އަދުގެ ޚާއްސަ

Print

ވަޢުދު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވާހަކަ


ފާޠިމަތު އަނޫޝާ / ނީލްވިލާ، ށ. ފުނަދޫ

އިންސާނާއަށް ދެހިތް ދެއްވާފައިވާ ނަމަ އެވެ. ކަމެއް ހިތުން ފުހެލަން ބޭނުންވާ އިރަށް އެކަން ކުރުމުގެ ކުޅަދާނަކަންވެސް ދެއްވާފައިވީ ނަމަ އެވެ. ހިތާމައަކީ އެއިން އެއްވެސް ކަމެއް ފަހިވެފައި ނެތުމެވެ. ހިތުންކަމެއް ފުހެލުމާއި ހިތުގައި ކަމެއް ހަރުލެއްވުމަކީ ވެސް އިންސާނާގެ އިޚްތިޔާރުގައި އޮންނަ ކަމެއް ނޫނެވެ. އޮންނަ ނަމަ އޭނާގެ ނަން އަހަރެން ފުހެލީމުހެވެ. އެ ނަމުގެ މަތީގައި ޓިޕެކްސް ޖަހާ އެ ނަމުގެ އަކުރުތަކާ ނިޝާންތައް ވެސް ފުހެލީމުހެވެ. ބޭކާރުމީހުން ހަނދާން ކުރަންވީ ކީއްކުރަން ހެއްޔެވެ؟ އޭނާ އަކީ އަހަރެންގެ ޙަޔާތަށް ބޭނުން މީހެއް ނޫނެވެ. އެއީ ބޭކާރު މީހެކެވެ. ބޭވަފާތެރިއެކެވެ. ބޭވަފާތެރިންގެ މަތިން ހަނދާންކޮށް ކަރުނަ ތަކެއް ބޭކާރު ކުރަންވީ ކީއްކުރަން ހެއްޔެވެ؟ އަހަރެން ދެން އެ ބޭވަފާތެރި ސުހާގެ މަތިން ހަނދާނެއް ނުކުރާނަމެވެ. އެހަނދާންތައް ހިތުން ފުހެލާނަމެވެ. އަބަދުގެ އަބަދަށް ހަނދާން ނައްތާލާނަމެވެ.

އެކަމަކު...އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ ސުހާއަކީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އަހަރެން އޭނާ ދެކެވީ ޙަޤީޤީ ލޯތްބެވެ. އޭނާ އަށް އަހަރެންގެ ލޯބީގައި އެއްވެސް އަގެއް ނެތަސް އަހަރެން އެ ލޯބި ދެކެނީ ވަރަށް އަގުބޮޑު މާތް އެއްޗެއްގެ ގޮތުގަ އެވެ. އެ ލޯތްބަށްޓަކައި އަހަރެންގެ ހުރިހާ އެއްޗެއް ޤުރުބާން ކުރީމެވެ. މަންމާއާއި ބައްޕަ ދޫކޮށްލީމެވެ. ގާތްތިމާގެ މީހުން ދޫކޮށްލީމެވެ. ކުޑައިރުއްސުރެ ފުލުހަކަށްވާން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ފުރުޞަތު ލިބިފައި ވަނިކޮށް އެކަންތައް ވެސް ހުވަފެންއްގެ ގޮތުގައި ބޭއްވުމަށް ނިންމީމެވެ. ހަމައެކަނީ އަހަރެންގެ ލޯތްބަށް ޓަކައެވެ. ލޯބިވާ ސުހާ އަށް ޓަކަ އެވެ.

ސުހާ އަހަރެންގެ ޙަޔާތަށް އައުމުން އަހަންނަށް ހީވީ ހަތްވަނަ އުޑަށް އެރުނުހެންނެވެ. އުފާވެރިކަން 24 ގަޑިއިރު އަހަރެންގެ ވަށައިގެން ވި އެވެ. އަހަރެން ކުރާ ހުރިހާކަމަށް ލިބޭ ހިތްވަރަކަށް އޭނާވި އެވެ. އެ ދުވަސްތަކަކީ ދިރި ހުރިހައި ދުވަހަކު ހިތުން ފިލުވައި ނުލެވޭނެފަދަ އުފާވެރި ދުވަސް ތަކެކެވެ. ފޮނި ހަނދާން ތަކެކެވެ.
 
