އަދުގެ ޚާއްސަ

Print

އިސްލާމްދީނާއި ދުނިޔަވީ ދިރިއުޅުން

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މުޙަންމަދު ވަޙީދު –މަޑުލު (1407)–

އިންސާނާ ދުވަހެއް ދުވަހަކަށް ދަނީ ތަރައްޤީވަމުންނެވެ. ހަމަ އެކަނި މާއްދީ ކަންތައްތަކުގެ ގޮތުން އެކަންޏެއް ނޫނެވެ. އޭނާގެ ސިކުނޑި ވެސް ދަނީ ޢިލްމުގެ އަލީގައި ތަރައްޤީވަމުންނެވެ. އޭނާގެ ޚިޔާލުތައް ދަތުރު ކުރަނީ އެނގެން ބޭނުންވެފައިވާ ކަންތައްތައް ހޯދައިގަތުމަށެވެ. ވަކި މީހަކު ބުނީތީ ގަބޫލުކުރި ކަންތައްތަކުގެ ސިއްރު ހޯދުމަށް އޭނާ މަސައްކަތް ފަށައިފި އެވެ. ކަންކަމުގެ ހަމަޔާއި ނަހަމަ އާއި، ތެދާއި ދޮގު، ދެނެގަތުމަށް އޭނާ ބޭނުންވާން ފަށައިފި އެވެ.  މި އަދުގެ ޒުވާން ސިކުނޑިއަކީއެދުރުބޭ ބުނިހާ އެއްޗެއް ގަބޫލުކޮށްލައިގެން ހިތް ހަމަ ޖައްސައިލެވޭފަދަ ގޮތަކަށްވުރެބޮޑަށް، އޮޅުން ބޮޅުންތަކުގެ ތެރޭން މިނިވަންވާން މަސައްކަތްކުރާ ސިކުނޑިއަކަށް ވެއްޖެ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ ދުނިޔެ ހުޅުވެމުން ދިޔުމުގެ ނަތީޖާ އެވެ. ލޮލަށް ފެންނަ ފިލްމުތަކާއި، ކިޔާ ފޮތްތަކާއި، މީހުން ދައްކާ ވާހަކަތަކުންނާއި، އިވޭ އަޑުތަކުގެ ސަބަބުންނެވެ. މި ހުރިހާކަމެއް އޭނާއަށް މަޖުބޫރު ކުރުވަނީ ޚިޔާލު ކުރާށެވެ! ތެދު ހޯދުމަށް މަސައްކަތް ކުރުމަށެވެ! ރަނގަޅު ހަމަތަކަކާއި، އޭނާގެ އޮޅުން އަރަމުންދާ ބުއްދިއަށް ސާފުވާފަދަ ހަމަތަކަކާއެކު، އުނގަންނައި ނުދެވިއްޖެ ކޮންމެ އެއްޗަކާމެދު، އޭނާ ސުވާލުތައް ކޮށްފައި ނިންމާލާނީ އެއް ނޫނެވެ. ރަނގަޅު ޖަވާބު، އޭނާއަށް ތެދުމަގު ދައްކައިދެވޭފަދަ ޖަވާބު ނުލިބިއްޖެ ނަމަ، އެކަމެއް ގަބޫލު ނުކުރަނީ ވެސް މެ އެވެ.

