އަދުގެ ޚާއްސަ

Print

ގިނަ އިސްލާމީ ޤައުމުތަކަށް އީދު ދުވަހަކީ ހުކުރު ދުވަހެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުލްމުޢީދު ޙަސަން


ގިނަ އިސްލާމީ ޤައުމުތަކަށް މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ، ހުކުރު ދުވަހެވެ. މިޞްރާއި ސަޢޫދީ ޢަރަބިއްޔާއާއި ޖޯޑްން އާއި ޔޫއޭއީ އާއި ޤަޠަރާއި ބަޙުރައިން އާއި ސީރިއާއި ޢިރާޤާއި ލުބްނާންގެ ސުންނީން އިޢުލާންކޮށްފައިވަނީ، މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ ހުކުރު ދުވަސް ކަމަށެވެ. ނަމަވެސް މިއާ ޚިލާފުވާ ބައެއް އިސްލާމީ ޤައުމުތައް ވެ އެވެ.

ނަންގަނެވިދިޔަ ޤައުމުތަކާ ޚިލާފަށް، މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ބަލާ ޤައުމުތަކުގެ ތެރޭގައި، ލީބިޔާ ހިމެނެ އެވެ. ލީބިޔާގެ އިތުރުން، ފިޠުރު ޢީދު ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް، ޔޫރަޕުގެ ފަތުވާ ކޮމިޓީން ވެސް ބަލާފައިވެ އެވެ. އެ ފަތުވާ ކޮމިޓީން ހާމަކުރައްވާ ގޮތުގައި ޞައްޙަ ފަލަކީ ހިސާބުން ސާބިތުވާ ގޮތުގައި، މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ، ބުރާސްފަތި ދުވަހެވެ.

ޢީދު ދުވަސް، ހުކުރު ދުވަހާ ދިމާވާ އިތުރު ޤައުމުތަކުގެ ތެރޭގައި ޔަމަނުކަރައާއި ކުވޭތާއި ޓިއުނީޝިއާ ފަދަ އިސްލާމީ ޤައުތައް ވެސް ހިމެނެ އެވެ. ނަމަވެސް، ލީބިޔާއާއި ޔޫރަޕުގެ މުސްލިމުން ޢީދު ދުވަސް ކަމަށް ބަލާފައިވަނީ ބުރާސްފަތި ދުވަހެވެ. ލުބްނާންގެ ކުރީގެ ޝީޢީ މަރްޖިޢެއް ކަމަށްވާ އަލްމަރްޙޫމު ފަޟުލު ﷲ ގެ އޮފީހުން ހާމަކުރައްވާފައިވަނީ، ޢީދު ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ހަނދު ބެލުމާބެހޭ ގޮތުން މުސްލިމުންގެ މެދުގައި މިފަދަ ތަފާތެއް ވެ އެވެ. މިއީ ދެބަސްވެ އަރާރުންވާން ޖެހޭ ތަފާތެއް ނޫނެވެ. އެހެނީ، މި ތަފާތު ބިނާވެފައިވަނީ، ހަނދު ސާބިތުކުރަން ބޭނުންކުރާ ގޮތުގެ މައްޗަށެވެ. ބުރާސްފަތި ދުވަސް ޢީދު ދުވަހަށްވީ، ފަލަކީ ހިސާބުތަކުގެ މައްޗަށް ބުރަވި ޤައުމުތަކަށެވެ. ހުކުރު ދުވަސް ޢީދު ދުވަހަށްވީ، ހަނދު ބެލުމުގެ މައްޗަށް ބުރަވި ޤައުމުތަކަށެވެ.


މަޞްދަރުތައް:
ބީބީސީ
ޢަލްޢަރަބިއްޔާ ޑޮޓް ނެޓް



ހަމަމިގަލަމުން

އިދާރާ

ވާހަކަ