އަދުގެ ޚާއްސަ

Print

ބަރުބާދުވީ ލޯބީގެ ދުނިޔެ (4)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ

 

ތާނަކުރީ: މުޙަންމަދު ޝާހިދު ޙަލީމް (1987)

އޭނާއަށް އަދި މި ހާސްކަމާއި ނުތަނަވަސްކަމުގެ އެނބުރޭ އޮއިވަރުން ނުނުކުމެވިގެން އުޅެނިކޮށް އާ އެނގުމެއް އޭނާގެ ދިރިއުޅުމުގެ އޮއިވަރުގެ ކުރި އަނބުރައިލައިފިއެވެ. އަލަށް ކައިވެނިކުރާ ކޮންމެ އަންހެންކުއްޖެއްގެ ދިރިއުޅުމުގައި ވިއްސާރަދުނީގެ ކުލަތަކާއި ބަހާރުތަކުގެ މީރުވަސް އުފައްދާ އާ، ރީތި، އެނގުމެވެ.

 

ކުޑަކުއްޖެއްގެ މަންމައަކަށް ވުމުގެ އިޙްސާސެވެ. ތިމާގެ ހަށިގަނޑުގެ ތެރޭގައި ތިމާއަށް ނުފެންނަ ތުއްތު ތުއްތު ކުއްޖަކު އުފެދެމުންދާކަމުގެ އިޙްސާސެވެ. ފުރަތަމަ ދަރިފުޅު ލިބެން އުޅޭ ޚަބަރު ލިބުމުން އަންހެންކުއްޖާ ކިހައި ވަރަކަށް އުފާވޭ ހެއްޔެވެ. އަދި ކިހައި ވަރަކަށް ބޮޑާވޭ ހެއްޔެވެ. އޭރުން އޭނާއަށް އުފެއްދުމުގެ ޢަމަލުގައި ބައިވެރިވެވުނީއެވެ. އެހެން ޢިބާރާތަކުން ބުނާ ނަމަ އެ އަނިޔާވެރި އިންސާނާގެ ޒާތުގެ ކޮޅެއް އޭނާގެ ހަށިގަނޑުގެ ތެރޭގައި ރައްކާކުރެވުނީ އެވެ. ދަރިފުޅަކީ ހަމަ ހިލިހިލާގަނޑެކެވެ. ހަ މަސްދުވަސް ވަންދެން އެ މީހުން ތިބީ މި ކަމުން މަޙްރޫމުވެފައެވެ. ޖަމާލު ނުރުހުންވެފައި ހުންނަ ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެއެވެ.

