އަދުގެ ޚާއްސަ

Print

އިސްތިޢުމާރާއި ދިވެހިންގެ މިނިވަންކަން

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ތާރީޚް


މުޙައްމަދު ޢަޠީފު މަސްތަކާގެ / ގދ. ފިޔޯރީ

އަޅުވެތިކުރުމަކީ ދުރުޒަމާނުން ފެށިގެން އައި އިސްތިޢުމާރީ ހަރަކާތެކެވެ. އިސްތިޢުމާރުގެ  ލަފުޒީ މާނަ ކޮންމެ ގޮތަކަށް އޮތަސް، އޭގެ ނަތީޖާއަށް ބަލާއިރު އެއީ، އަތްގަދަކުރުމާއި ބާރުފޯރުވުމާއި ބޮޑެތި ބާރުގަދަ ދައުލަތްތަކުގެ ބާރުގެ ދަށަށް ނިކަމެތި ދައުލަތްތައް ވެއްދުމަށް ކުރެވެމުންދާ މަސައްކަތެވެ. މިކަމުގެ  ލަނޑުދަނޑިއަކީ ބޮޑެތި ބާރުގަދަ ދައުލަތްތަކުގެ މަޞްލަޙަތުތަކަށް ބާރުދީ ރައްކާތެރިކުރުމެވެ. އަދި އެގައުމުތަކުގެ ސިޔާސީ ނުފޫޒު އެހެން ގައުމުތަކުގެ މައްޗަށް ފުޅާދާއިރާއެއްގައި ކުރުވުމެވެ. ޔޫރަޕްގެ ގަދަ ބާރުތައްކަމުގައިވާ ޕޯޗުގީޒުންނާއި، އިނގިރޭސީން، ޑަޗުންނާއި، ފަރަންސޭސީން މިބާރުގަދަ ހަރަކާތް މެކުހައްޖެހީ ދެގަރުނު ވަންދެން އިސްލާމީ ދައުތާއި ދެމެދުކުރަމުން ދިޔަ  ސަލީބީ ހަނގުރާމަ ނާކާމިޔާބުވުމަށް ފަހުގައެވެ.

އެގޮތުން ޖޯގުރަފީގޮތުން އާހޯދުންތަކެއް ހޯދުމުގެ ނަމުގައިފެށި މަސައްކަތް ބަދަލުކޮށްލީ  އިސްލާމީ އުއްމަތުގެ އަފްރާދުން ހޭލުމުގެ ކުރިން ހުޅަނގުގެ ހުކުމްތައް ގަބޫލުކުރާނެގޮތް ހޯދުމަށެވެ. އެމީހުންގެ އާރާއި ބާރުގެ ދަށުގައި އިސްލާމީ އުއްމަތް ބޭއްވުމަށެވެ. އަދި މުޅިދުނިޔޭގެ އެކިކަންކޮޅުތަކުގައި އިސްތިޢުމާރުގެ އާވައްތަރުތައް ތަޢާރުފު ކުރުމަށެވެ. މިވައްތަރު ތަކުގެތެރޭގައި ވަޒަންވެރިކުރުވުމާއި ޢަސްކަރީ އިސްތިޢުމާރު ފާހަގަކޮށްލަމެވެ. ވަޒަންވެރިކުވުމުގެ އިސްތިޢުމާރަކީ ދައުލަތަކުން ދައުލަތެއް ނުވަތަ ދައުލަތެއްގެ ބައެއް ހިފައި މިލްކުކުރުން އަދި އެހެންބައެއް އެއަޅުވެތިކުރި ބިމުގައި ވަޒަންވެރި ކުރުވުމެވެ. މިކަމުގެ މިސާލަކަށް އަލްޖަޒާއިރާއި ފަލަސްޠީނު ފުދެއެވެ.  

