އަދުގެ ޚާއްސަ

Print

ބަރުބާދުވީ ލޯބީގެ ދުނިޔެ (7)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


ތާނަކުރީ: މުޙަންމަދު ޝާހިދު ޙަލީމް (1987)  
                         (7 ސެޕްޓެމްބަރ (އަންގާރަ) އާ ގުޅޭ)

"ޖަމާލު." ފަރީ ކުރެހިފައިވާ އަޑަކުން ބުންޏެވެ. "މިހާރު ދެން ނިވިފައި ވާ އަޅިތައް ނުކޮނޭ. ޖަމާލު ބޭނުން ގޮތް ވެއްޖެ. އޭގަ އޮތީ އަހަރެންގެ ކިހާ ކުށެއްތޯ، ޖަމާލުގެ ކިހާ ކުށެއްތޯ ބަލާ ވާހަކަދެއްކުމުގެ ވަގުތު ހިނގައްޖެ. މިހާރު މީ އެ ވަގުތެއް ނޫން. ދެން ހުރި ހުރިހާ އެއްޗެއްސަކީ ނަޒަރުގެ ކެހި. އަހަރެމެންނަށް ރަނގަޅު ބައިވެރިންނަށް ވެގެން ނޫޅެވުނު އިރު ރަނގަޅު އެކުވެރިންނަށް ވެގެންނެއް ވެސް ނޫޅެވޭނެ. ޖަމާލު ވެސް ހުރިހާ އެއްޗެއް ހަނދާންނައްތާލާފަ އަލުން އާ ދިރިއުޅުމެއް ފަށާ."

"ފަށާނީ ކިހިނެއް، ފަރީ؟ އަހަރެން އަމިއްލައަށް އަހަންނަށް ކެހިދެމުން ގެންދާތާ އެހާ ގިނަ ދުވަސް ވެއްޖެ. މިހާރު އަހަންނަށް ހީވަނީ ހުވަފެނަކުން ހޭލެވިގެން އުޅޭ ހެން. މާތްރަސްކަލާނގެ ގަންދެން. ފަރީއާ ނުލާ ނޫޅެވޭނެ ކަމަކަށް އަހަރެން ފަހަރެއްގަ ވެސް ހިއެއް ނުކުރަން."

"އަހަރެން ވެސް އެހެން ހިއެއް ނުކުރަން. އެކަމަކު ހާލަތު އިންސާނުންނަށް ދިރިއުޅެން ދަސްކޮށްދޭ."

"ނޫން ފަރީ! އަހަންނަށް ތިޔަ ހިތި ހަގީގަތް ގަބޫލެއް ނުކުރެވޭނެ. އަދި އަހަރެން ދީނެއް މިއްލަތަކަށް ތަބައެއް ނުވަން. ހަމައެކަނި ފަރީ އަހަންނަށް މާފުކުރޭ. އަހަރެންގެ ފާފައަށް މާފުކުރޭ." އޭނާ ފަރީގެ ދެ ފައިތިލައިގައި ހިފައިފިއެވެ. "އެނބުރި ފަރީގެ ގެއަށް ހިނގާ!"

"އަހަރެންގެ ގެއޭ!" ފަރީ މަލާމާތާ އެކު ހިނިތުންވެލިއެވެ. "ޖަމާލު! އަހަރެންގެ އެއްވެސް ގެއެއް ނެތް. މި ވޭތިވެ ދިޔަ ދެތިން މަހުއްސުރެން އަހަންނަށް އިޙްސާސްކުރެވެނީ އަހަންނަކީ އެކަނިމާއެކަނި ހުރި ވުޖޫދެއް ކަމަށް. އަހަރެންގެ އެއްވެސް ގެއެއް ދޮރެއް ނެތް ކަމަށް."

"ފަރީ، އޯ، ފަރީ!" ޖަމާލު އޭނާ ތަޅުވަން ފަށައިފިއެވެ. "މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި އަހަންނަށް މާފުކުރޭ! ފަރީ ވެސް ތިޔަ ހުންނަނީ އުފަލުން ނޫން ކަން އަހަންނަށް އެބަ އެނގޭ. އަހަރެން ވެސް މި ހުންނަނީ ދެރަވެފަ. ވީ އިރު، އަހަރެމެން ނުގުޅޭންވީ ކީއްވެގެން."

"ޖަމާލު! ޖަމާލު އަބަދު ވެސް ތިޔަ ހުންނަނީ އަމިއްލަ އެދުމުގަ. -- ތިޔައީ ޖަމާލު އުފެއްދި ދުނިޔެއެއް. ޖަމާލު އުފެއްދި ދުނިޔޭގެ ދަލުގައި މި ފަހަރު ތިޔަ ވަނީ ޚުދު ޖަމާލު ޖެހިފަ. މިހާރު އަހަންނާ ޖަމާލާ ގުޅުމަކީ އެކަށީގެންވާ ކަމެއް ނޫން. އަނެއްކާ ޖަމާލު އަހަންނަށް ކުރި ނަފުރަތުގެ މަތިން އަހަންނެއް އަދި ހަނދާނެއް ނުނެތޭ."

"އެއީ ނަފުރަތެއް ނޫން. ފަރީ! އެއީ ނުހަނު ގަދަފަދަ ލޯތްބެއް. އެ ކަން އަހަންނަށް ވެސް އެނގުނީ މިހާރު."

"އެކަމަކު މިހާރު ދެން އަހަންނަށް އޭގެ އިޙްސާސް ނުކުރުވާ. އަހަރެން ބޭނުމީ ޖަމާލަކީ އަނިޔާވެރި އިންސާނެއް ކަމަށް ވިސްނާފަ ޖަމާލުގެ މަތިން ހަނދާންނައްތާލަން."

