Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (12)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ބިންމާ އިބްރާހީމް ވަޙީދު

14 އޮގަސްޓް(ހޮނިހިރު)އާ ގުޅޭ......

ކަސްރަތުކުރުމުން ތިމާ ހުންނާނެ ގޮތާއި، ތިމާ އަށް ލިބޭނެ ރީތި ނަން ހިތަށް ގެނެވުނީ އެވެ. އެކުވެރިން ކުރާނެ ތަޢުރީފު ވެސް ތިމާ އަށް ވިސްނުނީ އެވެ. ތިމާގެ ބުންވަރަށް އަންނާނެ ހެޔޮ ބަދަލާއި، ސިޑިތަކުން އަރަންޖެހޭ ކަހަލަ ހާލަތުތަކުގައި، ވަރުބަލިކަން ތިމާ އަށް ނުލިބޭނެކަމާއި، އެއިން ލިބޭނެ ފަސޭހަ އަންދާޒާކުރެވުނީ އެވެ. އެ ހުރިހާ ކަމަކީ ވެސް ތިމާ އަށް ލިބޭނެ ހިތްވަރެވެ.

ފަތިހު ތެދުވަން ފަށައިގަންނަ ދުވަސްކޮޅު، އެ ކަން ކުރަން އުނދަގޫވާނެ އެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. ހަމަ އެހެންމެ، ކުރީގެ ކަންނެތްކަން ތިމާގެ އަތުގައި ހިފަން ވެސް މަސައްކަތްކުރާނެ އެވެ. ހަނދާންކުރަންވީ ކަމަކީ، ނުރަނގަޅު އާދަތަކުގެ މައްޗަށް، ރަނގަޅު އާދަ ގަަދަވެގަންނާނެ ކަމެވެ. ވުމާއެކު، ޒަމާނުއްސުރެ ތިމާގެ ސިކުނޑީގައި އަށަގެންފައިވާ ނުރަނގަޅު އާދަތަކާ ހަނގުރާމަކުރަން ފަށައިފި ނަމަ، ތިމަންނަ މިހާރު ބޭކާރުވެއްޖެ ކަމުގައި އެ ނުރަނގަޅު އާދަތައް ހީކުރާނެ އެވެ. އަދި، މަރުޙަބާ ނުކިޔާ މެހުމާނެއް ފަދައިން "ނުރަނގަޅު އާދަތައް" ވަކިވެގެން ހިނގައިދާނެ އެވެ. ތިމާ މިނިވަންވެ، މުޅިން އާ ހިތްވަރަކާ އެކުގައި ދިރިއުޅުން ފެށިދާނެ އެވެ.

ނުރަނގަޅު އާދަތަކުން ސަލާމަތްނުވެވިގެން ބައެއް މީހުން އުޅެނީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ، ސަލާމަތްވާން ނޭނގުމެވެ. ތިމާގެ ސިކުނޑި އަށް، ރެޔާ ދުވާލު ވެރިވާ ނުރަނގަޅު ވިސްނުންތައް ކޮންޓްރޯލު ކުރުމުގެ ބާރު ތިމާގެ ކިބައިގައި ހުންނަކަން، ގިނަ މީހުންނަކަށް ނޭނގެ އެވެ. އެ ފަދަ މީހުންނަށް ހީވަނީ، ބުއްދި އަށް ކުއްލިއަކަށް އަންނަ ފިކުރުތަކަކީ، ހަމަ ހުރެފައި އަންނަ ކަންތައްތަކެއް ކަމަށެވެ. އަދި، އެ ފިކުރުތައް ތިމާގެ ކޮންޓްރޯލުގެ ދަށަށް ނުގެނެސްފި ނަމަ، ތިމާގެ ކޮންޓްރޯލު އެ ފިކުރުތައް އަތުލާނެކަން ވެސް އެނގިފައި ނޯންނަނީ އެވެ. ތިމާ އަށް ގެއްލުންދެނިވި ނުވަތަ ކުރަން ބޭނުން ނޫން ފިކުރެއް ސިކުނޑި އަށް ވެރިވާން ފެށުމުން، އެ ކަމަށް ހެދޭނެ ހިންތާއެއް ނެތްކަމަށް ހީނުކުރާށެވެ. ސިކުނޑި ނުވަތަ ތިމާގެ ހިތަކީ ތިމާ އަށް ބާރުފޯރުވޭނެ އެއްޗެއް ނޫނޭ ވެސް ހީނުކުރާށެވެ. ތިމާގެ ފިކުރުތައް ކޮންޓްރޯލު ކުރުމުން، ޙަޤީޤަތުގައި ކޮންޓްރޯލު އެ ކުރެވެނީ ސިކުނޑި އެވެ. ސިކުނޑި ކޮންޓްރޯލު ކުރަން ފެށުމުން، ކޮންޓްރޯލު އެ ކުރެވެނީ ތިމާގެ ދިރިއުޅުމެވެ. އެހާ ހިސާބުން، ތިމާގެ ކުރިމަގުގެ ލަގަން ތިމާގެ އަތަށް ލިބުނީ އެވެ.