ޢަސްކަރީ އިސްތިޢުމާރަކީ ބާރުގަދަ ދައުލަތަކުން އެދައުލަތުގެ ސިޔާސީ އަދި ޢަސްކަރީ ނުފޫޒު ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރުމަށް ކުރަމުންދިޔަ މަސައްކަތެވެ. މިކަމުގެ ލަނޑުދަނޑިއަކީ ގައުމުތަކުގެ ޤުދުރަތީ މުއްސަނދިކަން ފޭރުމެވެ. އަދި ބިންފުޅާ ކުރުމެވެ. މިގޮތަށް މަސައްކަތްކުރަންފެށީ ތަފާތު ކުންފުނިތައް މެދުވެރިކޮށް ވިޔަފާރީގެ ތެރެއިންލާފައެވެ. މިކަމުގެ މިސާލަކަށް އިންޑިޔާ ސްރީލަންކާ ފުދޭނެއެވެ. މިގޮތުން ދިވެހި ތާރީޚުގެ އެންމެ އަނދިރި ޞަފްޙާތަކުން، އަނިޔާވެރި އަޅުވެތިކަމެއް ފެނިގެން ދިޔައީ ޕޯޗްގީޒުންގެ ފަރާތުންނެވެ. މިކަންވެސް ކޮށްފައިވަނީ ޢަސްކަރީ އިސްތިޢުމާރުގެ ތެރެއިން އިންޑިޔާ ކަނޑުގެ ވިޔަފާރި ފުޅާކުރުމަށް އަތްގަދަ ކުރުމުގެ ތެރެއިންނެވެ.

ދިވެހިތާރީޚަށް އަވަސް ނަޒަރަކުން ކަޅިއުކާއިރު ފެންނަންހުރި ހެކިތަކާއި ލިޔުންތަކުގެ މައްޗަށް ބުރަވެލާއިރު ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލަށް ދިމާވެފައިވާ ކޮންމެ ބަދުނަސީބެއްގެ ބައިވެރިއެއްގެ ނުވަތަ އެހީތެރިއެއްގެ ބައިކުޅެފައިވަނީ ކޮންމެވެސް ދިވެއްސެކެވެ. ނުވަތަ ދިވެހިންގެ ބައެކެވެ. އެގޮތުން ރާއްޖެ އިސްލާމްވުމަށްފަހު ފުރަތަމަ ފަހަރަށް ދިވެހިންގެ މިނިވަންކަން ބީވެގެންދިޔައީ 1512 މ. ވަނައަހަރުގައި ވެރިކަމުން ދުރުކުރެވިފައިވާ ކަޅު މުޙައްމަދު މަލާބާރީންނާއި ޕޯޗްގީޒުންނާއި ގުޅިގެން ރަސްކަން ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ނެވެ. މިއީ މިރަދުންގެ ދަގަނޑު އަތްޕުޅުން ރަސްކަން ހޯއްދެވި 3 ވަނަ ފަހަރެވެ.
 
މިއަށްފަހު ދިވެހިންގެ މިނިވަންކަން ވެރިކަމުގެ ދަހިވެތިކަމުގައި ވިއްކާލެއްވީ މިކަޅުމުހައްމަދަށް ކާފަވިދާޅުވާ އައްސުލްޠާނު ޙަސަން 9 ވަނައެވެ. އާދެ! މަޝްހޫރު ކާފަރުވި ހަސަންރަސްގެފާނެވެ. 1552 މ. ގައި ރަސްކަމުން ދުރުކުރުމުން ގޯވާއަށް ވަޑައިގެން ނަޞާރާދީނަށް ވަދެ ވަޑައިގެން ދިވެހި ތަޚުތު ހޯދުމަށް ޕޯޗްގީޒުންނާއި ގުޅިގެން 2 ފަހަރު މަސައްކަތް ކުރައްވައިގެން ނާކާމިޔާބުވި އެވެ. މިދެފަހަރުވެސް މަޝްހޫރު އަލިރަސްގެފާނާއި އަބޫބަކުރުކު ރަސްގެފާނުގެ ހިކުމަތްތެރިކަމާއި ކުޅަދާނަކަން ފާހަގަވެގެން ދިޔައެވެ. މިދެފަހަރު އިންޑިޔާ ކަނޑުގައި އޮތް ކުޑަކުޑަ ދައުލަތެއްގެ އަތްދަށުން ދުނިޔޭގެ ކަނޑުގެ ބާޒު ބަލިވުމުން އެރޭވުންތަކާއި އާ ކޮމާންޑަރެއްގެ ހުނަރާއި ކުޅަދާނަކަމާއި، ހަތިޔާރުގެ ބާރުގައި ކޮންމެގޮތަކުން ނަމަވެސް ރާއްޖެ ހިފުމަށް ޕޯޗްގީޒު ގުރާބުތަކުގެ ދުވެލި އޭގެ އެންމެ މަތީ ސްޕީޑަށް އުފުލާ މެކުހަށް ޖެހިއެވެ.
 
