އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (13)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


 ބިންމާ އިބްރާހީމް ވަޙީދު                                      22 އޮގަސްޓް(އާދީއްތަ)އާ ގުޅޭ......

ގިނަ މީހުން، އެ ސުވާލުގެ ޖަވާބުގައި ބުނާނީ "ނެތް" އެވެ. އެހެން އެ ކަން ވުމަށް ދިމާވި ސަބަބަކީ، "ސާދާކަން" ތިމާގެ ދިރިއުޅުމުގައި ނެތުމެވެ. އެންމެ އާދައިގެ ކަންކަމަށް ދޭންވާ ޝައުގުވެރިކަން ތިމާ އަށް ނުދެވުމެވެ. ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައި ވެސް ސާދާކަމަށް ސަމާލުކަން ދޭށެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ، މާމެލާމެލިން ފުރިފައިވާ ޖާދޫގެ ބަގީޗާއެކެވެ. ގޭގައި ހައްދާފައިވާ ގަސްގަހުގައި އަޅާފައިވާ މާތައް، އެ މީހުންގެ ލޮލަކަށް ނުފެނެ އެވެ. އެއީ ހިތާމަހުރި ކަމެކެވެ.
 
މިހާ ހިސާބަށް އައިއިރު، ހިތްހަމަޖެހިގެން އުޅެން ބޭނުންވާ މީހަކު ކުރަންވީ ގިނަ ކަންތައްތައް އަހަންނަށް ބުނެދެވިއްޖެ އެވެ. ބުނެދިން ކަންތައްތައް ކުރުމުގެ ކުޅަދާނަކަން ހުރި ކޮންމެ މީހެއްގެ ދިރިއުޅުން ބާއްޖަވެރިވާނެ އެވެ. އަޖައިބު ކުރަނިވި ރަނގަޅު ބަދަލުތައް، ދިރިއުޅުމަށް އަންނާނެ އެވެ. އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭނެ އެވެ. ހިނިތުންވުމުގެ ވާހަކަ ދައްކާއިރު، އެ ކަން ކުރަން ފަސްނުޖެހޭށެވެ. މި ބުނަނީ އަބަދާއަބަދު ހޭށެކޭ ނޫނެވެ. ހިނިތުންވާން ލިބޭ ފުރުޞަތު ގެއްލުވާނުލާށޭ އެވެ. ދިރިއުޅުމަށްޓަކައި ތިމާ އަށް ލިބިފައިވަނީ ކިތައް ދުވަސް ހެއްޔެވެ؟ އެކަކަށް ވެސް ބުނާކަށް ނޭނގޭނެ އެވެ. ވީއިރު، އުފާކުރުން ފަސްކޮށްލާފައި، ގައިގަ ވަރުހުރި ދުވަހު، އަބަދު މަސައްކަތުގައި ނޫޅޭށެވެ. އަރާމުކުރަމުން، އުފާކުރަމުން މަސައްކަތް ކުރާށެވެ. މަސައްކަތް ކުރަނީ ނުވަތަ ވަޒީފާއަދާކުރަނީ، ހިތްހަމަޖެހިގެން އުޅުމަށްޓަކާ އެވެ. ބޭންކު އެކައުންޓަށް، ހާހުން ފައިސާ ޖަމާކުރެވުނުއިރު، ޢާއިލާ އަށް އެއްވެސް އުފަލެއް ޖަމާނުކުރެވޭ ކަމުގައިވަންޏާ، ފައިސާގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ފައިސާ އެއްކުރީ ކީއްކުރަން ހެއްޔެވެ؟ ދިރިއުޅެންވާނީ، މިއަދަކީ ތިމާގެ އެންމެ ފަހު ދުވަސް ކަމުގައި ދެކިގެންނެވެ.