ތިމާގެ ޢަޒުމް ވަރުގަދަކުރުމަށްޓަކައި ކުރެވިދާނެ ފުރަތަމަ ކަންތައް ފާހަގަކޮށްލާނަމެވެ. ކުރުމުން ގެއްލުމެއް ނުލިބޭނެ އެކަމަކު ކުރިން ތިމާ ކުރާހިތް ނުވާ ކަންތައްތައް ކުރަން ފަށާށެވެ. މިސާލަކަށް، އެއް ދުވަހު އެނދު ތަންމަތި އަޅާލާށެވެ. ތިމާ އަކީ، އާންމުކޮށް ސައިކަލުގައި ނުވަތަ އެހެން ވެސް ދުއްވާ އެއްޗެއްގައި އުޅޭ މީހެއް ނަމަ، އެއް ދުވަހު، މުޅިން ވެސް ހިނގާފައި އުޅޭށެވެ. ކުރިން ކުރަން ޖެހިލުންވާ އެ ފަދަ ކަންތައްތައް ކުރަންފެށުމުން، "ޖެހިލުންވުން" މަޑުމަޑުން "ޖެހިލުން ނުވުން" އަށް ބަދަލުވާނެ އެވެ. ހިތްވަރު ހޯދަން ބޭނުން ނަމަ، ފުރަތަމަ ޖެހޭނީ ހިތްވަރުގެ ބޭނުން ކުރަންފަށާށެވެ. އޭރުން ހިތްވަރުގެ ތަސައްރަފު ފުދި، ފުރާވަރަށް އަޅައި، ހަރުދަނާ ވާނެ އެވެ.

ދެވަނަ ކަމަކީ، ދުފާ މީހެއް ނަމަ، އެއް ދުވަހު، އެއްގޮތަކަށް ވެސް ނުދުފާ ހުންނާށެވެ. ނުވަތަ އެއް ދުވަހު ކޮފީ ނުބޮއި ނުވަތަ ފިނިއެއްޗެއް ނުބޮއި ހުންނާށެވެ. ނުވަތަ، ކޮންމެހެން ބުނަން ބޭނުންވެއްޖެ އެއްޗެއް މެނުވީ ނުބުނެ، އެއް ދުވަހު ހަނުހުންނާށެވެ. އޭރުން އެ ކުރެވޭ ކަމަކީ، ތިމާގެ ސިކުނޑި އާންމުކޮށް ކުރާ ކަންތައްތަކަށް ތިމާ ބާރުފޯރުވަނީ އެވެ. ތިމާގެ ސިކުނޑި އަށް ވެރިވާ އެއްވެސް "ކަމަކީ" އެ އަށް އެއްވެސް ބާރެއް ނުވަތަ ބުއްދިއެއް ދެއްވާފައިވާ އެއްޗެއް ނޫނެވެ. ސިކުނޑި އަށް "ކަމެއް" ވެރިވުމުން، އެ "ކަމަކަށް" ތިމާ ދޭ އޯޑަރަށް އެ "ކަން" އިންތިޒާރުކުރާނެ އެވެ.

