އަދުގެ ޚާއްސަ

Print

މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް (1)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ވޮޑިގެންވާ ކަމާމެދު ބައެއް މީހުން އިންކާރުކުރެ އެވެ. އެބައިމީހުންގެ ނަޒަރުގައި "ކައުނާއި ކައުނުގައި ވާހައި އެއްޗެއް އުފެދިފައިވަނީ އަމިއްލައަށެވެ. އެންމެ ކުދިކުދި އެއްސެލު ކާއިނާތްތަކުން ފެށިގެން އިންސާނުންނަށް ދާންދެން އުފެދިފައިވަނީ އަމިއްލައަށެވެ. ޒައްރާ އިން ފެށިގެން މަޑިކިލަނބުތަކަށް ދާންދެން ވެސް އުފެދިފައިވަނީ އަމިއްލައަށެވެ. ވީމާ، މާތް ﷲ އަށް އީމާންވެ އެކަލާނގެ ޙަޟުރަތަށް ހިތާއި ނިޔަތް އިޚުލާޞްތެރިކުރުމުގެ ބޭނުމެއް ނެތެވެ."

މުލްޙިދުންގެ މި ނުރައްކާތެރި ރައުޔުގެ ކުރިމަތީގައި ސައިންޓިސްޓުން ވިދާޅުވަނީ ކީކޭތޯ އެވެ؟

*** *** ***

މިކައުނުގައި ކަލަކު ވޮޑިގެންވޭތޯ އެވެ؟ މިއީ، އިންސާނުން ކުރަމުން ގެންދާ ސުވާލެކެވެ. ކުޑަކުއްޖާ އޭނާގެ ބައްޕައާ މިސުވާލުކުރެ އެވެ. ބޮޑެތި މީހުން ވެސް މި ސުވާލަށް އެދެވޭ ޖަވާބެއް ލިބޭތޯ ހޯދައި ބަހުސްކޮށް ސުވާލުކުރަމުން ގެންދެ އެވެ. މި ސުވާލުގެ ބޭނުންތެރިކަމާއި މުހިންމުކަމުގެ ބޮޑުކަމާއެކު ވެސް، އެދެވޭ ޖަވާބެއް ލިބެނީ މަދު ބަޔަކަށެވެ.

ކުޑަ ކުއްޖަކު އޭނާގެ ބައްޕައާ މި ސުވާލު ކުރުމުން، ބައްޕަ ދޭ ޖަވާބަކީ، ދަރިފުޅުގެ ޢުމުރާއި ވިސްނުމާ ގުޅޭނެ ކަމަށް އޭނާއަށް ހީވާ ޖަވާބެކެވެ. އެގޮތުން ބައްޕަ ދޭ ޖަވާބަކީ، މި މުހިންމު ސުވާލަށް އެއްވެސް ފަރުވާއެއް ލިއްބައިދެނިވި ޖަވާބެއް ކަމުގައި ނުވެ އެވެ.

ދަރިވަރު އޭނާގެ ޓީޗަރާ މި ސުވާލުކުރުމުން ލިބޭ ޖަވާބަކީ ވެސް އެދެވޭ ޖަވާބެއް ނޫނެވެ. ދަންނަބޭކަލުންނާ މި ސުވާލު ކުރެވޭ ހިނދު ލިބޭ ޖަވާބު ނުކުމެގެން އަންނަނީ، ރަސޫލުބޭކަލުންގެ ބަސްފުޅުތަކާއި ސަމާވީ ފޮތްތަކުގެ ތެރެއިންނެވެ. މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކަށް މާބޮޑު އަހަންމިއްޔަތެއް ދިނުމެއް ނެތި އެވެ.

