www.fanvai.info

Print

ރަމަޟާންމަހުގެ ދީވާނުގައި

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ އެހެނިހެން


އެއްކޮށް،ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު

1.    ރޯނު އެދުރު

އެއްފަހަރަކު ޒުވާނަކު ޚަލީފާ މައުމޫންގެ އަރިހަށް ގޮސް އޭނާ އެއީ ބޮޑު ޢިލްމުވެރިއެއްކަމުގެ ދަޢުވާ އުފުލި އެވެ.  އޭނާ ދެންނެވި އެވެ.  "ޙަދީޘް ޢިލްމާބެހޭގޮތުން އަޅުގަނޑާ ސުވާލުކުރައްވަބައްލަވާށެވެ!  މަނިކުފާނު ކޮންމެ ސުވާލެއް ކުރެއްވިޔަސް، އަޅުގަނޑު ޖަވާބު އަރުވާނަމެވެ.

އޭނާ މިހެން ދެންނެވުމުން  ޚަލީފާ މައުމޫން އޭނާކުރެން ޙަދީޘް ފޮތްތަކުގެ ވަކި ބާބެއްގެ މަޢުލޫމާތާ ބެހޭގޮތުން ސުވާލުކުރެއްވި އެވެ. އެ ޒުވާނާ އަކަށް  ޖަވާބެއް ނުދެވުނެވެ. އެ މަނިކުފާނު ދެވަނަ ސުވާލެއް ވެސް ކުރެއްވި އެވެ. މި ފަހަރުވެސް އެޒުވާނާއަކަށް ޖަވާބެއް ނުދެވުނެވެ. ޚަލީފާ ކުރެއްވި އެއްވެސް ސުވާލަކަށް އެޒުވާނާއަކަށް ޖަވާބެއް ނުދެވުނެވެ. އެންމެ ފަހުން ޚަލީފާ މައުމޫން ވިދާޅުވި އެވެ.  "މިތަނަށް އައިސް ދެ ތިންދުވަހަކު އުނގެނެވުނީމާ މީނާއަށް ހީވީ ބޮޑު ޢިލްމުވެރިޔައަކަށް ވެވުނީ ހެންނެވެ. މީނާ ގެންގޮސް، މީނާ އުނގެނުން ކުރިޔަށް ގެންދިޔުމަށް ތިން ދިރުހަމް ދޭށެވެ."

2.    ސައި ޖޯޑު

އެއްފަހަރަކު ޖަޕާންގެ ޢިލްމުވެރިޔެއްގެ ގާތަށް ޒުވާނަކު އުނގެނުމަށް ދިޔަ އެވެ. އޭގެ ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. އެ އަށްފަހު އެ ޢިލްމުވެރިޔާ އޭގެ ދެމީހުންނަށް ސައިތައްޔާރުކުރަން ފެށި އެވެ. އޭނާ އޭނާގެ މެހުމާނުގެ ޖޯޑަށް ފުރެންދެން ސައި އެޅި އެވެ. އެ ފުރި ބަންޑުންވަމުންދިޔައިރު ވެސް އޭނާ ސައި އެޅުން ހުއްޓައެއް ނުލި އެވެ. އެ ޒުވާނާ ސައި ބަންޑުންވާތަން ބަލަން އިނެވެ. އަދި އެންމެފަހުން ކެތް ނުކުރެވިގެން ބުންޏެވެ. "އެހުރީ ފުރިފަ އެވެ. ދެން އެއަކަށް އިތުރަކަށް ނޭޅޭނެ އެވެ."

"ތިބާވެސް މި ޖޯޑުފަދަ އެވެ. ތިބާވަނީ ތިބާގެ އަމިއްލަ ޚިޔާލުތަކާއި ފިކުރުތަކުން ފުރިފަ އެވެ. ތިބާ ތިބާގެ ޖޯޑު ހުސްނުކުރަނީސް އަހަރެން ތިބާގެ ޖޯޑަށް އެއްޗެއް އަޅައި، ތިބާއަށް އުނގަންނައިދޭނީ ކިހިނެއް ހެއްޔެވެ؟"