މިސާލަކަށް، ތިމާ އަކީ ހިކެން ބޭނުންވާ މީހެކެވެ. އެހެން ނަމަވެސް، ޗޮކްލެޓެއް ކާލަން ތިމާގެ ހިތް އެދެނީ އެވެ. އެ ކަމަށް ހިތް އެދުނެއް ކަމަކު، ތިމާ އިސްނަގައި އެ ކަމަށް މަގުފަހިނުކުރާހާ ހިނދަކު، އެ ކަމެއް ކާމިޔާބެއް ނުވާނެ އެވެ. އެކަމަކު، ޗޮކުލެޓުގެ މީރު ރަހަ ތިމާގެ ހިތަށް ގެނެސް، ޗޮކުލެޓް ގަންނަން ދަތުރުފަށައި، ފިހާރަ އަށް ވަދެ، ޗޮކުލެޓް ނަގައި، އެ އަށް ފައިސާ ދިނުމަށްޓަކައި ވޮލެޓު ނެގީ އެވެ. މިހާރު އެ ވަނީ، ޗޮކުލެޓު ކެއުމަށްޓަކައި ކުރަންޖެހޭ އެތައް ކަމެއް ތިމާ ކޮށްފަ އެވެ. އެ އާދަ އަށް އިތުރު ހިތްވަރުދެވިފަ އެވެ. ނަތީޖާ އަކީ، ދެން އެ ޗޮކުލެޓު ނުގަނެ ތިމާ އަށް ފަރުނުޖެއްސޭހާ ބޮޑަށް ޗޮކްލެޓަށް ތިމާ ދަހިވެތި ވުމެވެ. އެ ކަން ނުކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއް ތިމާ ނުކުރީ އެވެ. ނުބައި އާދައިގެ މައްޗަށް ރަނގަޅު އާދައެއް އިސްކޮށް، ތިމާ ބާރު ނުފޯރުވީ އެވެ. އެ ޗޮކުލެޓު ކެއުމަށްފަހު، ފަހުން ތިމާ ދެރަވުން ވެސް އެކަށީގެންވެ އެވެ. އެކަމަކު، ދެން ދައްކާނީ އެހެން ބަހަނާ އެވެ. ތިމާ ޒިންމާއެއް ނުވާނެ އެވެ. މިސާލަކަށް، ޗޮކުލެޓު ކެވެނީ އަތުގައި ފައިސާ ހުރީމަ އެވެ. ހުއްޓުވާނެ މީހަކު ނެތީމަ އެވެ. މި ފަދަ ކިތަންމެ ބަހަނާއެކެވެ. މީ ޢާއިލީ ކަމެކޭ ވެސް ބުނެފާނެ އެވެ. މާ ބޮޑަށް ބަނޑުހައިވީއޭ، ނުކައި ނުހުރެވުނީއޭ، އެއީ ދެން ހަމަ އެންމެ ޗޮކުލެޓެކޭ ވެސް ބުނެފާނެ އެވެ. އޭގެ އިތުރަށް، ފޮނި އެއްޗިހި އެއްގޮތަކަށް ވެސް ނުކެއުމަކީ ގެއްލުން ހުރި ކަމެކޭ، ޗޮކުލެޓުން ފަލައެއް ނުވާނޭ އެ ވެނި އެއްޗެއްގައި އޮއްވައި ދުށީމޭ ވެސް ބުނެފާނެވެ. ބޭކާރު ބަހަނާ އެވެ.