މި މަޒުމޫނުގައި ހުށަހަޅާދޭ ފޮތަކީ، ސައިންސްގެ އަލީގައި، މި މުހިންމު ސުވާލަށް ޖަވާބުދީ ފައިވާ ފޮތެކެވެ. އެއީ، މާތް ﷲ ވޮޑިގެންވާކަން ސާބިތުކޮށްދީފައިވާ ފޮތެކެވެ. އަދި އެއީ، މާތް ﷲ ވޮޑިގެންވާކަން ސާބިތުކޮށްދިނުމުގެ މައިގަނޑު ނަމުގައި މިހާތަނަށް އިންސާނުންގެ ޤަލަމުން ލިޔެފައިވާ އެންމެ މުހިންމު ފޮތް ކަމުގައި ވުމީ ދުރުކަމެއް ނޫނެވެ. ފޮތް ކިޔުމަށްފަހު، ފޮތުގެ ނަން ދިވެހި ބަހަށް ގެނެސްފައިވަނީ، "މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް" ކަމުގަ އެވެ. ފޮތުގެ އަޞްލު ނަމަކީ، (The Evidence of God in an Expanding Universe) އެވެ. ފޮތުގެ މުޙައްރިރަކީ، ޖޯން ކްލޯވަރ މޮންޒުމާ އެވެ. މި މަޒުމޫނު ލިޔުމަށްޓަކައި މުޠާލަޢާކޮށްފައިވަނީ ފޮތުގެ ޢަރަބި ތަރުޖަމާގެ ހަތަރުވަނަ ޗާޕެވެ. އަޞްލު ފޮތުގައިވަނީ ތިރީސް ސައިންޓިސްޓުން ލިޔުއްވާފައިވާ ތިރީސް މަޒުމޫނެވެ. އޭގެ އިތުރުން، ޢަރަބި ތަރުޖަމާގައިވާ މައިގަނޑު ބައިތަކަކީ، ފޮތް ހުށަހެޅުމާއި، ތަރުޖަމާނުގެ މުޤައްދިމާ އާއި، ޑރ. މުޙައްމަދު ޖަމާލުއްދީނު ލިޔުއްވާފައިވާ މަޒުމޫނެކެވެ. އަދި ފޮތުގެ ބައެއް ޞަފުޙާތަކުގެ ތިރީގައި އޭނާ ލިޔުއްވާފައިވާ ހަވާސާ ނޯޓްތައް ވެ އެވެ. މިފަދަ ސަބަބުތަކަށްޓަކައި، އަޞްލު ފޮތަށްވުރެ މި ތަރުޖަމާ މުސްލިމުންނަށް މުހިންމުކަމަށް ޤަބޫލުކުރެވެ އެވެ. އީމާންކަން ވަރުގަދަކޮށްދިނުމަށް މިތަރުޖަމާއިން ބޮޑަށް އެހީތެރިކަން ލިބޭނެތީ އެވެ.

ފޮތުގައިވާ ތިރީސް މަޒުމޫނަކީ، ފޮތުގެ އެޑިޓަރު ހުށަހެޅުއްވި ސުވާލަކަށް ނުހަނު އަމާނާތްތެރިކަމާއެކު ސައިންޓިސްޓުން ދެއްވާފައިވާ ޖަވާބުތަކެވެ. އެ ސުވާލު ކުރައްވާފައިވަނީ، މާތް ﷲ ވޮޑިގެންވާ ކަމުގެ ސައިންޓިފިކް ހެކިތައް ހޯއްދެވުމަށްޓަކަ އެވެ.


ކައުނު އުފެދުނީތޯ އެވެ؟ ނުވަތަ ހެއްދެވުނީތޯ އެވެ؟


ކައުނަކީ އަމިއްލައަށް އުފެދުނު އެއްޗެއްތޯ އެވެ؟ ނުވަތަ އެއީ ކުޅަދުންވަންތަ ޚާލިޤުވަންތަ ރަސްކަލާނގެ ހެއްދެވި އެއްޗެއްތޯ އެވެ؟

މި ސުވާލަށް ޖަވާބުދެއްވާފައިވާ އެއް ސައިންޓިސްޓަކީ، ޑރ. ފްރެންކް އެލިން އެވެ. އޭނާއަކީ، ބަޔޮލޮޖިސްޓެކެވެ. އަދި އޭނާއަކީ އެހެނިހެން ޢިލްމުތަކުގައި ވެސް ފުންނާބު އުސް ޢާލިމެކެވެ.