އަނދިރި އަނދިރިންނާއި ވިޔަޒޯރުގެ ކޮމާންޑަރ ކަމުގެ ދަށުގައި އައި މިލަޝްކަރު މާލެއާއި ދިމާކުރީ ފުރަމެންދަމެއްގައެވެ. ރޭވުންތެރިކަމާއެކު މާލޭގެ އެކިދިމަދިމާއިން ހަނގުރާމަކުރަމުން ކުރިއަރަންފެށިއެވެ. އޭރު ދިވެހި ސިންގާސަނާގައި އިންނެވީ އައްސުލްޠާނު ޢަލީ 6 ވަނަ މަޝްހޫރު އަލި ރަސްގެފާނެވެ. ފަތިސްނަމާދުފުޅު ކުރެއްވުމަށްފަހު ނުކުމެވަޑައިގަތްތަނާ އެޚަބަރު ލިބިވަޑައިގަތުމާއެކު ހަގުރާމައަށް މީހުންއެއްކުރައްވަން ބެރުޖެއްސެވިއެވެ. އެއްވި މަދުމީސްކޮޅަކާއެކު ހަތިޔާރު ހިއްޕަވައިގެން އީދުމިސްކިތާ ދިމާޔަށް އަތިރިމައްޗަށް ވަޑައިގެންނެވިއެވެ.  އޭރު އަދި އިރެއްނާރައެވެ.  ފަރަންޖީންތައް  ހަށިގަނޑުގެ ދެބައިކުޅައެއްބައި  ތެމިގެން އަތިރިމަތީގައި އުޅެމުންދެ އެވެ. ރަސްގެފާނު ގިނިކަންޏާ މަދުމީސްކޮޅާކާއެކު އަނދިރިއަނދިރިންގެ ލަޝްކަރާ ހަނގުރާމަކުރަމުން ގޮސް ދެގަޑިއެއްހާ އިރުގެތެރޭގައި ރަސްގެފާނު ޝަހީދުވެވަޑައިގަތެވެ. މީގެ ފަހުން ދިވެހިން ހޭދަކުރަމުން ގެންދިޔައީ ދިވެހި ޤައުމިއްޔަތުގެ ރޫޙެއް ހުރިލޯތަކުން ފެންހިކުމެއްނެތި ކަރުނައަޅަން ޖެހޭ ފަދަ ސަތާރަވަރަކަށް އަހަރުގެ އަޅުވެތިކަމެކެވެ.

    ހަނގުރާމައަށް ފަހު 9 ވަނަ ހަސަން ރަސްގެފާނަށް (ކާފިރު ހަސަނަށް) ރަސްކަން ހަވާލުކުރުމުގެ ބަދަލުގައި ޕޯޗްގީޒުންގެ ވަރުގަދަ ލަޝަކަރެއް މާލޭގައި ބާއްވައިގެން ބައިތުލްމާލު ކަހައިލައިގެން، ލިބެންއޮތްހައި އާމްދަނީއެއް ފޭރިގެން ނިކަންރަނގަޅަށް ދިވެހިރާއްޖެ އެމީހުންގެ ބާރުގެ ދަށުގައި ތަމްކީން ކުރިއެވެ. މާލެއާއި އަތޮޅުތަކުގައި އިސްލާމީ އުސޫލުތަކާއި ޝަރުޢީ ހަމަތައް އުވާލައި ރާއްޖޭގައި ދީނީ އިސްތިޤްލާލު ނެތިކުރަމުންދިޔައީ ފާންކަން އެކުލެވިފައިވާ ކަނޑުތަކުގެ ޒަލްޒަލާއެއް ގާއިމުވާގޮތަށެވެ.