އިސްލާމްދީނަކީ ކޮންމެ ޒަމާނަކަށް ވެސް ފެތޭ ދީނެވެ. އިސްލާމްދީނަކީ ދުނިޔެވީ ކޮންމެ މައްސަލައަކަށް ހައްލު ހޯދައިދޭ ދީނެވެ. އެއީ، އިންސާނުންގެ ހަމަހަމަކަން ކަނޑައަޅައިދޭ، ނަސްލީ ތަފާތުތަކާއި، ދެކޮޅުހަދާ، އިންސާފަށްޓަކައި ބިންގާ އެޅިފައިވާ ހަމަޔާއި ތެދަށް އެކަނި މަގުދައްކާ ދީނެވެ. އިސްލާމްދީން އެ ތަނެއްގައި ޤާއިމު ވެފައިވާ ތަނެއްގައި ކުރިން މި ދެންނެވި މައިގަނޑު އުސޫލުތަކާއި، ޚިލާފު ކަންތައްތަކެއް ނުހިނގާނެ އެވެ. ހިނގާނަމަ، އެ ކަންތައްތައް ހުއްޓުވައި ހަމަޔަކަށް އެޅުވުމަށް ވަގުތުން ފިޔަވަޅުތައް އެޅޭނެ އެވެ. އެހެން ނޫންނަމަ، ޒުވާނާގެ ސިކުނޑިން ދީނާމެދު ކުރާ ޚިޔާލުތަކުން އޭނާގެ އީމާންތެރިކަން ބަދަހިވުމުގެ ބަދަލުގައި، ދީނާއި ދުރަށްޖެހި، ދީނުގެ ވާހަކަ ދައްކާ މީހުންނާ ހަތަރުކަޅި ހަމަކުރަން ހިތް ނުރުހޭ ގޮތް ވެދެ އެވެ. ދެފުށް ދެގޮތް ކަމަކީ، އިސްލާމްދީނާއި، ޚިލާފު ކަމެކެވެ. އެހެން ނަމަވެސް ދެ ފުށް ދެގޮތްކަމާއި މުނާފިޤުކަން އެއީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ އުސޫލުކަމަށް ފެންނަން ފަށައިފި ނަމަ، ހުންގާނު ނެތް ދޯންޏެއް ފަދައިން ދުނިޔެވީ އޮއިވަރުގެތެރޭގައި ޒުވާނާ އެނބުރިގެންފާނެ އެވެ.

އަމާން އައްސޭރިއަކަށް ދިޔުމަށްޓަކައި ކުރި އުންމީދުތައް، ކަނޑުވީމައި ވާގޮތަށް، ބިރުފިލައިގެން ކޮންމެ ކަމަކާ އިދިކީލިވާން ފަށައިފާނެ އެވެ. ވެރިކަމުގެ އަމުރުތައް މުގުރައި، ދިރިއުޅުމުގެ ހަމަތަކާއި އުސޫލުތަކުގައި ފައިންޖަހަން ފަށައިފާނެ އެވެ. ވެރިންގެ ކޮންމެ އިސްނެގުމަކީ އެ ޒުވާނާ އެކަހެރިވާ ކަމަކަށް ވެދާނެ އެވެ.

ދިވެހި މުޖުތަމަޢަކީ އިސްލާމީ މުޖުތަމަޢެކެވެ. އިސްލާމްދީނަކީ، ލުއިފަސޭހަ ކަމުގެ ދީނެވެ. އެ ކަން ބަދަލުވާކަށް ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނޭދެވޭނެ އެވެ. އެހެންވީމާ މަތީގައި ބުނެވި ދިޔަ ފަދަ ދުވަހެއް އަތުވެދާނެތޯ ވިސްނުމަކީ، މި އަދު ކުރަންޖެހޭނެ ކަމެކެވެ. މި ކަމަށް އެކަށީގެންވާ ދެ ފިޔަވަޅެއް އެޅިދާނެ ކަމަށް ފެނެ އެވެ.

އެއްފިޔަވަޅަކީ، އިސްލާމްދީން އޭގެ ޙިކްމަތްތެރި ހަމަތަކާއި، ހަމަތަކާއި، ސަބަބުތަކާއި، އެ ދީނާއި ދުނިޔެވީ ދިރިއުޅުމާ ހުރިގުޅުމާއި، މި ކަންކަން ސާފުކޮށް ކިޔަވައިދެވޭނެ، މި ޒަމާނުގެ ދުނިޔޭގެ މައްސަލަތަކަށް ލޯހުޅުވޭ، ދީނީ މުދައްރިސުން ތައްޔާރު ކުރުމެވެ. މިހާރު ތިއްބެވީ މި ފަދަ މުދައްރިސުންނަމަ، މި ފިޔަވަޅު އެ އޮތީ އެޅިފަ އެވެ. މި މައްސަލަ އެ އޮތީ ޙައްލުވެފަ އެވެ.

