެންޏެއް ނޫނެވެ؛ އަންހެނުންގެ ފުރާނައާއި ހަށިގަނޑުގެ ވިޔަފާރިއެވެ. ހަ މަސްދުވަހުގެ ތެރޭގައި މި ކަހަލަ އެއްޗެހިތައް ފަރީ ވިސްނާން ފަށައިފިއެވެ. ހިތުގައި ވަނީ އުދާސް އުފެދިފައެވެ. އެ އުދާސްތައް، އެކަނިވާ ވަގުތު ލޮލުގެ މަގުން ބޭރުވަމުން ދެއެވެ. އެހެންނަމަވެސް ހިތި އުދާހެއް އޭނާގެ ހިތާއި ހަށިގަނޑު ހައްޔަރުކޮށްފައި ވެއެވެ. އޭނާ މި ބުރަ ލުއިކޮށްލާން ބޭނުމެވެ. އެކަމަކު ދާނީ ކޮން ތަނަކަށް ހެއްޔެވެ؟

ޖަމާލުގެ ގަދައެޅުމުގެމަތިން އެކުވެރި ކުދީންނާ ބައްދަލުކުރުން ވަނީ ހުއްޓައިލައިފައެވެ. އެހެންނޫނަސް އެ މީހުން ގާތު ބުނާނީ ކީކޭ ހެއްޔެވެ؟ އެ މީހުން އަބަދު ވެސް ހީކޮށްގެން ތިބެނީ އޭނާގެ ފިރިމީހާ ދީވާނާ ވާ ވަރަށް އޭނާ ދެކެ ލޯބިވާ ކަމުގައެވެ. އަދި ފަހަރެއްގައި ވެސް އޭނާއަށް އުނދަގުލެއް ލިބިދާނެ ކަމެއް ނުކުރާ ކަމުގައެވެ. ދެ ދައްތަ އުޅެނީ މާ ދުރުގައެވެ. އެ މީހުންގެ ދަރީންގެ ކަންތައްތަކުގެ ތެރެއަށް ގެއްލިގެންނެވެ. ދެން ހުރީ ހަމައެކަނި މަންމައެވެ. އެކަމަކު މަންމައަށް ހަސްފަތާލާއި ބަލިމީހުންގެ ކިބައިން ފުރުޞަތެއް ލިބެނީ ކޮން ވަގުތަކު ހެއްޔެވެ.  މަންމަ ތިން ކުދީންގެ ކައިވެނި ކޮށްދީގެން މަންމަގެ ފަރުޟު އަދާކޮށްފިއެވެ. މަންމަގެ ކުޑަކުޑަ ކުލިނިކަކީ މިހާރު އެ ހިސާބުގަނޑުގައި ހުރި އެންމެ ބޮޑު މެޓާނިޓީ ހޯމެވެ. އެ ތަން ކުރިޔަށް ގެންދިއުމަށް މަންމަ ރެޔާއި ދުވާލު ހުވަފެން ދެކެއެވެ. ކުދީންގެ ކައިވެނިކޮށްދިނުމަށް ފަހު، ކުދީން އުޅެނީ އުފަލުގައިތޯ ނުވަތަ ތަޖުރިބާތަކުގެ އުނދުނުގައި އަނދަނީތޯ ބަލައިލުމުގެ ގޮތުން އަހައި ވެސް ނުލައެވެ. މަންމަ ވޭތިކޮށްލި، ދީންވެރި މަސައްކަތްތެރި ދިރިއުޅުމަށް ބަލައިފައި މަންމަގެ ދަރީން ވެސް ދިރިއުޅުމުގެ ގޮތްގަނޑު އޮންނާނީ ދަސްކޮށްފައިކަމަށް މަންމަ ލަފާކުރީ ކަމަށް ވެސް ވެދާނެއެވެ. ފިރިމީހާގެ ފަރާތުގައި ވެސް ކައިރި، ގާތް މީހަކު ނެތެވެ. ވީ އިރު ފަރީ މި ހިތްދަތިކަން ދުރުކުރާނީ ކާކުގެ ގާތަށް ގޮސްގެން ހެއްޔެވެ. މި އުދާސް ހިތުގެ ތެރޭގައި ހުރެއްޖެނަމަ އޭގެ ރައްދު ޢަމަލަކަށް ވާނީ ކޮން ކަމެއް ކަމެއް ނޭނގެއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