    މިދިވެހި ގައުމުގެ ހިތުން، ހާލުގެ ދުލުން އެދިއެދި އޮތީ އަދި ގޮވޮނުހާ ބާރެއްލާފައި ގޮވަމުންދިޔައީ ދިވެހިގައުމު އެލާއިންސާނީ ވަކިތަކުން އަދި ލާދީނީ އުސޫލުތަކުން މިލޮބުވެތި ވަޠަން ސަލާމަތްކޮށްދޭނޭ ތެދުވެރި ދިވެހި ދަރިންތަކަކަށެވެ. ގައުމާއި އުއްމަތް، ދީނުގެ ކަރާމާތް އަދި އިސްތިޤުލާލާއި ޘަޤާފަތް ނިގުޅައިގަނެވިފައިވާ  އަށެއްކަ އަހަރަށްފަހު އުދަރެސް އާކުލަތަކަކަށް ތަންދޭން ތައްޔާރުވިއެވެ. ތިލަދުންމަތީ އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ ތިންބެއިން، މުޙައްމަދު ތަކުރުފާނު އިސްވެ ހުންނަވައިގެން ފެށި ޖިހާދު ވެގެންދިޔައީ  ގައުމުގެ ކަރާމާތާއި އިސްތިޤުލާލު އަތުލައިދެއްވި  ނިމުމެއް ނުވާ ގުރުބާނީއަކަށެވެ.

    ދެހާޖީންނާއި ދަންޑަހެލާއެކުގައި ޕޯޗްގީޒުންގެ އަތްދަށުން ދިވެހިގައުމު ސަލާމަތްކުރެއްވުމުގެ ހަނގުރާމަ ނުވަތަ ޤައުމީ ޖިހާދު މެދުކެނޑުމެއްނެތި 8 އަހަރަށް ދެމިގެން ދިޔަ އެވެ. ވެހޭހާ ވާރެއަކާއި ދޭހާ އަތްވެއްގައި ކުރަމުން ދިޔަ ޖިހާދަކީ މާތްﷲގެ ވާގިފުޅާއެކު މާތްﷲގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ލިބުނު ފުރިހަމަ ނަޞްރަކާއި ކާމިޔާބެކެވެ. ފަރުތައް ކަޑައި ދަތުރުކުރުމާއި ތިލަކުޅިތަކާއި މާސިންގާ ކަނޑުތަކުގައި ކަޅުއޮށްފުންމިން ކުރި ދަތުރުތަކަކީ ޕޯޗްގީޒުން ސިއްސުވަމުން ދުވަހަކުވެސް ނުދެކޭފަދަ އަޖާއިބުތައް ފެންނަމުން ދިޔަ ދަތުރުތަކެވެ. ފާޅުގައާއި ސިއްރުގައި ރަށްރަށަށް އަރުއްވައި ކާފިރުން ގަތުލުކުރައްވައި، އިސްލާމުންނަށް ދީން ދޫ ނު ކުރުމަށް ހިތްވަރު ދެއްވައި ހަގުރާމަ ކުރައްވަނިކޮށް އަލީ ތަކުރުފާން ޝަހީދުވި އެވެ. މިލިބިވަޑައިގަތް ފުން ހިތާމައަށް ފަސްޖެހިވަޑައިގަތުމެއް ނެތި ގައުމު ސަލާމަތްކުރުމުގެ ޖިހާދު މެކުހަށް ޖެއްސުމަށްފަހު މާލެ މަންޒިލަކަށް ބެއްލެވި އެވެ.
 