"ފަރީ!" ޖަމާލު އޭނާގެ ފައިން ދޫކޮށްލައިފައި ކުރިމަތީގައި، ތަޅުންމަތީގައި އިށީނދެއްޖެއެވެ. "އަހަރެން ގަބޫލުކުރަން. އަހަރެން ފަރީއަށް ވަރަށް އަނިޔާވެރިވީން. އަހަންނަށް އެނގޭ. އަހަންނަކީ ކުށްވެރިއެއް. އަހަންނަށް ކުރެވުނު ހުރިހާ ކުށެއް އަހަންނަށް އިޙްސާސްކުރެވޭ. އަހަރެން ހަރުކަށީ. ޙަސަދަވެރީ. ބޮޑަލީ. އެއީ އަހަންނަކީ ހަމައެކަނި ފިރިއެއްވީމާ. ހަމައެކަނި ފިރިހެނެއްވީމާ. އެކަމަކު ވަކިވެގެން މި ވޭތިވީ މުއްދަތު އަހަރެންގެ ވިސްނުން ދުނިޔެވީ މުޑުދާރުތަކުން ތާހިރުކޮށްދީފި. އަހަންނަށް ތެދުވެރިކަން ވަޒަންކުރަން އެނގުނީ އަހަރެންގެ އުފާތައް އަމިއްލައަތުން މަރާލައިގެން. މިހާރު އަހަންނަކީ ހަމައެކަނި އިންސާނެއް. ހިތުގައި ލޯބި ހުރި އިންސާނެއް. އާނ. އަހަރެން ފަރީގެ މަޢުޞޫމު ސިކުނޑިއަށް ވިހަލީން. ފަރީއަކީ ވަފާތެރި އިޚްލާޞްތެރި އަތްނބެއް. އެކަމަކު އަހަރެން އަބަދުވެސް ފަރީގެ އިޚްލާޞްތެރިކަން ދެކެމުން ދިޔައީ ޝައްކުގެ ލޮލުން. ފަރީގެވެސް ހުވަފެންތައް ހުރި. އުންމީދުތައް ހުރި. އެދުންތައް ހުރި. އެކަމަކު ޙަސަދައިގެ އަލިފާނުގައި އަނދައިގެން އަހަރެން އެ ކަންކަން ފުނޑުފުނޑުކުރަމުން ގެންދިޔައީ. އޭރު އަހަރެން އުފާ ވަނީ ފަރީ ރޮއްވައިގެން. ފަރީ ތަޅުވައިގެން. ދެން ފަރީ ވެސް ބަދަލުވީ. ބުޅަލަކުން ސިންގާއަކަށް ވީ. އެކި ކަންކަމާ އަރާރުންވާން ފެށީ. މުޤާބަލާކުރަން ތައްޔާރުވީ. ފަރީގެ ޒަމީރަށް ތައުހީނުލިބެން ފަރީ ނުރުހުނީ. ފަރީގެ ތޯހިރު ރީތިކަމަކީ ފަރީގެ ޚަޒާނާ. ފަރީގެ ޚަޒާނާއަށް ކިސަޑު އުކައިގެން ފަރީގެ އަތްމަތި ހުސްކުރަން އަހަރެން މަސައްކަތް ކުރިން. ފަރީގެ އަންހެންވަންތަކަން، އަހަރެންގެ ހިތްހަމަޖެހޭ ވަރު ވަންދެން ފިސްފިސްކުރިން. ފަރީއަށް ކެތްކުރެވޭނީ ވެސް ކިހާވަރެއް ވަންދެން؟ ފަރީ ކުރި ހުރިހާ ކަމަކީ ވެސް ނުހަނު ރަނގަޅަށް ކުރި ކަންތައް. ފަރީ ކަންތައް ކުރާނީ މަލާއިކަތުން ކަންތައްކުރާ ގޮތަށް ކަމަށް އަހަރެން އުންމީދުކުރަންވީ ކީއްވެގެން. އަހަރެން ފެށިކަންތައް ނިމުމާ ހަމައަށް ގެންދިޔުމުގައި ފަރީގެ ވެސް އަތެއް ހިމެނޭ ކަމަށް ވީ ނަމަވެސް ފަރީއަކީ ކުށްވެރިއެއް ކަމަށް އަހަރެން ބުނަންވީ ކީއްވެގެން. އަހަރެން ފަރީގެ ހުރިހާ ކުށެއް މާފުކޮށްފިން. ފަރީ! މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި، ފަރީ ވެސް އަހަންނަށް މާފުކޮށްދީ." އޭނާ ދެ އަތް ޖޯޑުކޮށްލިއެވެ.
 
ރޮއިރޮއި ފަރީއަށް ގިސްލެވިއްޖެއެވެ. މާތްރަސްކަލާކޯއެވެ. މިއީ ކޮންފަދަ އަނދިރިކަމެއް ހެއްޔެވެ؟ އެ އަނިޔާވެރިޔާ އޭނާގެ ފައިދޮށުގައި އިނދެގެން ތިމާގެ އަނިޔާތަކަށް އިޢުތިރާފުވަނީއެވެ. ގުޅެން އެދި އާދޭސްކުރަނީއެވެ. އެ ދެ މީހުންގެ ދެމެދުގައި އެތަކެއް މޭލުގެ ދުރުމިން އުފެދިފައިވަނިކޮށެވެ. އެތަކެއް ސއްތައިން ވެސް ކަޑައްތުކޮށް ނުލެވޭ ފަދަ ދުރުމިނެކެވެ. މި ފަރަގު ވެސް ނުވިސްނޭ ހައި ބޮޑަށް އޭނާ މޮޔަވީ ހެއްޔެވެ؟

"ޖަމާލު! މިހާރު އަހަންނާ ޖަމާލާ ދެ މީހުންގެ އެއްވެސް ގުޅުމެއް ނެތް. އެއްވެސް ގާތްކަމެއް ނެތް." އޭނާ ބުނީ މިހެންނެވެ. "މިހާރު ދެން އެއީ ވާނެ ކަމެއް ނޫން... އެ ކަންތައްތަކަކީ ހިތި ހިތާމަވެރި ކަންތައްތަކެއް ކަމަށް ބަލައިފައި މުޅިން ހަނދާންނައްތާލާ."

