އަދުގެ ޚާއްސަ

Print

ބާ ޔަށް ގޮސް ރާ ބޯން އިން އިރު...!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)


އުސްތުނބަށް ހުރި ރާތަށި ފުވާދުގެ އަތަށް ފޯރުކޮށްލެވުނެވެ. ހަލުއި ޙަރަކާތަކާއެކު، އޭނާ އެތަށީގައި ހިފީ ބޮވައިގެންފައި އިންލެއް ބޮޑުކަމުން، އެކަންޏެއް ނޫނެވެ. ބެންކޮކުގެ ވައިގެ ބަނދަރާ ބެހޭ ޚަބަރުތައް އޭނާގެ ސިކުނޑިޔަށް ކުރާ އުނދަގުލުގެ ސަބަބުންވެސް މެއެވެ. އޭނާގެ ފިކުރުތައް ގުޅިފައިވަނީ އެ ވައިގެ ބަނދަރާއެވެ. އެތާނގައި ނުފުރި ބަންދުވެފައި އޭނާގެ ތިން ދަރީން އެބަތިއްބެވެ. ޙަލާލު އަނބި މީހާ، ޝަރުމީލާ ވެސް އެބަ އިނެވެ. ޝަރުމީލާ ބައްޕަގެ ބޭހަށްޓަކައި ޝަރުމީލާ ގޮވައިގެން، އިންޑިޔާއަށް ކުރަންޖެހޭ ދަތުރުވެސް ކުރެވެން އޮތީ، މި ކަމުން މިނިވަން ވެގެންނެވެ. މި ފަދަ އެތައް ކަމަކާހުރެ، އެޚަބަރު ލިބުނީއްސުރެ އޭނާގެ އަރުތެރެއަށް އަދި ކާހިތުން ކާއެއްޗެއް، ބޯހިތުން ބޯއެއްޗެއް އެތެރެ ކުރެވިފައެއް ނުވެއެވެ. އެކުން ބޮޑަށް ހާސްވާގޮތްވީ އެތަން ޙިޞާރު ކޮށްގެން ތިބި މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަން އުޅޭކަމުގެ ޚަބަރު ލިބުމުންނެވެ. އެހެންނަމަވެސް....


މި ރާތަށި އޭނާޔަށް މާ ޚާއްޞަ ބުއިމަކަށް ވަނީ ތޯއްޗެކެވެ. ފުރަތަމަ ކޯވަރު ބޯލުމާއެކު ވެސް، އޭނާގެ ފިކުރުތައް އޭނާ ގޮވައިގެން އުދުހިގެން ދިޔައީ، މީގެ އެތައް އަހަރުތަކެއްގެ ކުރިޔަށެވެ. ޢުމުރުން، ސާދަ ފަނަރަ އަހަރުގެ ތެރެއަށެވެ. ދުނިޔަވީ އެއްވެސް ފިކުރެއް ޚިޔާލެއް ނެތި، އުޅުނު ޅަފުރާއަށެވެ. ބައްޕަގެ އެހީތެރި ހިޔާވަހި ކަމުގައި ވޭތުކުރި ޒަމާނަށެވެ.

ދުވަސްވަރަކީ ރާއްޖޭގައި، ފަނަރަ ސޯޅަ އަހަރުގައި މީހުން މީހުނާ ކާވަނި ކޮށްއުޅުނު ދުވަސްވަރެވެ. ފުއާދުގެ ލޮލުގައި އެންމެ ފުރަތަމަ ޝަރުމީލާ އަޅައިގަތީ އެހާ ވެސް ޅަޢުމުރުގައެވެ. މި ލޯބި އުފަންވެގެން، ތާޒާވެ ފައްކާވަމުން އައީ، އޭރުގެ އާދަކާދައިގެ މަތިން، ފެށުނު އަޅުވާކިޔުމެއްގެ ތެރޭންނެވެ. އެހެންނަމަވެސް ހަރުދަނާ ކަމެއް ނެތް، ތެތް ކިސަޑުގެ ބިންގަލެއްގެ މަތީގައެއް ނޫނެވެ!