އެ ދުވަހު އޭނާ އުފާވީ ވަރުން ގެ މުޅިން އެހެން ގޮތަކަށް ޒީނަތްތެރިކުރިއެވެ. މީރު އެއްޗެހި ކެއްކިއެވެ. ޖަމާލު އެންމެ ރުހޭ ހެދުން އެޅިއެވެ. ޖަމާލު ހަވީރު އެ ހުރިހައި ބަދަލެއްގެ ސަބަބު އެހުމުން ވިސްނައިފައި ހުރި ހުރިހައި ޖުމުލައެއް ހަނދާނުން ފޮހެވިއްޖެއެވެ. އޭނާގެ ކާމިޔާބުގެ ވާހަކަ ބަޔާންކުރާނެ އެކަށީގެންވާ ލަފުޒެއް ނުލިބުނެވެ. އޭނާގެ އުފުލެމުން ތިރިވަމުންދާ އެސްފިޔަތަކާއި މޫނުމަތީގެ ބަދަލުވަމުންދާ ކުލަތަކުން ޖަމާލު އަމިއްލައަށް ލަފާކޮށްލައިފިއެވެ. ޙަޤީޤަތުގައި ވެސް އެއަށް ފަހު އޭނާގެ ރެއާއި ދުވާ ބަދަލުވެއްޖެއެވެ. އޭނާ އަޑުއަހައިފައި އޮންނަނީ އެ ކަހަލަ ވަގުތުތަކުގައި އެންމެ ނުބައި ފިރިހެނުން ވެސް އެ މީހުންގެ އަނބީންނަށް ހިސާބަކަށް ލުއި ދޭ ކަމުގައެވެ. ޖަމާލު އޭނާގެ ހަރުކަށިކަމާ އެކުގައި ވެސް އޭނާ ދެކެ ލޯބިވެއެވެ. އޭނާގެ ވެސް ޢަމަލުތައް ބަދަލުވެއްޖެއެވެ. ފަރީ ހުންނަނީ އަބަދު މޭނުބައިކޮށްފައެވެ. އަދި ހޮޑުލެވިލެވިއެވެ. އަދި ކުޑަ އިރުކޮޅެއް ވާ އިރަށް ވަރުބަލިވެގެން ނޯށޯވެ ފަރުޖެހޭނެ ގޮތެއް ނޯވެއެވެ. ކައްކާން އުޅޭ އިރު، ފިޔާމީރުކުރާ ވަގުތު އޭނާއަށް ނޭވާލާން އުނދަގޫވެއެވެ. ފާޚާނާއާ ދިމާއަށް ދުއްވައިގަންނަ އިރަށް ހިތް ހާސްވެއެވެ. މާތްރަސްކަލާކޯއެވެ. ދިރިއުޅުމުގައި މި މަރްޙަލާ ވެސް އާދޭ ހެއްޔެވެ. ކުއްޖާއަށް ޓަކައި އަންހެންމީހާ ކިހައި ވޭނަކަށް ކެތްކުރާން ޖެހޭނެ ކަމެއް އޭނާއަކަށް އެނގިފައެއް ނެތެވެ. އެއްޗެއް ކާހިތެއް ނުވެއެވެ. ބޯހިތެއް ނުވެއެވެ. މީރުވަސް ވެސް ކަމަކުނުދެއެވެ. ނުބައިވަސް ވެސް ރަނގަޅެއް ނޫނެވެ. މޭވާ ވެސް ކަމަކުނުދެއެވެ. މާ ވެސް ކަމަކުނުދެއެވެ. އެކަމަކު އެހެން ކަންތައް ހުރުމާ އެކުގައި ވެސް ހިތް ނުލާހިކު ލުޔެވެ. އިންނަނީ އުފަލުންނެވެ. ދުނިޔެ ފެންނަނީ އާ ތަނެއްގެ ގޮތުގައެވެ. ވަރުދެރަވެފައި ބަލިކޮށް އުޅުމާ އެކުގައި ވެސް އެތައް ހާސް ކަމެއް ކުރާން ހިތްއެދެއެވެ. އެހެން ކަމެއް ނުވެވުނިއްޔާ އިށީނދެ އިނދެގެން ދަރިފުޅަށް ތުއްތުތުއްތު އެއްޗެހި ހަދައެވެ. އެ ތަކެތި ބަލަބަލައިފައި އެ ދެ މީހުން އެތަކެއް ގަޑިއިރު ވާންދެން ވާހަކަދައްކާން ތިބެއެވެ. އަދި ނުހަނު އުފާވެއެވެ. ޖަމާލު ކައްކާން ނޯކަރަކު ހޯދައިފިއެވެ. އޮފީހުން ވެސް އަވަހަށް އާދެއެވެ. ކޮންމެ ދުވަހަކު ހަވީރު ހިނގައިލާން ބޭރަށް ވެސް ދެއެވެ. ޖަމާލުގެ ވާހަކަދެއްކުމުން ހަރުކަށިކަމާއި ނުރުހުންތެރިކަން ފިލައިފިއެވެ.

 

