އަދުގެ ޚާއްސަ

Print

އަސްލާ އެއްގޮތް ހުވަފެނެކެވެ.

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ރޯދަމަސް ފެށުނީއެވެ. އަހަރެން އުންމީދުއާކޮށް އަޒުމު ވަރުގަދަކުރީމެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު އަޅުކަމުގައި ގިނަވަގުތު ހޭދަކޮށް ކީރިތި ޤުރުއާން ތިންފަހަރު ޚަތިމު ކުރުމަށް ނިޔަތްގަތީމެވެ. އެއީ ކޮންމެ ދިހައަކަށް ޚަތިމެކެވެ. ގިނަވަގުތު މިސްކިތުގައި ހޭދަކުރުމަށްޓަކައި ރޯދަމަސް ފެށުމުގެކުރިން އަވަސް އަވަހަށް ކުރަންޖެހޭ ބައެއްކަހަލަ ބަޒާރުކޮށްވެސް ނިންމާލީމެވެ. ގަނޑުކޮށް ގަނެވޭ ތަކެތިކަމަށްވާ މަސް، ބިސް، ފިޔާ އަލުވި، ހަވާދުގެ ސާމާނު، ބައެއްބާވަތްތަކުގެ ދަޅުކާނާ ގަނެ ބަނޑަހަ ތިޔާގިކޮށްލީމެވެ. އަހަރެންނަށް ހީވީ އަހަރެންގެ އަޅުކަމުގެ ޕްލޭނަށް އެންމެ ބޮޑު ހުރަހަކަށް ވާނީ ގެއަށް ބާޒާރުކުރުމާ އޮފީސް މަސައްކަތް ހެންނެވެ.

ރޯދަމުހުގެ ފުރަތަމަދުވަހެވެ. އޮފީސް ވެސް ބަންދު ދުވަހެކެވެ. ހާރުކައިގެން ފަތިސްނަމާދު ވަގުތުޖެހެންދެން ޤުރުއާން ކިޔެވީމެވެ. ފަތިސްނަމާދުކޮށްގެންވެސް އިރު އަރަންދެން ޤުރުއާން ކިޔަވަން މިސްކިތުގައި އިނީއެވެ. އިރުއަރަންވާއިރަށް ތިންފޮތް ކިޔައި ހަތަރުވަނަ ފޮތުންވެސް ބައެއް ކިޔައިފީމެވެ. ވަރަށް ހިތްހަމަޖެހިގެންހުރެ ގެއަށްގޮސް ކުޑަކޮށް ނިދާލީމެވެ. ދިހަގަޑި ބައިވިތަނާ ތެދުވެ ފެންވަރާލައިގެން އަނެއްކާވެސް ޤުރުއާން ކިޔަވަން ފެށީމެވެ. އަސުރުނަމާދުފަހުން މިސްކިތުގައި އިނދެ ދީނީ ދަރުސް އަޑުއެހީމެވެ. ރޯދަވީއްލަންވެސް ދިޔައީ މިސްކިތަށެވެ. ގެއިން ރޯދަވީއްލައިގެން ދާން މަޑުކޮށްފިނަމަ ފުރަތަމަސަފުން ތަންކޮޅެއް ނުލިބިދާނެތީއެވެ. ޢިޝާފަހުން އިމާމާ އާއި އިގްތިދާވެ ތޭވީސް ރަކްޢަތް ހަމަކުރީމެވެ. ދެވަނަ ރޭ ހާރުކާންވާއިރަށް ކީރިތި ޤުރުއާނުން ފަސްފޮތް ކިޔެވިއްޖެއެވެ. ވަރަށް އުފާވިއެވެ. އަހަރެންގެ ޕްލޭނަށްވުރެވެސް މާކުރީގައި އުޅެވޭތީއެވެ.