"އަހަރެން ހަނދާން އެބަހުރި." ފަރީ ނުހަނު ހިތާމަވެރި ރާގެއްގައި ބުންޏެވެ. "އަހަރެން ވެސް ޖެހިގެން އައިދުވަހު މަންމަ ގާތަށް އައުމަށް މުޅިން ނިންމިން. މަންމައަށް ފޯނު ކުރީމާ މަންމަ ބުނީ އޭރު މަންމަ ދެތިން އޮޕަރޭޝަނެއް ކުރަނީ ކަމަށާ އުޅެނީ ވެސް ހޮސްޕިޓަލުގައި ކަމަށާއި އިހަށް ނައުމަށް. އަހަރެންގެ ނަސީބުގެ މައްޗަށް ރޮވުނު ވަރެއް ބުނަން ވެސް ނޭނގޭނެ. ބިން ފަޅައިގެން ގޮސް ބިމުގެ އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އެރި. އަހަރެންގެ ސޫރަ ޖަމާލަށް ނުދައްކަވާނެ ނަމައޭ ހިތަށް އެރި."

"ދެނަހުރިންތަ؟ އެ ދުވަހު ހަތަރުދަމު އޮފީހުގައި އަހަރެން އުޅުނީ ހިތް ނުތަނަވަސްވެފަ ހުރެގެން. ހިތަށްއަރަނީ ނުކުމެގެން އަވަހަށް ގެއަށް ގޮސް ފަރީ ކަރުގައި ޖައްސާލާފަ، އަހަރެން ބުނި ބަސްތައް އަނބުރާ ގެންނަން. އެ ގޮތަކުން މި ގޮތަކުން ގޮސް ހަވީރު ގެއަށް ދިޔަ އިރު ފެނުނީ ފަރީ ދަރިފުޅު ނިންދަވާފަ ހަމަޖެހިލައިގެން ފޮތެއް ކިޔަން އިންދާ. ހިތްއުފާވި. އެކަމަކު އެ ބަލިމީހާ ނުކުތީ ކޮން ތަނަކުން ކަމެއް ނޭނގެ. އަހަރެން މަލާމާތުގެ ރާގުގަ ބުނީ، ކަމަނާ މި ތާ އިންނެވީހޭ އަޅުގަނޑު ހީކުރީ މައިކަމަނާ އަރިހަށް ވަޑައިގަތީ ކަމަށޭ. އަހަރެން ހަނދާން އެބަ ހުރި. އެރޭ ފަރީ އަހަންނާ އަރާރުންވީމު. އޭރު އެ ވަނީ ފަރީއަށް ކެތްނުކުރެވޭވަރު ވެފަ ކަންނޭނގެ. އެ އަރާރުން ވީ ކިހާ ބިރުވެރި އަރާރުމަކަށް."

"ބުނަން ފަރީ. މިހާރު ދެން ފަރީ ކަރުނަ ނުއޮހަރާ. މި ވާހަކަތައް އަހަރެން ތަކުރާރު މި ކުރީ ފަރީގެ ހިތުގަ ޖައްސާކަށް ނޫން؛ އަހަރެންގެ ނުލަފާކަމުގެ ވާހަކަދައްކާފަ ފަރީގެ ކިބައިން މާފަށް އެދެންވެގެން."

"ހުއްޓާލާ ޖަމާލު! ހުއްޓާލާ! އަހަންނަށް އިތުރު އެއްޗެއް ހަނދާންކޮށް ނުދީ! އެއްވެސް ކަމެއް ހަނދާންކޮށް ނުދީ!" ފަރީ ރޮމުންރޮމުން ގޮސް ހާލެއް ނެތިއްޖެއެވެ. "އަހަރެން ހުރިހާ ކަމެއް ހަނދާން ނައްތާލިޔަދީ. ހިތި ވާހަކަތައް ހިތިކޮށް ހުއްޓަދީ. އެއީ އަހަރެން މިހިރީ ރަނގަޅު ގޮތުގަ ކަމަށް ވިސްނައިގެން ހުރެ ދިރިއުޅުން ވޭތިކޮށްލުމަށް."

"ނޫން ފަރީ. ފަރީ ހަމަ އެންމެ ފަހަރަކު އެ ކަންތައް ހަނދާންކޮށްފާ ރޯލާ. އަހަރެން ހަމަ އެންމެ ފަހަރަކު އަހަރެންގެ ފާފަތަކަށް އިޢުތިރާފުވާނަން. ދެން އަހަރެމެން ހުރިހާ ކަމެއް އަލުން ފަށާނީ. ފަރީ އަހަންނަށް ފުރުޞަތުދީ. ހަމަ އެންމެ ފުރުޞަތެއް. އަހަރެން އެ ހުރިހާ ފާފައެއްގެ ކައްފާރާދޭނަން. ދުނިޔޭގަ މިސާލަކަށް ވާ ވަރަށް އަހަރެން ފަރީ ދެކެ ލޯބިވާނަން."

"މިހާރު ތިޔައީ އެއްވެސް ގޮތަކުން ވާނެ ކަމެއް ނޫން. ޖަމާލު. އަހަރެން ނުދިރުވާ. ހުވަފެނުގެ ދުނިޔެއަށް އަހަރެން ނުގެނޭ. އެއީ ވަރަށް ހިތި ދުނިޔެއެއް. އަހަރެން އިރުއިރުކޮޅާ އެ ދުނިޔެ ދެކޭ ހިތެއް ނުވޭ."