ނުވަ މަސްދުވަހުގެ މުއްދަތު އެސްފިޔަޖަހައިލައިހައި ހިނދުކޮޅެއްގެ ތެރޭގައި ފާއިތުވެއްޖެއެވެ. އެ ނުވަ މަސްދުވަހުގެ ތެރޭގައި އޭނާ ސަތޭކަ ފަހަރު އޭނާ އަށް ލިބެން އުޅޭ ދަރިފުޅުގެ ތަޞައްވުރު ކުރިއެވެ. އަދި އެ ދަރިފުޅު ދެ އަތުގެ ތެރެއަށް ލައި ބޮނޑިކޮށްލައިފައި ލޯބިކުރިއެވެ. ޙަޤީޤީ ވަށްވަށް، ދޮންދޮން އަންހެންކުއްޖެއް އޭނާގެ އަތުގެ ތެރެއަށް އައުމުން، އޭނާގެ ފައި ބިންމަތީގައި ހަރެއް ނުލައެވެ. އޭނާ ފަރުވާތެރިކަމާއެކު ޖަމާލަށް ބަލައިލިއެވެ. ޖަމާލު ބޭނުމީ ފިރިހެންކުއްޖެއް ކަން ނޭނގެއެވެ. އެކަމަކު ޖަމާލު އެ ކަހަލަ އެއްވެސް ނިޝާނެއް ފާޅެއް ނުކުރެއެވެ. އަންހެންކުއްޖަކަށް ވިޔަސް ފިރިހެންކުއްޖަކަށް ވިޔަސް ފުރަތަމަ ދަރިފުޅަކީ ދެމަފިރީންގެ އުންމީދުތަކުގެ ނިޝާނެވެ. އެއަށްފަހު އޭނާ ދަރިފުޅުގެ ކަންތައްތަކަށް ގެއްލިއްޖެއެވެ. އޭނާގެ ހަމަހޭވެރިކަމެއް ނެތެވެ. ދިރިއުޅުމުގެ ތަޖުރިބާތަކުގެ ތެރެއިން މިއީ އާދަޔާ ޚިލާފު ތަޖުރިބާއެކެވެ. އޭނާ ތުއްތު ކުއްޖަކު ދެކެފައެއް ނެތެވެ. އެހެންކަމުން އެންމެ ކުޑަކުޑަ ކަމެއް ވެސް އޭނާއަށް ވަނީ އާ ކަމަކަށެވެ. ކިތަންމެ ކުޑަ އުނދަގުލެއް ވިޔަސް ކަންބޮޑުވެއެވެ. ވަގުތުން ޑޮކްޓަރުގެ ކައިރިއަށް ދެއެވެ. އޭނާ ދަރިފުޅުގެ ލޯބީގައި ހައްޔަރުވެއްޖެ ކަހަލައެވެ. އެހެން ކަންތައް ވުމުން އޭނާ ޖަމާލާ ދޭތެރޭ ތަންކޮޅެއް ފަރުވާކުޑަވެއްޖެއެވެ. އެއީ ޤުދްރަތީ ކަމެކެވެ. އެކަމަކު ޖަމާލުގެ ކުށްހީގެ ފިތުރަތު އެ ކަން ދުށީ އެހެން ކުލައެއްގައެވެ. އޭނާގެ ހިތަށް އެރިއެވެ. އަންހެނުން ކުއްޖާ އުފަންކުރުމަށްފަހު ފަރުވާކުޑަކޮށްލަނީ އެމީހުންނަށް ފިރިހެނުންގެ މައްޗަށް ބާރުފޯރުވުނީކަމަށް އެމީހުން ދެކޭތީއެވެ. އޭނާގެ ނަފުސު ހަޅޭއްލަވަން ފަށައިފިއެވެ. އޭނާގެ ރާގު ހަރުކަށިވާން ފަށައިފިއެވެ. އެ ދުވަހު ވެސް ފަރީ އިނީ މޯނާ ގޮވައިގެން ޙައްދެއްނެތް މިންވަރަށް ލޯބިކުރާށެވެ. ޖަމާލު އިނީ ލޯގަނޑުގެ ކުރިމަތީގައި ތުނބުޅިބާލާށެވެ. ފަރީ މޯނާ މައްޗަށް އެއްލައިފައި ޖަމާލަށް ދައްކައިލިއެވެ. އަދި ބުންޏެވެ. "ބަލައިލަ. އަހަރެންގެ ދަރިފުޅު ކިހާ ލޯބި؟"

 

"މީހުން ބުނާއެއްޗެއް ފަރީ ނާހަންތަ؟" ޖަމާލު އެނބުރިލައިފައި އޭނާއާ ދިމާއަށް ބަލަމުން ބުންޏެވެ.

 

"ކީކޭތޯ؟" ފަރީ ސުވާލުކުރިއެވެ.

 

"މީހުން ބުނަނީ ދަރިފުޅު ވައްތަރީ އަހަންނާއޭ."

 

ފަރީ ސިހެން އުޅުނެވެ. އޭނާ ހައިރާންކަން ފާޅުކުރި ނަމަ އަނެއްކާވެސް އަރާރުމެއް ފެށުނީހެވެ. މިހާރު އޭނާ ވަރަށް ހަމަޖެހިއްޖެއެވެ. ހީނލައިފައި ބުންޏެވެ. "އަޅުގަނޑުވެސް މި ނަންގަންނަނީ ތިޔަ ހެން." މިހެން ބުނެފައި އޭނާ އެ ތަނުން ހިނގައްޖެއެވެ. އެހެން ކަމަށް ވިޔަސް ދަރިފުޅު މަންމަޔާ ވައްތަރުކަމުން އޭގެ މިސާލެއް ލިބުމަކީ ދަތިކަމެކެވެ.

 

އެއަށް ފަހު އަނެއްކާ ވެސް ކަލޭކަލޭ އަހަރެން އަހަރެންގެ އޮއިވަރެއް ހިނގަން ފަށައިފިއެވެ.

 

ފުރަތަމަ ދަރިފުޅު ވިހެއުމަށް ފަހު ފަރީގެ ސިފަ ވަރަށް ރީތިވެއްޖެއެވެ. މިހާރު އޭނާ ފުރާފުރިހަމަވެފައި އިން އަންހެނެއްގެ ސިފަ ޖަހަން ފަށައިފިއެވެ. އޭނާގެ މޫނުމަތި ވެސް އިތުރަށް އުޖާލާވެއްޖެއެވެ. އޭނާގެ މަޢުޞޫމު ރީތިކަމަށް މަންމަގެ މައިވަންތަކަން އިތުރު ފުރިހަމަކަމެއް ގެނެސްދީފިއެވެ. އެކަމަކު މީސްތަކުން ފާޅުގައި އެ ވާހަކަ ދެއްކުމަކާ ޖަމާލަކަށް ނުރުހެވުނެވެ. އެންމެ ފަހުން އޭނާ ދަށުދަރަޖައިގެ ހަތިޔާރުގައި ހިފައިފިއެވެ. ރީތި ކޮންމެ އަންހެނެއްގެ މައްޗަށް އެޅުވޭ އިލްޒާމު އޭނާގެ މައްޗަށް ވެސް އަޅުވާން ފަށައިފިއެވެ.