ތިމާގެ ޢަޒުމް ދެ ގުނަ އަށް ނުވަތަ ތިން ގުނަ އަށް އިތުރު ކުރެވިއްޖެ ނަމަ، ދެން ކުރެވިދާނެ ކަންތައްތައް ވިސްނާލާށެވެ. ޢަޒުމް ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން، ދުވާލަކު ކުޑަ މިންވަރެއް ފަރިތަކުރެވުނަސް، ފަހުން އޭގެން ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. ބޮޑުސިންގާ ފެންތާނގީއެއް ފުރެނީ، ތިއްކަކަށް ފުލުގައި ތިއްކެއް އެ އަށް ވެއްޓިގެންނެވެ. ބިންމަތީގައި އިންދާ އޮށަކުން ފަޅާ ގަހެއް، ތިމާގެ ދެތިން އިސްކޮޅަށް ވުރެ ދިގުވަނީ، މިލިމީޓަރަކަށް ފަހު މިލިމީޓަރެއް ދިގުވަމުން ގޮހެވެ. ވިސްނާށެވެ. ބުއްދީގެ އަހުލުވެރިއަކަށް ވާށެވެ. ވަގުތު ފާއިތު ނުވަނީސް ވަގުތުގެ ބޭނުން ހިފާށެވެ.
    
އަތުކުރީގަޑި
މި އިން ރަމްޒުކޮށްދެނީ ތިމާގެ އަށް ލިބިފައިވާ އެންމެ މުހިންމު ރައުސްމާލު ކަމުގައިވާ ވަގުތެވެ. ފުށް ހިމޫން ވެލިމުށެއް މުށުތެރޭގެ އިނގިލިތައް ދޭތެރެއިން ދޫވެގެން ދާ ފަދައިން، އަލުން އެނބުރި ނާންނަ ގޮތަށް، ވަގުތު ފާއިތުވަމުންދެ އެވެ. އުމުރުގެ ވީހާ ވެސް ކުރީކޮޅުގައި، ޙިކުމަތްތެރިކަމާ އެކުގައި ވަގުތުގެ ބޭނުންކުރި މީހުންނަށް މެނުވީ، ވަގުތުގެ ފައިދާ، އެދެވޭ ގޮތުގައި ނުހޯދެއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ތިމާ ދިރިއުޅުނަސް، ރެޔަކާދުވާލު 24 ގަޑިއިރަށް ވުރެ އިތުރަށް އެންމެ ސިކުންތެއް ވެސް ނުލިބޭނެ އެވެ.

ކަމެއް ނެތިފައި ހުންނަ މީހާ އަށް އެއްވެސް ކަމެއް އޮންނާނީ ނުކުރެވިފަ އެވެ. އެކަމަކު، ބިޒީކަމުން ގޮސް ވަގުތެއް ނުވާ މީހާ، ހުރިހާ ކަމެއް ވެސް ކުރާނެ އެވެ. ވަގުތު ބަހަން އޭނަ އަށް އެނގޭނެ އެވެ. ބިޒީ މީހުންނޭ މި ބުނަނީ، މަސައްކަތާއިގެން ހޭބޯނާރާ އުޅޭ މީހުނެއް ނޫނެވެ. އެކަމަކު، ވަގުތު ނެތުމާއެކުގައި ވެސް، ތިމާގެ ތާވަލު އަލުން ތަރުތީބުކޮށް، ވަގުތު ހޯދާ މީހުންނެވެ. އެ މީހުންގެ ތާވަލު އަބަދު އޮންނާނީ ފުރިފަ އެވެ. އެހެންކަމާއެކުގައި ވެސް، ކަމެއް އިތުރު ނުކޮށްލެވޭ ވަރަކަށް، އެ މީހުންގެ ތާވަލެއް ދުވަހަކު ވެސް ނުފުރޭނެ އެވެ. އެ މީހުން ކުރާނީ، ކުރަން ބޭނުންވެގެން ކުރާ ކަންތައްތަކެވެ.