ދިރިއުޅެމުންގެންދާއިރު، ފޫހިވާ ކަންތައްތަކާ ދިމާވުމަކީ، ތިމާ އަށް އެކަނި ވާ ކަމެއްކަމަށް ހީނުކުރާށެވެ. ފޫއްސަކީ، ކޮންމެ އިންސާނަކަށް ވެސް ކުރިމަތިވާ މާޔޫސްކަމެކެވެ. އެހެންނަމަވެސް، ބައެއް މީހުންނަށް، ވަރަށް ގިނަ ވަގުތު ފޫހިވެގެން އުޅެންޖެހެއެވެ. މިއީ، ހައްލުނުކުރެވޭ ވަރުގެ ބޮޑު މައްސަލައެއް ނޫނެވެ. ހަދާނެ ގޮތަކީ މި އެވެ. ޔަގީންކަމާ އެކުގައި ކަންކަމާ ކުރިމަތިލާށެވެ. ކަމެއް ދިމާވާއިރަށް ނުވަތަ ކަމެއް ދިމާވުމުގެ ކުރިން ތިމާ އަކީ ނާކާމިޔާބު މީހެއް ކަމުގައި ހީނުކުރާށެވެ. ކޮންމެ ދުވަހަކީ އާ ދުވަހެކެވެ. ކޮންމެ ކަމަކީ މުޅިން އާ ކަމެކެވެ. ރޫޙާނީގޮތުން ނުވަތަ މާއްދީގޮތުން ވިޔަސް، އެ ކަމެއް ތިމަންނަ އަށް ނުކުރެވިދާނެ ކަމަށް ހީކޮށް، އެ ޝައްކު ހިތުގައި ނުބާއްވާށެވެ. ހިތްވަރު ކުރާށެވެ. ކަމަކާ ދޭތެރޭގައި ފިކުރު ހިންގުމަށް ވަކި މިންގަނޑެއް އޮންނާކަށް ނުޖެހެއެވެ. ކަން ވުމާއި ނުވުން އެއީ މުޅިން އެހެން ކަމެކެވެ. އެ ކަމަށްޓަކައި ނުވަތަ އެ ކަމެއް ހާސިލު ކުރުމަށްޓަކައި،  ކުރެވެން ހުރި ހުރިހާ ކަމެއް ކުރާށެވެ. މާޒީގެ ހުރަގޭގައި ކަސްތަޅުއެޅިގެން ނުހުންނާށެވެ. ތިމާގެ މުސްތަޤުބަލު ފަރުމާކުރާ މީހަކަށް ތިމާ ވާށެވެ.

ދިރިހުރުމަކީ، ތިމާ އަށްޓަކައި އެކަނި ދިރިހުރުމެއް ނޫނެވެ. އެކަމަކު، އެހެން މީހުންނަށް ވެސް ތިމާގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ލިބޭ ހުރިހާ ތަނަވަސްކަމެއް ބައްކޮށްގެން ނުހުންނާށެވެ. ލިބޭ ހުރިހާ ފައިސާއެއްގައި ބަގުޑިލައިގެން ނުހުންނާށެވެ. ފައިސާ ހޯދާށެވެ. އަދި އެހެން މީހުންނަށް ވެސް ބަހާށެވެ. އެހީވާށެވެ. ރޭގަނޑު ނިދަން އޮށޯންނަމުން ވިސްނާށެވެ. ކުރުން ވާޖިބު ކަންތައްތައް ފިޔަވައި، މިއަދު މީހަކަށް ތިމަންނަ ކޮށްދިން ހެޔޮކަމަކީ ކޮބާހެއްޔެވެ؟ އެ ފަދަ ކަމެއް އެ ދުވަހު ނުކުރެވޭ ކަމުގައި ވަންޏާ އަލުން ތެދުވާށެވެ. މީހަކަށް ހެޔޮކަމެއް ކޮށްދީފައި ނޫނީ ނިދަން ނޯށޯންނާށެވެ. ހެޔޮކަމަކީ އެއްޗެއް ދިނުމެއް ނޫނެވެ. ކަމެއް ކޮށްދިނުމެއް ވެސް ނޫނެވެ. އެ ކަން ހަނދާންބަހައްޓައްޗެވެ. މީހެއްގެ ހާލުބަލައިލުމަކީ ހެޔޮކަމެކެވެ. ސަލާމް ގޮވާލުމަކީ ހެޔޮކަމެކެވެ. ކުޑަމިނުން މީހަކަށް ހިނިތުންވެލުމަކީ ވެސް ހެޔޮކަމެކެވެ.