3.    ފަންސުރުގެ މަޤްޞަދު

ފަންސުރު ހަދާމީހާ ފަންސުރު ހަދާ ނިންމާފައި ފޮށްޓަށް ލުމުގެ ކުރިން އިހަށް އެއްފަރާތެއްގައި އެ ބޭއްވި އެވެ.
"ތިބާ ބާޒާރަށް ނެރުމުގެ ކުރިން، ތިބާއަށް އެނގެންޖެހޭ ފަސްކަމެއް އަހަރެން ތިބާއަށް ބުނެދޭނަމެވެ." އޭނާ ފަންސުރަށް ބުންޏެވެ. "އެ ކަންކަން ހަނދުމަނެތިނުކޮށް އަބަދުވެސް ހަނދާން ބަހައްޓާށެވެ. އޭރުން ތިބާ ތިބާގެ ފެންވަރުން އެންމެ ރަނގަޅު ފަންސުރަކަށް ވާނެ އެވެ.

ފުރަތަމަ ކަމަކަށް، ތިބާޔަށް އެތައް މޮޅުކަމެއް ކުރެވިދާނެ އެވެ. ނަމަވެސް އެއީ ތިބާ މީހެއްގެ އަތުތެރޭގައި ވުމަށް ހުއްދަ ދީފިނަމަ އެވެ.

ދެވަނަ ކަމަކަށް، ދޭތެރެއަކުން ތިބާޔަށް ވޭންދެނިވި ތޫނުކުރުމަކާ ކުރިމަތިލާން ޖެހިދާނެ އެވެ. ނަމަވެސް ތިބާ ރަނގަޅު ފަންސުރަކަށްވާން އެދޭނަމަ އެއީ ލާޒިމުކަމެކެވެ.

ތިންވަނަ ކަމަކަށް، ތިބާ ހަދާ ކޮންމެ ގޯހެއް ތިބާއަށް ރަނގަޅުކުރެވޭނެ އެވެ.

ހަތަރުވަނަ ކަމަކަށް، ތިބާގެ އެންމެ މުހިންމު ބަޔަކީ ތިބާގެ އެތެރޭގައިވާ އެއްޗެކެވެ.

ފަސްވަނަ ކަމަކަށް، ތިބާ ބޭނުންކުރެވޭ ކޮންމެ ތަނެއްގައި ތިބާގެ އަސަރު ދޫކުރަންވާނެ އެވެ. އެއީ ކޮންމެފަދަ ތަނެއްކަމުގައިވިޔަސް ތިބާ ލިޔުން ހުއްޓާލައިގެން ނުވާނެ އެވެ."

ފަންސުރު އެ ފޮށްޓަށްލެވުނީ އެކަންކަން ހަނދާން ކުރުމަށް ހުވައިކޮށް ހިތުގައި އޭގެ މަޤްޞަދު ބިންވަޅު ނެގުނީމަ އެވެ.

4.    އަޙްމަދު އިބްނު ޙަންބަލާއި ރޮށިފިހާ މީހާ

އެއްރެއަކު އަލްއިމާމު އަޙްމަދު އިބްނު ޙަންބަލް ހުންނަވާނޭ ތަނެއް ނެތިގެން މިސްކިތަކަށް ވަޑައިގަތެވެ. ނަމަވެސް މިސްކިތް ބަލަހައްޓާ މީހާ އެކަލޭގެފާނު އެރޭ މިސްކިތުގައި ހޭދަކުރެއްވުން މަނާކުރި އެވެ. އިބްނު ޙަންބަލް އެއީ އެކަލޭގެފާނުގެ ޙައްޤެއްކަމަށް ވިދާޅުވެ ވަކާލާތު ކުރެއްވި އެވެ. ނަމަވެސް މިސްކިތް ބަލަހައްޓާ މީހާ އެ އަޑެއް ނޭހި އެވެ. އަދި އިބްނު ޙަންބަލް ދަމާފައި ގެންގޮސް ދޮރުން ބޭރަށް އެއްލައިލި އެވެ.