 

"ފަރީ އަހަރެންގެ މިވެނި އެކުވެރިއެއްގެ މައްޗަށް ހާދަ ހެޔޮކޮށް ހިތައޭ. މިހާރު ހީވަނީ އަހަރެން ދެކެ ފޫހިވެއްޖެހެން. އަހަންނަށް ވުރެ ރަނގަޅު އެހެން މީހެއް ފަރީއަށް ފެނުނީކަން ނޭނގެ." މި ކަހަލަ ވާހަކަތަކެވެ.

 

މީގެ ކުރިން ކިޔަމުން އައި ހުރިހައި އެއްޗަކަށް ވެސް ފަރީ ކެތްކުރިއެވެ. އެކަމަކު ޣޭރަތްތެރި ކޮންމެ އަންހެނެކޭ އެއްފަދައިން އޭނާގެ ސާފު ފަސްބަޔަށް ކިސަޑު އުކުމަކާ އޭނާއަކަށް ނުރުހެވުނެވެ. މަޑުމައިތިރިކަމާ އެކު ވިސްނައިދީ ވިސްނައިދީ ވަރުބަލިވުމުން އެންމެފަހުން އޭނާ ވެސް ހަރުކަށިވާން ފަށައިފިއެވެ. އޭނާގެ ހަރުކަށިކަން ފެނުމުން ޖަމާލުގެ ރުޅިގަނޑު ދިޔައީ މައްޗަށެވެ. ޖަމާލު ގެއިން ބޭރުގައި އުޅެން ފަށައިފިއެވެ. ރޭގަނޑު ލަހުން އަންނަން ފަށައިފިއެވެ. މި ކަމާ އަބަދު ދެ މީހުންގެ މެދުގައި ޚިލާފު އުފެދެއެވެ. ޖަމާލު އޭނާ ރުޅިއަރުވާން ކުރިއަށް ވުރެ ވެސް ލަހުން އަންނާން ފަށައިފިއެވެ. ރޭގަނޑު ގިނަ އިރު ވާންދެން ފިރިހެނުން ގެއިން ބޭރުގައި އުޅޭ ނަމަ ނުހަނު ގިނަ ބަލާތައް ރީތި ސިފިސިފައިގައި އޭނާ ހައްލާން ފަށާނެއެވެ. އޭނާ ހެއްލެން ރުހިއްޖެ ނަމަ މަގުދައްކާނެ ކިތަންމެ ބަޔަކު ވާނެއެވެ. ނުބައިކަމުގެ މަގުގައި އަދަދެއް ނެތްހައި ގިނަ އެކުވެރީން ތިބެއެވެ. ރަނގަޅުކަމުގެ މަގުގައި އެއްވެސް އެކުވެރިއެއް ނުހުރެއެވެ. އެހެންކަމުން އޭނާ އާވާރާ އެކުވެރީންނާ އެކުގައި އުޅޭން ފަށައިފިއެވެ. އާވާރާކަމުގެ އަސަރުތައް ފެނުމުން ފަރީ އަޑުގަދަކޮށްލިއެވެ. އެކަމަކު ފިރިހެންމީހާ އަންހެންމީހާ ރުޅިއަރުވާން ފޫގަޅައިފައި ހުންނަ އިރު އެއްވެސް ހަޅޭކަކުން ނުވަތަ އާދޭހަކުން އޭނާގެ އުޅުން ބަދަލެއް ނުވާނެއެވެ. އޭނާގެ ހިއްސެއް ނެތް ކަމުން ވެސް ފަރީ މިހައި ވަރަކަށް ނުތަޅުވައެވެ. ޖަމާލު އެތައް ދުވަހެއް ވާންދެން އަނގައިން ނުބުނެ ހުރެއެވެ. އޭނާ ވެސް ރުޅިއައިސްފައި ހުންނަނީއެވެ. ކަރުނަ އޮހޮރައޮހޮރައިފައި ހިމޭން ވަނީއެވެ. ދަރިފުޅާ އަޅައިނުލިޔަސް ވެސް ކެތްކޮށްލަނީއެވެ. އެކަމަކު ޖަމާލު ނުބައި އެކުވެރީންނާ އެކުލަވައިގެން ރާބޯން ފަށައިފިކަން އެނގުނު ހިނދު އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ ވަރަށް ބޮޑަށް ރުޔެވެ. ހަޅޭއްލެވިއެވެ. އެއްޗެހިކިޔެވެ. ހުރިހައި ގޮތަކުން ޖަމާލަށް ވިސްނައިދިނެވެ. ނަސޭހަތްދިނެވެ. އެކަމަކު އެ މަގަށް ނުކުމެއްޖެ މީހަކީ އަވަހަށް އެނބުރި އަންނަ މީހެއް ނޫނެވެ. ޖަމާލު މަސްތުވެފައި ހުންނަ ވަގުތު ސާފު ބަހުން ބުނެއެވެ. "އަހަރެން ކަލެއަށް ނަފުރަތު ކުރަން. ކަލެއަކީ ވަރަށް ބޮޑާ އަންހެނެއް. ކަލޭ ހީކުރަނީ ކަލެއަކީ ދުނިޔޭގައި އިން އެންމެ ރީތި އަންހެނާކަމަށް. ކަލޭ ކަލޭގެ އަމިއްލަ މޫނުދެކެ ނަފުރަތުވާ ވަރަށް އަހަރެން ކަލެއަށް ނަފުރަތު ކުރާނަން."