"ފަރީ. އަހަރެމެންގެ މޯނާއަށް އަހަރެމެންގެ ބޭނުން ޖެހޭނެ. އޭނާއަށް ޓަކާ އަނެއްކާ ވެސް އެއްފަހަރު އަހަރެމެން އެކެއް އަނެކެއްގެ އަތުގަ ހިފަމާ ހިނގާ."

"އެކަމަކު ކިހިނެއް؟ ޖަމާލު ދީނާ ޝަރީޢަތާ ވެސް ޚިލާފުވަނީތަ؟"

"ދީނުގަ ވެސް ... އެއް ގޮތެއް އެބަ އޮތް. ފަރީ!"

"އެ ގޮތް އެއްވެސް އަގެއްގައި އަހަރެން ގަބޫލެއް ނުކުރާނަން."

"ނޫން ފަރީ! ކުރީ ވަގުތުގެ ކައްފާރާ ދިނުމަށް އަހަރެމެންނަށް ޖެހޭނީ އެ ބޮޑު ގުރުބާނީ ވާން. ދެން ޖެހޭނީ އެ ކަން ހަނދާން ނައްތާލަން."

ވިދިިވިދިގެން އެތައް ދުވަހެއް ވަންދެން ޖަމާލު އަޔެވެ. ފަރީ ރުއްސިއެވެ. އެތައް ދުވަހެއް ވަންދެން ފަރީ އެއްގޮތަކަށްެ ވެސް ގަބޫލެއް ނުކުރެއެވެ. ދެން އެންމެފަހުން އޭނާ ޖަމާލުގެ ކުރިމަތީގައި ދެރަވުން ގަބޫލުކުރީ ކަހަލައެވެ. އޭނާ ޖަމާލު ދެކެ ލޯބިވިއެވެ. ޖަމާލު ނޫން އެހެން މީހަކާ ކައިވެނިކުރުމުގެ ތަޞައްވުރު ވެސް އޭނާއަކަށް ނުކުރެވޭނެއެވެ. އަދި އަނެއްކާ މިހާރު ޖަމާލު އޭނާއަށް ކުރެވިފައި އޮތް ކިތަން ކުޑަކުޑަ ހަރުކަށި ޢަމަލެއް ނަމަވެސް ބަޔާންކޮށް މާފަށް އެދިއްޖެއެވެ. އަދި އޭނާ ދެކެ ނުހަނު ބޮޑަށް ލޯބިވާކަން ޔަގީންކޮށްދީފި އެވެ. ވީ އިރު ދެން އޭނާގެ ޒަޚަމުވެފައިވާ ހިތް އިތުރަށް ރޮއްވާންވީ ކީއްކުރަން ހެއްޔެވެ؟ އެކަމަކު މަގުމަތީގައި އޮތް ފުން ވަޅުގަނޑު ގިރާކުރާނީ ކިހިނެއް ހެއްޔެވެ؟

އެހެން މީހަކާ އިނުމަށް ފަހު ވަރިވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެ ކަހަލަ މީހަކު ހުންނާނީ ކާކުހެއްޔެވެ؟ ދެން ކުއްލިއަކަށް އޭނާއަށް ޑަކުޓަރު ޖާދޫގެ މަތިން ހަނދާންވެއްޖެއެވެ. ޑަކުޓަރު ޖާދޫއަކީ އޭނާގެ ގާތް އެކުވެރިއެކެވެ. ޖަމާލާ އޭނާއާ ދެމެދުގައި ހިނގި ބައްދަލުވުންތަކުގެ ވާހަކަ އޭނާއަށް ވެސް ވަނީ ކިޔައިދީފައެވެ. އޭނާ ހެނދުނު ހިނގާ ހުރިހައި ކަމެއް ހަވީރު ޑަކުޓަރު ޖާދޫއަށް ކިޔައިދެއެވެ. ޑަކުޓަރު ވަނީ ފުން ވިސްނުމެއްގެ ތެރެއަށް ގެނބިފައެވެ. އެކަމަކު ޑަކުޓަރު އޭނާ ގާތު ސާފު ބަހުން ބުނެފައިވަނީ މިހާރު ދެން ޖަމާލާ ބައްދަލުކުރުމާއި އަލުން ގުޅުން ރަނގަޅު ކުރުމަކީ އޭނާއަށް ވެވޭނޭ ކަމެއް ނޫންކަމަށެވެ. އެ އަވާމެންދުރުގެ ފަހަތުން އޭނާ ނުދުވުމަށެވެ. ޑަކުޓަރަށް އެނގެއެވެ. ފަރީ ކަހަލަ އަންހެންކުއްޖަކަށް ވިސްނައިދިނުމަކީ ބޭކާރު ކަމެކެވެ. އެއީ އަނެއްކާ ކައިވެނީގެ ހުށަހެޅުން އޭނާ ވެސް ހުށަހަޅައިފައި ވީ ހިނދުގައެވެ.

އެ ދުވަހު ފަރީ ޑަކުޓަރު ޖާދޫ ގާތު "އަޅުގަނޑު ޑަކުޓަރާ ކައިވެނިކުރަން ތައްޔާރު" އޭ ބުނުމުން ޑަކުޓަރު ހައިރާންވެފައި އޭނާއަށް ބަލަން ހުއްޓެވެ. އެއް ކޮޅުން ޖަމާލުގެ ލޯތްބެވެ. އަނެއް ކޮޅުން ޑަކުޓަރުގެ ކައިވެންޏެވެ.
 
"އެކަމަކު ޝަރުޠެއްގެ މަތިން." ފަރީ އިސްޖަހައިލަމުން ބުންޏެވެ.

"އެއީ ކޮން ޝަރުޠެއް؟"

" ޑަކުޓަރު އެއް ހަފުތާގެ ތެރޭގައި އަޅުގަނޑު ވަރިކުރައްވަން ވާނެ."

