އަދުގެ ޚާއްސަ

Print

ފަހުމީގެ ހަނދާން ގަދަކަން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
ފަހުމީ އަކީ ހަނދާން ނެތުމުގެ ބަލި ވަރަށް ބޮޑު މީހެކެވެ. ބައެއް ދުވަސް ދުވަހު ގެއިން ނުކުމެގެން ވަކި ހިސާބަކަށް ގޮސްފައި ދާން ބޭނުންވާތަން ހަނދާން ނެތިގެން އެނބުރި ގެއަށް އެބަ އާދެ އެވެ. ލޮލުގައި އަޅާ އައިނު ހަނދާން ނެތިގެން އޮފީހުގައި ބާއްވާފައި ގެއަށް އެބަ އާދެ އެވެ. އެކަމަކު އައިނު ނާޅާ ޖެހިގެން ހުންނަ މީހާ ނުފެންނަ ވަރަށް އެ ފަކީރުގެ ލޯ އަނދިރި އެވެ.
    
ހަނދާން ނެތުމުގެ ސަބަބުން ގޭގައި އަންހެނުންނާ ޒުވާބު ކުރަން ޖެހޭ ދުވަސް ވެސް އާދެ އެވެ. ފިހާރައަކަށް ވަދެ، އެއްޗެއް ގަންނާން ފައިސާ ދީފައި، އެ އެއްޗެއް ނުލައި ގެއަށް އަންނަ ދުވަސް ވެސް މަދެއް ނޫނެވެ.
   
ފަހުމީ އެންމެ ޢާއްމުކޮށް ހަނދާން ނައްތާލާ ނުވަތަ އޭނާއަށް ބޭއްވުނު ތަނެއް ނޭނގިގެން ގެއްލޭ އެއްޗެތީގެ ތެރޭގައި ކުޑަ ހިމެނެ އެވެ. ވާރޭ ވެހޭ ދުވަސް ދުވަހު ހިފައިގެން ދާ ކުޑަ, ވާރޭހުއްޓައިލުމުން ކޮންމެ ވެސް ތަނެއްގައި ބާއްވާފައި ގެއަށް އާދެވެނީ އެވެ. އެންމެ ބޮޑަށް ޙައިރާން ވާ ކަމަކީ ބައެއް ދުވަސް ދުވަހު ވާރެޔާ ތެމިގެން ގެއަށް އަންނަ ކަމެވެ. ތެމިގެން އަންނަ އިރުވެސް ކުޑައިގެ މަތީން ހަނދާނެއް ނުހުރެ އެވެ.
    
ހަނދާން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަ ތަކުގެ ސަބަބުން ގޭތެރޭގައި މައްސަލަ ޖެހޭތީ ފަހުމީ ހުންނަނީ ވަރަށް ކަން ބޮޑު ވެފަ އެވެ. ކަންތައްތައް ހަނދާން ނައްތާނުލައި ވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ. ބައެއް ކަންތައްތައް ނޯޓު ކޮށްގެން ގެންގުޅެ އެވެ. އެކަމަކު އެހެން ހެދީމާ ނޯޓު ބަލާން ހަނދާން ނެތެނީ އެވެ. ބައެއް ފަހަރަށް ހަނދާން ނެތުމުގެ ސަބަބުން ފަސޭހަވެސް ވެފައި ހުރެ އެވެ. ބައެއް ކަހަލަ މައްސަލަތައް ހަނދާން ނެތުނީމާ ސިކުނޑިއަށް ލުއި ކަމެއް ލިބެ އެވެ. އެހެން ނަމަވެސް ހަނދާން ނެތުމުގެ ސަބަބުން ލިބޭ ގެއްލުމާ އަޅައި ބަލާއިރު ސިކުނޑިއަށް ލިބޭ ލުއި ކަމުގެ ފައިދާއެއް ނުފެނެ އެވެ. ފެނާއި، ފޯނާއި، ކަރަންޓަށް ދައްކަން ޖެހޭ ފައިސާ ހަނދާން ނެތިގެން ނުދެއްކުމުގެ ސަބަބުން އެތައް ތުރާލަކާ ކުރިމަތިލާން ޖެހިފައި އެބަ ހުއްޓެވެ. ކަރަންޓު ކަނޑައިލުމުގެ ސަބަބުން ބައެއް ރޭރޭ ކަނު އަނދިރީގައި ނިދާން ޖެހެ އެވެ. ފައިސާ ނުދައްކައިގެން ފެން ކަނޑައިލުމުގެ ސަބަބުން ލޮނުން ފެން ވަރައިގެން ތިބޭން ޖެހެ އެވެ.
    
އެއް ރެއަކު ފަހުމީ ގެއަށް އައި އިރު ހުރީ ވަރަށް ބޮޑަށް އުފާ ވެފަ އެވެ. އަތުގައި ކުޑައެއް އޮތެވެ. އެ ރެއަކީ އުޑުމަތި ބަނަ ރެއެކެވެ. އެ ރޭ ފަހުމީ އުފާވީ ކުޑައިގެ މަތީން ހަނދާން ނުނެތުނީމަ އެވެ. އިސްލާމީ މަރުކަޒަށް ރަމަޟާން މަސް އިޙްޔާ ކުރުމުގެ ގޮތުން ބާއްވާ ޙަފްލާގައި ބައިވެރިވާން ގޮސްފައި އެނބުރި ގެއަށް އައީ ކުޑަ ހިފައިގެންނެވެ. ފަހުމީ އަށް ފެނުނު ގޮތުގައި އެއީ އޭނާގެ ހަނދާން ނެތުމުގެ ބަލި ރަނގަޅު ވަމުންދާ ކަމުގެ ނިޝާނެކެވެ.
    
ގެއަށް ވަދެފައި ގޮވައިލިއެވެ. "ޝަރީފާ- ނިކަން ބަލާ ބަލަ- މިއަދު އަހަރެން ހަނދާނެއް ނުނެތޭ- މިއައީ ކުޑަވެސް ހިފައިގެން-"
    
ޝަރީފާ ފަހުމީއާ ދިމާއަށް ބަލައިލާފައި އެއްވެސް އެއްޗެކޭ ނުބުނެ އެތެރެއަށް ވަންނާން ހިނގައިގެންފި އެވެ.
    
ފަހުމީ އަހައިލި އެވެ. "ބަލަ އެއްވެސް އެއްޗެކޭ ނުބުނީ ކީއްވެގެން-؟ އަހަރެން ހަނދާން ނެތިގެން ކުޑަ ބާއްވާފައި އަންނަ ދުވަސް ދުވަހު ވަރަށް ވަރު އަރުވައިލާނެ- މިރޭ ކުޑަ ހިފައިގެން އައީމާ ހަމަ އެއްވެސް އެއްޗެކޭ ނުބުނި-"
    
ޝަރީފާ ކުޑަކޮށް ރުޅި އައިސްފައި ބުނެލި އެވެ. "ޙައިރާނެއް ނުވާނެތަ-؟ މިއަދު ފަހުމީ ބޭރަށް ދިޔައީ ކުޑައެއް ހިފައިގެންނެއް ނޫނޭ- ތިޔަ އައީ ކޮންމެވެސް އެހެން މީހެއްގެ ކުޑައެއް ހިފައިގެން-"

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