އަދުގެ ޚާއްސަ

Print

މުސްލިމުންގެ ރަންޒަމާނުގެ ތާރީޚުގެ ތެރެއިން....

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

މުސްލިމު ރަސްކަމެއް

ޢަބްދުﷲ ފާރޫޤު ޙަސަން

ސުލްޠާނު ޞަލާޙުއްދީނު އައްޔޫބީ (1138- 1193މ) ރައްކައުވީ ޢިރާޤުގެ ތިކުރީތެވެ ކިޔުނު ރަށުގަ އެވެ. އެއީ ދިޖުލަތު ކޯރުގެ ހުޅަނގު އައްސޭރީގައި ބަޣުދާދާއި، މުޞިލާ ދެމެދުގައި އޮންނަ ރަށެކެވެ. ޞަލާޙުއްދީނުގެ ބައްޕާފުޅަކީ، ނަޖުމުއްދީނު ބިން އައްޔޫބީ އެވެ.

ޞަލާޙުއްދީނަކީ ތުއްޕުޅުއިރު ވެސް ބިރުފުޅު ކުޑަ، ހިތްވަރުފުޅު ގަދަ، ހަށިކޮޅުވަރުގަދަ، ބޭފުޅެކެވެ. އެ ޒަމާނުގެ ވިސްނުންތެރީން އޭނާގެ މޫނުފުޅު ދެކެފައި ބުނެ އުޅުނެވެ. ''ނަޖުމުއްދީނު'' ދީނުގެ ތަރީގެ ގެކޮޅުގައި ރައްކައުވެފައި މިވަނީ ދީނުގެ އިރެކެވެ. މީނާ ކޮންމެ ވެސް ދުވަހަކުންމީނާގެ ހިތްވަރުފުޅުގަދަކަމާއި، ކުޅަދާނަފުޅުކަމަށް ދުނިޔެ އިޢުތިރާފު ކުރައްވާނެކަން ކަށަވަރެވެ.

ޞަލާޙުއްދީނުގެ ނަސަބުފުޅާ ބެހޭގޮތުން ބައެއް މުއައްރިޚުން ވިދާޅުވާގޮތުއި އޭނާއަކީ، ކުރުދީ ނަސްލުގެ ބޭފުޅެކެވެ. އެ ގޮތަށް ވިދާޅުވާ ބޭފުޅުންކުރެ އެންމެ މަޝްހޫރު ބޭކަލަކީ ޢައްލާމާ އިބްނު ކަޘީރެވެ. ނަމަވެސް، ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި އޭނާއަކީ، ޢަރަބި ނަސްލެއްގެ ބޭފުޅެކެވެ. ޞަލާޙުއްދީނުގެ އެންމެ އިސްކާފާފުޅަކީ، ޢައުފު ޙިމްޔަރީ އެވެ. ޞަލާޙުއްދީނަކީ ޢަރަބި ނަސްލެއްގެ ބޭފުޅެއް ނޫންކަމުގައި ވިދާޅުވާ ބޭކަލުން ޞަލާޙުއްދީނުގެ ޢާއިލީ ގަސް ހުށަހަޅުއްވައިފައެއް ނުވެ އެވެ. އެހެންކަމުން އެންމެ އިތުބާރު ހުރިކަމުގައި ބެލެވެނީ ޞަލާޙުއްދީނުގެ ޢާއިލީ ގަސް ހުށަހަޅުއްވާ ބޭކަލުންގެ ވާހަކަފުޅެވެ.

ޞަލާޙުއްދީނުގެ ބައްޕާފުޅު، ނަޖުމުއްދީނަކީ އާޒާރު ބައިޖާނުގެ ވަޒަންވެރިއެކެވެ. އޭނާ ޒުވާން ޢުމުރުފުޅުގައި ބަޣުދާދަށް ވަޑައިގެންނެވި އެވެ. އޭނާގެ ވިސްނުންފުޅުގެ މޮޅުކަމާއި ޖިސްމާނީ ޤާބިލިއްޔަތުން ތިކުރީތުގެ ކިއްލާގެ ކޮމާންޑަރުކަން ހޯއްދެވި އެވެ. ނަމަވެސް އެ މަޤާމު ލިބިވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ ބައެއް  ހުރަސްތަކާހުރެ އެ މަޤާމު ދޫކޮށްލަވަން ޖެހިވަޑައިގެންނެވި އެވެ.  ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހައިރާންފުޅުކަމާއި މުޞީބަތުގެ ތެރޭގައި އޭނާގެ ކޮއްކޯފުޅު އަސަދުއްދީނު ޝޭރުކޯހު ގޮވައިގެން މޫޞިލަށް ވަޑައިގެން ސުލްޠާނު ޢިމާދުއްދީނު ޒަންގީ (ޒަންކީ)ގެ އަރިހުން ވަޒީފާ ހޯއްދެވި އެވެ. ޢިމާދުއްދީނު ނަޖުމުއްދީނަށް ދެއްވީ ބަޢުލަބަކުގެ ކިއްލާގެ ވެރިކަމެވެ.