"ތިޔައީ ކައިވެންޏެއްތަ ނުވަތަ ވަރިއެއްތަ؟"

ފަރީ ބޭނުން ވަނީ ކޮން ކަމެއް ކަން ޑޮކްޓަރަށް ވިސްނިއްޖެއެވެ.

" ޑަކުޓަރު ވިސްނަވާނެ ގޮތަކަށް ވިސްނަވާ."

ޑަކުޓަރު ވިސްނުމެއްގެ ތެރެއަށް ގެނބިއްޖެއެވެ. ފަރީ އެ އިޚުތިޔާރުކުރި މަގަކީ ވަރަށް ދަތި އުނދަގޫ މަގެއް ކަން އޭނާ ފަރީއަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ފަރީ އަނެއްކާ މަލާމާތުގެ ރާގަކަށް ބުންޏެވެ.

"ތިޔައީީ ޑަކުޓަރެއް! ކޮންމެ ގޮތަކުން ނަމަވެސް ބޭނުންވެ ލައްވަނީ ބަލި މީހާއަށް ފަރުވާކުރައްވަން. މި ކައިވެންޏާ ވަރިއަކީ ވެސް ފަރުވާގެ ބައެއް ކަމަަށް ބައްލަވާ. ޑަކުޓަރުގެ އެއްވެސް މަންފާއަކަށް ގެއްލުމެއް ނުފޯރާ ނަމަ މީހަކަށް ހެޔޮކަމެއް ކޮށްދެއްވާ!"

"އަހަރެން ވިސްނާފަ ބުނާނަން." ޑަކުޓަރު ބުންޏެެވެ.

"މީގަ ވިސްނަވާނެ އެއްވެސް ތަނެއް ނެތް. ޑަކުޓަރު ސާހިބު. އަޅުގަނޑު ދެކެނީ ޑަކުޓަރަކީ ވަރަށް އިޚުލާޞްތެރި މާތް އިންސާނެއް ކަމަށް. ފާއިތުވެ މި ދިޔަ މުއްދަތުގައި ޑަކުޓަރު އަޅުގަނޑަށް އެހީތެރިވެދެއްވި ގޮތްތަކަށް ޓަކައި، ދުވަހަކުވެސް އަޅުގަނޑަކަށް ޑަކުޓަރަށް ދުލަކުން ޝުކުރު އަދައެއް ނުކުރެވޭނެ. އެކަމަކު އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް ޝުކުރުވެރިވުން މަތީ ދެމިހުންނާނަން. އެންމެ ފަހުގެ އިތުރު އިޙުސާންތެރިކަމެއް ޑަކުޓަރު އަޅުގަނޑަށް ކޮށްދެއްވައިފިއްޔާ، އަޅުގަނޑުގެ ދިރިއުޅުން ޑަކުޓަރަށް ލޮބުވެތީ އަޅުގަނޑަށްޓަކައި ކަން، ޑަކުޓަރަށްޓަކައި ނޫންކަން އަޅުގަނޑު ގަބޫލުކުރާނަން."

"ފަރީ. މި ވަގުތު އަހަންނަކީ ހަމައެކަނި ފަރީގެ ޑަކުޓަރު ކަމުގައި ވާ ނަމަ ފަރީއަށް ވަރަށް ގިނަ ނަސޭހަތް ދިނީމުސް. މިހާރު ފަރީ ތިޔަ ހިނގައިގަތް މަގަކީ ކުރިއްސުރެ ވެސް ގުދުގުދުލާފާވާ އަޑިގުޑަން މަގެއް. ގުދުރަތުގެ އެ ނިޒާމު ވަނީ އިންސާނާގެ އަމިއްލަ އިޚުތިޔާރުގައެއް ނޫން. ނަސީބުގެ މައްޗަށް ގިނަ ފަހަރަކު ޗެލެންޖެއް ވެސް ނުކުރެވޭނެ. އެކަމަކު ފަރީ ގާތު އެއްވެސް އެއްޗެއް ބުނެވޭކަށް ނެތް. ފަރީ އަނެއްކާ ވެސް ތިޔަ ހޮވަނީ ނުރަނގަޅު މަގެއް. ފަރީގެ ތިޔަ އަވަސްއަރައިގަތުމުގެ މައްޗަށް ޚުދު ފަރީ ހިތާމަކުރާނެ. އެ ހިތާމަކުރުން އިޚްތިޔާރު ކުރާނީ ކޮން ސިފައެއްކަން ދެނެވޮޑިގެންވާނީ މާތްރަސްކަލާނގެ. ކައިވެންޏާ ވަރިއަކީ ކުޑަކުދިން ކުޅޭ ކުޅިވަރެއް ނޫން. ދިރިއުޅުމާ ތިޔަ ސަމާސާ ނުކުރޭ."

"އަޅުގަނޑަށް ހަމައެންމެ އެއްޗެއް ބުނެދެއްވާ. ޑަކުޓަރަށް އަޅުގަނޑަށް ޓަކާ މި ޤުރްބާނީ ވެދެއްވިދާނެތޯ ނުވަތަ މި ޤުރްބާނީ ވެއެއް ނުދެއްވޭނެތޯ؟" ފަރީ ޢަޒުމާ އެކު ބުންޏެވެ.