ނަންގަނެވިދިޔަ ސުވާލަށް ޖަވާބުދޭ ހަތަރު ރައުޔު ބަޔާންކުރައްވައި، އެ ރައުޔުތަކާމެދު ޚިޔާލު ފާޅުކުރައްވާފައިވެ އެވެ. އެ ހަތަރު ރައުޔަކީ:

1. މި ކައުނަކީ، ހަމައެކަނި ޚިޔާލަށް ފެންނަ މަންޒަރެކެވެ. ވަހުމެކެވެ. ޙަޤީޤަތެއް ނޫނެވެ.
2. ނެތުމުގެ ތެރެއިން ކައުނު އުފެދުނީ އަމިއްލައަށެވެ.
3. ކައުނަކީ، އުފެދުމުގައި ފެށުމެއް ނުވާ އަބަދިއްޔަ އެއްޗެކެވެ.
4. ކައުނަކީ، ޚާލިޤުވަންތަ ރަސްކަލާނގެ ހެއްދެވި އެއްޗެކެވެ.

މީގެތެރެއިން ފުރަތަމަ ރައުޔާމެދު މާދިގުކޮށް ވާހަކަ ނުދެއްކެވި ނަމަވެސް، އެ ރައުޔަށް ކުރު ޝަރަޙައެއް ދެއްވާފައިވެ އެވެ.

"މި ރައުޔު ބުނެދެނީ، އަޅުގަނޑުމެންނަށް އިޙުސާސްކުރެވޭ މި ކައުނާއި، މި ކައުނުގައިވާ ހިނގަމުންދާ ކަމަށް އެނގޭ ކަންތައްތަކަކީ، އެއްވެސް ޙަޤީޤަތެއް ނެތް ވަހުމްތަކެއް ކަމުގައި މެނުވީ ނުވާ ކަމަށެވެ... މި ރައުޔު ބުނާ ގޮތުގައި، އަޅުގަނޑުމެން ދިރިއުޅެނީ ވަހުމުގެ ދުނިޔެއެއްގަ އެވެ. މިސާލަކަށް، އަޅުގަނޑުމެން އެޔަށް އަރައި، އޭގައި ދަތުރު ފަތުރުކުރާ ރޭލަކީ ހަމައެކަނި ޚިޔާލެއް ކަމުގައި މެނުވީ ނުވެ އެވެ. އަދި އެއީ މާއްދީ ނުވަތަ އެހެން އެއްޗަކުން ނަމަވެސް ހެދިފައިނުވާ ފާލަންތަކެއްގެ މަތީގައި ދަރުތުކުރާ، އެޔަށް ވުޖޫދެއް ނެތް ކޯރުތަކެކެވެ. އޭގައި ދަތުރުކުރާ މީހުންނަކީ ވެސް ވުޖޫދުގައި ނެތް ބަޔެކެވެ. އެމީހުން ފެންނަނީ ހަމައެކަނި ޚިޔާލަށެވެ."

މިރައުޔާމެދު އޭނާ ލިޔުއްވާފައިވަނީ، މި ރައުޔަކީ ކަނޑައެޅިގެން ބަޔާންވެގެންވާ ވަހުމެއް ކަމަށެވެ. ޖަދަލުކޮށް ވާހަކަދައްކަން ޖެހޭވަރުގެ ހަރުދަނާ ކަމެއް ނެތް ޚިޔާލީ މަންޒަރެއް ކަމަށެވެ.