ފުއާދުގެ ބައްޕައަކީ، މުޅި މެދު ރާއްޖެތެރެއަށް ނަންހިނގައިފައިވާ، މަޝްހޫރު ކިއްސަރުވަޑި އެކެވެ. ޝަރުމީލާގެ ބައްޕައަކީ، އެހާމެ މަޝްހޫރު ކެޔޮޅެކެވެ. ޝަަރުމީލާމެން ރަށަށް އެފަހަރު، ފުވާދު ދިޔައީ، ފުވާދުގެ ބައްޕައާ އެކީގައެވެ. ޝަރުމީލާގެ ބައްޕަ އަލަށް ބަންނަންފަށާ މަސްދޯންޏެއްގެ ފަށަން ބަހައްޓާށެވެ. ދޯނި ބަނުމުގެ މުޅި މަސައްކަތުގެ މާވަޑިއަކީވެސް ފުވާދުގެ ބައްޕައެވެ.

ދުރު ދެ އަތޮޅެއްގައި އުޅުނަސް، ފުވާދުގެ ބައްޕައާއި، ޝަރުމީލާގެ ބައްޕައަކީ، ހަމަ އެކަތިގަނޑެކެވެ. އެދެމީހުންގެ ގުޅުން ވަރަށް ބަދައްސެވެ. ދޮށްޓާއި ކިރިލި ފަދައެވެ. ފަށަނާއި ވަވަތް ފަދައެވެ.


'' ސިނގިރޭޓެއް އެއްޗެއް ބޭނުންހޯ؟ '' ފުވާދަށް ރާތަށި ގެނެސް ދިން 20 އަހަރުގެ ޒުވާން އަންހެން ކުއްޖާ އައިސް، ލަދުވެތި ގޮތެއްގައި އަހާލިއެވެ. '' ނޫން.. ބޭނުމެއް ނޫން..'' ފުވާދު ކުރު ޖަވާބަކުން ނިންމާލިއެވެ. އޭނާ މިވަގުތު އަތަނެއްގެ ތެރޭގައި މަސްތުވެފައި އިން ޚިޔާލީ ދުނިޔޭން ނިކުންނަހިތެއް ނުވިއެވެ. އެކަމަކު އަތުކުރީ ގަޑިޔަށް ބަލައިލި އިރު، ހަވީރު ހަތަރުގަޑި ބައިވެ ބޮޑު ވެއްޖެއެވެ. ރާތަށިން ކޯވަރެއް ދަމާލުމާއެކު، ކޮޓަރީގެ މޭޒުމަތީ ހުރި ރޭޑިޔޯ ގެނެސް ދިނުމަށް އެދުނެވެ.

ފުވާދަށް ކުޑަ އިރު ކެވުނު އެންމެ މީރު އެއްޗަކީ، ބައްޕަޔާއެކު ވަޑާމު ދަތުރެއްގައި، ހދ. އަށް ކުރި ދަތުރެއްގައި، ކުޅުދުއްފުށިން ލިބުނު ހާލު ފޮޅިއެވެ. އެންމެ ހިތްގައިމު އުފެއްދުމަކީ، ދ. ހުޅުދައްޔާއި ރިނބުދޫން ފެނުނު މަސައްކަތްތެރިކަމެވެ. އެންމެ މީރު ރިހާކުރަކީ، މ. ދިއްގަރު މަޑުއްވަރީ ރިހާކުރެވެ. ޅަފަތުގައި މަންމަ ނިޔާވެފައިވުމާއެކު، ވަރަށް ކުޑަ އިރުއްސުރެ ބައްޕަ ދާ ކޮންމެ ތާކަށް ދަނީ ފުވާދު ކަފުޖަހައިގެންނެވެ. އެދާ ރަށެއްގައި ކުރާ މަސައްކަތެއް ނިމެންދެން އަބަދުހެން އުޅޭނީ ދެބަފައިން އެކީގައެވެ. ފުވާދު ނުދަންނަ ފަރެއް ގިރިއެއް މެދުރާއްޖެތެރޭގައި އޮންނާނެ ހެނެއް ހީއެއް ނުވެއެވެ. އޭނާ ނުދަންނަ ބަހުރުވައެއް ރާގެއް އެހިސާބުގަނޑު މީހުން ބަސްމޮށެ ވާހަކަ ދައްކައި އުޅުމަށް ބޭނުންކުރާހެނެއް ހީއެއް ނުވެއެވެ.