"ފަރީގެ ތިޔަ އިމުތިޙާނުން އަހަރެން ރަނގަޅަށް ފާސްވާނަން. ފަރީއާ ކައިވެނި ކުރާނަން. އަދި އެއް ހަފުތާ ފަހުން ފަރީ ވަރިކުރާނަން. އެކަމަކު ފަރީ! އަހަރެން މި ވާހަކަ ނުބުނެއެއް ނުހުންނާނަން. މި ކަން ވާނީ ފަރީއަށް ވެސް ވަރަށް ބޮޑު އިމުތިޙާނަކަށް. އަހަރެންވާ މި އިމުތިޙާނުން ފާސްވާނަން. އެކަމަކު ފަރީ ތިޔަ ދޭ އަނިޔާއަށް ޚުދު ފަރީއަކަށް ކެތެއް ނުކުރެވޭނެ. ފަރީއަކީ ވަރަށް ބޮޑަށް އަސަރުކުރާ އަންހެން ކުއްޖެއް. ފަރީއަށް ވުރެ ބޮޑަށް އަހަރެން ފަރީ ދަންނަން."

" ޑަކުޓަރު އިތުރުބަހަނާ ނުދައްކަވާ، އަޅުގަނޑުގެ ވާހަކަ އައްސަވާ." ފަރީގެ ބޮލަށް ސަވާރުވެފައި ވަނީ ހަމަ އެންމެ ކަމެކެވެ.

"އެންމެ ރަނގަޅު. ގަބޫލުކޮށްފިން."

"އަދި އެއް ޝަރުޠު އެބަ އޮތް." ފަރީ ލަދުގަންނަމުން ބުންޏެވެ.

"ތިޔަ ޝަރުޠު ވެސް ބުނޭ."

"އެ މުޅި ހަފުތާގައި ވެސް ޑަކުޓަރު އަޅުގަނޑުގެ ހަށިގަނޑުގައި ޖެހިލައްވައިގެން ނުވާނެ."

"ޝަރުޢީގޮތުން ތިޔަ ކައިވެނި ރަނގަޅެއް ނުވާނެ." ޑަކުޓަރު ބުންޏެވެ.

"ޑަކުޓަރު ސާހިބު! އަޅުގަނޑު މި އެދެނީ ޑަކުޓަރުގެ އިންސާނިއްޔަތުކަމުގެ ކިބައިން."

ޑަކުޓަރު އިރުކޮޅެއް ވަންދެން ހިމޭނުން ހުއްޓެވެ. ދެން ހީނލައިފައި ބުންޏެވެ.
 
"ތިޔަ ޝަރުޠު ވެސް ގަބޫލުކޮށްފިން."

"ހުވާ ކުރައްވާ!"

"ހުވާކުރަން!"

ފަރީ އަތްދިއްކޮށްލުމުން ޑަކުޓަރު ހިތްހެޔޮކަމާއެކު އޭނާގެ އަތުގައި ހިފައިފައި ފިތައިލިއެވެ. "މިއީ ފިރިހެނެއްގެ ހުވައެއް، ފަރީ! ހަނދާން ކުރާތި."

* * *

ކައިވެނިކުރުމަށް ފަހު ވަރިނުކުރުމަށް، ބޭގަމް ޝަފީޤު ޑަކުޓަރު ޖާދޫގެ މައްޗަށް އެޅެން ހުރި ހުރިހައި ބާރެއް އެޅިއެވެ. އޭނާ ބުންޏެވެ. ކުޑަ ދުވަސްކޮޅެއްގެ ފަހުން ފަރީ އަމިއްލައަށް ރަނގަޅުވެދާނެއެވެ. މިހާރު ޖަމާލުގެ ގާތަށް ދިއުމަކީ އޭނާއަށް ރަނގަޅު ގޮތެއް ނޫނެެވެ. އެކަމަކު ފަރީގެ ދޫނުކުރުމުގެ ކުރިމަތީގައި ޑަކުޓަރު ޖާދޫއަށް ވަކިގޮތެއް ނުނިންމުނެވެ. ބޭގަމް ޝަފީޤުގެ ބާރުއެޅުމުން ވެސް ނަތީޖާއެއް ނުނުކުތެވެ.

ވަރަށް ސާދާކަމާ އެކު ކައިވެނި ކުރެވިއްޖެއެވެ. ފަރީ ޑަކުޓަރުގެ ގެއަށް ހިނގައްޖެއެވެ. ބެރެއް ނުޖަހައެވެ. ޝެހެނާއީއެއް ނުފުމެއެވެ. އެ ގޭގައި ކައިވެނީގެ ކޮޓަރިއެއް ވެސް ނެތެވެ. ލޯބީގެ ހަދިޔާ ހިފައިގެން، ކައިވެނީގެ ރޭގެ އިންތިޒާރުގައި ޑަކުޓަރެއް ވެސް ނެތެވެ. ފަރީއާއި ޑަކުޓަރު ކެއީ އެކުގައެވެ. ދެން ކުޑަ އިރުކޮޅެއް ވަންދެން އަނގަތަޅަން ތިއްބެވެ. އެއަށް ފަހު ޑަކުޓަރު ރޭގަނޑުގެ ސަލާން ކުރުމަށް ތެދުވެއްޖެއެވެ. ދިޔުމުގެ ކުރިން ޑަކުޓަރު ފަރީއާ ދިމާއިން މޭޒުމަތީގައި ދެ ގުޅަ ނިދާބޭސް ބޭއްވިއެވެ. އަދި ނިދި ނާތުވެއްޖެ ނަމަ ކާލާށޭ ބުންޏެވެ.