އަނެއްކާ ވެސް އެހެން މިސާލެކެވެ. މާދަމާ އަކީ އާދިއްތަ ދުވަސް ކަމުގައި ބަލަމާ ހިނގާށެވެ. ތިމާގެ ތާވަލުގައި ހުސް ވަގުތެއް ނެތެވެ. މީޓިންތަކާއި، އެޕޮއިންޓްމަންޓުތަކެވެ. ނުވަތަ އެހެނިހެން މަސައްކަތްތަކުން ތާވަލު އޮތީ ފުރިފަ އެވެ. އެހެންނަމަވެސް، އަދި ވެސް ވަގުތު ހުސްކުރަން ބޭނުންވެ އެވެ. ވީމާ، އާންމުކޮށް ތިމާ ހޭލާ 6:30 ގައި ހޭލައިގެން، ހަމައެކަނި ކޮފީއެއް ބޯލައިގެން ނުވަތަ ސައި ނުވެސް ބޮއި، މަސައްކަތާއިގެން ހޭބޯނާރާ އުޅުމަށް ވުރެ، ހޮނިހިރު ދުވަހުގެ ރޭ، 15 މިނެޓު ހުސްކޮށްލައިގެން، ތާވަލު އަލުން ރާވާލުން ބުއްދިވެރި ނުވާނެ ހެއްޔެވެ؟ ކަންތައްތައް ހުންނަ ގޮތުން، މާ ތަފުސީލުކޮށް، މާ ދުރަށް ތާވަލު ރާވަން އުނދަގޫވެދާނެ އެވެ. އެހެންކަމުގައި ވިޔަސް، ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތަކަށް ވަކި ވަގުތެއް ޚާއްޞަ ކުރެވިދާނެ އެވެ. ރައްޓެހިންގެ ގޭގެ އަށް ޒިޔާރަތްކުރުމަށް ވަކި ވަގުތެއް، ކަސްރަތު ނުވަތަ ކުޅިވަރަށް ވަކި ވަގުތެއް، ބާޒާރުކޮށްލަން ވަކި ވަގުތެއް ހަމަޖެއްސިދާނެ އެވެ. މި ކުޑަކުޑަ ރޭވުމުގެ ސަބަބުން ވެސް، ދިރިއުޅުމުގައި ލައިނުގަނެގެން އުޅެން ހަދައިގެން ދިމާވާ އެކްސިޑެންޓުތަކުން ތިމާ ރައްކާތެރިކޮށްދޭނެ އެވެ. އަދި، ދުވަސް ނިމޭއިރު، "އެންމެ މުހިންމު ކަންތަކާ މިއަދު ވެސް ނޫޅެވުނޭ.." ހިތަކަށް ނާރާނެ އެވެ. އެ އަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް ކޮބާހެއްޔެވެ؟

    ފަހަރެއްގައި ހިތަށްއަރާފާނެ އެވެ. ތިމަންނަ ދަންނަ އެވެނި މީހަކު ވެސް އުޅެނީ ތިހެނެއް ނޫނެވެ. އެއީ މައްސަލައެއް ހެއްޔެވެ؟ ތިމާ ދުނިޔޭގައި އުޅެންޖެހޭނީ އެހެން މީހުން އުޅޭ ގޮތަށް ހެއްޔެވެ؟ ތިމާ އުޅެންވީ ގޮތް ތިމާ އަމިއްލަ އަށް ކަނޑައަޅާށެވެ. ތަންކޮޅެއް އަވަހަށް ޑިއުޓީ އަށް ނުކުތުން އެއީ އާދައަކަށް ނުހަދަންވީ ކީއްވެ ހެއްޔެވެ؟ އޭރުން، އޮފީހުގައި މީހުން ގިނަވެ، އަޑުގަދަވުމުގެ ކުރިން، ކުރަން ހުރި މުހިންމު މަސައްކަތެއް، ހަމަޖެހިލައިގެން ނިންމާލެވޭނެ އެވެ. ޑިއުޓީ ގަޑި ނިމުމުން، އަދި "ކުޑަ އިރުކޮޅަކު" އޮފީހުގައި އިނުމުގެ ބަދަލުގައި، އަނބިދަރިން ގާތަށް އަވަހަށް ގެ އަށް އައުން މާ ބުއްދިވެރި އެވެ.