ފުރަތަމަ ދެދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. އެއްވެސް ނަމާދެއް ވައްޓައެއް ނުލަމެވެ. ބަރާބަރަށް ޖަމާއަތަށް ދަމެވެ. ގިނަފަހަރު ފުރަތަމަ ސަފުން ޖާގަ ކަށަވަރު ކުރަމެވެ. ހަވަނަރޭ ހާރުކާކަށް ނުހޭލެވުނެވެ. ހޭލެވުނުއިރު އިރުއަރަން ވަރަށް ކައިރިވެއްޖެވެ. ވަރަށް ދެރަވިއެވެ. ފަތިސްނަމާދުކޮށްލައިގެން މިދިމާވި ގޮތާމެދު ވިސްނަން އޮއްވައި ނިދިއްޖެއެވެ. ނުވައެއް ޖަހާލީމައި ދެން ދިޔައީ އޮފީހަށެވެ. މެންދުރު ވަގުތާ ދިމާކޮށް މީޓިންއެއް އޮތުމުން އެދުވަހުގެ މެންދުރު ނަމާދުޖަމާއަތްވެސް އަތެއްނުވިއެވެ. ގެއަށް އައިއިރު ހުރީވަރަށް ވަރުބަލިވެފައެވެ. ކުޑަކޮށް ނިދާލާނަމޭ ހިތާ އޮށޯތީއެވެ. އަސުރުނަމާދަކަށް ނުހޭލެވުނެވެ. ހޭލެވުނީ ފަހެއްޖަހަން ކައިރިވެފައި ހުއްޓައެވެ. ހައިވެފައި ހުރިލެއް ބޮޑުކަމުން ރޯދަވީއްލިގޮތަށް ހެސްކިޔާފައި ކެވިއްޖެއެވެ. ލޮޑުވެގެންގޮސް ހިނގައިގަނެހޭވާވަރުވެސް ނެތެވެ. ކުޑައިރުކޮޅަކު އަރާމުކޮށްލަން އޮށޯވެލިތަނާ ނިދުނީއެވެ. ދެން ހޭލެވުނީ ބާރަ ޖަހަން ތައްޔާރުވެފައި ހުއްޓައެވެ. ތެދުވެ މަޣްރިބު ޤަޟާއަށް ޢިޝާ އަދާއަށް ކޮށްލީމެވެ. ޚަތިމު ބަލާލިއިރު....އައްދެ!!! މިއުޅެވެނީ މާފަހަތުގައެވެ. އެންމެ ފުރަތަމަ ދުވަހު ކިޔެވުނު ފަސްފޮތް ކިޔެވިގޮތަށް އޮތީއެވެ. ކަނޑައެޅި ޓާގެޓަށް ދެން ނުދެވޭނެކަށް ނިންމައި ރޯދަމަހުތެރޭ ދެޚަތިމު ކުރަން ހިތުއެޅީމެވެ.

ދެންއައި ދެދުވަހު އުޅެންޖެހުނީ ރަށުންބޭރުގައެވެ. މަދު ނަމާދެއްފިޔަވައި ވަގުތުގައި އަދާކުރެވޭވަރެއްވެސް ނުވިއެވެ. އެއްގޮތަކަށްވެސް ޤުރުއާން ކިޔަވައެއްނުލެވުނެވެ.
ދިހަވަނަދުވަހު އޮފީސް މީހުންގެ ރޯދަވީއްލުމެއް އޮތެވެ. އެގަޑިއަށް އެންމެން ހާބަރަށް ޖަމާވެ، ބަންގިގޮވުމުން އެތާހުރި ކަޑައަކުން ރޯދަވީއްލީއެވެ. އެތާ އެކިއެކި ވާހަކަ ދައްކައި އެންމެން ސިޔާސި ވެފައި ހުއްޓާ އެގޮވީ ޢިޝާނަމާދު ބަންގިއެވެ. މަޣްރިބު ފަހަނައަޅައި ދިޔައީއެވެ. ދެން ކޮންމެހެން އަވަސް އަރުވާލުމުގެ ބޭނުމެއް ނެތެވެ. ޢިޝާ ތަންކޮޅެއް ފަސްވެސް ކޮށްލެވިދާނެއެވެ. ދެންދިޔައީ ގާޑިޔާ ކައިރިއަށް ދުފާލާށެވެ. ގެއަށް އައިސް ނަމާދުުރާކަށް ހަނދާނެއް ނެތެވެ. މިރޭ ނިދީ ހާރުކައިގެންނެވެ. އިރުކޮޅަކާ ހޭލަން ވެއްޖެނަމަ ނިދިހަމައެއް ނުވާނެއެވެ. ފަތިސްނަމާދަކަށް ވެސް ނުތެދުވަމެވެ. ނުވަތަ ނުހޭލެވުނެވެ. ދެން މެންދުރުނަމާދަށް ގޮސް ޤަޟާ ކޮށްލަނީއެވެ. މިކަހަަލަ ގޮތަކަށް ގޮސް ދެވަނަ ދިހަ ނިމުނުއިރު ކިޔެވިފައިއޮތީ ނުވަފޮތެވެ. ދެން ޓާގެޓް ބަދަލުކޮށްލީއެވެ. ކޮންމެގޮތެއްވިޔަސް ރޯދަމަސް ނިމުމުގެ ކުރިން ޚަތިމު މުރާނަމެވެ.