    ޕޯޗްގީޒުންވެސް އެމީހުންގެ އަނިޔާވެރިކަން އިތުރުކުރަމުން ގެންދިޔައެވެ. އެމީހުންގެ ސިފައިން ބޭނުންބަޔަކު، ބޭނުން އިރަކު ހިފާ ހައްޔަރުކުރަމުން ދިވެހިން ޝަހީދުކުރަމުން ގެންދިޔައެވެ. ކުރުކޮށް ބުނާނަމަ އެމީހުން ބޭނުން ކަމެއް ކުރަމުން ގެންދިޔައެވެ. މިމަގުން ކަންކަން ހިނގަމުންދަނިކޮށް ހިޖުރައިން 981 ވަނަ އަހަރުގެ ޞަފަރުމަހުގެ 30 ވަނަ ދުވަހު ރުހުމުގައި ދީންބަދަލުކޮށް ޞަލީބަށް އަޅުކަންކުރުމަށް އަނދިރިއަނދިރިން އަމުރު ނެރުނެވެ. މިކަމާއި ދެކޮޅުހަދާ ބައެއްނަމަ ޖެހިގެން އަންނަދުވަހު އިރުއޮއްސޭއިރު ދުނިޔޭގައި ނުތިބޭނޭކަމަށް ވެސް އެންގުނެވެ.

    މިކަމާއި ގުޅިގެން އިސްލާމްދީންމަތީ ޝަހާދަތްކިޔައި ތިބެ މަރުވުމަށް ގަސްދުކުޅަ އޮނަސާޅީސް މީހުން އެމީހުންނަށް ލިބުނު ހަތިޔާރެއް ހިފައިގެން މެދުޒިޔާރަތްދޮށަށް އެއްވެ ޞަލަވާތް ފާތިޙާ ކިޔުމަށްފަހު ބޮޑުތަކުރުފާނު މާލެއަރާ މި މުޞީބާތުން ސަލާމަތްކޮށް ދެއްވާތޯ މާތްރަސްކަލާން  ހަޟްރަތުގައި ދުޢާ ދެންނެވިއެވެ. ބުނެވޭގޮތުގައި މުޙައްމަދު ތަކުރުފާނާއި ހަސަންތަކުރުފާނު މިދުޢާގައި ބައިވެރިވެލެއްވިއެވެ. އެއަށްފަހު މާލޭގައި ޕޯޗްގީޒުންނާއި ދެކޮޅަށް ހަނގުރާމަކުރަން ފެށުނެވެ. އަދި މުޙައްމަދު ތަކުރުފާނުގެ ޙިކުމަތްތެރި ރޭވުން މާތްﷲގެ އިރާދަފުޅުން ކާމިޔާބުވީ އެތަކުރުފާނު ޖެއްސެވިއުންޑަ  އަނދިރިއަނދިރިންގެ ގަޔަށް އަމާޒުވުމުންނެވެ. 

    މިހާހިސާބުން ދިވެހިންނަށް އާރޯ މުސްތަގުބަލަކަށް އަލިވިލުނެވެ. 8 އަހަރުގެ ދިގު، ވަރުގަދަ ޖިހާދަކަށް ފަހު 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަހު ދިވެހިންނަށް ދިވެހިންގެ ދީނާއި މިނިވަންކަން (17 އަހަރަށް ފަހު) ލިބިގެންދިޔަ އެވެ. މީގެ އެތައް ހާސް އަހަރެއްގެ ކުރިން އުތީމު ބޮޑުތަކުރުފާނު ދިވެހިންނަށް ހޯއްދަވައިދެއްވި ނަޞްރަކީ ދިވެހިންގެ މި ލޮބުވެތި ވަޠަން ދެމިއޮތްހާ ހިނދަކު އާވެއާލާވަމުންދާނޭ ޒިކުރާއެކެވެ.