މިހާރު ފުވާދުގެ އުމުރުން 40 އަހަރުވީއެވެ. މި ހުރިހާ ދުވަހު އޭނާ މާލޭގައި އުޅުނީ، ޅަފުރާގެ މި ފަދަ އެތައް ހަނދާން ތަކަކާ ދުރުގައެވެ. އޭނާގެ އަމިއްލަ ވަޒަނުގެ ރަށްފުށު ދިވެހިވަންތަ ވެށްޓާއި ދިވެހިވަންތަ ދިރިއުޅުމާ ވަރަށް ދުރުގައެވެ. މުޅި ޢާއިލާ ބައްޓަންކުރެވުނީ މާލޭގެ އިނގިރޭސި ދިރިއުޅުމުގެ މައްޗަށެވެ. ބަޓަރާ ޕާނާ ޖޭމުގެ ޙަޔާތެކެވެ.


ފުވާދުމެން ބޮޑުވެގެން އައި ދުވަސްވަރު، ރާއްޖެ ކިތަންމެ ފަގީރު ހާލުގައި އޮތް ކަމުގައި ވިޔަސް، ފުވާދާއި، ޝަރުމީލާގެ އާއިލާގެ ފޯރުންތެރިކަން އޮތެވެ. ދެކުދީންނަށް ކިޔަވަން މާލެ އާދެވުނީ އެހެންވެގެންނެވެ. ކިޔަވައި ނިމިގެން ދެމީހުންނަށް ވެސް ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުޞަތުލިބުނެވެ. އެފުރުޞަތުގެ ބޭނުން ހިފިއެވެ. ދެމީހުން ދިޔައީވެސް އެއްގައުމަކަށެވެ. މި ގާތްކަމުގެ އާޚިރު ނިމުމަކީ، ވެވުނު ކާވަންޏެވެ. ޅަދުވަހުއްސުރެ ފެށިފައިވާ ކަޅިއުކުން ޙަޤީޤީ ބެލުމަކުން، ބެލެހެއްޓުންތެރިކަމަކަށް ބަދަލުވީއެވެ.


'' އަނ! މިހިރީ ރޭޑިޔޯ'' އެއްކަލަ އަންހެން ކުއްޖާ އައިސް ރޭޑިޔޯ ދިއްކޮށްލިއެވެ. '' މޭޒުމަތީ ބަހައްޓާ! ވަރަށްބޮޑަށް ޝުކުރިއްޔާ'' ފުވާދު މި ފަހަރުވެސް ކުރު ޖަވާބަކުން ނިންމާލިއެވެ. އަދި ރޭޑިޔޯ ހުޅުވާލައިފައި ބެހެއްޓިއެވެ. އޭރު ފަހެއް ޖަހަން ސާދަވަރަކަށް މިނިޓަށް ވެއްޖެއެވެ.

ރޭޑިޔޯއިން އަންނަމުން ދިޔަ ޕްރޮގްރާމުގައި ދައްކަމުން ދިޔަ ވާހަކަ އަކީ ފުވާދު ވަރަށް ސަމާލުކަން ދޭންޖެހުނު ވާހަކައަކަށް ވެއްޖެއެވެ. ކޮންމެ ފަހަރަކު ޗުއްޓީގައި އޭނާ ކުދިން ގޮވައިގެން ބެންކޮކަށް ނުވަތަ އިންޑިޔާއަށް ނޫނިއްޔާ އެ ނޫނަސް، ރާއްޖޭގެ ރަށްރަށް ފިޔަވައި ބޭރުތާކަށް ދަނީ ކުދީންނަށް ވެފައިވާ ވަޢުދެއް ފުއްދުމަށެވެ. ކުދީންނަށް އެފަދަ ވަޢުދެއްވަނީ އެކުދީންގެ ކިޔެވުމުގެ ފެންވަރު މަތިކުރުމަށެވެ. އިމްތިޙާނު ދުވަސްވަރުގައި ބޮޑަށް މަސައްކަތް ކުރުމުގެ ރޫޙު އިތުރު ކުރުވުމަށެވެ. ނަތީޖާ ލިބޭގޮތް ތަފާތެވެ. ބައެއް މާއްދާއިން އެދެވޭ ރަނގަޅު ނަތީޖާއެވެ. ނަމަވެސް ބައެއް މާއްދާގެ ނަތީޖާ ރަނގަޅެއް ނޫނެވެ. މި ދިޔަ އަހަރަކީ އެންމެ ދޮއްޓަށް ހުރި ސަމާ، ގްރޭޑް 10 ނިންމި އަހަރެވެ. އަންނަ އަހަރު ރަނާ ވެސް، އެސް. އެސް. ސީ. އިމްތިޙާނުގައި އިށިންނާނެއެވެ. އެހެންނަމަވެސް މި ކުދިންގެ ދިވެހި އިސްލާމްގެ ނަތީޖާ އެހެންމީހަކުގާތުގައި ބުނަން ވެސް ލަދުގަންނަ ހާވެއެވެ. މާބޮޑަށް ވެސް ދަށީއެވެ. ޓިއުޝަނަށް މުދައްރިސުން ގެނަޔަސް އެކަމުން ވެސް ވީކަމެއް ނެތެވެ.