ފަހުދިހައެވެ. ރަނގަޅަށް ހިސާބުކޮށް ބަލާލިއިރު ނުކުރެވޭ ނަމާދުތަށްވެސް ބައިވަރެވެ. ޤުރުއާން ކިޔަވަން ހޭދަކުރެވުނު ވަގުތަށްވުރެ ގިނައީ ގޭމުކުޅެން ހޭދަކުރެވުނު ވަގުތެވެ.  އަދި ފުރުސަތެއް އެބައޮތެވެ. ހަތާވީސް ވަނަވިލޭރޭ އަދިއޮތީ ނޫންހެއްޔެވެ. އެރޭއަތުލައިގަނެވިއްޖިއްޔާ "އޯކޭ" ވާނެއެވެ. ވަރަށް ހިތްވަރުކުރާނަމޭ ހިތަށް އެރިއެވެ. މިހާރުގެ ޓާގެޓަށް ވާޞިލްވާންވެސް ދުވާލަކު ތިންފޮތް ކިޔަވަން ޖެހެއެވެ. ވާނެބާވައެވެ. އެކާވީސް، ބާވީސް ތޭވީސް، ސައުވީސް، ފަންސަވީސްވެސް ދިޔައީއެވެ. ސައްބީސްވަނަރެއެވެ. މީކީ އޮނަހިރި ރެއެއްނޫނެވެ. އެހާވަރަކުން ނޫޅޭނަމެވެ. ހަތާވީސް ވިލޭރެއެވެ. ރޯދަވީއްލަން ކެވުނު އެއްޗަކުން އެރޭހަތަރުދަމު އުޅެންޖެހުނީ ފާޚާނާއިން ނޭރިގެންނެވެ. ހަތާވީސް ވިލޭރޭ ދިޔައީއެވެ. ދެން އެވަރުން އުޅޭނީހެއްޔެވެ. މިއަންނަ ރޯދަމަހު ގަދައަށް ޖައްސާނީއެވެ.

ޖެހިގެން އައިއަހަރު ޝައުބާންމަހު ތިންވަނަދުވަހު ކުއްލިގޮތަކަށް އަހަރެން ނިޔާވިއެވެ. ނުވެސް އެނގިހުއްޓާ އަހަރެންގެ ދަތުރުކުރުކޮށްލަން ޖެހުނީއެވެ. ވަދެލަންހުރި ޑިއުޓީފުރީ ފިހާރަތަކާއި ރެސްޓޯރަންޓުތަށް ހުއްޓައި "ލާސްޓް އެންޑް ފައިނަލް ކޯލް" އައީއެވެ. ކޮށްލަންހުރި ބައެއްބާޒާރުތައްވެސް ހުއްޓައެވެ. ދެން މަޑެއްނުކުރެވޭނެއެވެ. ލަގެޖްވަނީ ޗެކިން ކޮށްނިމިފައެވެ. ދެން އޭގައިހުރި ކޮންމެ އެއްޗަކަށް އަހަރެން ޒިންމާވާން ޖެހޭނެއެވެ. ހުއްދަނޫން އެއްޗެއް ހުއްޓަސް މެއެވެ. ދެރަތަންކޮޅަކީ ލަގެޖަށް އެއްޗެތި އެޅިއިރު ހުއްދައެއްޗެއްތޯ ހުއްދައެއްޗެއްނޫންތޯ ބަލާނުލެވުނީމައެވެ.
ކުއްލިއަކަށް ހޭލެވިއްޖެއެވެ. ހިތަށްއެރިއެވެ. ހުވަފެނަކަށްވީކަން އެއީ ހަމަ ނަސީބެކެވެ. ގަޑިބަލާލިއިރު ތިންގަޑި ބައިވަނީއެވެ. އަވަހަށް ތެދުވެ ދެރަކްޢަތް ނަމާދެއްކޮށް ޤުރުއާން ކިޔަވަން ފެއްޓީމެވެ. އެކުވެރި ރަހުމަތްތެރިނެވެ. ދެންއަންނަ ރޯދަމަހަށް ނޫނީ ހިނގަމުންމިދާ ރޯދަމަހުގެ ދެންއަންނަ ރެއަށް ނުވަތަ ތަސުރުފަހަށް ޢިޝާފަހަށް އެއްވެސް ހެއުކަމެއް ކުޅައުން ލަސްނުކޮށް ވީހާ ގިނައެއްކޮށް ހެއުކަންތައް ކުރާށެވެ. ހެއުއަމަލުތަކައް ކުރުމަށް ހަތާވީހެއް އަށާވީހެއް ނުބަލާށެވެ.

(ނިމުނީ)
 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