    އާދެ! މިދުވަހުގެ ބަޠަލަކީ ދިވެހިންގެ އެއްވަނަ ބަޠަލެވެ. އަލްޣާޒީ މުޙައްމަދު ތަކުރުފާނެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނު ލިޔުއްވާފައިވާގޮތުގައި ދުނިޔޭގެ ތަންތާގައި އުފެދުނު ބޮޑެތި ބަޠަލުންގެ ގިނަސިފަތައް އެއްކުރައްވައިގެން ހުންނެވި އެންމެ މާތް އެންމެބޮޑު ބޭކަލަކީ އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނެވެ. މީގެ ސަބަބެއްކަމުގައި ޞަލާހުއްދީން ވިދާޅުވެފައިވަނީ ދުނިޔޭގައި އެހިނދަށް ހުރި ފަރަންޖީ ދައުލަތްތަކުގެ ތެރެއިން ބާރުހުރި ބޮޑުދައުލަތެއް ފިސާރި ރަނގަޅަށް އަތްދަށުލައި ތަމްކީންވެގެންއޮތް މިރާއްޖެ ފަދަ ކުޑަކުޑަތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރުދިނުމަށް، ތިމާގެ ވަޒަން ބޭރުބައެއްގެ އަތުން ސަލާމަތްކުރުމަށް ކަމަރުބަދެގެން ޤުރުބާންވެގަތުމަށް އެކުރެއްވި ހިތްވަރީ ޤިޔާމަތަށް ދާންދެން ނަޞްރުދޭންޖެހޭ ވަރުގެ ކަމެއްކަމުގައެވެ. މާތްﷲ އެކަން ހިއްމަވައި ނަޞްރުދެއްވައިފިއެވެ. އެކަލާނގެ ޤުރުއާނުގައި ވަޙީކުރެއްވި ފަދައިންނެވެ. ޙައްޤުގެ މަގުގައި ޖިހާދުކުރައްވާ ބޭކަލުންނަށް ނަޞްރުދެއްވައިފިއެވެ.

    އިސްވެ މިދެންނެވީ އިސްތިޢުމާރުގެ ތެރެއިން ގަދަބާރުން ތަންތަން ލޫޓުވާ ފޭރިގަނެގެން ކުރާ އިސްތިޢުމާރެވެ. ނަމަވެސް މިހާރުކުރިއަށްމިދަނީ މުޅިން ތަފާތު އިސްތިޢުމާރެކެވެ. އާދެ! ފިކުރީ އިސްތިޢުމާރެވެ. މިކަން ޚާއްޞަކުރެވިފައިވަނީ ތަރައްޤީވަމުން އަންނަ ގައުމުތަކަށެވެ. މިއީ ރޭވިގެން ހިނގާ ކަންތައްތަކެވެ. މިއިސްތިޢުމާރުގެ އަމާޒަކީ މުސްލިމުން ދީނާއި ބީރައްޓެހިކުރުވުމާއި، ހުޅަނގުގެ ސަގާފަތް މުސްލިމުންގެ ތެރެއަށް ފެތުރުމާއި، އަމިއްލަ ސަގާފަތަށް ބީރައްޓެހިކުރުވުމެވެ. އަދި މުސްލިމުން ނަޞާރާކުރުމާއި، ދީނާއި ދައުލަތް ވަކިކުރުމާއި ގައުމިއްޔަތަށް ހިތްވަރުދީ ގައުމު ބައިބައިކުރުވައި އެތެރޭގައި ހަމަނުޖެހުންތަކަށް ފުރުސަތު ހޯދައިދިނުމެވެ. ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައެވެ. ކުރުކޮށްދަންނަވާކަމުގައި ވާނަމަ މިއީ ފިކުރީ ހަނގުރާމައެވެ. މިހަނގުރާމަ ކުރެވެމުންދަނީ  މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