ދެވަނަ ރައުޔަކީ ވެސް އޭނާގެ އަރިހުގައި މަޤުބޫލު ރައުޔެއް ނޫނެވެ. ސަބަބަކީ، ކައުނުގައިވާ ހަކަތައާއި މާއްދާގެ ބިޔަކަމާއެކު އެއީ އަމިއްލައަށް އުފެދިދާނެ އެއްޗެއް ކަމަށް ސަލާމަތް ބުއްދި ޤަބޫލުނުކުރާ ކަމެވެ. އޭނާގެ ނަޒަރުގައި މި ރައުޔަކީ ވެސް މިޔާމެދު ވާހަކަދައްކާ ބަހުސްކުރަން ޖެހޭވަރުގެ ހަރުދަނާ ކަމެއް ހުރި ރައުޔެއް ނޫނެވެ.

ތިންވަނަ ރައުޔާއި ހަތަރުވަނަ ރައުޔު ބައިވެރިވާ ނުކުތާއެއް ވާކަން ފާހަގަކުރައްވާފައި ވެއެވެ. އެ ނުކުތާއަކީ، އަބަދިއްޔަ (ނުވަތަ އަޒަލިއްޔަ) ސިފަ އެވެ. މިކަން ބަޔާންކުރައްވަމުން ލިޔުއްވާފައިވެ އެވެ.

"އެހެންވީމާ، މަރުވެފައިވާ ދުނިޔެއަކަށް، ނޫންނަމަ ދިރިދެމިވޮޑިގެންވާ ޚާލިޤުވަންތަ ރަސްކަލާނގެއަށް މި އަޒަލިއްޔަ ސިފަ ރައްދުކުރަންވީ އެވެ... އަނދައަނދައި އޮތް އިރާއި، ވިދާ ބަބުޅާ ތަރިތަކާއި ދިރޭތަކެތީގެ ބާވަތްތަކުން މުއްސަނދިވެފައިވާ ބިމަކީ، ކައުނުގެ އަޞްލު ނުވަތަ އޭގެ ތަރަހަ، ވަކި ހިނދުކޮޅެއްގައި ފެށުނު ވަގުތަކާ ގުޅިފައިވާ ކަމުގެ އަލިގަދަ ހެކިތަކެކެވެ. އެހެންވީމާ، ކައުނު އުފެދުމަކީ، ހިނގައިދިޔަ ހާދިސާއެކެވެ. މީގެ މާނައަކީ، ފެށުމެއް ނުވާ އަޒަލިއްޔަ ޚާލިޤަކު ކައުނުގެ އަޞްލާ ގުޅިފައިވާން ޖެހޭނެ އެވެ. އެކަލާނގެއީ، ހުރިހައި ކަމެއް ދެނެވޮޑިގެންވާ ފަރާތެވެ. ކުޅަދުންވަންތަ ކަމުގައި ޙައްދެއް ނުވާ އަރަހުށި ފަރާތެވެ. މިކައުނަކީ، އެކަލާނގެ ހެއްދެވި އެއްޗެއް ކަމުގައި ވާންޖެހޭނެ އެވެ."

މި މޭރުމުން، ކައުނަކީ އަމިއްލައަށް އުފެދުނު އެއްޗެއް ނޫންކަމާއި، އަދި އެއީ ކުޅަދުންވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެ ހެއްދެވި އެއްޗެއްކަން ސާބިތުކޮށްދެއްވާފައިވެ އެވެ. އެއަށްފަހު، މިކަމަށް ބާރުލިއްބައިދޭ އެތައް ސައިންޓިފިކް ހެތްކެއް ދައްކަވާފައިވެ އެވެ.

(ނުނިމޭ)


ނޯޓް:
މިއީ، މީގެ 15 އަހަރު ކުރިން (1994 ވަނަ އަހަރު) ލިޔެފައިވާ މަޒުމޫނެކެވެ. މި މަޒުމޫނުގެ ފުރަތަމަ ނަކަލު ޝާއިޢުކުރެވުނީ، 1995 ވަނަ އަހަރު، އަލްމަންހަޖުގެ 15 ވަނަ ޢަދަދުގަ އެވެ.



ހަމަމިގަލަމުން

އިދާރާ

ވާހަކަ