ފުވާދު، ރޭޑިޔޯގެ އަޑު ތަންކޮޅެއް ބާރުކޮށްލިއެވެ. ބޯން އިން ރާތަށިން ޖެހިޖެހިގެން ދެތިން ކޯވަރު އެއްފަހަރާ ދަމާލިއެވެ. "އާންމުކޮށް ކުދިން ނަށް ދިމާވާ ގޮތަކީ، ދިވެހި ބަހުން ޢިބާރާތް ކުރަން ނޭނގޭތީ އިސްލާމްގެ ފިލާވަޅުތަކަށް ޖަވާބުދޭން ނޭންގެނީ. މަޢުލޫމާތު ހުއްޓަސް ހުށަހަޅަން އެނގޭވަރަށް ބަސްކޮށާރު މުއްސަނދި ނޫނީ. ދިވެހި މާއްދާގެ ސުވާލުތަކަށް ދީފައި ހުންނަ ޖަވާބު ތަކުންވެސް މި މައްސަލަ ފެނޭ.. ބައެއް އެއްޗިއްސަށާއި ކަންކަމަށް ދިވެހި ބަހުން ކިޔާ ނަންތައް ނޭނގޭތީ އެގޮތް މިގޮތުން ބުނެދޭން އުޅެ އެއްގޮތެއް ވެސް ނުވެފައި ހުންނަތަން ފެންނަނީ'' ބަހުގެ މުޝީރަކު އޮޅުން ފިލުއްވައިދެއްވަމުން ވިދާޅުވިއެވެ.

''އަހަރެމެން ގައިމު ދިވެހި ބަހުން ޓިއުޝަނެއް ނުނަގަމު. އޭރަކު މިހާރު މި ތިބި ކަހަލަ ތަމްރީނު ލިބިފައިވާ ދިވެހި ބަހުގެ މުދައްރިސުންނެއްވެސް ނުތިބޭ. ދިވެހި ޑިގްރީ އެއްވެސް ނޯވޭ. އެކަމަކު އަހަރެމެން ލޯބީގެ ސިޓީތަކަށް ދަންދެން ލިޔެ އުޅުނީ ދިވެހި ބަހުން. ގައިމު އޭގެ އިބާރާތްތަކުގައި އަސަރެއް ހުރީމާތާ އެ ސިޓީ ފޮނުވުނު މީހާޔާ އިނދެގެން ތިން ހަތަރު ކުދިން ލިބިފައި މިތިބީ. ދެން މި ދަރީން މިހާ ބަހަށް ކޮށި ވާންވި ސަބަބަކީ ކޮބައި؟ އޮތް ހަމަ އެކަނި ތަފާތަކީ، އެކުދީން އުޅެ ބޮޑުވި މާހައުލު. އެކުދީންނަކަށް ހާލު ފޮޅިއެއް، ކުރަނޑިއެއް ވަތްކެއް ނުވާނެ. މުލަކެއް ފަށަނެއް ނުދަންނާނެ. އެއީ އެ ކުދީން އުޅެ ބޮޑުވި މާއުލުގައި އުފައްދާ ތަކެއްޗެއް ނޫން. އެކުދީން އުޅެ ބޮޑުވީ ވެރިކަން ކުރާރަށުގާ. އެހެންވީމާ އެކުދީންނަށް އެނގޭނީ ލަޔަން ކިންގ''