ޞަލާޙުއްދީނު ބޮޑުފުޅުވީ އެ ވެށީގަ އެވެ. ޞަލާޙުއްދީނު ވަރަށް ތުއްޕުޅުއިރު  ވެސް ހަނގުރާމައިގެ ހުރިހައި ހަތިޔާރުތަކެއް ވަރަށް  ކުޅަދާނަފުޅުކަމާއި ހަލުއިފުޅުކަމާއެކު، ބޭނުންފުޅު ކުރައްވަ އެވެ. އަސްމައްޗަށް ސަވާރުވެ ވަޑައިގެންނެވުމާއި، އަސް ދުއްވެވުމަށް  އޭނާ ހުރި ކުޅަދާނަފުޅުކަމުން އަސްދުއްވުމުގެ އެންމެ ކުރިޔަށް ތިއްބެވި މާހިރުންގެ ބުއްދިފުޅުތައް ހައިރާން ކޮށްލެއްވި އެވެ.
ޞަލާޙުއްދީނުލް އައްޔޫބީއަކީ، އެންމެ ފުރަތަމަ އާދައިގެ ސިފައިންގެ މީހެކެވެ. ނަމަވެސް ޞަލާޙުއްދީނުގެ އާދަޔާ ޚިލާފު ކުޅަދާނަފުޅުކަމުގެ ސަބަބުން އޭނާގެ ޢުމުރުފުޅުން 31 އަހަރުފުޅުގައި މިޞްރުގެ ލަޝްކަރުތަކުގެ އެންމެ އިސްވެރިކަން ހޯއްދެވި އެވެ. ހަމަ އެއާއެކު، މިޞުރާބެހޭ ވަޒީރުކަމާއި، މަލިކުއްނާޞިރުގެ ޚިޠާބު ވެސް ލިބިވަޑައިގެންނެވި އެވެ. ދުވަސްކޮޅެއްގެ ފަހުން މިޞްރުގެ ރަސްކަލަކީ ވެސް ޞަލާޙުއްދީނުކަމުގައި ހަމަޖެހުނެވެ.

އެ ދުވަސްވަރަކީ ޔޫރަޕުގެ ކުރިސްޓިއަން ބާރުތަކާއި މުސްލިމުންނާ ދެމެދު ހިނގި ޞަލީބީ ހަނގުރާމައިގެ ދިގު ސިލްސިލާގައި ކްރިސްޓިޔަނުން އަލްޤުދުޞް ހިފައިގެން ތިބި ދުވަސްވަރެވެ. ކްރިސްޓިޔަން ބާރުތަކާ ކުރިމަތި ލެއްވުމަށްޓަކައި މުސްލިމުން އެއްވަލަކަށް މައްސަވައިލެެއްވޭތޯ ޞަލާޙުއްދީނު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވި އެވެ. މި ގޮތުން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، މިޞްރާއި، ޝާމުކަރައާއި، އަދި ވެސް ބައެއް ތަންތަން އެއްވެރިކަމެއްގެ ދަށަށް އެއްކޮށްލެއްވުމުގައި ޞަލާޙުއްދީނު ކާމިޔާބު ހޯއްދެވި އެވެ.

ޞުލްޠާނު ޞަލާޙުއްދީނުލްއައްޔޫބީ މުސްލިމުންގެ މެދުގައި ޖިހާދުގެ ރޫޙު އާ ކުރެއްވި އެވެ. އެ ރަސްގެފާނު ވަރަށް ފުރިހަމަޔަށް ތައްޔާރުވެވަޑައިގެން ފަލަސްޠީނުގެ ޙިއްޠީނުގައި ކްރިސްޓިޔަން ލަޝްކަރުތަކާ ޙަމަލަ ދެއްވި އެވެ. ޞަލާޙުއްދީނު، ޢިބްރަތްތެރި ގޮތަކަށް ކްރިސްޓިޔަނުން ބަލިކޮށްލެއްވުމަށްފަހު، އިސްލާމީ ލަޝްކަރައިގެން ވަރަށް ހަލުއިކޮށް ކުރިޔަށް ވަޑައިގެން އަލްޤުދުސާ ހަމަޔަށް ވަޑައިގެންނެވި އެވެ. އަލްޤުދުސް ފަތަޙަ ކުރައްވައި ފަލަސްޠީނު ދެވަނަ ފަހަރަށް އިސްލާމީ ޚިލާފަތުގެ ބައެއްކަމުގައި ހަމަޖެއްސެވި އެވެ.