އަހަރެން މި ބުނަނީ، ކުރަން ހުންނަ މަސައްކަތް ކުރި އަށް ރާވާލައިގެން، ހަރުދަނާ ގޮތެއްގައި ވަގުތުގެ ބޭނުން ހިފުމަށެވެ. ދުވަހެއް ނިމިގެންދާއިރު، އެންމެ އިސްކަން ދޭންޖެހޭ މަސައްކަތްތައް ހުންނަންޖެހޭނީ، އެ ދުވަހު ތިމާ ބޭނުންވާ މިންވަރަށް ފުރިހަމަކުރެވިފަ އެވެ. ބޭކާރު ނުވަތަ އެހާ މުހިންމު ނޫން ކަންތައްތަކުގެ ސަބަބުން، އެންމެ މުހިންމު ކަންތައްތަކަށް ހިޔަނިއެޅިގެން ނުވާނެ އެވެ. ވީވަރަކުން ދުރާލާ ރާވާށެވެ. ރާވަން ފޭލުވުމަކީ ފޭލުވާން ރޭވުމެވެ. ތިމާ އަށް ނޭނގި ނަމަ ވެސް ކުރެވޭ ކަމަކީ އެއީ އެވެ. ކޮންމެ ދުވަހަކު ވެސް، މޫދު ފެންނަ ހިސާބަކަށް ޖައްސާލަން ވަކި ވަގުތެއް، އަނބިދަރިންނާ އެކުގައި ހޭދަކޮށްލަން ވަކި ވަގުތެއް، ރައްޓެހިންނާ އެކުގައި ހޭދަކޮށްލަން ވަކި ވަގުތެއް ރޭވިފައި އޮތުމަކީ، ދިރިއުޅުން ފުރިހަމަވާ ކަމެކެވެ. ކޮންމެހެން ތިމާ އަދާކުރަންޖެހޭ ރޫޙާނީ ކަންތައްތަކާއި، ރައްޓެހިންގެ ކޮފީއާ ފުށުނާރާނެ ކަމެއް ވެސްމެ އެވެ. އަބަދު މަސައްކަތް ކޮށްފައި، އަރާމު ނުކުރުމަކީ ތިމާ މޮޔަވެދާނެ ކަމެކެވެ. ވީމާ، ހިތްހަމަޖައްސާލުމަށްޓަކައި ފިލްމެއް ބަލައިލުމަކީ ހޭދަކުރެވޭ ބޭކާރު ވަގުތެއް ނޫނެވެ. އޭގެ ސަބަބުން، އަލުން ތިމާ މަސައްކަތާ ކުރިމަތިލާއިރު ތިމާގެ ސިކުނޑި ހުންނާނީ ތާޒާވެފަ އެވެ. ގޭގައި ނުވަތަ ޢާއިލާގައި ތިމާ އަށް ދިމާވާ ކަންތައްތަކުގެ ސަބަބުން، ތިމާގެ މަސައްކަތަށް އަސަރުފޯރާނެ އެވެ. ހަމަނިދި ނުލިބި، ހިތްހަމަނުޖެހި ނުވަތަ ރޯނާވެގެން ހުރެ އޮފީހަށް އައިސް ނުވަތަ ސްކޫލަށް ދިޔުމުން، ރަނގަޅަށް ކުރެވޭނީ ދާދި މަދު ކަމެކެވެ.

    ބިޒީވުމަކީ އުޒުރެއް ކަމުގައި ނުހަދާށެވެ. އަމިއްލަ ހިތާ ސުވާލު ކުރާށެވެ. ތިމަންނަ ބިޒީވެގެން މި އުޅެނީ ކޮން ކަމަކާ ހެއްޔެވެ؟ ހައިރާންވާންޖެހޭ ކަމަކީ، ދިރިއުޅުމުގައި ތިމާ ހާސިލުކުރާ ނަތީޖާގެ %80 އަކީ، ތިމާ މަޝްޢޫލުވެގެން އުޅޭ ޚަރަކާތްތަކުގެ %20 ކަމެވެ. އެ އަށް މި ކިޔަނީ "20 ގެ ޤަދީމީ އުސޫލު" އެވެ.