އަނެއް ފިޔަވަޅަކީ، ޒަމާނުއްސުރެ ހިނގަމުން އަންނަ އާދަތަކުގެތެރޭގައިވާ، އިސްލާމްދީނުގެ އުސޫލުތަކާ ނުގުޅޭ ކަންތައްތައް ނައްތާލުމެވެ. މިއީ ދަތި ކަމެކެވެ. ދަތިކަމަކަށް ވެފައިވަނީ، ދިވެހިންގެ ބަހާއި ދިރިއުޅުން ދަރަޖަ ތަކަކަށް ބެހި، އެކި ބައިބަޔަށް، އެކި ފެންވަރަށް މީހުން ބައި އަޅައިގެން ހިންގަމުން އަންނަ އުސޫލުތަކެއް ހުރީމަ އެވެ. ހަމަ ތެދެކެވެ. މިއަދުގެ ސައިންސްތަކާއެކު، ޢިލްމު އުނގެނޭ ސިކުނޑިއަށް މި އުސޫލުތަކާއި، އިސްލާމްދީނުގެ ހަމަތަކާ ގުޅުވައިގެން ގެންދަން ފަސޭހައެއް ނުވާނެ އެވެ. އެހެންކަމުން  އޭނާ ގަބޫލު ނުކުރާ ފިލޯސަފީއަކަށް، އޭނާގެ ދިރިއުޅުން ފައްތަން މަޖުބޫރު ވެ އެވެ. ރަނގަޅަށް ނުފެތޭ ތޮއްޓެއްގެ ތެރޭގައި އޮންނަން ޖެހުމުން،  ލިބޭ ނުތަނަވަސްކަން ފިލުވައިލުމަށް ވަގުތަކަށް ބަލަބަލައި އޮވެ އެވެ. އެ ތޮށިން ބޭރުވުމަށްޓަކަ އެވެ. ކޮންމެ ދުވަހަކު މާސް މީޑިއާއިން އޭނާއަށް އިވޭ އަޑުތަކާއި، ހިނގާ ކަންތައްތަކުގައި ހުރި ކުލަޖެއްސުންތައް އޭނާ ދެކެނީ ދިރިއުޅުމުގައި ހުރި، ނުފިލާފަދަ ބައްޔެއްގެ ގޮތުގަ އެވެ. ޖީލުގެ ތަފާތު ތަކުގެ ތެރެއަށް، ދީނުގެ ނަމުގައި ވައްދާ ފާޑުކިޔުންތަކުން، ހަށި ފުރާ ނޭވާއެއް ލެވޭނެ ދުވަހަކަށް އޭނާ ކަރުދަމާލަ ދަމާލާ ހުރެ އެވެ. ވީމާ ދީން ބަދަހި ކުރުމަށްޓަކައި ޤުރުބާނީ ތަކެއް ވާންޖެހެ އެވެ. ޚާއްޞަކޮށް އަމުރުވެރިކަމުގެ ބާރުތައް ލިބިފައިވާ ފަރާތްތަކުންނެވެ.

އެހެނީ ދީނާ ނުލައި މި ދުނިޔެ އެއް ނެތެވެ. ދެން އަނަން އޮތް ދުނިޔެ އެއް ވެސް ނެތެވެ. މި ދުނިޔެ އަމާންތަނަކަށް ހަދައިދެނީ ދީނެވެ. އިންސާފެވެ. މި ދުނިޔެ އަމާންތަނަކަށް ނުވާނަމަ، އަންނަން އޮތް ދުނިޔެ ހޯދުމަށް ކުރަންހުރި މަސައްކަތްތަކަށް ސިކުނޑި ހުރަސް އަޅަ އެވެ. އެއީ ތެދުމަގު ނުފެނިގެންނެވެ. ޝައްކެއް ނެތެވެ. ކޮންމެ ފަދަ ސިޔާސީ އިޖުތިމާޢީ، އިޤުތިޞާދީ މާޙައުލެއްގައި ވެސް، މާތްﷲ ތެދުމަގު ދައްކަވަންވީ އަޅަކަށް ތެދުމަގު ދައްކަވާނެ އެވެ. ދުނިޔެ އެގޮތުގައި ދައުރުވަމުން ދާނެ އެވެ.

(ނިމުނީ)

އިދާރާ

ވާހަކަ