ނަމަވެސް ސުހާ އަހަރެންގެ ހަޔާތުން ނިކުމެގެން ދިޔައީ މުޅި ހަޔާތް އަންދާ އަޅިއަށް ހަދާލާފަ އެވެ. މި އަދު އެ ހަނދާން ތަކަކީ ހިތި ޒަހަރެކެވެ. އިރެއްގައި ފޮނި ނަމަވެސް މިހާރު އެއީ ކުދިކުދިވެ ޒަޚަމް ވެފައިވާ ހިތެއްގައި އެޅޭ ލޮނުމިރުސް ގަނޑެކެވެ. ނާޒުކު ހިތަށް ހެރޭ ވިހަ ގަދަ ކަށި ތަކެކެވެ. އަހަރެންގެ މި ހިތް ޒަޚަމް ވެފައިވަނީ ދުވަހަކު ވެސް އެ އަށް ފުރިހަމަ ޝިފާއެއް ނުލިބޭނެހާ ބޮޑަށެވެ. އަހަރެންގެ މި އެކަނިވެރި އަނދިރި ޙަޔާތަށް ލޮލުކޮޅުން ވެސް އަލިކަމުގެ ނިޝާނެއް ނުފެނެ އެވެ. އަހަރެންގެ ހަފަރާތް ވަށާލާފައިވަނީ މޮޅިވެރިކަމާއި އެކަނިވެރިކަމެވެ.

ސުހާ އަހަރެންނާއި ލޯބީގެ ގޮތުން ގުޅުނީ ރައްޓެހިން އޭނާއަށް މި ކަމެއް ނުވާނޭ ބުނުމުން، ވާކަން ދައްކާލުމުގެ ގޮތުން ނޯލަ އެވެ. ސުހާ އެހެން ބުނީ ކިހާ ފަސޭހައެއްކޮށް ހެއްޔެވެ؟ އެކަމަކު އެ ކަމުގެ ސަބަބުން އަހަންނަށް ކުރިމަތިވި ދަތި އުނދަގޫ ތަކާއި އުފުލަން ޖެހުނު ބުރައާއި ހިތާމަ އޭނާއަކަށް ނޭނގޭނެ އެވެ. އަހަރެންގެ މުޅި ދިރިއުޅުން ބޮއްސުންލީ އެވެ. މައިންބަފައިންގެ ލޯބިން މަޙުރޫމު ވީއެވެ. ޢާއިލާގެ މީހުންގެ ކުރިމަތީގައި އަގު ވެއްޓުނީ އެވެ. ޢާއިލާގެ އަގު ވެސް ވެއްޓުނީ އެވެ. އެންމެންގެ ނަފުރަތުގެ ޝިކާރައަކަށް ވީ އެވެ.

އެ ބޭވަފާތެރި ސުހާ އަހަރެންގެ ޙަޔާތަށް އައީ ސުނާމީއެއްގެ ސިފައިގަ އެވެ. ދިޔައިރު ދިޔައީ ހުރިހާ އުފާތަކެއް ދޮވެލާފަ އެވެ. ނަމަވެސް އެއްވެސް ބަދަލު ހިފުމެއްނެތި އަހަރެން ކެތް ކުރީމެވެ. ލޯބި ވާތީ އެވެ. ނަމަވެސް މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުން ލާން ފަށައިފި އެވެ. އަހަރެންގެ ހިތުގައި ވެސް ނަފުރަތުގެ ހުޅު ރޯވެއްޖެ އެވެ. އިންތިޒާރު ކުރެވެނީ އެ ހުޅުގަނޑު އިތުރަށް ބޮޑުވާނެ އިރަކަށެވެ. އޭރުން އަހަންނަށް އެ ބޭނުމެއް ނެތް ހަނދާންތަކާ ދުރަށްދާން ފަސޭހަވާނެ އެވެ. އޭނާގެ ހަނދާންތަކާއެކު މިހާރު ލައްކަ ދުވަހު އުޅެވިއްޖެ އެވެ. އިތުރަށް އެކަމުގައި ރޯކަށް ބޭނުމެއް ނޫނެވެ. އެ ބޭވަފާތެރި ސުހާ އަށް ދުވަހަކު ވެސް މާފެއް ނުކުރާނަމެވެ. އަހަރެން އެހަނދާންތައް ހިތުން ނެރެލާނަމެވެ. ސުހާއަކަށް އަހަރެންގެ ހިތަކުން ދެން ޖާގައެއް ނުލިބޭނެ އެވެ. އަހަރެން އޭނާއަށާއި އޭނާ ހަދިޔާކުރި ހަނދާންތަކަށް އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާނަމެވެ. މިއީ އަހަރެންގެ އަމިއްލަ ނަފުސަށް ކުރާ ވަޢުދެކެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