ނަމަވެސް ސުލްޠާނު ޞަލާޙުއްދީނުލް އައްޔޫބީގެ ފުތޫޙާތާ ކްރިސްޓިޔަން ދައުލަތްތަކުގެ  ޞަލީބީ ހަނގުރާމައިގެ ޙަރަކާތްތަކާ ކަނޑައެޅިގެން ތަފާތެވެ. ކްރިސްޓިޔަން ދައުލަތްތަކުން ފަލަސްޠީނު ހިފުމަށްފަހު ވަރަށް ވެސް ރަޙުމުކުޑަ ވަޙްޝީގޮތެއްގައި މުސްލިމުންގެ ޤަތުލުޢާންމު ހިންގި އެވެ. ނަމަވެސް ޞަލާޙުއްދީނުލްއައްޔޫބީ ވަރަށް ބޮޑަށް ކެތްތެރިވެވަޑައިގެންނެވި އެވެ. ބަދަލު ހިއްޕެވުމުގެ އެއްވެސް ކަހަލަ ޙަރަކާތެއް ނުހިންގަވަ އެވެ. އެންސައިކޮލަޕީޑިޔާ ބްރިޓޭނިކާގެ ލިޔުންތެރިން އެކަމަށް އިޢުތިރާފުވެ ލިޔެފައިވެ އެވެ.

 and the most disastrous blow to the whole crusading movement came on October 2, 1187, when Jerusalem, holy to both Muslim and Christian alike, surrendered to the sultan’s army after 88 years in the hands of the franks. In stark contrast to the city’s conquest by the Christian, when blood flowed freely during the barbaric slaughter of its Inhabitants, the Muslim recon quest was marked by the civilized good faith and courteous behavior of Saladin and his troops. Encyclopedia Britannica, 1984 Volume 16, p.177

ޞަލާޙުއްދީނުލްއައްޔޫބީގެ ކުލަގަދަ ކާމިޔާބީ އަދި، މުޅި ޞަލީބީ ޙަރަކާތުގެ އެންމެ ބޮޑު ނާކާމިޔާބީ ކުރިމަތިވީ، މުސްލިމުންނާއި ކްރިސްޓިޔަނުންގެ ގާތުގައި ވެސް މުޤައްދަސް ރަށެއްކަމުގައިވާ ޖެރޫސަލަމް އައްޑިހަ އަށް އަހަރު ވަންދެން ފަރަންސޭސީންގެ އަތްދަށުގައި އޮތުމަށްފަހު، 2 އޮކްޓޯބަރު 1187ގައި އެ ރަށް ދެ ވަނަ ފަހަރަށް ޞަލާޙުއްދީނުގެ ލަޝްކަރުގެ ބާރުގެ ދަށަށް ދިޔުމުންނެވެ. ކްރިސްޓިޔަނުން އެ ރަށް ހިފުމުގައި އެ ނާތަހުޒީބު މީހުން ނުހަނު ވަޙްޝީގޮތެއްގައި އެ ރަށުގެ އަހުލުވެރީން ޤަތުލުކޮށް، އެއްވެސް ބަލައިލުމެއް ނެތި، މީސްތަކުންގެ ލޭ އޮހޮރުވި އޮހޮރުވުމާ ޚިލާފަށް، މުސްލިމުން ދެ ވަނަ ފަހަރަށް އެ ރަށް ހިފި ހިފުމަކީ، އީމާންތެރި ތަހުޒީބު ބަޔަކު އެ ރަށް ފަތަޙަ ކުރި ފަތަޙަ ކުރުމެކެވެ. ޞަލާޙުއްދީނާއި، އޭނާގެ ސިފައިން ހަނގުރާމައިގައި ބަލިވި މީހުންނާމެދު ކަންތައް ކުރީ ވަރަށް އޯގާވެރިކަމާއި ދީލަތިކަމާއެކުގަ އެވެ.