އަނެއްކާ ވެސް ބިޒީ އާދިއްތަ އަކަށް ބަލާލަމާ ހިނގާށެވެ. އިރު އެރީއްސުރެ އިރު އޮއްސެންދެން ތިމާ ކުރި މަސައްކަތްތަކަކީ، ފޯނުން މީހުންނާ ވާހަކަދެއްކުމާއި، އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ދަރިފުޅާ އެކުގައި ވަގުތު ހޭދަކުރުމާއި، އަންހެނުންނަށް ބާޒާރުކޮށްދިނުން ކަމުގައި ވެދާނެ އެވެ. އެކަމަކު، ތިމާ އަށް ވަގުތު ދެވުނު އެތައް ސަތޭކަ ކަންތައްތަކެއްގެ ތެރެއިން، ބިނާކުރަނިވި އަދި ފައިދާހުރި ނަތީޖާއެއް ނެރެވިފައިވާނީ އެންމެ %20 މަސައްކަތެވެ. އެ %20 މަސައްކަތަކީ، ތިމާ އަށް "އެންމެ މަތީ އަސަރެއް ކުރަނިވި" ޚަރަކާތްތައް ކަމުގައި ބަލާށެވެ. މިސާލަކަށް، މިއަދުން ފެށިގެން ދިހަ އަހަރަށް ބަލައިލާށެވެ. އެ މުއްދަތުގައި، ކޮފީ އަށް ގޮސް ތިބެގެން ތެޅުނު އަނގަ އާއި، ކާންތިބެގެން ދެއްކުނު ބޭކާރު ވާހަކަތަކާއި، އެކުވެރިންނާ މަގުމަތިން ދިމާވެގެން ދެކެވުނު ވާހަކަތަކުގެ އެއްވެސް މާނައެއް ނުވަތަ ފައިދާއެއް އޮންނާނެ ހެއްޔެވެ؟ ނޯންނާނެ އެވެ. އެހެންނަމަވެސް، ނަސޭހަތެއް އަޑުއަހަން ހޭދަކުރި ވަގުތާއި، ފައިދާހުރި ކަމެއް ދަސްކުރަން ވެއަތުކުރި ވަގުތާއި، ދިރިއުޅުމަށްޓަކައި ތިމާ ކުރާ މަސައްކަތެއް ކުރުމަށް ހޭދަކުރި ވަގުތުގެ ސަބަބުން، ޔަގީނުން ވެސް ތިމާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ. އެ ކަންތައްތަކަކީ، އެންމެ މަތީ އަސަރެއް ކުރަނިވި ޚަރަކާތްތަކެވެ.
 
ބައެއް މީހުންނަށް ކަންކަން ދަސްވަނީ، ގޯސްކޮށް އެ ކަމެއް ކުރެވުމަށް ފަހުގަ އެވެ. އަނެއްބައި މީހުންނަކީ، އެހެން މީހުން ގޯސްކޮށް ކުރާ ކަންތައްތަކުން ޢިބުރަތް ހާސިލުކޮށްގެން ދަސްކުރާ މީހުންނެވެ. އެންމެ ބުއްދި ރަނގަޅު މީހުންނަކީ އެއީ އެވެ. އަދި އެހެން ބަޔަކު ވެސް ތިބެ އެވެ. އެ މީހުން ދެކޭގޮތުގައި، އަމިއްލަ އަށް ކަމެއް ތަޖުރިބާ ކޮށްގެން ނޫނީ ކަމެއް ދަހެއްނުވާނެ އެވެ. އެ ފަދަ މީހުންނަކީ، ދިރިއުޅުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ މީހުންނެވެ.
 