 

މިއީ ދިރިއުޅުމުގެ ކޮންފަދަ މަރުޙަލާއެއް ހެއްޔެވެ. ފަރީ ކުރަންވީ ކީއް ކަމެއް ނުކުރަންވީ ކީއް ކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. މި ހާސްކަމުގެ ތެރޭގައި ހާސްވެހާސްވެ އޭނާ ވެސް ދިރިއުޅުމުގެ ވައްޓަފާޅި ހަނދާން ނެތިއްޖެއެވެ. އަބަދު ހުންނަނީ ރުޅިއައިސްފައެވެ. ތަޅައިފޮޅައިގަންނާން ތައްޔާރަށެވެ. ޖަމާލު ގެއަށް އަތުވެއްޖެއްޔާ މަލާމާތްކުރާން ފަށައެވެ. ޖަމާލެކޭ އެއްފަދައިން އޭނާވެސް ޖަމާލުގެ ބޮލުގައި ހުތުރު އިލްޒާމު އަޅުވާން ފަށައިފިއެވެ. ބަދަލުހިފުމުގެ އަލިފާން އޭނާ ކޮންމެވެސް ގޮތަކުން ނިވައިލައެވެ. މި ނުގުޅުމުގެ ނިމުމަކަށްވާނީ ކޮންކަމެއް ހެއްޔެވެ؟

 

މިހައިތަނަށް ވަމުން އަންނަ ގޮތެވެ........ ވަރިއެވެ.

 

ދެމަފިރީންގެ މައްޗަށް ރުޅި، ވެރިކަންކޮށްފައި، ބަދަލުހިފުމަކީ އެ މީހުންގެ ޚާއްޞަ މުޝީރުކަމުގައިވުމުން އެހެން މީހުންގެ ވިސްނައިދިނުމަކީ ބޭކާރުކަމެކެވެ. އެ އަލިފާން ވައިރޯޅި އަންނަ ގޮތަށް ފައިބައިގެންދާނެއެވެ. އެކަމަކު އެ ވައިރޯޅި ފައިބައިގެން ދާންދެން ވަގުތު ލޯއަނބުރައިލައެވެ.

 

* * *

 

ފަރީ އޭނާގެ މަންމަގެ ގެއަށް އައުމާއެކުގައި އޭނާ ދީވާނާވެފައި ހުންނާން ފަށައިފިއެވެ. ދިރިއުޅުމުގެ މި ހިތި ޙަޤީޤަތާ ކުރިމަތިލާހައި ހިތްވަރެއް އޭނާގެ ގައަކު ނެތެވެ. މޮޔަކަން އޭނާގެ މައްޗަށް ވެރިވާ ހިނދު އޭނާ ހަޅޭއްފަޅޭއްލަވައެވެ. އޭނާގެ މޫނުމަތީގައި ވަކިއަޅައެވެ. ނިޔަފަތި އަޅުވައި އޭނާގެ މޫނު ލޭގަނޑަކަށް ހަދައިލައެވެ. އޭނާގެ މޫނުމަތި ނޮޅައިލައެވެ. ބައެއް ފަހަރަށް އޭނާގެ ދަރިފުޅު ފެންވަރުވައި ރީތިކުރުމުން ކުއްލިއަކަށް ދަރިފުޅުގެ ގައިގައި ތަޅާން ފަށައެވެ. ރަނގަޅަށް ތެޅުމަށްފަހު މޭގައި ޖައްސައިލައިގެން ގިސްލަގިސްލައިފައި ރޮޔެވެ. އޭނާގެ ޙާލުގެ މައްޗަށް ބޭގަމް ޝަފީޤު ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. އެކަމަކު ފަރީގެ ޒަޚަމުތަކުގައި ބޭސްއަޅައިދީ ދިރިއުޅެން އެކަށީގެންވާ ވަރު ކޮށްދޭހައި ވަގުތެއް އޭނާއަކަށް ނުލިބެއެވެ. ފަރީ ކަހަލަ އަންހެންކުއްޖަކަށް މި ހިތާމައަކީ ދިރިއުޅުމުގެ އެންމެ ބޮޑު ހިތާމަކަމާއި މި ހިތާމައަށް ކެތްކުރާން ވަގުތު ބޭނުންވާނެކަން އޭނާއަށް އެނގެއެވެ.