ސުލްޠާނު ޞަލާޙުއްދީނުލްއައްޔޫބީ ރައްޔިތުންނާމެދު ކަންތައް ކުރެއްވި އިންސާފުވެރި ގޮތްކޮޅަކީ، އިއްތިފާޤީ ޙާދިޘާއެއް ނޫނެވެ. އެއީ އެމަނިކުފާނުގެ އިސްލާމީވަންތަކަމުގެ ނަތީޖާ އެވެ. ދީންވެރިކަމުގެ ނަތީޖާ އެވެ. ޞަލާޙުއްދީނުލްއައްޔޫބީއަކީ ހަމައެކަނި ހިތްވަރުފުޅުގަދަ، ކެރިވަޑައިގަންނަވާ، ނުގުޑާފަދަ ޢަޒުމެއްގެވެރި ހެއްވެއް ނޫނެވެ. އަދި ކީއްތޯ އެވެ؟ އެ ރަސްގެފާނަކީ، މާތް ﷲ ދެކެ ބިރުފުޅުގެން ވަޑައިގަންނަވާ އަޅުވެރި ބޭފުޅެއް ވެސްމެ އެވެ. އެ ރަސްގެފާނުގެ ވިސްނުންފުޅު ބިނާވެފައިވަނީ އިސްލާމްދީނުގެ ފުރިހަމަ އުނގަންނައިދެއްވުންތަކާއި، މަތިވެރި ޚުލްޤުފުޅުތަކުގެ ބިންގަލުގެ މަތީގަ އެވެ.

އިސްލާމްދީނުގެ މާތް އިރުޝާދުތަކުގެ ސަބަބުން އެ ރަސްގެފާނު ދުނިޔެއަށްވުރެ އިސްކަން ދެއްވީ، އާޚިރަތަށެވެ. ޤިޔާމަތްދުވަހުން ރައްޔިތުންގެ މައްސަލަތަކާމެދު ސުވާލުކުރެއްވޭނެތީ އެ ރަސްގެފާނު ބިރުފުޅުގެންވަޑައިގެންނެވި އެވެ. އެ ރަސްގެފާނުގެ ޒާތުފުޅުގައި ބޮޑާފުޅުކަމުގެ މިޒާޖު އުފެދުން އިސްލާމްދީން މަނާ ކުރެއްވި އެވެ. އެ ރަސްގެފާނުގެ ގައިކޮޅުގައި ޒާހިދުކަމާއި، ތަވާޟުޢުވެރިކަން އުފެއްދެވުމަށް އެ ދީން ބާރު އެޅުއްވި އެވެ.
އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާ (1984) ގެ ލިޔުންތެރިޔާ ޞަލާޙުއްދީލްއައްޔޫބީގެ ޒާހިދުކަމާއި ތަޤުވާވރިކަމަށް އިޢުތިރާފުވަމުން ލިޔެފައިވެ އެވެ.

….and on March 4, 1193, he died. While his relatives were already scrambling for pieces of the empire, his friends found that the most powerful and most generous ruler in the Muslim world had not left enough money to pay for his grave. (16/178)

އަދި 4 މާޗު 1193ގައި ޞަލާޙުއްދީނު އަވަހާރަވެއްޖެ އެވެ. އޭނާގެ ތިމާގެފުޅު ބޭފުޅުން ރަސްކަމުގެ އެކި ސަރަހައްދުތައް ހޯއްދަވަން އެއްބޭފުޅަކު އަނެއްބޭފުޅަކާ އަރައިރުންވެވަޑައިގަންނަވަމުން ގެންދެވި އިރު، އޭނާގެ އެކުވެރީންނަށް ފެނިވަޑައިގަތީ، އިސްލާމީ ދުނިޔޭގެ އެންމެ ބާރުފުޅުގަދަ، އެންމެ ދީލަތިފުޅު، ރަސްގެފާނު އޭނާގެ ފަހަތްޕުޅަށް އޭނާގެ ޖަނާޒާގެ ޚަރަދުތައް ހަމަޖެއްސެވޭވަރުގެ ފައިސާކޮޅެއް ވެސް ދޫކުރައްވައިފައި ނުވާތީ އެވެ.

އިސްލާމްދީން އެއްކޮޅުން މީހާގެ ޤާބިލިއްޔަތު އިތުރުކޮށް ތަރައްޤީކޮށްދެ އެވެ.  އަނެއްކޮޅުން އޭނާގެ ބާރު ބޭނުންކުރުމުގައި ހައްދުފަހަނަޅައި ދިޔުން މަނާކުރެ އެވެ.   
  
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