ހަނދާންބަހައްޓަންޖެހޭ އަނެއް ނުކުތާ އަކީ، ތިމާގެ އަގުހުރި ވަގުތުތައް، އެހެން މީހުން ވަގަށް ނެގިޔަ ނުދިނުމެވެ. ވަގުތު ވަގަށްނަގާ މީހުންނާ މެދު، އަބަދު ވެސް ހޭއަރާ ހުންނާށެވެ. ދަރިފުޅު ނިންދަވަން ތިމާ އުޅޭ ވަގުތު، ވަރަށް ބަލާހިތުން އުޅޭ ފިލްމެއް ނުވަތަ ޕްރޮގްރާމެއް ބަލައިލަން އިށީންނަ ވަގުތު، ބުރަކޮށް މަސައްކަތް ކޮށްފައި އަރާމުކޮށްލަން ޖައްސާލާ ވަގުތު ފޯނުކުރާ މީހުން އުޅޭނެ އެވެ. އެ ކަހަލަ މީހަކު ހަނދާންވޭ ހެއްޔެވެ؟ އެ ފަދަ ކަމެއް ދިމާވުމުން "ނޫން" ބުނަން ދަސްކުރާށެވެ. ދިރިއުޅުމުގައި ކުރިމަތިވާ އެ ކަހަލަ ކުދިކުދި ކަންތައްތަކަށް "ނޫން" ބުނަން ދަސްކުރުމުން، ދިމާވާ ބޮޑެތި ކަންތައްތަކަށް "އާނ" ބުނަން ހިތްވަރުލިބޭނެ އެވެ. ކޮންމެހެން ތިމާ އަށް ވަގުތުކޮޅެއް ހުސްކޮށްލަން ބޭނުންވުމުން، ފޯނު ސައިލެންޓަށް ލާށެވެ. އަންނަ ކޯލުތަކަށް ފަހުން ޖަވާބުދެވިދާނެ އެވެ. ކުރިން ބުނެފައިވާނެ ފަދައިން، އަންނަ ކޮންމެ ކޯލަކަށް، ހަމަ އެ ވަގުތު ޖަވާބުދޭކަށް ނުޖެހޭނެ އެވެ. ފޯނަކީ ތިމާ އަށް ފަސޭހަކުރަން އޮންނަ އެއްޗެކެވެ. އަނެކަކަށް ފަސޭހަކުރަން އޮންނަ އެއްޗެއް ނޫނެވެ. އެހެން މީހުންގެ ވަގުތަކީ ކިހާ އަގުހުރި އެއްޗެއްކަން ތިމާ ފާހަގަކުރުމަކީ، އެހެން މީހުންގެ އިޙުތިރާމު ތިމާ އަށް ބޮޑުވާ ކަމެކެވެ. ހަމަ އެއާއެކު، ތިމާގެ ވަގުތަށް އެހެން މީހުން ވެސް އިޙުތިރާމު ކުރާނެ އެވެ.

ވަގުތަށް ކަމޭހިތަން އެނގޭ މީހުން ދިރިއުޅޭނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. ކަންކަމުގައި ލައިނުގަނެގެން ތެޅިފޮޅުމަކީ، ތަބީޢީގޮތުން އެ ކަން އޮންނަންވާ ގޮތެއް ނޫނެވެ. އަވަސްއަރައިގެން އުޅެން ފެށުމުން ކަންކަން ގޯސްކޮށް ކުރެވެނީ އެހެންވެ އެވެ. ވިސްނާލަބަލާށެވެ. އުމުރުން މިހާރު ކިހާ ވަރެއް ހެއްޔެވެ؟ އެންމެ ފަހުން، ރާޅުޖަހާ ފަށުގައި ހުސްފައިގައި ހިނގާލަން ވަގުތުކޮޅެއް ހޯދުނީ ކޮން ދުވަހަކު ހެއްޔެވެ؟ ވާރެޔާ ތެމުނީ ކޮން ދުވަހަކު ހެއްޔެވެ؟ އިރު އަރާ ނުވަތަ އޮއްސޭ މަންޒަރު ފެނުނީ ކޮން ދުވަހަކު ހެއްޔެވެ؟ ކުޑަކުދިން ހީސަމާސަކުރި މަންޒަރު ނުވަތަ އަޑު އެހި ދުވަހެއް ހަނދާންއެބަހުރި ހެއްޔެވެ؟ ފަތިހު ތެދުވެ، އެކަނިމާއެކަނި ހިނގާލަން ދިޔަ ދުވަހެއް ބުނެބަލާށެވެ. އެ ވަގުތު އިވެނީ ކޮން އަޑެއްކަން ނުވަތަ ހަށިގަނޑަށް ވެރިވަނީ ކޮން އިހުސާސެއްކަން ހަނދާންއެބަހުރި ހެއްޔެވެ؟

(ނުނިމޭ)....

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