 

އެ ދުވަސްވަރު ޝަހަރުގައި ވަރަށް މަޝްހޫރު ނަފްސިއްޔާތުގެ މާހިރެއް އުޅެއެވެ. ބޭގަމް ޝަފީޤު ވެސް އޭނާގެ ހަސްފަތާލުގެ ބަލިމީހުން ދެއްކުމަށް ނުވަތަ އެމީހުންގެ މައްސަލަތައް ޙައްލުކުރުމަށް އޭނާ ގެނެއެވެ. އޭނާގެ ނަމަކީ މުޙަންމަދު ޖާދުވާނެވެ. އެކަމަކު އޭނާ މަޝްހޫރުވެފައިވަނީ ޑަކުޓަރުު ޖާދޫގެ ނަމުންނެވެ. އޭނާގެ ބޭސްކުރުމުގެ ފާޑުގަނޑަކީ ޖާދޫއެއްކަމުގައި މީސްތަކުން ދެކެނީކަން ނޭނގެއެވެ. ބަސް ނުހަނު ފޮންޏެވެ. މޫނުމަތީގައި ނުހަނު ބޮޑަށް ދަމައިގަންނަ ބާރު ހުރެއެވެ. ވާހަކަދެއްކުމުގައި އަސަރުފޯރުވާ ގޮތް ހުރެއެވެ. އޭނާގެ އުމުރުން ވާނީ ގާތްގަނޑަކަށް ސާޅީސް ބަޔާޅީސްވަރެވެ.

 

ބޭގަމް ޝަފީޤު އޭނާގެ ދަރިފުޅުގެ ކޭސް ވެސް ޑަކުޓަރު ޖާދޫއާ ހަވާލުކޮށްފިއެވެ. އަދި އޭނާއަށް ހުރިހައި ތަފުޞީލުތަކެއް ކިޔައިދީފިއެވެ. އޭނާ ޑަކުޓަރު ގޮވައިގެން ގެޔަށް ދިޔަ ދުވަހަކީ މޮޔަކަމުގެ އަސަރު ފަރީއަށް ވަރަށް ބޮޑަށް ފޯރި ދުވަހެކެވެ. އޭނާ ހެނދުނުއްސުރެ އޭނާގެ ކޮޓަރިއަކުން ނުނުކުމެއެވެ. ވަކިއަޅައަޅައި މޫނު ވަނީ ހަލާކުކޮށްލައިފައެވެ. ހެނދުނުއްސުރެ އެއްވެސް އެއްޗެއް ނުކައެވެ. ނުބޮއެވެ. މީހަކާ އަނގައަކުން ވެސް ނުމެ ބުނޭމެއެވެ. ޑަކުޓަރު ގެނައީ ހަވީރުއެވެ. ބޭގަމް ޝަފީޤު އޭނާގެ ކޮޓަރިއަށް ގޮސް ޙާލު އެހިއެވެ. ފަރީ ލޯހުޅުވައިލައިފައި މަންމައާ ދިމާއަށް ބަލައިލިއިރު ނުދަންނަމީހަކު މަންމަ ގާތުގައި ހުއްޓައި ފެނުނެވެ. އޭނާ ހައިރާންވެގެން ލޯބޮޑުކޮށްކޮށްލައިފައި އެއް ފަހަރު މަންމައަށް އަނެއް ފަހަރު އެ މީހާއަށް ބަލާން ފަށައިފިއެވެ.

 

"ފަރީ. އަހަރެން މި އައީ ޑަކުޓަރު ސާހިބު ގޮވައިގެން. ޑަކުޓަރު ދަރިފުޅަށް ބޭސްކޮށްދެއްވާނެ." މިހެން ބުނެފައި މަންމަ ބޭރަށް ނުކުމެއްޖެއެވެ. ޑަކުޓަރުު ޖާދޫ ގޮނޑި ދަމައިލައިފައި އެނދުގެ ކައިރީގައި އިށީނދެއްޖެއެވެ. އަދި އޭނާގެ ފުން، އޯގާވެރި އަޑުން ބުންޏެވެ.

 

"އަޅުގަނޑު މިއައީ ފަރީއަށް ބޭސްކުރަން."