ތިމާ އަކީ ވަރަށް މުއްސަނދި މީހަކަށް ވެދާނެ އެވެ. އަރައިގެން ދަތުރުކުރާނެ އެތަކެއް ސަވާރީއެއް ތިމާގެ މިލްކިއްޔާތުގައި ހުރެދާނެ އެވެ. އުސް އިމާރާތާއި، ރިސޯރޓާއި، ފިހާރަތަކާއި، ޔޮޓުދޯނިފަހަރުގެ ވެރިއަކަށް ވެސް ތިމާ ވެދާނެ އެވެ. އެކަމަކު، ތިމާގެ ދިރިއުޅުމުގެ ފެންވަރު ބިނާވެފައި އޮންނާނީ ތިމާގެ ދީލަތިކަމުގެ މައްޗަށެވެ. އަބަދު ވެސް އެ ކަން ހަނދާންބަހައްޓާށެވެ.

ފިނިފެންމާ

މީރުވަސްދުވާ މާ ވިއްކާ މީހެއްގެ އަތުން ވެސް ކުޑަކޮށް މީރުވަސްދުވާނެ އެވެ. އެއީ ޗައިނާގެ ހަރުބަހެއް ކަމުގައި ވިޔަސް، ތިމާ އަށް ވެސް އޭގެން ހާސިލުކުރެވޭ ޢިބުރަތް ކުޑައެއް ނުވާނެ އެވެ. އޭގެ މާނަ ފުނެއް ނޫނެވެ. ތިލަވެފައި ސާދާ އެވެ. އެހެން މީހުންގެ ދިރިއުޅުން އުޖާލާކުރަން ތިމާ ކުރާ މަސައްކަތުގެ ތެރޭގައި، ތިމާގެ ދިރިއުޅުން ވެސް އުޖާލާވާނެ އެވެ. އޯގާތެރިކަމާއި ދީލަތިކަމުގެ ކުދިކުދި ޢަމަލުތައް، ކޮންމެ ދުވަހަކު ވެސް ތިމާ ފަރިތަކުރާ ނަމަ، ތިމާގެ ދިރިއުޅުމަށް އިތުރު ދިރުމާއި ފާގަތިކަން ލިބޭނެ އެވެ. ކޮންމެ ވެސް ގޮތަކުން، އެހެން މީހުންނަށް ތިމާގެ އެހީތެރިކަން ފޯރުވޭނެ މަގެއް ހޯދާށެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރުމަކީ، ވަރަށް ރަނގަޅު ފެށުމެކެވެ.

ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ނުވަތަ، ޖުމުލަކޮށް ބުނާ ނަމަ، ދިރިއުޅުމާ މެދުގައި ވެސް، "ތަފާތު ނަޒަރަކުން" ބަލާށެވެ. މިސާލަކަށް ބުނާ ނަމަ، މެދާ ހަމައަށް ފެން ހުރި ތައްޓެއް ދެއްކުމުން، އެއްބަޔަކު ބުނާނީ އެއީ ދެބައިކުޅަ އެއްބައި ހުސް ތައްޓެއް ކަމުގަ އެވެ. އަނެއްބަޔަކު ބުނާނީ، އެއީ ދެބައިކުޅަ އެއްބައި ފުރިފައި ހުރި ތައްޓެއް ކަމުގަ އެވެ. ބުއްދީގެ އަހުލުވެރިންނަކީ، ދެބައިކުޅަ އެއްބައި ފުރިފައިވާ ތައްޓެކޭ ބުނާ މީހުންނެވެ. އެއް ހާލަތެއް، އެހެން ގޮތަކަށް އެ ފަދަ މީހުންނަށް ތަރުޖަމާ އެ ކުރެވުނީ، "ތަފާތު ނަޒަރަކުން" ބެލުމުގެ އާދަ، އެ ފަދަ މީހުންގެ ކިބައިގައި ހަރުލައްވާފައި ވާތީ އެވެ. ތަފާތު ނަޒަރަކުން ބެލުމަކީ، އެ ފަދަ އައިނަކުން ދިރިއުޅުމަށް ތިމާ ބެލުމެވެ. އެތެރެ އާއި ބޭރަށް ވެސް މެއެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ، ދުނިޔެ އަށް ތިމާ އައީ، މަރުވަންދެން އުޅުމަށެވެ. ވަކި މަގުސަދެއް ނެތެވެ. ހިތުހުރި ގޮތަކަށް އުޅެފައި މަރުވެގެން ދާންވީ އެވެ. ބަދަލުކުރަންވީ އެ ވިސްނުމެވެ. ދުނިޔެ އަށް އައީ ހުސްއަތާ ކަމުގައި ވިޔަސް، ދުނިޔެއިން ތިމާ ހުސްއަތާ ވަކިވެގެން ނުވާނެ އެވެ. އެހެންނަމަވެސް، ހިތަށްއަރާހާ އެއްޗެއް ތިމާއަކަށް ނުގެންދެވޭނެ އެވެ. ބޭނުންވާހާ އެއްޗެއް ނުވަތަ ހިތްއެދޭ ހުރިހާ އެއްޗެއް ވެސް ނުގެންދެވޭނެ އެވެ. ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ، ދުނިޔެއިން ވަކިވެގެން ތިމާ ދާއިރު، މާއްދީ ފޮއްޓެއް ތިމާ އަކަށް ނުގެންދެވޭނެ އެވެ. ގެންދެވޭނީ ރޫޙާނީ ފޮއްޓެކެވެ. ލޮލަށް ނުފެންނަ ބްރީފްކޭސް އެކެވެ. އެހެންކަމުން، އެ އަށް އެޅޭނީ ވެސް ރޫޙާނީ ކަންތައްތައް އެކަންޏެވެ. ހެޔޮ ދަރުމަ ނުވަތަ ސަވާބެވެ.