އެކަލޭގެފާނު މަގުމަތީގައި އޮންނެވިތަން ރޮށިފިހާ މީހަކަށް ފެނުނެވެ. އޭނާ އެއީ ކޮން ބޭކަލެއްކަން ނޭނގޭ ހާލު އޭނާއާ އެކު އޭނާގެ ގެޔަށް ދިޔުމަށް އެކަލޭގެފާނަށް ދަޢުވަތު ދިނެވެ. އޭނާ އެ މަތިވެރި ޢިލްމުވެރިޔާއަށް ފަރިއްކުޅުއްވާނޭ ކާނާ އަރުވައި އަވަހާރަފުޅު ލައްޕަވާނޭ ތަނެއް ދެއްކި އެވެ. އަދި އެ އަށްފަހު ނުހަނު ހީވާގިކަމާއެކު އޭނާގެ މަސައްކަތަށް ރުޖޫޢަވި އެވެ.

ރޮށިފިހާ މީހާ ފުށް މޮޑެ ގުޅަވަށައި ދަރު އުނދުނުން  ފިހެވިފައިވާ ތާޒާ ރޮށިތައް އުނދުންމަތިން ނަގާތަން  ބައްލަވަން އިބްނު ޙަންބަލް އިންނެވި އެވެ. އެނާ މިކަންކަން ކުރަމުންދިޔައިރު ދިޔައީ ހުއްޓާ ނުލާ މާތް ﷲ ޛިކުރުކުރަމުންނެވެ. އެންމެ ފަހުން ކެތް ނުކުރެއްވިގެން އިބްނު ޙަންބަލް އޭނާ ކުރެން އޭނާ އެފަދައިން ކަންކުރަނީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ. އޭނާ ޖަވާބުގައި ދެންނެވީ އެއީ މާތް ﷲ އޭނާގެ ހުރިހާ ދުޢާއެއް އިޖާބަ ކޮށްދެއްވީތީ ޝުކުރުވެރިވުމުގެ ގޮތުންކަމަށެވެ. ނަމަ ވެސް މާތް ﷲ އޭނާގެ އެއް ދުޢާއެއް އަދި ހިއްމަވައި ދެއްވުން އިރާދަ ނުކުރައްވާކަމަށް ދެންނެވި އެވެ. އިބްނު ޙަންބަލް އެއީ ކޮން ދުޢާއެއްތޯ އެއްސެވިއެވެ. އޭނާ ދެންނެވިއެވެ. "އަލްއިމާމް އަޙްމަދު ބިން ޙަންބަލް ދުށުމަށް އަހަރެން ކުރި ދުޢާ އެވެ." އެހިނދު އިބްނު ޙަންބަލްގެ ލޯފުޅު ފެންކަޅިވެގެންދިޔަ އެވެ. އަދި އެނާއަށް ވިދާޅުވި އެވެ. "ތިމަންކަލޭގެފާނަކީ އަޙްމަދު އިބްނު ޙަންބަލެވެ. ތިމަންކަލޭގެފާނު މިސްކިތުން އެއްލައިލެވުނީ ތިބާޔާ ބައްދަލުވުމަށެވެ."

5.    ހިމާރުގެ ބަސް

އެއްދުވަހަކު ޖުހާގެ އަވައްޓެރިއަކު އެނާ ގާތަށް އައިސް ބުންޏެވެ. "އަހަންނަށް ކަލޭގެ ހިމާރު ދީބަލާށެވެ. އަހަރެން ކުއްލި ދަތުރަކު ދާން ޖެހިއްޖެ އެވެ." ޖުހާ އޭނާގެ ހިމާރު ދޭން ބޭނުންނުވާތީ ބުންޏެވެ. "އަހަރެން އުފަލާއެކު ކަލޭއަށް އެހިމާރު ދިނީމުހެވެ. ނަމަވެސް އިއްޔެ އަހަރެން އެވިއްކާލައިފީމެވެ."