 

"ޑަކުޓަރު ސާހިބު. އަޅުގަނޑަކަށް އެއްވެސް ބައްޔެއް ނުޖެހޭ." ފަރީ ކުރަކި ރާގަކަށް ބުންޏެވެ. "އަޅުގަނޑަށް ވީ ގޮތަކީ ހަމައެކަނި ވަރިކުރެވުނީ. ވަރިއަކީ ދުނިޔޭގައި އެ ކަމަށް ދޭނެ އެއްވެސް ބޭހެއް ނެތް ބައްޔެއް."

 

"މި ދުނިޔޭގައި ކޮންމެ ބައްޔެއްގެ ވެސް ބޭސް އެބަ ހުރި." ޑަކުޓަރު ހަމަ އެ ގޮތަށް ހިނިތުންވަމުން ބުންޏެވެ.

 

"ޑަކުޓަރު ސާހިބު. މި ތަނުން ދުރުވޭ!" ފަރީ ރުޅިއައިސް ފުފިގެން ތެދުވެ އިށީނދެއްޖެއެވެ.  "އެއް ފިރިހެނަކު ޒަޚަމުކޮށްލީމަ އަނެއް ފިރިހެނަކު ބޭސްއަޅާދޭން އަންނާނެ. ހުރިހާ ފިރިހެނުންނަކީ ވެސް ވަރަށް ވިޔާނުދާ ބައެއް. އަޅުގަނޑު ފިރިހެނުންނަށް ނަފުރަތު ކުރަން. ވަރަށް ބޮޑަށް ނަފުރަތު ކުރަން. އަޅުގަނޑު ޑަކުޓަރުގެ ސިފަ ވެސް ދެކޭކަށް ބޭނުމެއް ނޫން. ޑަކުޓަރުު އަޅުގަނޑަށް ހެޔޮކަމެއް ކޮށްދެއްވާ. މި ތަނުން ދުރުވޭ."

 

"އަޅުގަނޑު މި އައީ އަޅުގަނޑުގެ ސިފަ ފަރީއަށް ދައްކާކަށް ނޫން. ފަރީ އަޅުގަނޑުގެ ސިފައަށް ނުބައްލަވާ. އަޅުގަނޑަށް ނަފުރަތު ކުރައްވަމުން ގެންދަވާ. އަޅުގަނޑު މި އައީ އަޅުގަނޑުގެ ވާޖިބު އަދާކުރަން."

 

"މަންމާ! މަންމާ!" ފަރީ ހަޅޭއްލަވައިގެންފައި މަންމަ ގެނުވައިފިއެވެ. މަންމަގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްފައި ބުންޏެވެ. "މި މީހާ މި ތަނުން ފޮނުވާލާ. އެހެން ނޫނީ އަހަރެން ބޯފަޅާލައިގެން މަރުވާނީ."

 

އެ ދުވަހު ޑަކުޓަރު ޖާދޫ އޭނާ ނުބަލައި ހިނގައްޖެއެވެ. އެކަމަކު ބޭގަމް ޝަފީޤު ގާތު ބުންޏެވެ. "މާޔޫސް ވެލައްވާނެ ކަމެއް ނެތް. ކޭހަކީ ސީރިޔަސް ކޭހެއް. އެކަމަކު ފަރުވާއެއް ނެތް ކޭހެއް ނޫން. އަޅުގަނޑު ކޮންމެ ދުވަހަކު ހަވީރު އޭނާ ބަލަން އަންނާނަން. އަދި އޭނާ ދިރިއުޅުމުގެ މަގަށް ގެންނާނަން."

 

އަނެއް ދުވަހު ހަވީރު އަނެއްކާ ވެސް ކަނޑައެޅިފައިވާ ގަޑީގައި ޑަކުޓަރު އޭނާގެ ބޯލާކޮޅުގައި ކޮޅަށް ހުއްޓެވެ. އެ ފަހަރު ވެސް ޑަކުޓަރު ފެނުމުން ފަރީ ނުރުހުމާއެކު ލޯކުޑަކޮށްލިއެވެ. ޑަކުޓަރު ހިނިތުންވެލައިފައި ކައިރީގައި ބަހައްޓައިފައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އަދި ލޯތްބާއެކު ބުންޏެވެ.

 

"ފަރީގެ ޙާލު ކިހިނެއްތޯ؟"

 

"އަޅުގަނޑުގެ ޙާލު ކޮންމެގޮތަކަށް ހުރި ނަމަވެސް އެއީ އަޅުގަނޑުގެ އަމިއްލަ ކަމެއް. އެ ކަމާ ބެހިލެއްވުން ހުއްޓާލައްވާ." ފަރީ ނުހަނު ހަރުކަށި ރާގުގައި ބުންޏެވެ.