ޑަކުޓަރު ރޭގަނޑުގެ ސަލާންކޮށްފައި ހިނގައްޖެއެވެ. ފަރީ ތަންމަތީގައި އޮށޯވެ ޚިޔާލުތަކުގެ ތެރެއަށް ގެއްލިއްޖެއެވެ. ބައެއް ފަހަރަށް އޭނާއަށް ޑަކުޓަރު ޝައިޠާނެއްގެ ސިފައިގައި ފެނެއެވެ. އަނެއްބައި ފަހަރަށް މަލާއިކަތެއްގެ ސިފައިގައި ފެނެއެވެ. ބައެއް ފަހަރަށް އޭނާގެ ހިތަށް އަރައެެވެ. ނިދާބޭސް އޭނާގެ ކައިރީގައި އެ ބެހެއްޓީ، އޭނާ ގަދައަށް ނިދީމާ ލޫޓުވާލަން ފަސޭހަވާނެތީއެވެ. އޭނާ ކިތަންމެ ފަހަރަކު، އިރުއިރުކޮޅުން، ކުޑަދޮރުތަކާއި ބޮޑުދޮރުގެ ތަންޑު އެޅުވިއެވެ. ޙަޤީޤަތުގައި ވެސް މިއީ ކިހައި އަޖައިބު ރެއެއް ހެއްޔެވެ. އޭނާ އޮތީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އާ، ބާ ޚިޔާލުތައް އޭނާއަށް އުނދަގޫކުރަން ފަށައިފިއެވެ.
 
ނިދި އެތަކެއް ކޯހެއްގެ ދުރަށް ހިނގައްޖެއެވެ. ޑަކުޓަރު ދީފައި ދިޔަ ބުއްދިވެރިކަމުގެ ބޭސްގުޅަ، ޝައްކުބޮޑުވެގެން ކާކަށް ނުކެރުނެވެ. އެހެންކަމުން ބިރުން އޮވެ، ޝައްކުގައި އޮވެ، ޚިޔާލުތަކާ ހަނގުރާމަކުރަމުން ރޭގަނޑު ވޭތިކޮށްލައިފި އެވެ. މުދިމުގެ ބަންގީގެ އަޑާ އެކުގައިހެން އޭނާއަށް ނިދިއްޖެއެވެ. އަދި ދިހައެއް ޖަހަންދެން ނިދަންއޮތެވެ.

އެސްފިޔަ ޖަހައިލާ ހައި ހިނދުކޮޅެއްގެ ތެރޭގައި އެއް ހަފުތާ ފާއިތުވެއްޖެއެވެ. ކުރިއަށް އޮތް ދުވަހަކީ ވަރިކުރާން ކަނޑައެޅިފައި އޮތް ދުވަހެވެ. ޖަމާލު އައިސް ފަރީ ގެންދިޔުމަށް، ފަރީ އޮތީ ފޯނުކޮށްފައި ޖަމާލު ގާތުގައި ބުނެފައެވެ.

އެ ރޭއްސުރެން ޑަކުޓަރު ޖާދޫ ހުރީ ވަރަށް ކަންބޮޑުވެފައެވެ. މި ގޮތަށް، ލިބިފައި އޮތް ކުޅިފަހެއް ދޫކޮށްލާން ހިތް ރުހޭނީ ކާކު ހެއްޔެވެ؟ ދެމަފިރިންނަށް ވުމާ އެކުގައި ވެސް އެ ދެ މީހުން އެއް ހަފުތާ ވަންދެން އެއް ގޭގައި އުޅުނީ ބީރައްޓެހީންގެ ގޮތުގައެވެ. އެކަމަކު މި ރެއަކީ އެ ގޭގައި އޭނާގެ އެންމެ ފަހުގެ ރެއެވެ. ޖެހިގެން އަންނަ ހެނދުނު އަބަދަށް އޭނާ ފަރީ ދޫކޮށްލާނެއެވެ. އޭނާ ތިން ހަތަރު ފަހަރު ވަކި ކަމެއް ނެތި ފަރީގެ ނިދާކޮޓަރިއަށް ދިޔައެވެ. މި ގޮތްދޫނުކުރާ އަންހެންކުއްޖާގެ ގައިގައި ހިފާއްޓައިފައި ތިން ހަތަރު ބޮނޑިއެއް އަޅާށާއި އެއަށް ފަހު އޭނާގެ މޭގައި ރައްކާކުރުމަށް ހިތަށް އެރިއެވެ. ފަރީ ވެސް ސުވާލުކުރިމެއެވެ. "ވަކި ކަމެއް އޮތީތޯ؟" އެކަމަކު އޭނާ ހިތްހަމަޖެހޭ ފަދަ ޖަވާބެއް ނުދިނެވެ.

* * *

ތެޅިފޮޅެމުން، ފުރޮޅެމުން، ވަސްވާސްތަކުގެ ދާބަންނަމުން އެ އެންމެފަހުގެ ރޭ ވެސް ވޭތިވެއްޖެއެވެ. މިއަދު ޑަކުޓަރު ޖާދޫ ވެސް ތެދުވީ ލަހުންނެވެ. އޭނާ ސައިމޭޒު ދޮށަށް ހިނގައްޖެއެވެ. ފަރީ އަދިވެސް ނާދެއެވެ. ހެނދުނު ނުވައެއް ޖަހަނީއެވެ. އޭނާ ފޫހިކަމާ އެކު ސައިބޮއިފިއެވެ. މޭޒު ދޮށުން އޭނާ ތެދުވި ތަނާ ރަނގަބީލުގެ އަޑު އިވިއްޖެއެވެ. ބޭރަށް ނުކުތް އިރު، ހުއްޓައި ފެނުނީ ޖަމާލެވެ. ޑަކުޓަރު ޖާދޫގެ ޠަބީޢަތް އިތުރަށް ގޯސްވެއްޖެއެވެ. އޭނާއަށް ކުއްލިއަކަށް އޭނާގެ ދެރަކަން އިޙްސާސް ކުރެވެން ފަށައިފިއެވެ. އެ މަކަރުވެރި އިންސާނާ ކޮއްޕައި ބޭރަށްލާން އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ދެރަވާ ރަސްކަލަކު މޮޅުވާ ރަސްކަލަކާ މެދުގައި ވެސް ކަންތައް ކުރާން ޖެހޭނީ ރަނގަޅަށް ކަމަށް ވާތީ، ޑަކުޓަރު ހީނލައިފައި އޭނާއާ ސަލާން ކޮށްލިއެވެ. ދެން ގެނެސް ބޮޑުކޮޓަރީގައި ބެއިންދިއެވެ. މިހާރު ދެން ކުރާން އޮތް ކަމަކީ ހަމައެކަނި ފޯމުގައި ސޮއި ކުރުމެވެ. އޭނާ ފަރީއަށް ގޮވާން ފަރީގެ ނިދާކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ.
 