    މީގެހެކި މިކުޑަކުޑަ ގައުމުން މިހާރުވެސް މިދަނީ ފެތުރެމުންނެވެ. އިޞްލާހުކުރުމުގެ ނަމުގައެވެ. ދީނަށްވުރެ ކުޅިވަރަށް ޝައުޤުވެރިކުރުވުމާއެކު،  އެކަމުގެ ތެރެއަށް ކުދިން ޣަރަގުކޮށްގެންނެވެ. ޤައުމީ މަންހަޖަށް ދީނީ ޢިލްމުގެބައި އިތުރުކޮށް ގިނަކުރި ނަމަވެސް އަމަލުކުރެވޭ ތަނެއް ނުފެނެ އެވެ. ދީނީތަޢުލީމު ދެމުންދާ ތަންތަން މަދުވެގެން ދާކަމީ މީގެ އަލިގަދަ ހެއްކެކެވެ. މީހުން ޓީވީ ޑުރާމާތަކަށް، ފިލްމުތަކަށް އަދި ލަވަތަކަށް މިތިބީގެއްލި ހުސްވެފައެވެ. މީގެއިތުރަށް އިޤުތިސާދީ އިސްތިޢުމާރަކީ ވެސް ޒަމާނީ އިސްތިޢުމާރެކެވެ. ގައުމުގެ އިޤުތިޞާދުތައް ފުންވަޅުގަނޑަކަށް ވައްޓާލުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ އިސްތިޢުމާރަކުން ނުސީދާކޮށް ފެންނަކަންތައްތަކެވެ. މިދެންނެވި އިސްތިޢުމާރުތައް ހުޅަނގުގެ ގައުމުތަކުން ވަނީ ކާމިޔާބު ހޯދާފަ އެވެ.  ވިސްނާލަމާތޯ އެވެ؟
މިފަދަކަންކަމުން ސަލާމަތްވުމަށް ދީނީ އުސްތާޒުންގެ މަސައްކަތްމިވަނީ ފުޅާކުރަންޖެހިފައެވެ. ދީނަށް ލޯބިކުރާ އެހެނަސް ދީނުގެ މަޢުލޫމާތު މަދުކަމުން ދީނާއި ބީރައްޓެހި މި މުޖުތަމަޢު މިފުންވަޅުގަނޑުން ސަލާމަތްކުރެއްވުމަށެވެ. ހަމައެގޮތަށް ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއި ތަރުބިއްޔަތުކުރައްވާ މުދައްރިސުންގެ އެހީތެރިކަމާއެކުގައި ހުޅަނގުގެ ތަހުޒީބަށް ކުދިން ނުފޮނުވާ އީމާންތެރި ދީނީކަންކަމަށް ފަރުވާތެރި އަދި ދީނީ ތަރުބިއްޔަތު ލިބިފައިތިބި ދަރިންތަކެއް އުފައްދަން މިއަދު މިވަނީޖެހިފައެވެ. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދަ ފަހުލަވާނުނުންތަކެއް އުފައްދުމަށެވެ. އަލިރަސްގެފާނާއި އަލިތަކުރުފާނު ފަދަ ދީނުގެ ދިފާޢުގައި ޖިހާދުކޮށް ޝާހީދުވާން ފަސްނުޖެހޭ ޚުލްޤުހެޔޮ ގައުމުދެކެ ލޯބިވާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމަށެވެ.  އަދި ދިވެހިންގެ މިނިވަން މުސްތަޤިއްލު މިލޮބުވެތި ގައުމު އިސްލާމީ ދަންމަރުންނާއި ގައުމިއްޔަތުގެ ބާރުން ގައުމު މިފަދައިސްތިޢުމާރު ތަކުން ސަލާމަތްކޮށްދޭނޭ ފަޅުވެރިންތަކެއް އުފެއްދުމަށް މިއަދުމިވަނީ އިސްނަގަންޖެހިފައެވެ. ފަރާތްފަރާތުން ޖެހޭވައިން ސަލާމަތްވެފައިވާ އަމާންކަމާއި ޞުލްހަމަސަލަސް ކަންކަމާއި އެކުގައި އުޅެވޭނެފަދަ މުޖުތަމަޢެއް ހޯދުމަށެވެ. އެހެންކަމުން އިސްތިޢުމާރުގެ ވައްތަރުތައް ދެނެތިބެގެން މަސައްކަތްކުރަމާ ހިންގަވާށެވެ. ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކުގައެވެ. ކުލަކުލައިގެ ރޯގާތަކުން ސަލާމަތްވެ ތިބެ ދީންދެކެ ލޯބިވެ ހެޔޮ ޢަމަލުތައް ކޮށްގެންނެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