ފުވާދު އަމިއްލަޔަށް ވާހަކަ ދައްކަން ފެށި ކަހަލައެވެ. މި ފަދަ އެތައް ސުވާލެއްގެ ތެރޭގައި އިންދާ ރޭޑިޔޯ އިން ފަހެއްގެ ޚަބަރު ފަށައިފިއެވެ. އޭނާ ކަނުލައި އަޑު އަހަން އިނީ ބެންކޮކްގެ އެއާ ޕޯޓުގެ ޚަބަރަށެވެ. '' ހުރިހާ ދިވެހިން މެލޭ ޝިޔާ މަގުން، މިރޭ ރާއްޖެ ގެންނަވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި'' އެނައުންސަރު މިހެން ހަމަ ބުނުމާއެކު، ފުވާދަށް ގަދަ އަޑުން އަލްޙަމްދު ލިﷲ އޭ ބުނެވުނެވެ. އޭނާގެ ސިކުނޑީގައިވާ ވަރަށް ގިނަ ބުރަތައް ފިލައިގެން ދިޔައެވެ.

ޚަބަރު ނިމުމުން ރޭޑިޔޯ ނިވާލާފައި ރާތަށީގައިވާ އެންމެ ފަހު ކޯވަރު ދަމާލުމަށް ފަހު ކުޑަ ކޮށް އިސްޖަހާލިއެވެ. ރާތަށި ގެނެސް ދިން، ޝަރުމީލާގެ ދައްތަގެ ދޮށީ އަންހެން ދަރިފުޅަށް ގޮވާލައިފައި ބުންޏެވެ. ''އަދި ގޮސް މަންމަ ގާތުގައި ބުނޭ! އަލުން އެތަށި ފުރާލަ ދޭށޭ. މި ހީވަނީ ހަވީރުގެ މީރާހެން.'' އޭނާގެ ހިތުގައި މިހާރު ވަނީ އޭނާ އުމުރުން 16 އަހަރުގައި އެންމެ ފުރަތަމަ މިރަށަށް އައިދުވަހު ޝަރުމީލާގެ އަތުން ދިއްކޮށްލި ރާތަށީގެ ހަނދާނެވެ. އެދުވަހު އޭނާ ރާ ނުބޯން ވެގެން އުޅުނެވެ. ލަދުންނެވެ. އޭގެ ކުރިން ރަހަ ބެލިފައިވާ އެއްޗަކަށް ވެސް ނުވާތީއެވެ. '' މަންމަ ބުނީ ކާފަ އެބަ ގޮވަޔޯ'' 20 އަހަރުގެ އެކުއްޖާ ހުސް ތަށި ހިފައިގެން ގޭތެރެއަށް ހިނގައިގަންނަމުން ބުންޏެވެ. '' މި ދަނީ'' ފުވާދު މިހެން ބުނެފައި އިށީނދެ އިން ޖޯލިފަތިން ތެދުވެ މެދުގޭތެރެޔަށް މިސްރާބު ޖެހިއެވެ. ހިތާ ހިތުން މިހެން ކިޔަމުންނެވެ. ޝަރުމީލާގެ ބައްޕަ ބަލިވެގެން އޭނާ ބަލައި ނަމަވެސް ބެންކޮކުގައި ހުރެފައި މި ފަހަރު ދަރަވަންދުއަށް އާދެވުނީ ތީ މި އޮޅުން ފިލީ ކިހާ މުހިންމު ކަމެއް ހެއްޔެވެ؟ ކުރިޔަށް އޮތްތާނގައި ދަރީންކޮޅު ގޮވައިގެން ޗުއްޓީގައި މުޅީންވެސް ދާނީ ރާއްޖެތެރެއަށެވެ. ދިވެހި ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށެވެ. ހދ. އަށާއި، ދ. އަށެވެ. މ. އަށާއި ބ. އަށެވެ. ދިވެހި ހާލު ފޮޅިއާއި ދިވެހި ރިހާކުރާއި، ދިވެހި ރާ ގެ ފައިދާ އެކުދީންނަށް ލިއްބައިދިނުމަށެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