"ފަރީ!" އޭނާ ބޭރުން ދެތިން ފަހަރަކު ގޮވައިލިއެވެ. އެތެރެއިން އަޑެއް ނީވުމުން އޭނާ ދޮރުފަތުގައި ހިފައިފައި ކުޑަކޮށް ކޮއްޕައިލިއެވެ. ދޮރުފަތް ހުޅުވިއްޖެއެވެ. -- ކަރުކެހިލައިފައި އޭނާ އެތެރެއަށް ވަދެއްޖެއެވެ. ފަރީ އަދިވެސް އޮތީ ތަންމަތީގައި ނިދައިފައެވެ. ހީވަނީ މުއްދަތެއްގެ ނިދި ފުރިހަމަކުރާން ވެގެން ނިދަނީ ހެންނެވެ. ޑަކުޓަރު ދެތިން ފަހަރަކު އޭނާއަށް ގޮވައިލިއެވެ. ދެން ނޭނގޭ ނުރައްކަލެއް އިޙްސާސް ކުރެވިއްޖެއެވެ. ދުވެފައި ގާތަށް ހިނގައްޖެއެވެ. އޭނާ ހަލުވައިގަތެވެ. ތަޅުވައިގަތެވެ. އޭނާގެ ވިންދުގައި އިނގިލި އޮބައިލިއެވެ. އޭނާގެ ގައިދަށުން ނިދާބޭސް އަޅައިފައި ހުރި ހުސްފުޅި ޑަކުޓަރުގެ އަތުގައި ޖެހިއްޖެއެވެ.
 
ބާލީސް ކައިރީގައި ނޫކުލައިގެ ސިޓީއެއް އޮތެވެ. ޑަކުޓަރު ކަންބޮޑުވެފައި އެ ނަގައިފިއެވެ. ލިޔެފައި އޮތެވެ.
 
"ޑަކުޓަރު ޖާދޫއަކީ އިޚުލާޞްތެރި މާތް އިންސާނެކެވެ. އަހަރެން އޭނާގެ ކިބައިން އެދުނީ ވަރަށް ބޮޑު ޤުރުބާނީއަކަށެވެ. ޙަޤީޤަތުގައި ވެސް އަހަރެންނަށް އެ ކަން ތަޙައްމަލެއް ނުކުރެވުނެވެ. ކޮންމެ ރެއަކު އަހަރެން އަހަރެންގެ މި ދެރަވުން ޤަބޫލުކުރަމެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު އާ ޢަޒުމެއް ކަނޑައަޅަމުން ގެންދިޔައީމެވެ. އަހަރެންގެ ސިކުނޑި ވަނީ ޑަކުޓަރުގެ އިޚުލާޞްތެރިކަމާއި ލޯބީގެ އަސީރަކަށް ވެފައެވެ. އޭނާގެ ބޭރުފުށް ރީތި ހައި މިންވަރަށް އޭނާ އެތެރެފުށުން ވެސް ލޯތްބެވެ. މި ފަދަ އިންސާނެއް ނުހަނު ގާތުން ދުށުމަށް ފަހު އޭނާއާ ދުރަށް ދެވިދާނެ ހެއްޔެވެ؟ ޖަމާލެވެ. އަހަރެން ޖަމާލު ދެކެ ހައްދެއް ނެތް މިންވަރަށް ލޯބިވީމެވެ. އަދި މިހާރު ވެސް ލޯބިވަމެވެ.
 
އަހަރެންގެ ހަށިގަނޑަށް ޖަމާލު ފިޔަވައި އެހެން މީހަކު ގަބޫލެއް ނުކުރެވޭނެއެވެ. އެކަމަކު އަހަރެންގެ ސިކުނޑީގެ މައްޗަށް ހިނގަނީ އެހެން، މާތް އިންސާނެއްގެ ވެރިކަމެވެ. މި ކެހި އަހަރެންނަށް ޖަމާލަކަށް ނުދެވޭނެއެވެ.
އޭގެ އިތުރަށް އަހަރެންގެ އަމިއްލަ އެދުން ވެސް ބޮޑީއެވެ. އަހަރެން ބޭނުމީ ޖަމާލާއި ޑަކުޓަރާ ދެ މީހުން އަބަދު ވެސް އަހަރެން ދެކެ ލޯބިވުމަށެވެ. އަހަރެން މަތިން ހަނދާން ކުރުމަށެެވެ. ޖަމާލާއި ޑަކުޓަރާ ދެ މީހުންނަކީ ކޮން ދެ މީހުނެއްކަމާއި އަހަރެންގެ މައްޗަށް ބާރުފޯރުވައިފައި ވަނީ ކީއް ވެގެންކަން ނުވިސްނުމުން އަހަރެން މި މަގު އިޚުތިޔާރު ކުރީއެވެ. ޖަމާލާއި ޑަކުޓަރާ ދެ މީހުން އަހަރެންނަށް މާފުކޮށްދޭށެވެ.

ޑަކުޓަރު ޖާދޫއެވެ. އަހަރެންގެ ފޮޓޯ އަބަދުވެސް ޑަކުޓަރުގެ އޮފީހުގެ މޭޒުމަތީގައި ބަހައްޓާށެވެ. ޖަމާލެވެ. ޖަމާލުގެ ހުރިހައި ލޯތްބެއް އަހަރެންގެ މޯނާއަށް ދޭށެވެ. -- ފަރީ"

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