ފައިސާ އަކީ މުހިންމު އެއްޗެކެވެ. އެ ހޯދަން މަސައްކަތް ކުރަންޖެހޭނެ އެވެ. އެކަމަކު، ފައިސާ އަކީ، ހޯދަންޖެހޭ ހަމަ އެކަނި އެއްޗެއް ނޫނެވެ. ހެޔޮ ޢަމަލުތައް ގިނަކޮށް، ސަވާބުގެ މަހުޖަނަކަށް ވެސް ވެވޭތޯ ތިމާ މަސައްކަތްކުރަން ޖެހޭނެ އެވެ. އެހެން މީހުންނަށް އެހީފޯރުވަން ލޯބިކުރަންވާނެ އެވެ. ދުނިޔެ އަށް މިހާރު މި ވަނީ، ވަރަށް އެހެން ކަހަލަ ބަދަލެއް އަންނަން ފަށާފަ އެވެ. ފެންނަ ކޮންމެ މީހަކާ އެކުގައި، މިއަދު މީހުން ވިޔަފާރީގެ ބޮޑެތި މުޢާމަލާތުތަކެއް ނުކުރާނެ އެވެ. އޭގެ ކުރިން، އެ މީހަކީ އިތުބާރު ހުރި މީހެއްތޯ ބަލަން ބޭނުންވެ އެވެ. މަކަރުހަދާ އޮޅުވާލާ މީހެއް ނޫންކަން ޔަގީންކުރަން ބޭނުންވެ އެވެ. ހިތްހެޔޮ، އެހެން މީހުންނަށް އޯގާތެރި މީހެއްތޯ ޔަގީންކުރެއެވެ. ހަމަ އެކަނި ސްކޫލުގައި ކިޔަވައިދީގެން، އަމާންކަމާ އެކުގައި ވަޒީފާއަދާކުރުމުގެ ބަދަލުގައި، ދާޚިލީ ހަނގުރާމަތަކުގައި، ގެދޮރާއި މައިންބަފައިން ގެއްލިފައިވާ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި، ދުރު ހިސާބުތަކަށް މުދައްރިސުން ދަތުރުކުރަން ފަށައިފި އެވެ. ހޮސްޕިޓަލުގެ އަމާން މާހައުލުގައި، އަނބިދަރިން ކައިރީގައި ތިބެގެން ބަލި މީހުންނަށް ބޭސްކުރި ޑޮކްޓަރުން، އެ މީހުންގެ ވަޒަން ދޫކޮށް، އެކި ޤައުމުތަކުގައި ބިކަ ހާލުގައި ޖެހިފައިވާ މީހުންނަށް ބޭސްކުރަން ދަތުރުތައް ފަށައިފި އެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ އެހެން މީހުންނަށް އެހީވުމެވެ. އޭގެ ސަބަބުން ތިމާގެ ދިރިއުޅުމަށް އަންނާނެ ރަނގަޅު ބަދަލުތައް ވިސްނެންފެށީ އެވެ. ދުނިޔެ އަށް އުފަންވުމުން އެހެން މީހުން އުފާކުރިއިރު ތިމާ ރުއެވެ. ދުނިޔެއިން ތިމާ ދާންވާނީ އެހެން މީހުން ކަރުނައޮހޮރާ ހާލުގައި ތިމާ އުފަލުގައި ހުރެގެންނެވެ. އެ ދަރަޖަ އަށް، އެހެން މީހުންނަށް ތިމާގެ އެހީތެރިކަން ފޯރުވާފަ އެވެ.     
    