ހަމަ އެހެން ބުނާއިރަށް ގޭގެ ފުރަގަހުގައި ހުރި އަސްކޮށީގައި އޮތް ހިމާރު ވަރަށް ބާރަށް ހޭރިގަތެވެ. އަވައްޓެރިޔާ ދިޔައީ ސިއްސައިގެނެވެ. "ނޫނެކެވެ. ކަލޭގެ ހިމާރު އެ އޮތީ އަސްކޮށީގައެވެ." ޖުހާ ރުޅިއައިސްގެން ބުންޏެވެ. "އޭ މޮޔައާ އެވެ. ކަލޭ އަހަރެންގެ ބަސް ދޫކޮށްލާފައި ޤަބޫލުކުރާނީ ހިމާރެއްގެ ބަސް ހެއްޔެވެ؟"

6.    އޮށާއި މޭވާ

ތިބާ ވަފާތެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ އިތުބާރުގެ ގޮވާން ކަނޑާނެ އެވެ.
ތިބާ ހެޔޮކޮށްހިތުމުގެ އޮށް އިންދައިފިނަމަ، ތިބާ ރަނގަޅު އެކުވެރިކަމުގެ ގޮވާން ކަނޑާނެ އެވެ.
ތިބާ ހިތްވަރުގަދަކަމުގެ އޮށް އިންދައިފިނަމަ، ތިބާ ފަލާޙުގެ ގޮވާން ކަނޑާނެއެވެ.
ތިބާ ގަދައަޅާ މަސައްކަތްކުރުމުގެ އޮށް އިންދައިފިނަމަ، ތިބާ ކާމިޔާބީގެ ގޮވާން ކަނޑާނެ އެވެ.
ތިބާ ކެތްތެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ ހެޔޮ ބަދަލުގެ ގޮވާން ކަނޑާނެ އެވެ.
ތިބާ އީމާންތެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ ކަރާމަތްތެރިކަމުގެ ގޮވާން ކަނޑާނެ އެވެ.

ތިބާ ޚިޔާނާތްތެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ ޝައްކާއި ވަހުމުގެ ގޮވާން ކަނޑާނެ އެވެ.
ތިބާ އަމިއްލަ އެދުންވެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ އެކަނިވެރިކަމުގެ ގޮވާން ކަނޑާނެ އެވެ.
ތިބާ ޙަސަދަވެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ ނުތަނަވަސްކަމުގެ ގޮވާން ކަނޑާނެ އެވެ.
ތިބާ ކަންނެތްކަމުގެ އޮށް އިންދައިފިނަމަ، ތިބާ ނާކާމިޔާބީގެ ގޮވާން ކަނޑާނެ އެވެ.
ތިބާ ދަހިވެތިކަމުގެ އޮށް އިންދައިފިނަމަ، ތިބާ ގެއްލުމުގެ ގޮވާން ކަނޑާނެ އެވެ.
ތިބާ ފާފައިގެ އޮށް އިންދައިފިނަމަ، ތިބާ މޮޅީގެ ގޮވާން ކަނޑާނެ އެވެ.

އެހެންވީމާ ތިބާ މިހާރު ތިޔަ އިންދާ އޮށްތަކާމެދު ސަމާލުވާށެވެ. އެ އޮށްތަކުން ތިބާ މާދަމާ ކަނޑާނީ ކޮން ގޮވާމެއްތޯ ކަނޑައެޅިގެން ދާނެ އެވެ. ތިޔަ އިންދި އޮށުގެ ސަބަބުން ހަޔާތް ރަނގަޅުވޭ ހެއްޔެވެ؟ ނުވަތަ ގޯސްވޭހެއްޔެވެ؟ ތިޔަ އޮށުގެ ސަބަބުން ތިބާއަށްކުރާ މަންފާއަކީ ކޮބައި ހެއްޔެވެ؟ ތިޔަ އޮށުގެ ސަބަބުން ތިބާގެ ފަހުން އަންނަން ތިބި މީހުންނަށް މަންފާ ކުރޭ ހެއްޔެވެ؟ ޝައްކެއްނެތެވެ! ކޮންމެވެސް ދުވަހަކުން ތިބާ ތިޔަ އިންދި އޮށުގެ ނަތީޖާ ދެކޭނެ އެވެ. މޭވާގެ މީރު ރަހަ ބަލާނެއެވެ. ނުވަތަހިތި ރަހަ އަރުތެރޭގައި ލާނެ އެވެ.


(ނުނިމޭ)...

މިލިޔުން އެޑިޓްކޮށްދެއްވި އަލްއަޚް އަޙްމަދު ޝަމީން ދޮންމަނިކަށް ޝުކުރު ދަންނަވަމެވެ.

www.fanvai.info