 

"ފަރީ ތިޔަ ބުނުއްވީ ކީކޭތޯ؟" ޑަކުޓަރުގެ މޫނުމައްޗަށް ތާޒާކަން ވެރިވެއްޖެއެވެ. "ފަރީގެ ޙާލު ގޯސްވުން އެއީ ފަރީގެ އަމިއްލަ މައްސަލައެއް ނޫން. އެއީ ޑަކުޓަރުުގެ އަމިއްލަ މައްސަލައެއް. އެ ކަމާ ފަރީ ބެހިލައްވައިގެން ތިޔަ ކުރައްވާ ކަމަކީ ޑަކުޓަރުުގެ ޙައްޤު ގަބޫލު ނުކުރައްވަނީ."

 

ޑަކުޓަރުު މިހައި ހިސާބަށް ބުނާން ވާ އިރަށް ފަރީ ހަމައިން ނައްޓައިލައިފިއެވެ. އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގި އަނގަތަޅާން ފަށައިފިއެވެ. އޭނާގެ އަނގައިން ފޮނު ނުކުންނަން ފަށައިފިއެވެ. " ޑަކުޓަރު. ކަލެއަކީ ވަރަށް ގޮތްކުޑަ މީހެއް. ހުރިހާ ފިރިހެނުންނަކީ ވެސް ގޮތްކުޑަ ބައެއް. ކޮންމެސް ސިފައެއްގަ އެ މީހުންގެ މޮޅުކަން އެހެން މީހުން ލައްވާ ގަބޫލުކުރުވާނެ. ގާތިލުންގެ ސިފައިގަ ވެސް، ޑަކުޓަރުންގެ ސިފައިގަ ވެސް އެ ކަން ކުރާނެ. އެ މީހުން ހީކުރަނީ އަންހެނުންނަކީ ނިކަމެތި ފަންޏެއް ކަމަށް. ހިތަށް އަރާ އިރަށް ބަލިޖައްސާނެ. ހިތަށް އަރާ އިރަށް މަސީހާއަކަށް ވެގެން އަންނާނެ. އެ މީހުންނަކީ ޝައިޠާނުން. އެ މީހުންނަކީ ޙަސަދަވެރީން. ހުރިހާ ފިރިހެނުން ވެސް ހަމަ އެއްގޮތް. މީހެއްގެ ދިރިއުޅުމަކީ އެ މީހުންނަކަށް އެއްވެސް އެއްޗެއް ނޫން. އެ މީހުން ބަލާނީ ހަމައެކަނި އެމީހުންގެ ޒާތަށް. އެ މީހުން ބިންމަތީގަ އުޅެން ބޭނުން ވަނީ ﷲގެ ޚަލީފާއިންނަށް ވެގެންނެއްނޫން. ކަލާނގެއަށް ވެގެން. އެ މީހުން ދެކެނީ އަންހެނުންނަކީ ނިކަމެތި ހޯލިކޮޅެއް ކަމަށް. އެ ހޯލިކޮޅުތައް ވީ އަލިފާނަށް ލާ އަންދަން. ކަލެއަކީ ޑަކުޓަރެއް ނޫން. ކަލެއަކީ ވެސް ގޮތްކުޑަ މީހެއް. އަހަރެން ކަލޭގެ ސުންޕާ ސިފަ ދެކޭކަށް ބޭނުމެއް ނޫން. ދާންއުޅޭ. ހަމަ މިހާރު މި ތަނުން ދާންއުޅޭ. ދާންއުޅޭ." އޭނާ ކަރުފަޅައިގެންދާ ވަރަށް ހަޅޭއްލަވަން ފަށައިފިއެވެ. ޑަކުޓަރު ކަހާތަން ހިރުވައި ވެސް ނުލުމުން އޭނާ ބޯތަޅާން ފަށައިފިއެވެ. ދެން އޭނާގެ ދިގު ނިޔަފަތިތަކުން އޭނާގެ މޫނުގައި ވަކިއަޅާން ފަށައިފިއެވެ. ޑަކުޓަރު އިން ގޮނޑިން ތެދުވެއްޖެއެވެ. އޭނާގެ ދެ އަތް މޫނާ ދުރަށްލައި ވަރުގަދައަށް ދެއަތުގައި ހިފާއްޓައިފިއެވެ. ފަރީ ރޮއިރޮއި ވަރުބަލިވެ އޭނާގެ މޫނު ކަރުނައާއި ލެއިން ފޯވުމުން އޭނާ ޚަބަރު ހުސްވެއްޖެއެވެ.

 

ޑަކުޓަރުު ހަމަޖެހިގެން އޭނާގެ ގައިގައި ބޭސްއަޅައި، އަރާމުގައި ނިންދެވުމަށް އިންޖެކްޝަނެއް ޖެހިއެވެ. އެ ރެއަށް ބޭނުންވާނޭ އެންގުންތައް މިސިޒް ޝަފީޤަށް އަންގައިފައި ހިނގައްޖެއެވެ.

 

* * *

(ނުނިމޭ)...

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