ޖަވާހިރުތަކުން ފުރިފައިވާ މަގު

ވާހަކައިގެ ނިމުން އައިސް ޖެހުނީ އެވެ. ޖަވާހިރުތަކުން ފުރިފައިވާ މަގު ރަމުޒުކޮށްދެނީ، ކުރިން ބުނެވިދިޔަ އާދަތައް ތިމާގެ ކިބައިގައި ހަރުލެއްވުމުގެ ނަތީޖާއެއްގެ ގޮތުން، ތިމާ އަށް ލިބޭނެ ކުރިއެރުންތަކާއި ފާގަތިކަމެވެ. ހުރަސްތައް އެއްފަރާތް ވެ، އޮޅިތައް ގިރާކުރަން ފަސޭހަވެ، އަޑިގުޑަން މަގުތައް އޮމާންވާނެ އެވެ. އަދި ކުރިން އަހަންނަށް ވަޢުދުވެފައިވާ ފަދައިން، މީގައި މި ވާ ކަންތައްތައް، އެހެން މީހުންނާ ހަމައަށް ތިމާ ގެންގޮސްދިނުމުން، އެ މީހުންގެ ދިރިއުޅުމަށް ވެސް ހެޔޮ ބަދަލުތައް އަންނާނެ އެވެ.

ހިތްހަމަޖެހިގެން އުޅެވޭނީ މި ސިކުންތައް ވިސްނީމަ އެވެ. ވެ ދިޔަ ކަންތަކުން ޢިބުރަތް ހާސިލުކޮށް، އަންނަން އޮތް ކަންތައްތަކާ ކުރިމަތިލާނެ ހިތްވަރުލިބި، މި ސިކުންތުގެ ފައިދާ ހޯދާށެވެ. ތިމާގެ ބާރުގެދަށުގައިވަނީ ހަމަ އެކަނި މި ސިކުންތެވެ. އަންނަން އޮތް ކަންތައްތަކަކީ ކޮބައި ކަމެއް ނޭނގޭނެ އެވެ. އެ އަށް ބާރުފޯރުވާނީ ކިހިނެތް ހެއްޔެވެ؟ ވެދިޔަ ކަންތައް ވެ ނިމިއްޖެ އެވެ. އެ އަށް ދެން ފޯރުވޭނީ ކޮން ބާރެއް ހެއްޔެވެ؟ އެކަމަކު، މި ސިކުންތާ ކުޅެވިދާނެ އެވެ. ބަދަލުކުރެވިދާނެ އެވެ. ދިރުވާލަން ބޭނުންވި ފެންފޮދު، ދިރުވާނުލާ އުކާލެވޭނީ ވެސް އެ ސިކުންތުގަ އެވެ. މީހެއްގެ ގައިގާ ޖަހަން މަޅާލި އަތް ހުއްޓާލެވޭނީ ވެސް އެ ސިކުތުންގަ އެވެ. ވީ ކަންތަކާއި ވާނެ ކަންތަކުގެ ބަދަލުގައި، ވަމުންދާ ކަންތަކަށް ވިސްނާށެވެ. އޭރުން، ވީ ކަންތަކާއި ވާނެ ކަންތަކުގެ ނަތީޖާ ތިމާ އަށް ބަދަލުކުރެވިދާނެ އެވެ. މިހެން ވިސްނާށެވެ. ހިތްހަމަޖެހުމަކީ ދަތުރެކެވެ. މަންޒިލެއް ނޫނެވެ.
-------------------------------------------------
ނިމުނީ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